"މަންމަތަ؟ " ކައިލަން ހިސާބަަކަށް ކަންބޮޑުވެފައި އަހާލިއެވެ. ޒާޔަލް ބުނީ އޭނަގެ މަންމަ އަތުގައި ތަޅުދަނޑި އޮންނާނެކަމަށާއި އެވާނީ ކޮންމެވެސް އެެހެން މީހެއް ކަމަށެވެ. ކައިލަންގޮސް ދޮރު ހުޅުވައިލާފައި ބުމަ އަރުވާލާފައި ލޮލަށް ގޮތެއް ހަދައިލީ ގަބޫލުނުކުރެވިފައެވެ. ދޮރުމަތީގައި ހުރިކުއްޖާ ފެނިފައި ފުރަތަމަ އަނާކަމަށް ޤަބޫލުކުރުން ދަތިވިއެވެ. އަނާގެ ދިގު އިސްތަށިިގަނޑު އޮތީ ކަނދުރާއާއި ހަމަޔަށް ކޮށާލާ މުށިކުލައަކުން ޑައިކޮށްލާފައެވެ. މުށިކުލައިގެ ދެލޮލާއި ވަރަށް ގުޅެއެވެ. ބޯކަމުންނާއި ފަންކަމުން ލުއި ވައިރޯޅިއަކަށްވެސް އެއިސްތަށިގަނޑުގައި ސިއްރުންވެސް ބީހިލެވޭކަމަކަށްނުވެއެވެ.

"ނިއު ލުކް...ވަރަށް ޕްރިޓީ.." ނުބުނަން ހުއްޓާވެސް ކައިލަންގެ ހިތުގެ އަޑު ދުލާއި ހަމަޔަށް ފޯރިއެވެ. އަނދިރިކަމުގެ ތެރެއިންވެސް އަނާގެ ކޯތާފަތަށް ވެރިވި ރަތްކުލަ ފާހަގަވިއެވެ. ކައިލަންގެ އެންމެ ތޫނު ބަލައިލުމަކުން ކުރި އަސަރަކުން "ތެންކިއު" އޭބުނެލާކަށްވެސް އަނާއަކަށް ނޭގުނެވެ. އަނާ ދޮރުން އެތެރެއަށް އެޅި ފިޔަވަޅާއި އެކުގައި ޒާޔަލް ފެނިފައި ކަންބޮޑުވިއެވެ. އެތާ ދިއްލާފައިވާ އޮރެންޖް އަލި އަނާގެ މޫނަށް އެޅުމުން ފެންނަލެއް ލޯބިކަމުން ޒާޔަލްއަށްވެސް ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުވިއެވެ.

"އަހަރެމެންނަށް އެކަނި ވާހަކަ ދައްކާލެވިދާނެތަ؟ "އަނާ ރަކިވިއެވެ.

"އޮފްކޯސް..." ކައިލަން ހުރީ ޒާޔަލް ވިސްނަފާނެގޮތަކާއިމެދުގައި ނުތަނަވަސްވެފައެވެ. އޭނަ އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލާއިރަށް އަނާ އެތެރެއަށް ދެމިގަތެވެ. ކައިލަން ދޮރު ލައްޕާލަމުން އެނބުރުނުއިރު ޒާޔަލް ހުރީ ހިތްހަމަނުޖެހިފައިވާގޮތަކަށް ބަލާށެވެ. ހީވެސްނުލުމުން ކައިލަންގެ ނުތަނަވަސްކަން އިތުރުވިއެވެ.

"އަނާ، ރޭގަނޑު މިގެއަށް އައުމަކީ އަހަރެން ހިތްހަމަޖެހޭ ކަމެއްނޫން، މަންމައަށް އެނގިގެންތަ ތިއައީ؟ "ކައިލަން ސީރިޔަސްވެފައި ހަށަން ބަދެލިތަން ފެނިފައި އަނާ ލަދުގަތެވެ.

"ނޫން، އެންމެނަށް ސިއްރުން މީޓްކުރަން މިއައީ..." އަނާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"އެއީ ކީއްވެތަ؟ އަނާ ނުޖެހޭނެ ދޯ މަންމަމެންނަށް ފިލައިގެން އުޅޭކަށް.." ކައިލަން މަޑުމައިތިރިކޮށް ވާހަކަދެއްކިޔަސް އަޑުގައި ހަރުކަށިކަމެއްވިއެވެ.

"ކޮންމެވެސް ސަބަބަކާއިހުރެ މަންމަ ކައި ދެކެ ވަރަށް ގަދަޔަށް ރުޅިއައިސްފައި ހުރީ، ބުނި ދެން އަނާގެ ސައިކޭޓްރިސްޓަކީ އެހެން މީހެކޭ، ކައިލަންއާއި ވާހަކަނުދައްކާށޯ، ފެންނަ ހިސާބަށްވެސް ގޮސްގެން ނުވާނެޔޯ، ސަބަބު އަހާލީމަ މަންމަ ބުނީ ކައިލަން ބޭޑް އޭ، ބަޓް އައި ޑޯންޓް ބިލީވް އިޓް، ކައި ގޯސްމީހަކަށް ވިޔަސް ވާހަކަދައްކަން ތިހާ ބޭނުންވާ މީހެއްނެތް، މިއަށްވުރެ މާ ހިތަށް ފަސޭހަވާނެ މަރުވިޔަސް، ޕްލީޒް ބުނެބަލަ ހަދަންވީގޮތެއް، އެއްކަންތައް ރަގަޅުވާއިރަށް އެހެން ކަމެއް ދިމާވަނީ ކީއްވެތަ؟"އަނާގެ ދެލޮލުގައި ކަރުނަ ވިދާތަން ފެނުމުން ކައިލަން ދުރަށް ބަލަންފެށިއެވެ.

