ފިހާރަތަކަށް ވަދެފައި ސަރަފިއްޔާ އުޅެން ފެށި ގޮތަކުން ބިންޔާ ހުރީ މަޖާވެފައެވެ. ފެންނަ ހުރިހާ އެއްޗެއް މިޒްޔަލްއަށް ގަނެދޭން އުޅޭގޮތަކުންނެވެ. ކޮންމެ އެއްޗެއް ގަތުމުގެ ކުރިން ބިންޔާއަށް ދައްކައެވެ. ބިންޔާއަށް ކަމުނުގޮސްފިނަމަ އެއެއްޗެއް ނުގަނެއެވެ. ބިންޔާއާއިއެކު އުޅޭއިރު، މާމަގެ މޫނު އުޖާލާވެފައިވާވަރު ފެނި ޒަޔާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ބިންޔާއަކީ ހާއްސަ ކުއްޖެކެވެ. އެންމެންގެ ހިތަށް އުފާވެރިކަން ގެންނަން އެކުއްޖާއަށް ލިބިގެންވަނީ ކޮންކަހަލަ ހާއްސަ ސިފައެއް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް ޒަޔާނުގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ.

********

"ބިންޔާ ބޭނުން އެއްޗެއް ނަގާ..." ސަރަފިއްޔާ އެދުނެވެ. "މާމަ ގަނެދޭނަން..."

"ނޫން ނޫން... އެއްވެސް އެއްޗެއް ބޭނުމެއް ނޫން..." ބިންޔާ ވަގުތުން ދެކޮޅުހެދިއެވެ.

ބިންޔާ ނުބުނާނެކަން ސަރަފިއްޔާއަށް މާ ކުރިންވެސް އެނގެއެވެ. ބިންޔާއަށް ނޭނގޭނޭހެން ފިހާރައިގައި ހުރި ކުއްޖެއްގެ އެހީގައި ބިންޔާއަށް ކަމުދާނެ ކަހަލަ ބައެއް އެއްޗެހި ނަގައިގެން ސަރަފިއްޔާ ކައުންޓަރުގެ ކައިރިއަށް ދިޔައެވެ.

ތަނުގައި ހުރި ރީތި ގަހަނާތަކަށް ބަލަން ބިންޔާ ހުއްޓެވެ. އެހެން އަންހެން ކުދިން ފަދައިން ގަހަނާ އަޅައި ނޫޅުނު ނަމަވެސް، އެއެއްޗެހި ފެނުމުން، އޭނާގެ ހިތް ކިޔެވެ. ބިންޔާ އެތަނުގައި ހުރި ކެވެލިކޮޅުތައް ނަގައިގެން ބަލަން ފެށިއެވެ. ހުރިހާ އެއްޗެއްގެ ތެރެއިން ބިންޔާއަށް ކަމުދިޔައީ ފިޔާތޮށި ކުލައިގެ އެސްތަކެއް ލާފައިވާ ރިހި ކެވެލިކޮޅެކެވެ. ދެތިން ފަހަރަކު ކެވެލިކޮޅުގައި އަތް ކާއްތައިލާފައި އޭނާ ދިޔައީ އޭގެ އަގު ބޮޑުކަމުން ހިތާއިހިތުން ކުދި ކިޔަމުންނެވެ.

ވިޔަފާރިކޮށް ނިމުނުއިރު، އިރު އޮއްސިއްޖެއެވެ. ބިންޔާ އެހާ ވަރަށް ދެކޮޅުހެދުމުންވެސް ސަރަފިއްޔާ އެތައް އެއްޗެއް ގަނެދީފައި ހުއްޓެވެ. އެހާ އަވަހަށް ބިންޔާ ގެއަށް ފޮނުވާލާކަށް ސަރަފިއްޔާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ، މިޒްޔަލްގެ އުފަންދުވަހުގެ ހުރިހާ ހަރަކާތެއްގައި ބިންޔާ ޝާމިލުކުރާށެވެ.

