ތޮށިގަނޑަށް ރާޅު ޖަހާ އަޑު އިވިއިވި ހުއްޓެވެ. މާހައުލުގައި ހިފާލާފައިވީ ތެތްފިނި ކަމެކެވެ. މިޒްޔަލް އައިއިރު ބިންޔާ ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ.

"ޓަން..." ބިންޔާ ތަށި ދިއްކޮށްލިއެވެ.

********

"މީ ކޯއްޗެއް؟..." ތަށީގައި ހިފައި، ވަށައިގެން ބަލައިލަމުން، މިޒްޔަލް ސުވާލުކުރިއެވެ.

ބިންޔާގެ އެންމެ އަމަލަކުން މިޒްޔަލްގެ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. ބައްޕަގެ ސަބަބުން ހިތުގައި އުފެދިފައިވި ޝަކުވާތަކުގެ މަތިން ހަނދާންނެތުނެވެ. މިޒްޔަލް ހީކުރީ، އޭނާއަކީ އެއްވެސް މީހަކަށް މުހިއްމު މީހެއް ނޫން ކަމަށެވެ. އެކަމަކު، ބިންޔާއަށް އޭނާ މުހިއްމު މީހަކަށް ވެއްޖެކަމުގެ އިހުސާސާއިއެކު، މިޒްޔަލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހިތާއިހިތުން އެ އަންހެން ކުއްޖާއަށް ޝުކުރު އަދާކުރެވުނެވެ. އަމިއްލަ ބައްޕަގެ ފަރާތުން އިހުސާސް ނުކުރެވޭހާ ގާތްކަން މިޒްޔަލްއަށް އިހުސާސްކުރެވުނީ ދުރުހިލޭ މީހެއްގެ ފަރާތުންނެވެ.

ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން، މިޒްޔަލް އިސްޖަހައިލީ އެ ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުންނެވެ. އެއްވެސް އިހުސާސެއް އެހެން ކުރިމަތީގައި ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. މިޒްޔަލްއަށް ނޭނގުނީ، ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ލޯ ހުރިހާ ކަމަކަށް ހެކިދޭނެ ކަމެވެ. ބިންޔާއަށް މިޒްޔަލްގެ ހިތުގެ ހާލު އެ ދެލޮލުން އެނގި ހާމަވިއެވެ.

މިޒްޔަލް ކަމަކާއި ދެރަވެފައި ހުރިކަން އެނގުނު ނަމަވެސް، ބިންޔާ އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހަދައެވެ.

"ލޮލަކުން ނޫންތަ ބަލަނީ؟..." ދިމާކުރާ ރާގަކަށް ބިންޔާ ބުންޏެވެ.

"އޯކޭ، ލެޓް މީ ގެސް..." މިޒްޔަލް ވިސްނައިލާ ކަމަށް ހެދުނެވެ. "އޯކޭތަ މަތި ނެގިޔަސް؟..."

ބިންޔާ ބޯ ޖަހައިލިއެވެ. ތަށީގެ މަތި ހުޅުވައިލުމުން، މިޒްޔަލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ތަށީގެ އެއްފަރާތުގައިވާ ފްރައިޑް ރައިސްކޮޅުގެ މަތީގައި އަތުރާފައިވާ ކުދި ކެރެޓްކޮޅުތަކުން ޝުކުރު އަދާކޮށްފައި އޮތެވެ. ތަށީގައި ބާކީ ހުރި އެއްޗެހިވެސް ހުރީ، ރީތި ގޮތްގޮތަށް ކަފައި، އަތުރާފައެވެ.

"މީ ހަމަ މި ހެދި ކުއްޖާ ކަހަލަ ކުޑަ ފިޔޮކެއް... އެކަމަކު، ކުޑަކުޑަ ތަފާތެއް އެބައިން..." ކުކުޅު ފިޔޮކެއްހެން ކަފައިގެން ހަދާފައިވާ ކުކުޅުބިސް ނަގަމުން މިޒްޔަލް ބިންޔާއަށް ދިމާކުރިއެވެ. ބިހުގެ ތުންކޮޅު ހެދުމަށް ޖަހާފައިވާ ކުޑަ ކެރެޓްކޮޅުގެ ބަދަލުގައި ތަންކޮޅެއް ދިގުކޮށް އިން ކެރެޓްކޮޅެއް ޖެހިއެވެ. އެއަށްފަހު، އޭނާ ބިންޔާއަށް އެ ދައްކައިލީ އެއީ ރުޅި އައުމުން، ބިންޔާގެ ތުންކޮޅު އިންނާނެގޮތޭ ބުނާ ކަހަލަ ގޮތަކަށެވެ.

