"އޭތް ގާލް..." ޝިމާއުގެ ކެތްތެރިކަން ކޮޅުންލިއެވެ. އެކުވެރިން ކުރިމަތީގައި ބިންޔާ ހަމަ ރަނގަޅަށްވެސް އޭނާ ފަޟީހަތްކޮށްލައިފިއެވެ.

"ބިންޔާ..." ބިންޔާ ބުނެލިއެވެ. "އަޅުގަނޑުގެ ނަމަކީ ބިންޔާ...."

********

"ބިންޔާ އޯ ވަޓް އެވަރ..." ޝިމާއު ބުނެލިއެވެ. "ތިހެން އުޅެންޏާ، ފިޔަވަޅު އަޅަން ޖެހިދާނެ...."

ޝިމާއު ފަހު ޖުމުލަ ބުނީ ހަމައެކަނި ބިންޔާއަށް އިވޭ ވަރަށެވެ. އެ އިންޒާރުން ބިންޔާ ނުސިހުނެވެ. ފާޑަކަށް ހީލިގޮތުންވެސް ޝިމާއުގެ ރުޅިގަނޑު ފަޅައިގެންދާން ކައިރިވިއެވެ.

"ފިޔަވަޅު އަޅައިގެން މިހިސާބަށް އައީ..." ބިންޔާގެ މޫނުން ޖެހިލުންވުމުގެ އަސަރެއް ނުފެނެއެވެ. އެވަރުގެ މީހަކު ކުރަފިދެކެ ބިރުން އުޅުމުން، ޝިމާއުއަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. ބިންޔާ ކަހަލަ އަންހެން ކުއްޖަކާއި އޭނާގެ މުޅި ހަޔާތުގައިވެސް ދިމައެއް ނުވެއެވެ.

"އެނގޭ ތީ ބޮސް ނޫންކަން... ބޮސްއަކީ ކޫސަނި ކަންކަން ބޮޑުކުރާ މީހެއް ނޫން... އެއީ މާ ކޫލް މީހެއް..." ބިންޔާވެސް ވާހަކަ ދެއްކީ ހަމައެކަނި ޝިމާއުއަށް އިވޭ ވަރަށެވެ.

"ޔޫ...." ޝިމާއުގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ދިޔުމުން، މިޒްޔަލް އާއި އަމަން ޝިމާއުއަށް ބަލައިލީ ދިމާކުރާ ގޮތަކަށެވެ. ދެމީހުން ހީގަތުމުން، ޝިމާއު ނޫން ކަމަށް ހަދައިލިއެވެ.

"އަހަރެންގެ ވާހަކައެއް ނޫނެއްނު މުހިއްމީ... އެހެން ކަމެއް ނުފެނޭތަ؟..." އަމަންގެ ކޮނޑުގައި ޖެހިގަންނަމުން ޝިމާއު ބުންޏެވެ. "މިއަށްވުރެ މާ އިންޓްރެސްޓިންގް ކަމެއް ދެންމެ ފެނުނު މަށަށް..."

ސިމާއު ބުނި އެއްޗެއް ވިސްނުނު ފަދައިން އަމަން މިޒްޔަލްގެ ކޮނޑުގައި ޖެހިގަތީ ފާޑަކަށް ހީގަންނަމުންނެވެ.

"ރަނގަޅު ވާހަކައެއްނު އެބުނީ...." އަމަން ބުނެލިއެވެ.

"ވަޓް؟..." މިޒްޔަލް މޭޒާއި ދިމާއަށް ހިނގައިގަތީ ކަމެއް ވީކަމަށްވެސް ހަދާނުލައެވެ.

"އެކްސްޕްލެއިން ކޮށްދޭކަށް ނުވޭތަ އަދިވެސް...." މިޒްޔަލްގެ ފަހަތުން ހިނގައިގަންނަމުން، ޝިމާއު ދިމާކުރަން ފެށިއެވެ.

"ކޯއްޗެއް އެކްސްޕްލެއިން ކޮށްދޭން އޮތީ؟... ހިނގިކަމެއް ހިނގީ، ތި ދެމީހުންގެވެސް ކުރިމަތީގަ..." ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުން މިޒްޔަލް ބުނެލިއެވެ. ހަގީގަތަކީ ބިންޔާގެ އަމަލުގެ ސަބަބުން، އޭނާގެ ހިތުގެ ތެޅުން އޭރުވެސް ހަމައަކަށް ނޭޅޭ ކަމެވެ. އަންހެން ކުއްޖަކު މިޒްޔަލްއާއި އެހާ ގާތްވި އެއީ ފުރަތަމަ ފަހަރެވެ. އެކުވެރިންނާއި ހަތަރުކަޅި ހަމަކުރަން އޭނާއަށް އުނދަގޫވީވެސް އެހެންވެއެވެ.

