"ތިއުޅެނީ ކުޑަ އެންޓެއް އުޅޭހެން... ވެއްޓިއްޖެއްޔާ ރޫޅޭނެ..." މިޒްޔަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
ބިންޔާ އަވަހަށް ގޮނޑިން ފުންމައިލިއެވެ. އެވަގުތު ބިންޔާގެ މޫނަށް ލިބިފައިވި ޒަހަމް ފެނި، މިޒްޔަލް ހާސްވިއެވެ. ބިންޔާ މޫނު އަނބުރައިލުމުން، މިޒްޔަލްގެ ދެއަތުން އެ އަންހެން ކުއްޖާގެ ކުޑަކުޑަ މޫނުން ހިފަހައްޓައިލިއެވެ. މަޑުމަޑުން މިޒްޔަލްއާއި ވީ ފަރާތަށް އަނބުރުވައިލިއެވެ.
********
"މަދިރިއެއްވެސް އުޅޭނީ މިއަށްވުރެ ބަލައިގެން..." މިޒްޔަލް ހީކުރީ، ބަދިގެ ދޮރުގައި ޖެހުމުން ބިންޔާއަށް ލިބުނު އަނިޔާއެއް ކަމަށެވެ.
"ކީއްކުރަން ތިއައީ؟... ދިމާކުރަންތަ؟..." ބިންޔާ ނުރުހިފައި މިޒްޔަލްގެ ދެއަތް، އޭނާގެ މޫނުން ވަކިކޮށްލިއެވެ. "މަދިރިއަކީ ހަފާ އެއްޗެއް..."
"ތިހާ ކުޑަ މަދިރިއެއް ހަފައިގެން ނުވާނެ އެއްގޮތެއްވެސް..." މިޒްޔަލް ކަބަޑު ހުޅުވާލާފައި ބޭސްފޮށި ނެގިއެވެ.
ކަފަކޮޅެއްގައި ބޭސްޖަހައި، އެއިން ބިންޔާގެ ތުންފަތް ކައިރީގައިވި ޒަހަމުގައި ޖައްސައި ސާފުކުރަން އޭނާ އުޅުނެވެ. ބިންޔާ ވަގުތުން މޫނު އަނބުރައިލިއެވެ. މިޒްޔަލް ދުލެއް ނުދިނެވެ. ބިންޔާގެ ބޮލުގެ ފުއްކިބައިގައި ހިފަހައްޓާލައިފައި، މަޑުމަޑުން މޫނު އަނބުރައިލީ ބިންޔާއަށް ދެކޮޅު ހަދާނެ ފުރުސަތެއް ނުދީއެވެ.
"ތަދުވާ ވަރަކަށް ނުޖައްސާނަން..." މިޒްޔަލް ޔަގީންކަން ދިނެވެ.
ދުވަހަކުވެސް މީހެއްގެ ފަރާތުން އެފަދަ އޯގާތެރިކަމެއް އިހުސާސް ކުރެވިފައިނުވާ ބިންޔާއަށް ހިމޭންވާން މަޖުބޫރުވިއެވެ. މަޑުމަޑުން ފުމެމުން މިޒްޔަލް އޭނާގެ އަތުގައި އޮތް ކަފަކޮޅު ބިންޔާގެ ތުންފަތް ކައިރީގައި ޖައްސައިލިއެވެ. މިޒްޔަލްގެ އެ ކުޑަކުޑަ އަމަލުން އެކަނިވެސް ބިންޔާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެ ޒުވާނާގެ އޯގާތެރިކަމަށް ބިންޔާގެ ހިތް އެދެވުނެވެ. މީހުންގެ ފަރާތުން ބިންޔާއަށް އަބަދުވެސް ލިބެމުން އައީ ގޯނާއެވެ. ނޫނީ ފުރައްސާރައެވެ. އަންހެން ކުއްޖެއްގެ ނަޒަރުން އޭނާ އާއި ދިމާއަށް ބަލައިލާ މީހަކު މަދެވެ. ވީއިރު އެފަދަ ފުރުސަތަކަށް ހިތް ނޭދެވެންވީ ސަބަބެއްވެސް ނެތެވެ.
