"ރާހިލް، ރާޔާފަދައިން އަނާވެސް ނަފްސާނީ ބަލިކުއްޖަކަށް ވެއްޖެއެއްނު..." ފަލަކްނާޒް ފެށީ މުޅިން އެހެން ވާހަކައެކެވެ.

"މަމް؟ " ރާހިލްގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިހެންހީވިއެވެ. އޭނަ ހާސްވިވަރުން އަތުގައިވާ ގަޑިއާއި ކުޅެން ފަށާފައި ވަރަށް އަވަހަށް ނަފުސް ހަމަޔަކަށް އަޅުވާލައިފިއެވެ.

"ކައިލަން އަކީ މަންމަ އެންމެ ކުރިން އަނާއާއި ކައިވެނިކުރުވަން ހަމަޖެއްސި ފިރިހެންކުއްޖާ، އެކަމަކު މަންމައަށް ކައިލަންގެ މަންމައަކީ ކާކުކަން އެނގުނު ހިސާބުން ފެށިގެން ކައިލަން މަތިންވެސް ފޫހިވެއްޖެ، ކައިލަން ކިތަންމެ ރަގަޅުވިޔަސް ފެމިލީއަށް ބަލަން ޖެހޭނެއްނު ދޯ ދަރިފުޅާ، މަންމަގެ ފުރާނަ ހުރެގެން ލާހިކެއްނޫން ކައިލަންއާއި އަނާ ގުޅޭކަށް، އެހެންވެ މަންމައަށް މިހާރު ރަގަޅީ އަނާ އަވަހަށް އެހެން މީހަކާއި އިނުން......."ފަލަކްނާޒްގެ ވާހަކަތަކުން ރާހިލްއަށް ހިތްވަރު ލިބޭގޮތްވިއެވެ.

"މަމް، އެނީ ތަންކޮޅެއް ޅަކަމުން އަދި ހެޔޮ ނުވިސްނެނީ، ގިނަ އިންސާނުން އެފަދަ ނަފްސާނީ ކަމެއްހުރެދާނެ ނަމަވެސް އަޅާލުމާއި ލޯބި ލިބެންފެށުމުން ޝީލް ބީ ފައިން، މަމް ބުނިފަދައިން އެނީއަށް އެންމެ ބޭނުންވަނީ ކެއަރކުރާނެ ބައިވެރިޔަކު، މަމް މީހަކު ހޯދީތަ؟ "ރާހިލް ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލަމުން ފުން ނޭވަޔެއްލިއެވެ. ހަޔާތުގައި ދުވަހަކުވެސް ކަމެއް ކުރަން މިހާ އުދަގޫވިކަމެއް ނޭގެއެވެ.

"ނޫން، އަނާގެ މޮޔަކަން އެނގިހުރެ އިންނާނީ ކާކުތަ؟ " އަނާއާއި އިންނާނެ ކިތަންމެ ފިރިހެނުން ވާނެކަން އެނގިހުރެވެސް ފަލަކްނާޒް ރާހިލް ލައްވާ އެއްޗެކޭ ބުނުވަން ވެގެން ގަސްތުގައި ކިޔާލައިފިއެވެ.

"މަމް ދެބެންގެ ދެދަރިމީހުނަށް ކައިވެނި ކުރެވިދާނެތަ؟ "ރާހިލް އޭނައަށް މަންމަ ކައިރިން އެހޭނެ އެންމެ ރީތިކޮށް އަނާ ބޭނުންވާކަން އަންގައިލަދިނެވެ.

"އޮފްކޯސް މައި ސަން..."ފަލަކްނާޒް ރާހިލްގެ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ.

"މަމް، އެނީއާއި މެރީކޮށްފާނަމޭ އަޅުގަނޑު ބުނެފިއްޔާ...." ރާހިލް ހުރިހާ ޖެހިލުމަކާއި ލަދުވެތިކަން އެއްފަރާތް ކޮށްލުމަށްފަހު ފަލަކްނާޒްއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އެރީތި ދެލޮލަށް ބަލައިލެވުމުންވެސް ހިތް ލޯބިން ފުރޭހާވެއެވެ. ފަލަކްނާޒްގެ މޫނު އަލިވެގެން ދިޔަގޮތުން ހީވީ މިއިން ޒަމާނެއްގައިވެސް އެހާ ބޮޑު އުފަލެއް ނުލިބޭހެންނެވެ. ހަގީގަތަކީވެސް އެއީއެވެ. ރާޔާގެ މަރަށްފަހު އަނާ ބަލިވުމުން ފަލަކްނާޒަށް ވަނީ ހިތުގެ ހަމަޖެހުމެއް ނުލިބިފައެވެ. އަނާ ކައިލަންއާއިހެދި އުޅޭތަން ފެނިފައި އޭނަ ހުންނަނީ ރަގަޅުގޮތެއް ވުމަށް އެދި ދުޢާކޮށްލަ ކޮށްލައެވެ. އެހެންހުއްޓާ ދުޢާ އިޖާބަވީކަމުގައި ފަލަކްނާޒް ނިންމިއެވެ. އުފަލުން ލޮލަށް ކަރުނަ އައުމާއިއެކު ފަލަކްނާޒް އޭނަގެ ވާންއުޅޭ ދަނބިދަރިފުޅުގެ ނިތްކުރީގައި ބޮސްދެމުން ބުނި އެންމެ ޖުމްލައިން ރާހިލްގެ ތުންފަތަށް ހިނިތުންވުން ވެރިކޮށްދިނެވެ.

ފަލަކްނާޒް އެންމެ ހިނދުކޮޅެއްވެސް ނަގާނުލައި ޔަޒީދު ހުރިތާކުން ގެއަށް ގެނެސްގެން އެޚަބަރު އިއްވުމާއިއެކު ޔަޒީދުވެސް އެކައިވެންޏާއިމެދު ހިތްހަމަޖެހުނެވެ. އެއީ ހީވެސްނުކުރާފަދަ ރަގަޅު ނިންމުމެކެވެ. ރާހިލްގެ މުދަލާއި ގެތައްވެސް ހިލޭ ބަޔެއްގެ އަތްދަށަށް ނުގޮސް އެކުންފުނިތައް އަބަދަށްޓަކައި ގުޅުނީއެވެ. ރާހިލް ދަރިއެއްފަދައިން ބަލާ ބޮޑުކުރިކުއްޖާ އެމީހުންނާިއ ވަކިވެގެންދާކަށްވެސް އެމީހުން ނޭދެއެވެ. އަމިއްލަ ދަރިއަކަށް ނުޖެހޭފަދަ ލޯތްބާއި ކުލުނު ރާހިލްއަށް ޖެހިފައިވާތީ އެދެމަފިރިންނަށް އެވަރުގެ އުފަލެއް މިއިން ޒަމާނެއްގައި ލިބުނުކަމެއް ނޭގެއެވެ. އަނާގެ މޮޔަކަމާއި ޅަކަމުން ދެކޮޅުހަދާނެކަން އެނގެއެވެ. އެމީހުން އަނާއަށް މަޖުބޫރު ކުރާނެއެވެ. އަނާ ބޭނުންވިޔަސް ނުވިޔަސް އެނޫންގޮތެއް އަނާއަކަށް ނޯންނާނެއެވެ. އަނާގެ މުސްތަގުބަލް އަލިވެގެން ދާނީ ރާހިލްއާއި ގުޅިގެންނެވެ. އެހެންނޫނަސް ރާހިލް އެކައިވެނި ބޭނުންކަން އެނގުމަށްފަހު އެހެން ފަރާތަކަށް އަނާ ދިނުމަކީ އެމީހުންގެ ފުރާނަ ހުރެގެން ކުރާނެކަމެއް ނޫނެވެ. މުސްތަހީލްކަމެކެވެ.

އަނާގެ ކޮޓަރިއަކީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނެވެ. ބޮޑުކަމުން ހޯލެއްފަދަ ކޮޓަރީގެ ރީތިކަމުން ލޯ ތަރަތަރަޖަހައިގެން ދާހާވެއެވެ. އެހާ ތަރުތީބުން އެއްޗެހި އަތުރާފައިވާއިރު އަނާއަކީ އުއްބައްތިއަށް ލޯބިކުރާ ކުއްޖެއްކަން އެނގެނީ ފާޚާނާގެ ބާތުޓަބުން ފަށައިގެން އެތަންމިތާގައި އުއްބައްތިތައް ބޭނުންކޮށްފައިވާ ވަރުންނެވެ. އަގުބޮޑު ފަރުނީޗަރުތަކުން ތަން ފަޅުފިލުވާލާފައިވާއިރު އޭނަގެ އަލަމާރި ހުޅުވާލިޔަސް ހެދުންތައް ގިނަކަމުން ހައިރާންވާހާވެއެވެ. ގަހަނާތައްވެސް އެކިކުލައިގައެވެ. އަނާ އެހާ ގިނައިން ބޭނުންނުކުރިޔަސް އޭނަގެ މައިންބަފައިންވަނީ އަނާއަށް ހުރިހާ އެއްޗެއް ހަމަކޮށްދީފައެވެ. އަނާ ފެންވަރާލައިގެން ނުކުތުމުން ތަނުގައި މީރުވަހެއް ހިފާލައިފިއެވެ. ޓޮޕްކޮޅަކާއި މުށިކުލައިގެ ސޯޓެއްލުމަށްފަހު އަލަމާރި ހުޅުވާލުމަށްފަހު ޑައިރީ ފެނިފައި އިތުރަށް ކިޔާލާހިތްވިއެވެ.

އެނދުގައި ހަމަޖެހިލުމަށްފަހު ރާޔާގެ ޑައިރީ ކިޔަންފެށިއިރު އެދޮންމޫނުގެ ކުލަ ދޭތެރެއަކުން ބަދަލުވެއެވެ. ޖިޔާންއާއި ރާޔާގެ އެއޮތް ގުޅުން ހާމަވަމުން ދިޔަވަރަކަށް އަނާއަށް ނުބައި އިހުސާސްތައް ކުރެވި ސިކުނޑިއަށް ވާންވިއެވެ. ނަމަވެސް އޭނަ ކުރިއަށް ގެންދިޔައެވެ. ޑައިރީ ކުރިއަށް ދިޔަވަރަކަށް ލޯތްބަށްވުރެ އެހެން ކަންތައްގަނޑެއްގެ އިޝާރާތް އަނާއަށް ކުރެވެންފެށިއެވެ.

"އައި ވިލް އީޓް ޔޫ އެލައިވް...." ޖިޔާ އެހެންބުނުމުން ހައިރާންވިވަރުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

"ތީ ވެމްޕަޔަރެއްތަ؟" އަހަރެން ހީގަތީމެވެ.

"ކޮންމެއެއްޗަކަށްވިޔަސް ދެންހެވޭ، ރާޔާ، ބޭބީ ކޮންހެދުމެއްލައިގެން ތީނީ؟ "ޖިޔާ އަހާލައިފިއެވެ.

"ކަޅުކުލައިގެ ނައިޓީއެއް..." އަހަރެން ހީގަތީމެވެ.

"ރިމޫވް އިޓް..." ޖިޔާގެ ޖުމްލައިން އަހަންނަށް ސިހުމެއް ލިބުނެވެ.

"ވަޓް، ރިމޫވް އޭ؟ ޖިޔާ ކީކޭ ތިކިޔަނީ...." އަހަރެން ދެލޯބޮޑުވިއެވެ.

"ދުރުގައި ހުރީމަ މިހެން މިބުނީ، ކައިރީގައި ހުރިނަމަ ރާޔާ ކައިރިއަކު މަށެއް ނުބުނާނަން، އަމިއްލައަށް ކުރާނީ، އެހެންނޫނަސް އަހަންނާއިއެކު އުޅެންފެށީމަ އަބަދު އުޅެން ޖެހޭނީ އެގޮތަށް..." އެރޭ އެފެށުނު ވާހަކަ ވަރަށް އެހެން ދިމާލަކަށް ދާން ފެށުމުން އަހަރެން ވަރަށް ކަންތައް ބޮޑުވިއެވެ. ޖިޔާން އަހަންނާއި ހިތަށް އެރި ވާހަކަ ދައްކާކަން މަންމަމެންނަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ތޫފާނެއް އަންނާނެއެވެ. ނަމަވެސް އެހާ ފޯރިގަދަކޮށް އަދި ލޯބިކޮށް ޖިޔާން ވާހަކަދެއްކުމުން އަހަންނަށް އެފަހުން އަބަދުހެން ވިސްނެނީ އޭނައާއި ދޭތެރޭގައެވެ. އޭނަ ވަރަށް ގިނައިން އަހަރެންގެ ފޮޓޯ ހޯދަން ބުނާނެއެވެ. ސެލްފީތައް އިރުއިރުކޮޅާ ފޮނުވަންޖެހެއެވެ. ފަހުން އެކަންތައް ސީރިޔަސްވާން ފެށިއެވެ. އޭނަ ބޭނުންވާ ވައްތަރުގެ ފޮޓޯ ހޯދަން ބުނުމުން އަހަންނަށް އުދަގޫވާންފެށުމުން އަހަރެން އަތުޖެހުނުއިރަކުން އަދަބުދޭނަމޭ ބުނާނެއެވެ. ބިރުދައްކަންވެގެން ރޭޕްކޮށްފާނަމޭވެސް ބުނެލާނީ ހީހީފައެވެ. އެފަދަ އިންޒާރުތަކުން އަހަރެން ބިރުން ގައިން ހީބިހިހަލުވާލާވަރު ވިނަމަވެސް އެހެންކަހަލަ އުފަލެއްވެސް އިހުސާސްކުރެވެއެވެ. އޭނަ އެދައްކާ ވާހަކަތަކުން ބައެއްފަހަރު ހީވަނީ ޖިޔާ އެންމެ ކަމެއް ބޭނުންވެގެން އުޅޭހެންނެވެ. ކޮންމެހެން އަހަރެންދެކެ ލޯބިވެގެންނެއް ނޫނެވެ. އޭނަ ބޭނުންވަނީ އެންމެ ކަމެކެވެ. ނުސީދާކޮށް އެބުނަނީ އެވާހަކައެވެ. އަހަރެންވެސް ސައިންޓިސްޓަކަށް ނުވިޔަސް އެވަރު އެނގޭނެނޫންހެއްޔެވެ؟ އެކަމަކުވެސް އަހަންނަށް ޖިޔާގެ "ވައިލްޑް" ބައިދެކެ ލޯބިވެވެންފެށިއެވެ. އަހަންނަށް އޮވެވެނީ އަބަދު ޖިޔާގެ ފޯނުގެ އިންތިޒާރުގައެވެ. އެރީތި ފިރިހެންވަންތަ އަޑުވެސް އަހަރެން މޮޔަކުރުވިއެވެ. ބައެއްދުވަހު އަނާ ކޮއްކޮ ރީތިވެގެން އެވާހަކަވެސް ދައްކާނެއެވެ. އަހަންނަށްވުރެ އަނާ ބަސްއަހާ ވާހަކައައި އެކަމަކު އަނާ ޅަކަމުން ގޯނާކުރަން ނުކެރެނީކަމަށާއި ރާޔާއަށްވުރެ ލޯބިވަނީ އަނާދެކެ ކަމުގައި ބުނެއެވެ. އެހިސާބަށް ދާއިރަށް އަނާ ހާސްކަމާއިއެކު ޑައިރީ ލެއްޕިގޮތަށް ތުންފަތުގައި ބާރަކަށް ދަތްއަޅައިލިގޮތުން ތުންފަތަށް ލޭކުލައެރިއެވެ.

"އޯ އެމް ޖީ....."އަނާ ޑައިރީ ބާއްވާފައި އަވަހަށްގޮސް އަލަމާރިއަށް ލާފައި ތަޅުލުމަށްފަހު އެނދަށް ވެއްޓިގަތްއިރުވެސް މޫނުގެ ރަތްކަމެއް ނުކެނޑެއެވެ. އެހާވަރުން ދެން އޭނަ ޖިޔާންގެ ކުރިމައްޗަށް އަރާނީވެސް ކިހިނެއްހެއްޔެވެ؟ ކޮއްކޮމެންނާއި ދޭތެރޭގައި އެހެން ނަޒަރަކުން ދެކޭ ފިރިހެނަކަށް ކުރެވޭނީ ކޮން އިތުބާރެއްހެއްޔެވެ؟ ޖިޔާން ހާދަ ގޯހެވެ. ރާޔާވެސް ހައްލައިލީއެވެ. އޭނަ ކުށްވެރިކުރާނީ ހަމަ ޖިޔާންއެވެ.

ހާސްވެ ފިކުރުބޮޑުވާން ފެށުމުން އަނާ ކައިލަންއަށް ގުޅަން ފޯނު ނަގާއިރަށް ދެލޮލަށް ބޮޑެތި ކަރުނަތިކިތައް އެއްވާންފެށިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފަލަކްނާޒް އެތަަނަށް އައީ ސައިތަބައް ހިފައިގެންނެވެ. އަނާގެ ލޮލުގައިވާ ކަރުނަތައް ފެނިފައި ފަލަކްނާޒްގެ މޫނަށް ވެރިވީ ނުރުހުމުގެ އަސަރެވެ.

"ކާކަށް ގުޅައިގެން...." ފަލަކްނާޒް އަހައިލިއެވެ.

"ކައިލަން..." އަނާއަަށް ދޮގުހަދާކަށް ނުކެރުނެވެ.

"މަންމަ ތިކަން މަނާ ނުކުރަންތަ؟ ކޮންމެވެސް ކަމެއްވީމައެއްނު އަނާ ކައިރީ މަންމަމެން ބުނާނީ ކައިލަންއާއި ދުރުން އުޅޭށޭ، މަންމައަށް ދެން އަނާއަށް އިތުބާރެއްނުކުރެވޭނެ، ގެނޭ ފޯނު...." ފަލަކްނާޒް ބާރަކަށް އައިސް އަނާގެ އަތުން ފޯނު ޖަހައިގަތެވެ.

"އަނާ މަންމަ ބުނާ އެއްޗެއް އެންމެ ފަހަރަކުވެސް އަޑުނާހާނީތަ؟ "ފަލަކްނާޒް އެނދުގެ މަގަތުގައި އިށީދެ އަނާއާއި ދިމާލަށް އެނބުރިލިއެވެ. އަނާއިނީ ހިމޭނުންނެވެ. ސިކުންތުކޮޅަކަށް ނަމަވެސް ފަލަކްނާޒްގެ ހިތަށް ބިރުވެރިކަން ވަނެވެ. އަނާ ދެވަނަފަހަރަށް ވާހަކަ ނުދައްކާ ހުއްޓާލައިފިއްޔާ ކިހާބޮޑު ތަކުލީފެއްހެއްޔެވެ؟ ގުޑިވެސްނުލާ ހިމޭނުންއިނީ ބައިންދާފައި އިން ހިލައިގެ ބުދެއްހެންނެވެ.

"އަނާ، ބައްޕަވަނީ އަނާގެ ހަޔާތުގެ ބައިވެރިޔާ ހޮވާފައި، ބައްޕަ އަނާދެކެ ލޯބިވާވަރުން ފެނުނު އެންމެ ރަގަޅު މީހާ ހޮވާފައިވަނީ، ބައްޕަ އެހިގޮތަށް ނިންމެވިއިރު އެނގޭ އަނާއަކީ ކިހާ ބަސްއަހާ ކުއްޖެއްކަމާއި އަނާ ބައްޕަ ބުނާ ގޮތަކާއި ދެކޮޅު ނަހަދާނެކަން، އަނާ ތީ ޅަކުއްޖެއް، ބޮޑެތިމީހުންގެ ވިސްނުމާއި ތަޖުރިބާ އެއް އަނާގެ ނުުހުންނާނެ....." ފަލަކްނާޒްގެ ވާހަކަތަކުން މަޑުން ނީދެވިގެން އަނާ އެންމެފަހުން އެމީހަކު އެނގެން ބޭނުންވެގެން ސުވާލުކުރިއެވެ.

"ރާހިލް..." ފަލަކްނާޒްގެ ޖަވާބުން އަނާގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"ނޫން މަންމާ، ހީޒް ލައިކް އެ ބްރަދަރ..."އަނާގެ ހިތް ކަތިލެވޭފަދަ ގޮތެއްވިއެވެ. ރާހިލްއަށްޓަކައި މަންމަމެން ފުރާނައިން ގުރުބާންވާނެއެވެ. އޭނަގެ އަތެެއް ކަމުގައި ވާނެކަން އަނާއަށް ޔަގީންވިއެވެ.

"ހަގީގަތްވާނީ ހަގީގަތަށް ދަރިފުޅާ، އެއީ އަނާގެ ބޮޑުބޭބެގެ ދަރިއެއް، ދީނުގައި ދެބެންގެ ދެދަރިން އިނުން ހުއްދަވާނީވެސް ކޮންމެވެސް ސަބަބެއް އޮތީމައެއްނު، ބައެއްފަހަރު މަސްލަހަތަށްޓަކައި އަހަރެމެން ޖެހޭ މިފަދަ ފިޔަވަޅު އަޅަން، އަނާގެ ކައިވެނި އެހެންމީހަކާއި ނުކުރެވޭނެ..." ފަލަކްނާޒްގެ އަޑުގައި ޔަގީންކަމެއްވިއެވެ. އެމޫނަށް ބަލާލާފައިވެސް އަނާގެ ހިތަށް މޮޅިވެރިކަން ވަނެވެ.

"މަންމާ، އެންމެރަގަޅު، އެކަމަކު ކިޔަވާނިމިގެން އައި ކުޑް މެރީ ހިމް، މިހާރަކު ނޫން......." އަނާ ހާސްވެފައި އިނދެވެސް ބުނެލިއެވެ.

"ނޫން، ވީހާވެސް އަވަހަކަށް އެ ހަފްލާބާއްވަން ބައްޕަ ބޭނުންވެލައްވާ..." ފަލަކްނާޒް ހުރިހާކަމެއް ޔަޒީދުގެ ބޮލުގައި އެޅުވީ އަނާ ބައްޕަދެކެ ލޯބިވާވަރަށް ގަދަރުކުރާ ބަސްއަހާކުއްޖެއްކަން އެނގޭތީއެވެ. އަނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށީ އޭނައަށްވެސް އެނގުމަކާއި ނުލައެވެ.

"ނޫން މަންމާ، އަޅުގަނޑު މަރުވެދާނެ، އައި ކާންޓް މެރީ ހިމް..." އަނާ ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލަމުން އަސަރުކޮށްފައިވާ ގޮތަކަށްބުނެލިއެވެ.

"އަހަންނަށް ހެވޭ އަނާ ތިގޮތަށް ބަސްނާހަން ހަދައިގެން މަރުވިޔަސް، ބަސްނާހާ ދަރިންނެއް މަށެއް ބޭނުމެއްނޫން، ތިހެން އަނާ ބޮޑާހާކަންޏާ މި ކައިވެނި އަވަސްވުން ނޫންކަމެއް ނުވާނެ އިނގޭ........" ފަލަކްނާޒް ރުޅިގަދަވިވަރުން އިންޒާރެއްދިނެވެ. އަނާ ހިތުގައި ޖެހުނުވަރުން އަނެއްފަރާތަށް އެނބުރުނުގޮތަށް ބާލީހުގައި މޫނުފޮރުވިއެވެ. ދަރިފުޅުގެ ޅަކަމާއި މޮޔަކަމުން ރަނުގެ ފުރުސަތެއް ނަގާލަން އުޅޭތީ ފަލަކްނާޒްއިނީ ކަންބޮޑުވެފައެވެ. ނަމަވެސް އަނާ ޅަކުރަން ހަދައިފިއްޔާ އަނާ ހައްތަހާ ބޮޑާހާކާނީއެވެ. މިފަަދަ ވަގުތެއްގައި ތަންކޮޅެއް ހަރުކަށިކަން އިސްކޮށްގެންނޫނީ އަނާއަށް މަޖުބޫރުކުރުން ފަސޭހައެއްނުވާނެއެވެެ.

ކުޑަދޮރުތަކުން ބޭރުފެންނައިރު ގަސްތަކުގެ ފެހިގަދަކަމާއި އާރޯކަމުން ފެންނަލެއް ވަރަށް ހިތްގައިމެވެ. ރާހިލް ދަތްދޮޅީގައި އަތްވިއްދާލައިގެން އިނދެލާފައި އޭނަ ކައިރީގައި ޓީވީއަށް ގެއްލިފައި އިން އަލީސާގެ އުނގުގައި ބޯއަޅާލައިފިއެވެ. ރާހިލްގެ އިސްތަށިގަނޑު ރީތިކަމުން އަލީސާ ދޭތެރެއަކުން އެފަށުވިކަން އިހުސާސްކޮށްލާ ހިތްވަނީ ނޭގުމުގެ ތެރޭގައެވެ. ރާހިލްވެސް އެކަމާއި އެހާވަރަކަށް އަޅާނުލާ އިނީ އެއޮމާން އަތުން ބީހިލުމުން އަރާމުވެ ދެލޯ މެރޭގޮތްވާތީއެވެ. ރާހިލް ދެއްކީ އަނާގެ ވާހަކައެވެ.

"ހަމަ ރަގަޅަށްވެސް ރާހިލް ދީވާނާއަކަށް ވީ......" އަލީސާ ސަމާސާއަކަށް ބުނެލިއިރު ދޮރުމައްޗަށް އެރި ފަލަކްނާޒްގެ މޫނަށް ރުޅީގެ ރަތްކުލަވެރިވިއެވެ. ރާހިލް ބޯ އަޅަންވީ އަލީސާގެ އުނގުގައިހެއްޔެވެ؟ އަނާއާއި އިންނަން ރާހިލް އެއްބަސްވެފައިވާއިރު މިއީ ފަލަކްނާޒް ދެކެން ބޭނުންވި މަންޒަރެއްނޫނެވެ. ކުށްވެރިޔަކީ ރާހިލްއެއްނޫނެވެ. މީހުންގެ އަނބިންގެ ގޮތުގައިތިބެ ހިލޭ ފިރިހެނުންގެ ފަހަތުން ދުވާ މިފަދަ ނާސި އަންހެންކުދިންނެވެ. ރާހިލްއަށް މަންމަގެ ފިޔަވަޅުގެ އަޑަށް ތެދުވުނުއިރު މަންމަ ވިސްނާނެގޮތަކާއިމެދު ނުތަނަވަސްވިއެވެ. މާބޮޑަށް ކަމަކަށް އެދިއްޖެނަމަ އެކަމަކަށް ހުރަސް އަޅާމީހަކަށް އެއްޗެކޭ ނުބުނެ ފަލަކްނާޒަކަށް ނުހުރެވޭނެއެވެ.

އަލީސާ އެކަނިކޮށްލާފައި ފަލަކްނާޒް އަލީސާއަށް ވިސްނައިދިނީ އެގޮތަށް ހިލޭ ފިރިހެނުންނާއި އެއްވެސް ގޮތަކަށް ސަމާސާކުރުމަކީ ރީތިކަމެއް ނޫން ކަމުގައެވެ.

"ޕީއޭގެ ގޮތުގައި އަލީސާ ހުންނަންވާނީ، މީހެއްގެ އަންބެއް ވެއްޖެއްޔާ ގޮތެއް ހުންނަންވާނެ ދޯ އަލީސާ، ހީކުރަން މިބުނި އެއްޗެއް އެނގިދާނެކަމަށް....." ފަލަކްނާޒްގެ ޖުމްލައިންވެސް އަލީސާ އިނީ ހިނިތުންވެލައިގެންނެވެ.

"ދައްތަ ތިބުނުއްވީ ހަމަ ތެދެއް، ގިނަފަހަރު މީހުންގެ އަނބިން އެހެން މީހުންނާއި އެކުވެރިކަންވެސް ބޭއްވޭކަން ކައިވެނި ރޫޅުމުގެ ސަބަބަކަށްވޭ، އައި ވިލް ކީޕް ދެޓް އިން މައި މައިންޑް..." އަލީސާގެ ހިތްހެޔޮކަމުން ފަލަކްނާޒްވެސް ހައިރާންކުރުވިއެވެ.

ޒާޔަލްއާއި ކައިލަން ޑިއުޓީ ނިންމާލާފައި ގެއަށް އައިއިރު ހަތަރުގަޑިބައިވީއެވެ. ދެޒުވާނުންވެސް އަތްދިގުގަމީހާއި ޓައީ އަޅާފައިވާއިރު ފިރިހެންވަންތަކަމާއި ރީތިކަމުން އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާނެއެވެ. އެކީގައި ސައިކަލުގައި އައިސް ޕާކްކޮށްލާފައި ގެއަށްވަނުމާއި ހަމަޔަށް އެސްފީނާޖެހޭހާ ގިނަ މީހުންގެ ނަޒަރު އަމާޒުވިއެވެ. ގެއަށް ވަދެވޭއިރަށް ޒޫނީ ޒާޔަލްއާއި ދިމާލަށް ކަޅިއަޅާލާފައި ކޮންމެވެސް ތަނަކުން ފެން ލީކްވާވާހަކަ ބުނެލިއެވެ. ސިޓިންރޫމްގެ ފަންކާވެސް މަސައްކަތްނުކުރާކަމަށާއި ހޫނުގަދަކަމުން ކެތްނުވެގެން މިދަނީ މޫދަށް ކަމުގައި ބުނެލިއެވެ. ޒޫނީ ޓޮޕަކާއި ހަރުވާޅެއްލައިގެން ހުރިއިރު ކޮނޑުގައި ބެކްޕެކްއަޅުވާލާފައި އޮތެވެ.

"މީހުން އިތުރުވާވަރަކަށް އަހަރެމެންނަށް ޖެހޭ ދުއްތުރާތައް ބޮޑުވާނެ، ކައިލަންވެސް ގެއަށް ވަދެލާފައި އަނެއްކާ ނުކުމެގެންދާ ގޮތަށް ޚަބަރެއްވާނީއެއްނޫން، ލިބޭ މުސާރަބޮޑުވިޔަސް އަހަރެމެންނަށް އެއްޗެއް ނުދޭތި...." ޒޫނީ ކައިލަންއާއި ދިމާލަށްވެސް ދެލޯ އަޅާލިގޮތަކުން ކައިލަން ހިނިއައެވެ. ޒޫނީ އޭނަގެ ނަން ހަނދާން އެބަހުރިތާއެވެ.

"މަންމަ އޮފް ދުވަހަކީތަ؟ "ޒާޔަލް އަހާލުމުން އަޑުއިވުނުކަމަށްވެސް ނަހަދާ ޒޫނީ ބާރަަކަށް ދޮރުފަތް ޖަހައިލުމުން ޒާޔަލް ކަންފަތުގައި އަތްއެޅިއެވެ.

"ޒިޔާ ބުނީމެއްނު މަންމަގެ ބާތްޑޭ ކައިރިވީވާހަކަ، ރަގަޅުހަދިޔާއެއް ދެމާ...." ކައިލަން ފްރިޖް ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން ކަރުތެރެއަށް އޮއްސާލުމުން އެތެރެހަށްޓަށް ފިނިވިއެވެ.

ކައިލަންއާއި ޒާޔަލް އިރުކޮޅަކަށް އަރާމުކޮށްލުމަށްފަހު ކޮފީ ބޯން ބޭރަށް ނުކުތްގޮތްއިރު ކައިލަން ހުރީ މުށިކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. އޭނަ އުޅެގަތީ ފަންކާ ރޫޅާލައިގެން އެމަސައްކަތުގައެވެ. އެބުނާހެން އެތަން ކުޑަވެފައި ފަންކާއެއް ނެތުމުން އުދާސްވެ އެ ރަންކުލަ އަރާ މޫނުމަތީގައި ދާތިކިތައް ވިދާތަން ފެނެއެވެ.

"އެނގޭނެތަ ޓެކްނިކަލް ކަންތައް؟ "ޒާޔަލް އެއްލޯ މަރައިލިއެވެ.

"ނޭގޭކަންތައްވެސް ޓްރައިކުރަންވާނެ އޭ ޒިޔާ....." ކައިލަން ޖަވާބުދިނެވެ.

