"ފޯނު ބާއްވާފަ އައީމަ..." ބިރުންހުރެ، މިޒްޔަލް ފޯނު ދައްކައިލިއެވެ.
މިޒްޔަލްގެ އަތުގައި އޮތީ ބިންޔާގެ ފޯނެއް ނޫނެވެ. އެކަމަކު އެއީ ކާކުގެ އެއްޗެއް ކަން އެނގުމުން، ބިންޔާގެ ދެލޯ ބޮޑުވިއެވެ. މިޒްޔަލްގެ މޫނަށް އޭނާ އަވަސް ނަޒަރެއް ދިނެވެ.
********
މިޒްޔަލް މަޑުމަޑުން ބިންޔާގެ ފައި ތިރިކޮށްލިއެވެ. އޭރުވެސް ބިންޔާ ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ބިންޔާ ހުރިގޮތުން އެ ފޯނަކީ އާދައިގެ ފޯނެއް ނޫންކަން އޭނާ ދެނެގަތެވެ.
"އެހެން މީހެއްގެ އެއްޗެއް ދޯ؟..." ބިންޔާގެ އަތުގައި ފޯނު އޮތްތަން ފެނުމުން މިޒްޔަލް ބުނެލިއެވެ.
ބިންޔާ އޭނާގެ ދަބަސް ބަލައިލީ ޔަގީން ނުވެގެންނެވެ. މިޒްޔަލްގެ އަތުގައި އޮތީ އާސިފްގެ ފޯނެވެ. ހަސްފަތާލުގައި ހުރެފައި އޭނާ އާސިފްގެ ފޯނު ނަގައި ލީ ދަބަހަށެވެ. ރެސްޓޯރެންޓުގައި އުޅުނުއިރު ޔަގީނުންވެސް އޭނާ ދަބަހުން އެ ފޯނެއް ނުނަގައެވެ. ވީއިރު، ބިންޔާގެ ދަބަހުން ފޯނު ނެގީ ކާކު ހެއްޔެވެ؟
"ވެރިފަރާތް ހޯދާކަށްނު މިޖެހުނީ..." މިޒްޔަލް ދެކޮނޑު އަރުވައިލިއެވެ.
"ވެއިޓް..." މިޒްޔަލް ދާން އުޅުމުން، ބިންޔާ އަވަސް އަވަހަށް ބުނެލިއެވެ. "ތީ އަހަރެންގެ އެއްޗެއް..."
ބިންޔާ ފޯނު ދޭން އެދުމުން މިޒްޔަލް ދެކޮޅު ހެދިއެވެ.
"ތީ ވެރިފަރާތް ކަން ޔަގީންކޮށްދީ..." މިޒްޔަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"މި ބުނީނު ތީ އަހަރެންގެ އެއްޗެކޭ..." ބިންޔާގެ ދެބުމަ ގޮށްޖެހުނެވެ. "ގެނޭ..."
"މީގަ މީނީ ޔަގީނުންވެސް އަންހެން ކުއްޖެއްގެ ފޮޓޯއެއް ނޫން..." ފޯނުގެ އިސްކްރީނަށް ލާފައިވާ ތަސްވީރު ދައްކައިލަމުން މިޒްޔަލް ބުނެލިއެވެ. "ކާކުތަ މީ؟... ހަޒްބެންޑް؟..."
މިޒްޔަލް ހުރީ ބިންޔާގެ މޫނަށް ވެރިވާ އަސަރުތައް ބަލަން ޝައުގުވެރިވެފައެވެ. އިސްކްރީނުން ފެންނަމުންދިޔަ އާސިފްގެ ތަސްވީރު ބިންޔާއަށް ދައްކައިލުމުން، ބިންޔާ ތެޅިފޮޅިގަތެވެ. ފޯނު ނެގިގޮތަށް، ފޯނު ނިވާލަންވެސް އޭނާގެ ހަނދާނުގައި ނެތެވެ. ފޯނު ގެއްލިގެން އާސިފް ފުލުހަށް ގޮސްފިނަމަ، ބިންޔާގެ ދުވަސް ދިޔައީއެވެ.
ބިންޔާ މިޒްޔަލްގެ އަތުން ފޯނު އަތުލަން އުޅުނެވެ. މިޒްޔަލް އޭނާގެ އަތް ނެގީ މައްޗަށެވެ. ބިންޔާ ކަހަލަ ކުރު ކުއްޖަކަށް މިޒްޔަލްގެ އަތުން އެ ފޯނު އަތުލުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ހީކުރިއެވެ.