"އަނާ، މަންމަ ބުނާގޮތަށް ހަދާ..." ކައިލަންގެ ވާހަކަ ކުރީ އަމުރުވެރިގޮތަކަށެވެ.

"ކީއްވެތަ؟ "އަނާގެ ކަރުނުން ފުރިފައިވާ ދެލޯ ބޮޑުވިއެވެ.

"ރަގަޅު މަގުދައްކަން ތިިބީ މަންމަމެންކަން އަނާވެސް ޤަބޫލުކުރަންވާނެ، އެމީހުން އެހެން ބުނާނީ ހިތްހަމަނުޖެހޭ ކޮންމެވެސްކަމެއް އޮތީމައެއްނު..." ކައިލަން ވާހަކަދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ.

"ކައި މެރީޑްވީމަތަ؟ އައި ޑޯންޓް ކެއަރ، ކައި ކޮންމެ މީހަކަށްވިޔަސް ތިނޫން މީހަކު ބޭނުމެއްނޫން، އައި ލަވް ޔޫ ކައި....." އަނާ ޖެހިލުމެއްނެތި ހިތް ބަންޑުންޖަހައިލުމުން ކައިލަން ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. އަނާއަށް ވިސްނައިދޭން ބުނަންވީ ކީކޭކަމެއްވެސް ނޭގުނެވެ.އަނާއަކީ މުއްސަދިބަޔެއްގެ ހުރި އެންމެ އަންހެން ދަރިއެކެވެ. ޕްރިންސެސްއެއް ފަދައިން އެމީހުން ގެންގުޅޭ އަންހެންކުއްޖެކެވެ. ކައިލަންއާއި ދެމީހުންގެ ނަސަބުގެ ފަރަގުވެސް އެބަހުއްޓެވެ. އުމުރުގައި އަށްއަހަރުގެ ތަފާތު އެބަހުއްޓެވެ. ފަލަކްނާޒް ކައިލަންއާއި ވާހަކަދެއްކުން އަނާއަށް މަނާކުރާނީ ކިހާވަރަކަށް ނުރުހުންވީމަ ހެއްޔެވެ؟

"ސޮރީ އަނާ، އަހަންނަށް ތިކަން ޤަބޫލުކުރެވޭކަށް ނެތް..." ކައިލަން ވަގުތުން ދެކޮޅުހެދިއެވެ.

"ޕްލީޒް ނޫނެކޭ ނުބުނެބަލަ، ކައިއަކަށް ނޭގޭތަ އަހަރެން ދެރަވާނެވަރެއް، އަހަންނަށް ރާހިލް ޕްރެޝަރކުރާވަރެއް، ޕްލީޒް، އެގެއިން އަހަރެން ގެންދޭ...." އަނާ ރޮމުން ވާހަކަދެއްކިއިރު ކައިލަންގެ ނުތަނަވަސްކަން ހައްތަހާ އިތުރުވެ މޭގައި ރިއްސައިލިހެން ހީވިއެވެ. އަނާ އޭނަދެކެ ލޯބިވާން ފެށިކަމީ ކާކުގެ ބަދުނަސީބެއްކަމެއްވެސް ނޭގެއެވެ.

"ރާހިލް ޕްރެޝަރކުރަނީ ކީކޭ ކިޔައިގެންތަ؟ "ރާހިލްގެ ނަން އިވުނީމަވެސް ކައިލަންގެ ހިތަށް އުދަގޫތަކެއްވިއެވެ. އަނާއަށް ހާދަ ނުވިސްނެއެވެ. ރާހިލްއާއި ބަލާއިިރު އޭނައަކީ ކާކުހެއްޔެވެ؟ މާލޭގެ އަންހެންކުދިންގެ ހިތުގެ ވިންދަކީ ރާހިލްއެވެ. އަނާއާއި ރާހިލްގެ ތިމާގެކަން އޮތީ ކިހާ ހިސާބެއްގައިކަން އެނގުނުދުވަހުން ފެށިގެން ކައިލަން ރާހިލްދެކެ ޖެހިލުންވާންފެށިއެވެ.

"ރާހިލްވެސް މަންމައެކޭ ހަމަ އެއްގޮތް، ރާހިލް ބޭނުމެއްނުވޭ އަހަރެން ކައިއާއި އަނގައިން ބުނަން، އެންމެން ކައިދެކެ ރުޅިއަންނަންވީ ސަބަބެއް ނުވިސްނޭ، ބޭނުމެއްނޫން އެހެން ސައިކޭޓްރިސްޓެއް، އައި ވޯންޓް އޮންލީ ޔޫ، ކީއްވެ އެންމެނަށް އަންޑަސްޓޭންޑް ނުވަނީ؟ "އަނާ ކުއްލިއަކަށް ކައިލަންގެ މޭގައި ބޯ އަޅައިލުމުން ދުރުކޮށްލާކަށް ނުކެރުނެވެ. އަނާގެ ކަރުނައިން ކައިލަން ލައިގެން ހުރި ގަމީސްތެމި މެޔަށްފިނިވިއެވެ. އަނާ އެހާ ފާޅުގައި ލޯބި ހުށަހެޅުމުން އެކަން ނުވާކަމަކަށް ހަދާލާފައި ދޫކޮށްލާކަށް ކައިލަން ބޭނުމެއްނުވިއެވެ.

