"ނޫން..." ހާސްވެގެން މީރާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ދެލޮލަށް ކަރުނަ ޖަމާވެ، އިސާހިތަކު މީރާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. ނާޒިރާ އޭނާއަށް އޮޅުވާލީ ހެއްޔެވެ؟ އެފުޅީގައި ހުރީ މީހަކު މަރުވާނެވަރުގެ ނުރައްކާތެރި އެއްޗެއް ނޫންކަމަށް ނާޒިރާ ބުންޏެވެ. އެކަމަކު، އެވަރުގެ ދޮގެއް ނާޒިރާ ހެދީ ކީއްވެ ހެއްޔެވެ؟ ނާޒިރާއަކީ މީހަކު މަރާހާ ނުރައްކާތެރި މީހެއް ހެއްޔެވެ؟
*********
"މީރާ ތިހުރި ގޮތުން އެބަ އެނގޭ މީ މީރާ އެކަނި ކުރި ކަމެއް ނޫންކަން... މިބޮއެގެން އެންމެން މަރުވިނަމަ، މީރާއަށް ވާނީ ކިހިނެއް؟.... އުމުރު ދުވަހަށް ޖަލަށް ލާނެ... މަރުގެ ހުކުމްވެސް އިއްވާނެ... އެއްގޮތަކުންވެސް މީރާއަށް ސަލާމަތެއް ނުވެވޭނެ.... އެކަމަކު، އެމީހަކު ހުންނާނީ ފިލާ... ހުރިހާ ގެއްލުމެއް ލިބޭނީ ހަމަ މީރާއަށް... މިހާރުވެސް އަހަރެން މައްސަލަ ޖައްސައިފިއްޔާ...." ޒަޔާނަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް، މީރާ ރޮމުން ޒަޔާންގެ ފައިދަށަށް ތިރިވިއެވެ.
"ޕްލީޒް... ހެޔޮނުވާނެ މިކަން ސިއްރުކޮށްދީ..." މީރާ ވާހަކަ ދެއްކީ ގިސްލަމުންނެވެ. "އަހަރެންގެ ލައިފް އެއްކޮށް ސްޕޮއިލްވާނެ... އަހަރެން ޒަޔާން ބުނާ ކޮންމެ ކަމެއްވެސް ކޮށްދީފާނަން..."
މީރާއަށް ވިސްނުނީ ޝިމާޢުއާއި މެދުގައެވެ. ޝިމާޢުއަށް ހަގީގަތް އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މީރާ އޭނާގެ ބޭބެދެކެ ލޯބިވެއެވެ. އާއިލާގައި މީރާއަށް އަޅާލަން ހުރި ހަމައެކަނި މީހަކީ ޝިމާޢުއެވެ. ވީއިރު، އެ ބޭބެ ލަދުގަންނަވާލައިގެން މީރާއަށް ލިބޭނީ ކޮން މޮޅެއް ހެއްޔެވެ؟
"އަދިވެސް ވަގުތު އެބައޮތޭ... އަހަރެން މީރާ ސަލާމަތްކޮށްދީފާނަން... އެކަމަކު މިކަމުގެ އަޑީގަ ހުރީ ކާކުކަން ބުނެދީފިއްޔާ..." ޒަޔާން މަސައްކަތްކުރީ މީރާގެ ނުތަނަވަސްވެފައިވާ ސިކުނޑިއާއި ކުޅެލާށެވެ. "ކާކު މީރާއަށް މިކަހަލަ އެއްޗެއް ދިނީ؟... އެމީހެއްގެ ޓާގެޓަކީ ކާކު؟... އަހަރެންތަ؟... ބިންޔާތަ؟... ނޫނީ އަހަރެންގެ ބޭބެތަ؟..."
"ޒަޔާންގެ މަންމަ..." އެއްވެސް ފޮރުވުމެއްނެތި މީރާ ދެން ބުނެލި ވާހަކައަކުން ޒަޔާނަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.
