"ހެވެއްނު... މިހާރުވެސް ވެއްޖެ އެ ކޮޓަރިއަށް އަންހެނަކު ވައްދާފަ... ދަރިންދެކެ ލޯބިވިޔަސް ހުރިހާ ނުބައި ކަމެއް އެބަ ކުރުވައެއްނު... ކޮން އިހުތިރާމެއް ކުރެވޭނީ..." ނާޒިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
ސައީދުގެ ނަޒަރު މިޒްޔަލްގެ ކޮޓަރިއަށް ހުއްޓުނެވެ. ނާޒިރާ ހުރީ، ހިތް އަވަސްވެފައެވެ. ސައީދު ގޮސް ދޮރު ހުޅުވައިލުމުން، ހަމަ ރަނގަޅަށްވެސް މިޒްޔަލާއި ސަރަފިއްޔާ ފަޟީހަތްވާނެއެވެ. ސައީދުގެ ކުރިމަތީގައި އެ ދެމީހުންގެ އަގު ވެއްޓޭނެއެވެ. އެއީ އޭނާ އެދިއެދި ހުރި ފުރުސަތެކެވެ.
**********
މިޒްޔަލްގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަން އުޅެފައިވެސް، ސައީދު އެ ހިޔާލު ދޫކޮށްލިއެވެ. އަމިއްލަ ދަރިންނަށް އޭނާ އިތުބާރު ކުރެއެވެ. މައިންބަފައިން ލަދުގަންނަންޖެހޭފަދަ ނުބައި ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޮވެއެވެ. މިޒްޔަލްއަކީ ހެޔޮވިސްނޭ ދަރިއެކެވެ. ފުރާ ފުރިހަމަވެ، މީހަކާ އިންނަ އުމުރުގެ މީހެކެވެ. ވީއިރު، ދިރިއުޅުމުގެ ބައެއް ހަރުފަތްތައް އަމިއްލައަށް ގިރާކުރުމުގެ އިހުތިޔާރު ދަރިންނަށް ދޭންވާނެކަމަށް ސައީދު ގަބޫލުކުރެއެވެ.
"ސައީދު..." ނާޒިރާއަށް މަޑުމަޑުން ގޮވައިލެވުނީ ސައީދުގެ މިސްރާބު ބަދަލުވުމުންނެވެ.
ސައީދު ގޮސް ވަނީ ސަރަފިއްޔާގެ ކޮޓަރިއަށެވެ. ނާޒިރާގެ މުޅި ދުވަސް ހަރާބުވިއެވެ. ސައީދުދެކެ އިންތިހާއަށް ރުޅި އައެވެ. ސަރަފިއްޔާއެކޭ އެއްވަރަށް ސައީދުވެސް އެފަދަ ކަންކަމަށް ހިތްވަރުދޭކަމަށް ބުނެ ކުދިކިޔަމުން ގޮސް ކޮޓަރިއަށް ވަދެ، ބަންލާފައި ދޮރު ޖެހިއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ސަރަފިއްޔާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ސައީދު ފެނުމުން ސަރަފިއްޔާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އެއިން ދުވަހެއްގައިވެސް ސައީދު އެ ކޮޓަރިއަށް އައި ހަނދާނެއް ސަރަފިއްޔާ ނުވެއެވެ. ދަރިފުޅުގެ އެ ކުޑަކުޑަ އަމަލުން، ސަރަފިއްޔާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ.
"މަންމާ!... މާ ބަލީތަ؟..." ސައީދު އޯގާތެރި ރާގަކަށް އަހައިލިއެވެ.
