ލީޒާ އިތުރު އެއްޗެއް ބުނުމުގެ ކުރިން މިޒްޔަލް ހިނގައިގަތެވެ. ބިންޔާ ކްލިނިކުން ނުކުތްތަން ފެނުމުން، އޭނާއަށް އިތުރަށް މަޑުނުކުރެވުނީއެވެ. މިޒްޔަލް ނުކުތްއިރު ބިންޔާ ފެންނަންވެސް ނެތެވެ. އެހާ އަވަހަށް ބިންޔާއަށް މަގު ހުރަސް ނުކުރެވޭނެކަން މިޒްޔަލަށް ޔަގީނެވެ.

********

ގެއަށް އައި އިރުވެސް މިޒްޔަލްއަށް ހުރެވުނީ ބިންޔާގެ ހިޔާލުގައެވެ. ބިންޔާއަށް އެވަރުގެ އަނިޔާއެއް ދޭނީ ކާކު ހެއްޔެވެ؟ އެމީހަކުދެކެ ބިންޔާ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ އެހެން މީހަކަށް ބިންޔާ އިތުބާރު ނުކުރާ ސަބަބަކީ އެމީހެއްގެ ފަރާތުން ކުރިމަތިވާ އަނިޔާ ކަމުގައި ވެދާނެކަމަށް މިޒްޔަލަށް ގަބޫލުކުރެވުނެވެ. ބިންޔާއާއިމެދު އެހާ ރަހުމުކުޑަ ގޮތަކަށް ކަންތައް ކުރި މީހަކު ހޯދާ އެމީހަކަށް ރަނގަޅު ފިލާވަޅެއް ދޭން މިޒްޔަލް ބޭނުންވެއެވެ. އަންހެން ކުދިން ނިކަމެތިކުރާ މީހުންނަށް މިޒްޔަލް އަބަދުވެސް ނަފުރަތު ކުރެއެވެ. އެންމެން މިޒްޔަލްއާއި ދެކޮޅަށް ތެދުވިޔަސް، ބިންޔާއަށް ހިމާޔަތް ދޭ މީހަކީ މިޒްޔަލް ކަމުގައި ވާން އޭނާ ބޭނުންވިއެވެ.

ސިޓިންގްރޫމުގައި ބަޔަކު ތިބި ކަން މިޒްޔަލަށް އެނގުނީ، ސަރަފިއްޔާ ގޮވާލި އަޑު އިވުމުންނެވެ. މާމަގެ ކައިރީގައި ތިބި އަމަން އާއި ޝިމާޢު ފެނުމުން، މިޒްޔަލްއަށް ތެޅިގަނެވުނެވެ. އެމީހުން އައިސް ތިބީ ކީއްކުރަން ކަން އޭނާއަށް އެނގޭ ކަހަލައެވެ. ވަގުތުން ލޮލުގެ އިޝާރާތުން މާމައަށް އެއްވެސް ވާހަކައެއް ކިޔައި ނުދިނުމަށް އެދުނެވެ.

"ދަރިފުޅު ހާދަ ވަރަކަށް ބޭރުގަ ތިއުޅެނީ؟..." އެއްޗެއް ޔަގީންކޮށްލާ ފަދައިން ސަރަފިއްޔާ އަހައިލިއެވެ. "މާމައަށް އެންމެ ރަނގަޅޭ ދަރިފުޅުމެން ގޭގަ ތިއްބަސް..."

"އޭނ؟..." ސަރަފިއްޔާ ބުނި އެއްޗެއް ނޭނގިގެން މިޒްޔަލަށް އަހައިލެވުނެވެ.

އަމަން ބޯ ކަހައިލިއިރު، ޝިމާޢު އެހެން ދިމާއަކަށް އެނބުރިގެން އިނެވެ. އެ ދެ މީހުން ކޮންމެވެސް ވާހަކައެއް ދެއްކީކަން އެނގުމުން، މިޒްޔަލްއަށް ދެބުމަ ކައިރިކޮށްލެވުނެވެ. ސަރަފިއްޔާގެ ކައިރީގައި އިށީނދެފައި، އެ ދެމީހުންނަށް އޭނާ ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ.