"ކައިގެ ހުރި މޮޅުކަމެއްވެސް ދައްކަބަ، މިރޭ އެބައޮތެއްނު މެޗް، ފަންކާ ނެތިއްޔާ މެޗްވެސް ދިޔައީ...." ޒާޔަލް ކޮފީތަށި ތުނބުގައި ޖަހައިލަމުން ލެޕް ހުޅުވާލާފައި ކޮންމެވެސް މަސައްކަތެއްފެށިއެވެ. މީހަކު ޓަކިދޭންފެށުމުން ޒާޔަލް ދޮރުހުޅުވައިލުމާއިއެކު ސަލާމްގޮވާލާފައި ފަލަކްނާޒް އެތެރެއަށް ވަދެފައި ކައިލަން ކޮބާހެއްޔޭ އަހާލައިފިއެވެ. ފަލަކްނާޒްގެ އަޑަށް އިސްއުފުލާާފައި ބަލައިލުމާއިއެކު އެތަނަށް ފުންހިމޭންކަމެއް އިރުކޮޅަކަށްވެރިވިއެވެ. ފަލަކްނާޒް ޒުވާން އަންހެންކުއްޖެއްހެން ރީތިވެލައިގެން ހުރިއިރު ފައިގެ ނިޔަފަތިތަކަށް ދާންދެން ޕެއިންޓްކޮށްލާފައިވެއެވެ.

"ކައިލަން، އަހަރެން މިއައީ ކައިލަންގެ ކައިރީ ކަމަކު ކިޔަން...."ފަލަކްނާޒްގެ އެޖުމްލައިން ކައިލަންއަށް ހުރިހާ އެއްޗެއް ވިސްނުނެވެ.

"ކައިލަން އޮސްޓްރޭލިއާ ނަމަވެސް ތާކުން ޖޮބެއް ހޯދައިގެން ޓްރާންސްފަރ ވާންވީނު؟ އަހަރެން މިހިރީ ކައިލަން ބުނި އަދަދެއްގެ ޗެކެއްދޭން، މިއޮތީ ބްލޭންކް ޗެކެއް..." ފަލަކްނާޒް ދިއްކޮށްލުމުން ކައިލަން އޭގައި ހިފާކަށް ނޫޅުނެވެ.

"ބަޓް ކީއްވެތަ؟ އަޅުގަނޑު ބޭނުމީ އަމިއްލަ ގައުމަށް ޚިދުމަތްކޮށްދޭން...." ކައިލަން ފޫހިވާގޮތްވިއެވެ. މުއްސަދިކަމާއި އާރާއި ބާރުގެ ސަބަބުން އޭނަގެ ދިރުއުޅުމަށްވެސް ނުފޫޒު ފޯރުވަން މަސައްކަތް އެފެށީއެވެ.

"އެކަމަކު ތިހާ ޕްރޮފެޝަނަލް މީހާއަށް މަގޭ ދަރީގެ ފަހަތުން ނެއްޓޭކަށް ނޭގުނެއްނު، ތިމާގެ ފެންވަރު ދަނެގެން އުޅެބަލަ، އެއް އިރެއްގައި ރުޚުސާނާގެ ދަރިއެއްކަމަށް ހީކޮށް އަހަންނަށް އޮޅުނޭ ކިޔާފައި ނުޖެހޭ ދޯ އަނާ ހައްލާލައިގެން ކައިލަން އުޅޭކަށް، ކައިލަން ތިކަން ނުހުއްޓާ ކުރިޔަށް ގެންދާކަމަށްވަންޏާ އަހަންނަށްވެސް ކުރެވިދާނެ ކަންތައް އެބަހުރި،އަނާގެ ކައިވެނިވަނީ ހަމަޖެހިފައި، މިއަންނަ ހަފްތާތެރޭގައި އެކަން ކުރެވޭނެ، ވީމަ ކައިލަން އަލީސާ ރާހިލްގެ ފަހަތުން ނުފޮނުވާ އަލުން މިގެއަށް ގެނައިއްޔާ....." ފަލަކްނާޒްގެ އިންޒާރުން ކައިލަން ހިމޭނުން ހުއްޓަސް ޒާޔަލްގެ ކެތްތެރިކަން ކޮޅުންލައިގެންދާ ވަރުވިއެވެ.

"ތިބޭފުޅާ ހުރިހާ ވާހަކައެއް ދައްކާއިރު ތިމާގެ ދަރިއޭ ކައިލަންގެ ފަހަތުން އަޅުވާލައިގެން އަންނަނީ، އެކަން ހުއްޓުވާންވީނު، މިގޭތެރެއަށް ވަދެ ފާޑުފާޑަށް އިންޒާރުކުރާނެކަމެއް ނެތް....." ޒާޔަލްގެ ދެލޮލުން އަލިފާން ކަނިބުރައިލިހެން ހީވިއެވެ. ޒާޔަލް އެގޮތަށް ރުޅިވެރިކަމާއިއެކު ކުރިމަތިލުމުން ކައިލަންވެސް ސިހިފައި ޒާޔަލްއަށް ނަޒަރު ހުއްޓާލީ މިއީ ޒާޔަލްގެ ފަރާތުން ކުރިން ނުދެކޭ ސިފައަކަށްވާތީއެވެ.

ކޮމެންޓް 0