މިޒްޔަލް ހުރީ ބިންޔާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައެވެ. ޕާރުސަލުގައި އޮތް އެއްޗެއްގެ ވާހަކަ ބިންޔާ އަހައިފިނަމަ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ތޮއްޑޫއަށް ދާން ލޯންޗަށް އެރި އިރުވެސް މިޒްޔަލް ސަމީރާގެ ވާހަކަ ނޭހުމުން، ބިންޔާ ހުރީ ނުތަނަވަސްވެފައެވެ. މިޒްޔަލް ޕާރުސަލު ނުކަނޑަނީ ހެއްޔެވެ؟ ސަމީރާގެ އަނގޮޓި ޕާރސަލްކޮށްފައި މިޒްޔަލްގެ އުފަންދުވަހު އޭނާ ދިނީ، ސަބަބެއް އޮތީމައެވެ. އެ އަނގޮޓިއަކީ މިޒްޔަލްގެ މަންމަގެ އެއްޗެއްކަން މިޒްޔަލްއަށް އެނގޭކަން ބިންޔާއަށް އެނގެއެވެ. ވީއިރު، އެ ލިބުމުން، މަންމަގެ ވާހަކަ މިޒްޔަލް ނޭހީ ކީއްވެ ހެއްޔެވެ؟

********

ކޮށިގަނޑަށް ހާޒިރުކޮށްފައިވާ ކުށްވެރިއެއްހެން ޝިމާޢުގެ ކުރިމަތީގައި މީރާ ހުއްޓެވެ. ކުއްލިއަކަށް ކުރިމަތިވި ސުވާލަކުން މީރާގެ ހިއްސުތައް މަސައްކަތްކުރުން ހުއްޓާލާފައިވާ ކަހަލައެވެ. ޝިމާޢުގެ ކުރިމަތީގައި މީރާއަކީ މުޅީން އެހެން މީހެކެވެ. ހާސްވެގެން މީރާގެ ނިތްކުރިމަތިން ދާ ހިއްލާލިއެވެ.

"ދޮންބެ އެބަ ސުވާލެއް ކުރަމޭ..." ޝިމާޢު ކުރިއަށްވުރެ ބާރަށް ވާހަކަ ދެއްކިއެވެ. "ފިރިހެނެއްގެ ކޮޓަރީގަ މީއްކޮ ހުންނަންޖެހޭ އެއްވެސް ސަބަބެއް ދޮންބެއަކަށް ނުވިސްނޭ... ކާކު މީއްކޮ އެތަނަށް ވެއްދީ؟..."

"ސޮރީ..." މީރާ އިސްޖަހައިލިއެވެ. "ދެން އެކަހަލަ ކަމެއް ނުކުރާނަން..."

"އަދިވެސް ދޮންބެ ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު..." ޝިމާޢު ހުރީ ދޫކުރާގޮތަކަށް ނޫނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މީރާ އުޅުނީ އެކުވެރިންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭ ކަހަލަ ގޮތަކަށެވެ. ކިތަންމެ ގާތް އެކުވެރިއެއް ކަމުގައިވިޔަސް، އޭނާ އަބަދުވެސް އެކުވެރިންނަށް އިހުތިރާމު ކުރެއެވެ.

"ބުނެފިއްޔާ ދޮންބެ ރުޅި އަންނާނަންތަ؟..." މީރާ އިސްއުފުލައި ޝިމާޢުގެ މޫނަށް ބަލައިލިއެވެ.

"ދޮންބެ ރުޅި އަންނާނީ ދޮގު ހެދީމަ..." ޝިމާޢު ބުންޏެވެ.

"އައި ލައިކް ހިމް..." މީރާ ދިނީ ޝިމާޢު ކުޑަކޮށްވެސް އުއްމީދުކޮށްގެން ހުރި ކަހަލަ ޖަވާބެއް ނޫނެވެ. "ދޮންބޭ، އަހަންނަށް މިޒްޔަލްދެކެ ލައިކްވެވިއްޖެ... ދޮންބެ މީއްކޮއަށް ހެލްޕްވާނަންތަ؟..."

********

ލޯންޗުގެ ދެފަރާތުގައި ގޮނޑި ޖަހާފައިވާއިރު، ކޮންމެ ފަރާތެއްގައި ހުރީ ތިން ގޮނޑިއެވެ. އަތުގައި އޮތް ޓިކެޓުކޮޅަށް ބަލައިލުމަށްފަހު، ބިންޔާ ގޮސް އޭނާގެ ޝީޓުގައި ހަމަޖެހިލިއެވެ. ބިއްލޫރިގަނޑު ކަހާލުމާއިއެކު، ޖެހެން ފެށި ފިނި ރޯޅިތަކުން ބިންޔާއަށް އަރާމުވިއެވެ. އެފަދަ ތާޒާ ވައިރޯޅިއެއްގެ އަރާމު އޭނާއަށް އިހުސާސް ނުކުރެވޭތާ އެތައް ދުވަހެކެވެ.