"ލުކް އަނާ، ދެމީހަކު ގުޅެން ހުރިއްޔާ ވަކިކުރެވޭނެ ބާރެއް ދުނިޔެއަކުނުވާނެ، ނަމަވެސް މަންމަ ތިހާ ދެކޮޅުވަންޏާ އަނާއަށް އެހުރިހާ ކަމަކާ ކުރިމަތިލެވޭނެތަ؟ ހާޓްނުވާނެތަ؟ އަހަންނަށް އެނގޭ، އަނާއަށް މަންމަމެން ދޫކޮށްލާފައި އަންނާކަށް އަދި ފަސޭހައެއް ނުވާނެ، އަހަރެންވެސް މިއުޅެނީ އަމިއްލަ ތަނެއްގައެއްނޫން، ފްރެންޑެއްގެ ކައިރީ، ބަސްއަހައިގެން އިހަށް ގެއަށް ދޭ...." ކައިލަންގެ ވާހަކަތައް ގަބޫލުނުކޮށް އަނާ ކުރާނެ މާ ބޮޑުކަމެއްނެތެވެ.

އަނާ ކަރުނަތައް ފޮހެލާފައި ކަައިލަން އެއްފަރާތަށް ޖައްސާލާފައި ދާން އުޅެގަތުމުން ކައިލަން ފަހަތުން ނުކުތެވެ. އެގޯޅީގައި އުޅޭ މީހުންގެ ފަރާތުން އަނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާކަށް އޭނަ ނޭދެއެވެ. ޒޯހަން ސިގްރެޓެއްބޯން ހުރެލާފައި އަނާއަށް ބަލައިލިގޮތަށް ދުރަށް ބަލައިލިއެވެ. ކައިލަންއަށް އޭނަ ގަދަރުކުރާވަރު އެކަމުން ހާމަކޮށްދެމުންނެވެ.

ޒާޔަލް ކޮޓަރިއަށްވަންއިރު ކައިލަން އިނީ ތަން އަނދިރިކޮށްލައިގެން މޭޒުގައި ބޯ އަޅާލައިގެންނެވެ. ކައިލަންގެ ހާލަތު އިހުސާސްކުރެވި އެކުވެރިޔާއަށްޓަކައި ހިތް ފުރުނެވެ. މުއްސަދި ބަޔެއްގެ ދަރިއަކާއި ގުޅިގެން ކައިލަންގެ ހިތް ހަލާކުވުން ނޫންކަމެއްނުވާނެއެވެ.

"ކައި، ތިއީ ރަގަޅުކަމެއްތަ؟ "ޒާޔަލް ނިދާބޮކީގެ ސްވިޗް ޖައްސާލުމުން ކޮންމެވެސް ވަރަކަށް ތަނަށް އަލިކަން ފެތުރުނެވެ.

"ޔޫ މީން ޕޭޝަންޓަކާއި..." ކައިލަން އޮތްގޮތަށް އޮވެ ޒާޔަލްއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ކޮންމެހެން އެހެނެއްނޫން،ޕޭޝަންޓެއްދެކެވެސް އިޝްގީ ލޯބިވެވިދާނެ، ޑޮކްޓަރުންނަކީވެސް ހަމަ އިންސާނުން ދޯ، ބަޓް އެއީ ނޫން ހުރަހަކީ، އަނާގެ މައިންބަފައިން އެކަމަށް ހުއްދަދޭނެތަ؟ކައި، ޔޫ ވިލް ގެޓް ހާޓް އެންމެފަހުން، ރަގަޅަށް އެނގޭތީ މިބުނީ، އެކުއްޖާގެ މަތިން ހަނދާން ނައްތާލާ....." ޒާޔަލް އެކުވެރިއެއްގެ ހައިސިއްޔަތުން ވިސްނާދިނެވެ.

ކައިލަން ހިމޭންކަން ޚިޔާރުކުރިއެވެ. ހިތަށް އުދަގޫވެފައިވާވަރުން އެ މައުޟޫއަށް ވާހަކަދައްކާ ހިތެއް އޭނަނުވިއެވެ. ޒާޔަލްގެ ވާހަކަތަކުގައި އެކުލެވެނީ ކިހާވަރެއްގެ ތެދުކަން އެންމެރަގަޅަށް އެނގެނީ ކައިލަންއަށެވެ. ޒާޔަލްއަށް އަދި އެނގޭނެނަމައެވެ. މިހާރުއްސުރެ އަނާގެ މައިންބަފައިން އެވަނީ އެކަން ހުއްޓުވަން ގަދަފައި ވިއްދާފައެވެ. ރުޚުސާނާގެ ދަރިއެއްކަމަށް ހީކޮށް ކުރިން އެމީހުން އެގުޅުމަށް އެއްބަސްވިޔަސް މިހާރު ޚިޔާލު ތަފާތުވީއެވެ. ބަލާބޮޑުކުރިކަމުގެ ކުލުނު ހުންނާނެކަމަށް މީހުން ކިޔާއުޅޭ އަޑު ކައިލަން އަހައެވެ. ރުޚުސާނާ އެވަރުވެސްކޮށެއްނުލިއެވެ. އޭނަ އެގެއަށް ދިޔުމުން އޭނައާއި ބައްދަލުކުރަން އިންކާރުކުރިއެވެ. އެތައްފަހަރު ގުޅާ ގުޅާވެސް ފޯނެއްނުނެގިއެވެ. ކައިލަންގެ ހިތަށް ލިބުނު އެކަނި ހަމަޖެހުމަކީ މިފަދަ ދުވަހެއް އައިއިރު ރަަގަޅަށް ކިޔަވާ އަމިއްލަފައި މައްޗަށް ތެދުވެފައި ހުރެވުނުކަމުންނެވެ.

ކައިލަން ޑިއުޓީގައި ހުންނައިރުވެސް އެރީތި ދެލޮލުން ފެންނަ ހިތާމަވެރި ކުލަވަރު ޒާޔަލްގެ އަމިއްލަ ލޯބީގެ ހާދިސާ ހަނދާންނައްތާލަން މަޖުބޫރުކުރުވިއެވެ. އެކުވެރިޔާއަށް ހިތްވަރުދޭން އެންމެގާތުގައި ޒާޔަލް ހުރީ އަމިއްލަ ހިތާމަތަކަށް ފަސްއަޅާފައެވެ.ޒާޔަލް ކައިލަންގެ ކެބިންއަށް ވަންއިރު އޭނަ އިނީ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެންނެވެ.

"ކައި...." ޒާޔަލް ކައިލަންގެ ކޮނޑުގައި އަތް ބާއްވާފަައި ލޮލުން ދިން މެސެޖް ކައިލަންއަށް ދޭހަވިއެވެ.

"ޒިޔާ، އެކަނި އަނާގެ ކަންތަކާ ނޫނޭ މިހިތާމަ ކުރަނީ، އަހަރެންގެ މަންމަކަމުގަައި ދެކެމުން އައި މީހަކު އަހަންނާއި އަނގައިން ބުނުން ހުއްޓާލުމުން ދެރައެއް ނުވާނެތަ؟ "ކައިލަން އަތްތިލަ ގުޅުވާލައިގެން ދަތްދޮޅީގައި އަތްވިއްދާލިއެވެ.

"އައި ތޯޓް ކައި ތީ ހިތްވަރުގަދަކަމުގެ މިސާލެއްކަމަށް، އެކަމެއް މިހާރަކު ނުފެނޭ، ރުޚުސާނާއަކީ ދުރު ހިލޭމީހެއް ދޯ، ކައި އަހަރެންގެ މަންމައާއިމެދު ވިސްނަބަ، މަގޭ އަމިއްލަ ލޭ އެއީ، އެކަމަކު މަންމަ އަހަންނާއިމެދު ބަހައްޓާ ދުުރުހިލޭ ކަމަށްވެސް މިހިރީ ކެތްކޮށްލައިގެނެއް ނޫންތަ؟ ފެމިލީއޭ ކިޔަސް ކައި ބޮޑަށް ހިތާމަކުރަނީ އަނާއަކާއި ހެދި، އައި ނޯ، ހިނގާ ކޮފީއަކަށް..." ޒާޔަލް އުދަގޫކުރަން ފެށުމުން ޚިޔާލުތަކުން ނުކުމެ އިންތަނުން ތެދުވާން މަޖުބޫރުވިއެވެ. އިރުއިރުކޮޅާ އަނާ އޭނަގެ ފޯނަށް ކުރާ މެސެޖްތަކާއި ގުޅާވަރު ސިއްރުކުރަން ކައިލަން ފޯނު ސައިލެންޓަށް ލައިގެން އިން ކަމަކު ދޭތެރެއަކުން ބަލާވެސް ލެވެއެވެ. އަނާގެ އާދޭސްތަކުން ހިތަށް ކުރާ އަސަރު ބޮޑުވަމުން އައެވެ. އަނާގެ އެ ލޯތްބަށް އިޖާބަދެވޭނެ ގޮތެއް ވާނެނަމައެވެ.

އަނާ މުޅިގަައިގާ ރަޖާ އަޅައިގެން އޮތްއިރުވެސް ފިނިކަމުން ރޫރޫއަޅާގޮތްވިއެވެ. މެންދުރު ކޭފަހުން އެއްޗެއް އަނގަޔަށްނުލާ ހުރެ އަނާ އަމިއްލަ ނަފުސަށްވެސް އަޒާބެއްދޭން އުޅޭކަހަލައެވެ. ހެނދުނު ލޯ ހުޅުވާލެވުނުއިރު ހަށިގަނޑުގައި ކޮޅަށް ތެދުވާނެހާ ހަކަތައެއް ނެތެވެ. ކޮންމެވެސް މީހަކު ކޮޓަރިއަށްވަންގޮތަށް ދޮރުފޮތިތައް ކަހާލިއަޑުއިވުނެވެ. އޭސީވެސް ތަންކޮޅެއް ދަށްކޮށްލައިފިއެވެ.

"ގުޑްމޯނިން އެނީ..." އަލީސާގެ އަޑުއިވުމުން އަނާގެ މުޅިގައިގާ އަލިފާން ރޯވިހެން ހީވިއެވެ. އޭނަގެ ލޯބީގެ ދިރިއުޅުމަށް ޒަހަރުލާފައި މަތި އޮމާންކުރަން މާ ލޯބިން އުޅޭ އަންހެނެކެވެ. އެނީ އޭ ކިޔާއިރު އެއީ އޭނަގެ އާއިލާ މީހުން ކިޔާ އުޅޭ ނަމެއްކަން އަލީސާއަކަށް ނޭގުނީހެއްޔެވެ؟ މާ ތުއިވެފައި އޭނައާއި ގާތްވާން ހަދާނެކަމެއްނެތެވެ. އަތްދަމާފައި މޫނުމަތީގައި ޖަހަން އަނާ ބޭނުންވީއިރުވެސް އޭނަގެ އަޚުލާގު އެކަމަކަށް ތަނެއްނުދިނެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން އަނާ އިނގިލީގައި ދައިގަތެވެ.

"ސަންތިމަރިޔަބު، މިތަނުން ދަމާ ނުނެރެނީސް ނުކުންނަން އުޅޭ..." އަނާ ހިތާހިތުން ހަޅޭއްލަވައިގަނެފައި މޫނުމަތިން ރަޖާ ދަމައިގަނެ އަލީސާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެދެލޮލުން ރައްޓެހިކަމުގެ ނިޝާނެއްނުފެނުނަސް އަލީސާ އެކަން އެނގުނުކަމަކަށް ނެހެދިއެވެ. އަނާ އޭނަދެކެ ނަފްރަތުކުރާ ސަބަބު އެނގުނީއްސުރެން އަލީސާގެ ހިތަށް ވަދެފައިވަނީ އެކަނި ހަމްދަރުދީއެވެ. އޭނަ ކައިލަންދެކެ ލޯބިވާ އަންހެންކުދިން ކުށްވެރިއެއް ނުކުރެއެވެ. ކައިލަންގެ ރީތިކަމުގެ ޖާދޫގައި ޖެހި އަންހެންކުދިން ދީވާނާ ވިޔަސް ކައިލަންއަކާއި ކައިރިއެއް ނުވެވޭނެއެވެ. އޭނަ އެކަން ވިޔަކަނުދޭނެއެވެ.

"މަންމަ ވަރަށް ދެރަވެފައި ހުރީ އެނީ ނުކާތީ، އެހެންވެ އަހަރެން މިއައީ އެނީއަށް މީރުހެން ހީވާ އެއްޗެއް ހަދައިގެން، އަދި ކޮޓަރި ރީތިކޮށްލަން ރޯޒްވެސް ހިފައިގެން، ނައު ތެދުވެ ނާސްތާ ކޮށްބަލަ ސްވީޓްހާޓް، ފްރެންޑްސް ދޯ......" އަލީސާ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރެ އަނާގެ އަތްތިލައިގާ އަތުން ޖަހައިލުމުން އަނާގެ ލޭވެސް ކެކިގަތެވެ. އެކިޔާ ނަންތަކުން އޭނަގެ ބޯ ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ރާހިލްގެ އަނގަދަށުގައި ހުރެގެން ކިޔަވައިގެން އައި މީހެއްކަން އެބަ އެނގެއެވެ.

"އަލީސާ، އަހަންނަށް ކިޔަނީ އަނާ....." އަނާ ދަތްތަކަށް ބާރުލާފައި ކިޔާލިނަމަވެސް މޫނުމަތިން އެހާ ރުޅިވެރިކަން ދައްކާލާކަށް ނުކެރުނެވެ.

"ރާހިލް ވެސް.." އަލީސާގެ ޖުމްލަ އަނާ ހުއްޓުވީ އަތް އުފުލާލަމުންނެވެ.

"އެހެން މީހުން އެނަމުން ގޮވާކަށް އަހަރެން ހިތްހަމަނުޖެހޭ، ހީޒް މައި ބްރަދަރ، ހީޒް ސްޕެޝަލް......" އަނާ ހީކުރީ ރާހިލްއާއި އަނާގެ އޮތް ލޭގެ ގުޅުން އަލީސާއަށް ނޭގޭނެކަމުގައެވެ. އަނާދެކެ ރާހިލް ލޯބިވާވަރު ވަންހަނާވެފައި ވާނެކަމުގައެވެ. އަނާ ރަޖާ އެއްފަރާތަަކަށް އެއްލާލާފައި ބާރަކަށް ގޮސް ފާޚާނާއަށް ވަންގޮތަށް ނުކުތީ އަލީސާ ދާނެހާ އިރުކޮށްލާފައެވެ. އޭނަ ނުކުތްގޮތަށް ވާސްގައި ހުރި މާތައް ޑަސްބިނަށްލިއެވެ.

"އިތުރަށް މަގޭ ދިރިއުޅުމަށް ވިހަލާނެކަމެއްނެތް، ޕޮއިޒަން އައިވީ އަކަށްވުރެ ނުރައްކާތެރި، ހިތަށް އެރިޔަސް ރުޅިގަދަވޭ...." އަނާ ކުދިކިޔަމުންގޮސް ނާސްތާވެސް ފާޚާނާއަށް އޮއްސާލާފައި ފްލަޝްކޮށްލިއެވެ. އަލީސާދެކެ ރުޅިއަންނަވަރުންގޮސް އޭނައަށް ކެތްކުރެވެނީއެއް ނޫނެވެ. އެންމެފަހުން ބާލީހުގައި މޫނު ޖެހިގޮތަށް ރޯން އޮވެފައި ތެދުވެފައި ކައިލަންއަށް މެސެޖްކުރިއެވެ.

"ކައި، އެންމެފަހަރަކުވެސް އަހަރެންދެކެ ލޯބިވެޔޭ ބުނެބަ ޕްލީޒް، އޭރުންވެސް މި ހިތާމަތަކަށް ކެތްކުރެވިދާނެ...." އަނާ ވައިބަރކުރިއެވެ.

"އަނާ ބޭސްނުކަނީތަ؟" ކައިލަން ކުރީ އެހެން ސުވާލެކެވެ.

"ބޭސްކާހިތެއްނުވޭ، ކައި، އަހަންނަށް މާ ރަގަޅު ރާޔާގޮތަށް މިދުނިޔެއާއި ވަކިވެގެން ދިޔުން، މިތަނުން ލިބޭ އެކަނި އުފާކޮޅުވެސް ދިޔައީ، އަދި މިގޭގައި އެބަހުރި އެމީހަކު ފެނުނަސް އަހަރެންގެ ބޮލުގައި ރިއްސާލާމީހެއް، ފަހަތުން އަޅުވައިގެން ކޮޓަރިއަށް ވަންނަނީ، ވަރަށް ސްވީޓްވެގެން، ކެތެއް ނުކުރެވޭނެ ދެނެއް، ކައި އަހަރެން މަރުނުވަނީސް ސަލާމަތްކޮށްދީ، ނޫނީ ފެންނާނީ އަހަރެންގެ ޑެޑް ބޮޑީ......" އަނާގެ ވާހަކަތައް އިވިފައި ކައިލަންގެ ލޮލުން ކަރުނަ ހިލުނެވެ. އެހާވަރުން އަނާ ހަމަޔަކަށް އަޅުވާފައިވަނިކޮށް ކުރީގެ ހާލަތަށް އެނބުރިދާން ފެށިކަމުގެ ނިޝާންތައް ފެންނަންފެށީއެވެ.

"ކާކު ފެނުނީމަ ރުޅިގަދަވަނީ؟ "ކައިލަން ސުވާލުކޮށްލިއެވެ.

"އަލީސާ..."އަނާ ލިޔުނެވެ.

"އޯހް...." ކައިލަންގެ ވާހަކަތައް މަދެވެ.

"ކީއްވެ ވާހަކަނުދައްކަނީ؟ "އަނާ ދެރަވެފައި ސުވާލުކޮށްލިއެވެ.

"އަނާ، ޑިއުޓީގައި މިއިނީ، އަހަރެން ބިޒީ...." ކައިލަން އަނާއަށް ކޮންމެވެސް ވަރަކަށް ވިސްނައިދޭން މަސައްކަތްކޮށްފައި ގުޅާލީ ފަލަކްނާޒަށެވެ. އަނާ ބޭސްކެއުން ހުއްޓާލުމުން ވެދާނެގޮތަކާއި އަޅާލުން ބޭނުންވާވަރު ކައިލަން އަންގާދިނެވެ. ފަލަކްނާޒް ރުޅިގަދަވެގެން މޮޔަވާވަރުވިނަމަވެސް ކައިލަންގެ ވާހަކަތައް ނިމެންދެން އަޑުއެހިއެވެ.

"ޑޮކްޓަރ ކައިލަން، އަހަރެންގެ ދަރި މަރުވިޔަސް އެހެން މީހަކަށް ކީއްތަ؟ އަހަރެން މިއީ އޭނަގެ މަންމަ، އަހަންނަށް ނުވާ އުދަގުލެއް ކައިލަންއަށް ވާންވީ ކީއްވެތަ؟ ބުނަން ވާހަކައެއް، އަހަރެން ވަރަށް އިތުބާރުކޮށްފައި އަނާއަށް ޓްރީޓްކުރަން ހަވާލުކުރީ، އެކަމަކު އޭގެ ނާޖާއިޒު ފައިދާނަގައިގެން އެކުއްޖާ ހައްލައިލީ، މޮޔަކޮށްލީ، އިބުލީހެކޭ ތަފާތެއް އެބަހުރިތަ؟ ޑޮކްޓަރެއްގެ ހުންނަންވީ ޕްރޮފެޝަނަލިޒަމްއާއި އެހެން އުސޫލުތައް ކޮބާތަ؟އަނާ އަލުން ވާހަކަދެއްކިޔޭ ކިޔާފައި އަހަރެމެންނަށް ލިބުނު އުފަލެއްނެތް، އަނާގެ ބަލި ހައްތަހާ ގޯސްވީ، ޒިންމާ ނަގަން ޖެހޭނީ ކާކުކަން އެނގިއްޖެ ދޯ، ޑޮކްޓަރަކަށްވެހުރެ ބަލިމީހުންނާއި ލޯބީގެ ގުޅުން ހިންގާ ޅަދަރިން ހަލާކުކުރޭ، ޑޮކްޓަރ ކައިލަން، ޔޫ ރުއިންޑް މައި ޑޯޓަރސް ލައިފް، މީގެފަހުން އަހަންނަށް ގުޅައިގެން ނުވާނެ، ތިއީ އަނާގެ ޑޮކްޓަރެއްނޫން، އޭނަ ކާންވާ ބޭހާއި އުޅެންވާގޮތާއި ހުރިހާކަމެއް އެނގޭނީ އަނާގެ އާ ޑޮކްޓަރަށް، އޭނަ މަށަށް ގުޅާނީ، ނޮޓް ޔޫ، އަންޑަސްޓޭންޑް؟" ފަލަކްނާޒްގެ ހަރުކަށި ޖުމްލަތަކާއިއެކު އަޑުހަރުކަމުން ކައިލަން އިނީ ކަންފަތާއި ފޯނު ދުރުކޮށްލައިގެންނެވެ. އެވަރުންވެސް އެއަޑު ކަންފަތުގައި ގުގުމާލާފައިވެއެވެ.

