ބިންޔާއަށް ބަލަން ހުރި މިޒްޔަލްއަށް ހިންދިރުވައިލެވުނެވެ. އެ މަންޒަރު ނުފެންނަކަމަށް ހަދައިގެން ހުންނަން ކިތަންމެ ފަހަރަކު އޭނާގެ ހިތް ބުންޏެވެ. މިޒްޔަލް އެދިޔަ ބާރުމިނުގައި ގޮސް ބިންޔާގެ އަތުން ފިޔާ ތަށި އަތުލިއެވެ.

********

"ތިއުޅެނީ މިތާތެރޭ ފެންބޮޑުކޮށްލަންތަ؟..." ބިންޔާ ރޮނީކަން އެނގުނު ނަމަވެސް، އެކަން ނޭނގޭކަމަށް ހަދަމުން، މިޒްޔަލް ސަމާސާކޮށްލިއެވެ. އެ ސަމާސާއިން ބިންޔާއަށް އެއްވެސް އަސަރެއް ނުކުރިއެވެ.

އިސްޖަހައިލިގޮތަށް ބިންޔާ އިނީ އިސްއުފުލައިލަންވެސް ބޭނުން ނުވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިޒްޔަލްގެ ކުރިމަތީގައި އޭނާ ރަނގަޅަށްވެސް ބޭޒާރުވެއްޖެއެވެ. ދުވަހަކު މީހަކަށް އަމިއްލަ އިހުސާސެއް ދައްކަން ބޭނުންނުވާ ބިންޔާ، މިޒްޔަލްގެ ކުރިމަތީގައި ފިނޑިއަކަށްވީއެވެ. ކަރުނަތައް ހިފަހައްޓާނެ ހިތްވަރެއް މިއަދު އޭނާއަކަށް ނުލިބުނެވެ. ބިންޔާގެ ނަޒަރުގައި އެހެން މީހުންގެ ކުރިމަތީގައި އިހުސާސްތައް ހާމަކުރާނީ ފިނޑިންނެވެ.

"ފިޔާ ކޮށައި ދޭންވީތަ؟..." މިޒްޔަލްއަށް ކުރެވުނީ އެފަދަ ވަގުތެއްގައި އޭނާ ކުރަން ބޭނުންވި ސުވާލެއް ނޫނެވެ.

ބިންޔާ އެއްޗެއް ނުބުނުމުން، މިޒްޔަލްގެ ހިތަށް އުނދަގޫވިއެވެ. ހަދާނެގޮތް ހުސްވިއެވެ. ބިންޔާއަށް ހިތްވަރު ދޭން އެތައް އެއްޗެއް ބުނަން އޭނާ ބޭނުންވިއެވެ. އެކަމަކު، ހިތްވަރެއް ނުލިބުނެވެ. ފިޔާތަށި އަލުން ބިންޔާގެ ކައިރީގައި ބެހެއްޓީ، އެ އަންހެން ކުއްޖާ ހުއްޓުވަން ކުރާނެ އިތުރު ކަމެއް ނޭނގުމުންނެވެ. މިޒްޔަލް ބޭރަށް ނުކުމެފައި އެނބުރި އައިއިރު، އަތުގައި ތުވާލިކޮޅެއް އޮތެވެ. އޭގެ ތެރެއަށް އައިސްކިއުބް އެޅުމަށްފަހު، ބިންޔާގެ ކައިރީގައި ބާއްވައިލިއެވެ.

އެތައް ހިތްވަރަކުން މިޒްޔަލް އޭނާގެ އަތް އުފުލައިލިއެވެ. ބިންޔާގެ ބޯމަތީގައި އަތް ބާއްވާލައި، މަޑުމަޑުން ފިރުމައިލީ، ގާތް މީހަކު ފަދައިންނެވެ. އެ ކުޑަކުޑަ އަމަލުން އެކަނިވެސް ބިންޔާއަށް އޭނާގެ އެކަނިވެރިކަން ފިލައިދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. ކަރުނަތަކަށް ހުއްޓުމެއް އައެވެ.

"ބައެއް ކަންކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން... ހިތްވަރު ކުރަންވާނެ..." މިޒްޔަލް ބުނެލިއެވެ.

