ސަމީރާ ދޫނުކުރުމުން، ބިންޔާ އެ އަނގޮޓި ނަގައި އިނގިލީގައި އެޅިއެވެ. ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް، ސަމީރާގެ ދެލޮލުން އޮހޮރިގަތީ ކަރުނައެވެ. ބިންޔާ ކުޑަކޮށް ގުދުވެލައި، ސަމީރާގެ ގައިގައި ބައްދާލިއެވެ. ރޮވެން ފެށުމުން، ބިންޔާ އަވަސް އަވަހަށް ވޯޑުން ނުކުތެވެ.

********

ބިންޔާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އާސިފް ހުރީ ބޭރުގައެވެ. ކަރުނުން ފުރިފައިވާ ބިންޔާގެ ދެލޯ ފެނުމުން، އާސިފް ފާޑަކަށް ހީލިއެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރިން ކަރުނަތައް ފޮހެލާފައި ބިންޔާ ހަމަޖެހިލިއެވެ. އާސިފް ކެންޓީނާއި ދިމާއަށް ހިނގައިގަތުމުން، ބިންޔާ އާސިފްގެ ފަހަތުން ދިޔައެވެ. ކާއެއްޗެހި ނަގައިގެން ދެމީހުންވެސް ގޮސް މޭޒެއްގެ ކައިރީގައި އިށީނެވެ. ބިންޔާ އިނީ ކާހިތްނުވެފައެވެ.

"ގޯލްޑަންހިޔާ ރެސްޓޯރެންޓް..." ބިންޔާގެ މޫނަށް ފުން ނަޒަރެއް ދެމުން އާސިފް ބުންޏެވެ. "އަހަރެން ނިންމައިފިން އެ ތަން ގަންނަން..."

"އޭނ؟..." ބިންޔާ ދިޔައީ ސިއްސައިގެންނެވެ.

"ކިހިނެއްވީ؟... ކަމުނުދަނީތަ؟..." ދެމާނަ އެކުލެވޭ ރާގަކަށް އާސިފް ސުވާލުކުރިއެވެ. "އަހަރެން އެތަން ގަންނަން ބޭނުންވާ ދެ ސަބަބެއް އެބައޮތް... އެއް ސަބަބަކީ ތީ..."

އާސިފަށް ފޯނެއް އައީ އެވަގުތުއެވެ. ފޯނުގެ އިސްކްރީން ބިންޔާއަށް ދައްކައިލިއިރު، އާސިފްގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"ޔެސް މިސްޓަރ ކްލާކް..." ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން އާސިފް ބުނެލިއެވެ.

ދެމީހުންގެ ދޭތެރޭ ދެކެވުނު ވާހަކައިގެ ތެރެއިން ބިންޔާގެ ސަމާލުކަން އަތުލީ ރެސްޓޯރެންޓްގެ ވާހަކައެވެ. ރެސްޓޯރެންޓް ގަންނަން އާސިފަށް އެހީވަނީ ބޭރު މީހެއްކަން އެނގުމުން، ބިންޔާގެ ހިތް ނުތަނަވަސްވިއެވެ. އާސިފަކީ އޭނާ ކުރަން ބޭނުންވެއްޖެ ކަމެއް ކޮށްފައި ނޫނީ ހުއްޓާނެ މީހެއް ނޫންކަން ބިންޔާއަށް ރަނގަޅަށް އެނގެއެވެ. އާސިފަށް ރެސްޓޯރެންޓް ލިބުމަކީ ބިންޔާ އެދޭ ގޮތެއް ނޫނެވެ.

