ބިންޔާގެ ދެލޮލަށް ގިނަވެގަތް ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. އޭނާ އެއްޗެއް ނުބުނެ ކެތް ކުރަނީވެސް އާސިފްގެ ފަރާތުން އެފަދަ ގޯނާތަކާއި ކުރިމަތިލާން ޖެހޭތީއެވެ. ދެއަތް މުށްކެވުނު ނަމަވެސް، ބިންޔާ ހުރީ ހިމޭނުންނެވެ. އާސިފްގެ ކުރިމަތީގައި ބިންޔާއަކީ ކަމެއް ނުކުރެވޭ ފިނޑިއެކެވެ.
*******
"އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެން ކުރިމަތީގަ ތިހެން ނޫޅޭށޭ... އޭރުން އަހަރެންވެސް ހުންނާނީ މަޑުން..." ވިސްނައިދޭ ފަދައިން އާސިފް ބުންޏެވެ.
އާސިފް ދޫކޮށްލުމުން ބިންޔާ އިސްޖަހައިލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އާސިފަށް ދައްކަން އޭނާ ބޭނުމެއް ނުވިއެވެ. އާސިފްގެ ގޯނާތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، އެކަމަށް ހައްލު ހޯދަން ބިންޔާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އޭނާގެ ނިކަމެތި ހާލަތު އެއިން ކަމަކަށް ތަނެއް ނުދެއެވެ. ކިތަންމެ ބާރަކާއި ހުނަރެއް ލިބިފައިވިޔަސް މެއެވެ.
"މާ ބޮޑަށް ފިޔަ ފަޅައިގެން ނޫޅެއްޗޭ... އަހަންނަށްވެސް ކެތްވާނީ ވަކި ވަރަކަށް..." އާސިފް އިންޒާރު ދިނެވެ.
އާސިފް ކޮޓަރިއަށް ވަދެފައި ނުކުތް އިރުވެސް، ބިންޔާ ހުރި ތަނުގައި ހުއްޓެވެ. ދެއަތް މުށްކަވާލައިގެން ހުރިއިރު، ހިތާމަތަކުގެ މައްޗަށް ކުރި ހޯދަމުން އައި ރުޅިގަނޑު ހިންދާލަން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ކެތްކުރަނީ ފިޔަ ފަޅައި އުދުހިގަނެވެންދެނެވެ. އާސިފްގެ ކައިރިން ސަލާމަތްވާން ބިންޔާ ކުރާ މަސައްކަތަށް އަލިމަގެއް ލިބޭ ދުވަހަކީ އާސިފަށް ބިންޔާގެ ބާރު ފެންނާނެ ދުވަހެވެ. އެދުވަހަކުން އާސިފް ޖެހޭނީ އަމިއްލަ ސަލާމަތަށް އެދި ބިންޔާގެ ކިބައިން އާދޭސް ކުރާށެވެ. އެހާ ފަސޭހައިން އާސިފަށް ދޫ ދޭކަށް ބިންޔާ ބޭނުމެއް ނުވެއެވެ.
"ސަމީރާ އޮތީ ހޮސްޕިޓަލުގަ... އޭނަ ކައިރިއަށް ދަންޏާ، އަހަންނާ އެކީ އާދޭ..." ދޮރާއި ދިމާއަށް ހިނގައިގަންނަމުން އާސިފް ބުންޏެވެ.
********
ނަންބަރު ޖެހުމުން، ސަރަފިއްޔާ ގޮނޑިން ތެދުވިއެވެ. ކައިރީގައި ހުރި މިޒްޔަލްގެ އަތުގައި ހިފާލައިގެން އޭނާ ގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އެތެރޭގައި އިނީ ދިވެއްސެކެވެ. ޒުވާން އަންހެން ޑަކްޓަރެކެވެ. ސަރަފިއްޔާގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ފެނި، މިޒްޔަލް ހާސްވިއެވެ. މިފަހަރު އޭނާ ލަދުގަންނަ ކޮންމެވެސް ކަމެއް މާމަ ކުރާނެކަން ކަށަވަރު ވިއެވެ.
"ކޮން ނަމެއް ކޮއްކޮއަށް ކިޔަނީ؟..." ޑަކްޓަރު ސުވާލެއް ކުރުމުގެ ކުރިން ސަރަފިއްޔާ ފެށީ މުޅީން އެހެން ވާހަކަ އެކެވެ.