ބިންޔާ މިޒްޔަލްއަށް ބަލައިލިއެވެ. ރަތްވެ ދުޅަވެފައިވާ ދެލޯ ފެނި، މިޒްޔަލްއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. ބިންޔާ ކަހަލަ ހިތްވަރުގަދަ ކުއްޖަކު ރޯނީ ވަރަށް ބޮޑަށް ހިތުގައި ޖެހުމުން ކަން މިޒްޔަލްއަށް އެނގެއެވެ.

"މިބުނީ ފިޔާނޮޅުން އެއީ އެހާ ފަސޭހަ ކަމެއް ނޫނޭ..." ބިންޔާ ބަލައިލިގޮތުން މިޒްޔަލް ޖެހިލުންވިއެވެ. އަވަސް އަވަހަށް އޭނާގެ އަތް ބިންޔާގެ ބޯމަތިން ނެގިއެވެ. "އަހަރެން ނޮޅައިދެންތަ؟..."

ކަރުނައިގެ ތެރެއިންވެސް ބިންޔާއަށް ހެވުނެވެ. ހަމަޖެހޭގޮތް ދައްކަން އުޅުނަސް، ބައެއް ކަންކަމުގައި މިޒްޔަލް ހާދަ މޮޔައޭ ބިންޔާގެ ހިތަށް އެރިއެވެ.

********

ޒަޔާން އައިސް ގެއަށް ވަންއިރު ނާޒިރާއާއިއެކު ސޯފާގައި ޒުވާން އަންހެން ކުއްޖަކު އިނެވެ. ޒަމާނީ ހެދުމެއްގައި އިން އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ހުރީ ހާމައަށް ފެންނާށެވެ. ޒަޔާން ފެނުމުން ނާޒިރާ ކޮންމެވެސް ވަރަކަށް ސިހުނެވެ. ވައްކަމެއް ކުރަނިކޮށް ފަޅާއެރި ކަހަލައެވެ.

ޒަޔާން ނުތަނަވަސްވެފައި އޭނާގެ މަންމަގެ މޫނަށް ބަލައިލިއެވެ. މަންމަ ކޮންމެވެސް ގޯސްކަމެއް ކުރަން އުޅެނީކަން އެނގުނު ނަމަވެސް، އެއްޗެއް ނުބުނެ އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.

"މިޒްޔަލްއަކީ އެއީތަ؟..." މީރާ ސުވާލުކުރީ ޒަޔާނަށް އިޝާރާތްކޮށްލާފައެވެ.

"އެއީ އަހަރެންގެ ދަރި... އޭނަޔާ ދިމާކުރަން ހިތުވެސް ނުލާތި..." ނާޒިރާ ނުރުހިފައި އިންޒާރު ދިނެވެ.

"އަހަރެންގެ ޓާގެޓަކީ މިޒްޔަލް..." މީރާ އެއްމިޔަކަނުން ހިނިތުންވެލިއެވެ. "ގޯލްޑަން ހިޔާ ރެސްޓޯރެންޓް..."

"މިކަން އޮންނަންވާނީ އަހަރެމެން ދެމީހުންގެ ދެމެދުގަ... އިތުރު އެއްވެސް މީހަކަށް މިކަން އެނގިގެން ނުވާނެ... ހާއްސަކޮށް އަހަރެންގެ ދަރިފުޅަށް..." ނާޒިރާ އިންޒާރު ދިނެވެ. "މިއޮތީ ފުޅި... ކޮންމެ ގޮތެއް ހަދައިގެންވެސް މިޒްޔަލްއަށް މި ބޯންދީ... އޭރުން މީރާގެ ބައި ނިމުނީ..."

"މި އަނެއްކާ ޒަހަރެއްތަ؟..." ފުޅިއަށް ބަލައިލަމުން މީރާ ސުވާލުކޮށްލިއެވެ.

"ކޮންމެ އެއްޗަކަށްވިޔަސް އެއީ މީރާއާ ބެހޭ ކަމެއް ނޫން..." ނާޒިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

ނާޒިރާގެ މުށުތެރޭގައި އޮތް ކުޑަ ބިއްލޫރި ފުޅި މީރާގެ އަތަށް ލައިދިނެވެ. މުށުތެރޭގައި ފުޅި ފޮރުވައިލިއިރު، މީރާގެ ތުންފަތުގައިވީ ވިހަ ހިނިތުންވުމެކެވެ.

