ބިންޔާ ހަލުވިކަމާއިއެކު ލިފްޓްގެ ތެރެއަށް ދެމިގަތެވެ. ލިފްޓުން ޖާގަ ލިބުމުން، އޭނާ ހުރީ ހަމަޖެހިފައެވެ. އަތުގައި އޮތް ފައިލަށް ބަލައިލުމަށްފަހު، ދާންވީ ފަންގިފިލާގެ ނަންބަރަށް ފިތައިލަން އޭނާ އުޅުނެވެ. އެކަމަކު ލިފްޓުގައި ހުރި މީހަކުވެސް ދަނީ އެ ފަންގިފިލާއަށް ކަން އެނގުމުން، އޭނާ ފަސްއެނބުރި އެމީހަކަށް ބަލައިލިއެވެ.

********

ޒަޔާން ހިނިތުންވެލި ނަމަވެސް، ބިންޔާގެ މޫނުން އެއްވެސް އަސަރެއް ނުފެނުނެވެ. އޭނާ ޒަޔާނަށް ފުރަގަސްދީ، ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ބިންޔާގެ އެ އަމަލުން ޒަޔާނަށް ހައިރާންކަމެއް ލިބުނެވެ. އޭނާގެ މުޅި ހަޔާތުގައިވެސް އަންހެން ކުއްޖަކު އެފަދަ ގޮތަކަށް ކަންތައް ކުރި އެއީ ފުރަތަމަ ފަހަރެވެ.

ގަޔަށް ދޫކޮށް ހުރި އަތްދިގު ހެދުމަކާއިއެކު، ބިންޔާ ލައިގެން ހުރީ ދޫ ޖީންސެކެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނެތްނަމަވެސް، ބިންޔާގެ މޫނު އޮމާންވެފައި ތާޒާއެވެ. ގުދުރަތީގޮތުން މަޑު ފިޔާތޮށި ކުލައެއް ލިބިފައިވާ ތުންފަތް އޮމާނެވެ. ޔަގީނުންވެސް ބިންޔާ އެހެން އަންހެން ކުދިންނާއި ތަފާތު ކަން ޒަޔާނަށް އެނގުނެވެ. ޒަޔާނުގެ ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ. އެއީ އޭގެ ކުރިން ބައްދަލުވެފައިވާ ކުއްޖަކަށް ނުވި ނަމަވެސް، އޭނާއަށް އެކުއްޖާ ކަމުދިޔައެވެ. ޒަޔާން ހުރީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެއީ އޭގެ ކުރިން ޒަޔާނަށް ވީގޮތެއް ނޫނެވެ. ރީތި އެތައް އަންހެން ކުދިންނަށް އޭނާ ތައުރީފު ކުރެއެވެ. ދުވަހަކު ބައްދަލުވެފައި ނެތަސް، ލޮލުން ނަމަވެސް، އިޝާރާތެއް ކޮށްލައެވެ. އެކަމަކު، ބިންޔާ ފެނުމުން ވީގޮތް ތަފާތެވެ. ލިފްޓްގެ ދޮރު ހުޅުވުމުން، ބިންޔާ ދާން ހިނގައިގަތެވެ.

ޒަޔާނުގެ ނަސީބު އަތުގައި ހިފީ، ބިންޔާގެ ފައިލުގައި ހުރި ލިޔުންތައް ފައިބައިގަތުމުންނެވެ. ލިފްޓްގެ ދޮރު ލެއްޕުނަނުދީ ހިފަހައްޓާލައިގެން އޭނާ ހުއްޓެވެ. އެހާ ރަނގަޅު ފުރުސަތެއް ލިބުމުންވެސް، އެކުއްޖާއާއި އަނގައިން ބުނާނެ ހިތްވަރެއް ޒަޔާނަކަށް ނުލިބުނެވެ. ލިޔުންތައް ނަގައިގެން ދިޔުމުގެ ކުރިން ބިންޔާ ޒަނާޔަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

********

ކެބިންގެ ދޮރުގައި ޓަކި ޖަހައިލާފައި ޒަޔާން އެތެރެއަށް ވަނެވެ. އޭރު މިޒްޔަލް އިނީ ލިޔުންތަކެއް ބަލާށެވެ. ޒަޔާންގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ، މިޒްޔަލްގެ މޫނަށެވެ. އޭގެފަހުގައި، މޭޒުމަތީގައި ބަހައްޓާފައިވާ އިންޓަވިޔު ކަރުދާސްތަކަށެވެ.