"މާމަ ހިތަށް އަރާ ގޭގަވެސް މާމައަށް އަޅާލަން ތިކަހަލަ ކުއްޖަކު ހުރިނަމައޭ..." މާޔޫސްކަން ދައްކަން މަސައްކަތް ކުރަމުން ސަރަފިއްޔާ ބުނެލިއެވެ. "މާމަ މުސްކުޅިކަމުން މިހާރު އެއްވެސް ކަމެއް ކުރެވޭ ވަރެއް ނުވޭ... މާމަގެ މިޒްޔަލްގެ އުފަން ދުވަހު ކަމެއް ނުކޮށްދެވިއްޖެއްޔާ..."

"ދެން ކޮން ކަމެއް ކުރަން ޖެހެނީ؟..." ސަރަފިއްޔާގެ މަޅީގައި ބިންޔާ ރަނގަޅަށްވެސް ޖެހުނެވެ.

"ހިނގާ މާމައާއެކީ މިޒްޔަލްގެ ކޮޓަރި ތައްޔާރުކުރަން..." ލިބުނު އުފަލެއްގެ ބޮޑުކަމުން ސަރަފިއްޔާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. "ބާރަޖަހާއިރު މިޒްޔަލް ގެއަށް އަންނާނެ... އައުމުގެ ކުރިން އަދި ކޭކެއްވެސް ހަދަން ޖެހޭނެ... ބިންޔާއަށް އެނގޭނެތަ ކޭކު ފިހަން؟..."

ދެކޮޅުހަދަން ނުކެރިގެން ސަރަފިއްޔާއާއިއެކު މިޒްޔަލްގެ ގެއަށް ދާން ބިންޔާ އެއްބަސްވިއެވެ. ދެމީހުން އެތެރެއަށް ވަންއިރު، ސިޓިންގްރޫމުގައި ނާޒިރާ އިނީ ޓީވީ އަޅުވައިގެންނެވެ. ބިންޔާ ފެނުމުން ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. ބިންޔާ ހިނިތުންވެލި ނަމަވެސް ނާޒިރާގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. ބިންޔާ މާ ބޮޑުކަމަކަށް ނުހަދާ ސަރަފިއްޔާ އާއިއެކު ދިޔައެވެ.

"ކޮންހާ ސާމާނެއް ގަނެގެންތަ؟... މިޒްޔަލްގެ އުފަންދުވަސް ފާހަގަކުރަން ފޯރިއެއް އެބަހުއްޓެއްނު... އެ މިޒްޔަލްއަކީ ހަމައެކަނި މާމަދަރި... ދެން އެހުރީ އަހަރެންގެ ދަރިއެއް ވީމަ، އެއީ ކުނިގޮނޑުން ގެނެއްސަ ހުރި ދަރިއެކޭ އެއްގޮތް...." ނާޒިރާ ކުދި ކިޔަން ފެށިއެވެ. "ކޮން އަންހެނެއްތަ ގޮވައިގެން އެއައީ؟..."

ނާޒިރާގެ ހަނދާނަށް އައީ އޭނާގެ އެކުވެރި ރަހުމާ ގުޅާފައި ދެއްކި ވާހަކައެވެ. މިޒްޔަލް މީހަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ރަހުމާގެ ކައިރީގައި މީރާ އޮތީ ބުނެފައެވެ. ވީއިރު، ސަރަފިއްޔާއާއިއެކު އައި ކުއްޖަކީ މިޒްޔަލްގެ ލޯބިވެރިޔާ ހެއްޔެވެ؟ ނާޒިރާ ވަގުތުން ރަހުމާއަށް ގުޅިއެވެ.

"ކޮންކަހަލަ ކުއްޖަކާތަ އޭނަ ރައްޓެހިވެގެން އެ އުޅެނީ؟..." ނާޒިރާ ވާހަކަ ދެއްކީ ސިއްރުންނެވެ. "ރީތި ކުއްޖެއްނަމަވެސް ރަނގަޅޭ... އަހަރެންގެ ޒަޔާނަކަށް ނުކެރޭނެ އެކަހަލަ ކުއްޖަކާ ވައިއެޅޭކަށްވެސް..."

