"މިވަގުތު ދަރިފުޅު ތިހުރީ ހަމަހެއަކު ނޫން... ތިހާ ރުޅިގަދަވެފަ ހުރެގެން ގޯސް ފިޔަވަޅެއް އެޅިދާނެ... އިހަށް ހަމަޖެހިލާ... އޭގެ ފަހުގަ އެހެން ކަމަކާ ވިސްނާނީ..." ސަރަފިއްޔާ ނަސޭހަތްތެރިވިއެވެ.
********
ޑޮކްޓަރު މުނީފު އައިސް އެތެރެއަށް ވަންއިރު، ސައީދު އިނީ ސަމީރާގެ އަތުގައި ހިފާލައިގެންނެވެ. ގޮތްހުސްވެފައިވާ ކަމުގެ އަސަރުތައް މޫނުމަތިން ފެންނަމުން ދިޔަ ސައީދުގެ ދެލޮލުގައި ވިދަމުންދިޔައީ ތާޒާ ކަރުނައެވެ. ސަމީރާގެ އަތުން ދޫކޮށްލާފައި ސައީދު ތެދުވީ، މުނީފުގެ އަތުގައި އޮތް ފައިލު ފެނުމުންނެވެ. މުނީފަކީ، ސައީދުގެ ދުވަސްވީ ގާތް އެކުވެރިއެކެވެ. އަތުގައި އޮތް ފައިލުތައް ސައީދަށް ދައްކައިލަމުން މުނީފު ބަލައިލީ ސަރަފިއްޔާއަށެވެ. ސަރަފިއްޔާއަށް އަންގަން ބޭނުންނުވާ ވާހަކައެއް ސައީދުގެ ކައިރީގައި ބުނަން ބޭނުންވާ ފަދައިންނެވެ. ސައީދަށް އެކަން ވިސްނުމުން، މުނީފާއިއެކު، ވޯޑުން ބޭރަށް ނުކުތެވެ.
"ރިޕޯޓުތަކުގެ ނަތީޖާ އެހާ ރަނގަޅެއް ނޫން..." މުނީފު ދޫކޮށްލީ ފުން ނޭވާއެކެވެ. "އެންމެ މައްސަލައެއް ނޫން އުޅެނީ... ކަންބޮޑުވާންޖެހޭ ދެތިން މައްސަލައެއް އެބައުޅޭ... އެކަމަކު، މިކޮޅުން ދެވޭނީ ވަގުތީ ފަރުވާއެއް..."
ސައީދަށް ފާރުގައި އަތް ޖައްސައިލެވުނީ ދެފައިން ވާގި ދޫވާހެން ހީވުމުންނެވެ. މުނީފު ހުރިގޮތުންވެސް ކަންތައްތައް އެއްވެސް ވަރަކަށް ރަނގަޅު ނޫންކަން އޭނާއަށް އެނގުނެވެ.
"މީ ހިތްވަރު ކުރަންވީ ވަގުތު..." ސައީދުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން މުނީފު ބުނެލިއެވެ. "މިއޮތީ ރިޕޯޓުތައް... ސައީދު ބޭނުމިއްޔާ..."
"ސަމީރާ ސަލާމަތްކުރެވޭނެތަ؟..." މުނީފުގެ ވާހަކަ ނުނިމެނީސް، ސައީދު ސުވާލު ކުރިއެވެ. އެތައް ހިތްވަރެއް ކޮށްގެންވެސް، އޭނާގެ އަޑު ނުކުތީ ކުރެހިގެންނެވެ.
"ވީ އެންމެ އަވަހަކަށް ސަމީރާ ރާއްޖެއިން ބޭރަށް ގެންދަން ހިނގާ... މިކޮޅުން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމެއް އަހަރެން ހަމަޖައްސައިދޭނަން..." ސައީދުގެ ސުވާލަށް ޖަވާބު ދިނުމެއްނެތި، މުނީފު ބުނެލިއެވެ.