"އޭނ؟..." ޒަޔާނަށް ފަހަތަށް ޖެހިލެވުނީ ދެފައިން ވަރު ދޫވުމުންނެވެ.
"ޒަޔާންގެ މަންމަ އަހަންނަށް އެ ފުޅި ދިނީ... ޒަޔާންގެ މަންމަ ބުނީ އެއީ ޒަހަރެއް ނޫނޭ..." ޒަޔާން ހިމޭންވިތަން ފެނި، މީރާއަށް ވާހަކަ ދައްކާނެ ހިތްވަރު ލިބުނެވެ. "އަހަރެން މި ހަދަނީ ތެދު... އަހަރެން އަތުގަ ހެކިވެސް އެބަހުރި... ގަބޫލުނުކުރެވެންޏާ، އަހަރެން ހެކި ދައްކަފާނަން...."
ޒަޔާން ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ދެފައިގައި ކޮޅަށް ހުންނާނެ ވަރެއް ނެތެވެ. ވަށައިގެންވި މަންޒަރު ވަނީ ފުސްވެފައެވެ. މަންމަގެ ގޯސް ސިފަތަކެއް ހުރި ނަމަވެސް، މީހަކު މަރަން މަސައްކަތް ކޮށްފާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ބޭރުފުށުން ހަރުކަށިކަން ދައްކައިގެން އުޅުނަސް، ޒަޔާން ހީކުރީ އޭނާގެ މަންމައަކީ އޯގާތެރި ހިތެއްގެ ވެރިއެއް ކަމަށެވެ. ޒަޔާންގެ މަންމައަކީ ނަރުހެއްގެ މަގާމު އަދާކުރި މީހެކެވެ. ވީއިރު، އެފަދަ ނުރައްކާތެރި އެއްޗެއްގެ މައުލޫމާތު ރަނގަޅަށް އެނގޭނެއެވެ. މުޅި ހަޔާތުގައިވެސް ޒަޔާނަށް އެޅުނު ޅައެއްޗަކީ އަމިއްލަ މައިމީހާއަށްވީތީ، ކުރާ ކުށްތައް ނުފެންނަ ކަމަށް ހަދައިގެން ހުރުމެވެ. އެއީ އެ މަންމަގެ ހަލާކުކަން ކުރިން އެނގުނުނަމަ، އޭނާ އެފުރުސަތެއް ނުދިނީހެވެ.
*********
ސައިކަލު ދުއްވަމުން ދިޔައިރު، މިޒްޔަލް ދޭތެރެއަކުން ސައިކަލުގެ ބުރަކި ޖައްސައިލައެވެ. އެއިން ކޮންމެ ފަހަރަކު ބިންޔާ އޭނާގެ ގައިގައި ހިފަހައްޓައިލާތީއެވެ. މިޒްޔަލް ގަސްދުގައި ކުރާ ކަމެއްކަން ބިންޔާއަށް އެނގުނެވެ. އެފަދަ އަމަލުތަކުން ހުދު ބިންޔާގެ ހިތަށްވެސް ހަމަޖެހުން ގެނެސްދެއެވެ.
ކަރާދަނޑުތަކުގައި ބިންޔާމެން ހީކުރި ވަރަށްވުރެ ގިނަ ކަރާ އޮތެވެ. ދަނޑުތަކުގެ ވެރިންނާއި ބައްދަލުކޮށް، ރެސްޓޯރެންޓަށް ބޭނުންވާ ތަކެތި ހެޔޮ އަގެއްގައި ފޮނުވައިދިނުމާއި ގުޅޭގޮތުން މިޒްޔަލް އެމީހުންނާއި މަޝްވަރާކުރިއެވެ. މިޒްޔަލް ވިޔަފާރީގެ މުއާމަލާތްތައް ކުރަމުންދިޔައިރު، ބިންޔާ އުޅުނީ ކަރާތަކުގެ ތަސްވީރު ނެގުމުގައެވެ.