ބިންޔާ ރުޅި އައިސްގެން ތަށި އަތުލަން އުޅުމުން މިޒްޔަލް ވަގުތުން ތަށި ފުރަގަހަށް ލިއެވެ. އެވަރުންވެސް ބިންޔާ ދުލެއް ނުކުރިއެވެ. ތަށި އަތުލެވޭތޯ އޭނާ އުޅުނެވެ. މިޒްޔަލް ތަށި ނެގީ މައްޗަށެވެ. ބިންޔާ ކުރުކަމުން، މިޒްޔަލްގެ ކޮނޑާއި ހަމައަށް ބޯ އަރަނީ ކިރިޔާއެވެ. ފުންމައިލުމުންވެސް މިޒްޔަލް ހިއްލާލައިގެން ހުރި އަތާއި ހަމައަށް ފޯރާގޮތެއް ނުވިއެވެ. މިޒްޔަލްއަށް ވީ މަޖާކަމަކަށެވެ. ބިންޔާ ކުރުކަމުން، އޭގެ ފައިދާ އޭނާ ރަނގަޅަށް ނަގައިފިއެވެ. ބިންޔާ ފުންމައިލި ވަގުތު ކުޑަކޮށް އަރި އަޅައިލިއެވެ. މިޒްޔަލް ހުށިޔާރުކަމާއިއެކު އެއް އަތުން ބިންޔާގެ އުނަގަނޑުގައި ހިފަހައްޓައިލިއިރު، ބިންޔާގެ ދެއަތް ވަނީ މިޒްޔަލްގެ މޭގައި ޖައްސާލެވިފައެވެ. އެއީ އިހުތިޔާރުން ބޭރުގައި ބިންޔާއަށް ކުރެވުނު ކަމެކެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ގައިން ދޫކޮށްލެވުނީ އެކުއެކީގައެވެ. ބިންޔާ ދެލޯ ބޮޑުކޮށްލަމުން އަވަހަށް މިޒްޔަލްއާއި ދުރަށް ޖެހުނެވެ. ދެމީހުންގެ މޫނުންވެސް ފެނުނީ ނުތަނަވަސްކަމެވެ.

"މީގެ މާނައަކީ، ފާސްވީއޭތަ؟..." ނުތަނަވަސްކަން އެއްފަރާތް ކުރަމުން، މިޒްޔަލް ތަށި ދައްކައިލިއެވެ.

ބިންޔާ ބޯޖަހައިލިއިރު ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ހުރިހާ ޝުކުރެއް އޭނާ އަދާކުރަން ބޭނުންވީ މިޒްޔަލްއަށެވެ. ގޮތް ހުސްވެފައިވި ވަގުތު، އެހީތެރިވީ މިޒްޔަލްއެވެ. އޭނާއަށް ފުރިހަމައަށް ކަންކަން ނިންމާލެވުނީ، މިޒްޔަލްގެ ފަރާތުން ދަސްވި ކަންކަމުންނެވެ.

ހިނިތުންވެލުމުން ބިންޔާގެ ދެކޮލަށް އެޅިގެންދިޔަ އަޑިކޮޅު ފެނި، މިޒްޔަލް އަޖައިބުވެފައި ބަލަން ހުއްޓެވެ. ބިންޔާގެ ރީތިކަން ބޮޑަށް ފާޅުވަނީ އޭނާ ހިނިތުންވެލުމުންނެވެ. ކުދިކުދި ދަތްތައް ހުދުވެފައި، ދަތްދޮޅިކޮޅަށް އަޑިވެލާގޮތް ނުހަނު ހިތްގައިމެވެ. މިޒްޔަލްގެ ހިތް އޭގެ މަގާމުން ދޫވާން އުޅުނެވެ. ހިތުގައި އުފަންވެގެން އައި އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަމުން، އޭނާ ގޮސް ވާޓަރު މަތީގައި އިށީނެވެ.

"ތިހެން ވަގަށް ކާއެއްޗެހި ގެންނަނިކޮށް ބޮސްއަށް ފަޅާއަރައިފިއްޔާ ކިހިނެއް ހަދާނީ؟...." މިޒްޔަލް ލާނެތް ގޮތަކަށް ބުނެލިއެވެ.