ގޭގެ ރީތިކަން ފެނި ބިންޔާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ތަނަވަސްކަމާއި ސާހީކަމެވެ. ބަދިގެއަށް ވަދެފައި ބިންޔާއަށް އުޅޭނެ ގޮތްވެސް ނޭނގުނެވެ. ސަރަފިއްޔާގެ އެހީގައި ކުޑަ ކޭކެއް ތައްޔާރުކުރުމަށްފަހު، ދެމީހުން ގޮސް ވަނީ މިޒްޔަލްގެ ކޮޓަރިއަށެވެ. މިޒްޔަލް އައުމުގެ ކުރިން ކޮޓަރި ތައްޔާރުކޮށް ނިންމަން ޖެހެއެވެ. ބާރަ ޖަހަން ގިނައިރެއް ނެތެވެ. ބިންޔާގެ ހަރަކާތްތަކަށް ބަލަން ސަރަފިއްޔާ ހުންނަނީ އުފަލުން ފެންކަޅިވެފައެވެ. ބައެއްފަހަރު މާޒީ އިއާދަވާހެން އޭނާއަށް ހީވެއެވެ. މިޒްޔަލްގެ މަންމަ ގޭގައި އުޅުނު ދުވަސްވަރަކީ ސަރަފިއްޔާ އެންމެ އުފާވި ދުވަސްތަކެވެ.

"އަހަރެން ހިތަށް އަރާ މިޒްޔަލްގެ މަންމަ ހުރިނަމައޭ... ދަރިފުޅު ފެނުނީމަ ހާދަ އުފާވާނެއޭ..." ސިއްރު ކުރަން އުޅުނަސް ސަރަފިއްޔާގެ ހިތުގެ އިހުސާސްތައް ބިންޔާގެ ކުރިމަތީގައި ހާމަކުރެވުނެވެ.

"މިޒްޔަލްގެ މަންމަ ކޮބާ؟..." ބިންޔާއަށް ބޭއިހުތިޔާރުގައި ސުވާލުކުރެވުނެވެ.

ސަރަފިއްޔާ މޭގައި އަތް ޖައްސާލީ އުނދަގޫ ގޮތަކަށެވެ. ބިންޔާގެ އެ ސުވާލަށް ޖަވާބުދޭކަށް އޭނާއަށް ފަސޭހައެއް ނުވިއެވެ. ބިންޔާއަށް އެއްޗެއް ވިސްނުނެވެ. ކުރެވުނު ސުވާލުގެ މޮޔަކަމުން އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނާ އަވަހަށް ސަރަފިއްޔާގެ ގައިގައި ހިފަހައްޓައިލިއެވެ.

"މާމަ އެބަ އަންނަން އެއްޗެހިތައް ހިފައިގެން... ފުއްޕާހަންތައްވެސް ވީ ކާގޭގަ..." ބިންޔާ ކޮޓަރީގައި ބަހައްޓާފައި ސަރަފިއްޔާ ބޭރަށް ނުކުތެވެ.

ތަނަވަސް ކޮޓަރިތެރެ ތަރުތީބުވެފައި ސާފެވެ. އެންމެ ހިރަފުސްކޮޅެއްވެސް ނެތެވެ. ބޮޑު އެނދާއި، ލަކުޑި ކުލައިގެ ފަރުނީޗަރުތަކުގެ ރީތިކަމުން އަޖައިބުވާވަރު ވެއެވެ. ސީލިންގުގައި ހަރުކޮށްފައިވާ ކުދި ބޮކިތަކުގެ އަލިން ކޮޓަރިތެރެ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެނދާއި ދިމާގައި ހަރުކޮށްފައިވާ ބޮޑު ފުރޭމުގައި ވަނީ ހަނދާނީ ލިޔުމެކެވެ. ރާއްޖެއިން ބޭރުގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން އެއްވަނަ ލިބިފައިވާކަން ބަޔާންކޮށްފައިވާ ހަނދާނީ ލިޔުމެކެވެ.