"ހޯލު ރެޑީތަ؟..." މިޒްޔަލް ސުވާލުކުރީ، ކުރިމަތީގައި ހުރީ ކާކުކަން ނޭނގޭ ހާލުގައެވެ. އެކަން ޒަޔާނަށް އެނގުނީ އޭނާ ފެނުމުން، މިޒްޔަލްގެ މޫނަށް ވެރިވި ކުލަވަރުންނެވެ.

"ހުރިހާ ކަމެއް ނިމިފަ ހުރިތޯ ޔަގީންކޮށްފަ މިއައީ..." ޒަޔާން ޖަވާބު ދިނެވެ. "މީހުންވެސް އައިސް ތިބީ..."

ޒަޔާން ފެނުމުން، މިޒްޔަލް އިނީ އަނގައިން ބުނާހިތް ނުވެފައެވެ. ސައީދު ގުޅާފައި އިންޓަވިޔު ޕެނަލުގައި ކޮންމެހެންވެސް ޒަޔާން ބައިވެރި ކުރަން ބުނުމުން، އޭނާގެ ތަބީއަތު ވަނީ ހަރާބުވެފައެވެ.

"ދޮންބެ ފޯނު ތަޅައިގެން ދިޔައީތަ؟..." މިޒްޔަލްގެ ފޯނު ފެނުމުން ޒަޔާން ކަންބޮޑުވެފައި ފޯނު ނަގަން އުޅުނެވެ.

މިޒްޔަލް ވަގުތުން ފޯނު ދަމައިގަތެވެ.

"ހުރިހާ ލިޔުންތައް ފައިނަލްކޮށްފަ ތިހުރީ... ޒަޔާން ގޮސް އިންޓަވިޔުކޮށްލާ... ކޮންމެހެން އަހަރެން ނެތަސް އެންމެ ރަނގަޅުވާނެ...." މިޒްޔަލް ތެދުވެގެން ދާން ހިނގައިގަތެވެ.

"ދޮންބޭ..." ޒަޔާން އަވަސް އަވަހަށް މިޒްޔަލްއަށް ގޮވިއެވެ. " ރެސްޓޯރެންޓް ހިންގުމާ ހަވާލުވެގެން ހުރީ ދޮންބެ... ދޮންބެ ބޭނުންވާ ގޮތަށް..."

ޒަޔާނަށް އޭނާގެ ޖުމުލަ ފުރިހަމަކުރެވޭގޮތެއް ނުވިއެވެ. މިޒްޔަލް ނުކުމެގެން ދިޔައީ ޒަޔާން ދެއްކި ވާހަކަ އަޑު އިވޭ ކަމަށްވެސް ހަދާނުލައެވެ. އިސްޖަހާލިގޮތަށް ޒަޔާން ހުރީ ހިތަށް ތަދުވީވަރުންނެވެ. ކިތަންމެ ހިތްވަރު ކުރިޔަސް، ބައެއް ފަހަރު އޭނާގެ ކެތްތެރިކަން ކޮޅުންލައެވެ. މިޒްޔަލްއާއި ދެމީހުންގެ މެދުގައި އޮތް ދުރުކަމަށް ނިމުން ގެންނަން ޒަޔާން ބޭނުންވެއެވެ. އެހެންނަމަވެސް، މިޒްޔަލް އެ ފުރުސަތެއް ނުދޭތީ އޭނާ ދެރަވެއެވެ. މައިންބަފައިންގެ ކުއްލި ވަކިވުމުގެ ސަބަބުން، މިޒްޔަލްގެ އިހުސާސްތައް ހުންނާނެގޮތް ޒަޔާނަށް ވިސްނެއެވެ. އެކަމަކު، އޭނާ ބޭނުންވަނީ ކޮންމެވެސް ދުވަހަކުން މިޒްޔަލްގެ ހިތް އޭނާއަށް ސާފުވުމެވެ.

