ބިންޔާ އާއި ބައްދަލުކުރަން ސަރަފިއްޔާ ރެސްޓޯރެންޓަށް ދިޔައީ މިޒްޔަލް ނެތް ގަޑި ބަލާފައެވެ. ކާއެއްޗަކަށް އޯޑަރު ދީފައި ސަރަފިއްޔާ މަޑުކޮށްލައިގެން އިންއިރު، ތަންކޮޅެއް ދުރުގައި ޝިމާޢު އާއި އަމަން ބަލަން ތިއްބެވެ. ބިންޔާ ތަށިތައް ހިފައިގެން އައިސް ސަރަފިއްޔާގެ ކުރިމަތީގައި އަތުރައިލިއެވެ.
********
ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ބިންޔާ ދާން ހިނގައިގަތެވެ. ބިންޔާ ހުއްޓުވަން ކުރާނެ ކަމެއް ނޭނގިގެން ސަރަފިއްޔާއަށް ކުރެވުނު ކަމަކީ، އުނދަގޫ ގޮތަކަށް ކެއްސައިލުމެވެ. ބިންޔާ ބަލައިލުމުން، ކުރިއަށްވުރެ ބޮޑަށް ކެއްސަން ފެށިއެވެ. ކެއްސުންވަރުގައި ސަރަފިއްޔާ ހީވަނީ ރޫޅިދާނެ ހެންނެވެ. މޭގައި ފިރުމަމުންދިޔަ ގޮތުންވެސް ބަލަން ހުންނަ މީހަކު ހާސްކޮށްލާވަރު ވެއެވެ. ޝިމާޢު އާއި އަމަންވެސް ތިބީ ހާސްވެގެން ހަދަންވީ ގޮތެއް ނޭނގިފައެވެ.
"ކިހިނެއް މިވަނީ؟... ފޭކެއްތަ؟... ނޫނީ އަސްލެއްތަ؟..." އަމަން ހާސްވެގެން ތެދުވިއެވެ.
ސަރަފިއްޔާގެ ރޭވުން ކާމިޔާބުވިއެވެ. ބިންޔާ ދުވެލާފައި ގޮސް ސަރަފިއްޔާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ކުޑައިރުކޮޅަކު އާޓު ޖައްސާލާފައި ސަރަފިއްޔާ ހަމަޖެހިލިއެވެ. ބިންޔާގެ ފަރާތުން އޭނާ ބޭނުންވި ގާތްކަން ލިބުނީ ހީކުރި ވަރަށްވުރެ އަވަހަށެވެ. ދުރުގައި ބަލަން ހުރި އަމަން އާއި ދިމާއަށް އޭނާ އެއްލޯ މަރައިލިއެވެ. ސަރަފިއްޔާގެ ހުނަރު ފެނި، އަމަން ހުރީ އިށީންނަންވެސް ހަނދާންނެތިފައެވެ.
"ފެންފޮދެއް..." އުނދަގޫ ގޮތަކަށް ސަރަފިއްޔާ ބުނެލިއެވެ.
ބިންޔާ ފެންތަށި ނެގިއެވެ. އެވަގުތު ސަރަފިއްޔާ ކުއްލިއަކަށް ބައްދައިލުމުން، އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެއީ މައެއްގެ ފަރާތުން ބިންޔާ އެންމެ ބޭނުންވި އެއް ބީހިލުމެވެ. މަންމަގެ ދެއަތުގެ ހިމާޔަތާއި އޯގާތެރިކަމަކީ ބިންޔާއަށް ލިބުނު ނަސީބެއް ނޫނެވެ.
"ތީ ހާދަ ރަނގަޅު ކުއްޖެކޭ... މާމަ ހީކުރީ މިއަދު މާމަ ނެރެންޖެހޭނީ އައިސީޔޫއިން ކަމަށް..." ސަރަފިއްޔާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. "މާމަ ވަރަށް އުފާވެއްޖެ ތިކަހަލަ ކުއްޖަކާ ބައްދަލުވީމަ... ކޮން ނަމެއް ކިޔަނީ؟..."