"މިބުނީނު ތީ އަހަރެންގެ އެއްޗެކޭ... ގެނޭ ފޯނު..." ބިންޔާގެ ހާސްވެފައި ހުރިވަރު އޭނާގެ އަޑުންވެސް ހާމަވިއެވެ.
"ޖަވާބު ނުދެނީސް ނުދީފިއްޔާ؟..." މިޒްޔަލް ދެފައިގެ ކޮޅު ހިއްލައިލާފައި، ކުރިއަށްވުރެ ބޮޑަށް އަތް އުފުލައިލިއެވެ.
ޔަގީނުންވެސް އެ އަތާއި ހަމައަށް ބިންޔާގެ އަތެއް ނުފޯރާނެއެވެ. ފުންމައިލިޔަސް، ނުފޯރާނެކަމަށް މިޒްޔަލް ގަބޫލުކުރިއެވެ. އެކަމަކު އެއީ ކުށްހީއެކެވެ.
މިޒްޔަލްއަށް ފެނުނީ ބިންޔާ ފުންމައިލި ތަނެވެ. ކައިރީގައި ހުރި ފާރުގައި ފައި އަޅުވާލިގޮތަށް ހީވީ ދުވެލާފައި މައްޗަށް އެރި ހެންނެވެ. މިޒްޔަލްގެ ބޮލާއި ހަމައަށް ފުންމައިލިލެއް ހުށިޔާރުކަމުން އޭނާ ހުރީ އަޖައިބުވެފައެވެ. ބިންޔާ މިޒްޔަލްގެ އަތުން ފޯނު ޖަހައިގަތީ ދާދި ފަސޭހައިންނެވެ. އެއީ އާދައިގެ އަންހެން ކުއްޖަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ބިންޔާ ހުރީ މިޒްޔަލްގެ ކައިރީގައި ކޮޅަށެވެ.
"ގަދަކަމުން އަތުލާނީ..." ފޯނު ދައްކައިލަމުން ބިންޔާ މިޒްޔަލްގެ ސުވާލަށް ޖަވާބުދިނީ، ކަންވެ ނިމުމުންނެވެ.
ބިންޔާ ފަހުރުވެރި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ދާން ހިނގައިގަތެވެ. އެވަގުތު މިޒްޔަލްއަށް ބިންޔާގެ އަތުގައި ހިފައި ހުއްޓުވަން މަޖުބޫރުވިއެވެ.
ބިންޔާ ދެލޯ ހަނިކޮށްލަމުން މިޒްޔަލަށް ބަލައިލިއެވެ. އެފަދަ ހިތްވަރެއް މިޒްޔަލްއަށް ލިބުނީ ކިހިނެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ސޮރީ..." ބިންޔާގެ އަތުން ދޫކޮށްލަމުން، މިޒްޔަލް މައާފަށް އެދުނެވެ. "ސޮރީ، އެކަމަކު މިކަން ކުރަން އެބަޖެހޭ..."
މިޒްޔަލް ކުރިއަށް ޖެހިލައި، ބިންޔާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. ބިންޔާއަށް އިތުރު ކަމެއް ކުރާނޭ ފުރުސަތެއް އޭނާ ނުދިނެވެ. ބިންޔާގެ ކަރުގައި އައްސާފައި އޮތް ސްކާފް ނެގީ އޭނާގެ ކުށްހީ ޔަގީންކުރާށެވެ. ކިތަންމެ ހިތް އަވަސްވެފައި ހުރި ނަމަވެސް، މިޒްޔަލް އެކަން ކުރީ، ބަލައިގެން މަޑުމަޑުންނެވެ. ބިންޔާއަށް ކިރިޔާވެސް ތަދެއް އިހުސާސްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ބިންޔާ ފުންމައިލި ވަގުތު، ބިންޔާގެ ކަރަށް ލިބިފައިވި ޒަހަމު ކޮންމެވެސް ވަރަކަށް މިޒްޔަލްއަށް ފެނުނީއެވެ. އޭނާ ބޭނުންވީ ޔަގީންކުރާށެވެ. އެއަށްފަހު، އޭނާއަށް އެކަން އެނގުނުކަން ބިންޔާއަށް އަންގާށެވެ.