"ސަމީރާ ސަލާމަތްކުރަން އަހަރެން މިހުރީ ކޮންމެ ކަމެއް ކުރަން ޖެހުނަސް ކުރަން ތައްޔާރަށް..." ސައީދު މޭގައި އަތް ޖައްސައިލީ ހިތަށް އުނދަގޫވީ ވަރުންނެވެ. "އަވަސްކުރޭ... ބޭރަށް ގެންދަން ތައްޔާރުކުރޭ... އަހަރެން މިދަނީ ޓިކެޓުގެ ކަންކަން ހަމަޖައްސަން..."
"ސައީދު!..." މުނީފު ގޮވައިލީ އިތުރު ވާހަކައެއް ބުނަން ބޭނުންވެގެން ގޮވައިލާ ހެންނެވެ. "މިޒްޔަލްއަށް މިކަން އަންގާކަށް ނުވޭތަ؟... އަހަންނަށް ފެންނަނީ ލަސްނުކޮށް އަންގަން..."
ސައީދު ވިސްނައިލިއެވެ. މުނީފު ބުނިހެން މިޒްޔަލްއަށް ހަގީގަތް އެނގެން ޖެހެއެވެ. ވަގުތު ފާއިތުވެއްޖެނަމަ، މިޒްޔަލްގެ ކުރިމައްޗަށް އަރަން ސައީދަށްވެސް އުނދަގޫވާނެއެވެ. ސަމީރާއަކީ މިޒްޔަލްގެ މަންމައެވެ. ވީއިރު، އެ މައިމީހާއަށް ހިދުމަތް ކުރުމުގެ ހައްގު މިޒްޔަލަށްވެސް ލިބެންޖެހެއެވެ.
"ސަމީރާއަށް ހުރީ ވަރަށް ބާރުގަދަ ބޭސްތަކެއް ދީފަ..." މުނީފު ބުނެލިއެވެ. "އޭގެ ސަބަބުން ހުރިހާ މައްސަލައެއް ކުރިމަތިވެފަ ހުރީ... މިކަން ކުރި މީހުންނަށް ހައްގު އަދަބު ލިބުމަކީ އަހަރެންވެސް ބޭނުންވާ ގޮތް... އެކަމަކު، މިވަގުތު އޮތީ ހިތްވަރުކޮށްފަ، ސަމީރާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުން... އޭގެ ފަހުގަ އެމީހުންނާ ކުރިމަތިލާނީ... އަހަރެން ސައީދަށް އެހީވާނަން..."
********
މިޒްޔަލްގެ ކޮނޑުގައި ލައްވެލައިގެން އިން ބިންޔާގެ ހަނދާންތައް ގުޅިފައިވީ މާޒީއާއެވެ. މިޒްޔަލްއަށް ހަޔާތުގެ ސިއްރުތައް ކިޔައިދޭން ފެށުމުން، ބިންޔާގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ހިތްވަރު ލިބުނެވެ. މާޒީގައި އާސިފުގެ ފަރާތުން ލިބުނު ގޯނާތަކަކީ ބިންޔާގެ ހިތުން ދުވަހަކުވެސް ފޮހެވިގެންދާނޭ ހަނދާންތަކެއް ނޫނެވެ. އަމިއްލަ މައިމީހާގެ ސަބަބުން ބިންޔާގެ މުޅި ޖިސްމާއި ނަފުސު ވެއްޔާއި މޮޑެވިގެން ދިޔައެވެ. ފައިސާގެ ބޭނުމުގައި އެ މަންމަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ހިލޭ ފިރިހެނަކަށް ވިއްކާލީ އެއްވެސް ރަހުމެއް ނެތި ކަމުގައި މިޒްޔަލްގެ ކުރިމަތީގައި ބިންޔާ ހާމަކުރީ އެތައް ހިތްވަރެއް ކޮށްގެންނެވެ.