"ދަރިފުޅު މިހާރު ތީ މީހަކާ އިންނަވަރުވެފަ ހުރި ކުއްޖެއް ކަން ބައްޕައަށް ވެސް އެނގިލައްވާނެ... އެއްވެސް މީހަކު މައްސަލައެއް ނުޖައްސާނެ ދަރިފުޅު އެކުއްޖާ މިގެއަށް ގެނެސްގެން އުޅުނަސް..." ސަރަފިއްޔާގެ އަޑުގައިވީ އޯގާތެރިކަމެވެ. "މާދަމާ ވާނެ ކޮންމެހެންވެސް އޭނަ މާމަ ކައިރިއަށް ގެންނަން... ދަރިފުޅު ނުގެންނަންޏާ، މާމަ ހިނގައިދާނަމޭ..."

"މާމާ، އަޅުގަނޑު އަދި..." މިޒްޔަލްގެ ޖުމުލަ ފުރިހަމަނުވަނީސް ޝިމާޢު ވާހަކަ ދައްކަން ފެށިއެވެ.

"އަޅުގަނޑު މިހުރީ މާމަގެ ހިދުމަތުގަ... މިޒްޔަލް ލަދުރަކި ކަމުން އެއްކަމެއްވެސް ނުވާނެ... މާދަމާ އެކުއްޖާ ކައިރިއަށް މާމަ ގެންދާނީ އަޅުގަނޑު...." ޝިމާޢު ބުންޏެވެ.

"މާމަ ދަރިފުޅަށްވުރެ، ތިކުދިންވެސް މާމައަށް މާ ރަނގަޅޭ..." ސަރަފިއްޔާ ޝިމާޢުގެ ބުރަކަށީގައި ފިރުމައިލިއެވެ. "މާމަގެ މިޒްޔަލަށް މިވާ ގޮތެއް ނޭނގެ..."

"މިހާ ލޯބި މާމައެއް އަޅުގަނޑަށްވެސް ލިބުނުނަމަ.... ޔަގީން ހުރިހާ ވާހަކައެއް މާމައާ ޝެއާކުރާނަން ކަން...." މިޒްޔަލް ރުޅި އަރުވައިލުމުގެ ގޮތުން ޝިމާޢު ބުނެލިއެވެ.

މިޒްޔަލަށް އެތަނުގައި އިނދެވުނީއެއްވެސް ނޫނެވެ. އެކަމަކު، ސަރަފިއްޔާގެ ކުރިމަތީގައި އޭނާއަށް އެއްކަމެއްވެސް ކުރާކަށް ނުކެރުނެވެ. ޝިމާޢު އާއި އަމަން ނުކުމެގެން ދަންދެންވެސް އޭނާއަށް ޖެހުނީ މަޑުން އިންނާށެވެ.

********

ރޭގަނޑުގެ ނިދި ބިންޔާއަށާއި، މިޒްޔަލަށް އަލްވަދާއު ކިޔާފައިވާ ކަހަލައެވެ. މިޒްޔަލް ފޯނު ނަގައި އެތައް ފަހަރަކު ބިންޔާއަށް މެސެޖުކުރަން މަސައްކަތް ކުރިއެވެ. ބިންޔާ އޮތީ ފިކުރެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ. މިޒްޔަލަށް ހަގީގަތް އެނގުމުން ދެން ވާނީ ކިހިނެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން މީހުންގެ ކުރިމަތީގައި ބިންޔާއަކީ ކެރޭ ހިތްވަރުގަދަ މީހެކެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ހާމަވާކަށް ބިންޔާ އެއް އިރެއްގައިވެސް ނޭދެއެވެ. އެހެން މީހެއްގެ ހަމްދަރުދީއަށް ޖާގަދޭކަށް އަމުދުން އެހިތެއް ނޭދެއެވެ. އެކަމަކު، ހުރިހާ ކަމެއް ވެ ނިމިދިޔައީ، އޭނާގެ ކޮޅު ބަލިވެގެންނެވެ. ކޮންމެވެސް ސިފައެއްގައި މިޒްޔަލްއަށް ހަގީގަތް އެނގުނީއެވެ. އޭނާގެ ކޮންމެ ކަމެއް މިޒްޔަލްއަށް އެނގޭތީ، އެކަމާއިވެސް ބިންޔާއަށް ފިކުރު ކުރެވުނެވެ. ޔަގީނުންވެސް ދެން މިޒްޔަލްއާއި ކުރިމަތިލާން ބިންޔާއަށް ފަސޭހައެއް ނުވާނެއެވެ.