ގެއަށް ދާން ނުކުމެފައިވެސް، މިޒްޔަލްގެ ހިޔާލު ބަދަލުވިއެވެ. ގޯލްޑަންހިޔާ ރެސްޓޯރެންޓް ހިންގުމާއި ހަވާލުވެ ހުރީ މިޒްޔަލްއެވެ. ވީއިރު، އެތަނަށް މުވައްޒަފުން ނެގުމުގެ ކަންކަން ޒަޔާނާއި ހަވާލުކުރުމަކީ މޮޔަކަމެކެވެ.

ކާރުން ފޭބި މިޒްޔަލްއަށް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ. ވަރަށް ބާރަށް ދުވެފައި އައި މީހަކު އޭނާގެ ގައިގައި ލައިގަތެވެ. އެމީހަކު މަޑުކޮށްލުމެއްވެސްނެތި ދުވެލާފައި މަގު ހުރަސްކުރިއެވެ. ފުރަގަހުން ފެނުނު ނަމަވެސް އެއީ ކާކުކަން މިޒްޔަލްއަށް ޔަގީންވިއެވެ. މިޒްޔަލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، އެ އަންހެން ކުއްޖާގެ ކުރިމައްޗަށް އެރިއެވެ.

"ޔޫ؟... އެގެއިން؟..." އިންޒާރެއް ދޭ ފަދައިން ބިންޔާގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން މިޒްޔަލް ބުނެލިއެވެ. "މިފަހަރު ނުދެވޭނެ..."

ބިންޔާ މިޒްޔަލްގެ ފައިން ފެށިގެން މޫނަށް ނަޒަރު ހުއްޓައިލީ، ކާކުކަން ނޭނގިގެން ބަލައިލާ ފަދައިންނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި، ނޫ ޖީންސުގައި މިޒްޔަލް ފެންނަލެއް ހިތްގައިމެވެ. އުޅަނބޮއްޓާއި ހަމައަށް އަތުކުރި އޮޅާލާފައި އޮތުމުން، ފިރިހެންވަންތަ ގޮތެއް ހުއްޓެވެ.

ބިންޔާ ބަލައިލިގޮތުންވެސް މިޒްޔަލް ޖެހިލުންވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން، މިޒްޔަލްއަށް މަޖުބޫރުވީ އޭނާގެ ނަޒަރު ބަދަލުކޮށްލާށެވެ. އޭނާ މަޑުމަޑުން ދެއަތް ފުރަގަހަށްލީ ކުރީ ރޭގެ ހާދިސާ ތަކުރާރުވާން ނޭދޭތީއެވެ. ކުޑަ އަންހެން ކުއްޖެއްކަމަކު، ބާރުގަދަކަމުން، ކޮންމެ މީހަކުވެސް ޖެހިލުންވާނެކަން ގައިމެވެ. އެއީ އާދައިގެ އަންހެން ކުއްޖެއް ނޫނެވެ. އެ ކުއްޖާއާއި ދިމާވާ ކޮންމެ ފަހަރަކު، މިޒްޔަލްއަށް ކޮންމެވެސް ގެއްލުމެއް ނުވެއެއް ނުދެއެވެ.

"މިހާރު ވަގުތެއް ނެތް... އެހެން ފަހަރަކުން ދިމާވަންވީނު..." ބިންޔާ ބުނެލިއެވެ.

ބިންޔާ ހުރީ ލަސްވެފައެވެ. އިންޓަވިޔު ފެށެން ވަގުތުކޮޅެއް އޮތުމާއިއެކު އޭނާ ނުކުތީ، ފެންފުޅިއެއް ގަންނާށެވެ. އެކަމަކު، ކުރިމަތީގައި ހުރި ޒުވާނާގެ ސަބަބުން، ގަޑި ޖެހެންވާއިރަށް ނުދެވިދާނެކަމުގެ ބިރު ބިންޔާގެ ހިތުގައި އުފެދުނެވެ. ބިންޔާ އުޅުނީ އެތެރެއަށް ވަންނާށެވެ. މިޒްޔަލް ވަގުތުން ހުރަސްއެޅިއެވެ.

"މާފަށް އެދުނީމަ ދެވޭނީ..." މިޒްޔަލް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ.