"އަޅުގަނޑަށް ކިޔަނީ ސަނާ..." ސަނާ މޭގައި އަތް ޖައްސާލަމުން، ހިނިތުންވެލީ އެކުވެރި ގޮތަކަށެވެ.
"ސަނާ..." ސަރަފިއްޔާ މިޒްޔަލްއަށް ބަލައިލިއެވެ. ލޮލުގެ އިޝާރާތުން ސަނާއާއި ވާހަކަ ދެއްކުމަށް އެދުނެވެ. މިޒްޔަލް ވަގުތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ބޭސް ސިޓީތަކާ ރިޕޯޓްތައް އެބަހުރިތަ؟..." މިޒްޔަލްއަށް ބަލައިލަމުން ސަނާ ސުވާލުކުރިއެވެ.
މިޒްޔަލް އޭނާގެ އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވައިލިއެވެ.
"ސަނާ އުޅެނީ މީހަކާ އިނދެގެންތަ؟..." ސަރަފިއްޔާ ސުވާލުކުރިއެވެ.
ސަނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ ރަކި ގޮތަކަށް ހިނިތުންވެލަމުން، މިޒްޔަލްއަށް ބަލައިލިއެވެ.
"މާމަގެ ޗެކަޕް..." މިޒްޔަލް މައުޟޫއު ބަދަލުކޮށްލިއެވެ.
ސަނާގެ ހަރަކާތްތަކަށް ބަލަން ސަރަފިއްޔާ އިނީ ހިނިތުންވެލައިގެންނެވެ. ސަރަފިއްޔާގެ މޭގައި ކަށިގަނޑު ޖައްސާލާއިރު އާއި، ފުންކޮށް ނޭވާލުމަށް ބުނެލާ އޯގާތެރި ގޮތުން، ސަރަފިއްޔާގެ ހިތް ވިރިގެން ދިޔަ ކަހަލައެވެ. ޑޮކްޓަރުންގެ ރަސްމީ ހެދުމުގައި ސަނާ ނުހަނު ރީއްޗެވެ. މިޒްޔަލްއާއި އެކަށީގެންވާ ކަމުގައި އޭނާ ގަބޫލުކުރިއެވެ. ސަނާ ބޭސް ސިޓީ ލިޔެފައި ދިންއިރުވެސް ސަރަފިއްޔާ އިނީ ބަލަހައްޓައިގެންނެވެ.
"ކޮން ގެއެއްގެ ކުއްޖެއްތަ ތީ؟..." ސަރަފިއްޔާ އަނެއްކާވެސް ސުވާލު ކުރިއެވެ. "ތިކަހަލަ ކުއްޖެއް އަހަރެންގެ މާމަ ދަރިފުޅަށްވެސް ލިބޭނެނަމަ... މީ އަހަރެންގެ މާމަ ދަރިފުޅު... މިޒްޔަލް... އެނގެއެއްނު ގޯލްޑަން ހިޔާ ރެސްޓޯރެންޓް... އެތަނުގެ...."
"މާމާ..." މިޒްޔަލް އަވަހަށް ސަރަފިއްޔާގެ ވާހަކަ ހުއްޓުވިއެވެ. މާމަ ގޮނޑިން ނެގައިގެން އެތަނުން ނުކުތުމަށް ހިނގައިގަތީ ސަނާގެ ކިބައިން މައާފަށް އެދިފައެވެ.
މިޒްޔަލް ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. މާމަ އުޅޭ ގޮތަކުން އޭނާގެ ސިކުނޑި ސުމަކަށް ދާވަރު ވެއެވެ. ކޮންމެ ތަނަކުން އަންހެން ކުއްޖަކު ފެނުނަސް، މިޒްޔަލްއާއި ގުޅުވަން މަސައްކަތް ކުރާ ވަރުންނެވެ. އެހެން މީހުންގެ ކުރިމަތީގައި ލަދުގަންނަން ޖެހެނީ މިޒްޔަލްއެވެ.
"މާމަ ނޫޅުނިއްޔާ ދަރިފުޅު ނޫޅޭ އެކަހަލަ ކަމަކާ... ސަނާ އެއީ ކިހާ ރަނގަޅު ކުއްޖެއް... ޑޮކްޓަރު ކަށިގަނޑު ޖައްސާލާ އިރުވެސް..." ސަރަފިއްޔާ ދައްކަން އުޅުނު ވާހަކަ މިޒްޔަލް ހުއްޓުވިއެވެ.
"އަހަރެން ލައިކްވާ ކުއްޖެއް އެބަހުއްޓޭ މާމާ..." ވިސްނާނުލައި މިޒްޔަލްއަށް ބުނެވުނެވެ. އޭގެ ސަބަބުން ދެން ސަރަފިއްޔާގެ ފަރާތުން ކުރިމަތިވާނީ މާ ބޮޑު ކަމެއްކަން މިޒްޔަލްއަށް ވިސްނުނީ މާ ފަހުންނެވެ.
"ކޮން ކުއްޖެއް؟... ކޮންތާކު އުޅެނީ؟... ކޮން އިރަކުން މާމައާ ބައްދަލުކުރުވާނީ؟..." ސަރަފިއްޔާ ޝައުގުވެރިވެފައި، އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ.
ލިފްޓާއި ދިމާއަށް ހިނގައިގަތް މިޒްޔަލްއަށް ބިންޔާ ފެނުނީ ފުރަގަހުންނެވެ. އެއީ ބިންޔާ ކަން އޭނާއަށް ޔަގީންނުވީ، ކަރުގައި ސްކާފެއް އައްސާލައިގެން ހުރުމުންނެވެ. އެފަދަ ގޮތަކަށް ބިންޔާ ހުއްޓާ، އޭގެ ކުރިން އޭނާއަށް ފެނިފައި ނުވާތީއެވެ.
"ދަރިފުޅާ... މާމަ މި އަހަނީ އެއީ ކާކުހޭ؟... ކޮންއިރަކުހޭ މާމައާ ބައްދަލު ކުރުވާނީ؟... އަނެއްކާ ދަރިފުޅު ދޮގު ހަދަނީތަ؟..." މިޒްޔަލްގެ ޖަވާބެއް ނައުމުން، ސަރަފިއްޔާ ހުރީ ޝައްކުވެފައެވެ.
"މާމަ އިހަށް މިތާ އިށީނދެބަލަ... ވަރަށް އަވަހަށް އެބަ އަންނަން..." ސަރަފިއްޔާ ގޮނޑިއެއްގައި ބައިންދާފައި، މިޒްޔަލް ބިންޔާގެ ފަހަތުން ދިޔައެވެ.
ވަކި ހިސާބަކުން މިޒްޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ފެނުނު ސޫރައަކުންނެވެ. ޝައްކެއް ނެތް މިންވަރަށް އޭނާއަށް އާސިފްގެ މޫނު ފެނުނެވެ. ކައިރީގައި ހުރީ ބިންޔާކަންވެސް ޔަގީންވިއެވެ. އެކަމަކު، އާސިފާއިއެކު ބިންޔާ ހަސްފަތާލުގައި ކުރަނީ ކީއްބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ. އޭގެ ކުރިންވެސް އޭނާއަށް ވަނީ ބިންޔާ އާސިފްގެ ގެއަށް ވަންނަނިކޮށް ފެނިފައެވެ. ބިންޔާ އާއި އާސިފާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއް ބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ.
ދެމީހުން ގޮސް ވަނީ ބަލިމީހުން ބާއްވާފައި ތިބޭ ވޯޑަށެވެ. މިޒްޔަލް އެތެރެއަށް ވަނީ ކުޑަ އިރުކޮޅަކު ބޭރުގައި މަޑުކޮށްލާފައެވެ. ވޯޑުގައި އެތައް ބަލިމީހުންނެއް ތިބިއިރު، ބިންޔާމެން ފެންނާކަށް ނެތެވެ. ފަހަރަކު އެނދަކަށް ބަލަމުން، މިޒްޔަލް ކުރިއަށް ހިނގަމުން ދިޔައެވެ.
"އޭތް، މިތާ ކީއްކުރަނީ؟..." ފަހަތުން ޝިމާއުގެ އަޑު އިވުމުން، މިޒްޔަލް ދިޔައީ ސިއްސައިގެންނެވެ.
ޝިމާއު ހުރީ ޒުވާން އަންހެން ކުއްޖަކާއި އެކުގައެވެ. މިޒްޔަލް ފެނުމުން އެކުއްޖާ ތުއި ގޮތަކަށް ހިނިތުންވެލިއެވެ.
"މީ އަހަރެންގެ ކޮއްކޮ... މީރާ..." މީރާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޝިމާއު ބުންޏެވެ. "މީ މިޒްޔަލް... އަހަރެންގެ ބެސްޓް ބަޑީ...."
"ހާއި..." މީރާ ސަލާމަށް އަތް ދިއްކޮށްލިއެވެ.
