ހިފައިގެން ހުރި ބާސްކެޓް ފުރުނުއިރުވެސް ބިންޔާ އެއްޗެހި ނެގުން ހުއްޓައެއް ނުލިއެވެ. ނޫޑްލްސް ހަރުގެ ކައިރީގައި ހުއްޓިފައި އޭނާ ކުޑަކޮށް ފުންމައިލީ، ކަޕްނޫޑްސް ތައްޓެއްގައި އަތްޖެހޭތޯއެވެ. އެވަގުތު ކައިރީގައި ހުއްޓުނު މީހަކު ހަމަ އޭގެ ތައްޓެއް ނެގިތަން ފެނިފައި، އޭނާ އެމީހަކަށް ބަލައިލިއެވެ. ދެމީހުންގެ އަތުގެ ބީހިލުން އެކަކު އަނެކަކަށް އިހުސާސް ކުރެވިގެން ދިޔައެވެ. އިސްކޮޅުން ދިގު އެ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓުމާއިއެކު، ބިންޔާގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް އެމީހަކަށް ފުރަގަސްދިނެވެ.

********

"ޗޯޓީ..." ބިންޔާ ބަލައިލުމުން، މިޒްޔަލް ބުންޏެވެ. "ހާދަ ކުރޭ މިބުނީ..."

"މީހުންނަށް މަލާމާތް ކުރަންތަ ދުނިޔެއަށް އައިސް ތިހުރީ..." ބިންޔާ ހިތާއިހިތުން ކުދި ކިޔައިލިއެވެ.

ބިންޔާ ތުން ފިއްތައިލި ތަން ފެނުމުން، މިޒްޔަލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. މިޒްޔަލް އޭނާގެ އަތުގައި އޮތް ކަޕްނޫޑްލްސް ތަށި ބިންޔާގެ ބާސްކެޓަށް އެއްލާފައި، އެހެން ނޫޑްލްސް ތައްޓެއް ނަގަން އުޅުނެވެ.

"އަތް ފޯރައޭ..." ބިންޔާ އަވަސް އަވަހަށް ބުނެލިއެވެ.

"އޯކޭ... އެހެންވިއްޔާ އަމިއްލައަށް ނަގާ..." ބިންޔާގެ އަތުން ބާސްކެޓް އަތުލަމުން މިޒްޔަލް ބުންޏެވެ.

"އަހަރެން ކުރެއް ނުވާނެ..." ހިތްހަމަނުޖެހިފައި ބިންޔާ ބުނެލިއެވެ. "ބައެއް މީހުން ދިވެހި ރުކެއް ވަރުވިޔަސް.."

މިޒްޔަލް ހީލިއެވެ. ބިންޔާ ފާޑަކަށް ލޯ އަޅައިލާފައި، އެހެން ތައްޓެއް ނެގޭތޯ އުޅުނެވެ. ފުންނާބު ހިއްލާލުމަށްފަހު، ތައްޓަށް އަތް ފޯރުވަން މަސައްކަތް ކުރިއެވެ. ބިންޔާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ މަތީ ހަރަށެވެ. ތިރީގައި ހުރި އެއްޗެހީގައި އަތުން ޖެހިފައި، ފައިބައިގަންއިރުވެސް އޭނާއަށް ނޭނގުނެވެ. މިޒްޔަލް ވަގުތުން ބިންޔާގެ ބޮލުގައި އަތް އެޅިއެވެ. އޭނާ ހުށިޔާރުކަމާއިއެކު، ބިންޔާ ދަމައިގަތެވެ. ލިބުނު ސިހުން ފިލައިދިޔައިރު، ދެމީހުން ތިބީ އެކަކު އަނެކެއްގެ ހޫނުކަން އިހުސާސްވާހައި ކައިރީގައެވެ. މިޒްޔަލްގެ އެއް އަތް ބިންޔާގެ ގައިގައި ވަށާލެވިފައިވާއިރު، އަނެއް އަތް އޮތީ، ބޯމަތީގައި ބާއްވާލާފައެވެ. ކަރުކެހިލުމަށްފަހު، ބިންޔާ އަވަސް އަވަހަށް މިޒްޔަލްއާއި ދުރަށް ޖެހުނެވެ. މިޒްޔަލް އޭނާގެ އަތް ކޮށްޕައިލީ ޖީބަށެވެ.

ހިތާއިހިތުން ކުދި ކިޔަމުން ބިންޔާ ތިރިވީ ވެއްޓުނު އެއްޗެހިތައް ނަގާށެވެ. ތަނުގެ މުވައްޒަފަކު އައުމުން، ބިންޔާއަށް ނޭނގޭނޭހެން މިޒްޔަލް އެމީހާ ފޮނުވައިލިއެވެ.