**********

ނިދަން އެނދުގައި އޮށޯވެލި މިޒްޔަލްގެ ފޯނަށް މެސެޖެއް އައެވެ. މެސެޖާއިއެކު ފޮނުވާފައި އޮތީ ވީޑިޔޯއެކެވެ. މިޒްޔަލް ވީޑިޔޯ އަޅުވައިލިއެވެ. އެއީ ބިންޔާގެ ގެ ހުންނަ މަގު ފެންނާނޭހެން ހަރުކޮށްފައިވާ ކެމެރާއެއްގެ ސީސީޓީވީ ފުޓޭޖެކެވެ. ވީޑިޔޯއިން ފެންނަނީ، ބިންޔާގެ ފަހަތުން ސަލާހު ދާތަނެވެ. ގަދަކަމުން ބިންޔާއާއި ވާހަކަ ދައްކަން މަސައްކަތްކުރާ ތަނެވެ. ސަލާހުގެ އަމަލުތައް ހުރިގޮތުން މިޒްޔަލްގެ ދެބުމަ ގޮށްޖެހެން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާގެ އަތް މުށްކެވުނެވެ. ވީޑިޔޯ ނިމުނުއިރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. އޭނާ ވަގުތުން ބިންޔާއަށް ގުޅިއެވެ.

ފެންވަރައިގެން އިސްތަށިގަނޑު ހިއްކަމުން ބިންޔާ ނުކުތީ ފާހާނާއިންނެވެ. ބޮލުގައި އަތް ޖައްސައިލުމުންވެސް ބިންޔާގެ ހަނދާނަށް އައީ މިޒްޔަލްގެ ފިރުމައިލުމެވެ. އޯގާތެރިކަމުން ފުރިގެންވީ އެ އަމަލުން ނަގަންވީ މާނައެއް ބިންޔާއަކަށް ނޭނގުނެވެ. އެއީ ދުވަހަކުވެސް އޭނާއަށް މީހެއްގެ ފަރާތުން އިހުސާސް ކުރެވިފައިނުވާފަދަ އޯގާތެރިކަމެކެވެ. މިޒްޔަލްގެ އެ އަމަލުގެ ސަބަބުން ބިންޔާގެ ހިތުގައި ތަފާތު ވިންދެއް ޖަހަން ފަށައިފިއެވެ.

"އަހަރެންގެ ހިތް މިހާ ވަރަށް މި ތެޅެނީ ކީއްވެތަ؟..." ބިންޔާއަށް މޭގައި އަތް ޖައްސައިލެވުނެވެ.

ހުރެވުނީ ހިނިތުންވެލައިގެން ކަން އެނގުނީ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލި ވަގުތު އަމިއްލަ ސޫރަ ފެނުމުންނެވެ. ބިންޔާ ވަގުތުން އަމިއްލަ ނަފުސު ހަމައަކަށް އެޅުވިއެވެ. ދެކޮލުގައި އަތް ޖައްސައި، މަޑުމަޑުން ޖަހައިލިއެވެ.

ފޯނު ރިންގުވާން ފެށުމުން، ބިންޔާއަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއެވެ. މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އެފަދަ ވަގުތެއްގައި އޭނާއަށް ގުޅާނީ އެންމެ މީހެކެވެ. އެއީ ސަލާހެވެ. ފޯނު ނިވާލަން އުޅެފައި ބިންޔާ ފޯނު ނެގިއެވެ.

"އަހަރެން ހިއެއް ނުކުރަން ބިންޔާ ފޯނު ނަގާނެ ކަމަކަށް..." ސަލާހު ބުންޏެވެ.

"ކީއްކުރަން ތި ގުޅީ؟...." ބިންޔާ ވާހަކަ ދެއްކީ ރުންކުރު ރާގަކަށެވެ.

"އަހަރެން ވާހަކަ ދައްކަން ހަމަ އެންމެ ޗާންސެއް ނަމަވެސް ނުދޭނަންތަ؟..." ސަލާހު އާދޭހާއިއެކު ބުނެލިއެވެ.

"ނިދަން މިއުޅެނީ..." ބިންޔާ ގަދަކަމުން އާފުރުނެވެ.