"ބިންޔާ..." ބިންޔާ ހިނިތުންވެލަމުން ސަރަފިއްޔާ އާއި ދުރަށް ޖެހިލިއެވެ.
"މިއަދަށްފަހު މީ ބިންޔާގެ މާމަ... ދެން މާމަ ކިޔައްޗޭ..." ބިންޔާގެ ބުރަކަށީގައި ފިރުމައިލަމުން ސަރަފިއްޔާ ވާހަކަ ދެއްކީ އޯގާތެރި ރާގަކަށެވެ.
ބިންޔާ ބޯ ޖަހައިލިއިރު، ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވެއްޖެއެވެ. ކަރުނަތައް ނުދައްކަން އޭނާ އިސްތިރިކޮށްލިއެވެ.
"މާމަ އަދިވެސް އެހާ ރަނގަޅެއް ނޫން... މާމަ ހޮސްޕިޓަލަށް ގެންގޮސްދީބަލަ... މިހާލުގަ ކިހިނެއް އެކަނި ދާނީ؟..." ސަރަފިއްޔާ ބަލި އަޑަކުން ބުނެލިއެވެ.
********
ފޯނު ކަންފަތުގައި ޖަހައިގެން ހުރި ރަހުމާގެ ރުޅިގަނޑު ހުރީ ސަތޭކައިގައެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައިރު، ދޭތެރެއަކުން ފާރުގައި ގޮށްމުށުން ޖަހައިލައެވެ.
"މީރާއަކަށް ތިކަމެއް ނުވިއެއްނު... ބޭކާރު ވާހަކަތަކެއް އަޑު އެހުމުގެ މާނައެއް ނެތް..." ރަހުމާގެ އަޑު ގަދައެވެ. "މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި..."
"އަހަރެންގެ ރޭވުން އެނގިއްޖެއްޔާ ތިހެން ނުބުނާނެއޭނު މިބުނަނީ... އެއްފަހަރުވެސް މި ދައްކާ ވާހަކަ އަޑު އަހާބަލަ..." މީރާގެ ތުންފަތުގައި ދުވެލީ ނުރައްކާތެރި ހިނިތުންވުމެކެވެ. "ރަހުމާ ބޭނުންވަނީ އެއްފަހަރުން އޭނަ މަރާލަންތަ؟... ނޫނީ އުމުރު ދުވަހަށް ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން މަރުވާންތަ؟..."
"ކަލެއަށް ކުރި އިތުބާރު ގެއްލިއްޖެ... ދެން އެކަމާ އުޅޭނެ ކަމެއް ނެތް... އަހަރެން އެހެން މަގެއް ހޯދަފާނަން..." ރަހުމާ ހަޅޭއްލަވައިގަތެވެ.
"އިހަށް އަހަރެންގެ ޕްލޭން އަޑު އަހާބަލަ..." މީރާ އެދުނެވެ. "އެނގޭތަ އޭނަ މީހަކާ ރައްޓެހިވެގެން އުޅޭކަން؟..."
"އޭނ؟... ކާކާ؟..." ރަހުމާއަށް ކުއްލި ސިހުމެއް ލިބުނެވެ.
"އާނ... ތި އަޑު އިވުނީ ރަނގަޅަށް... އޭނަ އުޅެނީ މީހަކާ ރައްޓެހިވެގެން... ދެން ވާގޮތް ބަލަން ހުރޭ... މިޒްޔަލްއަށް..." މީރާއަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ދޮރުމަތީގައި ހުރި ޝިމާޢު އޭނާއަށް ފެނުނީ ލޯގަނޑުންނެވެ. މީރާ ގެނައި އަވަސް ހަރަކާތާއިއެކު ފޯނު ކަނޑައިލިއެވެ.