"ދިމާވާން ނުޖެހޭ މީހުންނާ ދިމާވީމަ މިކަހަލަ ހުރިހާ ގޮތެއްވެސް ވާނެ..." ބިންޔާ އިނީ ސިއްރުން ކުދިކިޔާލަކިޔާލައެވެ.

މިޒްޔަލްއާއި އަބަދު ދިމާވަނީ ކީއްވެބާއޭ ބިންޔާގެ ހިތަށް އެރިއެވެ. އޭނާއަށް އެއްގޮތަކަށްވެސް މިޒްޔަލް ކަމަކުނުދެއެވެ. ދެމީހުން ދިމާވާ ކޮންމެ ފަހަރަކު، ހަނދާނުން ފިލުވާލަން ދަތި ކޮންމެވެސް ހާދިސާއެއް ކުރިމަތިވެއެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟

ބިންޔާއަށް ވީގޮތް ފެނި މިޒްޔަލްއަށްވީ މަޖާ ކަމަކަށެވެ. އޭނާ ސިއްރުން ހުރެ ހެމުން ދިޔައެވެ. އެއްޗެހިތައް ތަރުތީބުކޮށް ނިންމާފައި ބިންޔާ ދިޔައީ މިޒްޔަލްއާއި ދިމާއަށް ލޯ އަޅައިލާފައެވެ.

********

އިންޓަވިޔުގެ ނަތީޖާ އިއުލާނުކުރާ ދުވަސް އައިސް ޖެހުނެވެ. ބިންޔާގެ ހިތް ވަނީ އަވަސްވެފައެވެ. ނަތީޖާ ލިބުމުން ނޫނީ އޭނާ އޮތީ އެނދުން ތެދުވާހިތްވެސް ނުވެފައެވެ. އިރުއިރުކޮޅާ ފޯނަށް ބަލަމުން ދިޔައެވެ. ބިންޔާ ދެކޮޅަށް ފުރޮޅިފުރޮޅި އޮއްވާ، މެސެޖެއް އައި އަޑު އިވުނެވެ. ވަގުތުން މެސެޖު ހުޅުވައިލިއިރު، އޭގައި އޮތީ، ވަކި ގަޑިއަކަށް ގޯލްޑަންހިޔާ ރެސްޓޯރެންޓަށް އައުމަށް އަންގާފައެވެ.

ބިންޔާ ތައްޔާރުވާން ހުއްޓާ، ގޭގެ ބެލް ޖަހައިލި އަޑު އިވުނެވެ. އައީ ކާކުކަން އެނގޭ ފަދައިން އޭނާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ގޭގެ ވެރިފަރާތެވެ.

"ދައްތައަށް އެނގޭ ތިކުއްޖާ އުޅޭ ހާލު... އެކަމަކު، ދައްތަވެސް މީ އެކަނި އުޅޭ މީހެއް... ކުއްޔަށް ލިބޭ ލާރިން ކައިބޮއެގެން މިއުޅެނީ... މިހާރު ހަތަރު މަސްވީ ކުލީގެ ލާރި ނުލިބޭތާ..." ފަރީދާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

"ދައްތާ، ކުޑަ ދުވަސްކޮޅެއް ދެވިދާނެތަ؟... މިމަހުން ފެށިގެން ދައްކަން ފަށާނަން...." ބިންޔާ އާދޭހާއިއެކު އެދުނެވެ.

"ދެމަސްތެރޭ ކުރީ ތިންމަހުގެ ކުލި ދައްކާ ނިންމަންވާނެ..." ފަރީދާ ދިޔައީ ބިންޔާގެ ސިކުނޑި ހާސްކޮށްލާފައެވެ.

ރެސްޓޯރެންޓަށް ދިޔައިރުވެސް ބިންޔާއަށް ހުރެވުނީ އެ ހިޔާލުގައެވެ. ކުލި ދައްކާނެކަމަށް ބުންޏަސް، ހަގީގަތަކީ އޭނާއަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމެވެ. ރެސްޓޯރެންޓްގެ ވަޒީފާ ލިބިގެން ނޫނީ ބިންޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭކަށް ނެތެވެ. ބިންޔާއާއިއެކު ދެން ތިބި ދެމީހުންނަށް އޭނާ ބަލައިލިއެވެ. އޭނާއަށްވުރެ ދިހަ ވަރަކަށް އަހަރު އުމުރުން ދޮށީ ފިރިހެނަކާއި، ޒުވާނަކު އިނެވެ. ދެ މީހުންގެ ގައިގައި ތަޖުރިބާ ހުރި ވައްތަރު ޖަހައެވެ. ބިންޔާ ބަލައިލުމުން، ޒުވާނާ ހިނިތުންވެލިއެވެ.

