"ކާކަށް ކިހިނެއްވެގެންތަ؟ ކޮންތާކުން ގުޅައިގެންތަ؟ ޕްލީޒް ޔަޒީދު، ކޮންމެވެސް އެއްޗެކޭ ބުނެބަލަ..." ފަލަކްނާޒް ޔަޒީދުގެ މުލައްދަނޑީގައި ހިފާފައި ތަޅުވައިގަތްއިރު އޭނަގެ ދެފައިވެސް ބިންމަތީގައި ރަގަޅަށް ހަރުނުލައެވެ. ޔަޒީދު ފެންކަޅިވެފައިވާ ދެލޮލުން އަންހެނުންގެ މޫނަށް ބަލައިލުމާއިއެކު ފަލަކްނާޒް ގެނެސް މޭގައި ޖައްސާލައިފިއެވެ.

"ބާބެކިއުއަށް ގޮސް އުޅެނިކޮށް އެތާ ކޮންމެވެސް ކަހަލަ ހާދިސާއެއް ހިނގައިފި، ޖިޔާ....ޖިޔާއަށް ކޮންމެވެސް ކަމެއްވެއްޖެ...." ޔަޒީދު އަވަސްވެގަތީ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދާށެވެ. އަނާ ހެޑްސެޓް އަޅައިގެން އިންދާ ޔަޒީދު އަނާ ކައިރީގައިވެސް ދޮންބެއަށް ކަމެއްވެގެން އުޅޭކަމަށާއި އަވަހަށް އެތަނަށް ދާންޖެހޭ ކަމަށް ބުނުމުން އަނާ ގަނޑުވެފައިވާ ބުދެއްހެން ހުރެ ކުރިއަށް ދާން ހިނގައިގަތެވެ. ނަސީބަކުން އެވަގުތު އޭނަ ހުރީ ބޭރަށް ދާން އެންމެ އެކަށީގެންވާ ހެދުމެއްގައެވެ. ފިނި ދުވަހެއްކަމުން ސްވެޓަރު ފާޑުގެ ހެދުމަކާއިއެކު ޖިންސެއްލައިގެން ހުރިއިރު އެ ފަންއިސްތަށިގަނޑު އޮތީ އައްސާފައެވެ. ޔަޒީދު ކާރު ނެރެންވާއިރަށް ފަލަކްނާޒްގެ ދެމައިން ކާރުގެ ފަހަތަށް އެރިއިރު ފަލަކްނާޒްއިނީ ޓިޝޫއިން ދެލޯ ފޮހެލަ ފޮހެލައެވެ. އަނާ ބޭރަށް ބަލަން އިންއިރު އޭނަ އިނީ އަމިއްލަ ދުނިޔެއެއްގައެވެ.

ބާބެކިއު ހާދިސާގައި ޖިޔާންއޮތީ ވަރަށް ބޮޑަށް ފިހިފައެވެ. އެތަނުގައި އެމީހުން ހަވާއެރުވުމާއި އަލިފާނުގެ ކުޅިވަރުތައް ކުޅުނުކަމުން ކޮންމެވެސް ކަމެއް އެޒުވާނުން ފޮރުވިހެން ހީވިއެވެ. އާއިލާގެ މީހުންނަށް ޖިޔާން ފެނުނުމުން ހިތްދަތިވިއެވެ. ހަށިގަނޑުގެ ބޮޑު ބައި ފިހިފައިވާއިރު އެރީތިި މޫނުގެ އެއްފަޅިވެސް ފިހިފައި އޮތުމުން ސިފައަށް އެހިނދުކޮޅުވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ޖިޔާން ވަރަށް ހިތްވަރުގަދައެވެ. ވޭނަށް ކެތްނުކުރެވިގެން ދެލޯ މަރާލައިގެން އޮތްއިރުވެސް ލޮލުން އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވާނުލައެވެ. ނަމަވެސް ދަރިފުޅަށް ލިބެމުންދާ ވޭން އިޙުސާސްކުރެވި ޔަޒީދުއާއި ފަލަކްނާޒްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ރޮއިރޮއިހުރެފައިވެސް ފަލަކްނާޒް ހިތްހަމަނުޖެހުނީ ޖިޔާންގެ ޑޮކްޓަރަކަށް ޒާޔަލް ހުރިތަން ފެނިފައެވެ.

އަނާ ހުރީ ޖެހިބުދެއްހެން ފާރަށް ލެއްގުނު ގޮތަށެވެ.