"ބައްޕަ ދުނިޔޭގަ ހުރިނަމަ... ޔަގީނުންވެސް އަހަރެންގެ ހިމާޔަތުގަ ހުންނާނެ...." ބިންޔާގެ އަޑު ކުރެހުނެވެ. "އަމިއްލަ ރައްކާތެރިކަން ހޯދާނެ އެތައް ގޮތެއް ބައްޕަ ދަސްކޮށްދިން... އެކަމަކު، އާސިފުގެ ކައިރީގަ، އެއިން އެއްވެސް ކަމެއް ނުކުރެވޭހާ އަހަރެން ފިނޑި..."
"ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ތަޖުރިބާ ކުރާކަށް ނުޖެހޭނެ... އަހަރެން ބިންޔާ ހިމާޔަތްކުރާނަން..." މިޒްޔަލް ޔަގީންކަން ދިނެވެ.
އާސިފުގެ އަތްދަށުގެ ބިންޔާ ހޭދަކުރީ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، މަންމަގެ ދަރަނި އަދާކުރުމަށް ބިންޔާ އަތުކުރި އޮޅާލީ، އަންހެން ކުއްޖަކަށްވީތީ ފަސްޖެހުމެއް ނެތިއެވެ. އާސިފު ވަނީ ބިންޔާގެ އެތައް ތަސްވީރެއް ނަގައި، ބިރުދައްކާފައެވެ.
ގެއަށް އައި މަގުމަތީގައި، މިޒްޔަލް އެތައް ވައުދެއް ވިއެވެ. ބިންޔާ އެކަނިވެރި ނުވާނެކަމާއި، މިޒްޔަލްގެ ލޯބި އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދިނެވެ.
ގެއާއި ހަމައިން މިޒްޔަލް ހުއްޓުނެވެ. ޖީބުގައި ފޯނު ނެތްކަން އެނގުމުން، އޭނާ ހާސްވެފައި އައިކޮޅަށް އެނބުރުނެވެ.
"ފޯނު ބާއްވާފަ ކަންނޭނގެ މިއާދެވުނީ..." މިޒްޔަލް ހާސްވެފައި ބުނެލިއެވެ. "ބިންޔާ އެތެރެއަށް ވަދޭ އިނގޭ... މިއަންނަނީ އެތަން ބަލާލާފަ..."
ގޭތެރެއަށް ވަން ބިންޔާ ލައިގަތީ، އެތެރެއިން ނުކުތް ޒަޔާންގެ ގައިގައެވެ. ބިންޔާ އާއި ދިމާއަށް ބަލައިލުމެއްނެތި، ޒަޔާން ގެއިން ނުކުމެގެން ދިޔުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ބިންޔާއަށް އެނގުނެވެ. އޭނާ ޒަޔާންގެ ފަހަތުން ނުކުތްއިރު، ޒަޔާން ފެންނާކަށް ނެތެވެ. ބޭރުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ބިންޔާ އުޅުނީ އެތެރެއަށް ވަންނާށެވެ. އެވަގުތު ކޮންމެވެސް މީހަކު ގޮވާލި އަޑު އިވުމުން، އޭނާގެ ދެފައިގައި ހީވީ ކަސްތޮޅު އެޅުނު ހެންނެވެ. އެއީ ބިންޔާއަށް އައު އަޑެއް ނޫނެވެ.
"މިކޮޅަށް އައިސް މަންމަ ކައިރިއަށް ނުވެސް އަންނަނީތަ؟..." ބިންޔާ ބަލައިލުމުން، ވާފިރާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. "ނައީމަ އެންމެފަހުން މަންމަ މިއައީ... ސަލާހު ބުނީ ދަރިފުޅު ހުންނަނީ މިގޭގައޭ... ދަރިފުޅު ގެނެސްދޭށޭ ކިޔާކިޔާ ނުގެނައީމަ މަންމައަށް އަންނަންޖެހުނީ..."