"ދަރިފުޅަށް ތިހެން އެހިއްޖެދޯ؟..." އަމިއްލަ ދަރިފުޅުގެ ގާތްކަން ބޭނުންވެފައި އިން ސަރަފިއްޔާއަށް ކުރެވުނީ ޝަކުވާއެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނާޒިރާއާއި ކައިވެނި ކުރި ފަހުން، ސައީދަކީ އެހެން މީހެކެވެ. އެހެން މީހުންނަށް އޯގާތެރިވެ އަޅާލާ އަޅާލުން އެއްފަރާތްކޮށް ހުރިހާ އިސްކަމެއް އޭނާ ދިނީ ނާޒިރާއަށެވެ. ވިޔަފާރީގެ ކަންކަމުގެ އިތުރުން، ނާޒިރާގެ ކަންކަން ކޮށްދީފައި އެހެން މީހަކަށް އަޅާލާނެ ވަގުތެއް ސައީދަކަށް ނުވެއެވެ. ދަރިން ތިބީތީ އެކުދިން ތަރުބިއްޔަތު ކުރަން ސައީދު ކުރި ކަމެއް ނެތެވެ. ކުޑަކުޑަ މިޒްޔަލްގެ ހުރިހާ ޒިންމާއެއް ނެގީ ސަރަފިއްޔާއެވެ. މުސްކުޅި ހާލުގައިވެސް މައެއްގެ ޒިންމާ އެންމެ ފުރިހަމައަށް އޭނާ އަދާކުރިއެވެ.
"މަންމާ!... އަހަންނަށް އެނގޭ އަހަންނަށް މަންމައާ ދޭތެރޭ އިހުމާލުވެވިއްޖެކަން..." ސައީދު އިސްޖަހައިލިއެވެ. "އެއީ އެއްގޮތަކަށްވެސް އަހަރެން ބޭނުންވެގެން...."
"ދަރިފުޅު އިހުމާލު ތިވަނީ ހަމައެކަނި މަންމައަކަށް ނޫނޭ..." ސައީދުގެ ވާހަކަ ހުއްޓުވަމުން، ސަރަފިއްޔާ ވާހަކަ ދެއްކިއެވެ. "ޒަޔާން ނޫނަސް، ދަރިއަކު ހުރިކަން ދަރިފުޅަށް އެނގޭތަ؟... އެކުއްޖާއަށް ވީ ކިތައް އަހަރު ކަމެއް، ހުރީ ކައިގެންތޯ، ނޫނީ މީހަކާ އިންނަނީ ކޮން އިރަކުންތޯ، އުޅެނީ އުފަލުގަތޯ ބަލާލިންތަ؟... ބޮޑު ގެއަކާ ތަނަވަސްކަމެއް ލިބުނީމަ ދިރިއުޅުން ފުރިހަމަވީކީ ނޫނޭ ދަރިފުޅާ... މިޒްޔަލްގެ މަންމައެއް އޭނަ ކައިރިއަކު ނެތް... އަހަރެންގެ ގައިބާރު ދެރަވެއްޖެ... މާދަމާ ނޫންކަމެއް ނޭނގެ ލޯމަރާލަން ޖެހޭނީ... އެ ދުވަހަކުންވެސް އެ ދަރިއަށް ލޯބިދޭން ހުރި ހުރިހާވެސް މީހަކީ ތީ..."
"މަންމާ... ތިކަހަލަ ވާހަކަ ނުދައްކަބަލަ..." ސަރަފިއްޔާގެ ފަހު ޖުމުލަތަކުން ސައީދުގެ ހިތުގައި ޖެހުނެވެ.
ކުށްވެރިއެއްހެން އިސްޖަހާލައިގެން ސައީދު އިނެވެ. ސަރަފިއްޔާ ދެއްކީ މުޅީންވެސް ތެދު ވާހަކައެވެ. އޭނާއަށް ވަނީ އިހުމާލުވެވިފައެވެ. ދަރިންދެކެ ލޯބިވާންޖެހޭނީ އެއްޗެހި ދީގެނެއް ނޫނެވެ. އެކުދިންނަށް ލޯތްބާއި ވަގުތު ދީގެންނެވެ. ސައީދަކަށް އެކަމެއް ނުވިއެވެ. އޭނާއަށް ކުރެވުނު ކަމަކީ، ދަރިންނަށް މުއްސަނދި ދިރިއުޅުމެއް ހޯދައިދިނުމެވެ. އެއީ ހަގީގީ އުފާ ނޫންކަން ހުދު އޭނާއަށްވެސް ގަބޫލުކުރެވެއެވެ.