ބިންޔާ ހާސްވި ތަން ފެނުމުން، މިޒްޔަލްއަށް ހެވުނެވެ. އޭނާއަކީ ތަނުގެ ވެރިމީހާ ކަން އެނގޭ ދުވަހަކުން، ބިންޔާއަށް ވާނީ ކިހިނެއްބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ. ރަނގަޅު ވަގުތަކަށް އަނެއްކާވެސް އޭނާއަށް ޖެހޭނީ އިންތިޒާރު ކުރާށެވެ.

"ހީވަނީ ވަރަށް ރުޅިގަދަ މީހެއް ހެން ބޮސްއަކީ؟.." ބިންޔާ ހީކުރީ ވެރިއަކީ ޝިމާއު ކަމަށެވެ. ފުރަތަމަ ބައްދަލުވުމުންވެސް އެނާއަށް ޝިމާއު ކަމަކު ނުދިޔައެވެ.

"ފާސްވާނީ އަހަރެން ރަހަ ބެލީމަ..." މިޒްޔަލް އަވަހަށް މައުޟޫއު ބަދަލުކޮށްލިއެވެ.

މިޒްޔަލް ތަށި ހުސްކޮށްލަންދެން ބަލަހައްޓައިގެން ބިންޔާ ހުއްޓެވެ. އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. ކައި ނިންމާލާފައި ތަށި ދިންއިރުވެސް މިޒްޔަލްގެ ފަރާތުން ތައުރީފުގެ ބަހެއް ނުލިބުނެވެ. މިޒްޔަލް ދާން ތެދުވުމުން، ބިންޔާ އެރީ ކުރިމައްޗަށެވެ. އޭނާ އެހާ ވަރުން އެއްޗެހި ގެނައީ މިޒްޔަލް ކޮންމެވެސް އެއްޗެއް ބުނާނެ ކަމުގެ އުއްމީދުގައެވެ.

"އެއްޗެއް ނުބުނެ ނުދެވޭނެ..." ބިންޔާ ލޯ އަޅައިލިއެވެ.

"ކީކޭ ބުނަންވީ؟... ކޮޕީ ޕޭސްޓްކުރަން ވަރަށް މޮޅޭތަ؟..." މިޒްޔަލްގެ ލާނެތްކަން ހައްދުފަހަނަ އެޅިއެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދުމަށް މިޒްޔަލް ބޭނުންވީ ބިންޔާ ރުޅިއަރުވާލާށެވެ. އެނޫން ގޮތަކަށް ބިންޔާއަށްވެސް ކުރިއެރުމެއް ނާންނާނެކަން އޭނާއަށް އެނގެއެވެ. "ތައުރީފު ކުރެވޭނީ އަމިއްލަ އުފެއްދުމެއް ގެނައި އިރަކުން... މިހާރު މީ ސީދާ އަހަރެން ކެއްކި އެއްޗެހި، ހަމަ އެ ރަހަ..."

ބިންޔާއަށް ފުރަގަސްދެމުން މިޒްޔަލް ހިނިތުންވެލިއެވެ. ބިންޔާގެ ކުރިމަތީގައި ފާޅު ނުކުރި ނަމަވެސް، އެ ކުއްޖާގެ ހިތްވަރަށް އޭނާ ހިތާއިހިތުން ތައުރީފު ކުރިއެވެ. ކަންކަން ނަގައިގަނެ، ދަސްކުރަން ބިންޔާއަށް ފަސޭހައެވެ. މިޒްޔަލް ދިޔުމުން، ބިންޔާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ދެބުމަ ގޮށްޖަހާލައިގެން އޭނާ އެތައް އިރަކު ހުއްޓެވެ. ވީ ފޫހިން، ތަށި ހޫރައިލަން އުޅެފައި، ދެއަތާއި ދެފައިން ވައްތަރެއް ޖައްސައިލިއެވެ. އެހާ ވަރުން މިޒްޔަލްއާއި ހެދި އުޅުމުންވެސް ވީ މޮޅެއް ނެތޭ ބިންޔާގެ ހިތަށް އެރިއެވެ.