އެހެންހުއްޓާ އަނާގެ ނަޒަރު އަޅައިގަތީ ކައިލަންއަށެވެ. ކައިލަން ހެދުމުގެ މަތިން ކޯޓްލައިގެން ހުރިއިރު ހާދަ ސްމާޓްވެފައި ފިރިހެންވަންތައެވެ. ކައިލަން މީހަކާއި ދިމާލަށް ނުބަލާ ހިނގުން އާދަކޮށްފައިވާތީ ބައެއްމީހުން އޭނައަކީ ފޮނި މީހެއްގެ ގޮތުގައި ސިފަކުރެއެވެ. އޭނަގެ ހިތްތިރިކަމާއި ރަނގަޅުކަން ދަންނަނީ ހަމައެކަނި ގާތް މީހުންނެވެ. ކައިލަން މިއަދު އެހިސާބުގައި ތިބިމީހުންނަށް ބަލައިލީ ޖިޔާން ފިހިގެން ގެނެސްގެން އުޅޭތީ އެތަނުން އަނާ ފެންނާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. އަނާއާއި ނަޒަރު ސީދާވުމުން އަޅާނުލާ ދާކަށް ނުކެރުނެވެ. ޖިޔާންގެ އާއިލާގެ އެތައް ބަޔަކާއި އެކުވެރިން އެތަން ފުރާލާފައި އޮތަސް އަނާ ހުރީ ބީރައްޓެއްސެއްފަަދައިން އެހެން މީހުންނާއި ވަކިން މާދުރުގައެވެ.

"އަނާ، އެކަނިތަ؟ ކޮބާ މަންމަމެން....." ކައިލަންގެ އަޑުގައިވި އާދަޔާ ޚިލާފު އޯގާތެރިކަން އޭނަގެ ހިތުގެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވިއެވެ.

"އެތެރޭގައި...." އަނާ އިސްޖަހައިލިއެވެ.

"ކޮފީއެއް ބޯލަން ދަމާ..." ކައިލަންގެ ޖުމްލައިން އަނާ ބަލައިލީ ފާޑަކަށެވެ.

"އައި ނޯ ދޮންބެ ގެނެސްގެން އުޅޭކަން، އެހެންވެގެން މިހެން މިބުނީވެސް އަނާ ކައިރީ، ކޮފީއެއް ބޯލީމަ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭނެ، އަނާ ވަރަށް ސްޓްރޯންގްވާން ޖެހޭނެއްނު ދޯ...." ކައިލަންގެ ޖުމްލައިން އަނާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. ކައިލަންއާއިއެކު ދާން އެއްބަސްވުމުން ކައިލަން އަނާ ގޮވައިގެން އޭނަގެ ކޮންސަލްޓިންރޫމާއި ހަމަޔަށް ދިޔައެވެ. ކޯޓް ހެންގަރުގައި އަޅުވާލާފައި އޭނަ އަނާއާއި ދިމާލަށް ބަލައިލިއިރު އަނާ ހުރީ ބަލަހައްޓައިގެންނެވެ. އަނާ އޭނަދެކެ ލޯބިވާވަރު މިހާރު ކައިލަންއަށް އޮޅިފައެއްނެތެވެ.

"ދޮންބެ ދެކެ އަހަރެން ހިތްހަމަނުޖެހިފައި ހުއްޓާ މިކަމެއް ހިނގީ، ދޮންބެ ވަރަށް ސީރިޔަސްތަ؟ ރަގަޅުވާނެތަ؟ "އަނާ ސުވާލުކުރިއެވެ.

"އިރާދަކުރެއްވިއްޔާ...." ކައިލަން އަނާއާއި ދިމާލަށް އެނބުރުނެވެ.

"ވަރަށް ބިރުގަނޭ، ދޮންބެ ކޮންމެފަދަ ކުށެއްކުރިޔަސް ދޮންބެ ދެކެ ލޯބިވޭ، ދެރަގޮތެއްވާކަށް ބޭނުމެއްނޫން، ބަޓް އެހާބޮޑު ސަޒާއެއް އެލިބުނީ ކީއްވެތަ؟ ދޮންބެ....އޯ ގޯޑް..." އެހުރިހާ އިރު ހިފަހައްޓައިގެން ހުރެފައި އަނާއަށް ބާރަށް ރޮވުމާއިއެކު ކައިލަން ކުރިއަށް ޖެހިލާފައި އަތުގެ ހިމާޔަތްދިނެވެ. އަނާ ގެނެސް މޭގައި ޖައްސާލިގޮތަށް ކައިލަންވެސް ފެންކަޅިވެެގެން ދިޔައީ އޭނަގެ އިޚުތިޔާރުގައެއްނޫނެވެ. އެވަގުތުކޮޅަކީ އަނާގެ ބޯކޮޅު ބަލަމުންއައިސް ފަލަކްނާޒް އެތަނަށް ވަން ވަގުތެވެ. އެއައިގޮތަށް އަނާގެ އަތުގައި ހިފާ ދަމައިގަތްއިރު ފަލަކްނާޒްގެ ދެލޮލުން ރުޅިވެރިކަމުގެ ކަނި ބުރާލައިފިއެވެ.