"ކަރައެއް ބޭނުންތަ؟..." މިޒްޔަލްގެ އަޑު އައީ ބިންޔާއާއި ނުހަނު ކައިރިންނެވެ.
ބިންޔާއަށް ޖަވާބު ނުދެވެނީސް، ދަނޑުގައި ހުރި މީހަކަށް މިޒްޔަލް އިޝާރާތްކޮށްލިއެވެ. އެއާއިއެކު ލަހެއްނުވެ، ކަރާ ބަރޯއެއް ހިފައިގެން އެމީހާ އައެވެ.
"ބޭބެ މިއެއްޗެހި ގެއަށް ގެންގޮސްދެވޭނެތަ؟..." މިޒްޔަލް ސުވާލުކުރުމާއިއެކު އެމީހާ ބޯ ޖަހައިލިއެވެ.
"ހާދަ ބައިވަރު ކަރައެއް..." ބިންޔާ ހުރީ އަޖައިބުވެފައެވެ.
"މެރީކުރަންވާއިރަށް މިކުއްޖާގެ ހަށިގަނޑު ރަނގަޅުކޮށްލަންވެގެން..." މިޒްޔަލް ވަރަށް ލޯބިން ބިންޔާގެ ނޭފަތުގައި ހިފައިލިއެވެ.
ހުއްޓުން އެރިގޮތަށް ބިންޔާއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ލޯބި ހުށަހެޅުމެއްނެތި، މިޒްޔަލް ކައިވެނީގެ ވާހަކަ ދެއްކުމުންނެވެ. ބިންޔާގެ ދެލޯ ފެންކަޅިވީ، އޭނާގެ ހިތަށް ކުރެވުނު އުފާވެރި އިހުސާސުންނެވެ.
މިޒްޔަލް ކުއްލިއަކަށް ބިންޔާގެ ކުރިމަތީގައި އިށީނދެލިއެވެ. ކަރާ ވެޔޮގަނޑުގެ ތެރެއިން އޭނާ ނެގީ، ފިނިފެންމަލެއްގެ ސިފައަށް ކަފާލާފައިވާ ކަރައެކެވެ. ކަރާގެ އެތެރޭގައިވި ރަތްކަމާއި އެއްވަރަށް ބިންޔާގެ ދެކޯތާފަތްވެސް ރަތްވެގެން ދިޔައެވެ.
"ވިލް ޔޫ މެރީ މީ؟..." ކަރާ ބިންޔާ އާއި ދިމާއަށް ދިއްކޮށްލަމުން މިޒްޔަލް ބުނެލިއެވެ.
ބިންޔާ ހުރީ އަޖައިބުވެފައެވެ. މިޒްޔަލް އެހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކޮންއިރަކު ހެއްޔެވެ؟ ހަގީގަތުގައިވެސް މިޒްޔަލް ބިންޔާދެކެ އެހާ ލޯބިވޭ ހެއްޔެވެ؟ އެކަމަކު، މިޒްޔަލް ލޯބިވާ ވަރަށް ބިންޔާއަށް މިޒްޔަލަށް ލޯބި ދެވިދާނެ ހެއްޔެވެ؟ ބިންޔާގެ ހަޔާތުން މިޒްޔަލަށް ދެވޭނެ މާގިނަ އެއްޗެއް ނެތެވެ. ވީއިރު، ކައިވެނިކޮށްގެން އޭނާއަށް މިޒްޔަލަށް ދެވޭނީ ދެރައެކެވެ. ބިންޔާއަށް ތުން ފިއްތައިލެވުނެވެ. ދެލޯ ފުރުނު ކަރުނަތައް އިސާހިތަކު ފައިބައިގަތެވެ. ބިންޔާ ގިސްލާފައި ރޯން ފެށުމުން، މިޒްޔަލް ކަންބޮޑުވިއެވެ. އޭނާ ތެދުވެ، ބިންޔާ ގެނެސް މޭގައި ޖައްސައިލިއެވެ.