********

މަސައްކަތް ނިންމާލުމަށްފަހު ބިންޔާ ގެއަށް ދިޔައީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ގެ ހުންނަ ގޯޅިއަށް އެޅުމާއިއެކު، ބިންޔާގެ ފިޔަވަޅުތައް މަޑުޖެހުނީ ގޭ ކައިރީގައި ހުރި މީހަކު ފެނުމުންނެވެ. ވަގުތުން އެނބުރި އައިކޮޅަށް އޭނާ ހިނގައިގަތެވެ. އޭގެ ކުރިން އެމީހަކަށް އޭނާ ފެނިއްޖެކަން އެނގުނީ، މަޑުކުރުމަށް އެދި ގޮވާލި އަޑު އިވުމުންނެވެ. ބިންޔާ މަޑުކޮށްލުމެއްވެސްނެތި ކުރިއަށް ދިޔައެވެ.

ސަލާހު ދުވެލާފައި އައިސް ބިންޔާއާއި އެއްވަރު ކުރިއެވެ. ބިންޔާ ސަލާހާއި ދިމާއަށް ބަލައިވެސް ނުލިއެވެ. ކައިރީގައި މީހަކު ހުރިކަން އޭނާއަށް ނުވެސް އެނގޭ ކަހަލައެވެ.

"ބިންޔާ، ކިހިނެއްތަ ތިއުޅެނީ؟..." ސަލާހު އެރީ ބިންޔާގެ ކުރިމައްޗަށެވެ. "ތިހެން އުޅުނީމަ މީހުން ކީކޭ ހީކުރާނީ؟..."

"ތީ ކާކު؟..." ބިންޔާ ހުރީ މަލާމާތުގެ ނަޒަރަކުން ސަލާހުގެ މޫނަށް ބަލާށެވެ. "އަހަރެން ދަންނަ މީހެއްތަ ތީ؟..."

"އަދިވެސް ރުޅި އައިއްސަތަ؟..." ސަލާހު ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތިގޮތަށް މަގުމަތިން ފެންނަ އަންހެންކުދިންނާ ދިމާކުރުމަކީ ވަރަށް ހަޑިކަމެއް..." ބިންޔާ ބުނެލިއެވެ.

ބިންޔާ ދާން ހިނގައިގަތުމުން ސަލާހު ހިފެހެއްޓީ ބިންޔާގެ އަތުގައެވެ. ބިންޔާ ގެނައި އަވަސް ހަރަކާތާއިއެކު، ސަލާހުގެ އަތް އޭނާގެ އަތުން ވަކިކޮށްލިއެވެ. އެއަށްފަހު އަތުގެ އިނގިލިތަކުގައި ހިފައި، ކުޑަހުޅަށް ބާރުވާނޭހެން ތިރިކޮށް، ހިފަހައްޓައިލިއެވެ. ބިންޔާގެ ދެލޮލުގައިވީ، އޭގެ ކުރިން ސަލާހަށް ނުފެންނަފަދަ ނުރައްކާތެރި ވިދުވަރެކެވެ. އެއީ ދުވަހަކު ބިންޔާގެ ފަރާތުން އޭނާއަށް ފެނުނު ސިފައެއްވެސް ނޫނެވެ. ވީތަދުން އަނގައިން ބުނުންވެސް ސަލާހަށް ވީ ދަތިކަމަކަށެވެ.

"ދެންވެސް ތަނަކުން ފެންނަހާ މީހެއްގެ ފަހަތުން ނާންނާތި..." ބިންޔާ އަމުރުކުރިއެވެ.

********

ރެސްޓޯރެންޓްގެ ބަދިގެތެރޭގައި މިޒްޔަލް ހުރީ އެއްޗެއް ކައްކާށެވެ. މުޅި ތަނުގައި ހިފާލާފައިވީ ކައްކަމުންދިޔަ އެއްޗެއްގެ މީރު ވަހެވެ. ކެއްކުމަކީ މިޒްޔަލް އެންމެ ޝައުގުވެރިވާ ކަންތަކެވެ. އެކަމަކު، އެކަމަށްވެސް ބައްޕަ ހުރަސްއަޅާތީ، މިޒްޔަލްއަށް އެކަން ކުރަންޖެހެނީ ސިއްރުންނެވެ. އެހެން މީހުންނަށް ނުފެންނާނޭ ހެން، ރެސްޓޯރެންޓްގައެވެ. ނާޒިރާގެ ސަބަބުން މިޒްޔަލް ގެއަށް ވަންނަހިތްވެސް ނުވެއެވެ.