"ބައްޕައެއް ހުރެ ބައްޕައެއްގެ ލޯބި މިޒްޔަލްއަކަށް ނުލިބޭ... ދަރިފުޅު ވިސްނާލިންތަ އެކުއްޖާގެ ހިތަށް ކުރާނެ އަސަރު؟..." ސަރަފިއްޔާ އިނީ އޭނާގެ ހިތުގައި ހުރި ހުރިހާ ޝަކުވާތަކެއް ބަންޑުންކުރަން ބޭނުންވެފައެވެ. "މާދަމާ އެއީ މިޒްޔަލްގެ އުފަންދުވަސް ކަން ދަރިފުޅަށް އެނގޭތަ؟..."
"އަހަރެން ކިހިނެއް ހަދަންވީ މަންމާ؟... ހުރިހާ ކަމެއް ރަނގަޅު ކުރަން އަހަރެން ބޭނުން..." ސަރަފިއްޔާގެ އަތުގައި ހިފައިލަމުން ސައީދު އަހައިލިއެވެ.
*********
ބިންޔާ ދެލޯ މަރައި، ބާރުކޮށްލީ މިޒްޔަލް ކައިރިވެލުމުންނެވެ. ނުހަނު ކައިރިން ބިންޔާގެ މޫނަށް ބަލަން އެތައް އިރަކު ހުރެފައި މިޒްޔަލް ދުރަށް ޖެހުނީ ބިންޔާގެ ފަހަތުގައި ހުރި އަލަމާރިން އެއްޗެއް ނަގައިގެންނެވެ. ބިންޔާ ފުރަތަމަ ހުޅުވައިލީ އެއް ލޮލެވެ. އޭގެ ފަހުގައި އަނެއް ލޯ ހުޅުވައިލިއެވެ. މިޒްޔަލް ފާޑަކަށް ހިނިއައިސްފައި ބަލަން ހުއްޓެވެ. ބިންޔާ ބަލައިލުމުން، ކޮތަޅެއް ދައްކައިލިއެވެ.
"ހާދަ ގޯސް އެއްޗެހި ހިތަށް އަރުވާ ކުއްޖެކޭ..." މިޒްޔަލް ހިނިގަނޑެއް ޖަހައިލިއެވެ. "ބޭބީ ކުއްޖާ..."
"އެއްވެސް ގޯސް އެއްޗެއް ހިތަކަށް ނާރުވަން..." ބިންޔާ އަވަސް އަވަހަށް ބުންޏެވެ.
"ޕްރޫފް ދައްކަންވީތަ؟..." މިޒްޔަލް އަނެއްކާވެސް ބިންޔާގެ ކައިރިއަށް ޖެހިލިއެވެ.
ބިންޔާ ފަހަތަށް ޖެހިލުމާއިއެކު، އަލަމާރީގައި ވަރަށް ބާރަށް ޖެހުނެވެ. ބޯ ޖެހުމުގެ ކުރިން މިޒްޔަލްއަށް ބިންޔާގެ ބޮލުގެ ފުއްކިބައިގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. މިޒްޔަލް އެއްޗެއް ބުނަން އުޅުނެވެ. ބިންޔާ ވަގުތުން މިޒްޔަލްގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލިއެވެ.
ކާޕެޓުގަނޑުގެ މައްޗަށް ވެއްޓުނުގޮތުން މިޒްޔަލްގެ ބުރަކައްޓަށް ތަދުވިއެވެ. އޭނާ އުޅުނީ ބިންޔާއަށް ސަމާސާއެއް ކޮށްލާށެވެ. އެކަމަކު ބިންޔާގެ ފަރާތުން ލިބުނީ ވޭނީ ހަދިޔާއެކެވެ. ބިންޔާ އެހާ ބާރުގަދައީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ކޮށްލާ ކަންކަމުން ކޮންމެ ފަހަރަކު މިޒްޔަލްގެ ހިތް ހުއްޓޭވަރުކޮށްލައެވެ.
"ސޮރީ..." ބިންޔާ ދުވަފައި ގޮސް މިޒްޔަލް ނަގަން އުޅުނެވެ. ބިންޔާ އަތް ދިއްކޮށްލުމުންވެސް، މިޒްޔަލް އެ އަތުގައި ނުހިފިއެވެ. ތުންދަމައިގެން ކޮޅަށް ތެދުވުމުން، ބިންޔާ ހުރީ ހާސްވެފައެވެ.