*********

ރެސްޓޯރެންޓަށް ދިޔައިރުވެސް ބިންޔާއަށް ހުރެވުނީ އާސިފް ދެއްކި ވާހަކައިގެ ހިޔާލުގައެވެ. އާސިފްގެ މަސައްކަތަށް ހުރަސްއެޅެން އޮތް ހަމައެކަނި ގޮތަކީ، ރެސްޓޯރެންޓްގެ ވެރިފަރާތަށް އެހީވުން ކަމުގައި ބިންޔާ ގަބޫލުކުރިއެވެ. އެކަމަކު، އެކަން ކުރާނެ އެއްވެސް މަގެއް ބިންޔާއަކަށް އަދި ނެތެވެ. ފާހާނާއަށް ވަދެފައި ބިންޔާ އޭނާގެ ކަރުގައި އައްސާލާފައި އޮތް ސްކާފް ނެގިއެވެ. ރެސްޓޯރެންޓްގެ ތެރޭގައި ސްކާފް އަޅައިގެން އުޅެން ބިންޔާއަށް ނުކެރުނީއެވެ. މަލަންކޮޅެއް އަޅަން ލޯގަނޑުގެ ކައިރިއަށް ޖެހިލި ވަގުތު، ކޮންމެވެސް މީހަކު އެތެރެއަށް ވަނުމުން، އޭނާ އަވަހަށް އަތް ދޮންނަ ކަމަށް ހެދުނެވެ. ސާހީކޮށް ހެދުން އަޅައިގެން ހުރި އެ އަންހެން ކުއްޖާ ހުރީ ފޯނެއްގައެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިފައި، ތުއި ގޮތަކަށް، އެކި އަރިއަރިން އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގައިލިއެވެ. ލައިގެން ހުރި ގަޔަށް ބާރު ހެދުމުގައި އެކުއްޖާގެ ވަނާތައް ރީތިކޮށް އެނގެން ހުއްޓެވެ. އޭނާ އުޅެމުންދިޔަ ގޮތުން، ބިންޔާއަށް ހުރެވުނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

"މަ ހުއްޓާނީ ކާމިޔާބު ކޮށްފައޭ... މަށަށް އިތުބާރުކޮށްބަލަ...." ތުންފަތުގައި ކުލަ ހާކައިލަމުން މީރާ ބުންޏެވެ. "މަންމަ ބަލިވެގެން ކުރިން އެކަމާ ނޫޅެވުނަސް، މިއަދު ރަސްމީކޮށް މިފެއްޓީ... އެހެންވީމަ ދުވަސް ގުނާ މިއަދުން ފެށިގެން..."

"މަންމަ ބަލިވުމަކީ އަހަރެން ކުރާނެ ކަމެއް ނޫން... އެއީ އަހަންނާ މީރާއާ ދެމެދު އެއްބަސްވެވުނު ކަންތަކުގެ ތެރެއަށް ވައްދަންޖެހޭނެ ކަމެއް ނޫން..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ ނާޒިރާއެވެ.

"ހާސްނުވެބަލަ... އަހަރެން ނޫން އޮޕްޝަންއެއް ނެތެއްނު... ސޯ އަހަންނަށްވެސް ޓައިމް ދީގެން ތިކަން ކުރެވޭނީ..." މީރާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

ފޯނު ބާއްވާފައި މީރާ ބިންޔާއަށް ބަލައިލީ ލޯގަނޑުންނެވެ. އޭރު ބިންޔާ ހުރީ އަތް ހިއްކާށެވެ. ބިންޔާއަށް ބަލަން ހުރެފައި މީރާ ނުކުމެގެން ދިޔައެވެ.

ކަރުގައިވާ ޒަހަމަށް ބަލައިލުމުން ބިންޔާގެ ދެލޯ ފެންކަޅިވާން އުޅުނެވެ. އާސިފް ދަތްއަޅާފައިވާ ތަނުން ލޭ ހިލިފައިވާއިރު، އެތަނުގެ ވަށައިގެން ރަތްވެ ދުޅަވެފައި އޮތީ، މަލަންކޮޅެއް އަޅައިގެން ފޮރުވޭ ވަރަށްވުރެ ބޮޑަށެވެ. ސްކާފް އެއްސުން ނޫން ގޮތެއް ބިންޔާއަކަށް ނެތެވެ.

