"އެނީ..." މިސްކުގެ ހިތުގެ ވިންދު އަވަސްވެލައިފިއެވެ. އެވަގުތު ރާހިލްވެސް އަރާހަމަވެލާފައި ސުވާލުކޮށްލުމުން މިސްކުގެ މޫނުން ހާސްކަމާއި ކަންބޮޑުވުން ފެނިފައި ރާހިލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރާހިލް ކައިރިއަށް ޖެހިލާފައި ދޮރުގެ ތަޅުގައި ހިފައިލިއިރު އެއަތްވެސް ގަނޑުފެންކޮޅެކޭ އެއްވަރުވެ ބުނަން ނޭގޭފަދަ ދަތިކަމެއް ހިތަށް ވެރިވެގެން ހިނގައްޖެއެވެ. އޭނަ ދޮރު ހުޅުވަން މަސައްކަތްކުރިއިރު އިނގިލިތައް ތުރުތުރުލާވަރުން އެކަންކުރަން ދަތިވެފައިވާތަން ފާހަގަކުރެވުނީ ދާދި ކައިރީގައި ރޮވޭގޮތްވެފައި ހުރި މިސްކުއަށެވެ. ދޮރު ހުޅުވުމާއިއެކު ދެމީހުންނަށް އެކީގައި އެތެރެއަށް ވަދެވުނީ ފެނިދާނެ މަންޒަރަކަށްޓަކައި ބިރުން ހިތް ތެޅިތެޅިވާ ހާލުގައެވެ.

ކޮޓަރިތެރެއިން އަނާގެ ހިލަމެއްނުވުމުން ރާހިލް ފާޚާނާގެ ދޮރު ހުޅުވާލާގައި އެތެރެއަށް ބަލައިލާފައި ހިތް އިތުރަށް ބަރުވިހެން ހީވިއެވެ. ބެލްކަންޏަަށް ބަލައިލުމުން އަނާ ތިރިއަށް ފޭބިގޮތް ވިސްނައިގަންނާކަށް އުދަގުލެއްނުވިއެވެ. ބެލްކަންޏަށް ހިޔާއަޅާފައިވާ ބޮޑުގަހެއްގެ އެހީގައި އެކުއްޖާ ފުރާނައިން ބާޒީ މަރައިގެން ފިލައިގެން ދިޔައީކަން ޔަގީންވެ ރާހިލްގެ ހިތް ކުދިކުދިވެގެން ފައިބައިގަތެވެ. އަނާ އޭނަދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން ދުނިޔެއަށް ސާބިތުކޮށްދޭންވެގެން ކައިވެނި ކުރަން ތައްޔާރުވުމުން ފިލީއެވެ. ދެރަވީ ވަރަށް ރާހިލް ލަދުވެސްގަތެވެ. މޫނަށް ރަތްކުލަވެރިވާން ފެށިއެވެ. އިސްތަށިގަނޑަށް އަތްމަހާލިގޮތުން މިސްކު ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަނާ ލަސްވާތީ ފަލަކްނާޒް އައިއިރު އެެދެމީހުން އެކަނި ފެނުމުން މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.

"ކިހިނެއްވެގެން މިއުޅެނީ...." ފަލަކްނާޒް ސުވާލުކޮށްލިއެވެ.

"އަނާ.....އަނާ ނެތް..." މިސްކު ޖެހިލުންވެފައި ހުރެ ބުނެލިއެވެ.

"ކީކޭތަ؟ ކޮންތާކަށް ދެން އަނާ މިވަގުތު ދާނީ... " ފަލަކްނާޒް ވަށައިގެން ހޯދާލިއެވެ.

"މަމް، އަނާ ފިލައިގެން ދިޔައީ، މެރީ ކުރަން ބޭނުންނުވީމަ، ކުށްވެރިއަކީ އަހަރެން، އަނާ ބޭނުންނުވާއިރު..." ޖަޒުބާތުގެ ސަބަބުން ރާހިލްގެ އަޑު ބަދަލުވުމުން މިސްކުވެސް ހަމްދަރުދީވިއެވެ. އެރީތި ދެލޮލުން ކަރުނައިގެ އަސަރުވެސް ފެނުނެވެ. ނަމަވެސް އޭރު މިސްކުގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވިއްޖެއެވެ. އަނާ މަރުވާން މަސައްކަތްނުކޮށް ފިލައިގެން ކައިލަންގެ ކައިރިއަށް ގޮސްފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. މިސްކު އެދޭގޮތަކީ އެއީއެވެ.

"ނޫން، ދަރިފުޅުގެ ކުށެއްނެތް މިތާކު، މަންމައަކަށް ހިޔެއްނުވޭ އަނާ ފިލައިގެން ދާނެހެން، އަނާ އެހެނެއް ނަހަދާނެ، އަނާ އެހާ ނުބަޔެއްނުވާނެ...." ފަލަކްނާޒް އަނާގެ ނަމްބަަރަށް ގުޅަން އުޅެއުޅެފައި އެމަސައްކަތް ކާމިޔާބު ނުވުމުން ޔަޒީދަށް ގުޅަން އުޅެގަތްއިރު މޫނުމަތިން މާޔޫސްކަން ފާޅުވެ އެދެލޮލަށް ކަރުނަ ޖަމާވެގަތެވެ.

