ކައިލަން ފެންޑާގައި ހުރެލާފައި ރާހިލްއަށް ގުޅުމުން އެދުނީ ޓެރެސްއަށް އެރުމަށެވެ. އެތަން އެއްކޮށް އަނދިރިކޮށްލައިގެން ރާހިލް ކީއްކުރަނީބާވައޭ ކައިލަންގެ ހިތަށް އެރިއެވެ. ސިގްރެޓްގެ ވަސްގަދަކަމުން ކޮށިއަރާކަހަލަ ގޮތެއްވިއެވެ. ކައިލަން ސްވިޗް ޖައްސާލުމުން ފަނޑު އައްޔަކުން އެތަން ދިއްލިގެން ދިޔުމާއިއެކު ކައިލަންގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ތޫނު ދަޅައަރާ ފިޔޮއްސަކުން މޭޒުމަތީގައި ބޯޅައެއް ކޮށާ ކުދިކުދިކޮށްލާފައިވާއިރު އޭނަގެ ދެލޮލުގައިވަނީ ނުރައްކާތެރި ވިދުވަރެކެވެ. ތުނބުޅި މަތިމަސް ނުބާލާތާ ދުވަސްކޮޅެއް ވެދާނެއެވެ. ކައިލަން ފެނުމުން އޭނަ އިސްއުފުލާލާފައި ބަލައިލިއެވެ.

"ކައިލަން ތޭންކްސް އައީތީ...." ރާހިލް ފިޔޮހި އެއްފަރާތަކަށް އެއްލާލާފައި ކައިލަންގެ އަތުގައި ހިފާލީ ބާރަކަށެވެ.

"އެކަނިތަ؟ ގެެވެސް ތަޅުލައިގެން ދޯ މިއުޅެނީ...." ކައިލަން އަހާލިއެވެ.

"ހޫމް، ތަޅުނުލާ އުޅެންޏާ އާންޓީމެން ވަރަށް އުދަގޫކުރާނެ، އެހެންވެ އަހަރެން ސިކިއުރިޓީއިންނަށް އަންގާފައިވަނީ ކޮންމެ މީހަކު އަޔަސް އަހަރެން ގޭގައި ނޫޅޭކަމަށް ބުނާށޭ، ނޯކަރުންވެސް ނުވައްދާ މިއުޅެނީ، ބަނޑުހައިވީމަ ޕިއްޒާއެއް ކަހަލަ އެއްޗެއް ގަނެލައިގެން ކާލަނީ......." ރާހިލްގެ ވާހަކައިން ހާމަކޮށްދިނީ އޭނަ މީހުންނާއި ދުރުހެލިވެ އެކަނި އުޅެން ލޯބިކުރަން ފެށިކަމެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ރާހިލް ބުނީ އޭނަ ދިރިއުޅުމުން މާޔޫސްވެ ނިދަން ބޭސްތަކެއް ކާން ބޭނުންވާކަމަށާއި ކޮންމެ ކޮންމެ މީހަކަށް އިތުބާރު ނުކުރެވޭނެތީ ކައިލަންއަށް ގުޅީކަމުގައެވެ. ކައިލަން ވަރަށް ދަންވާންދެން ރާހިލްގެ ކައިރީގައި ވާހަކަދައްކާލަން އިނުމުން ރާހިލް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ޖެހިގެން އައި ދުވަހު ކައިލަން ރާހިލްއަށް ނިދޭކަހަލަ ބޭހެއްވެސް ދިނެވެ. ދެތިން ދުވަހަށް ބޭސްކެއުމުން ހަމަޖެހިލާނެކަމަށާއި އެހެންނޫނީ އެބޭހަށް ދެވިހިފާފާނެކަމުގައި ބުނެ ކައިލަން ގިނައިން ބޭސްދޭން ދެކޮޅުހެދިއެވެ. އެބޭސްކެއުމުން މިއިން ރެއެއްގައި ނުނިދޭހާ އަރާމުކޮށް ފުން ނިންޖަކަށް އޭނަ ގެނބުނެވެ.

ކައިލަންއަށް ކުރެވުނު އިތުބާރާއި އެކުވެރިކަން ރާހިލް ތަފާތުމީހަކަށް ހަދާލައިފިއެވެ. ރަސްމީކޮށް އޭނަގެ ބަލިމީހަކަށްވެގެން ކައިލަންގެ ކްލިނިކަށް ރޭގަނޑު ދާންފެށިގޮތަށް ސިކުނޑިއަށް ލުުއިވާކަން ރާހިލްއަށް އިހުސާސްކުރެވެންފެށިއެވެ. މަޑުމަޑުންގޮސް އޭނަގެ މާޒީ ކިޔާދިނުމުން ކައިލަން އަށްވެސް ޝޮކެއް ލިބުނެވެ. ކުރިން އޭނަ އެކަމާއި ވިސްނާލާފައި ނެތަސް ރާހިލްގެ މާޒީ ހީކުރިވަރަށް ވުރެން އަނދިރިއެވެ. އޭނައާއި އަލީސާގެ އޮތް ގުޅުމާއި އެގުޅުން ފެށުނުގޮތްވެސް އޭނަ ކައިލަންއަށް ކިޔާދިނެވެ.

"އަހަރެން މިހާރު އެންމެ ދެރަވަނީ އެލީ އަށް އާދޭސްކުރީމަވެސް އެކުއްޖާ މާފުނުދިނީމަ، އަހަންނަށް އެންމެ ޗާންސެއް ދިންނަމަވެސް އަހަރެމެންގެ ދަރިފުޅު ނަަހަލާލުކުއްޖެއްގެ ގޮތުގައި މިދުނިޔޭގެ އަލިކަން ނުދެކޭނެ، އެކަމަކު އަހަރެމެންގެ ދަރިފުޅާއިމެދު ވިސްނާލާކާށް އެލީ ބޭނުމެއްނުވި..." ރާހިލް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

"ބަޓް، ރާހިލް ތީ މީހެއްގެ ފިރިއެއްނު..." އުދަގޫވެފައި އިނުމާއިއެކުވެސް ކައިލަން ހަނދާންކޮށްދިނެވެ.

"އަހަރެން މިހިރީ އަނާ ދޫކޮށްލާގޮތަށްް...." ރާހިލް ކައިލަންއާއި ހަތަރުކަޅިހަމަކުރިއެވެ.

"ވަޓް؟ އޭރުންނޯ......."ކައިލަން ސިހޭގޮތްވިއެވެ.

"އަނާގެ ހިތަކީ ކައިލަންގެ ހައްޤެއް، އަހަންނަށް އެލޯބި ގަދަކަމަކުން ނުހޯދޭނެކަން މިހާރު ވިސްނިއްޖެ..." ރާހިލް މަޑުމަޑުންބުނެލިއިރު އެހިތުގައި ރިހުމެއްވިއެވެ.

"ނޫން ރާހިލް، ތީ ކުށްހީއެއް، ރާހިލް ދޫކޮށްލިކަމުގައިވިޔަސް އަަހަންނާއި އަނާ ގުޅޭކަށް ތި އާއިލާއިން ދުވަހަކު ނުރުހޭނެ، އަހަރެން އަނާއާއި އިންނާކަށް ނެތިން، އެހެންވީމަ ރާހިލް ތި ޚިޔާލުދޫކޮށްލާފައި އަނާއާއި އެކު ދިރިއުޅުން ކުރިއަށް ގެންދޭ، އަހަންނަށްޓަކާ އަނާ ދޫކޮށްލާނެކަމެއް ނެތް...." ކައިލަން މޭޒުމަތީގައި ހުރި ހޫނު ކޮފީތަށި ހިފައިގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓިހުރެ ބޭރަށް ބަލަންފެށިއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް އެކަން ދައްކާކަށް ކައިލަން ބޭނުމެއްނޫނެވެ.

"ކައިލަން، ލޯބިވެއްޖެއްޔާ ފެންވަރުގެ ތަފާތަށް ބަލާތަ؟ "ރާހިލް ތެދުވެގެންއައިސް ކައިލަންގެ ގައިގާ ކިރިޔާ ނުޖެހޭ ހިސާބުގައި ހުއްޓުނެވެ.

"ޒިޔާވެސް އޭނަގެ ގާލްފްރެންޑް ދޫކޮށްލީ އެހެންވީމަ. ތަފާތުވީމަ..." ކައިލަން ހަނދާންކޮށްދިނެވެ.

"ޕޭރެންޓުން ވަރަށް އެހެން ކަހަލަވާނެ، ގަދަދައްކާފައި އިނީމަ ދުވަސްކޮޅަކުން ހަމަޔަކަށް އެޅޭނެ، ކައިލަން އެންމެފަހަރަކުވެސް ބުނެބަލަ އަނާދެކެ ލޯތްބެއް ނުވަމޭ، ލޯބިވެއެއްނު..." ރާހިލް އެކަން ޔަގީންކުރަން ބޭނުންވިއެވެ.ކައިލަން ޚިޔާރުކުރީ ހިމޭންކަމެވެ. އެސުވާލުގެ ޖަވާބު ރަގަޅަށް ދީފިއްޔާ އޭނަގެ ހިތުގެ ހާލަތު ރާހިލްއަށް ދެނެގަނެވޭނެއެވެ. ދޮގުހަދާކަށް ކައިލަން ބޭނުމެއްނޫނެވެ.

"ކައިލަން، ވަން މޯރ ތިންގް، ޑިޑް ޔޫ ސްލީޕް ވިތް ހާރ؟ " ރާހިލް ދެވަނަ ސުވާލުކޮށްލިއެވެ.

"ނޫން......" ކައިލަން އެކަން ހިނގިގޮތް ކިޔާދިނުމުން ރާހިލް ހޭންފެށިއެވެ. އަނާ އޭނައަށް އޮޅުވާލަން އޭނަ ކައިރީ ދޮގުހެދިކަމަށް ބުނުމުން ކައިލަން ބުނީ އަނާއަށް އޮޅުނީކަމަށެވެ. ނަމަވެސް އޭނަ އަނާގެ އެހާލަތުން އެއްވެސް ފައިދާއެއްނުނަގާ އަމިއްލަ ނަފުސް ކޮންޓްރޯލް ކުރިކަމުގައި ބުނުމުން ރާހިލް ހައިރާންވިއެވެ. އިންސާނުންގެ ތެރޭގައި މަލާއިކަތުން އުޅޭނެނަމަ މިއީއެފަދަ މިސާލެކެވެ. އޭނަނަމަ އެފަދަ ވަގުތެއްގައި މަޑަކުން ނުހުރެވޭނެއެވެ. މަސްތުގެ ހާލުގައި އަމިއްލަ ނަފުސް މައިތިރިކުރާނީ ހަމަ މާތް މީހެކެވެ.

ކައިލަން އިޝާނަމާދުކޮށްލައިގެން ގެއަށް ވަންއިރު އާދައިގެ މަތިން މަންމަ ހުރީ ކާން ހަދާފައެވެ. މޭޒުމަތީގައި ހުރި ކުޅު ދިޔާވާފަދަ ކާތަކެއްޗާއި މަންމަ ހަދާފައި ހުރި އަސާރަ ފެނުމުން ކައިލަންގެ ބަނޑުހައިކަން އިތުރުވިއެވެ. ކޮޓަރިއަށްވަދެ ޓީޝާޓަކާއި ސޯޓެއްލައިގެން ނުކުތްއިރު މަންމައާއި ޒާޔަލްގެ އިތުރުން ބޮޑުދައިތައެއްކަމަށްވާ ޝާއިރާ އިންތިޒާރުގައި އިނެވެ. ޝާއިރާ ކައިލަންއާއި ޒާޔަލްދެކެ މާ ލޯބިން އުޅޭ ދުވަސްކޮޅެކެވެ. ޒޫނީ ޝާއިރާއާއި ވާހަކަނުދައްކާ މޫނު ބަނަކޮށްލައިގެން އިންނަކަން ކައިލަންއާއި ޒާޔަލް ފާހަގަކުރެއެވެ. މިރޭވެސް ކާގަޑިއަށް އައުމުން ޒޫނީ އިނީ މޫނު ރޭގަނޑަކަށް ހަދާލައިގެންނެވެ. ޝާއިރާ އެކަމާ އަޅާނުލާ ވަރަށް މަޖާވެލާފައި ކައިލަންމެންނާއި ވާހަކަދައްކަން އިނެވެ. އެންމެފަހުން ކުޑަކޮށް ކާލައިގެން ޒޫނީ ބުނީ އޭނަ ބޭރަށް ގޮސްލާފައި އަންނާނެކަމުގައެވެ.

"މަންމަ އެދިޔައީ ދައްތަ އައީމަ ވަރަށް ހިތްހަމަނުޖެހިފައިހުރެއެއްނު ދޯ، މަންމަގެ ކުށެއްނެތް...." ޝާއިރާ ތަށިތައް ދޮންނަން ހުރެފައި ކިޔާލިއެވެ.

"މަންމަގެ ހުރެއެއްނު މައްސަލައެއް..." ޒާޔަލް އެތަން ފޫބައްދަން ބުނެލިއެވެ.

"ނުހުންނާނެ ކަހަލަގޮތަކަށް ނޫނޭ ދައްތަމެންނަށް ކަންތައް ކުރެވުނީ...." ޝާއިރާ ތަށިތައް ދޮވެ ނިންމާލާފައި އައިސް ޒާޔަލްއާއި ކައިލަންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީދެ އޭނަ ދުފާލަމުން މާޒީގެ ސަފްހާތައް ނިއުޅާލުމުން އެއީ ޒާޔަލްއަށް ބިރުވެރި ހުވަފެނަކަށްވެގެން ދިޔައެވެ.

ޒޫނީގެ އުމުރުން ބާރައަހަރުގައި އޭނައަކީ އެއާއިލާގައި ހުރި އެންމެ ދޮން ރީތި އަންހެންކުއްޖާއެވެ. އެހެންވެ އެހެން އަންހެންކުދިން އޭނަދެކެ ހަސަދަލައިގެން އަބަދު އޭނަ ދެރަކޮށް އަނިޔާކޮށްހެދިއެވެ. ހުރިހާ އަންހެންކުދިންގެ ތެރޭގައި އެންމެ ފިރިހެންކުއްޖަކު ހުރުމުން ޒުބޭރުވެފައިވަނީ އެންމެންވެސް ވަރަށް ލޯބިކުރާ ޚާއްސަފަރާތަކަށެވެ. މަންމަ އާއި ބައްޕަ ޒުބޭރުދެކެ ލޯބިވާވަރުން އޭނަ ގޮތްދޫނުކުރާ ބޮޑާކުއްޖަކަށްވިއެވެ. އޭނަގެ އުމުރުން ސާދައަހަރުގައި ސްކޫލުން ކަނޑާލުމުން މަގުމަތީގައި ކުދިންނާއިއެކު އުޅެންފެށިއެވެ. އެހިސާބުގައި ހިނގާމީހުންނާއި ފޮށި އުދަގޫކުރުމުގެ އިތުރުން ކުދިކުދި ވައްކަންކުރަންފެށީ މަޖަލަކަށް ހަދާފައެވެ. ޒޫނީއަށް ކުދި ގޯނާކުރާ ވާހަކަ ޒޫނީ ޝާއިރާ ކައިރީގައި ބުނުމުން ޝާއިރާ ޒޫނީގެ އަނގަމަތީގައި ޖަހާފައި އެވާހަކަ ނުދައްކާ ހަނުހުރުމަށް އެންގިއެވެ. ޒުބޭރު އެކަހަލަކަމެއް ނުކުރާނެކަމަށާއި ޒޫނީ ދޮގުހަދަނީކަމަށް ބުނެ ޒޫނީ އަށް އެތިވަރު ގޮވާލިއެވެ. އެންމެންވެސް ޒޫނީއާއި ރުޅިހަދާލާފައި އެކުއްޖާ ކުރިއަށްވުރެ ބޮޑަށް ބާކީކޮށްލައިފިއެވެ. ކުރިންވެސް ޒޫނީގެ ރީތިކަމުން ހަސަދަވެރިވެފައި ތިބޭތީ އެފަދަ މައްސަލައެއް ޖެހުމުން އެންމެން ޒުބޭރުއާއި ބައިވެގެން ޒޫނީގެ ދިރިއުޅުން ބަރުބާރުކުރަން ފެށިއެވެ. މަންމަމެން މަސައްކަތު ދިޔުމުން ޒުބޭރު ލައްވާ ޒޫނީއަށް ޖެއްސުންކުރުވަން އެގެއިން ބޭރަށް ދިޔުން އާއްމުވެއްޖެއެވެ. ޒުބޭރު ޖިންސީ ގޯނާއެެއް ދީފާނެކަމަށް ޚުދު ޝާއިރާވެސް ހިޔެއްނުކުރެއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއަށް އެހާ ނޭއްގާނި ހަމަލާއެއް ދޭނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ޒުބޭރު ޒޫނީގެ އިއްފަތްތެރިކަމަށް އަރައިގަތް ފުރަތަމަ ފަހަރު އެވާހަކަ ޝާއިރާގެ ކައިރީގައި ރޮއިރޮއިފާ ކިޔާދިނުމުން ޝާއިރާ ޒޫނީގެ ގައިގާ ތަޅައިގަނެ ބިންމައްޗަށް ދަމާލިއެވެ. އޭނަގެ މައިންބަފައިންނާއި ހަމަޔަށް އެވާހަކަ ގެންދަން ކުޑަ ކުޑަ ޒޫނީއަށް މަޖުބޫރުވިއެވެ. މަންމަ އިލޮށިފައްޗަކުން ޒޫނީގެ ގައިގާ މިޔައަޅާލިއިރު ޒުބޭރު ހުރީ ހެވިލާފައި ބަލަހައްޓައިގެންނެވެ. މާ ހެޔޮއެދޭކަމަށް ހެދިގެން ގައިގާ ކޮލޯން ހާކާލަދިންއިރު އޭނަގެ ނިޔަތުގެ ނުބައިކަން އެނގި ޒޫނީ ވަރަށް ރުޅިއައެވެ. އެފަހުންވެސް ގަވާއިދުން ޒުބޭރުގެ ނުބަައިކަން ޒޫނީއަށް ފެންނަންފެށިއެވެ. އެހެންމީހުންނަށް އެނގުނަސް ތިބީ ނުފެންނަކަމަށް ހެދިގެން ދެލޯ މަރާލައިގެންނެވެ. ޒޫނީ ފަކީރަށް އަނިޔާ ލިބި ލިބި އޭނަ މޮޔަވާ ހިސާބަށް ދިޔައެވެ. އޭނަ ބަލިވެއިންކަން އެނގުމުން މަންމަ ތަޅާ ހޭބަލިވާވަރުކޮށްފައި ގެއިން ނެރެލުމުން ޒޫނީ މަގުމަތިވިއެވެ. އޭނަގެ ޚަބަރެއްނުވެ ދުވަސްވިފަހުން އެނގުނީ ދޯންޏަކަށް އަރައިގެން ރާއްޖެތެރޭގެ ރަށަކަށް ދިޔަކަމެވެ. ދަރިފުޅު ވިހެއުމަށްފަހު އެނބުރި މާލެއައީ ކޮންމެވެސް ގެއެއްގެ ނޯކަރެއްގެ ގޮތުގައެވެ. މާލެއައުމަށްފަހު އެއުޅުނު ގޭގެ ވެރިޔާގެ ފަރާތުން އުދަގޫތައް ކުރިމަތިވާންފެށުމުން އެތަންމިތާ އުޅުނުއިރުވެސް ޒޫނީ ގެއަށް އެނބުރި އަންނާކަށް ބޭނުމެއްނުވިއެވެ. އެއްވެސް ފަރާތަކުން ޒޫނީއަށް ހިޔާމަތެއް ނުލިބުނެވެ. އަދި މީހަކާއި އިނުމުން ޒޫނީއަކަށް އެފަރާތުންވެސް ލޯތްބެއް ނުލިބުނެވެ. އޭރު ޒޫނީގެ އުޅުން ހުރީ އެއްވެސް މީހެއްގެ ލޯބި ލިބޭފަދަ ގޮތަކަށް ނޫނެވެ. ދުލުން ކޮންމެފަދަ އެއްޗެއް ކިޔާލަން ފަސްނުޖެހޭތާގައި އޭނަ މީހުންނަށް އަނިޔާކުރާކަށް ފަހެއް ނުޖެހެއެވެ.

"ޒުބޭރު މިހާރު ކެންސަރުޖެހިގެން ވަރަށް ވޭނުގައި އުޅެނީ، ހިޔެއްނުވޭ ކުރީގެ ޒުބޭރުހެންނެއްވެސް، ޒުވާންއިރު އިސްކޮޅުން ދިގުވެފައި ހާދަ ރީތިމީހެކޭ، ޒާޔަލްއާއި ތަފާތެއްނެތް، ބަލިއެނދުގައި އޮވެފައި އަހަރެމެން ކައިރިން މާފަށް އެދުނު، ޒޫނީއަށް ކޮންމެ ރެއަކުހެން ތަކުރާރުކޮށް އަނިޔާކުރި ވާހަކަ ކިޔާދިން، ޒާޔަލްއަކީ އަމިއްލަ ދަރިއެއްކަމަށް އެއްބަސްވި...." ޝާއިރާގެ ވާހަކަތަކުން ކުރި އަސަރެއްގެ ބޮޑުކަމުން ޒާޔަލްގެ ލޮލުން ކަރުނަ އައެވެ. އޭނަ ދެއަތުގެ ތެރޭގައި މޫނު ފޮރުވިގޮތަށް ރޮނީކަން އެނގިގެން ކައިލަން ޒާޔަލްގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ޒާޔަލްއަށް ކުރާނެ އަސަރު ކައިލަންއަށް ކިތަންމެ ރަގަޅަށްވެސް އިހުސާސްކުރެވުނެވެ. ބައްޕައެއް ނެތްކަމީވެސް އިންސާނަކަށް ލިބޭނެ ހިތްދަތިކަމެކެވެ. އެކަމަކު އަމިއްލަ ބައްޕައަކީ ޚުދު ތިމާގެ ބޮޑުބޭބެކަމާއި މަންމައަށް އެމީހާ ކުރި އަނިޔާގެ ނިޝާންކަން އެނގުމުން އަދި ވާނީ ކިހިނެއްހެއްޔެވެ؟ މަންމަގެ ހިތްދަތި މާޒީ އެނގުމުން ކައިލަންގެ ލޯވެސް ފެންކަޅިވިއެވެ. އަޑުއަަހަން ބޭނުން ނުވިޔަސް އެކަން އެނގުން މުހިއްމު ނޫންނަމަ އެވާހަކަތައް އަހަން ކެތްނުކުރެވުނީހެވެ.

ކައިލަންއާއި ޒާޔަލްގެ ކައިރީގައި މަންމަގެ އަގު މާ ބޮޑަށް އިތުރުވިއެވެ. ދުނިޔޭގެ އެހެން އެންމެންގެ ކުރިމަތީގައި އަގެއްނެތް ނިކަމެއްޗަކަށްވިޔަސް އެދެބެންގެ ކައިރީގައި އެއީ އެއްވަނައެވެ.

"ޒާޔަލް ނުދާނަންތަ؟ ކިތަންމެ ނުލަފާވިޔަސް މިހާރު ތައުބާވެ އެކަމާ ހިތާމަކުރޭ...." ޝާއިރާ އެހެންބުނުމުން ޒާޔަލް އަތުން ޖަހާ އެތާ މޭޒުމަތީގައި ހުރި ވާސް ބުރުއްސާލާފައި ތެދުވިގޮތުން ޝާއިރާ ބިރުން ފުންމައިގެން ތެދުވެ އަނގަމަތީގައި އަތްއެޅިއެވެ. ކައިލަންއަށްވެސް ޝޮކެއްލިބުނެވެ.

"ގިޔާމަތާއި ހަމަޔަށްވެސް އަހަރެން އެމީހާއަށް މާފެއް ނުދޭނަން، ދުވަހަކު އޭނައަށް ހިތްހެވެއްނުކުރާނަން، އެމުޑުދާރު މީހާ މިވަގުތު އަތުގައިޖެހުނަސް ކުދިކުދިކޮށްލާނަން..." ޒާޔަލްގެ ހަރުކަށި ބަސްތަކުން އޭނަގެ ބައްޕަކަމުގައިވާ މީހާއާއި ދޭތެރޭގައި އެހިތުގައިވާ ނަފްރަތު ކައިލަންއަށްވެސް ހާމަވިއެވެ.

ޒާޔަލް އެބުނާ ޒުބޭރުމަތިން ހަނދާންވިއެވެ. ކަށީގެ ކެންސަރު ޖެހިގެން އެޑްމިޓްކޮށްފައި އޮތްއިރު ޒާޔަލްއާއި ދިމާވިއެވެ. ޒުބޭރަށްވެސް ޒާޔަލްއަކީ ކާކުކަމެއް ނޭގުނެވެ. އެއީ ކާކުކަން ނޭގިހުރެ ޒުބޭރުއަށް ފަރުވާދެވުނީ އޯގާތެރިކަމާއިއެކުގައެވެ. އެދުވަހު އެނގުނުނަމައެވެ.

އަމިއްލަ ނަފުސްދެކެ ޒާޔަލް ނަފްރަތުކުރިޔަސް މަންމައާއި ކޮއްކޮއަށްޓަކާ އޭނަ ކެތްތެރިވިއެވެ. ނަމަވެސް އޭނަގެ މުޑުދާރު އަސްލު އެނގުމަށްފަހު ދުވަހަކު އަންހެންކުއްޖަކު ހަޔާތަށް ނުގެންނަން ހިތާހިތުން ވަޢުދުވިއެވެ. އެކުއްޖަކަށް އޮޅުވާލާކަށް އޭނަ ބޭނުމެއްނޫނެވެ. އަދި ދުވަހަކުވެސް މި ހަގީގަތް އަންހެންކުއްޖަކާއި ހިއްސާކުރާނެ ހިތްވަރެއް އޭނަގެ ނެތެވެ. ބައްޕައަކީ އޭނަގެ މަންމަގެ އެއްބަނޑު އެއްބަފާ ބޭބެކަން އެނގުމުން ދުނިޔެ އޭނައަށްވެސް ލަޢުނަތް ދޭނެކަމަށް އޭނައަށް ގަބޫލުކުރެވުނެވެ. އެ ފާފަވެރި ގުޅުމުގެ ނިޝާނެއްގެ ގޮތުގައި ދުނިޔޭގައި ހުންނަން އޭނަ ބޭނުންވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ މިދުނިޔެއަށް ނޭވާނުލިނަމައެވެ.

މަގުގެ ދެފަރާތުގައިވާ ބޮޑު ގަސްތަކުގައި ވައި އަޅުވާވަރުން ދެއަތުން ކޮތަޅުތައް ހިފައިގެން ހިނގާލާފައި ދިޔުން އަލީސާއަށް ފަސޭހަކަމަކަށް ނުވިއެވެ. ޓެކްސީއެއްވެސް ލިބުނީއެއް ނޫނެވެ. ވާރޭ ވެހިގެންފާނެކަމުގެ ބިރު އެހާ ބޮޑެވެ. ބައެއްފަހަރު އޭނަވެސް ވަޔާއިއެކު އުދުހިގެންގޮސްދާނެހެން ހީވިއެވެ. އެހާލުގައި ކުރިއަށް ދަނިކޮށް އެންމެފަހުން ހެދުން ހިއްލިގެން ދިޔުމުން ނިވާވާންވެގެން އެއްކޮތަޅުން އަތް ދޫކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ކޮތަޅުގައިވާހާ އެއްޗެއް އެތަންމިތަނަށް އުކިގެން ދިޔަތަން ފެނިފައި އަލީސާގެ ކަރުތެރެއިން އަޑެއްނުކުތެވެ.

"ޕުއަރ އެލީ...." ރާހިލް ކާރު މަޑުކޮށްލާފައި ދުވެފައި އައިގޮތަށް އަލީސާއަށް އެހީވާން އުޅުނުތަން ފެނިފައި އަލީސާގެ ހިތް ތެޅިގަތެވެ. ހާހުން މީހުން އުޅޭ މާލެއިންވެސް ރާހިލް ނޫން މީހަކަށް އޭނައަށް އެހީވާން އަންނަން ނޭގުނީހެއްޔެވެ؟

"އަހަރެން ގެއަށް ލާދީފާނަން، ތިއޮތް އުދުހެނީނު..." ރާހިލް އެދުނެވެ.

"ނޫން، އަހަރެން މީހެއްގެ އެހީ ބޭނުމެއްނޫން..." އަލީސާ ބޯ ހޫރާލާފައި ކުރިއަށް ހިނގައިގަތުމުން ރާހިލް ކުރި ބެއްދިއެވެ. އޭރު ވާރޭގެ ކަނިތައް އަލީސާގެ ގައިގާ ބީހެން ފެށުމުން އަލީސާ ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ. ގެ ހުރީ ކޮންތާކުހެއްޔެވެ؟ އެކަނިމާ އެކަނި ބާޒާރުކުރަން ހަދައިގެން މިއޮތީ ވާ ލަނޑެއް ލިބިފައެވެ.

"ޕްލީޒް އެލީ، އެޓްލީސްޓް އަހަރެން ފްރެންޑެއްގެ ގޮތުގައި ނުބެލިޔަސް އަހަންނަކީ ޑްރައިވަރެއްކަމަށް ދެކިގެންވެސް ކާރަށް އަރާބަލަ، އެއޮތް ވާރޭވެހިގަތީ، ރީއްޗަށް ނައިއްޔާ ގަދަކަމުން ކާރަށް ލާނީ......." ރާހިލް ކުއްލިއަކަށް އަލީސާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެހެން ގޮތެއް ނެތިގެން ކާރަށް އެރިތަނާ ވާރޭ ބޯކޮށްލުމުން އަލީސާ ކަންބޮޑުވިއެވެ. ރާހިލް އެކިމަގުތަކުން ކާރު ދުއްވީމަވެސް އަލީސާއިނީ އެއްޗެކޭ ނުބުނެ ހިމޭންވެފައެވެ. ރާހިލް ކުރި އާދޭސްތަކުން އަލީސާގެ ހިތަށް ގޮތްގޮތްވިނަމަވެސް އޭނަ އިނީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އޭނަ މިހިރީ ދެވަނަ އަންބަކަށް ހަދަން ތައްޔާރަކަށް ކަމަށް ބުނުމުން އަލީސާ ވަގުތުން ދެކޮޅުހެދިއެވެ. އޭނަކުރި ފާފައިގެ އަދަބު ލިބެން ބޭނުންކަމުގަޔާއި އިންސާނުންނަށް އޮޅުވާލެވުނަސް ހެއްދެވި ފަރާތަށް އޮޅުވާނުލެވޭނެކަމަށް އަލީސާ ބުނުމުން ރާހިލް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ޕްރެގްވިޔަސް ދަރިފުޅުގެ ބައްޕައަށް އިނދެވޭނެކަމަށް ދީނުގައި ނޯވޭތަ؟" ރާހިލް ހަނދާންކޮށްދިނެވެ.

"ދެން ރާހިލް މާ ދީން އެނގޭކަމަށް ހެދޭނެކަމެއް ނެތް އިނގޭ، އަހަންނަށް ޔަގީން އިނަސް އަދި ދަރިފުޅު ހަލާލުކުއްޖަކަށް ނެހެދޭނެ، ދީނުގައި އޮތްގޮތުން ހައްދުޖަހަން ޖެހޭ. އަހަރެން ކުރީ އާދައިގެ ފާފައެއްނޫން، އެހެންވެ މިހުރިހާ އަދަބެއް ދުނިޔެއިންވެސް މިލިބެނީ. ފިރިހެނުން ފާފަކޮށްފައި މަގޭ ދަރިއެއްނޫނޭ ކިޔާފައި ފިލައިގެން އުޅެވިދާނެ...." އަލީސާ ކިތަންމެ ހިތްވަރުކޮށްގެން އިނަސް ލޮލަށް ކަރުނަ ޖަމާވިއެވެ.

"އައިމް ސޮރީ ބޭބީ، މައި ފޯލްޓް، ނުފިލަންވެގެން ދޯ މަގޭ ދަރިއެއްކަމަށް އެއްބަސްމިވަނީ..." ރާހިލް ކިތަންމެ ފަހަރަކު މާފަށް އެދުނަސް އަލީސާ ގަބޫލެއްނުކުރާނެއެވެ.

ފަލަކްނާޒް ރަގަޅުވާންފެށީ މަޑުމަޑުންނެވެ. ފުރަތަމަކޮޅު ލޯ ހުޅުވާލައިގެން އޮވެފައި އަނެއްކާވެސް ނިދިދާނެއެވެ. ގިނަފަހަރު ހީވަނީ މުޅިން ހޭވެރިކަންނުވެ އޮންނަހެންނެވެ. ކުރީކޮޅު ވާހަކަދައްކަންވެސް އުދަގޫވިއެވެ. މީހުން ފެނުމުން ދެލޮލުން ކަރުނަ އޮހެއެވެ. މީހުން ވަކިކުރަން އެނގޭކަން އެއީ ހެޔޮފާލެކެވެ. އަނާ ހުރީ ވަަރަށް އުފަލުންނެވެ. އޭނަ މަންމައާއި ވާހަކަދައްކަން އަތުގައި ހިފާލައިގެން އިންނައިރު ފަލަކްނާޒްގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. ފިރިމީހާއާއި ކުދިންގެ ލޯތްބާއި އަޅާލުން ލިބި އަދި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ކާމިޔާބުވިއެވެ. ފިޒިއޮތެރަޕީއާއި ޑައިޓް އެންމެ ފުރިހަމަގޮތުގައި ލިބެން ފެށުމުން ހީވެސްނުކުރާހާ ހަލުވިކޮށް އޭނަގެ ހާލު ރަގަޅުވެ ތެދުވެ އުޅެވޭވަރުވިއެވެ. ދާދި އަވަހަށް ގެއަށް ދާންވެސް ހުއްދަލިބުނެވެ. ގެއަށް އައުމަށްފަހުގައި އަނާ އަބަދުހެން ފަލަކްނާޒަށް އެހީވެދޭން އެންމެ ކައިރީގައި ހުންނަ އެކަކު ކަމުގައިވިއެވެ. އަނގައިގާ ލަވާފައި ކާންދެއެވެ.

ފަލަކްނާޒް ގޮވައިގެންގޮސް އަނާ ގަސްތަކުގެ ހިޔަލުގައި ވާހަކަދައްކާލަން އިށީންއިރު ޚަރީފު މޫސުމްގެ ކުލަތަކުން ބަގީޗާގެ ރީތިިކަން އިންތިހާއެވެ. ވައިރޯޅީގެ ފިނިކަމާއިއެކު އުދުހެމުންދާ ފަތްތަކުގެ ރީތިކަމުން އުފާލިބިގަންނަމުން އަނާ ދޭތެރެއަކުން އިންސްޓްގަރާމަށް ފޮޓޯއެއްލައެވެ.

"އަނާ، އެންމެން ފެންނައިރު ކީއްވެ ރާހިލް ނުފެންނަނީ؟ " އަނާ ފޯނު ހިފައިގެން ފަތްތައް ފޮޓޯނަގާތަން ބަލަން އިނދެލާފައި ކުއްލިއަކަށް ފަލަކްނާޒް އަހާލައިފިއެވެ.

"ނޭގޭ، މާލޭގައިވީ، މަންމަ އެކަމާ ނުވިސްނާ، މިއުޅެނީ މާލެދާކަށްނު..." އަނާގެ މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ.

"އަނާއާއި ރާހިލް އިނީތަ؟ އަނާ އެކަހަލަ އެއްޗެކޭ ކީމެއްނު، މަންމަ ހާސްވިވަރުން އެވާހަކަ ނާހަންކަމަށް މިހިރީ...."ފަލަކްނާޒް އެހެމުން އަނާއަށް ކުއްލި ހައިރާންކަމެއް ލިބިފައި ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އައިސް މަންމަގެ ކައިރީގައި ބެންޗުގައި އިށީދެއްޖެއެވެ. އަނާ ހީކުރީ މަންމަ ކޯމާގައި އޮތްވާ ކައިވެނިކުރުމުން ހިތްހަމަނުޖެހުނީކަމުގައެވެ. އަނާ ބުނީ މަންމަ ކޯމާއަށް ދިޔުމުގެ ކުރިން އެދުނުކަމަކަށްވުމުން އޭނަ އެކައިވެންޏާއި ރުހި އެކަން ކުރީ މަންމައަށް އެޚަބަރު އިވިފައި ކޯމާއިން ހޭއަރާފާނެކަމަށް ހީކުރެވިގެންކަމުގައި ކަމަށެވެ. ފަލަކްނާޒްގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"އެކަމަކު އަނާ ތިއުޅެނީ އުފަލަކު ނޫންދޯ، އަނާ އެއްގޮތަކަށްވެސް ބޭނުންވެގެން ނޫން ތިކަން ކުރީ...." ފަލަކްނާޒް އަނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައިރު އަނާގެ ހިތުގެ ހާލަތު ކިތަންމެ ރަގަޅަށްވެސް ވަޒަންކުރެވުނެވެ. އަނާ ބޭނުންވަނީ ޒޫނީގެ ދަރިއަކާއި އިންނަން ކަމުގައިވިޔަސް އެދޭތެރެއަށް ހުރަސްއަޅާކަށް މިއަދު ފަލަކްނާޒްގެ ހިތެއްނޭދެއެވެ. ކިތަންމެ މޮޅު އާއިލާއަކުން އައިސްފައި ހުރިނަމަވެސް އަޚުލާގު ރަގަޅުނުވެ ހިނގައިދާނެއެވެ. ކައިލަންގެ މަންމަ ކޮންމެފަަދަ މީހަކަށްވިކަމުގައި ވިޔަސް ކައިލަންއަކީ މާތް ރަގަޅު ޒުވާނެއްކަމުގައި ފަލަކްނާޒް ކުރީއްސުރެން ދެކުނެވެ. ވީއިރު މިއަދު އޭނަ އެކަމާއި އިންކާރުކުރަންވީ ކީއްވެހެއްޔެވެ؟ ހަޔާތަކީ ކުރު އެއްޗެކެވެ. އޭނަގެ ގޮތްދޫނުކުރުމުގެ ސަބަބުން ދުނިޔޭގައި ހުރި އެންމެ އަންހެންދަރިފުޅުގެ ހަޔާތް ބަރުބާދުވެގެންދާތަން ދެކޭކަށް ދެން ކުޅަދާނައެއްނޫނެވެ.

"އަނާ، މަންމަ ބުނަން އުޅުނީ އެހެނެއްނޫން، މަންމަ ބުނަން އުޅުނީ ރާހިލްއާއި ނޫނޭ އިންނާނީ، އަނާ ބޭނުންވެއްޖެއްޔާ ކައިލަންއާއި އިނަސް މައްސަލައެއްނެތޭ، އަނާ، މަންމައަށްޓަކާ އެހާ ބޮޑު ޤުރުބާނީއެއްވީއިރު މަންމަ އަދިވެސް ވީ ހިތްހަރުކޮށްގެން ހުންނަންތަ؟ އަނާ ތިއުޅެނީ އުފަލުންނޫންކަން އެނގިހުރެ ތިކައިވެނީގެ މަތީގައި ދެމިހުންނާނެކަމެއްނެތް، ރާހިލް ކައިރިން ވަރިވެގެން އަނާ ކައިލަންގެ ކައިރިއަށް ދޭ..." ފަލަކްނާޒަށް ރާހިލްގެ ހަގީގަތް އެނގުނުނަމަވެެސް އެވާހަކަ އަނާއަށް އަންގާކަށްވެސް ހިތެއްނޭދެއެވެ. އެވާހަކަތައް ސިއްރުކުރިޔެއްކަމަކު އޭނަ މިހިރީ ކައިލަންއާއި އަނާގެ ކައިވެންޏަށް ރުހުންދޭން ތައްޔާރަށެވެ.

"މަންމާ...."އަނާ ހައިރާންވިއެވެ.

"އާން އަނާ، މަންމަ ހުއްދަމިދިނީ....." ފަލަކްނާޒް އަނާގެ ކޯތާފަތުގައި ފިރުމާލިއެވެ.

"އެކަމަކު ކީއްވެތަ؟ މަންމަ ކައިލަންދެކެ ހޭޓްކުރާއިރު....." އަނާ އަދިވެސް ވިސްނަނީ މަންމަ ފިކުރުބޮޑުވެދާނެތީއެވެ.

"ދަރިފުޅާ، އިންސާނާގެ ހިތަކީ ދާދި ފަސޭހައިން ބަދަލުވާއެއްޗެއް، ލޯބިވާމީހެއްދެކެ ރުޅިއަތުވެދާނެ، ނަފްރަތު ލޯތްބަށް ބަދަލުވެސްވެދާނެ، ކައިލަން ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މަންމަގެ ދަނބިދަރިއަކަށް ހަދަން ބޭނުންވި، އޭނަގެ މަންމައަކީ ކާކުކަން އެނގުމަށްފަހު ޚިޔާލު ބަދަލުވިޔަސް މަންމަ މިހާރު ނިންމީ އަނާގެ އުފަލަށްޓަކައި އަނާ ބޭނުންވާ މީހަކު ހަޔާތުގެ ބައިވެރިަޔަކަށް ހަދާދޭން، މީހުންގެ ފަރާތުން ލިބިދާނެ ބަހަކަށްޓަކައި އަމިއްލަ ދަރިން ގުރުބާނެއްނުކުރެވޭނެ، ރާއްޖެނޫން ތަނަކުން ކައިލަންއަށް ވަޒީފާ ހޯދައިގެން އުޅެވިދާނެ، އޭރުން ދަންނަމީހުންގެ ފަރާތުން ލިބިދާނެ މަލާމާތަކަށް މަންމަވެސް ހާހެއްނުވާނެ...." ފަލަކްނާޒްގެ ވާހަކަތަކުން ލިބުނު އުފަލެއްގެ ބޮޑުކަމުން އަނާ ގުދުވެ މަންމަގެ ގައިގާ ބައްދާލިއެެވެ.

ޔަޒީދުގެ ކުޑަ އާއިލާ ގޮވައިގެން މާލެ އައިއިރު ގޭތެރެއަށް ރާހިލް އެއްވެސްމީހަކު ނުވައްދާ ހިރަފުުހުގެ ޝިކާރައަކަށްވެފައިވެއެވެ. ކުއްލިއަކަށް މަންމަމެން އައުމުން ރާހިލްވެސް ހުރީ ނުތަނަވަސްވެ ލަދުގެންފައެވެ. އޭނަ ފެނުމުން ފަލަކްނާޒް ހުރީ ފާޑެއްވެފައެވެ. އެންމެ ފުރަތަމަވެސް އެންގީ ރާހިލް ތަންކޮޅެއް ހަމަޖެހޭ މީހަކަށްވެގެން ތުނބުޅި ބާލައިގެން އައުމަށެވެ. އަދި އޭނަ ރާހިލް ކައިރީ ކަމަކު ކިޔަން ބޭނުންވާކަމުގައި ބުނުމުން ރާހިލްގެ ހާސްކަން އިތުރުވިއެވެ.

ކޮމެންޓް 0