"ލަދުކުޑަ، ގޮތްކުޑަ، ފެމިލީއަށް މިހާ ހިތާމަވެރި ވަގުތެއް ލައިގެން އުޅޭއިރުވެސް ބޮޑު މާސިންގާ ފިރިހެނަކު ކުޑަކުއްޖެއް ހައްލާލައިގެން އޭނައަށް ލޯބީގެ ދަޅަަަ ދައްކަނީތަ؟ ކިހާ ދެރަކަމެއް މީ، އަނާ ހަމަ މިހާރު ގެއަށް ދާން އުޅޭ...." ފަލަކްނާޒް އަނާގެ އަތުގައި ހިފާ ދަމާ ކޫއްތާފައި ގެންދިޔައިރުވެސް އަނާގެ ލޮލުން ކަރުނަ ނުހިކެއެވެ. މީހުންގަނޑުގެ ތެރެއަށް ނުކުމެފައި ފަލަކްނާޒް އަނާ ގަޔާއި ލައްކޮށްލައިގެން ހުރެ ދިޔައިރު އެންމެންވެސް ބަލަން ތިބީ ހަމްދަރުދީވެފައެވެ. ވެގެން އުޅޭގޮތް އެނގި އެންމެންވެސް ތުންތުންމަތިން ވާހަކަދެއްކިއެވެ. ފިިހިގެން އުޅޭ ފިރިހެންކުއްޖާގެ މަންމައާއި ކޮއްކޮއަަށް ކުރާނެ އަސަރު އެންމެނަށްވެސް އިހުސާސްކުރެވުނެވެ.

ކާރުން ފޭބިގޮތަށް ފަލަކްނާޒް އަނާގެ މޫނަށް އެތިފަހަރެއް ވީއްލާލިއެވެ. ކިތަންމެ ބޮޑަށް އަނާދެކެ ލޯބިވީކަމުގައި ވިޔަސް ރުޅިއަންނަ ވަގުތު ކޮންޓްރޯލްކުރުން އޭނައަށް ދަތިވެއެވެ. ކެތްނުކުރެވުނީ އެހެންވެއެވެ. އަނާއަށްވެސް އެންމެފަހުން ހިމޭނުން ހުރެވޭވަރެއް ނުވިއެވެ.

"މަންމާ، ކައިލަންއާއި ދެއްކީ ދޮންބެގެ ވާހަކައޭ، އިތުރު ވާހަކަައެއްނުދައްކަން....." އަނާ ތުންފިތާލިއެވެ.

"ހޫމް އެއީ މަލާއިކަތެއްތަ؟ އެހެންވެ ދޯ އެތަނުންވެސް އަނާ ފެންނައިރަށް ގެންގޮސް ކޮޓަރިއަށް ލައިގެން އުޅުނީ؟ އަހަންނަށް އެނގިއްޖެ މިހާރު ކައިލަންގެ ގޮތްކުޑަކަން، ހީކުރިން އެއީ ރަގަޅުމީހެއްކަމަށް، އެކަމަކު މައިންބަފައިން އެހާ ނުގަބޫލުކަން އެނގިހުރެ އޭނަ އަނާގެ ފަހަތުން ނުނައްޓާ އުޅޭތީ މަ ހަމަ ހައިރާންވެއްޖެ، އަހަރެން ހުރީ އަނާގެ ކައިވެނި ތަންކޮޅެއް ފަސްކުރަންކަމަށް ވިސްނައިގެން، އެކަމަކު އެހެންވާކަށްނެތް، އަނާ ބަސްގަބޫލުނުކުރީމަ އަހަރެމެންވެސް އަހަރެމެންނަށް ފެންނަގޮތަކަށް ހަދާނީ...." ފަލަކްނާޒް ކޮންމެވެސް މީހަކަށް ފޯނުން ގުޅަންވެގެން އުޅެގަތުމުން އަނާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. ދޮންބެ އެހާލުގައި އޮތްވާ މަންމަ ޑްރާމާކުޅެންފެށީތީ އޭނަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. މަންމަ ކިތަންމެ ވަރަކަށް މަޖުބޫރު ކުރިޔަސް އޭނަ ރާހިލްއަކާއި ނީންނާނެއެވެ. ޢުމުރުދުވަހު މީހަކާއި ނީދެ ހުންނަން ޖެހުނަސް އޭނަ ހުންނާނީ ހަމަ އެކަނި ކައިލަންގެ މީހެއްގެ ގޮތުގައެވެ.

ޒޫނީގެ އުފަންދުވަހު އޭނައަށް ކައިލަންއާއި ޒާޔަލްވެގެން ހަދިޔާކުރި ކޮޓަރި ފެނިފައި ޒޫނީހުރީ ހައިރާންވެފައެވެ. އުފަލުންގޮސް އޭނަ ފެންކަޅިވިއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހިފުމަށްފަހު ޒޫނީއަށް އެތަނުގެ އެންމެ ބޮޑު ހިތްފަސޭހަ ކޮޓަރި ދިންއިރު ބަދިގޭބައިގެ ފަރުނިޗަރާއި ސާމާނު ފެނިފައިވެސް ޒޫނީގެ ހިތް މޮޔަވިއެވެ. އޭނަ ކުޑައިރުއްސުރެން އުއްމީދުކުރީ އެފަދަ އަމިއްލަ ތަނަކަށެވެ. ދަރިފުޅު ކިޔަވާ ނިމިގެން ޑޮކްޓަރަކަށްވުމަށްފަހުގައިވެސް އޭނަ މާބޮޑެތި އުއްމީދުތަކެއްނުކުރެއެވެ. ޒާޔަލް ކުރިން އުޅުނީ ދަރަނިތައް ނުދެއްކިގެންނެވެ. ކައިލަންއާއި ގުޅިގެން އެކީގައި އުޅެންފެށުމާއިއެކު ދެޒުވާނުންވެގެން ރީތިތަނަކަށް ބަދަލުވުމުން ޒޫނީގެ ހިތުން ކައިލަންވެސް މަޤާމެއް ހޯދިއެވެ. ޒޫނީއަށް ކޮޓަރިއެއް ދިނުމަކީ ކައިލަންގެ ޚިޔާލެއްކަން އެނގުމުން އަދި ވަކިން ބޮޑަށް އުފާވިއެވެ.

