ލަވައެއް ކިޔާލަމުންގޮސް ކޮޓަރީގެ ދޮރުފަތުގައި ދަމާފައި ހުރި ފަރުދާތައް ކަހާލުމުން ކޮޓަރިތެރެއަށް އިރުގެ ދޯދިތައްވަދެ ލޯ ތަރަތަރަޖަހައިގެންދާ ވަރުކޮށްލިގޮތުން ހީވީ ފުރުސަތަކަށް ބަލަބަލާ ތިބިހެންނެވެ. އަނާ ފެންވަރާ ރީތިވެލައިގެން ކާކޮޓަރިއަށްގޮސް ވަންތަނާ އައި ފޯން ކޯލަކުން އަނާގެ ދިރިއުޅުމުގެ އުއްބައްތި ނިވިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

"ނޫން އެހެނެއްނުވާނެ....." އަނާގެ އަތުން ވާގިހުސްވެ ފޯނު ދޫވުމާއިއެކު އޭނަ އަރިއަޅާލިތަން ފެނުނީ އެތަނަށް ވަންނަން އައި ޖިޔާންއަށެވެ. ވިދުވަރެއްހާ ހަލުވިކޮށް ކުރިއަށް ޖެހިލާފައި ހުޝިޔާރުކަމާއިއެކުގައި ނުހިފެހެއްޓުނުނަމަ އަނާއަށް ބޮޑު ހާނިއްކައެއްވީސްކަން ޔަގީނެވެ.

"ގޯޑް، ބޭބީ ސިސް، ކިހިނެއްވެފައި ތިއޮތީ؟ " ޖިޔާންގެ އަތުތެރެއަށް އަނާ ދެމުމުން މަޑުމަޑުން ކުޑަކަކޫމައްޗަށް ތިރިވިގޮތަށް އަނާގެ ކޯތާފަތުގައި ޖަހާލަމުން ޖިޔާން ކިޔާލީ ހާސްކަމާއިއެކުގައެވެ. އޭރު ރާހިލްވެސް އޮފީހަށް ދާން ތައްޔާރުވެލައިގެން ދޮރުމައްޗަށް އަރާފައި އޭނައަށްވެސް ދުއްވައިގަނެވުނީ އެދިމާލަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުމުން ރާހިލް ފްރިޖުން ފެންފުޅިއެއް ނަގައިގެން އައިސް އަނާގެ މޫނުގައި ފެންލާންފެށިއިރު އޭނަގެ ހިތްވެސް އިރުކޮޅަކަށް މަސައްކަތްނުކޮށް ހުއްޓާލިކަމުގެ އިހުސާސެއްކުރެވުނެވެ. ހިތާއި ފުރާނައިން ލޯބިވާ އަންހެންކުއްޖާއަށް ވީގޮތެއް ނޭގި ހޭނެތުމުން ކިހާ ހާސްވާނެ ހެއްޔެވެ؟ އަނާގެ ކަފަކޮޅެއްހެން ހުދުވެފައިވާ މޫނު ފެނުން ތެންމާލުމުން ކުޑަކޮށް އެސްފިޔަތައް ތަޅުވާލިއެވެ. އަނާގެ ފަރާތުން ކުޑަ ހަރަކާތެއް ފެނުމުން ރާހިލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އޭނަ ބޭނުންވީ އަވަހަށް އަނާ ހޮސްޕިޓަލަށް ގެންގޮސް ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށެވެ.

"ރާހިލް، ޖިޔާން، ވަރަށް ދެރަކަމެއްވެއްޖެ، މަންމަ އެކްސިޑެންޓްވެގެންނޯ، ހިނގާބަލަ އަވަހަށް އެތަނަށް ދާން، އަނާއަށް ކިހިނެއްވީތަ؟ އެޚަބަރު ދަރިފުޅުމެންނަށް އެނގިއްޖެދޯ...." ޔަޒީދު ދޮރުމައްޗަށް އަރާފައި ފުރަތަމަ އެޚަބަރު ދީފައި އަނާ ފެނުމުން އިތުރަށް ހާސްވެގެން ސުވާލުކޮށްލިއެވެ. އޭރު ޔަޒީދުގެ ދެލޯވެސް ފެންކަޅިވެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. މިހާ ހެނދުނާ ސައި ނުބޮއި ފަލަކްނާޒް އަމިއްލައަށް ކާރުގައިދާންވީ ކޮންތާކަށްކަމެއްވެސް ނޭގުނެވެ. އެޚަބަރު ލިބިގެން އަދި ދަރިފުޅަށް ވެފައިއޮތްވަރު ފެނުމުން ޔަޒީދުގެ ހިތަށް ލިބުނު ދަތިކަން އެތައް ގުނައިތުރުވެ މޭގައި ރިއްސާލައިފިއެވެ.

އަނާ އިރުކޮޅެއް ވާންދެން ޚަބަރުހުސްވެފައި އޮތުމަށްފަހު ހޭވެރިކަންވުމުން އެންމެ ފުރަތަމަވެސް އެދުނީ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެމީހުންނަށް އެތަނަށް ފޯރިއިރު ފަލަކްނާޒް ސްޓްރެޗަރއަކަށް ލައިގެން ތިއޭޓަރަށް ގެންދަނީއެވެ. އަނާ ރޮމުންގޮސް ފަލަކްނާޒްގެ އަތުގައި ހިފަން އުޅުމުން އެންމެފަހު ވަގުތުވެސް އަނާގެ މޫނަށް ބަލާލާފައި މަޑުމަޑުން އެއްޗެކޭ ކިޔާލިއެވެ.

"ދަރިފުޅާ، ރާހި....ރާހިލް އާއި ކައިވެނި....." އެހިސާބަށް އުދަގުލުން ބުނެެލެވުމާއިއެކު ފަލަކްނާޒްގެ ދެލޯ މެރުނުތަން ފެނިފަައި އަނާގެ ހިތަށް ފިނިވެ ބަލައިލެވުނީ އޭނަގެ ބައްޕަގެ މޫނަށެވެ. ތަންކޮޅެއް ދުރުގައި ރާހިލް ދެބެންގެދެދަރި ކުއްޖަކާއި ވާހަކަދައްކަން ހުރެފައި އަނާއަށް ބަލައިލީ ހިތާމަވެރި ނަޒަަރަކުންނެވެ.

"ބައްޕާ، މަންމައަށް އެވީ ކިހިނެއްތަ؟ " އަނާ ރޮމުން ސުވާލުކުރިއެވެ.

"ތަދުކަނޑުވަން ޑޮކްޓަރުން އިންޖެކްޝަން އެއްޗެހި ޖެހީމަ މަންމައަށް ނިދުނީކަމަށްވާނީ، އެހެންނޫނަސް އެގެންދިޔައީ ސާޖަރީއެއް ހަދާލަން، ސިކުނޑިއަށް ލޭ އެޅިފައި ހުރީމަ ސާފުކޮށް ހަދާލުމުން އިރާދަކުރެއްވިއްޔާ ހަމަ މުޅިން ރަގަޅުވާނެ، ދަރިފުޅު ހިނގާ އެއްޗެއް ބޯލަން، ހެނދުނު ނާސްތާވެސް ނުކޮށް ތިހިރީ......."ފަލަކްނާޒްގެ ހާލު އިންތިހާއަށް ސީރިޔަސްކަން އެނގޭއިރުވެސް ޔަޒީދު ދަރިފުޅުގެ ހިތަށް ކޮށްފާނެ އަސަރަކަށްޓަކައި އެކަން ސިއްރުކުރިއެވެ. ޔަޒީދު އަނާ އަތުލަފިކޮށްލައިގެން ގޮސް ކެފޭއަށްވަންއިރު ޔަޒީދު ހުރީ އިންތިހާއަށް ކެތްތެރިވެލައިގެންނެވެ. ފަލަކްނާޒް އެންމެފަހު ވަގުތުވެސް އަނާ ކައިރީގައި ރާހިލްއާއި ކައިވެނިކުރަން އެދުނީތީވެސް ޔަޒީދު ހައިރާންވިއެވެ. އެހާވަރަށް މަޖުބޫރުކުރަންވާނެ ކަމަކަށް ޔަޒީދު ގަބޫލެއްނުކުރެއެވެ. ދުނިޔެދޫކޮށްދާއިރު ދަރިފުޅުގެ އުފާތަކާއިމެދުވެސް ވިސްނާލަން ނުޖެހޭނެހެއްޔެވެ؟ އަނާގެ މޫނުން އުފާވެރިކަމެއް ފެންނަ ދުވަހަކަށް އިންތިޒާރުކޮށްކޮށް ޔަޒީދުވެސް ވަރުބަލިވެއްޖެއެވެ. ރާޔާގެ ވަކިވުމުން ހިތަށް ކޮށްފައިވާ ފުން އަސަރުގެ ސަބަބުން އިތުރު އަންހެންދަރިޔަކަށް އެފަދަ ދުވަހެއް ފެންނަން ޔަޒީދު ނޭދެއެވެ. އަނާ އާއި ވާހަކަދައްކާ ހިތްވަރުދީގެން އަނާ ބައްޕަގެ ބަސް ގަބޫލުކުރިއެވެ. ޕިއްޒާ ފޮތްޗެއް ކާލައިގެން ބްލޫބެރީ ސްމޫތީސްއެއް ބޯލުމުން ގައިވާ ވަރުޖެހުނެވެ. ހެނދުނު ނާސްތާ ނުކޮށް އިނުމުން ޔަޒީދުވެސް ކޮފީއެއް ބޯލީ ސިކުނޑިއަށް ލިބިފައިވާ ލޮޑުކަން ނައްތާލުމަށެވެ.

ޔަޒީދު އަނާ ނާސްތާކޮށްލައިގެން އައިގޮތަށް އާއިލާގެ އެހެން މީހުންގެ ކައިރީގައި ތިއޭޓަރުގެ ބޭރުގައި މަޑުކޮށްލައިގެން ތިބިއިރު ބައެއްމީހުންގެ ލޯތައްވަނީ ކަރުނުން ފުރިފައެވެ. މިވަގުތު އެމީހުންނަށް ކުރެވެން އޮތްހާ ކަމަކީ ދުޢާކުރުމެވެ.ތިއޭޓަރުން ނެރުމަށްފަހު އައިސީޔޫއަށް ވެއްދިފަހުން ޑޮކްޓަރު ބުނުއްވީ ފަލަކްނާޒް ކޯމާއަކަށް ހިނގައްޖެކަމަށް ލަފާކުރެވޭކަމުގައެވެ. ޔަޒީދު އަނާގެ ސައިކޭޓްރިސްޓަށް ގުޅައިގެން އަނާ ހަވާލުކުރުމަށްފަހު މަސައްކަތްކުރީ އަވަހަށް ފަލަކްނާޒް ބޭރު ޤައުމަކަށް ގެންދިޔުމަށެވެ. ޖިޔާންއާއި ރާހިލްއަށްވެސް ވަނީ އެކުއްލި ހާދިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ޖިޔާން ކިތަންމެ ހިތްވަރުކޮށްގެން ހުރިކަމުގައި ވިޔަސް އެދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ރާހިލް ޑޮކްޓަރުންނާއި މަޝްވަރާކޮށް ފަލަކްނާޒްގެ ކޭސްއާއި ބެހޭގޮތުން އޮޅުންފިލުވަމުން ދިޔައިރު އޭނަވެސް ހުރީ ފެންކަޅިވެފައެވެ. ކުޑައިރުއްސުރެ މަންމަ ކަމުގައި ދެކެމުން އައިމީހަކީ ބޮޑުދައިތަކަމުގައި ވެފައި މަންމަގެ މަޤާމު ދެވުނު މީހަކީ އެއީ ކަމުގައިވާތީއެވެ. ޖިޔާންފަދައިން އެންމެންގެ ކުރިމަތީގައި ނުރުޔަސް އޭނަގެ ހިތުގައި ފަލަކްނާޒަށް ދެވިފައިވާ ލޯބި އެންމެ ތަންފުކެއްވެސް ކުޑައެއްނޫނެވެ. މަންމައަށްޓަކައި އޭނަ މިހިރީ އަތުގައިވާހާ ފައިސާއެއްވެސް ޚަރަދުކުރާށެވެ. މަންމަ އަވަހަށް ބޭރަށް ނުގެންދެވޭނެ ކަމުގައިވާނަމަ ކިތަންމެ ބޮޑު އަގު ދީގެން ބޭރުން ޑޮކްޓަރުން އޭނަ ގެންނާނެއެވެ. އެކަންތަކާ އަވަދިނެތިއުޅެމުން އަނާގެ ހާލު ބަލައިލަން އެކޮޓަރިއަށް ވަދެލިއެވެ. އަނާ ފުންނިންޖެއްގައި އޮތްތަން ފެނިފައި ރާހިލް އަނާގެ ނިތްކުރީގައި ބޮސްދިނެވެ.

އަނާގެ ސައިކޭޓްރިސްޓް އަނާގެ ކައިރީގައި މަންމަ ކޯމާއެއްގައި އޮތް ވާހަކަ ބުނުމަށްފަހު އެކަމާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަނާއަށް އޮޅުން ފިލުވައިދިނެވެ. އަނާއަށް ހިތްވަރުދިނެވެ. އަނާ އެއަޑުއަހަން އިނީ ގަނޑުވެފައިވާ ބުދެއްފަދައިންނެވެ. އިރުކޮޅަކު އެނދުމަތީގައި އިށީދެގެން އިނދެލާފައި ބާލީސް މައްޗަށް ވެއްޓިގަތްގޮތަށް ސީލިންއާއި ދިމާލަށް ބަލަހައްޓައިގެން އޮތީ އަނގައިން ނުބުނެއެވެ.ކުރީފަަހަރުވެސް އަނާ "މިއުޓް" ވީކަމަށް ޔަގީންކުރެވުނު ވަގުތުކޮޅެކެވެ. ޑޮކްޓަރުގެ އެންމެ ބޮޑުބިރަކީ އެއީއެވެ.

"އަނާ، ކޮންމެވެސް އެއްޗެކޭ ބުނެބަލަ...." ޑޮކްޓަރ އަނާގެ އަަތުގައި ހިފާފައި ތަޅުވާލާފައި ދެއްކި ވާހަކައަކަށްވެސް އަނާ ޖަވާބުދޭކަށް ނޫޅުނެވެ. އަނާ އާއި އެކިގޮތްގޮތަށް ވާހަކަދެއްކުމުންވެސް އަނާ އަނގައިން ބުނާކަށް ބޭނުމެއްނުވިއެވެ. ވާހަކަދައްކާ ވަރުބަލިވެގެން ޑޮކްޓަރ އެމަސައްކަތް ހުއްޓާލާފައި އެތަނުން ނުކުތީ އަނާގެ ބައްޕަ ފަރާތު ބޮޑުދައިތައަކާއި އަނާ ހަވާލުކޮށްފައެވެ. އަނާ ލައްވާ ގަދަކަމުން ވާހަކަދައްކަން ނޫޅުމަށް އެދިފައި ޑޮކްޓަރ އެތަނުން ނުކުމެގެން ދިޔުމުން އަނާގެ ކައިރީގައި އިށީދެފައި ބޮޑުދައިތަ އެއަތުގައި ފިރުމަންފެށިއެވެ. އެހާލުގައި އަނާ އިންދާވެސް ބޮޑުދައިތަ އަދި ފެށި ވާހަކައަކުން އަނާގެ ހިތް މަރުވުން ނޫންކަމެއް ނުވިއެވެ.