ކޮންމެވެސް މީހަކު ކައިރީގައި އިށީންކަން އެނގުނު ނަމަވެސް، ބިންޔާ އެމީހަކަށް ބަލައެއް ނުލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ މޫދަށެވެ. ކަނޑުދެކެ ބިރުގަންނާތީ، ބިންޔާގެ ހިތް އޮތީ ނުތަނަވަސްވެފައެވެ.

"ހާއި... ތޮއްޑޫއަށް ދަނީތަ؟..." ދާދި ކައިރިން ސަލާހުގެ އަޑު އިވުމުން ބިންޔާގެ ދެލޯ ބޮޑުވިއެވެ. "އަހަރެން ދާކަށް އެނގޭތީތަ ތިއައީ؟..."

ސަލާހު އިނީ ބިންޔާއާއި ޖެހި ފިތިގެންނެވެ. ބިންޔާ ބަލައިލުމުން ހިނިތުންވެލިއެވެ. ބިންޔާގެ ދެބުމަ ގޮށްޖެހެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"މީ އިއްތިފާގެއް..." ބިންޔާ ބަލަން އިންގޮތުން ސަލާހު ޖެހިލުންވިއެވެ. "ހަމަ އަސްލުވެސް... އަހަރެން ހީކުރީ އަހަރެން އަންނަކަށް އެނގިގެން އަހަންނާއެކީ ދާން...."

"ވަޓް؟..." ބިންޔާ ދަތްކުނޑި ވިކައިލިއެވެ. ރުޅިގަދަވެގެން އޭނާގެ މުޅި މޫނު ރަތްވިއެވެ.

"އޯކޭ އޯކޭ... އެހެން ބުނި އެއްޗެއް ނޫނޭ..." ސަލާހު އަވަސް އަވަހަށް ބުނެލިއެވެ.

ވަގުތުން އެތަނުން ތެދުވެގެން ދާން ބިންޔާ މަސައްކަތް ކުރިއެވެ. ޖާގައިގެ ދަތިކަމާއިއެކު، ސަލާހު ކައިރީގައި އިނުމުން، ތެދުވެގެން ދާކަށް ފަސޭހައެއް ނުވިއެވެ. އަނެއްކޮޅުން ސަލާހު އިނީ ބިންޔާއަށް އެ ފުރުސަތު ނުދޭން، އުނގުމައްޗަށް ދަބަހެއް ލައިގެންނެވެ. ގޮތް ހުސްވެގެން ބިންޔާ އިށީނެވެ. ސަލާހާއި ވީހާވެސް ދުރަށް ޖެހިލުމަށްފަހު، ބިއްލޫރިގަނޑުން ބޭރު ބަލަން ފެށިއެވެ.

"އެކްސްކިއުޒް... ތީ އަހަރެންގެ ޝީޓު..." މިޒްޔަލްގެ އަޑަށް ބިންޔާ އާއި ސަލާހު ބަލައިލީ އެއްފަހަރާއެވެ.

ސަލާހު ފެނުމުން މިޒްޔަލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ ބިންޔާގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.

"މައި ޝީޓް...." މިޒްޔަލް އޭނާގެ އަތުގައި އޮތް ޓިކެޓު ސަލާހަށް ދެއްކިއެވެ.

"އެހެން ތާކު އިންނަންވީނު ދޯ... ލޯންޗު މިއޮތީ ހުސްކޮށްނޭ..." ހުސްކޮށް ހުރި ޝީޓުތަކަށް ބަލައިލަމުން ސަލާހު ބުނެލިއެވެ.

މިޒްޔަލް ލޯންޗުގެ ފަޅުވެރިއަކަށް ގޮވިއެވެ. ޝީޓު ނުލިބުމުން އެކަމުގެ ޝަކުވާކުރިއެވެ. އެހެން ތަނެއްގައި އިށީނުމަށް ފަޅުވެރިޔާ ބުނުމުންވެސް މިޒްޔަލް އެގޮތް ބޭނުމެއް ނުވިއެވެ. އޭނާ ހުއްޓީ ސަލާހުގެ ޖާގަ އަތުލުމަށްފަހުގައެވެ. ލޯންޗުގައި ތިބި މީހުން ހީހީފައި މިޒްޔަލްގެ ވާހަކަ ދެއްކިއެވެ. ބިންޔާވެސް އިނީ ގަބޫލުނުކުރެވިފައެވެ. އެއީ ދުވަހަކުވެސް މިޒްޔަލް އުޅުނު ގޮތެއް ނޫނެވެ. އެކަން ހުދު މިޒްޔަލަށްވެސް ގަބޫލު ކުރެވުނެވެ.