"ނާވަސް؟..." އާރިފް ސުވާލުކުރީ ބިންޔާއަށެވެ.

ބިންޔާ ބޯ ޖަހައިލިއެވެ.

"ހާސްވާ ވަރުގެ ކަމެއް ނޫނޭ... އަހަރެން ހެލްޕްވާނަން..." އާރިފް ޔަގީންކަން ދިނެވެ. "އަހަރެން މިއައީ ރިސޯޓެއްގަ ހަތަރު އަހަރު ވަންދެން އުޅެފަ... މަންމަ ބަލިވެގެން އެކޮޅަށް ދެވެން ނެތީމަ..."

"މިތަނުން އަހަރެމެންނަށް ވަޒީފާ ހަމަޖެހުނީތަ؟..." ބިންޔާ ހައިރާންވެފައި ސުވާލުކުރިއެވެ.

"އާނ... ޕްރެކްޓިކަލްއަށް މި ގެނައީ... ނާވަސް ނުވައްޗޭ... އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." ފުރަތަމަ ބައްދަލުވުމުންވެސް އާރިފް ވާހަކަ ދެއްކީ ގާތް އެކުވެރިއަކު ފަދައިންނެވެ.

ބިންޔާ އިނީ ދެލޯ ބޮޑުވެފައެވެ. ވަޒީފާ ހަމަޖެހުނުކަމަށް އޭނާއަށް ގަބޫލުވެސް ނުކުރެވުނެވެ. ވާންވީ އުފާކަމެއް ނޭނގުނެވެ. ގަބުވެފައި އިންދާ ތިން މީހުންނަށް ގޮވި އަޑު އިވުނެވެ.

ބިންޔާގެ ހަރަކާތްތަކަށް ބަލަން މިޒްޔަލް ހުރީ ދުރުގައެވެ. އޭނާ މިފަހަރު ބިންޔާއަށް ރަނގަޅު ފިލާވަޅެއް ދޭނެއެވެ.

ރެސްޓޯރެންޓްގެ ކައްކާ ބައި ހުރީ ބިންޔާ ހީކުރި ގޮތާއި މުޅީން ތަފާތުކޮށެވެ. ސާފުތާހިރުވެފައި ތަނަވަހެވެ. އެއްޗެހި އަތުރާފައިވާލެއް ތަރުތީބެވެ. މުވައްޒަފުން އަޅައިގެން ތިބި ހުދު ޔުނީފޯމުގައި އެމީހުން ފެންނަނީ ސާހީކޮށެވެ. ބިންޔާގެ މުޅި ހަޔާތުގައިވެސް އެފަދަ ފުރިހަމަ ބަދިގެއެއް ނުފެނެއެވެ. އެކި ބާވަތުގެ ކާތަކެތިން މުޅި ބަދިގެ އޮތީ ތިޔާގިވެފައެވެ. ބޮޑެތި ފްރިޖުތަކާއި އައިސްއަލަމާރިތައް ފުރާލާފައިވާ އެއްޗެހި ފެނުނަސް، ބިންޔާ އަޖައިބުވާހައިވެއެވެ.

"އަހަރެންގެ ނަމަކީ ސުދީރު... ބަދިގޭގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުންނާނީ އަހަރެން..." ސުދީރު އޭނާގެ އަމިއްލަ ތައާރަފެއް ދިނެވެ. "މިއަދުން ފެށިގެން މަހެއް ވަންދެން އަހަރެން ތިމީހުން ޓްރޭން ކުރާނަން... މި މުއްދަތުގަ ޕާފޯމެންސަށް ބަލާފަ ވަޒީފާ ދާއިމީ ކުރެވޭނެ... ނޫނީ ތިންމަސް ފަހުން އެމީހެއްގެ ވަޒީފާ ގެއްލޭނެ... ދާއިމީވީމަ މުސާރަ ބޮޑުވާނެ... ރެޑީ؟..."

ސުދީރަކީ ބޭރުމީހެއް ނަމަވެސް، އޭނާ ދިވެއްސަށް ފަރިތައެވެ. ވާހަކަ ދައްކާއިރު އެއްވެސް އަޅައިގަތުމެއް ނުހުރެއެވެ.

"ބިންޔާ!...." ސުދީރު ގޮވައިލިއެވެ. "ބިންޔާ ތީ މިތާ ބަދިގޭގަ މަސައްކަތްކުރާ ހަމައެކަނި އަންހެން މުވައްޒަފު... ވަރަށް ހިތްވަރު ކުރަންވާނެ... މިތަނުގަ ބައެއް ފަހަރު ވޭޓަރަކަށްވެސް އުޅެންޖެހިދާނެ... މުވައްޒަފުން މަދުވާ ވަގުތުތަކުގަ ހުރިހާ ކަމަކަށްވެސް ހަވާލުވެވޭނެ ގާބިލުކަން ހުންނަންވާނެ..."