މިޒްޔަލްއަށް ހީވީ ރަނގަޅަށެވެ. އޭނާ ހީކުރި ވަރަށްވުރެ ޒަހަމު ބޮޑެވެ. ބިންޔާގެ ނާޒުކު ހަންގަނޑަށް ވެފައިވާވަރު ފެނުމުން، މިޒްޔަލަށް ފަހަތަށް ޖެހިލެވުނެވެ. ޒަހަމުގެ ވަށައިގެން ރަތްވެ ދުޅަވެފައި ހުރިގޮތުން، ބިންޔާގެ ގައިގައި އަޅާނޭ ވޭން މިޒްޔަލަށް އިހުސާސް ކުރެވުނެވެ. މިޒްޔަލް ހާސްވެފައި ބިންޔާއަށް ބަލައިލީ، އެއީ ކިހިނެއް ލިބިފައިވާ އަނިޔާގެ ނިޝާނެއްކަން އެނގިގެން ބަލައިލާ ފަދައިންނެވެ. އޭނާއަށް ނޭނގުނީ އެވަރުގެ ކަމެއް ބިންޔާއަށް ކުރާނީ ކާކު ކަމެވެ. އެމީހަކާއި ބިންޔާ އާއި ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއް ކަމެވެ.
"މީ އޭނަގެ ކަމެއްތަ؟..." މިޒްޔަލް ސުވާލުކުރިއިރު، އެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. އެ ދެލޮލުން ކުރިން ނުފެންނަ ވިދުވަރެއް ފެންނަން ފެށިއެވެ. ބިންޔާ އާއިމެދު މިޒްޔަލްގެ ހިތުގައި އުފެދުނީ ހަމްދަރުދީއެވެ.
ބިންޔާ އަތުން އޭނާގެ ކަރުގައިވި ޒަހަމް ނިވާކުރިއިރު، ހާސްވެގެން އޭނާގެ ނިތްކުރިން ދާ ހިއްލާލިއެވެ. ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ބިންޔާ އެވަރުގެ ލަދެއް ނުގަނެއެވެ. ކުށް ކުރީ އެހެން މީހަކު ނަމަވެސް، ބިންޔާއަށް ކުރެވުނީ އަމިއްލަ ނަފުސު ދަށު ދަރަޖައަކަށް ވެއްޓުނު ކަމުގެ އިހުސާސެވެ. މިޒްޔަލް "އޭނަގެ" ނަމުން މުހާތަބުކުރީ އާސިފަށް ހެއްޔެވެ؟ ނޫނީ ސަލާހަށް ހެއްޔެވެ؟ ޔަގީނުންވެސް މިޒްޔަލްގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ބިންޔާގެ ދެލޯ ފުރުނު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަންނާކަށް ގިނައިރެއް ނުނެގިއެވެ. މިޒްޔަލްގެ އަތުން ސްކާފް ޖަހައިގަނެ، އެ ކަރުގައި އައްސަމުން ބިންޔާ ދުއްވައިގަތެވެ. މިޒްޔަލް ވެސް ދުވެލާފައި ގޮސް ބިންޔާގެ އަތުގައި ހިފެހެއްޓިއެވެ.
"ހަމަ އެންމެ ފަހަރަކު އަހަރެން ބުނާގޮތެއް ހަދާލަދީ..." އާދޭހުގެ ރާގަކަށް މިޒްޔަލް އެދުނެވެ. ބިންޔާ އެގޮތް ނުހަދާނެކަން އެނގޭ އިރުވެސް މެއެވެ.
މިޒްޔަލް ބިންޔާގެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ. ކާރަކަށް އަތް ނެގި އިރުވެސް އޭނާ ހުރީ ބިންޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ބިންޔާ ސަލާމަތްވާން ބޭނުންނަމަ، ބާރުގެ ބޭނުންކޮށްގެން މިޒްޔަލްގެ އަތްދަށުން މިނިވަންވެވުނީހެވެ. ކޮންމެވެސް ވަރަކަށް ގަދަހެދި ނަމަވެސް، އެވަގުތަށް ކޮންމެވެސް މީހެއްގެ އޯގާތެރިކަމަށް އޭނާ ހުރީ ބޭނުންވެފައެވެ.
ކާރު ގޮސް ހުއްޓައިލީ ކްލިނިކެއްގެ ކައިރިއަށެވެ. ބިންޔާ ކާރުން ފޭބުމުން މިޒްޔަލް ބިންޔާގެ އަތުގައި ހިފައިގެން ގޮސް ކްލިނިކަށް ވަނެވެ. ކައުންޓަރުގައި އިން ޒުވާން އަންހެން ކުއްޖާއަށް މިޒްޔަލް ފެނުމުން، ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ހަމަ އެހާ އަވަހަށް އެ ހިނިތުންވުން ފަނޑުވީ، މިޒްޔަލްއާއި އެކުގައި ހުރި ބިންޔާ ފެނުމުންނެވެ.
"ލީޒް... ހެލްޕް..." މިޒްޔަލް ހާސްވެފައި ބުނެލިއެވެ.