"ކޮންމެ ކަމެއްގަވެސް ރޫލްސް ފޮލޯކުރަންވާނެ... ނޫންތަ؟..." ބިންޔާގެ ކައިރީގައި އިށީންނަމުން މިޒްޔަލް ބުނެލިއެވެ.

ބިންޔާ ފާޑަކަށް ހީލަމުން ބޯޖަހައިލީ މިޒްޔަލްގެ މޮޔަކަމަށް ހިތާއިހިތުން މަލާމާތް ކުރަމުންނެވެ. މިޒްޔަލް އެހާ ވަރުން އެ ޝީޓު އަތުލީ ސަލާހު އެތަނުގައި އިނުމުން ކަން ބިންޔާއަށް ވިސްނުނެވެ. އެކަން ނާންގަން މިޒްޔަލް ދެއްކީ މޮޔަ އުޒުރެކެވެ. ސަލާހުގެ ކަންތައް މާ ބޮޑެވެ. ހުސްކޮށް ގޮނޑިތައް ހުރި އިރުވެސް އެހެން ތާކަށް ދާކަށް ނޫޅުނެވެ. އޭނާ އިށީނީ މިޒްޔަލާއި ޖެހިގެހުރި ޝީޓުގައެވެ. ދެމީހުން އެކަކު އަނެކަކަށް ކުދި ޖެއްސުން ކުރާ ތަން ފެނުމުން، ބިންޔާ އިނީ ހިނިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ. މިޒްޔަލްގެ އެ ސިފަ ފެނުނީ އަލަށް ނަމަވެސް، ބިންޔާއަށް އެސިފަ ކަމުދިޔައެވެ.

ޒަޔާނާއި އެކުގައިހެން މީރާ ލޯންޗަށް އެރިތަން ފެނުމުން މިޒްޔަލްގެ ތަބީއަތު ހަރާބުވިއެވެ. އޭނާ އެދެމީހުންގެ މޫނަށް ވަކިވަކީން ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. މީރާއަށް ހިތްވަރުދޭ މީހަކީ ޒަޔާން ހެއްޔެވެ؟ އެ ދެމީހުންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ. މީރާ އެ ދަތުރުގައި ބައިވެރިވުން އެއީ ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ހެއްކެކެވެ. މީރާގެ ނިޔަތް ރަނގަޅު ނޫންކަން މިޒްޔަލަށް އެނގެއެވެ. އޭނާ ނުތަނަވަސްވީ، މީރާގެ މިޒާޖުގެ ސަބަބުންނެވެ. ކޮންމެފަދަ ކަމެއް ކުރާކަށްވެސް އެފަދަ ކުދިން ފަހެއް ނުޖެހޭނެއެވެ. މީރާ ގޮސް އިށީނީ ޒަޔާނުގެ ކައިރީގައެވެ.

ލޯންޗު ދުއްވައިލުމާއިއެކު ލިބުނު ސިހުމުގައި ބިންޔާއަށް ހިފަހައްޓައިލެވުނީ މިޒްޔަލްގެ ފައިގެ ފަލަމަސްގަނޑުގައެވެ. އެ މަންޒަރު ފެނުމުން، ސަލާހުގެ ނޭވާ އަވަސްވިއެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން މިޒްޔަލްގެ މޫނަށް ބަލައިލިއެވެ. މިޒްޔަލްވެސް އިނީ ސިހުން ލިބިފައެވެ. ބިންޔާ އިނީ ބިރުންކަން އެނގުނު ނަމަވެސް ހަމަޖައްސަން ކުރާނެ ކަމެއް ނޭނގުނެވެ. ބިންޔާ ނުރުހިދާނެތީ އަތުގައި އަތް ޖައްސާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