"އެހެންވެތަ ޖަންބެއްހެން މޫނު ރަތްވެފަ ތިހުރީ؟..." ޝިމާއު ހީގަތެވެ. "އަމަން ކަލޭ ބުނެބަލަ، އަހަރެމެން ތިން މީހުން އެތާ ތިއްބާ ނޫންތަ އޭނަ ދުވެފަ އައިގޮތަށް މަކުނެއްހެން މީނަގެ ގަޔަށް ފުންމާލީ... ކީއްވެ؟... ސަބަބެއް އޮންނާނެ... އަހަރެމެންވެސް ގައިމު މީނަޔަށްވުރެ ކުޑައެއް ނުވާނެ.... ހަށިގަނޑުގަ ބާރުވެސް އެބަހުރި..."

"މިހާރު އަދި މި އެނގުނީ، މާމަގެ ކޯލެއް މި ލިބުނީ މިހެންވެކަން..." އަމަން ވިސްނައިލާފައި ބުންޏެވެ.

"މާމައޭ؟..." މިޒްޔަލްގެ ދެލޯ ބޮޑުވިއެވެ. "އެހާ އަވަހަށް އެ ވާހަކަ ދައްކަން މާމަ ގުޅީ؟..."

"ތީގެ މާނައަކީ، މި މަންޖެގެ ވާހަކައޭތަ މާމަ ކައިރީ ބުނެގެން ތިއުޅެނީ؟..." ޝިމާއުގެ މޫނުން ޝައުގުވެރިކަން ފެނިގެން ދިޔައެވެ.

"މާމަގެ ކަންތައް ހާދަ ބޮޑުވެއްޖެއޭ... ތި ދެމީހުން މާމަ ކައިރީ އެއްޗެކޭ ކިޔައިފިއްޔާ...." މިޒްޔަލް ފަހަރަކު މީހަކަށް ޝަހާދަތް އިނގިލި ދިއްކޮށްފައި އިންޒާރު ދިނެވެ.

"އުހޫނ... ދޮގެއް ނުހެދޭނެ... ދޯ އަމަން..." ޝިމާއު ވަގުތުން މިޒްޔަލްއާއި ދުރަށް ޖެހިލިއެވެ.

"ދައްކަން ހުރި ވާހަކަ ލައްކަ ގިނަވެއްޖެ... މާމަގެ ކައިރިން ސަލާމަތްނުވެއްޖެއްޔާ އަހަރެމެން ވަންނަޖެހޭނީ ޖަލަށް... ތި ސައިޑެއް ނުނެގޭނެ.." އަމަން ހީގަތެވެ. "ދޮގެއް ނުހެދޭނެ އިނގޭ... ދެން މި މަންޖެ ދައްކާފަ ތިކަން ނިންމަން އުޅޭ... އޭރުން އަހަރެމެންނަށްވެސް ހަމަޖެހުމެއް ލިބޭނީ..."

ތިން މީހުން ކޮފީއަށް އޯޑަރު ދިނުމުން، ކޮފީ ހިފައިގެން އައީ ބިންޔާއެވެ. މިޒްޔަލް ބިންޔާއަށް ބަލައިލީ ފަރުވާތެރިކަމާއި އެކުގައެވެ. އެހެންޏާ، ދުވަހަކުވެސް ކަރުގައި ސްކާޕު އައްސައިގެން ނޫޅޭ ބިންޔާ އޭރުވެސް ހުރީ ސްކާފެއް އައްސާލައިގެންނެވެ. ބިންޔާގެ ދެލޮލުގައިވި ރަތްކަމާއި، ކުޑަކޮށް ދުޅަވެފައިވާ މޫނު ފެނުމުން، ކޮންމެވެސް ކަމެއް ވެއްޖެކަން މިޒްޔަލްއަށް އެނގުނެވެ. މިޒްޔަލްއަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. ބިންޔާގެ މޫނުން މިޒްޔަލްއަށް އުފާވެރިކަމެއް ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އަބަދުވެސް އެ މޫނުން ފެންނަމުން ދަނީ މާޔޫސްކަމެވެ.

********

ބިންޔާ ތަށިތައް ދޮންނަން ހުއްޓާ، އާރިފް އައެވެ. ހީހީފައި ސުދީރުގެ ވާހަކަ ކިޔައިދިނެވެ. މަސްދުވަހުގެ ޗުއްޓީ ނަގައިގެން ސުދީރު އޭނާގެ ގައުމަށް ދިޔަ ވާހަކަވެސް ބުންޏެވެ. ބިންޔާ ހުރީ އަޖައިބުވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުރަތްޕެއް ފެނިގެން ސުދީރަށް އެހާވަރު ވެދާނެ ކަމަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

"ހާދަ ދެރަގޮތެކޭ ތިވީ...." ބިންޔާގެ މޫނު މަލެއްހެން މޯޅިވިއެވެ. "ދެން ކާކު ބަދިގެއާ ހަވާލުވީ؟..."