"ކޮން ކަމަކާ؟..." ފަރުވާކުޑަ ރާގަކަށް ބިންޔާ ސުވާލުކުރިއެވެ.

މިޒްޔަލް އޭނާގެ ފޯނު ދެއްކުމުން، ބިންޔާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"އެނގޭތަ މި ފޯނުގެ އަގު؟... އޭނ؟... ދިހަ ހާސް ރުފިޔާ..." މިޒްޔަލް ވާހަކަ ދެއްކީ އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރަމުންނެވެ.

"ތިބުނީ ތި ފޯނު ތަޅާލީ އަހަންނޭތަ؟..." ބިންޔާ ސުވާލުކުރިއެވެ.

"އާނ... އެހެންނޫނީ އަހަރެން ކީއްކުރަން ތިކަހަލަ މީހެއްގެ ފަހަތުން އުޅެންވީ؟..." މިޒްޔަލް އަވަސްއަވަހަށް ބުނެލިއެވެ.

"މިހާރު އަހަރެން މިހުރީ ވަރަށް ލަސްވެފަ... ފަހުން ތިކަމާ ވާހަކަ ދެއްކޭނީ..." ބިންޔާ ދާން ހިނގައިގަތެވެ.

"އެނގޭތަ އަހަރެން މީ ކާކުކަން؟..." ގޯލްޑަންހިޔާ މައި އޮފީހަށް ބިންޔާ ވަންތަން ފެނުމުން، މިޒްޔަލް ބުނެލިއެވެ.

ބިންޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ އެނބުރި އައިސް މިޒްޔަލްގެ ކުރިމަތީގައި ހުއްޓިލިއެވެ. ބިންޔާ ގެނައި ކުއްލި ހަރަކާތާއިއެކު، މިޒްޔަލްގެ ފަލަމަސްގަނޑުގައި ފައިން ޖެހިއެވެ. މިޒްޔަލް ވަގުތުން ހުރިތަނަށް ތިރިވިއެވެ.

"ތީ ކޮންމެ މީހަކަށްވިޔަސް އަހަރެން ބިރެއް ނުގަންނާނެ..." ބިންޔާ ލޯ އަޅައިލިއެވެ.

ބިންޔާ އެތެރެއަށް ވަދެގެން ދިޔައިރުވެސް މިޒްޔަލް އިނީ ހިރިވެސްނުލެވިފައެވެ.

********

އިންޓަވިޔު ފެށުނެވެ. ކޮންމެ މީހެއްގެ ނަން ގޮވާލުމާއިއެކު ބިންޔާގެ ހިތް ތެޅިގަނެއެވެ. އެންމެފަހުން، ބިންޔާއާއި ޖެހުނެވެ. އެތެރެއަށް ވަން ބިންޔާ ފެނުމާއިއެކު، މިޒްޔަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ ތުންފަތަށް ވެރިވީ، ކާމިޔާބީގެ ހިނިތުންވުމެކެވެ. އެންމެންގެ ތެރެއިންވެސް ބިންޔާއަށް ފެނުނީ މިޒްޔަލްއެވެ. މިޒްޔަލްގެ ތުންފަތުގައިވި ނުރައްކާތެރި ހިނިތުންވުމުގެ ސަބަބުން، އޭނާ ޖެހިލުންވިއެވެ. މިޒްޔަލް ބުނި އެއްޗެއް އޭނާއަށް ފަހުމުވީ ދެނެވެ. މިޒްޔަލްއަކީ ތަނުގެ މުވައްޒަފެއް ކަން އެނގުނެވެ. ޖެހިލުންވެފައި ހުރެ، ބިންޔާ ގޮސް ގޮނޑީގައި އިށީނެވެ.

"އާއިޝަތު ބިންޔާ..." މިޒްޔަލްގެ ތޫނު ދެލޯ ބިންޔާގެ މޫނަށް އަމާޒުކޮށްލިއެވެ. "މޮންސްޓަރ..."