"އޯކޭއޭ މިހާރު ޖަވާބު ނުދިނަސް... އަހަންނަށް އެނގޭ، އަހަރެން ނޫން މީހެއްގެ ކައިރިއަށް މިކުއްޖާ ނުދާނެކަން..." ބިންޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލަމުން މިޒްޔަލް ބުނެލިއެވެ. "ސޯ، ނޯ ޕްރެޝަރ..."
"އަހަންނަކީ، އަހަންނަކީ ވަރަށް ކޫސަނީ މީހެއް... އަހަރެންގެ ހަގީގަތް އެނގިއްޖެއްޔާ، އެއްވެސް މީހަކު އަހަންނާ އިންނާކަށް ބޭނުމެއް ނުވާނެ..." ބިންޔާ މިޒްޔަލާއި ދުރަށްޖެހިލަމުން އިސްޖަހައިލިއެވެ. "އަހަންނާ މެރީކޮށްގެން މިޒްޔަލްއަށް އެއްވެސް އުފަލެއް ނުލިބޭނެ... އަހަރެންގެ މާޒީ އެނގިއްޖެއްޔާ މިޒްޔަލް އަހަރެންދެކެ ފޫހިވާނެ..."
"އަހަރެން ބޭނުމެއް ނޫން ބިންޔާގެ މާޒީ އެނގޭކަށް... އެނގުނަސް، ރިގްރެޓެއް ނުކުރާނަން... އައި ޕްރޮމިސް..." ބިންޔާ ދުރަށް ދިޔުމުން މިޒްޔަލްގެ ހިތުގައި ޖެހުނެވެ. "އަހަރެން ބިންޔާދެކެ ލޯބިވޭ... ވަރަށް ލޯބިވޭ... މިއަށްވުރެ ބޮޑަށް މިވާ ލޯބި ސާބިތުކޮށްދެވޭނެ އިތުރު ގޮތަކީ އަހަންނާ މެރީ ކުރުން... އަހަރެން ބިންޔާ ބަލާނަން... މާޒީ ހަނދާންނެތޭ ވަރަށް ލޯބި ދޭނަން... މީ އަހަރެން ވާ ވައުދެއް..."
ފެންކަޅިވެފައި ހުރި ބިންޔާ މަޑުމަޑުން ކުރިއަށް ޖެހިލައި، މިޒްޔަލްގެ މޭގައި ނިތްކުރި ޖައްސައިލިއެވެ. މިޒްޔަލްގެ ދެލޮލުން ފެންނަމުންދިޔަ ސާފު ތެދުވެރި ލޯބި، ބިންޔާގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދިއެވެ. ކައިވެނިކޮށްގެން އުފަލުގައި އުޅުމަކީ ބިންޔާ ދެކުނު އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ބޭނުންވަނީ ހަމައެކަނި މިޒްޔަލާއި އެކުގައެވެ.
********
ނާޒިރާއަށް ނޭނގި، ސައީދު ދިޔައީ ވަރިކުރުމުގެ ކަންތަކަށް ތައްޔާރުވަމުންނެވެ. އެކުވެރިއެއްގެ މަޝްވަރާގެމަތިން ކޯޓުން ފޯމު ނަގައި ފުރުމުގެ މަސައްކަތް އޭނާ ކުރިއެވެ. ސައީދަށް އައި ބޮޑު ބަދަލު ފާހަގަވެ، ނާޒިރާ ހުރީ ހިމޭންވެފައެވެ. ދެމީހުންގެ ދެމެދަށް ވެރިވި ހުސްކަން ނެތިކުރުމަށްވުރެ، ނާޒިރާއަށް މުހިއްމުވީ، އެހެން ކަމެކެވެ. އާސިފާއި ގުޅިގެން، ސަމީރާގެ ދުވަސް ދުއްވާލުމަށް ނާޒިރާ ދިޔައީ ރާވަމުންނެވެ. އެކަމަށް ބޭނުންވާ ބޭސްތަކުގެ މުއާމަލާތްތައް ދެމީހުން ކުރަމުން ދިޔައީ އާސިފުގެ ގޭގައެވެ. ސައީދަށް އެ ހުރިހާ މަންޒަރު ފެނިފައިވާކަމުގެ އެއްވެސް ހިލަމެއް ނާޒިރާގެ ނެތެވެ.