މިޒްޔަލް ކުއްލިއަކަށް ބިންޔާގެ ކައިރިއަށް ޖެހިލާފައި ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ. ހަމަ އެހާ އަވަހަށް ބިންޔާއާއި ދުރަށްޖެހުނެވެ. ދަނީކަމަށް ބުނެފައި މިޒްޔަލް ނުކުތް އިރުވެސް ބިންޔާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ބިންޔާއަށް ކުރެވުނީ މަޑު، ފިނި އެއްޗެއް މޫނުގައި ޖެހުނު ކަމުގެ އިހުސާސެވެ. ކޯތާފަތުގައި އަތް ޖައްސާލިގޮތަށް، ދޮރާއި ދިމާއަށް ބަލަން އޭނާއަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އެއީ މިޒްޔަލް ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ އޭނާ ހުރީ މިޒްޔަލްގެ ކޮޓަރީގައެވެ. ކައިވެންޏަކަށްފަހު، ދެމަފިރިން އުޅޭނީ އެފަދަ ގޮތަކަށެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ލަދުން ގޮސް ބިންޔާގެ ދެކޯތާފަތް ރަތްވިއެވެ.
މިޒްޔަލަށް ނުކުމެވުނީ ސައީދުގެ ކުރިމައްޗަށެވެ. އެތެރޭގައި ބިންޔާ ހުރުމުން މިޒްޔަލް އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. ތަޅުގައި ހިފަހައްޓާލައިގެން އޭނާ ހުރީ ދޮރުމަތިން ދުރަށްޖެހިލަންވެސް ނުކެރިފައެވެ. ސައީދު އެތެރެއަށް ވަދެއްޖެނަމަ، ބިންޔާ ފެންނާނެއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟
"ދަރިފުޅު ބިޒީތަ؟..." ސައީދު އަހައިލިއެވެ. "ހިނގާބަލަ އިހަށް ކޮޓަރިއަށް... ބައްޕަ ވާހަކައެއް ދައްކާލަންވެގެން..."
"ކޮޓަރިއަކަށް ނޫން... ސިޓިންގްރޫމަށް..." މިޒްޔަލް އަވަސް އަވަހަށް ބުނެލިއެވެ.
ބިންޔާއަށް އެ އަޑު އިވުމާއިއެކު މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. މިޒްޔަލްގެ ބައްޕައަކީ ކޮންކަހަލަ މީހެއް ކަމެއް އޭނައަކަށް ނޭނގެއެވެ. ފިލަން ވަންނާނެ ތަނެއް ނޭނގިގެން އުޅެފައި ބިންޔާއަށް ވަދެވުނީ އެނދު ދަށަށެވެ. އެނދު ދަށުގައި އޮތް ބޮޑު ތަސްވީރަށް އެރިފައި އޭގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައެވެ. ބިއްލޫރިކޮޅުތައް ހެރުނީ ބިންޔާގެ އަތަށެވެ. ލޭމަނާކުރަން މަސައްކަތް ކުރަމުން ބިންޔާ އެ ތަސްވީރަށް ބަލައިލިއެވެ. އަންހެނަކު ތުއްތު ކުއްޖަކު އުރާލައިގެން ހުރި އެ ތަސްވީރަކީ ކާކުގެ ތަސްވީރެއްކަން އެނގުމާއިއެކު ބިންޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
********
ސަރަފިއްޔާ ބޭނުންވިގޮތަށް ބިންޔާ ހުރީ މިޒްޔަލްގެ ކޮޓަރި ޒީނަތްތެރިކޮށްފައެވެ. އެކަމަކު އޭނާ އައުމުގެ ކުރިން ބިންޔާ އެގެއިން ދިޔުމުން، ސަރަފިއްޔާއަށް ނުތަނަވަސްކަމެއް ލިބުނެވެ. މިޒްޔަލް އަންނަންދެން މަޑުކުރުމަށް ބިންޔާގެ ކައިރީގައި ބުނެވުނު ހަނދާން ސަރަފިއްޔާ ވިއެވެ.