ޒާޔަލް އާދޭސްކޮށްގެން އޭނަގެ މަންމަ ކައިލަން ލައްވާ ބޭސްކުރުވަން އެއްބަސްވިއެވެ. އެއުމުރުގެ ބަލިމީހަކަށް އަޅާލާން ލިބުމުން ކައިލަން ޚާއްސަ ސަމާލުކަމެއްދިނެވެ. ބޭސްކުރުމުގެ އިތުރަށް އެތައް އިރެއްވާންދެން ވާހަކަދައްކަން އިންނަން ފެށުމުން ހަފްތާއެއް ގެތެރޭގައި ޒޫނީގެ އުޅުމަށް ބޮޑުބަދަލެއް އައެވެ. ކުރީގައި ޖަޒުބާތުތައް ނުދައްކާ އެކަނި ރުޅިވެރިކަން ދައްކަމުން އައި ޒޫނީ ބައެއްފަހަރު ޖަޒުބާތީވެގެން ރޮއި އުޅޭތަންވެސް ފެނެއެވެ. ޒާޔަލްދެކެ ކުރިން އަންނަ ރުޅި މިހާރު ލޯތްބަށް ބަދަލުވެ ޒާޔަލްއާއި އަޅާލާންފެށިއެވެެ. ހުރިހާ ބަދަލުތަކެއް އަންނަމުންދިޔައިރުވެސް އެވަރުންވެސް ވަޒީފާ ދޫކޮށްލާކަށް ޒޫނީ ގަބޫލެއްނުވިއެވެ. ދަރިފުޅަށް ލިބޭ އެއްޗެހިން އެކަނި އުޅެން ބޭނުން ނުވާކަމަށާއި އަމިއްލައަތުން ކުރާ މަސައްކަތުން ފައިސާ ބޭނުންވާކަމަށް ބުނެ އެކަމަށް އެއްބަހެއް ނުވިއެވެ. ކައިލަން ޒާޔަލް ކައިރީ ބުނީ މަންމަ ގޭގައި އިނދެގެން އާމްދަނީ ލިބޭ ކަހަލަ މަސައްކަތެއް ދެއްކުމަށެވެ.

"ކޮޓްން ކެންޑީހަދާ މެޝިނެއް ގަނެދިނަސް އޯކޭވާނެ.." ކައިލަން އަނާމަތިން ހަދާންކޮށްފައި ބުނެލުމުން ޒާޔަލް ވަރަށް ހިނިއައެވެ. އަނާގެ އެފްބީއިން ކޮޓްން ކެންޑީ ކާން ހުންނަ ފޮޓޯތައް ފެނިފައިވާތީ ކައިލަންގެ އެޚިޔާލު އައީ ކޮންތާކުންކަން އެނގިގެން ދިމާކުރުމުން ކައިލަން ލަދުގަތެވެ.

"ސީރިޔަސްކޮށް އަނާގެ ފޮޓޯ ފެނުނީތަ؟ "ކައިލަން ބޯ ކަހާލިއެވެ.

"މަވެސް ވަރަށް ހާވަމޭ، އަނާ ހާދަ ލޯބިން ސްޓޭޓަސްތައް އެއޮތް ޖަހާލަނީ، ޕްރައިވެސީ ހަދާކަށްވެެސް އެކުއްޖާ ނޫޅޭ އެކަމަކު މިސްޓީރިއަސް ގޮތެއްވެސް ހުރޭ....." ޒާޔަލް ހިނިގަނޑެއް ޖަހައިލިއެވެ.

ކައިލަންއާއި ޒާޔަލްގެ މަސައްކަތުން ދިރިއުޅުން ކުރިއަރުވަމުން ދިޔައިރު ހުސްވަގުތުގައި މަޖާކޮށްލަން ކޮންމެވެސް ޕްރޮގްރާމެއް ރާވާ ހަދާލައެވެ. އެކުވެރިންގެ ތެރޭގައި ގިނައީ އެމީހުންނާއިއެކު މަސައްކަތްކުރާ ޑޮކްޓަރުންނަށްވުމުން ދިރިއުޅުމުގެ ފެންވަރު ރަގަޅުވެފައި ޚަރަދުކުރުމަށް އެހާ ފަހެއްނުޖެހެއެވެ. ދަތުރު ގޮސްއުޅެނިކޮށް ކައިލަންގެ ފައި ތޫނު އެއްޗަކުން ޒަޚަމްވެގެން އެނދުގައި އޮންނަން ޖެހުމުން ކައިލަން އޮތީ ފޫހިވެފައެވެ. ޒޫނީއާއި ޒާޔަލް ވެގެން އެރެއަށް ކެއްކިއެވެ. ޒާޔަލް އެހީވާތީ ޒޫނީ ހުންނަނީ ވަރަށް އުފާވެއެވެ. ޅީދަރިއެއް ލިބޭނެނަމައޭވެސް ހިތަށް އެރިއެވެ. ޒާޔަލް ކޮފީހަދަން ހުއްޓާ ޒޫނީ ކެއުން ތަބަކެއްގައި އަތުރައިގެން ކައިލަންގެ ކޮޓަރިއަށް ވަންއިރު ކައިލަން އޮތީ ފޯނު ހުޅުވާލައިގެންނެވެ. ހަމައެކަނި ސޯޓެއްލައިގެން އޮތްްއިރު އެރީތި ފައިތިލަ ބެންޑޭޖްކޮށްލާފައިވެއެވެ.

"ކައިލަން، މިއައީ ރޮށްޓާއި ކުޅިމަސް އަދި ފިހުނުމަސް ހަދައިގެން، ފޮނި އެއްޗެއްވެސް އެބަހުރި....." ކައިލަންގެ ކައިރީގައި ހުރި ކުޑަމޭޒެއްގެ މަތީގައި ކާތަށިތައް އަތުރާލާފައި ޒޫނީ މަގަތުގައި އިށީދެއްޖެއެވެ. ޒާޔަލްއާއިއެކު އަބަދުހެން ގޭތެރެއިން ފެނި ފެނި ކައިލަންއާއި ދޭތެރޭގައިވެސް އަމިއްލަ ދަރިއެއްގެ ހައިސިއްޔަތުން ދެކެންފެށިތާ ކިތަންމެ ދުވަހެކެވެ. ޒާޔަލްއަށްފަހު ލިބުނު ދަރިފުޅު ކުޑައިރު ނިޔާވެފައިވާތީ ކައިލަން ފެނުމުން އެހަނދާންތައް އާވެއެވެ. އެކުއްޖާ ހުރިނަމަ އުމުރުންވާނީ މިހާކަށްހާވަރެވެ.

"ތެންކިއު ޒާޔަލް މަންމާ...." ކައިލަން ބާލީހަށް ލެނގިލަމުން ފޯނު އެނދުމަތީގައި ބޭއްވިއެވެ. ޒޫނީގެ ނަޒަރުގައި އަޅައިގަތީ ސްކްރީންގައި އިން ފޮޓޯއެވެ. ކައިލަން ފޯނުން ހުޅުވައިގެން އިން ފޮޓޯ ފެނިފައި ޒޫނީގެ ހިތަށް އަސަރުކޮށްގެން އެ ފޯނު ނަގައިގެން ބަލާލިއިރު އެކުޑަ ދެލޯ ފުރިފައިވަނީ ކަރުނުންނެވެ.

"މިއީ ކައިލަންގެ ކާކުތަ؟ "ޒޫނީ އަހާލިއިރު ހިތް ތެޅެމުން ދިޔައީ ބާރަށެވެ.

"ބައްޕަ، މިއީ އަހަރެން ކުޑައިރުގެ ފޮޓޯއެެއް..." ކައިލަން ފަރުވާކުޑަގޮތަކަށް ބުނެލުމާއިއެކު ޒޫނީ ދެލޯބޮޑުވެ އަނގަ ހުޅުވިއްޖެއެވެ. ޒޫނީ ވިދުވަރެއްހާ ހަލުވިކޮށް އެތަނުން ނުކުމެގެން ދިޔުމުން ކައިލަންއިނީ ބުނާނެއެއްޗެއް ވެސް ނޭގިފައެވެ. އެފޮީ ފެނުމުން ޒޫނީ އެހާ ޖަޒުބާތީވާންވީ ކީއްވެހެއްޔެވެ؟ ޒާޔަލް ހޫނު ދެ ކޮފީ ހިފައިގެން އައުމުން ކައިލަން އޮތީ ތަންކޮޅެއް ހިމޭންވެފައެވެ. ދެމީހުން ކޮފީ ބޯން ތިއްބާ ޒޫނީ އިސްޖެހިފައި ހުރެ އެތަނަށް އައިސް ވަންއިރު ދެލޯ ހުރީ ތެމިފައެވެ. އެހެނަސް އުއްމީދުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޒޫނީ އަނގައިން ބަހެއް ބުނުމެއްނެތި ލަދުން ހުރެފަ ދައްކައިލީ އޭނަގެ އަތުގައި އޮތް އެހާވަރުގެ ފިރިހެންކުއްޖެއްގެ ފޮޓޯއެވެ. އަދި ޒޫނީއާއި ފަޒީލް އެކީގައި ނަގާފައި ހުރި ފޮޓޯއެވެ. އެފޮޓޯތައް ފެނުމާއިއެކު ކައިލަންއަށް ފުނޑުފުނޑުވެފައިވާ ޙަޔާތުގެ ތަސްވީރުގެ ބައިތައް ގުޅި މަންޒަރު ސާފުވީކަހަލައެވެ. ކައިލަންއަށް އޭނަގެ މަންމައަކީ ކާކުކަން ޔަޤީންވެ ލޯފެންކަޅިވެގެން ދިޔުމާއިއެކު މަންމާއޭ ކިޔާފައި ބޭއިޚުތިޔާރުގައި ގޮވާލެވުނެވެ. ޢުމުރުގެ އެއްބައި ފާއިތުވެ ދިޔައިރު ބަނޑުއަޅާ ވިހޭ މައިމީހާއަކީ ކާކުކަން ފުރަތަމަ ފަހަރަށް އެނގުމުން ކުރާނެ އެންމެ ފޮނި އިޙުސާސް ކުރެވިގެން ދިޔައެވެ. ޒާޔަލްއަށްވެސް ލިބުނީ ޝޮކެކެވެ. ކައިލަންގެ މަންމައަކީ ޒޫނީއަށް ވެދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ކޮންފަދަ ބޮޑު އިއްތިފާގެއްހެއްޔެވެ؟ ހެއްދެވިފަރާތަށް ކޮންމެކަމެއްވެސް ކުޅަދުންވަންތައެވެ. އެކީގައި އެކުވެރިންގޮތުގައި އުޅެ ބޮޑުވިއިރު އެއްބަނޑު ދެޒުވާނުންކަން ނޭގި އޮތުމަށްފަހު މިއެނގުނީ ކޮންކަހަލަ ގޮތަކަށް ހެއްޔެވެ؟ ޒޫނީ މައިވަންތަކަމުގެ ލޯބި އަލަށް އިޙުސާސްވެގެން އުޅޭ ކަހަލައެވެ.ރޮއި ރޮއިފާ ކައިލަންގެ އެތަން މިތާގައި ބޮސްދީފައި އުޅުނު ގޮތުން ޒާޔަލްއަށްވެސް އަސަރުކުރިއެވެ. މިވީހާތަނަށް އޭނަ ހިމާޔަތްދެމުން އައިސްފައިވަނީ އަމިއްލަ ކޮއްކޮއަށްކަން އެނގުނުވަގުތު ކުރެވުު އިޙުސާސްތައް ބުނެދޭކަށްވެސް ނޭގުނެވެ.