"އަދި ނޭނގެ ކާކު ކަމެއް ހަވާލުވާނީ... ފަހަރެއްގަ މީހަކު ހޯދަން އިއުލާނުވެސް ކޮށްފާނެ... ނޫނީ ބޮސް ހަމަޖައްސާ މީހަކުވެސް އައިސްދާނެ..." އާރިފް ޖަވާބު ދިނެވެ.

ބިންޔާގެ ވިސްނުމަށް އައީ އެންމެ މީހެކެވެ. އެއީ މިޒްޔަލްއެވެ. މިޒްޔަލްގެ ކެއްކުމުގެ ހުނަރަކީ، އާދައިގެ މީހަކަށް ލިބޭނެފަދަ ހުނަރެއް ނޫނެވެ.

"އިނގޭތަ؟... ސުދީރު ހީކުރީޔޯ ބިންޔާ އޭނަ މަރާލަން ދިޔައީ ކަމަށް..." ހެވޭ ވަރުން އާރިފަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.

"އޭނ؟..." ބިންޔާގެ ދެލޯ ބޮޑުވިއެވެ. "ކުރަތްޕެއް ފެނިގެން ނޫންތަ..."

"ނޫނެކޭ... އޭނަ ބުންޔޯ ނިރޯޕް ކައިރީ އެހެން...." އާރިފް ދެފަރާތަށް ބޯ ހޫރައިލިއެވެ. "އަހަރެންވެސް މިހުރީ ގަބޫލުނުކުރެވިފަ..."

"ކީއްވެ އަހަރެން އެކަހަލަ ކަމެއް ކުރަންވީ؟..." ބިންޔާ ތުން ފިއްތައިލިއެވެ.

"ތިވާހަކައޭ މަވެސް މިބުނަނީ..." ބިންޔާ ދޮންނަމުންދިޔަ ތަށިތަކުގައި ފެންލަމުން އާރިފް ވާހަކަ ދެއްކިއެވެ. "ބިންޔާ ކަހަލަ ކުއްޖަކު ކިހިނެއްހޭ މީހަކަށް އެކަހަލަ ކަމެއް ކުރާނީ..."

ބިންޔާ ވިސްނައިލިއެވެ. ސުދީރު ދުރުދުރުން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވިސްނައިލުމުން، އެއީ ކޮން ދުވަހަކުން ފެށިގެން ކަން ބިންޔާއަށް ޔަގީންވިއެވެ. ފެންނަން ނުޖެހޭ މަންޒަރެއް ސުދީރަށް ފެނުނީ ކަން އެނގުމުން، ބިންޔާ ހާސްވިއެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ސުދީރު އެވާހަކަ މީހެއްގެ ކައިރީގައި ބުނެފިނަމަ، އޭނާގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އުފެދުނެވެ.

*********

މިޒްޔަލްގެ ހަރަކާތްތަކަށް ބަލަން މީރާ އިނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައެވެ. ފުރަތަމަ ނަޒަރުންވެސް އޭނާއަށް މިޒްޔަލް ކަމުގޮސްފިއެވެ. އެކަމަކު، އެ ހުރިހާ ކަމަކަށްވުރެ، އަމިއްލަ ބަހުގެ އަގު ހިފެހެއްޓުން މީރާއަށް މުހިއްމެވެ. މީރާ އޭނާގެ ދަބަސް ހުޅުވާފައި، އެތެރެ ބަލައިލީ، އޭނާ ބޭނުންވި އެތި އޮތްތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. މީރާ ތެދުވެގެން މިޒްޔަލްމެން ތިބި މޭޒާއި ދިމާއަށް ހިނގައިގަތެވެ.

"މީއްކޮ؟... މިތާ ކީއްކުރަނީ؟..." ޝިމާއުގެ އަޑު އިވުމުން، މީރާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ދޮން...ދޮންބޭ..." ޝިމާއު ފެނުމުން، މީރާގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

"ކީއްކުރަނީހޭ މިތާ؟...." ޝިމާއު އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"ފްރެންޑެއް އަންނާނަމޭ ބުނީމަ އައީ... އެކަމަކު އޭނަ ނައީމަ ދެން މި ދަނީ ގެއަށް ދާން... އަދި އެކައްޗެއްވެސް ނުކައި މިހުރީ..." މީރާ ވާހަކައެއް ހަދައިލިއެވެ.