ތަސްވީރުން ނަޒަރު ވަކިކޮށް ބިންޔާ ބަލައިލީ މިޒްޔަލް ނިދާ އެނދަށެވެ. އެނދުގައި އަޅާފައިވާ ފޮތިގަނޑުގައި އެންމެ ރުލެއްވެސް ނެތެވެ. މީހަކު ނިދާ ތަނެއް ހެންވެސް ހީނުވެއެވެ. ރީތިކޮށް ފަތްޖަހާލާފައި އޮތް ކުއިލްޓްގެ ދަށުގައި ނިދާލަން ހާދަ އަރާމުވާނެއޭ ބިންޔާގެ ހިތަށް އެރިއެވެ. ކޮޓަރިތެރޭގައި އަޅާފައިވާ މަޑު ކާޕެޓުގެ ސަބަބުން ބިންޔާއަށް އަރާމުވިއެވެ. މީހަކު ނެތަސް، އޭސީގެ ފިނި ހުރީ އެންމެ ގަދަކޮށްފައެވެ. ހީކަރުވައިގަނެގެން ބިންޔާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. މިޒްޔަލް އުޅެނީ އެހާ ތަނަވަސް ދިރިއުޅުމެއް ހެއްޔެވެ؟ އެފަދަ ދިރިއުޅުމެއް އުޅެމުންދާ މީހަކު، ރެސްޓޯރެންޓެއްގެ ކައްކާއެއްގެ ވަޒީފާ އަދާކުރަނީ ކީއްވެ ހެއްޔެވެ؟ ފަހަރަކު ތަނެއް ބަލަމުން ހިނގަމުންދިޔަ ބިންޔާގެ ލޮލުގައި އަޅައިގަތީ ކޮމްޕިއުޓަރު މޭޒުމަތީގައި ބައިންދާފައިވާ ތަސްވީރެއްގައެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެ ތަސްވީރު ނެގިތަނާ، ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ. ބިންޔާ އަވަހަށް ތަސްވީރު ބޭންދިއެވެ.

ދޮރުމަތީގައި ހުރީ މިޒްޔަލެވެ. ބިންޔާގެ ދެލޯ ބޮޑުވިއެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. މިޒްޔަލް އައީ ކޮންއިރަކު ހެއްޔެވެ؟ މިޒްޔަލްގެ ޑިއުޓީ ނިމޭނީ ދަންވަރު ބާރަޖަހާއިރުއެވެ. ވީއިރު، އެހާ އަވަހަށް ގެއަށް އައީ ކީއްވެ ހެއްޔެވެ؟

ބިންޔާ ފެނުމުން، މިޒްޔަލްވެސް ހުރީ ހައިރާންވެފައެވެ. އޭނާ ހީކުރީ ހޭލާ ހުއްޓާ ހުވަފެން ފެންނަން ފެށީ ކަމަށެވެ. މިޒްޔަލް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އޭނާ ކުރިއަށް އަޅަމުން އައި ކޮންމެ ފިޔަވަޅަކާއިއެކު ބިންޔާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވެއެވެ.

މިޒްޔަލްގެ ފިޔަވަޅުތައް ހުއްޓުނުއިރު، އޭނާ ހުރީ ބިންޔާއާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އޭނާގެ ތޫނު ދެލޯ ބިންޔާގެ ލޮލާއި އަމާޒުކޮށްލިގޮތުން، ބިންޔާގެ ހިތަށް ގުޑުން އަރައިގެން ދިޔައެވެ.

"ކޮ ކޮންއި..ރަކު އައީ؟..." މިޒްޔަލް އެހާ ކައިރީގައި ހުރުމުން ބިންޔާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

ބިންޔާގެ އަޑު އިވުމުން، މިޒްޔަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ނާންނަންވީތަ؟..." މިޒްޔަލް އަހައިލިއެވެ. "އެކަމަކު މީ އަހަރެންގެ ކޮޓަރި..."

"ސޮ..ސޮރީ..." ބިންޔާ އުޅުނީ މިޒްޔަލްގެ ކައިރިން ދެމިގަނެގެން ދާށެވެ.

މިޒްޔަލް ދެއަތް ފާރުގައި ޖައްސައި ބިންޔާ ހައްޔަރުކޮށްލިއެވެ.

"މިކޮޓަރިއަށް މީގެކުރިން ދުވަހަކުވެސް އަދި އަންހެން ކުއްޖަކު ނުވަދޭ..." ބިންޔާއަށް ބަލަން ހުރެ، މިޒްޔަލް ބުނެލިއެވެ. "ވަނީމަ ވާގޮތް އެނގޭތަ؟..."