ކައިލަން އޭނަގެ މަންމައަކީ ޒޫނީކަން ޔަގީންވުމުން އެކަން ސިއްރުކުރާކަށް ނޫޅުނެވެ. އޭނަ ޒާޔަލްއާއި މަންމައާއިއެކު ނެގި ފޮޓޯއެއް އެފްބީގައި ޖަހާފައި ވަރަށް އަސަރުގަދަ ސްޓޭޓަސްއެއް ލިޔުމުން އޭނަގެ ހުރިހާ އެކުވެރިންނަށް ވަގުތުން ހަގީގަތް ހާމަވިއެވެ. އެތައްސަތޭކަ ލައިކަކާއި ކޮމެންޓްތައް އެފޮޓޯއަށް ލިބުނެވެ. އެތައް އަހަރެއްފަހުން އަމިއްލަ މަންމައާއި ބައްދަލުވެ މަންމައެއްގެ ލޯބި ލިބުމުން އެކުރެވުނު އުފާވެރި އިޙުސާސްތައް ބުނެދޭން ނޭގޭކަމަށާއި އެންމެ ގާތް އެކުވެރިޔާއަކީ ބޭބެކަން އެނގުމުން ލިބުނު މަތިވެރި އުފާތަކަކަށްޓަކައި އޭނަ ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ. ހިތުގެ ކަނެއްގައި އޭނަ ފޮރުވި ހިތާމައެއްވިއެވެ. އޭނަގެ ހަގީގަތް ހާމަވުމަށްފަހުގައި އެންމެ ލޯބިވާ އަންހެންކުއްޖާ ލިބުމުގެ ހުރިހާ މަގެއް ބަންދުވީކަން ޔަގީންކުރެވިފައެވެ.

ފަލަކްނާޒް މީހަކު ލައްވާ ކައިވެނީގެ ފޯމު ގެނެސްގެން އެފޯމަށް ބަލަހައްޓައިގެން އިންއިރު ޖެހިގެން ހުރި ސޯފާގައި ޔަޒީދު އިނެވެ. ފަލަކްނާޒް ދެއްކި ވާހަކައަކައިން ޔަޒީދުވެސް އިނީ ހައިރާންވެފައެވެ. ޒޫނީއަކީ މާލެ ދަންނަ މަޝްހޫރު އަންހެނެކެވެ. އަނާވެސް އަމިއްލަ ޢާއިލާގެ ޢިއްޒަތާއި ޤަދަރަށް ކޮންމެވެސް ވަރަކަށް ވިސްނަންވާނެ ނޫންހެއްޔެވެ؟

"ކައިލަންގެ މަންމަ މާ މޮޅު މީހެއްކަމަށް ހީކޮށް އެފްބީގައި އޭނަ އެ ވާހަކަ އިއުލާންކުރީ، މުޅި ހޮސްޕިޓަލްތެރޭގައި އޮތީ އެވާހަކަ، ޒޫނީ ނުދަންނަ މީހެއް މި މާލޭގައި މަދުވާނެ، އޭނަގެ ކުށުގެ ރެކޯޑްގެ އިތުރުން ދޭތެރެއިން މޮޔަބޮޑުވެ ގުރައިދޫއަށް ގެންދާމީހެއްކަންވެސް އެނގޭނެ، އެފެންވަރުގެ ނާސިއެއްގެ ދަރިއަކާއިހެދި އަނާ އުޅޭތީ ލަދުން ބޯ ހަލާކުވާވަރުވޭ، އެހެންވެ ވީހާ އަވަހަށް މިކަންތައް ނިންމާލަން ވީ، އޭރުން ހަމަޖެހިގެން ނޭވާއެއް ލެވޭނީ....." ފަލަކްނާޒް ޔަޒީދުގެ ފަރާތުން ހުއްދަ ހޯދައިގެން އަވަސްވެގަތީ އަނާ ލައްވާ ފޯމުގައި ސޮއިކުރުވުމަށެވެ. އަނާގެކޮޓަރިއަށް ވަންއިރު އަނާ އިނީ އާދައިގެ މަތިން ކޮންމެވެސް އެއްޗެއް ސްކެޗް ކުރާށެވެ. މަންމަ ފެނުމުން ކުޑަކޮށް ހާސްވެފައި އަވަހަށް އެފޮތް ލައްޕާލައިފިއެވެ.

"އަނާ، މި ފޯމުގައި ސޮއިކޮށްލާ..." ފަލަކްނާޒް ގަލަން ދިއްކޮށްލުމުން އަނާ އެގަލަމުގައި ހިފިއިރު ހިތް އަވަސްވިއެވެ.

"ކޯނޗެއްތަ މަންމާ..." އަނާ އަހައިލިއިރު އަތްތިލަ ކޮންމެވެސް ވަރަަކަށް ތެމިއްޖެއެވެ.

"އިތުރު ސުވާލުކުރަން ނަހަދާ އަނާ ބުނާގޮތަށް ހަދާނީ، އަނާ ކުރިންވެސް ތިގޮތަށް ގޮތްދޫނުކޮށް އުޅުނު ކުއްޖެއް ނޫނެއްނު..." ފަލަކްނާޒްގެ މޫނުމައްޗަށް ވެރިވި ހަރުކަށިކަން ފެނިފައި އަނާ އަށް އިތުރު ސުވާލުކުރާކަށް ނުކެރުނެވެ.

"ކޮންތާކު ސައިން ކުރަންވީ...." އަނާ ތުންފަތުގައި ދަތްއަޅާލިއިރު މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. އަނާ ބަލާވެސް ނުލާ ފޯމުގައި ސޮއިކޮށްލާފައި މަންމަގެ އަތަށް ގަލަން ދިނުމުން ފަލަކްނާޒްގެ ތުންފަތަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އަނާގެ ޢުމުރުން މާ ގިނަ ދުވަހެއްނުވިޔަސް އޭނައަކީ ތަންދޮރު ނުފިލާވަރުގެ ޅަކުއްޖެއް ނޫނެވެ. މަންމަ އެހާވަރުން ސޮއިކުރުވީ ކޮން ފޯމެއްގައި ވިސްނި ސިކުނޑީގެ ނާރުތައް ފަޅައިގެންދާނެހެން ހީވިއެވެ. ދެރަވެގެންގޮސް ބާލީހުގައި މޫނު ފޮރުވިގޮތަށް އެތައްއިރެއްވާންދެން ކަރުނަ އޮއްސަން އޮތެވެ. މައިންބަފައިންގެ މަޖުބޫރީގެ ސަބަބުން ރާހިލްއާއި ކައިވެނިކޮށްގެން އޭނައަށް ވަފާތެރިނުވެވޭނެކަން ރަގަޅަށް އެނގޭއިރު އެހާ ބޮޑު އަނިޔާއެއް ރާހިލްއަށްވެސް ދޭކަށް ނުވާނެއެވެ. އޭނަ ރާހިލްގެ އަންބަކަށް ވާން ޖެހުނަސް ކައިލަންގެ ފަހަތުން ދެވޭނެއެވެ. އެލޯތްބަށް އެދެވޭނެއެވެ. އުމުރު ހުސްވަންދެން އިންތިޒާރުކުރެވޭނީ ހަމައެކަނި އެލޯތްބަށެވެ. ބޮލުގެތެރޭގައި އުފެދިގަތް ހައިޖާނުގެ ސަބަބުން ކެތްނުކުރެވުނަސް މިއަދު ކުރާނެ ވަކިކަމެއް އެބައޮތްހެއްޔެވެ؟ ހިތްވަރުގަދަ ކުއްޖަކަށްވެގެން މަންމަމެންނަށް އެހެން ފަރާތެއް ދައްކަންވީއެވެ.

ބޮޑު ޢީދު ކައިރިވަމުން އައިއިރު އަނާގެ ކައިވެންޏަށްޓަކައި ރަތްފިޔަ ތައްޔާރުކުރެވެމުން އައެވެ. ޔަޒީދުއަދި ފަލަކްނާޒްގެ އާއިލާގެ މީހުންވެސް އައުން ތަންކޮޅެއް ގިނަވިއެވެ. ދޭތެރެއަކުން ސަޔެއް ނޫނީ ކެއުމަކަށް އަންނަ އާއިލާ މެމްބަރުން ގިނަވެފައި އޮވެއެވެ. ނާ ކާކޮޓަރިއަށް ވަންއިރު މޫނުމަތިން ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. ލާފައިހުރި ރަތްކުލައިގެ ޓޮޕްކޮޅުގެ ހިޔަނި މޫނަށް އެޅިފައިވާހެން ހީވެއެވެ. މޫނަށްވެސް މަޑު ރަތްކުލައެއް ވެރިވެފަ އޮތެވެ. ތުންފަތުގައި ލިޕްގްލޮސްއެއް ހާކާލާފައިވުމުގެ އިތުރުން އެހެން މޭކަޕެއްކޮށްފައި ނެތްނަމަވެސް ރީތިކަމުން ލޯތައް ހުއްޓޭހާވެއެވެ.އެކި ކަންކަމުގައި އުޅުނު ބޮޑު ދައިތަމެން ދިމާކުރަން ފެށުމުންވެސް އަނާ ހުރީ ހީލަ ހީލައެވެ.

"ދެން އަހަރެމެން މިގޮތަށް ދެން އެއްވާނީ އަނާއަށް ދަރިއަކު ލިބިގެން ނަން ކިޔާ ދުވަހަކުހެން ހާދަ ހީވެޔޭ....." ބޮޑުދައިތައަކު ބުނެލި އެއްޗަކުން އަނާގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވެގެން ދިޔުމާއިއެކު އެތަނުން އަވަހަށް ސަލާމަތްވެގެން ނުކުމެގެންދާން އެނބުރުނެވެ. މީހެއްގެ ގައިގާ އަޅައިގަތުމުން އެންމެން އެކީގައި ހޭންފެށުމުން ވަކިންބޮޑަށް އަނާ ރަކިވިއެވެ. އަނާއަށް ހިމާޔަތް ލިބުނީ ރާހިލްގެ އަތުތެރެއިންނެވެ. އެހެންމީހުންގެ ދިމާކުރުމުގެ ނަޒަރުން ސަލާމަތްވާންވެގެން ރާހިލް އަވަހަށް ދޫކޮށްލީ ހިތާއި ދެކޮޅަށެވެ. އޭނައަށް އަނާ ލިބެން އުޅޭތީ ވާންޖެހޭ އުފަލެއްވެސް މިހާރުނުވެއެވެ. މާޒީގެ އުދަގޫދެނިވި ހަނދާންތައް ހިތަށް ކަށިތަކެއް ފަދައިން ހެރެނީއެވެ. އަބަދު ބޮޑުދައިތަމެންނާއި ސަމާސާކޮށް އުޅުނަސް މިއަދު އެމޫނުމަތިން ހިނިތުންވުމުގެ ކުލަވެސް ދައްކާނުލައެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި ފްރިޖް ހުޅުވާލައިގެން ދަޅެއްނަގައިގެން ބޯންފެށިއެވެ.

"ރާހިލް ބަލީތަ؟ "އެކަކު އަހާލައިފިއެވެ.

"ނޮޕް، އޮފީސް ބުރަކަމުން ޓަޔަޑްވެފަ، ދެން މިއުޅެނީ ރިލެކްސިން ބްރޭކެއް ނަގާލާކަށްނު، ސޯ ނޯ ވޮރީސް......" ރާހިލް އެއްމިޔަކަނުން ހީލާފައި ދާން ހިނގައިގަތުމުން ބޮޑުދައިތަމެންގެ ހިތް ފިދާވާވާރުވިއެވެ. އެންމެންވެސް އޭނައަށްޓަކައި ޤުރުބާންވާން ތިބޭކަން ޚުދު ރާހިލްވެސް ދަނެއެވެ. ހޯދަން އުޅެ އުޅެ އެންމެ ބޭނުންވާ ފަރާތުގެ ލޯވި ނުލިބުނުކަމީ އޭނަގެ ބަދުނަސީބެވެ. ރާހިލް އަނާއާއި ބައްދަލުކުރާހިތުން ނުހުރެވިގެން އަނާގެ ކޮޓަރިއަށްގޮސްގެން އެއްބަސްވެ ކުރުވައިގެން ޓެރެސްއަށް އެރިއެވެ. އޭރު އެހިސާބަށްވަނީ ހިޔާދީފައެވެ. އަނާ ހުރީ ރާހިލް ބުނަން އުޅޭ އެއްޗަކާއިމެދު ޝައުގުވެރިވެފައެވެ. ނަމަވެސް ރާހިލް ބުނާ އެއްޗަކުންވެސް އޭނަގެ ނިންމުން ބަދަލެއްނުވާނެއެވެ.

"އެނީ ވަރަށް ރުޅިއައިސްފައިތަ ތިހިރީ؟ "ރާހިލްގެ ރީތި ދެލޯ އަނާއާއި އަމާޒުވިއެވެ. އެޚަންޖަރެއްފަދަ ތޫނު ދެލޮލުން އަންހެންކުދިންގެ ހިތްތައް ޒަޚަމްކުރާއިރު އަނާއަށް އެލޮލުން އަސަރެއްނުކުރެއެވެ. ރާހިލް ޖަހައިގެން ހުރި ފިރިހެންވަންތަ ސެންޓްގެ ވަސް އެހިސާބުގައިވާ މާލެމާމެލީގެ ވަސް ފަނޑުކޮށްލާފައިވެއެވެ.

ކޮމެންޓް 0