ސަމީރާ ހޮސްޕިޓަލުން ދޫކޮށްލަން އޮތް ދުވަހު ސައީދުގެ ދެފައި އެއްތާކު ނުޖެހެއެވެ. އެދުވަހަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ސަމީރާއަކީ ސައީދުގެ އަލަތު ލޯތްބެވެ. އަލަތު އަނބިމީހާއެވެ. އަލަތު ދަރިފުޅުގެ މަންމައެވެ. ސަމީރާ އާއިއެކު އޭނާ ހޭދަކުރީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ސައީދުގެ ދިރިއުޅުން ކޮޅަށްޖެހުނީ ސަމީރާގެވެސް މިންނެތް މަސައްކަތުންނެވެ. ވީއިރު، ސަމީރާ ހާލުގައި ޖެހުނު ދުވަހު، އޭނާ ސަމީރާއަށް އެހީނުވާންވީ ސަބަބެއް ނެތެވެ.
ސަމީރާ އޮތް ވޯޑުން އާސިފު ނުކުތީ، ހޮސްޕިޓަލުން ދޫކޮށްލުމުގެ ލިޔުންތަކުގައި ސޮއި ކުރުމަށް ކައުންޓަރު ކައިރިއަށް އައުމަށް ނަރުސްކުއްޖަކު ބުނުމުންނެވެ. ސައީދު ހުރީ، ފުރުސަތަކަށް ބަލަބަލައެވެ. އާސިފު ކައުންޓަރުގެ ކައިރިއަށް ދާހާއިރު ކޮށްފައި، ސައީދު ނުކުތެވެ.
ސަމީރާ އޮތް އެނދާއި ކައިރިވަމުންދިޔަ ވަރަކަށް ސައީދުގެ ހިތުގެ ތެޅުންވެސް ދިޔައީ އިތުރުވަމުންނެވެ. އެނދުގެ ބޭރުން ދަމާފައިވާ ފޮތިގަނޑުގެ އެތެރެއަށް އަޅައިލެވުނު ފުރަތަމަ ފިޔަވަޅާއިއެކު ސައީދަށް އަނގަމަތީގައި އަތް އަޅައިލެވުނީ ސަމީރާ އޮތް ހާލުފެނިފައެވެ. ނޭވާލިޔަސް، ފުރާނަނެތް މަސްގަނޑެއް ފަދައެވެ.
މީހެއްގެ ހިލަން ވިހެން ހީވެގެން ސަމީރާ އުނދަގޫގޮތަކަށް ލޯ ހުޅުވައިލިއެވެ. ކައިރީގައި ހުރީ ކާކުކަން އޭނާގެ ވަހުން އެކަނިވެސް އެނގޭފަދައިންނެވެ. ސައީދު ފެނުމުން، ސަމީރާގެ ދެލޮލުން ކަރުނަ އޮހެރެން ފެށިއެވެ. ބުނަން ބޭނުންވާ އެތައް ހާސް ވާހަކައެއް ހުރި ނަމަވެސް، ސަމީރާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އަތްފައި ގުޑުވައެއް ނުލެވުނެވެ. ވާހަކަ ދައްކަން ސަމީރާ ކުރަމުންދިޔަ މަސައްކަތް ކައިރީގައި ހުންނަ މީހަކަށް ސިއްރެއް ނުވާނެއެވެ.
"ސަމީރާ..." ސައީދަށް ހުރެވުނު ތަންވެސް ނޭނގުނެވެ.