"މޮޔަވީތަ އަނާ؟ ތަންކޮޅެއް ހަމަޖެހިބަލަ، އަދި ކައިލަން އަންހެންކުއްޖަކު ގޮވަައިގެން އައީމަ އޭ ކިޔާފަ ތިހާ ނައްޓާފަ ދާކަށް ނުޖެހެއެއްނު، ފަހަރެއްގައި އެއީ ކައިލަންގެ ފްރެންޑަކަށްވެސް ވެދާނެ، ވައިފްއަށްވިޔަސް އަނާ ނުޖެހޭ މައްސަލަޖައްސާކަށް، ކައިލަން އަނާ ކާރިއަކު ނުބުނެއެއްނު ލޯބިވާ ވާހަކައެއް؟ ކައިލަންއަކީ އަނާގެ ޑޮކްޓަރ، ރެސްޕެކްޓްވެސް ކުރަންޖެހޭނެއްނު....." އަނާ އަމިއްލަ ޟަމީރަށް ވިސްނައިދިންގޮތަށް ފިޔަވަޅުތައް ބިންމަތީގައި ތަތްލިއެވެ. އަނާ އެނބުރި ބަލައިލިއިރު ކައިލަންވެސް އައިސް އަނާއާއި އަރާހަމަކުރީއެވެ. ކައިލަންއާއިއެކުގައި އައި އަންހެންކުއްޖާ ވަަރަށް ފުޅާ ހިނިތުންވުމަކާއިއެކު އައިގޮތަށް އަނާގެ އަތުގައި ހިފާ ސަލާމްކޮށްލައިފިއެވެ. އެއީ ވަރަށް އުދަގޫވި ވަގުތެކެވެ. އަނާ އިސްޖަހައިލީއެވެ. ކައިލަންވެސް އަނާއަކީ "މިއުޓް" އެކޭ ބުނާކަށް ބޭނުމެއްނުވިއެވެ.

"ކައި، މިއީ ކައި ބިޓުތަ؟ އަހަންނަކީ ކައިގެ ކަޒިންއެއް، ގޯސްގޮތަކަށް ހީކޮށްގެން ދެން ދެމީހުން ބޮޑު ފައިޓަކަށް ދާނީއެއް ނޫން އިނގޭ، އަހަރެން މެލޭގައި ކިޔަވަން ހުރެފައި އައިސް މިއުޅެނީ......." އެއަންހެންކުއްޖާގެ ހަގީގަތް އެނގުމުން އަނާ ރަކިވިއެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ. ދިމާވާ ކުދިކަމަކުންވެސް އިންސާނަކު އިބުރަތެއް ހޯދަން އުޅެފިއްޔާ ފިލާވަޅެއް ލިބިދާނެއެވެ. ލޮލަށް ފެންނަ މަންޒަރަށް އެކަނި ބަރޯސާވެގެން ގޮތެއް ނިންމަން ހެޔޮނުވާނެއެވެ. އޭނަ އެދިޔަ ބާރުމިނުގައި އެތަނުން ދިޔަނަމަ އޭނައާއި ކައިލަންގެ ދެމެދުގައި އޮތް ގުޅުން އެއްކޮށް ކެނޑިގެން ނުދާނެކަން އެނގެނީ ކާކަށްހެއްޔެވެ؟ ލޮލުން ފެނުނަސް އޭގެ އެންމެ އަޑިޔަށް ފީނާ ހޯދައިގެން ނޫނީ ގޮތެއް ނިންމާކަށް ނުވާނެއެވެ. ނޫންނަމަ އުމުރަށް ހިތާމަކުރަން ޖެހޭނެވަރުގެ ގޯހެއް އަތުން ހެދިދާނެއެވެ.

އާދައިގެ މަތިން އަނާ ގެއަށް ލާދޭން ހިނގާލާފައި ދިޔައިރު ކައިލަން ހުރީ ތަންކޮޅެއް ހިމޭންވެފައެވެ. ކުރިއަށްވުރެ ސީރިޔަސްކަން ބޮޑުވެ އަނާއާއި ދެމެދުގައި ލެވިފައިފާ ގަނޑުފެނުގެ ފާރު ހައްތަހާ ބޯވަނީއެވެ. ދެމީހުން އަނގައިން ނުބުނެ ތިބެ ގެއާއި އަރާހަމަވެފައި އަނާ ކައިލަންގެ މޫނަށް ބަލައިލީ އެލޮލުގައިވާ ޝުއޫރުތައް ދެނެގަތުމަށެވެ. އެހިތުގައިވާ އެއްޗެއް އެނގޭނެނަމަ ކޮންފަދަ ހެއްޔެވެ؟ ރޭގަނޑުގެ ސަލާމް ކޮށްލާފައި ހީވެސްނުލާ ކައިލަން ދިޔުމުން އަނާގެ ހިތަށް ވީތަދަކުން އިސްއޮބާލައިގެން ހުރެ ގެއަށްވަނެވެ.

ޖެހިގެން އައިދުވަހު ސެޝަންއަށް ކައިލަން އައިއިރު ތަންކޮޅެއް ޕްރޮފެޝަނަލްކަމަށް ފެނެއެވެ. އަނާ ހައިރާންވިއެވެ. ފަހުން އޭނަ އެހާ އެކުވެރިކޮށް އުޅެފައި ކުއްލިއަކަށް ސީރިޔަސްވާންވީ ކީއްވެހެއްޔެވެ؟ ކައިލަންގެ ލޯބިވެރިޔެއް ނެތްނަމަ މިހާވަރުން އަންހެންކުދިންނާއި ދުރަށް ދާން މަސައްކަތްކުރުމުގެ ބޭނުމެއްނެތެވެ. ވަފާތެރި ތެދުވެރި ފިރިޔެކޭ ކައިލަން ތަފާތެއްނެތެވެ. ނޫނެކެވެ. ކައިލަން ހަމަ ރަގަޅީއެވެ. އަންހެންކުދިންނާއި އެހާ އަޅައިގެން އުޅޭވައްތަރެއް ނޫނީއެވެ. ކައިލަންގެ ސީރިޔަސްކަންދެކެވެސް އަނާގެ ހިތުގައި ލޯބި އުފެދުނެވެ. ކައިލަން ކޮންމެ ކުލައެއް ދެއްކިކަމުގައި ވިޔަސް އެހިތަށް ވަރިހަމައީކަން ނޭގެއެވެ.

ކައިލަންއަށްޓަކައި އަނާގެ ހިތުގައިވާ ލޯބީގެ ހުޅުކޮޅު ބޮޑުވަމުންގޮސް އޭގެ އަލިފާނުގައި މީހާ ނެތިގެންދާ ވަރުވެއްޖެއެވެ. ރޭގަނޑު ލޮލަކަށް ނިންޖެއްނާދެއެވެ. ލޯބީގެ ލަވައަޑުއެހެނީއެވެ. އޮތްތާ އޮވެ ރީތި ހުވަފެންބެލެނީއެވެ. ކައިލަންއާއިމެދު ޚިޔާލުކޮށް ފިކުރުކުރުން ނޫންކަމެއް ނުކުރެއެވެ. އެހެންވަމުންގޮސް ކައިލަންދެކެ ލޯބިވާ މިންވަރު ގަބޫލުކުރެވުނީ ދެމީހުން ޓެރެސްގައި ތިބި ރެއެއްގައެވެ. އެއީ ޑިސެމްބަރުމަހުގެ ރީތި ރެއެކެވެ. ހަނދު ފަލަކުގައި އުޖާލާކަމާއިއެކު ވިދާތަން ފެނެއެވެ. ހީވާކަހަލަ އެވެ. މިރެއަކީ ވަރަށް ޚާއްސަރެެއެެކެވެ. ލޯބިވެރިންނަށްޓަކައި ހަނދު ހިނިތުންވެލައިގެން އިންއިރު ވައިރަހެއްފަދައިން އެހެން މީހުންނަށް އުފާވެރިކަން ފަތުރުވާލައެވެ. އަނާއާއި ކައިލަން ކޮފީހަދައިގެން ގޮސް ޓެރެހުގައި ތިބިއިރުވެސް ކައިލަން މަސައްކަތްކުރީ އަނާ ލައްވާ ވާހަކަދައްކުވާށެވެ. އެތަނުގެ ބޮކި އަނދާފައިވިނަމަވެސް ހަނދުވަރުގެ ނަލަ އަލިން ދިއްލާލާފައިވާތީ އެކަކު އަނެކަކުގެ މޫނު ފަނޑުކޮށް ނަމަވެސް ފެނެއެވެ. ކުއްލިއަކަށް އަނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ކައިލަންގެ ރީތިމޫނަށް ބަލަން ހުރެފައި ކައިލަންގެ ކޮލުގައި ބޮސްދިނެވެ. ކައިލަން ސިހިފައި އަނާގެ އަތުގެ މުލައްދަނޑީގައި ހިފާފައި ދުުރުކޮށްލިއެވެ.

"އަނާ، އަހަރެން ހީނުކުރަަން އަނާ ތިކަހަލަ ކަމެއްކޮށްފާނެކަމަށް، ބަޓް މިރޭ މިވާހަކަ ބުނެލަން ބޭނުން، އަނާ އައިމް ސޮރީ، އެކަމަކު މިރިލޭޝަން މިއަށްވުރެ ކުރިއަކަށްނުދާނެ، އިޓްސް ނޮޓް ޕޮސިބްލް، އަނާ އެކަހަލަ ޚިޔާލެއްކުރަންޏާ ހުއްޓާާލާ، އަހަރެންނަކަށް ތިކަމެއް ވާކަށް ނެތް، އަނާއަށް އަހަރެންގެ ހަގީގަތް އެނގޭނެނަމަ އަހަންނާއި ދިމާލަށް އެރޮގުން ބަލައިލާކަށްވެސް ބޭނުމެއްނުވާނެ......." ކައިލަން އަނެއްފަރާތަށް އެނބުރެމުން ދެއްކި ވާހަކައަކުން އަނާ ހުރީ ހުއްޓުންއަރާފައެވެ. އެތައް މަސްހުނި އިހުސާސްތަކުގެ ތެރެއަށް ގެނބިފައި ބޯހިއްލައިލެވުނުއިރު އެހިތް ކަތިލެވި ނިިމިއްެޖެއެވެ. އަނާގެ ލޯ ފުރިގެންދިޔައީ ހޫނުކަރުނަތަކުންނެވެ. އެތާގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް ކެތެއްނުވިއެވެ. ކައިލަން ގޮވަ ގޮވާހުއްޓާ ސިޑިން ފައިބައިގެންގޮސް އޭނަ ލޯމަތިން ގެއްލިއްޖެއެވެ. ކައިލަންވެސް ރެއިލިންގައި ބޯ ޖައްސައިލިއެވެ. އޭނަގެ އިހުސާސްތައް އޭނަ ކޮންމެގޮތެއް ހަދާފައިވެސް މައިތިރިކުރާނެއެވެ. އަނާ ހާދަ މޮޔައެވެ. މީހަކު ފެންނައިރަށް ހަގީގަތް ބަލައިލުމެއްނެތި އަންހެންކުދިން އެގޮތަށް އުޅެގަންނަން ވާނެހެއްޔެވެ؟ މުއްސަދި ބަޔެއްގެ ހުރި އެންމެ އަންހެންދަރިއަކަށް އެކަށީގެންވަނީ އޭނަފަދަ މީހެއްނޫނެވެ. އަނާއާއި އެކަށީގެންވާ ކިތަންމެ ބައިވެރިން މިމާލޭގެ ފަސްގަނޑުގައިވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ.

އަނާ ކޮޓަރިއަށްވަންގޮތަށް އެނދަށް ބަންޑުންވެއްޓިގެން ބާލީހުގައި މޫނު ފޮރުވާލައިފިއެވެ. ރޮއިރޮއި ބާލީސް ފޯވިއެވެ. ދެލޯދުޅަވެ ރަތްވިއެވެ. އަނާގެ ސިކުނޑީގައިވަނީ އެންމެ އެއްޗެކެވެ. ކައިލަން އޭނަ ރިޖެކްޓްކޮށްލީއެވެ. ލަދުގަންނަވާލީއެވެ. އަންހެންކުއްޖަކަށްވެހުރެ އިސްނެގުމަކީ ކިހާވަރެއްގެ ހުތުރުކަމެއްކަން އޭނައަށް ނޭގެނީއެއް ނޫނެވެ. އެސިކުންތުކޮޅު އޭނަގެ ހޭވެރިކަން ދިޔައީއެވެ. ކައިލަން ހީކުރާނެގޮތެއް ނޭގެއެވެ. ލަދުގެކަންފުޅެއްވެސް ނެތް އަންހެންކުއްޖެކޭ ހިތަށް އަރާނެއެވެ. ދެން އެންމެ ރަގަޅެވެ. އެކަން ނުވާކަމަކަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. އެކުށް ކުރެވިއްޖެއެވެ. ކައިލަން އެކަމާއި ގަބޫލުނޫންކަން ޔަގީންކޮށްދީފިއެވެ. އެވަރުން އޭނަގެ ކުރިމައްޗަށް ދެން ދާންކެރޭނީ ކިހިނެއްހެއްޔެވެ؟

ފަތިހު ނަމާދުކުރިގޮތަށް އަނާ ކާކޮޓަރިއަށްވަދެ ކޮފީއެއް ހަދާލައިގެންގޮސް ގޮނޑިއަށް ދެފައި އަރުވާލައިގެން ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. މީހެއްގެ ފިޔަަވަޅުގެ އަޑުއިވުނުހެން ހީވެގެން ބަލައިލިއިރު ރާހިލްއެވެ. އޭނަހުރީ ޓީޝާޓަކާއި ދިގުސޯޓެއްލައިގެންނެވެ. އިސްތަށިގަނޑު ހާވާލާފައި އޮތްގޮތުން ދެންމެ ނިދާ ތެދުވެގެން އައިކަން އަންގާދެއެވެ. ރާހިލްގެ ލޮލުގެ އެސްފިޔަތަކަށް ބަލާފައި ބައެއްފަހަރު އަނާއަށް ލިބޭނެނަމައޭ ހިތަށް އެރި ކިތަންމެ ފަހަރެއްއައެވެ. މިހާ ހިތާމައިގާ އިނދެފައިވެސް އެސްފިޔަތައް ރީތިކަމުން ބަލައިނުލާ ނުހުރެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީވަގުތު ރާހިލްގެ މޫނަށް ވެރިވި ކުލަވަރު ދެކެފައި އަނާއަވަހަށް އެސްފިޔަތިރިކޮށްލައިފިއެވެ.

"އަނާ ރޮނީ މީހަކު އަނިޔާއެއްކޮށްގެންހެން ހީވަނީ..... " ރާހިލް އައިގޮތަށް އަނާގެ ކޮފީތަށިން އެތިފޮދެއްބޯލިއެވެ.

"އަނގައިން ނުބުނާނީތަ؟"ރާހިލް މޭޒުގައި އަތްވިއްދާލައިގެން އަނާގެ މޫނަށް ބަލަންފެށިއިރު އެމޫނުން ފެނުނީ ހިތްދަތިކަމެވެ. ރާހިލްއާއި ޖިޔާން އުޅޭގޮތަކުން އޭނަގެ ބޮލަށް އުދަގޫވަނީ މިފަދަ ވަގުތުތަކުގައެވެ. ޖިޔާން އޭނަގެ ފައިތިލަމަތީގައި ފައިބޭއްވި ހަދާންވެފައި އަދިވެސް އަނާ ހުންނަނީ ފިކުރުބޮޑުވެފައެވެ. އެސުވާލުގެ ޖަވާބު ނުލިިބިފައެވެ. އަނގައިން ބުނުމަށް އުޒުރުވެރިވާތީ ދިރިއުޅުން ބޮޑު ބުރައަކަށްވެއްޖެއެވެ. އަނާ ނޭފަތް ދަމާލާފައި ތެދުވިގޮތަށް ރާހިލްގެ ގައިގާ ކިރިޔާ ނުޖެހޭ ހިސާބުން ދިޔުމުން ރާހިލް ހުރީ ސީރިޔަސް ނަޒަރަކުން ބަލާށެވެ. އަތުގައި ހިފާ ހުއްޓުވަން އުޅެފައިވެސް އަތް ތިރިކޮށްލެވުނީ އަނާ އެކަމާއި ނުރުހޭނެވަރު ހިތަށް އަރާފައެވެ. ތަފާތު އަންހެންކުއްޖެކެވެ. ރޮބޮޓެއްހެން ހެދިގެން އަނގައިން ނުބުނެ ހުންނަނީ ކަމެއްވެގެންނެއް ނޫނެވެ.

އިރުކޮޅެއްފަހުން ރާހިލް ގޭތެރޭގައި އުޅެލާފައި ގަސްތަކުގެ ތެރެއަށް ނުކުތްއިރު އަނާ އުދުހިލާފައި ކަހަލަ ގޮތަކަށް އައިތަން ފެނުނެވެ. އެއައި ބާރުމިނުގައި ރާހިލްގެ ގައިގާ އަޅައިގަތުމުން ރާހިލްގެ ޓީޝާޓުގައި ހިފިގޮތަށް އަތުތެރޭގައި ބޮނޑިކޮށްލިއިރު އެދެލޮލުން ފެނުނީ ބިރާއި ހާސްކަމެވެ. އެހިތުގެ ތެޅުންވެސް ރާހިލްއަށް އިހުސާސްވިއެވެ. އިރުގެއަލިކަން އެކޯތާފަތާއި ކުޅޭއިރު ރީތިކަމުގެ ދެވަނައެއްނެތްފަދައެވެ. ރާހިލްގެ ހިތަށް އަރަން ނުވާނެ އެއްޗެހިތަކެއް އަރަންފެށުމުން ސިކުނޑިން އެޚިޔާލުތައް ނެރެ އެއްލާލިއެވެ.

"ވަޓް ހެޕެންޑް؟ ބަގްބެއަރ ފަހަތުން އަންނަނީތަ؟" އަނާ ކުޑައިރު ބިރުން އުޅޭ އެއްޗެއްގެ ނަން ކިޔާލާފައި ރާހިލް އަނާގެ މޫނަށް ބަލަން ހުރީ އެސްފިޔަ ޖަހައިލަން ހަދާން ނެތިފައެވެ. މިގާތްކަމުގެ ސަބަބުން ރާހިލްއަށް ބުނަން ނޭގޭފަދަ އަސަރުތަކެއް ކުރުވިއެވެ. އަންހެންކުއްޖަކު ކައިރިވުމުން މިހެންވާކަށް އޭނަ ބޭނުމެއްނޫނެވެ. އަނާ އިޝާރާތްކުރި ދިމާލަށް ރާހިލްގެ ނަޒަރު ދަތުރުކުރީ ގަހުގެ ގޮތްޕަކަށް އަރާ އޮތް ބުޅަލެކެވެ. އަނާގެ ބާރެއްނެތްކަމާއި ގޮތްހުސްވެފައިވާވަރު އެވަގުތު ރާހިލްއަށް އިހުސާސްކުރެވުނެވެ. އެއީ އަނާއަށް ގެއްލުމެއްދިނުމުގެ ގަސްތުގައި އެތާއޮތް އެއްޗެއްނޫނެވެ. އެވަރުންވެސް އަނާ ބިރުން ރޫރޫއަޅަނީއެވެ. ނުލަފާ މީހެއްގެ ފަރާތުން ބިރެއްކުރިމަތިވެ ނޫނީ ދެރަކަމެއްވާއިރަށް ހަޅޭއްނުލެވޭކަމީ އަނިޔާއެކެވެ. އަނާގެ އިހުސާސްތައްވެސް ފާޅުކުރެވޭނީއެއްނޫނެވެ.

"ޕުއަރ ލިޓްލް ތިންގް......" ރާހިލް އަނާ މޭގައި ޖައްސާލަންްއުޅުމުން އަނާ ކަންބޮޑުވެފައި ދުރަށް ޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ރާހިލްގެ ބާރުގަދަ އަތުގެތެރެއިން ސަލާމަތްވުމުގެ ބަދަލުގައި ހައްތަހާ އެދުރުމިންކާރިވިއެވެ.

"ސްވީޓްހާޓް، ރިލެކްސް، އަހަރެން ހުއްޓާ އެއްވެސް އެއްޗަކަށް އެނީއާއި ކާރިވާކަށް ނުކެރޭނެ، އަހަރެން އަބަދަށްޓަކައި އަނާ ޕްރޮޓެކްޓްކޮށްދޭނަން، އައި ޕްރޮމިސް، އާފްޓަރއޯލް ބިގް ބްރަދަރސްއިން ތިބުމުގެ މާނައެއް އެހެންނޫނިއްޔާ ނެތެއްނު ދޯ....." ފަހު ޖުމްލަ ރާހިލް ބުނެލީ މަސްލަހަތަށް ބަލާފައެވެ. އަނާއާއިމެދު އޭނަ ދުވަހަކުވެސް ކޮއްކޮއެއްގެ ނަޒަރުން ދެކުނީއެއްނޫނެވެ. ލޭގެ ގުޅުން އެބައޮތެވެ. ނަމަވެސް ދެބެންގެދެދަރި ހިސާބުންނެވެ. ސީދާ ކޮއްކޮއެއްގެ ގޮތުގައި އަނާ ދެކެން އޭނަގެ ޟަމީރު ހުއްދައެއްނުދެއެވެ. އަނާގެ ގައިގާ ހިފަހައްޓާފައި ހުރެވުނުއިރު އެފަން އިސްތަށިގަނޑު އުދުހެމުން ރާހިލްގެ މޫނާއި ސަމާސާކުރިއިރު ހީލިކެރުވުމެއް އުފެދުނެވެ. މިފަދަ އިހުސާސްތައްދެކެ އޭނަ ބިރުގަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އަންހެންކުދިންނަށްޓަކައި އޭނަގެ ހިތުގައި ވިންދެއް ޖަހާކަމަށް އެއްބަސްވާކަށް ރާހިލް ނޭދެއެވެ. ކާކުގެ ނަސީބެއްކަމެއް ނޭގެއެވެ. އެވަގުތު ފަލަކްނާޒް އެތަނަށް ނުކުތުމުން ރާހިލް މަންމައަށް ވެގެންއުޅޭގޮތް ކިޔާދީފައި ބުޅާ ގަހުން ބާލުވަން އުޅެގަތެވެ. އަނާ ގެ ހިތް އޭރުވެސް މަޑެއްނުވެއެވެ. ރާހިލްގެ ޝަކުވާ މަންމައާއި ކުރަންވެސް ބޭނުންވިއެވެ. ނަމަވެސް އޭރުން މަންމަ އޭނަގެ ގައިގާ ތަޅައިގަންނާނެކަން ނޭގެއެވެ.

ރަތްފިޔައަށް ހިތާމަވެރި ދުވަސްކޮޅެއް އައިކަމުގައިވިޔަސް އަނާ ފިޔަވާ އެންމެންވަނީ އެހިތާމައިން އަރައިގަނެ ދިރިއުޅުމުގެ ހަގީގަތާއި ކުރިމަތިލާފައެވެ. ޚާއްސަކޮށް ރާހިލްވަނީ އޭނަގެ ބޮޑުބޭބެ އަހުމަދު ޔަޒީދުގެ ވިޔަފާރި ފުޅާކޮށް މަޝްހޫރުކަން ހޯދާފައެވެ ރާހިލްގެ ބައްޕަ ނިޔާވިއިރު އޭނައަކީ ކުންފުނީގެ ވާރިސަކުކަމުން ޔަޒީދު އެކަން ނިންމީ އިންސާފުންނެވެ. ބޭބެގެ ހިއްސާ އެއްކޮށް ދިނީ ރާހިލްއަށެވެ. މުހައްމަދު ޔަޒީދުގެ ގެއާއި ރިޒޯޓްވެސް ރާހިލްގެ ނަމަށް ބަދަލުކުރިއެވެ. ގުޅިގެން ކުންފުނި ހިންގިކަމުގައިވިޔަސް ރާހިލްގެ ހިއްސާވަރަށް ބޮޑެވެ. ހޮޓެލްތަކުގެ ވިޔަފާރި ފުޅާކޮށް ދުވަސްކޮޅަކުން އޭނަގެ ރިޒޯޓްތަކާއި ކުންފުނިތައް ހުޅުވަންފެށިއެވެ. ރާހިލްގެ މުއްސަދިކަމުން ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ މެދުގައި މަޝްހޫރު ޒުވާނަކަށް އޭނަވިއެވެ. އުމުރުން ހަތާވީސްއަހަރު ފުރުނުއިރުވެސް އޭނަގެ އަންބެއް ނެތްތާގައި ލޯބިވެރިޔަކު ނެތުމުން ވަރަށް ގިނަ ފަރާތްތަކުގެ ލޯ ވަނީ އޭނައަށް އަމާޒުވެފައެވެ. ރާހިލްގެ މުއްސަދި ދުނިޔޭގައި އަންހެންކުދިން މަދެއްނޫނެވެ. ނަމަވެސް އެކުދިންނަކީ އޭނަ ދެކޭގޮތުގައި ލޮލަށް ފިނިކަން ލިބުން ނޫންކަމެއް ވާބަޔެއްނޫނެވެ. އެކުދިން ކުރާ މަސައްކަތަކުން އޭނަގެ ހިތާއި ހަމަޔަށް ވާސިލެއްނުވެވެއެވެ. ރާހިލްގެ ޒުވާން މޫނަކީ މިހާރު ޓީވީތަކުންނާއި ނޫސްތަކުގެ އެންމެ ފަލަ ސުރުޚީއަށް އަރާފައިވާ މޫނެކެވެ. އެހާ ޅައިރު ވިޔަފާރީގައި އޭނަ ހާސިލުކޮށްފައިވާ ކާމިޔާބީގެ ސަބަބުން ޒުވާން ފިރިހެނުން "އިންސްޕަޔަރ" ވާވަރުވެއެވެ. ރާހިލްގެ ދުވާލުގެ ބޮޑުބައި ހޭދަކުރަނީ މީޓިންތަކުގައެވެ. ނޫނީ އޮފީހުގައެވެ. ވިޔަފާރީގެ އެގްރީމެންޓްތައް ހަދާ އެކިކަންކަން ނިންމުމުގައެވެ. ހަވީރު ގެއަށް އަންނައިރުވެސް ތާޒާކަމަކަށް ބަދަލެއް ނާދެއެވެ. އެހެން އުޅެމުންވެސް ކަސްރަތަށް ޚާއްސަ ސަމާލުކަމެއްދެއެވެ.

ރާހިލްގެ ކާރު "ރަތްފިޔަ"އަށް މަޑުކޮށްލުމާއިއެކު ކާރުންފޭބިއެވެ. އޭރުވެސް އޭނަ ހުރީ ފޯނެއްގައެވެ. އެހާ ސީރިޔަސްކޮށްހުރެ ގެއަށް ވަދެފައި ޓެރެސްއަށް ދިޔައީ ބައްޕަގެ އެދިލެއްވުމަކަށެވެ. އޭރު މަންމަވެސް ކޮފީހަދައިގެން އިންތިޒާރުގައި އިނެވެ. ޔަޒީދު ފެށީ ކޮންމެވެސް ސިޔާސީވާހަކައެކެވެ. ސޔާސީ، ފުޓްބޯޅަ އަދި ވިޔަފާރިއަކީ ރާހިލްވެސް ޚާއްސަކަމެއްދޭ މައުޟޫތަކެެވެ. އާދައިގެމަތިން އެކިވާހަކަދެކެވެމުންގޮސް ކައިވެނީގެ ވާހަކަ ދެކެވެން ފެށުމުން ރާހިލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ރާހިލް، ކޮންމެ ފަހަރަކު ކައިވެނީގެ ވާހަކަ ފަށާއިރަށް ދަރިފުޅު ކިހިނެއްތިވަނީ؟ މިއީ ވަރަށް ރަގަޅުފަރާތެއްގެ ހުށަހެޅުމެއްނު، އެއީ ބައްޕަމެންގެ ވިޔަފާރީގެ އެންމެ އިސް ޕާޓްނަރުގެ ދަރިފުޅު...." ޔަޒީދު ހިނިތުންވެލާފައި ރާހިލްގެ ފަންއިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ބައްޕާ، އަޅުގަނޑު ހިތްއެދޭ އަންހެންކުއްޖަކު އެބަހުރި، އެކަމަކު އެކުއްޖާ ވިސްނާގޮތެއް ނޭންގޭ..." ރާހިލްއަކަށް އެސިއްރު ދުލާއި ހަަމަޔަށް ގެނައުމުގައި ނުކުޅަދާނަވިއެވެ.

"ރާހިލް ފަސްޖެހެނީ ކޮންކަމަކާތަ؟ ރާހިލްއަށް ޕްރޮޕޯސްކުރަން ނުކެރެންޏާ ބައްޕަމެން އެކަމާއި އުޅެދާނަން...." ޔަޒީދު ހައިރާންވީ ރާހިލް ގެ ހިތްވަރުގަދަކަމާއި ހަރުދަނާކަމާއިއެކުގައިވެސް އަންހެންކުދިން ދެކެ ޖެހިލުންވާވަރުންނެވެ. އެފަދަ ހިތްވަރުގަދަ ޒުވާނަކާއި އެކަމެއް ނުގުޅެއެވެ.

"ޑޭޑް، އަޅުގަނޑު އަދި ވަގުތު ބޭނުން، އެރެންޖް މެރިޖަކީ އެހާ ގަބޫލުކުރާ އެއްޗެއް ނޫން، އަޅުގަނޑު ބޭނުންވަނީ އަމިއްލައަށް އެކަމާއި ކުރިމަތިލާން، އެކަމަކު އެހާ އަވަސް އަރުވާލާފައި ކުރާކަމެއްގެ ނަތީޖާ ރަގަޅުނުވެވެސް ހިނގައިދާނެ....." ރާހިލްގެ ހިތުގެ ވިންދު ކޮންމެވެސް ވަރަކަށް އަވަސްވިއެވެ.

"ބައްޕަމެން ޑެޑްލައިން އެއް ކަނޑައަޅާނަން، އެދުވަހަކަށް ރާހިލްއަށް ނުވެއްޖެއްޔާމުން އަންބަކު ހޯދަދޭނީ، ހީވާގޮތުން ދަރިފުޅު ތިއުޅެނީ ގްރޭންޑް ޕްރޮޕޯސަލްއެއް ކޮށްލަން، ބައްޕަވެސް އައިޑިއާއެއްދޭނަން........" ޔަޒީދުގެ ޖުމްލައިން ރާހިލް ވަކިން ނުތަނަވަސްވިއެވެ. އޭނަގެ ކައިވެނި އެހާއަވަސްވެދާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އެއީ އެހާ ފަސޭހަވާނެކަމެއްވެސް ނޫނެވެ. އޭނަގެ ބަސްނާހާ ހިތް އެފަދަ ދިމާލަކަށް ދާންވީ ސަބަބެއްވެސް ނޭގުނެވެ.

"ޔޫއާރ ދަ ކިޔޯ، ޔޫ އާރ ދަ ޕެއިން، ޔޫ އާ ދަ އޮންލީ ތިންގް އައި ވޯނަ ޓަޗް، ނެވަރ ނިއު ދެޓް އިޓް ކުޑް މީން ސޯ މަޗް، ސޯ މަޗް "އަނާ އައިޕޮޑުން ލަވަޖަހަން ބެލްކަނީގައި ހުރި ސޯފާއެއްގައި އޮތްއިރު ދެފައި ނަގައިގެން އިނީ އިނގިލިތައް ޕެއިންޓްކުރާށެވެ.

އަނާ، ކާކަށްޓަކައި ޖަހާދޭ ލަވައެއްތަ؟ "ރާހިލް އޮފީހުން އައިގޮތަށް ހުރީ ސޫޓުގައެވެ. ގޭތެރޭގައި ފިނިހިފާލާފައިވާވަރުން ގޭތެރޭގައި އެފަދަ ބޯ ހެދުމެއްގައި އުޅެން ނިކަން އަރާމުވާނެއެވެ. އަނާ އިސްއުފުލާ ބަލާލާފައި އަނެއްކާ ޕެއިންޓްކުރަންފެށިއެވެ. ގަދަ ރަތްކުލައިން ކުލަޖައްސާލާއިރު އެދޮންފައިތިލައަށް ރާހިލްގެ ނަޒަރު އަމާޒުވިއެވެ.

"ވަރަށް ރީތި..." ރާހިލް ކޮންކަމަކަށް މާނަކޮށްފައިކަމެއް ނޭގެއެވެ. އަނާ ހީކުރީ ލަވަ ރީތިވީކަމަށެވެ.

"އަނާ ޕްލީޒް ކޮންމެވެސް އެއްޗެކެ ބުނެބަލަ، ހާދަ މިސްވެޔޭ، ހާދަ ރީތި އަޑެކޭ އަނާގެ ހުރީ، އެސްފީނާ ޖެހުނީކީ ނޫންތަ؟ "ރާހިލް ޓައީއަށް ދޫކޮށްލީ ނޭވާލަން އުދަގޫވާފަދަ ގޮތަކަށްވެގެންނެވެ. މަޑުމަޑުން މެޔާއި ދިމާލުން ފިރުމާލެވުނެވެ. މިގޮތަށް އަނާއާއި ވާހަކަ ދައްކައިލެވުނީމަ އޭނަގެ ބަސްނާހާ ހިތަށް ކަރަންޓްގެ ޝޮކެއްލިބޭފަދައެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ އެނގޭއިރުވެސް އެނގޭކަމަކަށް ރާހިލް ހަދާލަން ބޭނުންނުވަނީއެވެ. އަނާ ޖިޔާންއަށް ދޮންބެ ކިޔާފައި ގޮވާލާއިރު ދުވަހަކުވެސް އޭނަައަށް ބޭބެ ކިޔާފައި ގޮވާލާފައެއްނުވެއެވެ. އެއީ ކީއްވެކަން އަނާއަށްވެސް އޮޅިފައެއްނުވާނެއެވެ.

"އަނާ، އައި ފީލް ޕިޓީ ފޯރ ޔޫ، ކިހާ އުދަގޫވާނެ ވާހަކަ ނުދައްކާ ތިހެން އިންނަންވީމަ..." ރާހިލް ކުއްލިއަކަށް ކާރިއަށް އައިސްފައި އަނާގެ ދަތްދޮޅިދަށަށް އަތްލައްވާފައި އޭނައާއި ދިމާލަށް އަނބުރުވާލިއެވެ.

"ޑޯންޓް އިގްނޯ މީ އަނާ......." ރާހިލް ގެ ދެލޯ އެހާ ކާރިން ފެނުމުންނާއި ކަންބޮޑުވިވަރުން ތެޅިގެންފާ ފުންމައިގެން ތެދުވުނު ވަގުތު ކުލަ ފުޅިހުރިގޮތަށް ސޯފާއަށް ބަންޑުންވިއެވެ.

"ހެހެ، އަހަރެން ހީކުރީ ވަޓް ދަ ހެލް އޭ ބުނާނެކަމަށް....." ރާހިލް ބުނި އެއްޗެއް އަނާއަށް އަޑުއިވުނު ކަމެއްވެސް ނޭގެއެވެ. އޭރު އަނާގެ ނަޒަރު ހުއްޓިފައިވަނީ ސޯފާއަށެވެ. ކުލައިގެ ސަބަބުން ހީވަނީ ލެއިން ފެވެމުންދާހެންނެވެ. ކުއްލިއަކަށް އަނާގެ މޫނުގައި ދެއަތްއަޅައިގެން ރޯންފެށިއެވެ. އަނގައިން އެންމެ އާހެއްގެ އަޑު އިއްވާނުލިޔަސް އެހަށިގަނޑަށް އެރި ލޮޅުމުން އެކުއްޖާދެރަވީވަރު ރާހިލްއަށް އިހުސާސްކުރެވި އޭނަގެ ދެލޯވެސް ކަރުނުން ފުރުނެވެ. އަނާއަށް އެވީގޮތް އޭނައަށް އޮޅުން ފިލިއެވެ. އަނާެ އެ ހަނދާންކުރީ ކޮންކަމެއްކަންެވެސް އެނގުނެވެ. އަނާއަށްޓަކައި އެހިތް ކޮޅެއްނެތް ކޮޅަށް ހަމްދަރުދީވިއެވެ. އެ އަންހެންކުއްޖާ މޭގައި ފޮރުވާލާފައި ހުރިހާކަމެެއް ރަގަޅުވާނެއޭ ބުނަން ބޭނުންވިއެވެ.

"ޕްލީޒް ނުރޮއި އެނީ އެނގޭތަ ތިގޮތަށް ރުއީމަ އަހަރެން ދެރަވާވަރު، އަހަންނަށް ކުރާ އަސަރުު، އަނާއަށް ރަގަޅުކުރަން އަހަރެން މިހިރީ ކޮންމެފަދަ ކަމެއްވެސް ކޮށްދޭން، ބުނޭ، ކޮންކަމެއް ބޭނުމީ......." ރާހިލް ސޯފާގައި ނުގޮތަކަށް އިށީދެލާފައި އަނާގެ ބޮލުގައި ފިރުމާލަން އަތްދިއްކޮށްލާފައިވެސް އަތް ތިރިކޮށްލައިފިއެވެ. އެ ނިޔަތުގައި އަނާގެ ގައިގާ އަތްލައިގެން ނުވާނެކަމަށް ހިތުގެ ކަނަކުން އެންގިއެވެ. އަނާ ކަޅިއަޅައިލަން އުޅެފައިވެސް އެހިތްވަރެއް ނުކެރުނެވެ. އަބަދުވެސް ޖިޔާންއަށްވުރެ ބޮޑަށް ރާހިލްދެކެ އޭނަ ޖެހިލުންވެއެވެ. ދެބެންގެ ދެދަރިވިޔަސް އަނާ ދެކެން ބޭނުންވަނީ ބޭބެއެއްގެ ގޮތުގައެވެ. އެފަދަ ގާތްކަމެއް ނެތީމަ އެކަމާއި އަނާ ދެރަވި ދުވަހެއްވެސް އައެވެ. ރާހިލްގެ ހިތުގައި އަނާއަށްޓަކައި އުފެދެމުންދާ އިހުސާސްތަކުގެ ސަބަބުން އެކަމާއިމެދު ވިސްނަމުންދާއިރު އަނާގެ ހާލު އެތައްގުނަ ބޮޑެވެ. ސެޝަންތަކަށް ދާން ދެކޮޅުހެދުމުންވެސް ގެއްލުން ލިބުނީ އަމިއްލަ ހިތަށެވެ. އެނޫންގޮތަކަށް ކައިލަންގެ ރީތި ސޫރަ ނުފެންނާނެކަން ވިސްނި އެކަމުގެ ހިތާމައިގާ ކުއްޖާ ހަލާކުވެ ނެތިގެންދާން ކާރިވެއްޖެއެވެ.

ކައިލަން ސައިކަލް މަޑުކޮށްލާފައި ފޭބިއިރު ބެލްކަނީގައި ތިބި އަންހެންކުދިންކޮޅެއް އޭނައާއި ދިމާލަށް ބަލަން ތިއްބެވެ. "ކައި" އޭ ކިޔާފައި ގޮވާލަން އޭނަގެ ނަން އެނގުނުގޮތެއްވެސް ނޭގެއެވެ. ކައިލަން އިވުނުކަމަކަށް ނަހަދާ ގޯޅިގަނޑުގެ ތެރެއިން ހިނގާލާފައި ދިޔައިރު އެހެން ދާ ސައިކަލްތަކުގައި ނުޖެހިދެވެނީ ހަމަ ކިރިޔާއެވެ. ގޯޅިތަކުގެ ހަނިކަމަށް ކައިލަން ހިތާހިތުން ލައުނަތްދިނެވެ. އެއާއިއެކު ފެނުނު މޫނަކުން ކައިލަން އަށް ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުވިއެވެ. އެއީ އަނާ ފަދައިން ކައިލަންގެ ގާތަށް އައި ނަފްސާނީ ބަލިމީހެކެވެ. ޒޯހަންގެ ރީތިކަން އޭނައަށްވީ ވިހައަކަށެވެ. އެރީތިކަމުގެ ސަބަބުން މުއްސަދިންގެ ދާންތައް ފަޅުފިލުވާލަދީ އެމީހުންއަތުން ބޮޑު އަގު ނަގައިގެން އުޅުނެވެ. އަނެއްހެން ބުނަންޏާ ފިރިހެން "ނާސި"އެކެވެ. ޒޯހަން އަންހެންކުއްޖަކު ދެކެ ދީވާނާ ވާވަރަށް ލޯބިވެވިގެން އެލޯބި ނާކާމިޔާބުވެ އެކަމުގެ ސަބަބުން ދުނިޔޭގައި އުޅުމަށް ދަތިވިއެވެ. އަމިއްލައަށް މަރުވުމުގެ ޚިޔާލު ބޮޑުވެ އެކަމާއިމެދު ވިސްނެން ފެށުމުން ކައިލަންގެ އެހީ ހޯދަން އައެވެ. ހަތަރުމަސްވާންދެން އެޒުވާނާއަށް ފަރުވާދިނުމުންވެސް ރަގަޅުވާކަށް ނޫޅުނެވެ. އެ ކޭސް ފެއިލްވީއެވެ. ޒޯހަންފަދައިން އަނާ ވާތަން ދެކޭކަށް ކައިލަން ބޭނުމެއްނޫނެވެ. ޒޯހަންގެ ހަޔާތަށް ފިލްމެއް ކުޅެފިނަމަ ނޫނީ ވާހަކައެއް ލިޔެފިނަމަ ހިޓްވާނެކަން ޔަގީނޭ ކައިލަންގެ ހިތަށް އެރީ ޒޯހަން ހިއްސާކޮށްފައިވާ ވާހަކަތަކުގެ ސަބަބުންނެވެ.

ކައިލަން ޒާޔަލް އުޅޭބަޔަށް ވަންއިރު ކޮޓަރިތެރޭގައި ދުވާ ސިގްރެޓްވަހުން ނޯށްދަމާލާކަށް ނުކެރެއެވެ. އެނދުގައި ދެފައި ވައްކޮށްލައިގެން ދުފަން އިން ކުޑަ ކުޑަ އަންެހެންމީހާއަކީ ޒާޔަލްގެ މަންމަ ޒޫނީކަން އެނގިފައި ކައިލަން ހިނިތުންވެލީ ގާތްގޮތަކަށެެވެ.

"ތީ ކާކުތަ؟" ޒޫނީ ހަޅޭއްލަވައިގަތީ އާދަޔާ ޚިލާފު ބާރަށެވެ. ކުޑަ އިންސާނަކަށްވެސް ވަރުގަދަ އަޑެއް ދެއްވަފާނެކަމުގެ ހެއްކެކެވެ.

ކޮމެންޓް 0