ކޮޓަރީގެ ދޮރު ހުޅުވައިލި ސަރަފިއްޔާއަށް ފެނުނު މަންޒަރުން އުފަލުން އުދުއްސައިނުގަނެވުނީ ކިރިޔާއެވެ. މިޒްޔަލާއި ބިންޔާ އެހާ ކައިރީގައި ތިއްބާ ފެނިދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެހާ ފަސޭހައިން އޭނާގެ މަގުސަދު ހާސިލުވުމުން، ސަރަފިއްޔާ ހުރީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ. އޭނާ ދުނިޔޭގައި ހުއްޓާ، މިޒްޔަލް ކައިވެނިކުރުން އެއީ ސަރަފިއްޔާ ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން ކާމިޔާބުވެދާނެކަމުގެ ފެހި ސިގުނަލު ލިބުމުން ސަރަފިއްޔާގެ ހިތުން ބޮޑު ބުރައެއް ނެގުނު ކަމުގެ އިހުސާސް ކުރެވުނެވެ. މިޒްޔަލްމެންނަށް ނޭނގޭނޭހެން އޭނާ މަޑުމަޑުން ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލިއެވެ.

ލިބުނު އުފަލެއްގެ ބޮޑުކަމުން، ސަރަފިއްޔާއަށް ނަށައިލެވުނެވެ. ދެއަތް މައްޗަށް ނަގާފައި އެނބުރިލީ، ފަރިކޮށެވެ. ދުރުގައި މަންޒަރު ބަލަން ސައީދާއި އޭނާގެ އަންހެނުން ނާޒިރާ ހުރިކަމެއް ސަރަފިއްޔާއަކަށް ނޭނގެއެވެ. ސައީދެކޭ އެއްވަރަށް ނާޒިރާވެސް ހުރީ ހުތް އެއްޗެއް ކެވިފައި ހުންނަ ފަދައިން އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އެއީ ދުވަހަކުވެސް ސަރަފިއްޔާ އުޅުނު ގޮތެއް ނޫނެވެ.

"މަންމާ!... ކިހިނެއްވަނީ؟..." ސައީދު ހުރީ ވާނުވާ ނޭނގިފައެވެ.

ސައީދު ފެނުމުން، ސަރަފިއްޔާގެ ދެފައި އޮޅިގެން ނުވެއްޓުނީ ކިރިޔާއެވެ. ނާޒިރާ ދެލޯ އަޅައިގެން ހުރެފައިވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. ސައީދު ލޯ އަޅައިލި ތަން ފެނުމުން، އޭނާ އަވަހަށް އަނގަމަތީގައި އަތް އަޅައިލިއެވެ. ސަރަފިއްޔާ މޫނު ކުނިކޮށްލައިގެން ހުރެ ގޮސް ކޮޓަރިއަށް ވަނެވެ.

"އެކަމަކުވާ ނާޒިރާ... އެއީ ނާޒިރާގެވެސް މަންމައޭ... ކޮންމެވެސް ވަރަކަށް އިހުތިރާމުކޮށްބަލަ... އަހަރެމެން އަހަރެމެންގެ މައިންބަފައިންނަށް ނުކުރާ އިހުތިރާމެއް ދަރިން އަހަރެމެންނަށް ކުރާނެތަ؟..." ނާޒިރާ ހުއްޓާނުލައި ހޭތީ، ސައީދު ހިތްހަމަނުޖެހުނެވެ.

"ހެވެއްނު... މިހާރުވެސް ވެއްޖެ އެ ކޮޓަރިއަށް އަންހެނަކު ވައްދާފަ... ދަރިންދެކެ ލޯބިވިޔަސް ހުރިހާ ނުބައި ކަމެއް އެބަ ކުރުވައެއްނު... ކޮން އިހުތިރާމެއް ކުރެވޭނީ..." ނާޒިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

ސައީދުގެ ނަޒަރު މިޒްޔަލްގެ ކޮޓަރިއަށް ހުއްޓުނެވެ. ނާޒިރާ ހުރީ، ހިތް އަވަސްވެފައެވެ. ސައީދު ގޮސް ދޮރު ހުޅުވައިލުމުން، ހަމަ ރަނގަޅަށްވެސް މިޒްޔަލާއި ސަރަފިއްޔާ ފަޟީހަތްވާނެއެވެ. ސައީދުގެ ކުރިމަތީގައި އެ ދެމީހުންގެ އަގު ވެއްޓޭނެއެވެ. އެއީ އޭނާ އެދިއެދި ހުރި ފުރުސަތެކެވެ.

(ނުނިމޭ)

 

ކޮމެންޓް 0