ކިތަންމެ މަޑުން ބުނި ނަމަވެސް، މިޒްޔަލްގެ ކައިރީގައި އިން ޒަޔާނަށް އޭނާ ބުނި އެއްޗެއް އަޑު އިވުނެވެ. މިޒްޔަލްއާއި ބިންޔާއާއި ދެމެދު އޮތީ، ކޮން ގުޅުމެއްބާއޭ ޒަޔާނުގެ ހިތަށް އެރިއެވެ. ޒަޔާން އެއްފަހަރު ބިންޔާއަށް، އަނެއް ފަހަރު މިޒްޔަލްގެ މޫނަށް ބަލައިލިއެވެ. ބިންޔާ އިނީ އިސްޖަހައިގެންނެވެ. އޭނާ ސިއްރުން މިޒްޔަލްއަށް ބަލައިލިއެވެ. ފުރުސަތުގެ ބޭނުން ހިފައި، މިޒްޔަލް އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑު ބިންޔާއަށް ދައްކައިލިއެވެ. އޭގައި އޮތީ، ސުމެއް ޖަހާފައެވެ.

ބިންޔާ ތުން ފިއްތައިލިއެވެ. އޭނާ އިނީ މޮޔަވާވަރުވެފައެވެ. މިޒްޔަލްއާއި އެފަދަ ގޮތަކަށް ދިމާނުވިނަމައޭ ބިންޔާގެ ހިތަށް އެރިއެވެ. ކުރެވުނު ކަންތައް ހިތައް އަރާފައި، ބިންޔާ އަމިއްލަ ނަފުސަށް އަޑު ލިއެވެ. އިންޓަވިޔުއިން ފާސްވުން އޭނާއަށް މުހިއްމެވެ. އެކަމަކު، މިޒްޔަލްގެ ސަބަބުން އެކަން ނުވެދާނެކަމުގެ ބިރު ބިންޔާގެ ހިތުގައި އުފެދުނެވެ.

އިންޓަވިޔު ނިންމާ މިޒްޔަލް އެންމެ ފުރަތަމަ ކުރި ކަމަކީ ބިންޔާ ހުށަހެޅި ލިޔުންތައް ބެލުމެވެ. ބިންޔާގެ ގެއާއި، އުމުރާއި، ވަނަވަރު އެނގުމުން، އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

********

ބިންޔާ ބޭރަށް ނުކުތްއިރު، އުޑުމަތި އޮތީ ބަނަކޮށެވެ. ބަލައިލި ކޮންމެ ދިމާއަކުން، ވާރޭވެހެން އުޅޭކަމުގެ އިންޒާރު ދެމުން ދިޔައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ޓެކްސީއެއް ހޯދަން އޭނާ އަވަސްވެގަތެވެ. ބިންޔާ ކާރުގައި ނައްޓާލި މަންޒަރު ބަލަން އިނދެފައި، މިޒްޔަލްވެސް އެ ކާރުގެ ފަހަތުން ސައިކަލުގައި ނައްޓާލިއެވެ. ފެންނަންއުޅޭ މަންޒަރުގެ ކުޑަވެސް ހިލަމެއް އޭނާގެ ނެތެވެ. ބިންޔާއާއިމެދު ކަންތައް ވީގޮތުން، މިޒްޔަލް އިނީ ހަމަޖެހިފައެވެ.

ކާރު ގޮސް ހުއްޓައިލި މަންޒިލް ފެނުމުން، މިޒްޔަލްއަށް ހައިރާންކަމެއް ލިބުނެވެ. އެއީ އޭނާއަށް އައު މަންޒިލެއް ނޫނެވެ. ސައިކަލުން ތެދުވެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ. މިޒްޔަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. އެއީ ބިންޔާގެ ގެއެއް ނޫނެވެ. ވީއިރު، ބިންޔާ އެތަނަށް ދާންޖެހޭ ސަބަބެއް މިޒްޔަލްއަކަށް ނުވިސްނުނެވެ. މިޒްޔަލް ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ.

ބިންޔާ ގޭގެ ބެލް ޖަހައިލިއެވެ. ގިނައިރެއްނުވެ، ދޮރު ހުޅުވުނެވެ. އެތެރެއިން ނުކުތީ، ފިރިހެނެކެވެ. އެމީހަކު ފެނުމާއިއެކު، މިޒްޔަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ކޮމެންޓް 0