އެ މައުސޫމުކަމުގެ ފަހަތުގައި ފޮރުވިގެން ހުރީ ކޮންފަދަ ނުބައި އިންސާނެއްކަން އެނގޭނަމަ، ޝިމާއު ވަގުތުން މީރާ ގެއަށް ފޮނުވައިލީހެވެ. އަމިއްލަ އެކުވެރިންނަށް މީރާ ތައާރަފުކޮށްދޭން ނުވެސް ވިސްނީހެވެ.

"ކީއްވެ ނުކައި ދާންވީ... ހިނގާ ދޮންބެމެން ތިބި މޭޒަށް..." ޝިމާއު އެދުނެވެ.

"އެކަމަކު އެތާ އެތިބީ ދޮންބެގެ ފްރެންޑްސްއެއްނު... މީރާ ދިޔާމަ އެމީހުންނަށް އުނދަގުލެއް ނުވާނެތަ؟..." ޝިމާއުގެ ޖަވާބު އެނގިހުރެ، މީރާ ސުވާލުކުރިއެވެ.

"އޯކޭވާނެއޭ... ދޮންބެގެ ފްރެންޑްސްއަކީ މީއްކޮގެ ވެސް ފްރެންޑްސްއޭ... އާދޭ..." ޝިމާއު ހިނގައިގަތެވެ.

މީރާގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޝިމާއުގެ ސަބަބުން އޭނާ ކުރަންއުޅޭ ކަންތައް ކުރަން އިތުރަށް ފަސޭހަވެގެން ދާނެކަން މީރާއަށް ޔަގީންވިއެވެ.

********

ގެއަށް ދާން ބޭނުން ނުވެފައި ހުރި ބިންޔާ، ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. ދެކަންފަތަށް ހެޑްސެޓް ޖަހައިގެން ހުރިއިރު، އިވެމުންދިޔަ މަޑު މިޔުޒިކުގެ އަޑުންވެސް މާޔޫސްކަން ފިޔަވާ އިތުރު އެއްޗެއް ބިންޔާއަށް އިހުސާސެއް ނުކުރެވުނެވެ. ބިންޔާގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އުއްމީދު ގެއްލިފައިވާ ދިރިއުޅުން ނަގައި ކޮޅަށްޖެހޭތޯ އެތައް މަސައްކަތެއް ކޮށްކޮށް އޭނާ ވަރުބަލިވާން ކައިރިވެއްޖެއެވެ.

ވަކި ހިސާބަކުން ބިންޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ ފަހަތުން ކޮންމެވެސް މީހަކު އަންނަކަން ބިންޔާއަށް އެނގުނެވެ. އެމީހަކު އޭރު ހުރީ އޭނާއާއި ފުދޭ ވަރަކަށް ކައިރީގައެވެ. ބިންޔާ މަޑުމަޑުން ހިނގައިގަތީ، ހުށިޔާރުވެ ހުރެއެވެ. ގެ ހުންނަ ގޯޅިގަނޑަށް ވަދެފައި އޭނާ ހުއްޓުނެވެ. ފަހަތުގައި ހުރި މީހަކަށް ސަލާމަތްވެގެން ނުދެވޭނެވަރު ބަލައިގެންނެވެ. ބިންޔާ ކުއްލިއަކަށް ހޫރާލި ފައި، ފަހަތުގައި ހުރި މީހެއްގެ ބަނޑުގައި ޖެހޭ ނުޖެހޭ ހިސާބަށް ކައިރިކޮށްފައި ހުއްޓިއެވެ.

ބިންޔާގެ ނުރައްކާތެރި އަމަލުން ސިހުން ލިބުނު މިޒްޔަލް ހުރީ ދެލޯ ބޮޑުވެފައެވެ. ނޭވާލާންވެސް އޭނާ ހުރީ ބިރުންނެވެ. ބިންޔާގެ ފަހަތުން އޭނާ ދިޔައީ، ގޯސްކަމެއް ކުރާކަށް ނޫނެވެ. އެކަމަކު، އެ އަންހެން ކުއްޖާއާއި ކައިރިވެލާ ކޮންމެ ފަހަރަކު ނުރައްކާތެރި އަމަލަކާއި ކުރިމަތިނުވާ ފަހަރެއް ނުދެއެވެ.

"ފޯނު ބާއްވާފަ އައީމަ..." ބިރުންހުރެ، މިޒްޔަލް ފޯނު ދައްކައިލިއެވެ.

މިޒްޔަލްގެ އަތުގައި އޮތީ ބިންޔާގެ ފޯނެއް ނޫނެވެ. އެކަމަކު އެއީ ކާކުގެ އެއްޗެއް ކަން އެނގުމުން، ބިންޔާގެ ދެލޯ ބޮޑުވިއެވެ. މިޒްޔަލްގެ މޫނަށް އޭނާ އަވަސް ނަޒަރެއް ދިނެވެ.

ކޮމެންޓް 0