"ޔަގީން، އެ ގޮތްކުޑަ ކައިލަން އެކުއްޖާއަށް ދަސްކޮށްދީގެން އެކަހަލަ ކަމެއްކުރާނީ، އަނާއަކަށް ނުވިސްނޭނެ، އެކަހަލަ އެއްޗެއް ހިތަކަށްވެސް ނާރާނެ، ކިހާ ބަސްއަހައިގެން ބުނާގޮތަށް ހަދައިގެން ހުރީ، ހެދުން ރީއްޗޭ ކިޔާފައިވެސް އުޅުުނު، ކައިލަން އަނާ ފިލުވާނީ، ޔަގީންކަމާއިއެކު މިބުނަނީ." ކޮޓަރީގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާހުއްޓާ ޔަޒީދު އައިސް ވަނުމާއިއެކު ޔަޒީދުގެ ގައިގާ ހިފައިގެންފާ ރޮއިގަނެވިއްޖެއެވެ. މިސްކުވެސް ފެންކަޅިވިއެވެ. މިހާ ތައްޔާރުކޮށްފައި މެހުމާނުންތައް އައިސްފައި ތިއްބާ އަނާ އެފަދަ ކަމެއްކުރުމުން ފަލަކްނާޒްމެން ލަދުގަންނާނެވަރާއި ދެރަވާނެވަރު މިސްކުއަށް އިހުސާސް ކުރެވުނެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުމުން ޔަޒީދު އެދުނީ އެކަން އާއިލާއަށްވެސް ނާންގާ ސިއްރުކުރުމަށެވެ. ފަލަކްނާޒް ކުއްލިއަކަށް މާބޮޑަށް ބަލިވެގެން ރަސްމިއްޔާތު ކެންސަލް ކުރަން ޖެހުނީކަމަށް ބުނެފައި އައިއިރުވެސް ފަލަކްނާޒްގެ ލޮލުން ކަރުނަ ހިކޭގޮތެއްނުވިއެވެ.

މެހުމާނުންތައް ހުސްވުމުން ރާހިލް ސޯފާއެއްގައި ޖައްސާލިގޮތަށް ވިސްނުމަކަށް ގެއްލިފައި އިންއިރު އަލީސާ ރާހިލްއާއި އެކި ވާހަކަދައްކާ ހިތްހަމަޖައްސައިދޭން މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އެހިތަށް ފިނިކަމެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ އެންމެފަހު ވަގުތުގައި އަނާ އޭނަދެކެ ލޯބިނުވާކަން ސާބިތުކޮށްދިނީ ލަދުގަންނަވާލާފަދަ ގޮތަކަަށެވެ. އޭނަގެ ހިތަށް މިވަރުގެ އަނިޔާއެއް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ. ދެރަވީވަރުން އެންމެފަހުން އަލީސާގެ އުނގުގައި ބޯ އެޅިގޮތަށް ރާހިލް ރޮނީކަން އެނގިފައި އަލީސާގެ ލޮލުންވެސް ކަރުނަ ހިލޭގޮތްވިއެވެ.

"ރާހިލް ކެތްކުރޭ، އެނީއަށް އަދި ނުވިސްނެނީ، އޭނަ އެނބުރި އަންނާނެ، ހިޔެއްނުވޭ ކައިލަންވެސް އެނީގެ ފެމިލީގެ ނުގަބޫލުގައި އެކުއްޖާ ހައްލާލައިގެން އެފަދަ ރޭވުމެއް ރާވާނެހެނެއް، ކައިލަންއަކީ އެކަަހަލަ މީހެއް ނޫން، އައި ނޯ ހިމް ވެރީ ވެލް، ޕްލީޒް ހިތްވަރުކުރޭ ރާހިލް، އަސްލު ފަލަކްދައްތަމެން ޕޮލިހަށް ނާންގަން ނިންމީވެސް ރަގަޅަށް، ނޫސްތަކުގައި ނަން ޖެހީމަ އެނީވެސް ބަދުނާމުވުން ނޫންކަމެއްނުވާނެ، އައިމް ޝުއަރ އެނީ އަދި އެނބުރި އަންނާނެ...." އަލީސާ ރާހިލްގެ އިސްތަށިގަނޑުގައި ފިރުމަފިރުމާފައި ވާހަކަދެއްކިއިރު ފަލަކްނާޒްވެސް ސިޑިން ފައިބައިގެން އައިސް ބަލަން ހުރިއިރު އަލީސާގެ މޫނުމަތީގައި ޖަހަން ހިތަށް އެރިއެވެ. ދެވަނަފަހަރަށް މި މަންޒަރު ލޮލުގެ ކުރިމަތިން ސިފަވުމުން ކޮންމެ މީހަކަށްވެސް އުދަގޫވާނެއެވެ. ރާހިލްއާއި އަލީސާގެ އޮތް ގުޅުމާއިމެދު ސުވާލެއް ނުއުފެދި ފަލަކްނާޒް އަލީސާދެކެ ރުޅިއައީއެވެ. ފަލަކްނާޒް ވައިސޫރިއެއްހެން އެނބުރިލާފައި އަވަހަށްގޮސް ކޮޓަރިއަކަށްވަދެ ނިވާވެލިއެވެ.

ކައިލަންއާއި ޒާޔަލް ޑިއުޓީ ނިންމާލާފައި ގެއަށް އައިއިރު ކައިލަންގެ ތަބީއަތު އެހާ ރަގަޅެއްނޫނެވެ. ޒާޔަލްވެސް އެހާ ބުރަކޮށް އުޅެލާފައި އައިސް ކޮފީއެއް ބޯލަން ބޭނުންވެގެން ހޫނު ކޮފީއެއް ތައްޔާރުކޮށްލައިގެން ކޮޓަރިއަށް ވަނީ ކައިލަންވެސް ވާހަކަނުދައްކާ ހިމޭންކަން ޚިޔާރުކުރުމުންނެވެ. ކައިލަން ފެންވަރާ ތާޒާވެލައިގެން ސޯޓަކާއި ޓީޝާޓެއްލައިގެން ނުކުތީ ބެލްޖަހާއަޑަށެވެ. ދޮރު ހުޅުވާލިއިރު ފަލަކްނާޒްއާއިއެކު ރާހިލް ފެނުމުން ކައިލަން އެމީހުން ވަންނަން ތަންދެއްކިއެވެ.

"ޑޮކްޓަރ ކައިލަން، އަހަރެން މިއައީ އަނާ ވީތަނެއް އޮޅުން ފިލުވަންް، އެކަންތައް އެންމެ ރަގަޅަށް އެނގޭނެ މީހަކީ ތިއީކަން އަހަންނަށް ޔަގީންވާތީ މިތަނަށް މިއައީ، ޕޮލިހަށް ނުގޮސް މިއައީ، ރުހުމުން އަހަރެމެންގެ ކުއްޖާ ހަވާލުކުރޭ ނޫނީ ފުލުހުން ގެންދިޔައީމަ މާ ރީއްޗެއް ނުވާނެ...." ފަލަކްނާޒްގެ ތުންފަތް ރޮގެއްހެން ހިމަކޮށްލާފައި ހުރިގޮތުންނާއި އަޑުގެ ހަރުކަށިކަމުން ކައިލަން ޖެހިލުމެއްނުވިއެވެ.

"އަނާ މިގެއަކަށް ނާދޭ...." ކައިލަންގެ ދެބުމަގޮށް ޖެހުނީ ރާހިލްއާއި ހަތަރުކަޅިހަމަވެފައެވެ. ހަތަރުލޮލުންވެސް ފެނުނީ ފޫހިކަމާއި ރުޅިވެރިކަމެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފްރަތު ކުރާކަމެވެ.

"މިގެއަށް އަޔެކޭ ނޫން މިބުނަނީ، އޭނަވީތަނެއް އެންމެ ރަގަޅަށް އެނގޭނެ މީހަކީ ތިއީ..." ރާހިލް މުށްކެވިފައިވާ އަތް ޖީބަށް ޖަހައިލަމުން ކައިލަންއަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. އޭރު ރާހިލްގެ ބޮޑީގާޑުވެސް ތަންކޮޅެއް ދުރުގައި ހުރިތަން ކައިލަންއަށް ފެނުނެވެ.

"އަހަރެން މިބުނާ އެއްޗެއް ގަބޫލުނުކުރަންޏާ އަހަރެން ކުރާނެކަމެއްނެތް، އަނާ ފިލައިގެން ދިޔައީތަ؟ " ކައިލަންގެ ދެލޮލުގައިވާ ޝުޢޫރުތައް ކުއްލިއަކަށް ބަދަލުވެގެން ދިޔައީ ވެގެން އުޅޭގޮތެއް ވިސްނި ހާސްވިވަރުންނެވެ. އާއިލާއަށް ފިލިއިރު އޭނަ ކައިރީގައި އަނާ ނުބުނެ ވަކިދާނީ ކޮންތާކަށް ހެއްޔެވެ؟ މާލެއަކީވެސް ރައްކާތެރިތަނެއް ނޫނެވެ. އަނާ އެވަރުގެ މޮޔަކަމެއްކުރީ ކީއްވެހެއްޔެވެ؟ ކައިލަންގެ ހިތަށް ބިރުވެރިކަން ވަނުމާއިއެކު ފޯނަށް ވެސް ބަލައިލެވުނީ އަނާ މެސެޖެއްކޮށްފާނެކަމުގެ އުއްމީދުގައެވެ. ރާހިލް ކައިލަންގެ އަތުގައިވާ ފޯނު ދަމައިގަތީ ރުޅިއައިސްގެން ކެތްތެރިކަން ކޮޅުންލާފައި ހުރެގެންނެވެ.

"ކަލެއަށް ރަގަޅަށް އެނގިހުރެ ދޮގުހަދަންޏާ އަހަންނަށްވުރެ ނުލަފާ މީހެއް ނެތްކަން އަންގަފާނަން، ހަނދާންކުރާތި، އަނާގެ ގައިގާ އިނގިލި ކުރި ޖައްސާލިޔަސް އަތް ބިންދާލާނަން..." ރާހިލް ކައިލަން ކޮށްޕާލިއިރު ޒާޔަލްވެސް އަޑުގަދަވެގެން ދޮރު ހުޅުވާލާފައި ބޭރަށް ނުކުތީއެވެ. ފަލަކްނާޒް އަމިއްލަ ގެއެއްފަދައިން އެތެރެއަށްވަދެ އެތަންމިތަނަށް ބޯކޮށްޕާފައި ހޭވިއިރުވެސް ޒާޔަލްއާއި ކައިލަން ތިބީ ހިމޭނުންނެވެ. ބަލާނެވަރަަކަށް ބަލާފައި ދިޔުމުން ކައިލަން ހާސްކަމާއިއެކުގައި ސޯފާއަށް ވެއްޓިގަތްތަން ފެނިފައި ޒާޔަލް ހަމްދަރުދީވިއެވެ. ކޮއްކޮ އުޅޭ ހާލު ކުރިމަތިން އަބަދު ފެންނާތީ އޭނަ މިހުންނަނީ އެހިތާމަ ފިލުވަން ކުރާނެކަމެއް ނޭގިފައެވެ.

ކައިލަން ބަލިމީހުން ބަލަން ހުރިއިރުވެސް ދޭތެރެއަކުން އަނާގެ މަތިން ހަނދާންވެ ހިތުގައި ވާ ރިހުން އިތުރުވެގަނެއެވެ. ދޭތެރެއަކުން ކޮފީއެއް ބޯލެވެނީ ސިކުނޑީގެ ނާރުތަކުގެ ވާންކަން ކަނޑުވާލުމަށެވެ. އެހާލުގައި ހުއްޓާ ފަލަކްނާޒްގެ ކެބިންއިން ކޯލެއް އައިސްގެން ދާއިރަށް ލިބުނީ އަދި ސިހުން ގެނުވި ޚަބަރެކެވެ. ސޯޅައަހަރުގެ ކުއްޖަކާއި ބެހެން އުޅުނުކަމުގެ ރިޕޯޓެއް އޮފީހަށް ލިބުނީއެވެ. އެކުއްޖާގެ މައިންބަފައިން އެކަމާއި ހިތްހަމަނުޖެހިގެން ކޯޓަށް ދާނެކަންވެސް ވަނީ އަންގާފައެވެ. އެކުއްޖާ އެކަނިކޮށްލައިގެން ކައިލަން ކުރިކަމެއް ބުނާށޭ ކިޔާފައި ފަލަކްނާޒް ސުވާލުކުރަން ފެށުމުން ކައިލަން އިނީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. އެކުއްޖާގެ މައިންބަފައިންގެ ނަން އެނގޭއިރަށް ކައިލަން ރުޅިގަދަވިއެވެ. މުއްސަދި ހުރިހާ މީހުންވެސް ކުށެއްނެތް މީހުން ފްރޭމްކުރަން އުޅެނީހެއްޔެވެ؟ ރުކާން އަކީ އިހަށް ދުވަހު ރެޖިސްޓްރީ ކޮށްގެން ދައްކަން ގެނައި ފަލަކްނާޒްގެ އެކުވެރިއެއްގެ ދަރިއެކެވެ. ކައިލަން އެފިރިހެންކުއްޖާ އެކަނިކޮށްލައިގެން ވާހަކަދެއްކިކަން އެއީ ތެދެކެވެ. ނަމަވެސް އެކޮޓަރީގައި ކެމެރާ ހަރުކޮށްފައިވާއިރު އޭނަގެ ކުށެއްނެތްކަން އެނގޭނެއޭ ބުނުމުން ފަލަކްނާޒްބުނީ ކައިލަން ހުރީ އެއާއި ކުޅެފައި ކަމަށެވެ.

އެދުވަހު ކައިލަން އެތާ ޑިސިޕްލިނަރީ ކޮމިޓީއިން ގެންގޮސްފައި ވާހަކަދައްކާ އޭނަ ސަސްޕެންޑް ކުރުމުން ކައިލަން ހުރީ ވަރަށް ދެރަވެފައެވެ. ހޮސްޕިޓަލުގެ މެނޭޖްމެންޓުންވެސް ކަންތައްތަކެއް އޮޅުވާލައިގެން އޭނަގެ ބޮލުގައި އެކަން އަޅުވަން މަސައްކަތްކުރާކަން އެނގުމުން މާ ބޮޑަށް ހިތްދަތިވިއެވެ. އޭނަ ދެއްކި ވާހަކަތައް އެކަކަށްވެސް ދޭހައެއް ނުވިއެވެ. ނޫނީ ގަސްތުގައި އެނގި ތިބެ އެރޭވުމުގައި ބައިވެރިވީއެވެ. ފަލަކްނާޒް އެހެރީ އޭނަގެ ކިބައިން ބަދަލުހިފަން އަތުކުރި އޮޅާލާފައެވެ. އޭނަގެ ކެރިއަރ ހަލާކުކޮށްލަންވެގެން އެކުރިކަމަކުން އޭނަގެ އަބުރާއި އިއްޒަތްވެސް ވެއްޔާއި މޮޑެވިގެން ދަނީއެވެ. އެދުވަހު ޕޮލިސް ކޭސްއެއް ފައިލް ކުރެވިގެން ކައިލަން އެތަނަށް ހާޟިރުކުރެވުނެވެ. ރުކާން ބުނީ ކައިލަން އޭނަ ބަލާށޭ ކިޔާފައި އެނދުގައި ބާއްވާފައި އަތްނުލާން ވާ ތަންތަނުގައި އަތްލީކަމަށެވެ. އެބަހުގައި ރުކާން ހިފެހެއްޓިގޮތަށް ދޫނުކުރިއެވެ. ކައިލަން އިތުރަށް ބުނާނީ ކީކޭހެއްޔެވެ؟

މުޅި ހޮސްޕިޓަލުގައި އޮތީ އެވާހަކައެވެ. ނަފްސާނީ ޑޮކްޓަރަކު ކުޑަފިރިހެންކުއްޖެއްގެ ގަޔަށް އަތްލީ ވާހަކަ އެންމެން ދައްކާއިރު ކައިލަންގެ މަންމައާއި ގުޅުވައިގެންވެސް އެވާހަކަދެކެވުނެވެ. ނަމަވެސް ގިނަ އަންހެންކުދިން އެކަން ގަބޫލެއްވެސް ނުކުރިއެވެ. ބައެއްކުދިން ބުނާގޮތުން ކައިލަން އަންހެންކުދިންނާއި ދުރުން އުޅެނީ "ގޭއި" ވީމައެވެ. ރުކާންފަދަ ރީތި ފިރިހެންކުއްޖެއް ފެނުނީމަ ކައިލަންއަށްވެސް ނުހުރެވުނީއެވެ. އޭނަގެ އަސްލު ހާމަކުރަން ރުކާން މެދުވެރިއަކަށް ވީއެވެ.