ނުހަނު ކައިރިން މިޒްޔަލްގެ މޫނު ފެނުމުން ބިންޔާ ހުރީ އުނދަގޫވެފައެވެ. ހިތުގެ ތެޅުމުގެ އަޑު މިޒްޔަލްއަށް އިވިދާނެތީ ބިންޔާ ކަންބޮޑުވިއެވެ. މިޒްޔަލްގެ މޫނު އޮމާންވެފައި ތާޒާއެވެ. ކަޅުކަންގަދަ ދެ ބުމައެވެ. މަޑު ފިޔާތޮށި ކުލައެއްގެ ތުންފަތެވެ. ދެބުމަ ކައިރިކޮށްލައިގެން ހުންނައިރު ފިރިހެންވަންތަކަމުން އަންހެން ކުދިންގެ ހިތް ހުއްޓޭވަރުވާނެކަން ޔަގީނެވެ. ބިންޔާ ބަލަން ހުއްޓައި، ޒަހަމު ސާފުކޮށްފައި މިޒްޔަލް ދުރަށް ޖެހުނެވެ. ކަފަބުރަކުން ބޭސްކޮޅެއް ޖަހާފައި، މަލަން އަޅަންދެންވެސް ބިންޔާ ގުޑިވެސް ނުލައި ހުއްޓެވެ.
"ދެން އޯކޭ ކައްކަން ދިޔަސް..." މިޒްޔަލް ބުނެލިއެވެ.
ބަސްއަހާ ކުއްޖަކު ފަދައިން ބިންޔާ އުނދުނާއި ދިމާއަށް ހިނގައިގަތެވެ. ހުރިހާ ކަމެއްވެސް ވީ ބިންޔާގެ އިހުތިޔާރުން ބޭރުގައެވެ. ނޫންނަމަ، މިޒްޔަލްގެ އަމުރަށް އޭނާ ކިޔަމަން ނުވީހެވެ. މިޒްޔަލް ހިނިއައިސްފައި ބަލަން ހުއްޓެވެ. ބިންޔާއެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތޭ އެނާގެ ހިތަށް އެރިއެވެ.
"ކޯއްޗެއް ތި ކައްކަނީ؟..." މިޒްޔަލް ސުވާލުކުރިއެވެ.
ބިންޔާ ލޯ އަޅައިލިތަން ފެނުމުން މިޒްޔަލް އުނދުނާއި ކައިރިވެލިއެވެ.
"ބޮސް ފޮނުވައިގެންނޭ މިއައީ... ސްޕަވައިޒް ކުރަން..." އުނދުނާއި ކައިރިވެލިއިރު، މިޒްޔަލް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ.
"އަހަރެން ނާހަމެއްނު..." ބިންޔާ ރައްދު ދިނެވެ.
"ބޮސްއަށްވެސް އެނގޭ، މިކުއްޖާ ކުޑަވީމަ ކޮންމެސް ގެއްލުމެއް ލިބޭނެކަން... ކުޑަކުޑަ އެންޓެއް މިތާ އުޅޭއިރު، މުޅިތަނުގަ ރޯވެގެން އަނދައިފިއްޔާ ކިހިނެއް ހަދާނީ؟..." މިޒްޔަލް ހުރީ މަޖާ މޫޑެއްގައެވެ. ބިންޔާ މޫނަށް ޖައްސައިލާ ވައްތަރުން އޭނާއަށް ވަކިން މަޖާވިއެވެ.
މިޒްޔަލް ކިޔާ އެއްޗަކަށް ރައްދު ދިނުމެއްނެތި ބިންޔާ ކައްކަމުން ދިޔައެވެ. ބިންޔާ ހަރާއި ކައިރިވެލާ ކޮންމެ ފަހަރަކު، އޭނާ ބޭނުންވާ އެއްޗެއް މިޒްޔަލް ނަގައިދެމުން ދިޔައެވެ. އެއްޗެހި އަޅާ މިންވަރަށް ފާޑު ކިޔަން ފެށިއެވެ. އަޅަންވީ މިންވަރާއި، ހަދަންވީގޮތް ކިޔައިދެމުން ދިޔައެވެ. ދިމާކޮށްކޮށްފައިވެސް މިޒްޔަލް އެހީވާތީ، ބިންޔާ ހުރީ ހަމަޖެހިފައެވެ. ހަމަ އެއާއި އެއްވަރަށް މިޒްޔަލްގެ އަނގަ ގަދަކަމުން، އޭނާއަށް އުނދަގޫވެސް ވިއެވެ. ބޭރުފުށުން އިހުސާސެއް ނުދެއްކި ނަމަވެސް މިޒްޔަލް ހުރީތީ ބިންޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
"ދެން އެ ގޮނޑިއަށް ނާރާތި!.... މި ކުޑަ އެންޓް ވެއްޓިއްޖެއްޔާ ހުރިހާ ފައެއް ބިންދައިގެންދާނެ....." މިޒްޔަލް އަނގަ ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައެވެ.
ބިންޔާއާއި ދިމާކުރެވުމުން އޭނާއަށް ފާޑެއްގެ އުފަލެއް ލިބެމުން ދިޔައެވެ. އޭނާ ބޭނުންވީ ބިންޔާ އެއްޗެއް ނުބުނާތީ ކޮންމެވެސް އެއްޗެއް ބުނުވާށެވެ.