މާމަގެ ބައިވެރިވުމާއިއެކު، ބިންޔާ މިޒްޔަލްގެ އުފަން ދުވަހަށް ކޮންމެވެސް ކަމެއް ރޭވިކަން އެނގުނު ނަމަވެސް އެހާ ފުރިހަމައަށް ކަންކަން ނިންމާފައި ހުރެދާނެކަމަށް މިޒްޔަލް ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. މިޒްޔަލް ހީކުރީ އުފަން ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި ބިންޔާވެސް ބައިވެރިވާނެ ކަމަށެވެ. ސައީދާއިއެކު ރެސްޓޯރެންޓަށް ގޮސްފައި އޭނާ ގެއަށް އައީ، އެ އުއްމީދާއި އެކުގައެވެ. ބިންޔާ ނެތުމުން މިޒްޔަލް ހުރީ އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ.
"ބިންޔާ ހެދީމައޭ މި ކޭކު އެހާ މީރީ..." ކޭކުން އެތިކޮޅެއް ކާލާފައި ސަރަފިއްޔާ ބުނެލިއެވެ. "ދަރިފުޅާ މިޒްޔަލް... ދޭބަލަ ބިންޔާއަށް ކޭކުކޮޅެއް ގެންގޮސްދޭން..."
"ދޮންބެ ހުންނާނީ ވަރަށް ވަރުބަލިވެފަ... އަޅުގަނޑު ހިނގައިދާނަން..." ޒަޔާން ބުނެލިއެވެ.
"މިހާރު މާ ލަސްވެއްޖެ... މާދަމާ ގެންދާނަން..." ޒަޔާނަށްވުރެ ކުރިން ކޮތަޅުގައި ހިފަމުން، މިޒްޔަލް ބުންޏެވެ.
ސަރަފިއްޔާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެއާއި ހިލާފަށް މިޒްޔަލް އިނީ ނުތަނަވަސްވެފައެވެ. ބިންޔާގެ ނުރުހުމުގައި އެ އަންހެން ކުއްޖާގެ ގައިގައި އިނގިލިކުރި ޖައްސައިލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު، މިޒްޔަލްއަށް ގޯސް ހެދުނީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. ބިންޔާ ހުރީ އެހާވެސް މައުސޫމުކޮށެވެ. މިޒްޔަލްއަށް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވޭނީ ކިހިނެއް ހެއްޔެވެ؟ މިޒްޔަލް ނުތަނަވަސްވީ، ބިންޔާ ދިޔައީ އެކަމާއި ނުރުހިގެންކަމަށް ހީވުމުންނެވެ. ޔަގީނުންވެސް ބިންޔާ ދާނީ ކޮންމެވެސް ކަމެއް ވެގެންކަން އޭނާއަށް އެނގެއެވެ.
********
ޖެހިގެން އައި ދުވަހު މިޒްޔަލް ހުރީ ބިންޔާ މަސައްކަތަށް ނައިސްގެންނެވެ. މަންމައާއި ވަކިވުމަށްފަހު، މިޒްޔަލްގެ ހަޔާތުގައި އައި އެންމެ އުފާވެރި އުފަން ދުވަސްކަމުގައި އެ ދުވަސް ވެގެން ދިޔައީ ބިންޔާގެ ބައިވެރިވުން އޮވެގެންނެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ބިންޔާ ހުރީ ބަސްމަދުވެފައެވެ. މިޒްޔަލް ބުނާ އެއްޗަކަށް ޖަވާބުދިން ނަމަވެސް، ހަތަރުކަޅި ހަމަނުކުރަން އުޅޭކަން އޭނާއަށް އެނގުނެވެ. ބިންޔާގެ އެ މަޑުމައިތިރިކަން މިޒްޔަލްގެ ހިތަށް އުނދަގޫކުރަން ފެށިއެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން، މިޒްޔަލްއަށް އެހެން ކަމެއް ކުރެވޭވަރެއް ނުވިއެވެ. ބިންޔާ ގުދަނަށް ދިޔަ ވަގުތު، މިޒްޔަލްވެސް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގުދަނަށް ވަނެވެ. އެ މަންޒަރު ބަލަން އާރިފު ހުރި ކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ.