މިޒްޔަލް ބިންޔާގެ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖަހާލި ނަމަވެސް، އެތެރެއިން ހަބަރެއް ނުވިއެވެ. ގުޅަން ފޯނު ނެގިތަނާ، ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ގުޅީ، ލޯންޗުގެ ފަޅުވެރިއެކެވެ. ގޭދޮރުމަތީގައި ކާރު އޮންނާނެކަމަށް ބުނެފައި އޭނާ ފޯނު ކަނޑައިލިއެވެ.
********
ދަބަސް ހިފައިގެން ގެއިން ނުކުތްއިރު، މިޒްޔަލްގެ މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. މަންމަގެ ހަބަރު ލިބުނީއްސުރެ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުން ހުއްޓާލައިފިއެވެ. މިޒްޔަލްއަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނދިރިވެފައިވާ ހެންނެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ވަގުތު ފާއިތުވެދާނެއޭ ހީވަނީއެވެ. އެފަދަ ވަގުތެއްގައި ކައިރީގައި ހުންނަން އެންމެ ބޭނުންވި ބިންޔާއާއި ބައްދަލުވާގޮތް ނުވުމުން މިޒްޔަލް އިތުރަށް މާޔޫސްވިއެވެ. އޭނާ ކާރަށް އެރީ، ބިންޔާއަށް އިންތިޒާރު ކުރުމަށްފަހުގައެވެ.
ބިންޔާގެ ތަބީއަތު ވަނީ ހަރާބުވެފައެވެ. ސަލާހުގެ ސަބަބުން އޭނާގެ އުފާވެރިކަން ގެއްލިއްޖެއެވެ. ކުށްކުރީ ސަލާހެވެ. އެކަމަކު އަދަބު ލިބެނީ އެހެން މީހުންނަށެވެ.
ސަލާހު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ވާފިރާއަށް ދެރަގޮތެއްވާކަށް ބިންޔާ ބޭނުމެއް ނުވެއެވެ. ވާފިރާ އުފަލުގައި ހުރުމަކީ ބިންޔާ ބޭނުންވާ ގޮތެވެ. އެކަމަކު، އޭނާގެ ސަބަބުން އެ މަންމަގެ ހިނިތުންވުން ގެއްލިއްޖެހެން ބިންޔާއަށް ހީވިއެވެ. ބިންޔާއަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ. ވާފިރާގެ ކަރުނުން ފުރިފައިވާ ދެލޯ ހިތަށް ސިފަވުމާއިއެކު، ބިންޔާއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ.
ގޭތެރެއަށް ވަދެފައި، ބިންޔާ ފުރަތަމަވެސް ހޯދައިލީ މިޒްޔަލް ކޮބައިތޯއެވެ. މިޒްޔަލް ފެންނަން ނެތުމުން، އޭނާ ސިޓިންގްރޫމުގައި މަޑުކުރީ، މިޒްޔަލް އަދި ގެއަށް ނާންނަނީ ކަމަށް ނިންމާފައެވެ. ދެއަތުން ދެ ފޮށި ދަމަމުން ކޮޓަރިން ނުކުތް މީރާ ފެނި، ބިންޔާއަށް ކޮޅަށް ތެދުވެވުނެވެ. މީރާގެ ރަތްވެފައިވާ ދެލޮލާއި ދުޅަވެފައިވާ މޫނު ފެނުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ.
"މީރާ ދަނީތަ؟..." ބިންޔާ ސުވާލުކުރި ގާތް ގޮތަކަށެވެ.
"ތީގެން އެކަކުވެސް އަހަންނާ ވާހަކަ ދައްކާނެކަމެއް ނެތް... އަހަރެންމީ ވަރަށް ކޫސަނި މީހެއް..." ބިންޔާއާއި ދިމާއަށް ބަލައިލުމެއްނެތި މީރާ ބުނެލިއެވެ.
"މީހަކު އެއްޗެއް ބުނީތަ؟..." ބިންޔާ ސުވާލުކުރީ މީރާއާއި ދިމާއަށް ހިނގައިގަންނަމުންނެވެ.
"އެންމެންވެސް އެއްޗެހި ކިޔަންވީނު... ކޮބާ މައްސަލައެއް؟..." ކަރުނަ ފޮހެމުން މީރާ މަސައްކަތްކުރީ ރުޅި އަންނަކަން ދައްކާށެވެ. އޭނާ ވާހަކަ ދެއްކީ އަޑަށް ބާރުލަމުންނެވެ. "އެހާވެސް ނުބައި ކަމެކޭ އަހަރެން ކުރަން އުޅުނީ... އާނ... އަހަރެން އުޅުނީ ތިމީހުން..."
މީރާއަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީ، ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަން ޒަޔާން އައިސް މީރާގެ އަތުން ފޮށިތައް އަތުލުމުންނެވެ.
"ބޭކާރު ވާހަކަ ދެއްކުމަށްވުރެ ވަގުތަށް އިސްކަންދިނުން ބުއްދިވެރިވާނެ... ކާރު އައިއްސި... ހިނގާ އަވަހަށް..." ޒަޔާންގެ އަޑުގައި ހުރީ ދުރުގޮތެކެވެ.
ބިންޔާ ހުރީ ޝައްކުގެ ނަޒަރަކުން ޒަޔާންމެންނަށް ބަލާށެވެ. ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަން އޭނާއަށް ކަށަވަރުވިއެވެ. ޒަޔާން ގެއިން ނުކުމެގެން ދިޔަގޮތުންނާއި، މީރާއާއި ދެމީހުންގެ އަމަލުތައް ހުރިގޮތުން އެކަން ރަނގަޅަށް ހާމަވެއެވެ.
ކޮޓަރިއަށް ވަދެފައި ބިންޔާ ފޯނު ބަލައިލީ، މިޒްޔަލްގެ ހަބަރެއްނުވެ ގިނައިރުވުމުންނެވެ. މިޒްޔަލް ދެތިން ފަހަރު ގުޅާފައި އޮތްތަން ފެނުމުން ބިންޔާގެ ހިތް ތެޅިގަތެވެ. ބިންޔާ ގުޅިއިރު، މިޒްޔަލްގެ ފޯނު އޮތީ ނިވާލާފައެވެ. ފޯނު ގެއްލިގެން ހޯދަން ދިޔަގޮތަށް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަންވީއިރުވެސް މިޒްޔަލްގެ ހަބަރެއް ނުވުމުން ބިންޔާ ހާސްވާން ފެށިއެވެ. އަނެއްކާ މިޒްޔަލްއަށް ކަމެއްވީ ހެއްޔެވެ؟ ދެފިކުރެއްގައި ހުރެފައި ބިންޔާ ގޮސް ޒަޔާންގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވައިލިއިރު، ޒަޔާން ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. އެ މޫނުން ފެންނަމުންދިޔައީ ހާސްކަމެވެ.
"ދޮންބެ ގޮއްސި..." ބިންޔާ އެއްޗެއް ބުނަން އަނގަ ހުޅުވައިލުމުގެ ކުރިން ޒަޔާން ބުނެލިއެވެ. "ނޭނގެ އެއްވެސް މީހެއް ކައިރީ ނުބުނެ ދިޔައީ ކީއްވެ ކަމެއްވެސް... ފޯނުވެސް ނިވާލާފަ އޮތީ..."
"ނުދާނެ..." ބިންޔާއަށް ގަބޫލުކުރަން ދަތިވިއެވެ.
ޒަޔާން ހާސްވީ މިޒްޔަލްއަށް މީރާ ކުރަން އުޅުނު ކަންތަކުގެ ހަގީގަތް އެނގުނީކަމަށް ހީކޮށްފައެވެ. ދެމީހުންގެ ގުޅުން ރަނގަޅުވެ، ދުވަސްކޮޅެއް ނުވަނީސް، ދިމާވީ ދުވަހަކުވެސް އަރައިގަނެވޭ ވަރަށްވުރެ ބޮޑު ކަންތައްގަނޑެކެވެ. މިޒްޔަލްގެ މަންމައެއްގެ މަގާމުގައި ހުރެ، ޒަޔާނުގެ މަންމަ ވަނީ މިޒްޔަލްގެ ފުރާނައިން އަތްދޮވެލަން މަސައްކަތްކޮށްފައެވެ. ވީއިރު، އެފަދަ ބޮޑު ކުށަކަށް މައާފުދޭނީ ކާކު ހެއްޔެވެ؟ ހުދު ޒަޔާނަށްވެސް އޭނާގެ މަންމައަށް މައާފު ކުރުން ފަސޭހައެއް ނޫނެވެ. މިޒްޔަލް އެމީހުންދެކެ ރުޅި އައުން ހައްގެވެ.
"ދޮންބެ ގޮއްސިއޭ... ބަލާބަލަ، އެކައްޗެއްވެސް ނެތެއްނު... ދަބަހެއްވެސް ނެތް..." މިޒްޔަލްއާއި ގުޅޭތޯ މަސައްކަތް ކުރަމުން ޒަޔާން ބިންޔާއާއި ވާހަކަ ދެއްކިއެވެ.
"ކީއްވެ؟..." ބިންޔާގެ އަޑު އިވުނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށެވެ.
ބިންޔާ ހުރީ ހުއްޓުންއަރާފައެވެ. ޒަޔާން ބުނީ ތެދެކެވެ. މިޒްޔަލްގެ އެކައްޗެއްވެސް ނެތެވެ. އެ ހަގީގަތް ގަބޫލުކުރަން ބިންޔާގެ ހިތެއް ނޭދުނެވެ. މިޒްޔަލް ނުދާނެއެވެ. ބިންޔާ ދޫކޮށްލާފައި ނުދާން އޭނާ އޮތީ ވައުދުވެފައެވެ. މިޒްޔަލްއަކީ އެހާ ފަސޭހައިން ވައުދު އުވާލާނެ މީހެއް ނޫނެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް، ކުރިމަތިން ފެންނަމުންދިޔަ ހަގީގަތް ބަދަލުނުވާނެކަން ގަބޫލުކުރަން ބިންޔާއަށް މަޖުބޫރުވީ، ނިދަންވީއިރުވެސް މިޒްޔަލް ނައުމުންނެވެ. މިޒްޔަލްގެ ފޯނަށް ގުޅާގުޅާ ބިންޔާ ވަރުބަލިވިއެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތަކާއިއެކު، ބިންޔާ އެނދުގައި އޮށޯވެލީ، ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހުގައެވެ.
އެކަކަށްވެސް އެންގުމަކާއި ނުލައި، އެހާ ކުއްލިގޮތަކަށް މިޒްޔަލް ދިޔައީ ކީއްވެ ހެއްޔެވެ؟ އެކި ވިސްނުންތަކުން ބިންޔާގެ ސިކުނޑި ފުރި ބާރުވިއެވެ. އޭނާ ހީކުރީ، ސަލާހުގެ ގެއަށް ދިޔުމުން މިޒްޔަލް ރުޅި އައިސްގެން ދިޔައީ ކަމަށެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވިފައިވާ ހާލު، ބިންޔާ ދެލޯ މަރައި ބާރުކޮށްލިއެވެ.
********
(ދެ އަހަރު ފަސް)
ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ބިންޔާ އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. ފަން އިސްތަށިގަނޑު ވޫލުކޮޅަކުން ހައްޔަރުކޮށްލުމަށްފަހު، ތުންފަތުގައި ޖެއްސީ މަޑު ފިޔާތޮށި ކުލައެވެ. ދެލޯ އަނދުނުން ފަވާލުމުން އޭނާގެ ރީތިކަން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ބިންޔާ ލައިގެން ހުރީ މަޑު ނޫކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމަކާއި، ޖީންސެކެވެ. ހެދުމުގެ މެދުން ބަނޑާއި ދިމާއިން ރަބަރު ލައްވާފައިވާއިރު، ހިމަ ހޯލިކޮޅެއްފަދަ ހަށިގަނޑާއި ނުހަނު ގުޅެއެވެ. ފަހު ކަމަކަށް ބިންޔާ ކުރީ އޭނާގެ އިސްތަށިގަނޑު ކްރީމް ކުލައިގެ ޝޯލްއަކުން ނިވާކޮށްލުމެވެ.
ބޭރުން ބަރުގޮނުގެ އަޑު އިވުމާއިއެކު، ބިންޔާ އަވަސްކޮށްލައިގެން ނުކުތެވެ. ޑްރައިވަރު ޝީޓުން ފޭބި ޒަޔާން ބިންޔާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އަތުގެ އިޝާރާތުން ބިންޔާގެ ރީތިކަމަށް ތައުރީފުކޮށްލުމަށްފަހު، ކާރަށް އެރުމަށް ދޮރު ހުޅުވާލަދިނެވެ.
"ޒަޔާން ތީ ރޮބަޓެއްތަ، ކޮންމެ ދުވަހަކު އެކައްޗެއް ކިޔަން؟... ކޮންމެ ދުވަހަކު ފެންނައިރުވެސް އަޖައިބުވާހާ ރީތިވޭތަ؟..." ޒަޔާނާއި އަރާ ހަމަކޮށްފައި، ބިންޔާ ޒަޔާނާއި ދިމާކުރިއެވެ.
"އަދި ކިރިޔާއެއްނު އަސްލު ބިންޔާ މި ފެނުނީ..." ބިންޔާ އޭނާގެ ރާގުގައި ވާހަކަ ދެއްކުމުން ޒަޔާންގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. "ދެން އަބަދުވެސް ތިގޮތުގަ ހުންނައްޗޭ..."
ފާއިތުވެދިޔަ ދުވަސްތަކުގައި ބިންޔާ ހުރީ ހިމޭންވެފައެވެ. އެކަނި ހުރެ ރޯ މަންޒަރު ޒަޔާންއަށް އެތައް ދުވަހަކު ފެނިފައިވިއެވެ. ބިންޔާގެ އެކަނިވެރިކަމާއި އޭނާ ކުރަމުންދާ ހިތާމަ ސިއްރުކުރުމަށް މަސައްކަތް ކުރި ނަމަވެސް، ޒަޔާނަކަށް ސިއްރެއް ނުވެއެވެ.
ދެ އަހަރު ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް، މިޒްޔަލްގެ މަތިން ހަނދާން ނައްތާލުން ބިންޔާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެންމެ ކުދިކުދި ކަންކަމުންވެސް އޭނާގެ ދެލޯ ކަރުނުން ފުރާލަނީ، އެއިން ކޮންމެ ކަމަކުން މިޒްޔަލްގެ ހަނދާންތައް އައުވާތީއެވެ. ބިންޔާ ހަމަނިދި ނުނިދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިޒްޔަލާއި ނުލާ ދިރިއުޅުން ކުރިއަށް ގެންދަން ބިންޔާ އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު، މިޒްޔަލްގެ ވައުދާއި އަހުދުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އެހިތްވަރު ނެތިގެން ދެއެވެ. އެ ވާހަކަތައް ގަބޫލުކުރެވުނީތީ ބިންޔާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ.
"ޔޫ ކޭން ޑޫ ދިސް..." ކާރު ދުއްވައިލަމުން ޒަޔާން ބުނެލިއެވެ.
ޒަޔާން ކާރު ހުއްޓައިލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ބިންޔާ ފޭބުމަށް ޒަޔާން ކާރުގެ ދޮރު ހުޅުވާލަދިނެވެ. ޝުކުރު އަދާކުރުމެއްނެތި ބިންޔާ އެތެރެއަށް ވަދެގެން ދިޔުމުން، ޒަޔާން ކުދި ކިޔަމުން ކާރަށް އަރައި ދުއްވާލިއެވެ.
އިންޓަވިޔު ހޯލަށް ވަނުމާއިއެކު، ބިންޔާގެ އަތްފައި ފިނިވިއެވެ. ކުދި ވިޔަފާރިތައް ފެށުމަށް އެހީދޭ ބަޔަކު ކުރިއަށް ގެންދާ އެ އިންޓަވިޔުއަށް އައުމުގެ ފުރުސަތު ލިބުނު މަދު މީހުންގެ ތެރޭގައި ބިންޔާ ހިމެނުނީއެވެ. ބިންޔާއަށް ޖާގަ ލިބުނީ ކުރިމަތިލީ އެއްހާހަށްވުރެ ގިނަ މީހުންގެ ތެރެއިން ހުށަހެޅި ޕްރޮޕޯސަލަށް މާކުސް ލިބުނުވަރު މަތިވުމުންނެވެ. ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ބިންޔާއަށް އެހީވީ ޒަޔާނެވެ.
އަމިއްލަ ރެސްޓޯރެންޓެއް ހުޅުވައި، ހިދުމަށް ދޭން ފެށުމަކީ ބިންޔާ ދެކުނު ވަރަށް ބޮޑު ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބިންޔާއަށް ހިތްވަރު ލިބުނީ މިޒްޔަލް ދިޔުމުގެ ހިތާމައިން އަރައިގަތުމަށް ކުރި މަސައްކަތުންނެވެ.
"ބިންޔާގެ ޕްރޮޕޯސަލް އަހަރެމެންނަށް ވަރަށް ކަމުގޮއްސި... އަހަރެމެންގެ ޕްރޮޖެކްޓްގެ ތެރެއިން ދޭ ގޮތަށް ހަމަޖެހިފަ ވަނީ ތަކެތި... އެކަމަކު، ތި ޕްރޮޖެކްޓަށް އަހަރެން އަމިއްލަ ގޮތުން އިންވެސްޓްކުރަންވެސް ބޭނުންވެއްޖެ... އަހަންނަށް ހީވަނީ، ތި ޕްލޭނާ އެއްގޮތަށް ރާއްޖޭގަ ރެސްޓޯރެންޓެއް ހިންގަން ފަށައިފިއްޔާ ވަރަށް ފައިދާވާނެހެން... ތި ޕްލޭނާ އެއްގޮތަށް ހިންގޭނެ ސަޅި އިމާރާތެއްވެސް އެބަހުރި... ހެޔޮ އަގެއްގަ އެތަން ލިބިދާނެ..." އިންޓަވިޔު ޕެނަލުގައި އެންމެ އިސްކޮށް އިން މީހާ ވާހަކަ ދެއްކީ ބިންޔާގެ ހުށަހެޅުމަށް ބަލަން އިނދެއެވެ.
"ތޭންކް ޔޫ.... ތޭންކް ޔޫ ސޯ މަޗް..." ބިންޔާއަށް އުފަލުން ހުރެވުނު ތަންވެސް ނޭނގުނެވެ.
********
އަމަންއާއި ޝިމާޢު މަޑުކޮށްލައިގެން ތިބީ އެއާޕޯޓުގެ ބޭރުގައެވެ. އެތެރެއިން ބަޔަކު ނުކުންނައިރަށް ދެމީހުންވެސް ބަލައިލަނީ، ހޯދަން ބޭނުންވާ މީހާ ހުރިތޯއެވެ.
"ހާދަ ލަސްވަނީ؟..." ޝިމާޢު ގަޑި ބަލައިލިއެވެ. "ޔަގީންތަ މިގަޑީގަކަން އަންނަ ވާހަކަ ބުނެފަ އޮތީ؟..."
"އެހެރަ އަންނަނީނު..." އަތުން ހަނާ އަޅައިލަމުން އަމަން ބުންޏެވެ.
ޝިމާޢު ބަލައިލިތަން ފެނުމުން، މިޒްޔަލް އޭނާގެ ލޮލުގައި އަޅާފައިވާ އަވި އައިނު ނެގިއެވެ. ކުރިއަށްވުރެ ހިކިފައި ހުއްޓަސް، މިޒްޔަލްގެ ފިރިހެންވަންތަކަމަކަށް ބަދަލެއް ނާދެއެވެ. ކުރިއަށްވުރެ ހަމުގެ ކުލަ އަލިވެފައިވާއިރު، މިޒްޔަލްގެ އިސްތަށިގަނޑު އޮތީ ކުޑަކޮށް ދިގުކޮށްލާފައެވެ.