ބަލިމީހަކު ނުވަތަ ގާތްމީހެއްގެ ފަރާތުން ވިޔަސް މިފަދަ ހަރުކަށި ޢިބާރާތްތަކެއް ކައިލަން އަޑު އެހީ އަލަށެވެ. ފަލަކްނާޒް އޭނައާއި ދޭތެރޭގައި އެހާ ނުބައިކޮށް ވިސްނުމުން ހިތަށް އަސަރުތަކެއްކުރިއެވެ. ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލެވުނުގޮތަށް ދެލޯވެސް ހުޅުވައިލާހިތް ނުވެފައި އިންދާ އާދައިގެ މަތިން ޒާޔަލް އޭނަގެ ހާލު ބަލައިލަން ވަނެވެ.

ޖިޔާންއާއި މިސްކު ދެލޯބިވެރިންގެ ގޮތުގައި އެކީގައި އުޅެމުންދާއިރު ފަލަކްނާޒް ރާހިލްއަށްޓަކައި ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތްފެށިއެވެ. ރާހިލް ހުންނަނީ އެކަމާއި ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. މަންމަމެން ކައިރީގައި ހިތް ބަންޑުންކޮށްލާނެ ފުރުސަތަކަށް އޭނަ ހުންނަނީ ބަލަބަލައެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށްވާން ބޭނުންވާ އަންހެންކުއްޖާ މިހާރު ހޯދައިފިކަމަށާއި މަންމަ އެކަމަށް ރުހުންދިނުމަށް ބުނަން އޭނަ ބޭނުމެވެ.

ރާހިލް އަތުގައި އޮތް އަލްބަމެއްގެ ގަނޑުތައް އުކަމުން ދިޔައެވެ. އޭގައި ހުރީ އޭނައާއި އަނާ އެކި އުމުުރުގައި އެކީގައި ނަގާފައިވާ ފޮޓޯތަކެވެ. އަނާގެ އުމުރުން ދިހަ އަހަރުގައި އޭނަގެ ކޮނޑުގައި އެލިގެން އޮތްއިރު އެ ދޮން ކޯތާފަތް ރާހިލްއާއި ޖެހި ފިތިފައިވެއެވެ. ބާރައަހަރުގައި އަނާ ރާހިލްގެ އުނގުގައި އިށީދެލައިގެން އިންއިރު ކިހާ މައުސޫމްހެއްޔެވެ؟ އޭރު ރާހިލްގެ އުމުރުން ބާވީސް އަހަރެވެ. އަނާގެ މަތިން ހަނދާންވާވަރުން ހިތަށް ކެތްނުވެެގެން ކޮޓަރިން ނުކުތްއިރު ނަސީބު އެހީވިއެވެ. ބެލްކަނީގެ ސޯފާއެއްގައި ކުރު ގެޅިލައިގެން އަނާ އޮތްތަން ފެނިފައި ހިތް އަވަސްވިއެވެ. އޭސީގެ ފިނިކަމާއިއެކު ވެހެމުންދާ ވާރޭގެ ސަބަބުން ފަޒާފިނިވެފައި އޮތުމުން އެކުއްޖާއަށް މާ ފިނިބޮޑުވީއެވެ. ރާހިލް އަވަހަށް ކުއިލްޓެއް ގެނެސް އަނާ ފޮރުވާލަދިނެވެ. ވިހުރެމުންދާ ފަން އިސްތަށިކޮޅުތަކާއިއެކު ނިތްކުރީގައި މަޑުމަޑުން ފިރުމާލަދިންއިރު އެލޮލުގެ އެސްފިޔައިގާ ހިކިފައިވާ ކަރުނަ ފާހަގަކުރެވި ދެލޯ ފެންކަޅިވިއެވެ. އަނާ ދެލޯ ހުޅުވާލުމާއިއެކު ރާހިލް ގުދުވެ ލޮލުގައި ބޮސްދިނީ ނުރޯށޭ ބުނަމުންނެވެ.