ދެލޯ މަރައި ބާރުކޮށްލައިގެން އިން ބިންޔާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. މާޒީގެ ހަނދާންތަކުން އޭނާގެ ސިކުނޑިއަށް ޒަލްޒަލާއެއް ގެނުވާފައިވިއެވެ. އެތައް އަހަރެން ކުރީގެ ތާޒާ ހަނދާން ދެންމެ ވީ ކަމެއްހެން އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. މާލޭގެ ފަޅަށް ވަންނަން އައި ލޯންޗު އެކްސިޑެންޓްވީ ބިންޔާގެ ކުރިމަތީގައެވެ. ވާޓަރުގެ މަތީގައި ބިންޔާ ހުރީ ބައްޕައަށް މަރުހަބާ ކިޔަން ތައްޔާރުވެގެންނެވެ. ބާރު އަޑުފަށްގަނޑާއިއެކު، ލޯންޗުގައި އަލިފާން ރޯވިއިރު، ލޯންޗުގެ އެތިކޮޅުތައް، އެކި ހިސާބުތަކަށް ބުރައިގެން ދިޔަތަން ބިންޔާއަށް ރީތިކޮށް ފެނުނެވެ. ފުރާނަ ނެތް ބައްޕަގެ ހަށިގަނޑު ބިންޔާއަށް ފެނުނުއިރު، އޮތީ ސިފަ ވަކިނުވާ ވަރަށް ފިހިފައެވެ. އެ ބައްޕަ ފަހުނޭވާ ދޫކުރީ ބިންޔާގެ ކުރިމަތީގައެވެ. އެއީ ބިންޔާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހެވެ.

މިޒްޔަލްއަށް ބިންޔާގެ ގައިގައި ހިފަހައްޓާލެވުނީ އެތައް ހިތްވަރެއް ކޮށްގެންނެވެ. ބިންޔާ އެހާލަށް އެކަނި ދޫކޮށްލުމަށްވުރެ ރަނގަޅީ އެގޮތް ކަން ވިސްނުމުންނެވެ. އޭނާ މަޑުމަޑުން ބިންޔާ ގެނެސް ގައިގައި ލައްކޮށްލިއެވެ. އެ ގާތްކަމުގެ ސަބަބުން، މިޒްޔަލްގެ ހިތުގެ ތެޅުން އިތުރުވެފައިވިއެވެ. ދުރަށް ދާން ބިންޔާ މަސައްކަތް ނުކުރުމުން، މިޒްޔަލަށް ހަމަޖެހުމެއް ލިބުނެވެ.

ލޯންޗު ރާޅާއި ޖަހައިލުމާއިއެކު، ބިންޔާއަށް މިޒްޔަލްގެ އަތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. މިޒްޔަލްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެލޯ ބޮޑުވިގޮތަށް އޭނާއަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. ބިންޔާގެ އެންމެ އަމަލަކުންވެސް އޭނާގެ ހިތް ބޭގަރާރުކޮށްލައިފިއެވެ. އައު ވިންދެއް ހިތުގައި ޖަހަން ފެށިއެވެ. އެ ފޮނިފޮނި ވަގުތުކޮޅު ނިމިގެންދާން އޭނާ ބޭނުމެއް ނުވިއެވެ.

މިޒްޔަލް ގުރުއާން ޖަހާފައި ބިންޔާގެ ކަންފަތަށް ހެޑްސެޓް ޖަހައިދިނެވެ. ގުރުއާނުގެ އަޑު އިވުމުން ބިންޔާ ކުޑަކޮށް ހަމަޖެހުނެވެ. ތޮއްޑޫއަށް ދެވެންދެންވެސް އޭނާ މިޒްޔަލްގެ އަތުން ދޫކޮށްނުލައެވެ. ސަލާހަށް އެ ދަތުރުވީ ބޮޑު ވޭނަކަށެވެ. މިޒްޔަލް އެތަނުން ބޭރުކޮށްފައި އެ މަގާމަށް ދާން އޭނާ ބޭނުންވިއެވެ. އެކަމަކު، އެފުރުސަތު ގެއްލުވައިލީވެސް ހުދު އޭނާ އަމިއްލައަށެވެ. ނޫންނަމަ، މިޒްޔަލްގެ މަގާމުގައި މިއަދު އިންނާނީ އޭނާއެވެ.

********

ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރި ނާޒިރާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެނދުމަތީގައި ޕާރުސަލު ކަނޑާފައިވާ ކަރުދާސްތައް ކުދިކުދިކޮށްލާފައި އޮތެވެ. ނާޒިރާގެ އެއް އަތުގައި ރަން އަނގޮޓިއެއް އޮތްއިރު، އަނެއް އަތުގައި އޮތީ، ހަސްފަތާލުގެ ނަމާއި، ވޯޑު ނަންބަރު ލިޔެފައިވާ ކަރުދާސްކޮޅެކެވެ.

"ކަލޭމެން ހީނުކުރާތި އަހަރެން ކުޅި ބަލަން ހުންނާނެ ކަމަށް..." ނާޒިރާ ދަތްކުނޑި ވިކައިލިއެވެ.