ރެސްޓޯރެންޓްގައި މުވައްޒަފުން މަދު ދުވަހެކެވެ. އާރިފް އާއި އިތުރު ދެމީހަކު ބަދިގެއަށް ގެނައި ސާމާނުތައް ވެއްދުމަށް ބޭރަށް ދިޔުމުން، ބަދިގެތެރޭގައި ބިންޔާ އާއި ސުދީރު އެކަނިވިއެވެ. ކާން އިނދެފައި ސުދީރު ކުއްލިއަކަށް ތެދުވިއެވެ. ބިންޔާ އާއި ދިމާއަށް އޭނާ ބަލައިލީ ފާޑަކަށެވެ. ފަހަކަށް އައިސް ސުދީރު އުޅެނީ ބިންޔާ އާއި މާ ދުރުދުރުންނެވެ. ބިންޔާއާއިއެކު އެކަނި ވެއްޖެނަމަ، އެ ތަނަކުން ސުދީރު ދާކަން ބިންޔާއަށް އޮތީ ފާހަގަވެފައެވެ.

ތަރުކާރީ ކޮށަން ހުރެފައި ބިންޔާ ފަސްއެނބުރުނީ، އުނދުން މައްޗަށް އުދާފައި ހުރި ފިޔާކޮޅު ހަލައިލާށެވެ. އެއް އަތުން ދޭފަތް ނަގައިގެން ހުރިއިރު، އަވަސް އަރުވާލާފައި އުޅެން ހަދައިގެން އަނެއް އަތުގައި ވަޅިއެއް އޮތްކަންވެސް އޭނާގެ ހަނދާނުގައި ނެތެވެ. ބިންޔާ ފަސްއެނބުރުނުއިރު، ސުދީރު ހުރީ ކުރިމަތީގައެވެ. ދެލޯ ބޮޑުކޮށްގެން ބިންޔާއަށް ބަލަން ހުރިއިރު، ހީވީ ބިންޔާއަކީ ބިރުވެރި ސިފައެއްގައި ހުރި އެއްޗެއް ހެންނެވެ.

ބިންޔާ ކުރިއަށް ފިޔަވަޅެއް އަޅައިލުމާއިއެކު، ސުދީރު ފަހަތަށް ޖެހުނެވެ. ބިންޔާ އެކަން މާ ބޮޑު ކަމަކަށް ނުހަދާ އުނދުނާއި ދިމާއަށް ދިޔައެވެ. ސުދީރު ހީކުރީ، ބިންޔާ ވަޅި ހިފައިގެން އަންނަނީ އޭނާއާއި ދިމާއަށް ކަމަށެވެ. ބިރުން ގޮސް ސުދީރުގެ ދެފައި ތުރުތުރު އަޅައިގަތެވެ. ކުރީ ދުވަހު ފެނުނު ހާދިސާގެ ފަހުން، އޭނާ ހުންނަނީ ބިންޔާދެކެ ޖެހިލުންވެފައެވެ. ބޮޑެތި ތިން ފިރިހެނުންގެ ކުރިމަތީގައި އާދައިގެ އަންހެން ކުއްޖަކު ބާރުގަދަވުމަކީ އާދައިގެ ކަމެއް ނޫނެވެ. މިޒްޔަލްގެ ކައިރީގައި އެވާހަކަ ދައްކަން އުޅެފައިވެސް، ސުދީރު ފަސްޖެހުނީ، އެ ވާހަކަ ގަބޫލު ނުކޮށްފާނެތީއެވެ. ބިންޔާ ހުންނަލެއް ނިކަމެތިކަމުން، އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރާނީވެސް ކާކު ހެއްޔެވެ؟

"އަހަންނަށް އެއްވެސް މަންޒަރެއް ނުފެނޭ... އެކައްޗެއްވެސް ނުފެނޭ..." ބިންޔާ އަންނަން ފެށުމުން، ސުދީރު ބިރުން ހުރެ ބުނެލިއެވެ.