"ތީ ފިޔޮކެއްތަ އަބަދު ފަހަތުން އުޅެން..." މިޒްޔަލް ފަހަތުން އުޅެން ފެށުމުން، ބިންޔާއަށް އުނދަގޫވިއެވެ. ކައްކަން ހުރި ސޯސްގަނޑުން އެތިކޮޅެއް ނަގާފައި މިޒްޔަލްގެ އަނގަޔަށް ލެވިއެވެ. ހޫނުވެގެން މިޒްޔަލް ތެޅިފޮޅިގަތެވެ.
"ބޮސް ކައިރީ ބުނެފާނަން އަންހެން ކުދިންނާ ފްލާޓްކުރާ ވާހަކަ..." ބިންޔާ އިންޒާރު ދިނެވެ.
"ތީ އަންހެން ކުއްޖެއްތަ؟..." މިޒްޔަލް ޖަހައިލީ ލާނެތް ހިނިގަނޑެކެވެ. "ކުޑަ އެންޓަކާ ފްލާޓްކޮށްގެން ބޮސް މައްސަލަ ޖައްސާނެތަ؟..."
"ދެން ކީއްކުރަން ތިއައީ؟..." ބިންޔާ ތުން ފިއްތައިލިއެވެ.
މިޒްޔަލް އަބަދު ކުޑައޭ ކިޔާފައި ދިމާކުރާތީ، އޭނާގެ ހިތަށް އުނދަގޫވިއެވެ.
"މިއައީ އަހަރެންގެ ސަބަބުން މިކުއްޖާއަށް އަނިޔާއެއްވީމަ ހެލްޕްވާން..." މިޒްޔަލް ފޮރުވުމެއްނެތި ހަގީގަތް ހާމަކުރިއެވެ. "ބޮސްއަށް މީރުވާނެ އެއްޗެހި އަހަންނަށް އެނގޭ... ބޭނުމެއް ނޫންތަ އަހަރެންގެ ހެލްޕެއް؟..."
މިޒްޔަލް ތައްޔާރުވެލައިގެން އައިސް ކައްކަން ފެށިއެވެ. ތަރުކާރީގެ ބާވަތްތައް ކޮށައިލި ގޮތުންވެސް ބިންޔާ ހުރީ އަޖައިބުވެފައެވެ. އެހާވެސް ފަރިތަވެފައި ހަލުވިއެވެ. މިޒްޔަލް ކައްކާ ނިމެންދެން ބިންޔާ ބަލަން ހުއްޓެވެ. ރަހަތައް ހެޔޮވަރުވާނެކަން ވަހުން އެކަނިވެސް އޭނާއަށް ޔަގީންވިއެވެ.
"މި ހުރިހާ ކަމަކަށް ފަހުން އަގު ކިޔާނަން..." މިޒްޔަލް ދަމުން ދިޔައީ، ބިންޔާގެ ސިކުނޑި ހާސްކޮށްލާފައެވެ.
*********
ޖެހިގެން އައި ދުވަހަކީ ބިންޔާއަށް ބޮޑު ދުވަހެކެވެ. ތަނުގެ އިސްވެރިންނާއި ބައްދަލުވުމުގެ އިތުރުން، ބިންޔާގެ ވަޒީފާ ޔަގީންވުން އޮތީ، އޭނާއަށް ކުރެވޭ މަސައްކަތުގެ ފެންވަރުންނެވެ. މިޒްޔަލްގެ އެހީތެރިކަމާއިއެކު ދަސްވި އެއްޗެހީގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ބިންޔާ ތައްޔާރުވިއެވެ.
ރެސްޓޯރެންޓަށް ވަނުމަށް ބިންޔާ ދޮރުން އެތެރެއަށް އަޅައިލި ފިޔަވަޅާއިއެކު، ހުއްޓުނީ ދޮރު ކައިރީގައި މީހަކު ހުރި ތަން ފެނިފައެވެ. އެމީހަކު ހުރީ ދޮރަށް ފުރަގަސްދީގެން، ފޯނެއްގައެވެ. އެތެރެއަށް ވަދެވޭނެގޮތެއް ނެތިގެން ބިންޔާ ހުރީ، އެމީހަކު ފޯނު ނިމެންދެން މަޑުކޮށްލައިގެންނެވެ.
ފޯނު ނިންމާފައި ޒަޔާން އެނބުރުނެވެ. ކުރިމަތީގައި ހުރި ބިންޔާ ފެނުމާއިއެކު ޒަޔާންގެ މުޅި ދުވަސް އުޖާލާވިކަމުގެ އިހުސާސް ކުރެވުނެވެ. އޭނާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"ބިންޔާ!..." ޒަޔާން ގޮވައިލިއެވެ.
ބިންޔާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
"ޒަޔާން..." ޒަޔާން އޭނާގެ މޭގައި އަތް ޖައްސާލާފައި ބުންޏެވެ. "އަވަހަށް އެތެރެއަށް ވަދޭ..."