"އަނާ ގޮތްދޫނުކޮށް އުޅޭތީ މި އެކްސިޑެންޓަކީ އިމްތިހާނަކަށް ދިމާވިކަމެކޭ ދައްތަ ބުނާނީ، މަންމަ ކިހާވަރަކުން އަނާގެ ކައިވެނިކުރުވަން އުޅުނު، އެކަމަކު އަނާ އެކަމެއްވެސް ކުރާކަށް ނޫޅުނު، ފިލައިގެންދިޔުމުން މަންމަގެ ހިތަށް ކުރާނެ އަސަރު އަނާއަކަށް ނޭގުނު، މަންމަ ވަރަށް އިތުބާރުކޮށްފައި ދައްތައަށް ހުރިހާ ވާހަކައެއް ކިޔާނުދިންނަމަ ވާނުވާ ނޭގިފައި ދައްތަވެސް ހުންނާނީ، މަންމަވެސް ޑިޕްރެޝަންއަށް ގޮސްގެން ބޯހަލާކުވެފައި ހުރެ ދުއްވައިގެން އެކްސިޑެންޓްއެވީ، ދެންވެސް މަންމަ މިދުނިޔޭގައި އޮތްވާ އެޓްލީސްޓް އަނާ މަންމަ ކައިރީގައި ބުނެބަލަ ބުނާގޮަތަށް ހަދާނަމޭ، ރާހިލްއާއި އިންނާނަމޭ، އޭރުންވެސް މަންމަ ތަންކޮޅެއް ހިތްހަމަޖެހިގެން އޮވެ އެންމެފަހުގެ ނޭވާ ދޫކޮށްލަފާނެ، ނޫނީ އަނާ އަދިވެސް ހަމަ ގޮތްދޫނުކޮށް ތިހެން އުޅޭނީތަ؟ " ޔަޒީދުގެ ކޮއްކޮ ހުޒޭމާ ވާހަކަދެއްކިގޮތުން އޭނަ އިނީ ހިތްހަމަނުޖެހިފައިކަން އަނާ ދެނެގަތެވެ. ބޮޑުދައިތަގެ ވާހަކަތަކުން ހިތަށް އަސަރުކުރިޔަސް އަނާގެ ލޮލަކަށް ކަރުނައެއް ނައެވެ. ކަރުނަ އޭނައާއި މުޅިން ހިލޭ އެއްޗަކަށް ވެއްޖެއެވެ. ރުއިމުން ސިކުނޑިއަށް ލުއިވާނެކަން އެނގޭއިރުވެސް އޭނައަށް ނުރޮވުނެވެ. މަންމަ މިފަހަކަށް އައިސް ފަހަރިއާއި މާ ގާތްވެގެން އުޅެމުން ހުރިހާ ވާހަކަތަކެއް ކިޔާދިންއިރު ކައިލަންގެ ވާހަކަ ދެއްކިހެއްޔެވެ؟ ބޮޑުދައިތަ ކައިލަން އޭ ކިޔައިގެން އެއްޗެކޭ ނުބުނީ ކީއްވެހެއްޔެވެ؟ އެންމެންވެސް ކައިލަންއާއި ދޭތެރޭގައި ގޮތް ނިންމަނީ ކައިލަންގެ މަންމަގެ އުޅުމަށް ބަލާފައެވެ. ކައިލަންގެ ރަގަޅުކަން ދެކިގެން އެކަން ފާހަގަކުރާނެ އެކަކުވެސް ނުވިއެވެ.

އެވަގުތު ރާހިލް ދޮރު ހުޅުވާލާފައި ވަންތަން ފެނިފައި ހުޒޭމާގެ މޫނު ދިއްލިގެން ދިޔަގޮތުން އެކަނިވެސް ބޮޑުދައިތަ ރާހިލްއަށް ފިދާވާވަރު ދައްކުވާދިނެވެ. އެކަނި ހުޒޭމާއެއް ނޫނެވެ. އާއިލާގެ އެންމެނަށްވެސް ރާހިލް ފެނިއްޖެއްޔާ އެމީހުންގެ ދުވަސް ބާއްޖަވެރިވާވަރުވެއެވެ. ރާހިލްވެސް ކުޑަކޮށް ހުޒޭމާގެ ގައިގާ ބައްދާލާފައި ސަލާމްކޮށްލިއެވެ.