"ބިންޔާ... އަހަންނަށް އެނގޭ ބިންޔާ އަހަރެންދެކެ ރުޅި އަންނާނެކަން... ފޫހިވާނެ ކަންވެސް... އެކަމަކު ކުށް ކުރެވޭނީވެސް އިންސާނުންނަށް... އަހަންނަށް ވިސްނިއްޖެ، އަހަރެން ހަގީގީ ލޯބިވަނީ ބިންޔާދެކެ ކަން އެނގިއްޖެ..." ސަލާހު އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

ފޯނެއް އަންނަކަން އެނގުމުން، ބިންޔާ އިސްކުރީން ބަލައިލިއެވެ. މިޒްޔަލްގެ ނަން އަރާފައި އޮތުމުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އަނެއްކާ ބަދިގޭގައި ރޯވީ ބާއޭ ބިންޔާގެ ހިތަށް އެރިއެވެ. ބިންޔާގެ ހިތް ތެޅިގަތެވެ.

"ފޯނެއް އެބައާދޭ..." ބިންޔާ ބުނެލިއެވެ. "ދެން ބާއްވަނީ..."

ސަލާހު ވާހަކަ ދައްކަދައްކާ ހުއްޓާ، ބިންޔާ މިޒްޔަލްގެ ކޯލު ނެގިއެވެ.

"މިހާ ދަންވަރު ކާކަށް ގުޅައިގެން؟..." މިޒްޔަލް ފުރަތަމަވެސް ކުރީ ސުވާލެކެވެ.

"ކީއްވެ މިގަޑީ ތި ގުޅީ؟..." ބިންޔާވެސް ކުރީ ސުވާލެކެވެ.

"ކިހިނެއްވީ؟... އެހެން މީހުންވެސް ގުޅަނީނު؟..." ބިންޔާ ފޯނެއްގައި ހުރިކަން އެނގުމުން މިޒްޔަލްގެ ތަބީއަތު ވަނީ ހަރާބުވެފައެވެ.

"ބޮޑުކަމެއް ވީ ކަމަށް ހީކުރީ..." ބިންޔާ ބުނެލިއެވެ.

"އާނ... ބޮޑު ކަމެއްވެއްޖެ..." މިޒްޔަލް ބުންޏެވެ. "ބަދިގޭގެ ބޮކިތައް ނިވާނުލައެއްނު ދިޔައީ... ނޭނގޭތަ ކަރަންޓު ބިލު ބޮޑުވާނެ ކަމެއް... ބޮސްއަށް އެނގިއްޖެއްޔާ ކިހާ ރުޅި އަންނާނެ..."

"ނިވާނުލާތަ އާދެވުނީ؟.... އެކަމަކު، ނިވާލެވުނު ހަނދާން އެބަވޭ..." ހަނދާންކޮށްލަމުން ބިންޔާ ވާހަކަ ދެއްކިއެވެ. "އޯކޭ... މިދަނީ ނިވާލަން... ގުޑް ނައިޓް..."

"ވެއިޓް..." މިޒްޔަލް އަވަސް އަވަހަށް ބުނެލިއެވެ. އެކަމަކު އޭގެ ކުރިން ބިންޔާ ފޯނު ކަނޑާލައިފިއެވެ. މިޒްޔަލްގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ އަނެއްކާވެސް ބިންޔާއަށް ގުޅިއެވެ.

"މިހާރު ކިހިނެއްވީ؟..." ބިންޔާ ސުވާލުކުރިއެވެ.

"އަހަރެން މިއައީ ބޮކިތައް ނިވާލާފަ..." މިޒްޔަލް ބުންޏެވެ.

"އޯކޭ ތޭންކްސް..." ބިންޔާ އުޅުނީ ފޯނު ބާއްވާށެވެ.

"ކީއްކުރަން އެވަރު މީހަކާ ވާހަކަ ދެއްކީ؟..." މިޒްޔަލްގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ކަންތަކުގެ ޝަކުވާ ކުރެވުނެވެ.

"އޭނ؟..." ބިންޔާ ހުރީ ވާނުވާ ނޭނގިފައެވެ.

ބުނެވުނު އެއްޗެއް ރޭކައިލުމުން މިޒްޔަލް އަވަހަށް ފޯނު ކަނޑައިލިއެވެ. ބިންޔާގެ ކަމެއްގައި ރުޅިގަދަވާން މިޒްޔަލްއަށް އޮތީ ކޮން ހައްގެއްތޯ އަމިއްލަ ހިތާއި އޭނާ ސުވާލުކުރިއެވެ.

ބިންޔާ ވާނުވާ ނޭނގިފައި ދެކޮނޑު އަރުވައިލިއެވެ. މިޒްޔަލް ބުނި އެއްޗެއް ނޭނގިގެން އޭނާ އެތައް އިރަކު ވިސްނަން ހުއްޓެވެ.

ކޮމެންޓް 0