"ބައްޕާ!... ބައްޕަ ދުނިޔޭގަ ހުރިނަމަ..." ދެލޯ މަރާލަމުން ބިންޔާ އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. "ބައްޕަ ހުރިނަމަ، މިއަދު އަހަރެން މިހާލުގަ އުޅޭކަށް ނުޖެހުނީސް ކަންނޭނގެ..."

ފޯނަށް މެސެޖެއް އައުމުން، ބިންޔާ ފޯނު ބަލައިލިއެވެ. ދެލޮލުގައި ގިނަވެފައި ހުރި ކަރުނަތަކާއިއެކު އޭނާއަށް މެސެޖު ފެނުނީ ފުސްކޮށެވެ. އެއީ މިޒްޔަލްގެ މެސެޖެކެވެ. ކަރުނަތައް ފޮހެލާފައި ބަލައިލުމުގެ ކުރިން މިޒްޔަލް އެ މެސެޖު ފޮހެލައިފިއެވެ.

"ޝިޓް... ޝިޓް... ޝިޓް..." މިޒްޔަލް ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައެވެ.

ޔަގީނުންވެސް މިޒްޔަލް މެސެޖު ފޮހެލުމުގެ ކުރިން ބިންޔާ އެ މެސެޖު ބެލިކަން އެނގުނެވެ. މިޒްޔަލް ހާސްވީ އެ މެސެޖުގެ ސަބަބުން ބިންޔާ ހިތްހަމަނުޖެހިދާނެތީއެވެ.

ބިންޔާ ތެދުވެގެން ގޮސް ދަބަސް ހުޅުވައިލިއެވެ. އޭގެ ތެރެއިން އޭނާ ނެގީ އާސިފްގެ ފޯނެވެ. ބިންޔާގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެވެ. އެ ފޯނު ބިންޔާގެ އަތުގައި އޮތްހާ ހިނދަކު، އާސިފު ބޭނުންހާ ގޮތެއް ބިންޔާއަށް ނުހެދޭނެކަން އޭނާއަށް އެނގެއެވެ.

********

ސުދީރު ދިޔުމުން އެންމެން ބަހުސް ކުރަންފެށީ، އެ މަގާމަށް އަންނަ މީހާއާއި ބެހޭގޮތުންނެވެ. ތަރުކާރީ ކޮށަން ހުރި ބިންޔާގެ އެއްވެސް ޝައުޤުވެރިކަމެއް އެ ވާހަކައަކަށް ނެތެވެ. އެމީހުންގެ ބަހުސް އަޑު އަހަން ހުރި އާރިފް އައިސް ބިންޔާގެ މަސައްކަތުގައި ބައިވެރިވިއެވެ.

"އެބަ އާދޭ ވަރަށް މޮޅު ކައްކާއެއް... ކެއްކުމުގެ ދާއިރާއިން ރާއްޖެއިން ބޭރުގަ ކޯހެއްވެސް ހަދާފަޔޯ ހުރީ... މީހުން ކިޔާ އެއީ އާދައިގެ މީހެއް ނޫނޭ... ކޮންމެވެސް މަތީ ވަޒީފާއެއްގަޔޯ އުޅެނީ.... އެކަމަކު، ނޭނގެ އެހާ މަތީ ފެންވަރެއްގެ މީހަކު ކައްކާއަކަށް މިކަހަލަ ތާކަށް އަންނަންވީ ކީއްވެ ކަމެއް..." އާރިފް ތަފްސީލް ދިނެވެ.