ބިންޔާ ހީކުރީ، ސުދީރު ހެޑްފޯނު ޖަހައިގެން ހުރެ ވާހަކަ ދެއްކީ ކަމަށެވެ. ބިންޔާ ނުހުއްޓުމުން، ސުދީރަށް ގޮތް ހުސްވިއެވެ. ދެފަޔަށް ލެވުނު ބާރެއް ލާފައި އޭނާ ދޮރާއި ދިމާއަށް ދުއްވައިގަތީ ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައެވެ. ބިންޔާ ހީކުރީ ކުރަތްޕެއް ފެނިގެން ސުދީރު ދުވެފައި ނުކުތީ ކަމަށެވެ. ހަޅޭއްލަވައިގަނެފައި، ބިންޔާވެސް ސުދީރުގެ ފަހަތުން ދުއްވައިގަތެވެ. ފަހަތުން ބިންޔާ އަންނަކަން އެނގުމުން، ސުދީރު މާ ބިރުގަތެވެ. އޭނާވެސް ހަޅޭއްލަވަމުން ދުވެފައި ދިޔައެވެ. އިއްތިފާގުން ރެސްޓޯރެންޓްގައި މީހުންވެސް މަދު ވަގުތެކެވެ. ގިނަ މީހުން ތިބީ، ބޭރުގައި ޖަހާފައިވާ ގޮނޑިތަކުގައެވެ.

********

މިޒްޔަލްގެ ސައިކަލު ރެސްޓޯރެންޓްގެ ދޮރު މައްޗަށް ހުއްޓިއިރު، އަމަން އާއި ޝިމާއު ތިބީ އޭނާގެ އިންތިޒާރުގައެވެ. ތިން މީހުން ރެސްޓޯރެންޓްގެ ތެރެއަށް ވަނީ، އޮލަ ވާހަކައެއްގައި ތިބެގެންނެވެ.

"މާމަ ރުއްސަން އަހަރެން ދީފާނަން ވަރަށް ރަނގަޅު ހިޔާލެއް..." މިޒްޔަލްގެ ކޮނޑަށް އަތް އެއްލައިގެން ހުރެ ޝިމާއު ބުނެލިއެވެ.

ތިން މީހުން އެތެރެއަށް ވަން ވަގުތު، ފެނުނު މަންޒަރަކުން ފިޔަވަޅުތައް މަޑުޖެހުނެވެ. އަންހެނެއް ހެން ސުދީރު ދުވެފައި އައީ ދޮރުން ނުކުންނާށެވެ. ދެއަތް މައްޗަށް ނަގައި ދެ ފައި އޮޅުވަމުން ދުވެފައި އައިއިރު، ގައިގެ މަސްތައް މައްޗަށް ހިއްލިލާފައި ތިރިވާގޮތުން، ބަލަން ހުންނަ މީހަކު އަޖައިބުނުވާ ވަރެއް ނޫނެވެ. ފަހަތުން އައި ބިންޔާ ފެނި، މިޒްޔަލްގެ ހައިރާންކަން އިތުރުވިއެވެ. އެއް އަތުން ވަޅިއަކާއި، އަނެއް އަތުން ދޭފަތެއް ހިފައިގެން ދެފައިގެ ކޮޅު ޖައްސައިގެން ބިންޔާވެސް ސުދީރުގެ ފަހަތުން ދުވެފައި އައެވެ. އެމީހުން ހީކުރީ، ސުދީރު ބިންޔާއަށް ކަމެއް ކުރީ ކަމަށެވެ. ތޫލި އަޑަކުން ހަޅޭއްލަވަމުން އައި ބިންޔާ ހީވަނީ އެހެން މީހެއް ހެންނެވެ.

ސުދީރު އައިގޮތަށް ވަނީ މިޒްޔަލްގެ ފަހަތަށެވެ. ބިންޔާވެސް ދުވެފައި ދިޔައީ މިޒްޔަލްއާއި ދިމާއަށެވެ. މިޒްޔަލް ހަދާނެގޮތެއް ނޭނގިފައި ހުއްޓާ، ބިންޔާ ފުންމައިގެން އަރާ، މިޒްޔަލްގެ ކަނދުރާގައި އެލިގަތެވެ. ދެފައި މިޒްޔަލްގެ އުނަގަނޑުގައި އަޅުވާލައި ތަތްކޮށްލިގޮތުން ހީވީ، ދަގަތްފާނުގަނޑެއްގައި ދަގަނޑުކޮޅެއް ތަތްވި ހެންނެވެ. އަތުގައި ވަޅިއެއް އޮތްކަން ބިންޔާގެ ހަނދާނުގައި ނުވެސް ނެތް ކަހަލައެވެ.

"އަންހެނެއް ނޫން..." ސުދީރަށް ބުނެވުނީ އެހެންނެވެ.