ޒަޔާން ދޮރުމަތިން ދުރަށްޖެހުމުން، ބިންޔާ އެތެރެއަށް ދެމިގަތެވެ. ޒަޔާން އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ.
********
ލޯގަނޑުގެ ކުރިމަތީގައި މިޒްޔަލް ހުއްޓެވެ. ބިންޔާއަށް ރަސްމީކޮށް ތައާރަފުވާ ދުވަސްކަމުން ފުރިހަމައަށް ތައްޔާރުވާން އެތައް އިރެއް ނެގިއެވެ. މިޒްޔަލް އެނބުރުނު ވަގުތު އަތުން ޖެހިފައި ރީތިވާ މޭޒުމަތީގައި އިން ފޮޓޯލޯގަނޑު ވެއްޓި، ބިއްލޫރިގަނޑު ތަޅައިގެން ދިޔައެވެ. މިޒްޔަލްގެ މޫނު މިލައިގެން ދިޔައެވެ. ބިއްލޫރިތަކުގެ ތެރެއިން އޭގައި އޮތް ތަސްވީރު ނެގިއެވެ. އިނގިލި ކަނޑައިގެން ގޮސް ލޭތައް އޮހެރިގަތްއިރު، އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ތަސްވީރު މޭގައި ޖައްސާލައިގެން އޭނާ އެތައް އިރަކު އިނެވެ. އެއީ މިޒްޔަލްގެ އަތުގައި އޮތް އޭނާގެ މަންމަގެ ހަމައެކަނި ތަސްވީރެވެ.
"ދަރިފުޅާ..." ސަރަފިއްޔާ އެތެރެއަށް ވަނުމުން މިޒްޔަލް އަވަހަށް ތަސްވީރު މޭޒުމަތީގައި ބޭއްވިއެވެ.
ސަރަފިއްޔާއަށް ވީގޮތް އެނގުނެވެ. މިޒްޔަލްގެ އަތުގައި ބޭސް އަޅައިދީފައި އޭނާ އައީ އަލްބަމެއް ހިފައިގެންނެވެ. އޭގައި މިޒްޔަލްގެ މަންމަގެ ބައެއް ތަސްވީރުތައް ހުއްޓެވެ. އޭގެ ތެރެއިންވެސް މިޒްޔަލްގެ ލޮލުގައި އަޅައިގަތީ، ސިފައިގެން ހެދުމުގައި ހުރި ފިރިހެނަކާއިއެކު އޭނާގެ މަންމަ ނަގާފައިވާ ތަސްވީރެއްގައެވެ. އެ ތަސްވީރުގައި އޭނާގެ މަންމަ ހިނިތުންވެލައިގެން ހުރިއިރު، ދުވަހަކު އެމޫނުން ނުފެންނަވަރުގެ އުފާވެރިކަން ފެންނަން ހުއްޓެވެ. އެމީހާ އާއި ބިންޔާއާއި ވައްތަރުގޮތެއް ހުރިހެން މިޒްޔަލްއަށް ހީވިއެވެ.
"މީ ކާކު؟..." މިޒްޔަލް ސުވާލުކުރިއެވެ.
"ދަރިފުޅުގެ މަންމަ އެންމެ ފުރަތަމަ ކައިވެނިކުރަން އުޅުނު މީހަކީ ތީ..." ސަރަފިއްޔާ ފޮރުވާކަށް ނޫޅުނެވެ. މިޒްޔަލްއަށް ނޭނގޭނެހެން އެތައް ދުވަހަކު އެ އަލްބަމް ފޮރުވައިގެން އޭނާ ގެންގުޅެފިއެވެ. އެ ތަސްވީރުތަކުން މިޒްޔަލްގެ ހިތަށް ތަދުވުން ނޫންކަމެއް ނުވާނެކަން އެނގޭތީއެވެ.
"ކޮބާ މިހާރު؟..." މިޒްޔަލް ސުވާލުކުރީ ހިތުގައި އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.
"ނިޔާވެއްޖެ..." ސަރަފިއްޔާ ޖަވާބު ދިނެވެ. "ދަރިފުޅުގެ މަންމަ ސަލާމަތްކުރަން އުޅެނިކޮށް ނިޔާވީ... މާމަ އަޑު އެހިން އޭނަގެ ދަރިއެއް ހުންނަ ވާހަކަ... އޭނަ ނިޔާވިއިރު، އެކުއްޖާގެ މަންމަވެސް ދުނިޔެއަކު ނެތޭ ކިޔާ އަޑު އެހިން... މަންމަ ވަރަށް މަސައްކަތްކުރި އެކުއްޖާ ހޯދަން... އެކަމަކު ހޯދޭގޮތެއް ނުވި...."