ސަލާހުގެ ސަބަބުން ނުތަނަވަސްވެފައި ހުރި ބިންޔާ ގޮސް ވަނީ ރެސްޓޯރެންޓަށެވެ. އޭނާ ދާނެ ވަކި އިތުރު ތަނެއް އެނޫނީ ނެތެވެ. ހިތްވަރު ކުރަން ބޭނުންވި ނަމަވެސް ބިންޔާ ހުރީ ދެރަވެފައެވެ. ރޯން ބޭނުންވެފައެވެ. އެކަނިވެރިވެފައިވާ އޭނާގެ ހަޔާތުގައި ކުޑަވެސް އުފަލެއް ނެތީ ކީއްވެބާއޭ ބިންޔާގެ ހިތަށް އެރިއެވެ. އޭނާގެ ހަޔާތުގައި ގާތް އެކަކުވެސް ނެތެވެ. ލޯބިވާނެ މީހަކު ނެތެވެ. ލޯބިދޭނެ މީހަކުވެސް މެއެވެ.

ކެއްކުމުގެ ހުނަރު އިތުރުކުރުމަށް، ބަންދު ވަގުތުތަކުގައި ރެސްޓޯރެންޓްގެ ބަދިގެ ބޭނުންކުރުމުގެ ހުއްދަ ބިންޔާ އޮތީ ހޯދާފައެވެ. ބަދިގޭގެ ތަޅުދަނޑި ބިންޔާގެ އަތުގައި އޮވެއެވެ. ބަދިގެއާއި ހަމައިން ބިންޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ކޮންމެވެސް މީހަކު އެތެރޭގައި އުޅޭކަން އެނގުމުން، އޭނާ ސިއްރުން ދޮރު ހުޅުވައިލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ.

އުނދުން ކައިރީގައި ހުރި މިޒްޔަލް ފެނުމުން ބިންޔާގެ ހާސްކަމަށް ލުޔެއް ލިބުނެވެ. ބިންޔާ ހީކުރީ ވަގަކު ވަދެގެން އުޅެނީ ކަމަށެވެ. މިޒްޔަލް ބިންޔާއަށް ބަލައިލީ ބިންޔާ އަންނާނެކަން އެނގިގެން ބަލައިލާ ފަދައިންނެވެ. އުނދުން މައްޗަށް އުދާފައިވާ ތެލީގައިވާ ދޭފަތް ނަގައި، ރަހަ ބަލާށޭ ބުނާ ފަދައިން ބިންޔާއާއި ދިމާއަށް ދިއްކޮށްލިއެވެ.

ކުރިންވީ ކަންތަކުގެ ރުޅި އޭރުވެސް ފިނި ނުވާތީ އާއި ވެފައި ހުރި ދެރައެއްގެ ބޮޑުކަމުން، ބިންޔާ އެނބުރުނީ އަނެއް ފަރާތަށެވެ. މިޒްޔަލްދެކެ އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ސަލާހެކޭ އެއްގޮތަށް މިޒްޔަލްވެސް އޭނާ ދުރުކޮށްލީއެވެ. ބިންޔާ މޫނުހަދާލާފައި ގޮސް ގޮނޑީގައި އިށީނެވެ. އޭނާ ފިޔާ ނޮޅަން ފެށީ، ދެލޮލުގައިވި ކަރުނަތަކަށް ހައްލެއް ހޯދާށެވެ. މިޒްޔަލްއަށް ފެނުނަސް ޝައްކުނުވާނެކަމަށް އޭނާ ހީކުރިއެވެ. ދެލޮލުން ހޯސްލާފައި އޮހެމުންދިޔަ ކަރުނަތައް ފޮހޭކަށްވެސް ބިންޔާ ނޫޅުނެވެ. ރޯން ބޭނުންވި ސަބަބު ހޯދުނީއެވެ.

ބިންޔާއަށް ބަލަން ހުރި މިޒްޔަލްއަށް ހިންދިރުވައިލެވުނެވެ. އެ މަންޒަރު ނުފެންނަކަމަށް ހަދައިގެން ހުންނަން ކިތަންމެ ފަހަރަކު އޭނާގެ ހިތް ބުންޏެވެ. މިޒްޔަލް އެދިޔަ ބާރުމިނުގައި ގޮސް ބިންޔާގެ އަތުން ފިޔާ ތަށި އަތުލިއެވެ.

 

ކޮމެންޓް 0