ޝިމާޢު އެއްޗެއް ނުބުނެ ނުކުމެގެން ދިޔުމުން މީރާ އިތުރަށް ހާސްވިއެވެ. އޭނާ ދެއްކި ވާހަކައިން ޝިމާޢުއަށް އެނގުނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
*********
ސަރަފިއްޔާ ހަސްފަތާލަށް ގެންދިޔަ ހަބަރު މިޒްޔަލަށް ލިބުމާއިއެކު، ހުރިހާ ކަމެއް ދޫކޮށްފައި މާމަގެ ކައިރިއަށް ދިޔައެވެ. ސަރަފިއްޔާ އޮތް ކޮޓަރީގެ ދޮރު ހުޅުވައިލުމުން، އޭނާއަށް ސިހުމެއް ލިބުނެވެ. މާމަގެ ކައިރީގައި އިނީ ބިންޔާއެވެ. ސަރަފިއްޔާ އަތުލަފިކޮށްގެން އިނދެ ފެންފޮދެއް ދޭން މަސައްކަތް ކުރަނީއެވެ. ބިންޔާގެ އޯގާތެރިކަން ފެނި، މިޒްޔަލްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ޔަގީނުންވެސް އެ މަންޒަރުން މިޒްޔަލްގެ ހިތަށް ދިރުން ލިބިއްޖެއެވެ. މަންމަ ފިޔަވައި ދުނިޔެއިން މިޒްޔަލް އެންމެ ލޯބިވާ ހުރީ އޭނާގެ މާމައެވެ. މާމައަށް ހެޔޮކޮށް ހިތާ ކޮންމެ މީހަކަށް އޭނާގެ ހިތުން ހާއްސަ މަގާމެއް ދެވެއެވެ.
ބިންޔާއަށް ބަލަން މިޒްޔަލް ހުރީ ހުއްޓުންއަރާފައެވެ. ނަޒަރު ވަކިކޮށްލަންވެސް އޭނާގެ ޒަމީރު ދެކޮޅު ހަދަމުންދިޔަ ކަހަލައެވެ. އެހާވެސް ބިންޔާގެ އަމަލުތައް އޯގާތެރިއެވެ. ބިންޔާ އާއި ސަރަފިއްޔާ ދިމާވީ ކިހިނެއްބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ. އެ ދެމީހުންގެ ދެމެދުގައި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ބިންޔާ އެހާ ލޯބިން ކަންތައް ކޮށްދެނީ ކީއްވެ ހެއްޔެވެ؟ ނުދަންނަ މީހަކަށް އެހާ އޯގާތެރިކޮށް ކަންތައް ކޮށްދީފާނެ ކަމަކަށް މިޒްޔަލްއަކަށް ގަބޫލެއް ނުކުރެވުނެވެ.
"އަހަނ، މާމަގެ ދަރިފުޅު އައީތަ؟..." މިޒްޔަލް ފެނުމުން، ސަރަފިއްޔާގެ މޫނު އުޖާލާވެގެން ދިޔައެވެ. އެއީ ސަރަފިއްޔާ ބޭނުންވި ގޮތެވެ. އޭނާގެ ކުރިމަތީގައި މިޒްޔަލް އާއި ބިންޔާ ބައްދަލުކުރުވުމެވެ.
ފަހަތުގައި ހުރީ ކާކު ކަން ނޭނގޭ ހާލު ބިންޔާ ބަލައިލީ، ޝައުގުވެރިވެފައެވެ. ސަރަފިއްޔާ އޭނާގެ މާމަ ދަރިފުޅަށް ކުރި ތައުރީފުގެ ސަބަބުން، ބިންޔާގެ ހިތުގައި އެ މީހެއްގެ ގަދަރު ވަނީ އުފުލިފައެވެ. މިޒްޔަލް ފެނުމުން، ބިރެއް ފެނިގެން ތެދުވާހެން ބިންޔާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ސަރަފިއްޔާއަކީ މިޒްޔަލްގެ މާމަ ހެއްޔެވެ؟ އެއީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ؟ ތަގުދީރުގެ ރޭވުން އެހާވެސް މޮޅެވެ. ކޮންމެ ކަމެއް ވެ ނިމެނީ އޭނާ އާއި މިޒްޔަލް ބައްދަލުވެގެންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ސަރަފިއްޔާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. މިޒްޔަލް ބިންޔާއަށް ބަލާގޮތުން އެކަނިވެސް، މިޒްޔަލްގެ ހިތް އޭނާގެ މާމަގެ ކުރިމަތީގައި ހުޅުވިގެން ދިޔައެވެ.
"ދަރިފުޅާ މީ ބިންޔާ... މިއަދު މާމަ ސަލާމަތްވީ ބިންޔާ އެހީވީމަ..." ސަރަފިއްޔާ ބުނެލިއެވެ. "ދެން ވާނެ ދެކުދިން އެކުވެރިވާން..."
"މާމާ... ކިހިނެއްވީ؟..." މައުޟޫޢު ބަދަލުކޮށްލަމުން، މިޒްޔަލް އޭނަގެ މާމަގެ ކައިރިއަށް ދިޔައެވެ.
ލިބުނު އުފަލުގައި މޫނުމަތިން ބަލިކަމުގެ އަސަރު ދައްކަންވެސް ސަރަފިއްޔާގެ ހަނދާނުގައި ނެތެވެ. މިޒްޔަލް ފާޑަކަށް ބަލައިލުމުން، އޭނާ އަވަހަށް ނޫންކަމަށް ހެދިގެން އޮތެވެ.
"އިންސާނަކަށް ހައްގުވާ ހުރިހާ ޝުކުރެއް ބިންޔާއަށް... މާމަ ސަލާމަތްކޮށްދޭން އައީ ބިންޔާ ދޯ ދަރިފުޅު..." ސަރަފިއްޔާ ވަރަށް ލޯބިން ބިންޔާގެ އަތުގައި ހިފައިލިއެވެ.
ބިންޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ސަރަފިއްޔާއަކީ މިޒްޔަލްގެ މާމަކަން އެނގުމުން، ބިންޔާ ހުރީ ހިމޭންވެފައެވެ. ދައްކާނެ ވާހަކައެއް ނޭނގުނެވެ. މިޒްޔަލް ހީކުރާނީ ކީކޭ ހެއްޔެވެ؟ ބިންޔާ ގަސްދުގައި އޭނާގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅެނީ ކަމަށް ކަންނޭނގެއެވެ.
"މިތާ މާމަ ކައިރީ އިށީނދެބަލަ... ދެންމެ އެހާ ގިނަ ވާހަކަ ދައްކާފަ މިހާރު ހާދަ މަޑުންނޭ ތިހުންނަނީ..." ސަރަފިއްޔާ ބިންޔާގެ އަތަށް ދަމައިލާފައި އެނދުގައި ބޭންދިއެވެ. "ދަރިފުޅާ މިޒްޔަލް... އޭނައަށް އަނގައިން ބުނެބަލަ... އެހެންވެއޭ ބިންޔާ ލަދުން އެ ހުންނަނީ..."
"ގެއަށް ދާންޖެހޭ ގަޑި ޖެހޭތީ...." ބިންޔާ ބަހަނާއެއް ހޯދިއެވެ.
"ހާދަ އަވަހަކަށް ދަނީ؟..." ޝަކުވާގެ ރާގަކަށް ސަރަފިއްޔާ ބުނެލިއެވެ.
"މާމާ... މިހާރު ގަޑިން ބާރަ ޖެހީއޭ..." މިޒްޔަލް އަވަސް އަވަހަށް ބުންޏެވެ.
"އެންމެ ރަނގަޅު... މާދަންވެސް މާމަ ކައިރިއަށް އަންނައްޗޭ..." ސަރަފިއްޔާ އެދުނެވެ. ބިންޔާ ބޯ ޖަހައިލަންދެން އޭނާ ބަލަން އޮތެވެ.
"ދަރިފުޅާ މިޒްޔަލް... ދޭބަލަ ބިންޔާ ގެއަށް ލައިދޭން... ރޭގަނޑު އެކަނި ފޮނުވާލާކަށް ނުވާނެ..." ލިބުނު ފުރުސަތުގެ ބޭނުން ސަރަފިއްޔާ ހިފީ އެންމެ ފުރިހަމަ ގޮތުގައެވެ.
ޝައްކުގެ ނަޒަރަކުން ސަރަފިއްޔާއަށް ބަލައިލާފައި، ބިންޔާ އާއިއެކު މިޒްޔަލް ނުކުތެވެ. ޔަގީނުންވެސް މާމަގެ ރޭވުމެއް އެކަމުގެ ފަހަތުގައި ވާކަން އޭނާއަށް ޔަގީންވިއެވެ. ހިނގަމުން ދިޔައިރު، ދޭތެރެއަކުން ދެމީހުންގެ އަތް އެކަކު އަނެކެއްގެ އަތުގައި ބީހިލައެވެ. އެއިން ކޮންމެ ފަހަރަކު ބިންޔާގެ މުޅި ގައިން ހީބިހި ނަގައިގެން ދެއެވެ. މިޒްޔަލްއަށްވެސް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވައެވެ. ބިންޔާ ކޮންމެހެން މިޒްޔަލްއާއި ދުރުވާކަށް ނޫޅެއެވެ.
"ވަރަށް ފިނި ރެއެއްދޯ؟..." ދެމީހުންގެ ދެމެދުގައިވި ހިމޭންކަން ނެތިކޮށްލުމުގެ ގޮތުން މިޒްޔަލް ބުނެލިއެވެ.
ބިންޔާ ބޯޖަހައިލުމަކުން ފުއްދައިލީއެވެ. މިޒްޔަލްއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ބިންޔާ އަވަސް އަރުވާލާފައި މަގު ހުރަސްކުރަން އުޅުނެވެ. މިޒްޔަލްއަށް ބިންޔާގެ އަތުގައި ހިފައިލެވުނީ ކިރިޔާއެވެ. ބާރު ދުވެލީގައި އައި ސައިކަލަކުން ބިންޔާގެ ގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. ބިންޔާގެ އުނަގަނޑުގައި އަތް ޖައްސާލިގޮތަށް މިޒްޔަލްއަށް ހުރެވުނީ ބިންޔާގެ ދެލޮލަށް ބަލާށެވެ. ބިންޔާވެސް އެފަދައެވެ. ލިބުނު ސިހުމުގައި މިޒްޔަލްގެ ގަމީހުގައި ހިފަހައްޓާލެވުނުގޮތަށް ދޫކޮށްލަންވެސް ނޭނގިފައި އޭނާއަށްވެސް ހުރެވުނީއެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ.
ދުއްވާ އެއްޗެއްގެ ބަރުގޮނުގެ އަޑަށް ދެމީހުންވެސް ސިހިފައި އެކަކު އަނެކަކާއި ދުރަށް ޖެހުނެވެ. ކުރަން ނުވާ ވަރުގެ ކަމެއް ކުރެވުނު ކަހަލައެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލަންވެސް ނުކެރިފައި ދެމީހުންނަށް ތިބެވުނެވެ.
"ލެޓްސް ގޯ..." އިސްނެގީ މިޒްޔަލެވެ.
ބިންޔާގެ އަތްތިލައިގައި ހިފައިގެން މަގު ހުރަސްކުރުމަށް ހިނގައިގަތެވެ. މަގުގެ ދެކޮޅު ބަލަމުންނެވެ. އެއާއި ހިލާފަށް ބިންޔާއަށް ބެލުނީ މިޒްޔަލްގެ މޫނަށެވެ. ކުއްލިއަކަށް މިޒްޔަލަށް އެވަރުގެ ހިތްވަރެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ މިޒްޔަލް ހުއްޓުވަން ބިންޔާގެ ހިތް ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