ލިބުނު ހިތާމައާއިއެކު އެޕާޓްމެންޓަށް އައުމަށްފަހު ކޮޓަރިން ނުކުންނަ ހިތްނުވެފައި ކައިލަން އޮތްވާ އިރުއޮއްސި އަނދިރިކަން ވެރިވާންފަށައިފިއެވެ. އެއަނދިރިކަން ހަޔާތާއި ގުޅެއޭ ކައިލަންގެ ހިތަށް އެރިއެވެ. އެހެންއޮތްވާ ޒޫނީ ވަދެ ބޮކި ދިއްލާލާފައި ކައިރިއަށް އައިސް މަގަތުގައި އިށީދެފައި ގޮވާލިއެވެ.

"މަންމައަށް ވެގެން އުޅޭގޮތް އެނގިއްޖެ، އެއްވެސް ކުށަކާއި ނުލައި ދަރިފުޅު އެތަނުން ވަކިކޮށްލީތަ؟ ހަމަ އެކަނި މި މަންމަގެ ދަރިއަކަށްވީމަތަ؟ ރަހުމެއްވެސް ނެތްބަޔެއްދޯ، އިރާދަކުރެއްވިއްޔާ މަންމަގެ ހެޔޮ ދުޢާތައް އަބަދު ދަރިފުޅާއިއެކު ވާނެ، ދެރަނުވޭ..... " ހަމްދަރުދީ ލިބުމުން ކައިލަން މަންމަގެ އުނގުގައި ބޯއެޅިއެވެ. މަންމައަށް އެ ޚަބަރު އެނގޭނީ ޒާޔަލްގެ ފުށުންކަން އޭނައަށް އެނގުނެވެ. ޒޫނީ އެހާ ދެރަވެފައި އިންދާ ބެލް ޖެހިއަޑަށް ޒާޔަލް އައީ އޭ ކިޔާފައިގޮސް ހުޅުވާލި ދޮރުން އަންހެންކުއްޖަކު ސަލާމްގޮވާލަފައި އެތެރެއަށް ވަންތަން ފެނިފައި ޒޫނީ ހުރީ ހައިރާންކަމާއިއެކު ބަލާށެވެ. ފިޔާތޮށިކުލައިގެ ހެދުމަކާއިއެކު ނޫ ޖިންސެއްލާފައި ކުރުކޮށް ސްކާފް އަޅާލައިގެން ހުރިއިރު ރީތިކަމުން ހީވީ ޕަރީއެއްެފެނުނުހެންނެވެ. ހައިރާންވާފަދަ މައުސޫމްކަމެއް އެދެލޮލުގައިވިއެވެ. ކުޑަ ސިހުމެއްވެސް ވިއެވެ.

"ކައި...ކައިލަން އެބައުޅުއްވާތޯ..." އަނާ އަހާލައިފިއެވެ. ޒޫނީ ދެވަނަ ފަހަރަށް ރަގަޅަށް އެމޫނަށް ބަލާލުމާއިއެކު އެއްޗެއް ވިސްނިގެން އަވަހަށް އަނާގެ އަތުގައި ހިފިގޮތުން ހީވީ ގެއްލިދާނެތީ އުޅެގަތްހެންނެވެ. ނޫނީ އަނާ ދުވެ ރައްކާވެދާނެތީ ހައްޔަރުކޮށްލަން ބޭނުންވިހެންނެވެ. އަނާގެ އަތުގައި ހިފައިގެން އަވަހަށްގޮސް ކައިލަންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވައްދާފައި ޒޫނީ ގޮސް ގޭގެ ދޮރު ތަޅުލައިގަތްއިރު އޭނަގެ ހިތް ހީވަނީ ބޭރަށް ފުންމާލަފާނެހެންނެވެ. ފަލަކްނާޒް ޖަވާހިރެއްފަދައިން ގެންގުޅޭ ދަރިފުޅަކީ އެއީތާއެވެ. ދެން ކައިލަންގެ މީހަކަށްވެގެން ނޫނީ އެކުއްޖާއަށް މިގެއަކުން ނުނިކުމެވޭނެއެވެ. އޭނަ މިހިރީ ކޮންމެފަދަ އަގެއްދީގެންވެސް އެކަން ކުރުވާށެވެ. ޒޫނީގެ ތުންފަތްމައްޗަށް މާނަވީ ހިނިތުންވުމެއްވެރިވެގެން ދިޔައެވެ.

ކައިލަން ޖިންސްގެ ގޮށް އަޅުވަމުން ފާޚާނާއިން ނުކުތްއިރު އަނާ އެނދުގައި އިށީދެލައިގެން އިންތަން ފެނިފައި ފިޔަވަޅުތައް ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލާފައި އެއްޗެކޭ ބުނަން ކައިލަން އުޅުނުއިރު އެރީތި މޫނަށް އެތައް އަސަރުތަކެއްވެރިވެއްޖެއެވެ. ދެވަނަ ސިކުންތުކޮޅުގައި އަނާ އޭނަގެ މޭގައި މޫނު ފޮރުވިގޮތަށް ރަގަޅަށްވެސް ރޯންފެށިއެވެ.

"ކައި އަހަރެން ކިހިނެއް ހަދަންވީ؟ " އަނާ ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ކައިލަންއަށް އަނާ ދުރުކޮށްލާނެގޮތެއްވެސް ނޭގުނެވެ. ކައިލަންވެސް އަނާގެ އިސްތަށިގަނޑުގައި ފިރުމާލަފައި ނުރޯން އެދި ވާހަކަދައްކަމުންގޮސް އަނާ އެނދުގައި ބޭންދިއެވެ. މަންމަމެން އަނާ ގެއްލިގެން ހޯދަން މިގެއަށް އައިކަމަށްވެސް ބުނެލިއެވެ.

"ކައި، އަހަރެން ބޭނުމެއްނޫން ރާހިލްއާއި މެރީކުރަން، އެހެންވެ ފިލައިގެން ދާން މަޖުބޫރުވީ، އެވަރަށް ބުނީމަވެސް އަހަރެން ބުނި އެއްޗެއް އަޑުއެހުމަކީ އެކަކުވެސް ކުރަން ބޭނުންކަމަކަށްނުވި، ކައިދެކެ ލޯބިވާ ވާހަކަ ބުނީމަ ބުނާނެ ކުޑަކުއްޖެކޭ، މީހަކާއި އިންނަންވީމަ ބޮޑުމީހަކަށްވީ، އަހަންނަށްވެސް މަންމަމެން ހިތުގައި ޖައްސާފައި މިގޮތަށް ފިލައިގެން އުޅުން ފަސޭހަކަމަކަށްނުވޭ، އެކަމަކު އައިމް ހެލްޕްލެސް، ކައި ބުނެބަލަ، މިވަރުންވެސް ދުނިޔޭގައި އުޅެންވީތަ؟ "އަނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މުތީތައްފަދައިން ކޯތާފަތްމަތިން ތިރިއަށްދާތަން ބަލަން ކައިލަންއަށް ވެސް ކެތްކުރެވެނީއެއް ނޫނެވެ. އެއީ ކުށެއްކަމަށް ގަބޫލުކުރެވުމާއި އެކުގައިވެސް ކޯތާފަތް ފޮހެލަދެމުން ނުރޯށޭ ބުނެވުނުއިރު އަނާގެ އިނގިލިތައް ކައިލަންގެ އަތާއި ލާމެހިގެން ދިޔައެވެ. އެ ނާޒުކް އަތުގައި ހިފާލެވުމުންވެސް ކައިލަންގެ ޖިސްމުގައި ހުޅުރޯވިފަދަ އިހުސާސްތަކެއް ކުރެވުނެވެ. އެހާވަރުންވެސް ކައިލަން އެކަމަށް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ. އެދެމީހުން ގުޅުމަކީ ވާނެކަމެއްނޫންކަމަށް އޭނައަށް ގަބޫލުކުރެވިފައިވަނީ އެވެ. ކިތަންމެ ލޯބި ވިޔަސް އެދެމީހުން ގުޅެން ހާލަތު ތަނެއް ނުދެއެވެ. ކައިލަން ވަރަށް ވާހަކަދައްކައިގެން އަނާ ހަމަޔަކަށް އެޅި ހިނިތުންވެލިއެވެ.

ޒާޔަލް ގެއަށް އައިއިރު މަންމައާއި ކައިލަންއާއިއެކު އަނާ ކާން އިންތަން ފެނިފައި ހިތް އުފަލުން ނަށާލިއެވެ. އޭނަ ހީކުރީ ފަލަކްނާޒްމެންނަށް ގޮން ޖަހާލަންވެސް މިފަހަރު ކައިލަން އަނާއާއި އިނދެފައި ނޫނީ ހުއްޓާނުލާނެކަމަށެވެ. އަނާ ހަގީގަތުގައި ފިލައިގެން އައީވެސް ކައިލަންގެ ރޭވުމަކުންކަމަށް ހީކުރެވުނެވެ. ނަމަވެސް ކެއުމުގައި ބައިވެރިވެ އަހާލުމުން އެނގުނީ އަނާ ފިލައިގެންގޮސް އުޅުނީ ގެސްޓްހައުސްއެއްގައިކަމެވެ. އެގޭގައި ދަންނަ އަންހެންކުއްޖަކު ހުރުމުން އެހާ ފަސޭހައިން ހަމަޖެހުނީކަމަށާއި މިގެއަށް އަންނަން ނިންމީ އެކުވެރިޔާގެ ބޭބެގެ އުދަގޫތައް ފޯރާން ފެށުމުން ކަމަށެވެ. އެހެން މީހުންނަށް އިތުބާރުކުރަން އަނާއަށް އުދަގޫވެފައިވާ ކަމުގައެވެ. ތިން ކޮޓަރި ހުރުމުން އަނާއަށް އެއްކޮޓަރި ހުސްކޮށްދީފައި ޒާޔަލް ކައިލަންގެ ކޮޓަރިއަށް އެރޭ ބަދަލުވިއެވެ. ފަހުން ވެދާނެ ކަމަކަށް ޚިޔާލުނުކޮށް ހުރި އަނާ ހުރީ މިރޭ އިންތިހާއަށް އުފާވެފައެވެ. އެރީތި މޫނު އުފަލުން ބަބުޅައެވެ.

ކޮޓަރިއަށް ވަނުމަށްފަހުގައި އަނާ އެކަނިވެރިވާންފެށިއެވެ. އާ ސިމެއް ނަގާފައި އޮތުމުން ކައިލަންއަށް ގުޅާކަށް އުދަގުލެއްނޫނެވެ. ނަމަވެސް ކައިލަން އޭނަދެކެ ލޯބިވާކަމަށް އެއްބަސްނުވަންޏާ ގުޅާފައި އަންނަން ބުނަން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟ ޑޮކްޓަރެއްގެ ހައިސިއްޔަތުންވެސް ކައިލަން މިދަންވަރު އަނާގެ ކޮޓަރިއަށް ނާންނާނެއެވެ. އަނާ އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އެންމެފަހުން ބޭރަށް ނުކުތީ ފެންތަށްޓެއް ބޯލުމަށެވެ. ދެތިން ފެންތަށި ދަމާލުމުންވެސް އެތެރެހަށީގެ އުދާސްކަމަށް ބަދަލެއްނައެވެ.

"ނުނިދިގެންތަ އަނާ...." ޒޫނީ ކޮޓަރީގެ ދޮރު ހުޅުވާލިތަން ފެނިފައި އަނާ ރަކިވިއެވެ.

"ހޫމް، މިރޭ ހޫނުކަމުން....." އަނާ ބުނެލިއެވެ.

"މިރޭ މާރާމާރީއެއް ހިންގައިގެން މާ ގިނަބަޔަކު ޒަޚަމްވެގެން ޒާޔަލްވެސް ހިނގައްޖެ، ކައި އެކަނި ރޫމްގައި، އެކަނިވަންޏާ ގޮޮވާލާފައި ވާހަކަދައްކަން ދޭބަލަ، ކޮފީވެސް ހަދާދީފާނަން، މަވެސް ބޭރަށް ދާންކަމަށް..." ޒޫނީ ކޮފީ ގިރަން އުޅެގަތުމުން އަނާ އެކަމަށް ދެކޮޅުހެދިއެވެ. ނަމަވެސް ޒޫނީ ކުރުނުކޮށް ދެތަށި ކޮފީ ހަދާފައިގޮސް ކައިލަންއަށްވެސް ގޮވާފައި ސިއްރުން ކައިލަންގެ ކަންފަތްދޮށުގައި ބުނެލި ވާހަކައަކުން ކައިލަން ފުންމައިގެން ތެދުވިއެވެ. އަނާ އަމިއްލައަށް މަރުވާންވެސް އުޅެފާނެކަމަށާއި މޮޔައެއްހެން އެކަނި އުޅެނިކޮށް ކޮފީ ހަދާދީފިކަމަށް ބުނެފައި ޒޫނީ އެދުނީ ކައިލަން އަނާއާއި ވާހަކަދައްކާ އެކުއްޖާ ހަމަޔަކަށް އެޅުވުމަށެވެ. ޒޫނީގެ ދައްތަގެ ދަރިއަކުވެސް ބަލިވެގެން އުޅޭކަމަށާއި އެގެއަށް ދާންވެގެން އޭނަ ތެދުވެގެން އައިއިރު އަނާ އެކަނި ހުރިތަން ފެނުނީކަމަށް ބުނެފައި ޒޫނީވެސް އެދަންވަރު އެދެޒުވާނުން އެކަނި ގޭގައި ބައިތިއްބާފައި ގެއިން ދިޔައީއެވެ. ކައިލަން ޓީޝާޓެއް ވައްޓާލައިގެން ބޭރަށް ނުކުތްއިރު އަނާ އިނީ ސޯފާގައި ކޮފީތަށީގައި ދެއަތުން ހިފާލައިގެން މާ ދުރަށް ބަލަހައްޓައިގެންނެވެ.

"ކީއްވެ ނުނިދުނީ؟ " ކައިލަން ގެ ކޮފީތަށިވެސް ހޫނުގަދަކަމުން ދުންއަރާހެން ހީވިއެވެ.

"ކައި ނަފްސާނީ ޑޮކްޓަރެއްވީމަ އަހަރެން ވިސްނާގޮތް އެނގޭނެއްނު، އަހަރެން ހިތަށް އަރާ ސުއިސައިޑްވާނީއޭވެސް، އެދުވަހު އަހަރެން ވާހަކައެއް އެހީމަ ކައި ބުނީމެއްނު ކޮންމެވެސް ފިލްމެއްބަލައިގެން ސުވާލުގެ ޖަވާބުހޯދާށޭ، އެފަހުން އަހަރެންގެ ހިތަށް އެރީ އުސްތަނަކުން ފުންމާލަން...." އަނާ ކުޑަކޮށް ލާނެތްވެލިއެވެ.

"އޯ މައިގޯޑް..." ކައިލަން އެޖުމްލަ ބުނެލިލެއް ރީތިކަމުން އަނާއަށް ހީވީ ތަކުރާރުކޮށް އެޖުމްލަ ކަންފަތްދަށުގައި މީހަކު ކިޔަމުންދާހެންނެވެ. އޭނަ އެފިލްމް ބަލައިގެން ހޯދަން ބުނި މެސެޖް ނޫން އެހެން މެސެޖެއް އަނާ ނެގިކަން އެނގުމުން ހައިރާންވިއެވެ.

"ކައި، ޔޫ އާރ ކިލިން މީ....." އަނާ އެހެން ބުނެލާފައި އިސްއުފުލާލާފައި ބަލައިލިއެވެ.

"ކީއްވެ ތިހެން ބުނީ؟ "ކައިލަން ބުމަ އަރުވާލިއެވެ.