"ކުރަތްޕެއް.... ކުރަތްޕެއް..." ވަރުބަލިވެފައި ހުރިވަރުން ބިންޔާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

އެންމެންގެ ސަމާލުކަން ހުއްޓިފައިވީ ބިންޔާއަށެވެ. މިޒްޔަލްގެ ކައިރީގައި ތިބި ޝިމާޢުއާއި އަމަންއަށް ވާނުވާ ނޭނގިފައި ތިއްބާ ބިންޔާ ބުނި އެއްޗަކުން، ދެމީހުން އެއްފަހަރާ ހީގަތެވެ. ކުރަތްޕެއް ފެނިގެން އެވަރު ވެދާނެކަމަށް އެމީހުންނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ވަކީން ހާއްސަކޮށް ސުދީރު ކަހަލަ ބޮޑު ފިރިހެނަކު ކުރަފިދެކެ ބިރުން އުޅުމުން، ޝިމާއު މެންނަށް އެކަންވީ ޖޯކަކަށެވެ.

ޝިމާއު މަލާމާތުގެ ނަޒަރަކުން ސުދީރަށް ބަލައިލުމުން، ސުދީރު އަވަހަށް ރެސްޓޯރެންޓުން ނުކުމެގެން ދިޔައެވެ. އޭނާ އެމީހުންނަށް ހަގީގަތް ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފުސަށް މަލާމާތް ރައްދުވިޔަސް، އެވަގުތު އޭނާއަށް އެގޮތްވެސް މާ ރަނގަޅޭ ހިތަށް އެރިއެވެ.

މިޒްޔަލް ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ކައިރީގައި ތިބި އެކުވެރިން ހޭން ފެށުމުން، އޭނާ ގަދަކަމުން ބިންޔާގެ އަތް ނައްޓުވައިލިއެވެ. ތިރިއަށް ނުފައިބާން ބިންޔާ ކުރިއަށްވުރެ ބާރަށް މިޒްޔަލްގެ ގައިގައި ހިފަހައްޓައިލިއެވެ.

"ތެރަސްގަނޑެއްތަ؟..." ޝިމާއު ކިތަންމެ މަޑުން ބުނި ނަމަވެސް، ބިންޔާއަށް އެ އަޑު އިވުނެވެ.

ކުރެވުނު ކަންތައް އެނގުމުން ބިންޔާ އަވަހަށް ތިރިއަށް ފުންމައިލިއެވެ. ބިންޔާ ފުންމައިލީ ޝިމާއުގެ ފައި މައްޗަށެވެ. ނޭނގޭ ކަމަށް ހަދާފައި، ގަސްދުގައެވެ. ވީ ތަދުން ޝިމާއުގެ ދެއަތް މުށްކެވުނެވެ. ކުޑަ އަންހެން ކުއްޖަކަސް ބާރުހުރި ކުއްޖެކޭ ޝިމާއުގެ ހިތަށް އެރިއެވެ. ބިންޔާ ޝިމާއުއަށް ބަލަން ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. އެ ނަޒަރުގައި ހުރީ ނުރައްކާތެރި ގޮތަކުން ޝިމާއު ޖެހިލުންވިއެވެ.

"ފައިގެ އިނގިލިތައްވެސް ނޭނގެ ސަލާމަތުން ހުރި ކަމެއް..." ޝިމާޢު މަޑުމަޑުން ބުނެލިއެވެ.

"މިލްކް ތައްޓެއް ގެނެސްދެންތޯ؟... ކެލްޝިއަމް މަދުވަންޏާ ތިކަހަލަ ކަންކަން ދިމާވާނެ...." ބިންޔާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

"އޭތް ގާލް..." ޝިމާއުގެ ކެތްތެރިކަން ކޮޅުންލިއެވެ. އެކުވެރިން ކުރިމަތީގައި ބިންޔާ ހަމަ ރަނގަޅަށްވެސް އޭނާ ފަޟީހަތްކޮށްލައިފިއެވެ.

"ބިންޔާ..." ބިންޔާ ބުނެލިއެވެ. "އަޅުގަނޑުގެ ނަމަކީ ބިންޔާ...."

ކޮމެންޓް 0