މިޒްޔަލް ހަމައެކަނި ބޯ ޖަހައިލީއެވެ. މީރާގެ މޫނުން ޝައުޤުވެރިކަން ފެނުނު ނަމަވެސް، މިޒްޔަލްގެ މޫނުން އެއްވެސް އަސަރެއް ނުފެނުނެވެ. އޭނާ އޭރުވެސް ހުރީ ބިންޔާ ފެނޭތޯ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާށެވެ.
"ކާކު ފެނޭތޯ ހޯދަނީތަ؟...." ޝިމާއުވެސް އެކި ދިމަދިމާއަށް ބަލައިލިއެވެ. "ދުވަހަކު މިކަހަލަ ތާކުން ފެންނާނެ ކަމަށް ހީވެސްކުރި މީހެއް ނޫނޭ މީ..."
"ދަންނަ މީހަކު ފެނިގެން އައީ... ވެދާނެ ފެނުނުގޮތް ގޯހީ ކަމަށް..." މިޒްޔަލް ދެކޮނޑު އަރުވައިލިއެވެ.
"މަ މިއުޅެނީ މަންމަ ބާއްވައިގެން... ހިނގާ މަންމަ ކައިރިއަށް ގޮސްލަން..." ޝިމާއު މިޒްޔަލްގެ ކޮނޑަށް އަތް އެއްލައިގެން ހިނގައިގަތެވެ.
********
ސަމީރާގެ ކުރިމަތީގައި ހުރި ބިންޔާގެ ދެލޮލަށް ކަރުނަ ޖަމާވީ، އެ ދައްތަ އޮތް ހާލު ފެނުމުންނެވެ. މުޅި ހަށިގަނޑުގެ އެކި ތަންތަނަށް ހޮޅިތައް ގުޅާފައި އޮތްއިރު، އެއް އަޑަކަށް ހަރުލާފައި ހުރި މެޝިނުގެ އަޑުން، ބިންޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެންމެން ފަދައިން ސަމީރާވެސް އޭނާއާއި ވަކިވެގެން ދަނީ ހެއްޔެވެ؟ ސަމީރާގެ ކައިރީގައި އިށީންނަމުން، ބިންޔާ އޭނާގެ ދެއަތުގެ ތެރޭގައި ސަމީރާގެ އަތް ފޮރުވައިލިއެވެ.
"އަލްހަމްދުﷲ... ތޭންކް ޔޫ..." ސަމީރާ ދިރި ދުނިޔޭގައި އޮތުމުން، ބިންޔާއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.
ބިންޔާ ހީކުރީ ދެން ދުވަހަކުވެސް ސަމީރާ ނުފެންނާނެ ކަމަށެވެ. އާސިފްގެ ސަބަބުން އޭނާ އެހާ ވަރަށް ހިތުގައި ޖެހުނީވެސް އެ ސަބަބަށްޓަކައެވެ.
"ދައްތާ، އަހަންނަށް ކޮށްދެވޭނެ ކަމެއް އޮތްނަމައޭ ހިތަށް އަރާ...." ބިންޔާ ދެރަވެލާފައި ބުނެލިއެވެ. "އަމިއްލަ ނަފުސު ގުރުބާން ކޮށްގެންވެސް ދައްތަ ސަލާމަތް ކުރާނަން..."
ސަމީރާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ބިންޔާގެ މޫނަށް އޭނާ ބަލައިލީ، ފެންކަޅިވެފައިވާ ދެލޮލުންނެވެ. ސަމީރާ އެތައް ހިތްވަރަކުން، އޭނާގެ އިނގިލި އުފުލައިލިއެވެ. ކަށި އިނގިލީގައި ރަން އަނގޮޓިއެއް އަޅާފައި އޮތެވެ. އޭނާ އިޝާރާތުން އެދުނީ އެ އަނގޮޓި ނެގުމަށެވެ.
"ނޫން ދައްތާ...." ބިންޔާ ދެކޮޅު ހެދިއެވެ.
ސަމީރާ ދޫނުކުރުމުން، ބިންޔާ އެ އަނގޮޓި ނަގައި އިނގިލީގައި އެޅިއެވެ. ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް، ސަމީރާގެ ދެލޮލުން އޮހޮރިގަތީ ކަރުނައެވެ. ބިންޔާ ކުޑަކޮށް ގުދުވެލައި، ސަމީރާގެ ގައިގައި ބައްދާލިއެވެ. ރޮވެން ފެށުމުން، ބިންޔާ އަވަސް އަވަހަށް ވޯޑުން ނުކުތެވެ.