ލީޒާއަކީ ނަރުހެކެވެ. އެއީ ސްކޫލު ދައުރުއްސުރެ މިޒްޔަލްގެ އެކުވެރިއެކެވެ. އެފަދަ ސިއްރު ކަމެއްގައި މިޒްޔަލް އެންމެ އިތުބާރު ކުރާ މީހަކީ ހަމައެކަނި ލީޒާއެވެ.
ބޭސްއަޅާ ކޮޓަރިން ލީޒާ އާއި ބިންޔާ ނުކުންނަންދެން މިޒްޔަލް ހުރީ ކޮޅަށެވެ. ފާރުގައި ލެނގިލައިގެން އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބިންޔާގެ ކަރުގައި އަޅާފައިވާ ބޭސްގަނޑު ފެނުމުން، މިޒްޔަލްއަށް ހިންދިރުވައިލެވުނެވެ. އަންހެން ކުއްޖަކަށް އެވަރުގެ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ ޔަގީނުންވެސް އެއީ އާސިފު ނުވަތަ ސަލާހުގެ އަމަލެކެވެ. އެނޫން މީހަކާއި ބިންޔާއާއި ގުޅުމެއް އޮތްކަން މިޒްޔަލަށް އެނގިފައެއް ނުވެއެވެ.
"ވަން މިނެޓް..." ބިންޔާ ގޮނޑީގައި ބައިންދާފައި، ލީޒާ އެނބުރުނީ މިޒްޔަލްއާއި ދިމާއަށެވެ. ދެމީހުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"މީ ކޮން ކަމެއް؟..." ލީޒާ ހުރީ ހިތްހަމަނުޖެހިފައެވެ.
"ލީޒް..." މިޒްޔަލް އެއްޗެއް ބުނަން އުޅުނެވެ.
"ކާކު އެއީ؟... ކީއްވެ މިޒްޔަލް އޭނަ ގޮވައިގެން އަންނަން ޖެހުނީ... އަހަންނަށް ޔަގީންވޭ މިޒްޔަލް އެކަހަލަ ކަމެއް ނުކުރާނެކަން..." ހާސްވެފައި ހުރިވަރުން ލީޒާ އެއް ނޭވާއިން ހުރިހާ ވާހަކައެއް ބުނެ ނިންމައިލިއެވެ.
"އެއީ އަހަރެންގެ ސްޓާފެއް..." މިޒްޔަލް ބުންޏެވެ. "އަހަރެންގެ ސްޓާފުންނަށް ދިމާވާ ކަންކަމަށް އަހަރެން ޒިންމާ ނަގަންޖެހޭނެ..."
"މީ ރަނގަޅު ކަމެއް ނޫން... މިކަންތައް ޖެހޭނެ ރިޕޯޓްކުރަން..." ލީޒާގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. "އަހަންނަށް މިކަހަލަ ކަންކަން ސިއްރުކޮށްގެން ނުހުރެވޭނެ... އެއީ ގެވެށި އަނިޔާއޭ... ހާދަ ވަރެއް ކޮށްލާފައޭ އެތަނަށް އޮތީ... ހާދަ ވޭނެއް އަޅާނެއޭ... މިކަހަލަ ކަންކަން ރިޕޯޓް ނުކުރީމަ، އަނެއްކާވެސް ވާނީ ތަކުރާރު...."
"ލީޒް ޕްލީޒް... ޓްރަސްޓް މީ... މިކަން އަހަރެމެންގެ މެދުގަ ބާއްވަދީ... ބައެއް ކަންކަމުގަ އެހާ އަވަހަށް އެކްޝަން ނެގުމަކީ ރަނގަޅު ކަމަކަށްވެސް ނުވެދާނެ... ލީޒްގެ އެހީތެރިކަމެއް ބޭނުންވެއްޖެއްޔާ އަންނާނަން..." މިޒްޔަލް ވާހަކަދެއްކީ ލީޒާއަށް ވިސްނައިދޭ ކަހަލަ ރާގަކަށެވެ.
ލީޒާ އިތުރު އެއްޗެއް ބުނުމުގެ ކުރިން މިޒްޔަލް ހިނގައިގަތެވެ. ބިންޔާ ކްލިނިކުން ނުކުތްތަން ފެނުމުން، އޭނާއަށް އިތުރަށް މަޑުނުކުރެވުނީއެވެ. މިޒްޔަލް ނުކުތްއިރު ބިންޔާ ފެންނަންވެސް ނެތެވެ. އެހާ އަވަހަށް ބިންޔާއަށް މަގު ހުރަސް ނުކުރެވޭނެކަން މިޒްޔަލަށް ޔަގީނެވެ.