"އެނގެއެއްނު ދެން..." އަނާ ފުންނޭވައެއްލިއެވެ. ކައިލަން މޭޒަށް ކުޑަކޮށް ލެނގިލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ނިދަން އޮވެލާފައި އައިއިރުވެސް ހާދަ ތާޒާވެފައި ރީއްޗެވެ. ފިރިހެންވަންތަކަމުގެ ދެވަނައެއްނެތެވެ. އެންމެ ރީތިވަނީ ކުޑަކޮށް ތުނބުޅި ފަޅާފައި ހުރީމައެވެ. އަނާގެ ހިތް ބޭގަރާރުވިއެވެ. އެމޫނުގައި އަތް ޖައްސާލަން ހިތްއެދުނެވެ. މިއެޕާޓްމެންޓްގައި އެދެމީހުން ނޫން ބަޔަކު މިގަޑީގައި ނެތްކަމާއި ދަންވަރު ވަގުތުކަން ހިތަށް އަރާފައިވެސް އަނާގެ ހިތުގައި އެހެންކަންތައް ތަކެއް އެނބުރެން ފެށިއެވެ. ފިރިހެނަކާއި އަންހެނަކު ބަންދުތަނެއްގައި ތިބެއްޖެއްޔާ ތިންވަނަ ފަރާތަކަށް ޝައިތާނާ ހުންނާނެކަމަށް އަމިއްލަ ނަފުސްވެސް ގަބޫލުކުރިއެވެ. ކައިލަންއަށްވެސް އަނާގެ މޫނަށް ބެލުނުގޮތަށް ދުރުބަލައިލާކަށް ނޭގުނެވެ. ކައިލަން އަމިއްލަ ހިއްސުތައް ހަމަޔަކަށް އަޅުވާލާފައި އަނެއް ފަރާތަށް އެނބުރުނުއިރު އަނާވެސް ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި އެތަނުން ދާން އުޅުނެވެ. އެވަގުތު އަނާއަށް ބަލައިނުލެވުމުގެ ސަބަބުން އަތަށް ހޫނު ކޮފީ ވެރި އައުޗްއޭ ކިޔާލެވިއްޖެއެވެ. ކައިލަން އަނާގެ އަތުގައި ބޭސްލާދޭން ފެށުމުން ފިނިވެ އަރާމުވީ އެކަނި ޒަޚަމްތަކަށް ނޫނެވެ. އުދާސްވެފައިވާ ހިތްވެސް ގަނޑުފެނުން ތެންމާލަދިން ފަދަ އިހުސާސެް ކުރެވި ގައިން ހީބިިހި ނަގައިގަނެއްޖެއެވެ.

"ތިހާ ކެއަރ ކުރަނީ ކީއްވެ؟" އަނާ ހުރީ ކަޅިވެސް ޖަހާނުލާ ކައިލަންގެ މޫނަށް ބަލާށެވެ.

"އަހަރެންގެ ޕޭޝަންޓަކަށްވީމަ.." ކައިލަން ބޭސްއުރަ ކަބަޑަށް ލާފައި އެނބުރުނެވެ.

"ނޫން، އެހެނެއްނޫން، ކައި ކޮންމެ ކޮންމެ ޕޭޝަންޓަކާއިއެކު ހުރިހާ ކަމެއްވެސް ނުކުރާނެ، އެނގެއެއްނު.. އެދުވަހުވެސް، ޔޫ...ޔޫ ޑިޑް...ސަމްތިންއެއް ނު....." އަނާ ކޮފީތަށި ބޮމުން ދިޔަވަރަކަށް ވާހަކައަށް ބަދަލު އަންނަމުން ދިޔައެވެ. ހީހީފައި ކައިލަންގެ ޓީޝާޓަށް ދަމާ އަތުގައި ހިފާ ކުދި ގޯނާކުރަންފެށިއެވެ. އޭރު ދެމީހުންވެސް ކޮފީތަށި ބޮއި ނިންމާލާފައި ޖައްސާލީ ސޯފާގައެވެ. ގިނައިރުވަމުން ދިޔަވަރަކަށް ކުރެވުނު ސަމާސާތައް ބޮޑުވެ އެންމެފަހުން ކައިލަންއަށް އަމިއްލަ ނަފުސްގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ހިނގައްޖެއެވެ. އޭރު އަނާގެ ޝޯލްއާއި ލައިގެން ހުރި ގަމީސްއޮތީ ދޫލަމަތީގައެވެ. އެހާވަރުންވެސް ވަކި ހައްދެއްގެތެރޭގައި އުޅެން ކައިލަންގެ ސިކުނޑީގެ ކަނަކުން އިންޒާރުކުރިއެވެ.

އެޕާޓްމެންޓްގެ ދޮރު ހުޅުވާލެވުނު އަޑާއިއެކުގައި ފިޔަވަޅުތަކެއްގެ އަޑު ކައިރިވަމުންއައިސް ސޯފާއާއި ހަމައިން ހުއްޓުނެވެ. އެދެމީހުންގެ ގާތްކަމުން ދެކޭމީހެއްގެ ސިކުނޑިއަށް ނަގައިގަނެވޭނީ މުޅިން އެހެން އެއްޗެކެވެ. ކައިލަންގެ ރަގަޅުކަމާއި އަނާގެ މައުސޫމްކަން ހާމަވުމުގެ ބަދަލުގައި އެދެކުދިންނާއިމެދު ޝައްކުވުން ނޫންކަމެއް ނުވާނެއެވެ.

ކޮމެންޓް 0