ސައީދު ކޮޓަރީގެ ދޮރު ހުޅުވައިލި ތަން ފެނުމުން ނާޒިރާ އޭނާގެ އަތުގައި އޮތް އަނގޮޓި އާއި ކަރުދާސްކޮޅު ފުރަގަހަށް ލައި ފޮރުވިއެވެ. ސައީދަށް އެ މަންޒަރު ފެނުނެވެ.

"އަމިއްލަ ކޮޓަރިން ވައްކަން ކުރާ ދުވަހެއްތަ؟..." ސައީދު ހުރީ މަޖާ މޫޑެއްގައެވެ. ގަމީހުގެ ގޮށްތައް ނައްޓުވަމުން އޭނާ ދިޔައީ އަލަމާރިއާއި ދިމާއަށެވެ. "ކޮންހާ ފޯރިއެއް އެނދުމައްޗަށް އަރުވާލާފަ މިއޮތީ؟..."

ނާޒިރާ ގޮސް އެނދުމަތީގައި އޮތް ކަރުދާސްތައް ނެގިއެވެ. ހުރިހާ އެއްޗެއް ޑަސްޕިނަށް އަޅާފައި އޭނާ އެނދުގައި އިށީނެވެ. އަނގޮޓިއާއި ކަރުދާސްކޮޅު ސައީދަށް ފެނިދާނެތީ ނާޒިރާ އިނީ ނުތަނަވަސްވެފައެވެ. އެނދުމަތި ސާފުކޮށްފައި ނެގި އެއްޗެއްސާއިއެކު، އަނގޮޓިއާއި ކަރުދާސްކޮޅުވެސް ޑަސްޕިނަށް ލެވުނުކަން އޭނާއަށް ނޭނގުނީ ހާސްވެފައި ހުރި ވަރުންނެވެ.

"އެކުދިންނަށް ތޮއްޑޫއަށް ދެވިއްޖެތޯ ބަލާލިންތަ؟..." ނާޒިރާ އަނގައިން ނުބުނުމުން ސައީދު އެހެން ވާހަކައެއް ފެށިއެވެ.

"އަދި ނުބަލަން..." ނާޒިރާ ދިނީ ކުރު ޖަވާބެކެވެ.

"އައްދެ... މިއަދު ކިހިނެއްވެފަ އިން ދުވަހެއް؟... އެހެންޏާ، ޒަޔާން ތާކަށް ދަންޏާ ނާޒިއަށް ކެތްވެސް ނުވާނެ ފަސްމިނެޓުން ނުގުޅައެއް..." ސައީދު ޖަހައިލީ ލުއި ހިނިގަނޑެކެވެ.

ޓީޝާޓެއް ލައިގެން ސައީދު ގޮސް ނާޒިރާގެ ކައިރީގައި އިށީނެވެ. ނާޒިރާ ކައިރިއަކަށް ހިންޏެއް ނައެވެ. ޒަޔާނަށް ގުޅަމުން އޭނާ ނުކުތީ ކޮޓަރިން ބޭރަށެވެ. ސައީދު ޝައްކުގެ ނަޒަރަކުން ޑަސްޕިނާއި ދިމާއަށް ބަލައިލިއެވެ. ވަގުތުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

********

ޒަޔާނުގެ ފޯނު ރިންގުވާން ފެށީ ފޮށިތައް ކާރަށް އަރުވަން ހުއްޓައެވެ. މަންމަގެ ކޯލަކަށްވުމުން، ޒަޔާން ވަގުތުން ފޯނު ނެގިއެވެ. އޭނާ ހުރީ ޝަކުވާކުރަން ބޭނުންވެފައެވެ.

"މީރާ އެއައީ މަންމަ ފޮނުވައިގެންތަ؟..." ޒަޔާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.

"ކިހިނެއްވީ؟... އެއީ މައްސަލައެއްތަ؟..." ނާޒިރާ އެއްބަސްނުވާކަށް ނޫޅުނެވެ.

"އަޅުގަނޑު އެހާ ރުހޭކަމެއް ނޫން..." ޒަޔާން ބުނެލިއެވެ.

"ޒަޔާން ނުޖެހޭނެއޭ އޭނަޔާ އިންނާކަށް... ނިމުނީނު..." ނާޒިރާ އަޑަށް ބާރުލާފައި ބުންޏެވެ.

"ދެން މަންމަ ތިބުނަނީ ދޮންބެއަށް..." ޒަޔާނަށް ބުނެވުނީ އެހިސާބަށެވެ. ކުދިކިޔަމުން ނާޒިރާ ފޯނު ކަނޑައިލިއެވެ.

ކޮމެންޓް 0