ވާފިރާއަކީ ސަލާހުގެ މަންމައެވެ. ސަލާހާއިއެކު ބިންޔާ ހޭދަކުރި ދުވަސްތަކުގައި ވާފިރާއާއި ދިމާވީ އެންމެ ފަހަރަކުއެވެ. ވާފިރާއާއި ސަލާހު ހާސްބައި ތަފާތެވެ. ވާފިރާ އަކީ ހެޔޮ މީހެކެވެ. ދަރިންނަށް ރަނގަޅު މަންމައެކެވެ. ދަރިންގެ އުފަލަށްވުރެ އެހެން ކަމަކަށް އޭނާ އިސްކަމެއް ނުދެއެވެ. އެކަމަކު ވާފިރާ ފެނުމުން، ބިންޔާއަކަށް އުފަލެއް ނުވެވުނެވެ. ހާސްކަމާއި އެއްވަރަށް ބިންޔާގެ މޫނުން ފެނުނީ ހިތާމައެވެ. ބިންޔާ އާއި ސަލާހުގެ ގުޅުން ކެނޑުނުކަން އެނގުމުން، ވާފިރާ ދެރަވާނެވަރު ބިންޔާއަށް ރަނގަޅަށް އެނގެއެވެ.
"ހިނގާ ސައިބޯން... މަންމަ މިއައީ ހެދިކާ ހަދާފަ ދަރިފުޅު ސައިބޯން ބަލާ..." ވާފިރާ ބިންޔާގެ އަތުގައި ހިފައިލިއެވެ. ބިންޔާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ވާފިރާ ހިނގައިގަތެވެ.
ސަލާހު އެއްވެސް ވާހަކައެއް ވާފިރާއަށް ކިޔައިދީފައި ނުވާކަން ބިންޔާއަށް ޔަގީންވިއެވެ. ދެމީހުންގެ ގުޅުން ކެނޑުނުކަން ވާފިރާގެ ކައިރީގައި ބުނާނެ ގޮތެއް ނޭނގިގެން ބިންޔާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެގެއާއި ހަމައަށް ދެވުނު އިރުވެސް، ބިންޔާއަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ވާފިރާގެ ހެޔޮކަމުން އެ މައިމީހާގެ ހިތުގައި ޖައްސަން ބިންޔާއަށް އުނދަގޫވީއެވެ.
މީރު އެތައް ހެދިކާއެއް ހަދާފައި ހުރި އިރުވެސް ބިންޔާ އިނީ ނުކެވިފައެވެ. ބިންޔާ ނުރުހިފައި ކުރިމަތީގައި އިން ސަލާހަށް ބަލައިލިއެވެ. ސަލާހު ހަމަޖެހިލާފައި ކާން އިންގޮތުންވެސް ބިންޔާގެ ލޭ ކެކުނެވެ. ބިންޔާ ގަބޫލުކުރީ ސަލާހު އޭނާގެ މަންމައަށްވެސް އޮޅުވާލީ ކަމުގައެވެ.
ވާފިރާ ބިންޔާއަށް ފަހަރަކު ތައްޓެއް ކައިރިކޮށްދީފައި އުޅުނެވެ. ބިންޔާ ހިކި ކަމަށްބުނެ، ގިނައިން ކާން އެދުނެވެ. ވާފިރާ ދުރަށް ޖެހިލުމުން، ބިންޔާ ފުންމައިގެން ގޮނޑިން ތެދުވިއެވެ. ސަލާހާއި ދިމާއަށް ދެލޯ އަޅައިލިގޮތުން ސަލާހުވެސް ބިރުން ގޮނޑިން ތެދުވިއެވެ.
"ހަމަ މިހާރު ބުނޭ..." ބިންޔާ ދަތްކުނޑި ވިކައިލިއެވެ. "ބުނޭ އަހަރެމެންގެ ގުޅުން ކެނޑުނު ވާހަކަ... ކެނޑުނީ ސަލާހުގެ ވިޔާނުދާކަމުންނޭވެސް ބުނާތި!..."