ބިންޔާ ހަމައެކަނި ބޯ ޖަހައިލީއެވެ. ވަޒީފާއަށް ވަނުމުގެ ކުރިން ބިންޔާ ލޯބިކުރީ އެކަނިވެރިކަމަށެވެ. އެކަމަކު އެންމެންނާއިއެކު އުޅެން ފެށި ފަހުން، ބިންޔާއަށް މާ ބޮޑަށް އެހެން މީހުންނާއި ގުޅުން ބަދަހިކުރެވުނީއެވެ. އެއީ ރަނގަޅު ކަމެއް ނޫންހެން ބިންޔާއަށް ހީވަނީއެވެ. އެމީހުންނާއި ވަކިވާންޖެހޭ ދުވަހެއް އަތުވެއްޖެނަމަ، އޭނާ މާ ބޮޑަށް ހިތުގައި ޖެހޭނެއެވެ.

"އަދިވެސް އެކަމާ ވިސްނަނީތަ؟..." ބިންޔާ ހުރިގޮތުން އާރިފް ސުވާލުކުރިއެވެ. "ސުދީރަށް ދިމާވި އެއްވެސް ކަމެއްގަ ބިންޔާގެ އެއްވެސް ކުށެއް ނެތް... ބިންޔާ ވާނެ އެކަން ގަބޫލުކުރަން..."

"މީހަކު ހުންނަ ގޮތަކުން މީހެއްގެ ގޮތެއް ނޭނގޭނެ..." ބިންޔާ ބުނީ މާނަފުން ޖުމުލައެކެވެ.

"ވަރަށް ރަނގަޅު ވާހަކައެއް...." ދާދި ކައިރިން އިވުނު އަޑަކުން ބިންޔާ ދިޔައީ ސިއްސައިގެންނެވެ.

ބިންޔާ ދެލޯ ބޮޑުކޮށްލަމުން ފަސްއެނބުރި ބަލައިލީ ޔަގީން ނުވެގެންނެވެ. ފާޑަކަށް ހިނިތުންވެލައިގެން މިޒްޔަލް ހުރީ އޭނާއާއި ދާދި ގާތުގައެވެ. ބަދިގެތެރޭގައި އުޅެމުންދިޔަ މީހުންނަށް އަވަސް ނަޒަރެއް ދީފައި، މިޒްޔަލްގެ އަތުގައި ހިފައިގެން ބިންޔާ ނުކުތީ، ބޭރަށެވެ.

"ކީއްކުރަން ބަދިގެއަށް ތި ވަނީ؟..." ބިންޔާ ހުރީ ހާސްވެފައެވެ. "މީހަކު މައްސަލަ ޖައްސައިފިއްޔާ ކިހިނެއްވާނީ؟.... މީ އަމިއްލަ ތަނެއް ނޫނޭ..."

"އަމިއްލަ ތަނަކަށް ވެއްޖެއްޔާ؟..." މިޒްޔަލް ލާނެތް ގޮތަކަށް އަހައިލިއެވެ.

"ދެންވެސް އަވަހަށް ދޭބަލަ..." ބިންޔާ ދެކޮޅު ހޯދައިލަމުން ބުންޏެވެ.

"އަހަންނަށް ކަމެއް ވެދާނެތީ، އެހާ ހާސްވޭތަ؟.... ކީއްވެ؟..." މިޒްޔަލްގެ ތުންފަތަށް ވެރިވީ، ކާމިޔާބީގެ ހިނިތުންވުމެކެވެ.

ބިންޔާ ހުރީ، މިޒްޔަލްގެ ގައިގައި އަތް ޖައްސާލައިގެންނެވެ. އެ ކަން އެނގުމުން، ބިންޔާ އަވަސް އަވަހަށް މިޒްޔަލްގެ ގައިން ދޫކޮށްލިއެވެ. މިޒްޔަލް ބުނީ ތެދެކެވެ. މިޒްޔަލްއަށް ކަމެއް ވެދާނެތީ އޭނާ ހާސްވާންވީ ކީއްވެ ހެއްޔެވެ؟ އެއީ އޭގެ ކުރިން ބިންޔާއަށް ވީގޮތެއް ނޫނެވެ.

"އެހެން މީހަކާ ދޭތެރޭ ނުވިސްނަން... އަހަރެން ވިސްނަނީ ހަމައެކަނި އަހަންނާ ދޭތެރޭ... އަހަރެން ކަންބޮޑުވަނީ އެންމެ ކަމަކާ.... އެއީ އަހަރެންގެ ވަޒީފާ ގެއްލިދާނެތީ..." ބިންޔާ ހަމަޖެހޭގޮތް ދައްކައިލިއެވެ.