ތަނުގެ ގަވާއިދުތަކާއި އުސޫލުތައް ކިޔައިދީފައި ސުދީރު ދިޔައެވެ. ފުރަތަމަ ދުވަސްކަމުން، ބިންޔާމެންނަށް ޖެހުނީ، އެކި ތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލާށެވެ. ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ އޯޑަރުތައް ނެގުމުގެ މަސައްކަތްވެސް ކުރަން ޖެހުނެވެ.

"ކޮބާ އެމަންޖެ އައީތަ؟..." ރެސްޓޯރެންޓަށް ވަންގޮތަށް ޝިމާޢު މިޒްޔަލްއާއި ސުވާލުކުރިއެވެ.

"އަހަންނަށް ހީވަނީ ކަލޭހެން އެ މަންޖެ ސެޓުކުރާނީ..." އަމަން ޝިމާޢުއާއި ދިމާކޮށްލިއެވެ.

"ރީތިއްޔާ ކުރިމަތިނުލާންވީ ސަބަބެއް ނެތެއްނު..." ޝިމާޢު ހިނިގަނޑެއް ޖަހައިލިއެވެ.

ތިން މީހުން ގޮސް އިށީނީ ބަދިގެއާއި އެންމެ ކައިރިއަށްވާހެން ހުރި މޭޒެއްގެ ކައިރީގައެވެ. މިޒްޔަލްގެ ދެލޯ ހޯދައިލީ ބިންޔާއެވެ. ބަދިގެއިން ނުކުމެގެން ބިންޔާ އައީ ނޯޓު ފޮތަކާއި ގަލަމެއް ހިފައިގެންނެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރިއިރު، ގަމީހުގެ އަތުކުރި އޮތީ ބިންޔާގެ އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައެވެ. ބެގީކޮށްލާފައި ހުރުމުން، ބިންޔާގެ ލޫޅާފަތި ހަށިގަނޑުގެ ބައްޓަން ރީތިކޮށް އެނގެން ހުއްޓެވެ. ރެސްޓޯރެންޓްގެ ޔުނީފޯމު އޭގެ ކުރިން އެހާ ފުރިހަމައަށް މިޒްޔަލްއަށް ނުފެނުނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.

"އެއީތަ އެއީތަ؟..." ޝިމާޢު އަވަސްއަވަހަށް އަހައިލިއެވެ. "ލޯބި ފުށްގަނޑެއްނު..."

ޝިމާޢު ވަގުތުން ތެދުވެފައި، ބިންޔާއަށް އަތުން ހަނާ އަޅައިލިއެވެ. ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް މިޒްޔަލްމެން ތިބި މޭޒު ކައިރީގައި ހުއްޓިލިއެވެ. މިޒްޔަލް ފެނުމުން، ބިންޔާގެ އެތެރެހަށި އަނދައިގަތެވެ. އެއައީ ބިންޔާއަށް ކޮންމެވެސް ޖެއްސުމެއް ކޮށްލަން ކަން އޭނާއަށް އެނގުނެވެ.

"ކޯއްޗެއް ކާން ލިބޭނީ؟..." ޝިމާޢު ސުވާލުކުރިއެވެ.

ބިންޔާ ވަގުތުން މެނޫއެއް ހިފައިގެން އައިސް މޭޒުމަތީގައި ބާއްވައިލިއެވެ.

"އޯކޭ، މަޑުކޮށްލާ އޯޑަރު ދެންދެން..." ޝިމާޢު މެނޫ ހުޅުވައިލީ، ސިއްރުން މިޒްޔަލްއަށް އެއްލޯ މަރައިލުމަށްފަހުގައެވެ. "ތިކުއްޖާގެ އަތުން ހަދާ އެއްޗެއް ލިބިދާނެތަ؟..."

ބިންޔާ ތުން ފިއްތާލައިގެން ހުރެ މިޒްޔަލްއަށް ބަލައިލިއެވެ. އެކުވެރިން ގޮވައިގެން މިޒްޔަލް އެއައީ ރަނގަޅަށްވެސް އޭނާއާއި ދިމާކުރާށެވެ. ތަނުގެ ހިދުމަތް ހޯދާ މީހުންނަށް އިހުތިރާމުކުރަން ޖެހޭނެތީ، އެމީހުން ކޮންމެ އެއްޗެއް ކިޔަސް، ބިންޔައަށް އެއްޗެއް ނުބުނެވޭނެކަން މިޒްޔަލްއަށް ރަނގަޅަށް އެނގޭނެ ނޫން ހެއްޔެވެ؟

ކޮމެންޓް 0