"އަހަރެން ޕްރޮމިސްކުރަން، އަހަރެންގެ މީހަކަށް އެނީ ވުމަށްފަހު މި ރީތި ރީތި ދެލޮލުން އަންނާނީ އެކަނި އުފާވެރިކަމުގެ ކަރުނަ، އަހަރެންގެ ކުޑަ ކުޑަ އެނީއަށްޓަކާ އަހަންނަށް ކޮށްނުދެވޭނެ ކަމެއް މިދުނިޔެއަކުނެތް، އަހަންނަށް އެފުރުސަތުދީބަލަ، ބީ މައިން ސްވީޓްހާޓް......." ރާހިލްގެ ވާހަކަތައް ފަހުމު ނުވާފަދައަކުން އަނާ ބަލަން އޮތީއެވެ.

"ދަރިފުޅާ، ޝީޒް އޯލްރައިޓް، ބޭސްކައިގެން އޮތީމަ އަނާ އެހާ ގަދަޔަށް ނިދަނީ..." ފަލަކްނާޒް ކޮޓަރިއަކުން ނުކުމެފައި ބުނެލިއަޑަށް ރާހިލް ސިހިފައި އަވަހަށް އަނާގެ އަތުން ދޫކޮށްލާފައި ހަމަ އިސްކޮޅަށް ތެދުވުނުއިރު ކިތަންމެ ހަމަޖެހެން މަސައްކަތްކުރިޔަސް ރަކިވިއެވެ. މަންމައަށް އޭނަގެ ޖުމްލަތައް އިވުނުހެއްޔެވެ؟ މަންމަ އޭނައާއި ދޭތެރޭގައި ވިސްނާނީ ކޮންގޮތަކަށްބާވައެވެ. އޭނަގެ މާޒީ ވިހަގަދަ ޚަންޖަރަކަށްވެގެން އޭނަ ނައްތާލުމުގެ ކުރިން އޭނަ ކޮންމެގޮތެއް ހަދާފައިވެސް އަނާ މިލްކުކޮށް އެހިތް އަތުލާން އެބަޖެހެއެވެ. ކޮންމެ އަގެއްދީގެންވެސް ހެވެވެ. އިންސާނަކަށް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އޭނަގެ ހިތް އަނާއަށްޓަކާ ދީވާނާވެ ނިމިއްޖެއެވެ. އެހެން މީހުންގެ ރުހުން ނެތި ގަދަކަމުންނަމަވެސް މި ބަގީޗާގައި ފޮޅިފައިވާ ރީތި މާ ބިންނަ ހިސާބަށް މިހާރު ގޮސްފިއެވެ. ނަމަވެސް އޭރުންވެސް އަނިޔާވެރި އެވެވެނީ އޭނަގެ އަމިއްލަ ނަފުސަށެވެ. އަމިއްލަ މީހުންނަށެވެ. އޭރު ފަލަކްނާޒަށް ރާހިލްގެ ހިތުގައިވާ އެއްޗެއް ގާތްގަނޑަކަށް ޔަގީންވެ އުފަލުން ހިތް ނަށާލައިފިއެވެ. ކައިލަންގެ ފަރާތުން އަނާ ސަލާމަތްކޮށްދެވޭނީ ރާހިލްފަދަ ކައިލަންއަށް ގޮންޖަހައިލަން ކެރޭ ގާބިލް ޒުވާނަކަށެވެ. ރީތިކަމުގެ ގޮތުން ދާދި އެއްވަރުނަމަވެސް އެހެން ހުރިހާކަމަކުން ރާހިލް އުޅެނީ ކުރީގައިކަމުގައި ފަލަކްނާޒް ދެކެއެވެ. އެވަގުތު އަނާގެ ސައިކޭޓްރިސްޓް ވަދެގެން އަންނަތަން ފެނިފައި ފަލަކްނާޒް ސަމާލުކަން ދިނެވެ.

ފަލަކްނާޒް ވަގުތެއް ހޯދާލާފައި ރާހިލްއަށް ގުޅައިގެން އޭނަގެ ކޮޓަރިއަށް ގެނެއެވެ. ރާހިލް ޔަގީންކުރީ މަންމައަށް ކަމުދާފަދަ އަންހެންކުއްޖަކު ފެނިގެން އެކަމަށް މަޖުބޫރުކުރުވަންކަމަށެވެ. ކޮންމެގޮތެއްވިޔަސް ރާހިލްއިނީ ހަމަޖެހިލައިގެންނެވެ. ގޭގައިލައިގެން އުޅޭ ޓީޝާޓުވެސް އެހާ އަގުބޮޑުވެފައި އަބަދު މީރުވަސް ދުއްވާލައިގެން ހުރުމަކީވެސް އޭނަގެ ޝަޚުސިއްޔަތުގެ ބަޔެކެވެ. އަތުކުރީގައި އަޅާފައިވާ އަގުބޮޑު ގަޑިއަށްދާންދެން އޭނަގެ މުއްސަދިކަން ހާމަކޮށްދެއެވެ.

"ރާހިލް، ރާޔާފަދައިން އަނާވެސް ނަފްސާނީ ބަލިކުއްޖަކަށް ވެއްޖެއެއްނު..." ފަލަކްނާޒް ފެށީ މުޅިން އެހެން ވާހަކައެކެވެ.

"މަމް؟ " ރާހިލްގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިހެންހީވިއެވެ.

ކޮމެންޓް 0