"ވާހަކައެއް އަހާލަންތަ؟... ރޭގަ މެސެޖު..." މިޒްޔަލް އެއްޗެއް ބުނަން އުޅުނެވެ.

"ނުފެނޭ..." ހާސްވީ ވަރުން ބިންޔާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ބިންޔާ ބުނި ރާގުންވެސް އޭނާއަށް މެސެޖު ފެނުނުކަން މިޒްޔަލްއަށް އެނގުނެވެ. މިޒްޔަލްއަށް ހަމަޖެހުމެއް ލިބުނީ ބިންޔާ ރުޅި ނާންނަކަން އެނގުމުންނެވެ.

ރަތް ކުލައިގެ ހިތަކާއިއެކު، މިޒްޔަލް ފޮނުވި މެސެޖުގައި އޮތީ، ބިންޔާއަށް ދެރަގޮތެއް ނުހަދާނެކަމާއި، ހިމާޔަތުގައި ހުރުމުގެ ހުއްދަ ދިނުމަށް އެދިފައެވެ.

"މެސެޖުގެ ޖަވާބު ލިބުނީ ޕޮޒިޓިވްކޮށް ކަމަށް މި ގަބޫލުކުރަނީ..." މިޒްޔަލް ބުނެލިއެވެ.

ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ވަނުމުން، މިޒްޔަލްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ބިންޔާއަށް ވީގޮތުން އޭނާ ކުރި މެސެޖު ބިންޔާއަށް ފެނުނުކަން ޔަގީންވިއެވެ.

ބިންޔާގެ ފަހަތުން މިޒްޔަލް ބަދިގެއަށް ވަނެވެ. ބިންޔާ އެއްޗެއް ބުނުމުގެ ކުރިން މިޒްޔަލް އޭނާގެ ތައާރަފެއް ދިނެވެ. ސުދީރުގެ ބަދަލުގައި ތަނާއި ހަވާލުވީ އޭނާ ކަމުގައި ބުންޏެވެ. ބިންޔާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޔަގީނުންވެސް މިޒްޔަލް އެތަނަށް އައުމުގެ ފަހަތުގައި ވަނީ، ބިންޔާއެވެ. އެކަން މިޒްޔަލް ރޭގައި ފޮނުވި މެސެޖުންވެސް ބިންޔާއަށް ޔަގީންވިއެވެ. ބިންޔާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުނު ނަމަވެސް ކަރުނަތައް ހިންދައިލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. ހުރިހާ ކަމެއް ދޫކޮށްފައި މިޒްޔަލް އެއައީ އޭނާގެ ހިމާޔަތަށްޓަކައި ހެއްޔެވެ؟ އެފަދަ މާތް އިންސާނުންވެސް ދުނިޔޭގައި އުޅޭ ހެއްޔެވެ؟

"އަނގަލައްޕާ، މެއްސެއް ވަދެދާނެ..." ހަމައެކަނި ބިންޔާއަށް އިވޭ ވަރަށް މިޒްޔަލް ބުނެލިއެވެ. "އަދި މާ ބޮޑެތި ސަޕްރައިޒްތައްވެސް އެބަހުރި..."

*********

ބިންޔާ އާއި ބައްދަލުކުރަން ސަރަފިއްޔާ ރެސްޓޯރެންޓަށް ދިޔައީ މިޒްޔަލް ނެތް ގަޑި ބަލާފައެވެ. ކާއެއްޗަކަށް އޯޑަރު ދީފައި ސަރަފިއްޔާ މަޑުކޮށްލައިގެން އިންއިރު، ތަންކޮޅެއް ދުރުގައި ޝިމާޢު އާއި އަމަން ބަލަން ތިއްބެވެ. ބިންޔާ ތަށިތައް ހިފައިގެން އައިސް ސަރަފިއްޔާގެ ކުރިމަތީގައި އަތުރައިލިއެވެ.

ކޮމެންޓް 0