"އޯކޭ އޯކޭ... ބުނެފާނަމޭ... ބިންޔާ ހަމަޖެހިބަލަ... ރަނގަޅު ވަގުތެއް އައީމަ ބުނާނަން..." ސަލާހު ހާސްވެފައި ވާހަކަ ދެއްކީ މަޑުންނެވެ. "މަންމަ ވަރަށް ބަލި... އިހަށް މިކަންތައް ސިއްރުކޮށްދީ... އައި ޕްރޮމިސް، ފަހުން މަންމަ ކައިރީ ހުރިހާ ވާހަކައެއް ކިޔާދޭނަން..."
"އަހަންނަކަށް ތިކަމެއް ނުވާނެ... ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ސަލާހު... އަހަރެން މިދަނީ..." ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން ނުކުންނަން ދިޔައެވެ.
"ބިންޔާ މަޑުކޮށްބަލަ... މަންމައަށް އެނގިއްޖެއްޔާ..." ސަލާހަށް ބުނެވުނީ އެހިސާބަށެވެ.
ބިންޔާގެ ކުރިމަތީގައި ހުރި ވާފިރާ ފެނި، ސަލާހުގެ ބަސް ހުއްޓުނެވެ. ދެލޯ ބޮޑުވިއެވެ. ވާފިރާ ހުރީ ހުއްޓުން އަރާފައެވެ. ދެމީހުންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކައެއް ވާފިރާއަށް އަޑު އިވިފައިވާކަން ސަލާހަށް ޔަގީންވިއެވެ. ބިންޔާ އިސްޖަހައިލުމަށްފަހު، ވާފިރާގެ ކުރިމަތިން ދިޔައެވެ.
"މަންމާ!..." ސަލާހު ހުރީ ޖެހިލުންވެފައެވެ. "އަހަރެން ހުރިހާ ވާހަކައެއް..."
"ހުއްޓާލާ..." ކުރެހިފައިވާ އަޑަކުން ވާފިރާ އެދުނެވެ. "ތީ އަހަރެންގެ ދަރިއަކަސް، ދެން އިތުބާރެއް ނުކުރެވޭނެ... ސަލާހަށް ލިބިފަ ތިހުރީ ހަމަ ސަލާހުގެ ބައްޕަގެ ގޮތް..."
ވާފިރާ ދިޔުމުން، ސަލާހަށް ހުރިތަނަށް ތިރިވެވުނެވެ. ކުރެވުނު ކަންތައް އިހުސާސްވެ، ސަލާހުގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ބިންޔާދެކެ ސަލާހު ވީ ހަގީގީ ލޯބިކަން އެނގުނުއިރު، ވަގުތު ފާއިތުވެއްޖެއެވެ. ދެން ބިންޔާ އެނބުރި އެ ހަޔާތަށް ނާންނާނެކަން ސަލާހަށް އެނގެއެވެ.
*********
ސައީދު ގުޅާފައި ދިން ހަބަރަކުން މިޒްޔަލްއަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނދިރިވީ ހެންނެވެ. ހުރެވުނު ތަންވެސް ނޭނގުނެވެ. އެއީ ފަހަރެއްގައިވެސް އޭނާ އުއްމީދުކޮށްގެން ހުރި ކަހަލަ ހަބަރެއް ނޫނެވެ.
"ލޯންޗު އޮންނާނެ މިހާރު ތިކޮޅުގަ... ދަރިފުޅު އައިހާ އަވަހަށް މަންމަ ގޮވައިގެން ބޭރަށް ފުރަންވީ... އެއްވެސް މީހަކަށް ނާންގާ ދަރިފުޅު އަވަހަށް އާދޭ..." ސައީދު އަވަސް އަރުވާލާފައި ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލިއެވެ.
މިޒްޔަލް ބިންޔާގެ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖަހާލި ނަމަވެސް، އެތެރެއިން ހަބަރެއް ނުވިއެވެ. ގުޅަން ފޯނު ނެގިތަނާ، ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ގުޅީ، ލޯންޗުގެ ފަޅުވެރިއެކެވެ. ގޭދޮރުމަތީގައި ކާރު އޮންނާނެކަމަށް ބުނެފައި އޭނާ ފޯނު ކަނޑައިލިއެވެ.