"އެނީ އޯކޭތަ؟ "ރާހިލް އަހާލައިފިއެވެ.

"އެހާ އޯކޭއެއްވެސް ނުވާނެއްނު، އަނާ ބޭނުންވާގޮތަށް ހުރިހާކަމެއް އެހިނގަނީ، އަނާމެން އުޅޭގޮތުން ވިއްޔަ މަންމަ ބޯ ގޮވީ، މިވާހަކަދެއްކީމަ ދައްތަދެކެ އަނާވެސް ނުރުހިފައި އޮންނާނީ، އެކަމަކު ހަގީގަތްވާނީ ހަގީގަތަށް، ކޮއްކޮ މިތާ މަޑުކޮށްލަދީފާނަންތަ؟ ދައްތަ ގެއަށް ވަދެލާފައި ނަމާދުކޮށްލައިގެން އެބައަންނަން....." ހުޒޭމާ ނުރުހުމުގެ ނަޒަރަކުން އަނާއަށް ބަލާލާފައި އެބުނެލި ޖުމްލަތައް އަނާގެ ހިތުގައިވާ ޒަޚަމްތައް އިތުރަށް ފުންކުރުވިއެވެ. އޭނަ އަވަހަށް އެތަނުން ދާން އުޅެގަތީ ރާހިލްއާއި އަަނާ އެކަނިކުރާށެވެ. އެހެންނޫންނަމަ އެއާއިލާގައި އަންހެންކުދިން ތިބިއިރު ކޮންމެހެން ރާހިލްއާއި އަނާ ހަވާލުކޮށްފައި ދާކަށް ނުޖެހޭނެއެވެ. ހުޒޭމާ ދަމުން ރާހިލްގެ ނިތްކުރީގައި ބޮސްދިނީވެސް އަނާއަށް ކަމެއް ވިސްނާދޭށެވެ. އަނާދެކެ ރުޅިއައިސްފައި ހުރިކަން އަންގާށެވެ. އަނާއަށް ހެވެވެ. އަނާ ދަތްތަކަށް ބާރުލާފައި އެނބުރުނީ އަނެއްފަރާތަށެވެ. އޭނަގެ ހިތުގައި ރާހިލްއާއި ދޭތެރޭގައި އޮތް ރުޅިވެރިކަން އިތުރުވީ މަންމަގެ ބަސްތައް ހަނދާންވެފައެވެ. ރުޅިއައިނަމަވެސް ހިތަށް މަޖުބޫރުވެފައިވަނީ މަންމަގެ ބަސް ޤަބޫލުކުރުމަށެވެ. އަމިއްލަ އުފާތައް ޤުރުބާންކޮށްލާފައިވެސް މަންމައަށްޓަކައި މިއަދު ރާހިލްއާއި ވާހަކަދައްކަން ޖެހޭކަން ޤަބޫލުކުރެވުމުން ހިތަށް އެތައް ކަށިތަކެއް ހެރި ހިތްކުދިކުދިވިހެން ހީވިއެވެ. ކައިލަން ހަޔާތަށް ނައިނަމަ މިއީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް ކައިލަންއާއި ގުޅުން ކަނޑާލަން ޖެހޭނެކަން ހިތަށް އަރާފައި އޭނަގެ ހިތަށް ވާގޮތް ބަޔާންކުރުން ދަތިވިއެވެ.

"އެނީ ސައިބޮއިފިންތަ؟ "ރާހިލް އެނދުކައިރީގައި ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"ހަމަ އަނގައިން ނުބުނެ އޮންނާނީތަ؟ އަހަންނަށް އެނގޭ އެނީ ދެރަވާނެވަރު، އަދި މިތާ ކައިރީގައި އިންނަން އެންމެ ހިތްނޭދޭ މީހަކަށް އަހަރެންވާނެކަންވެސް އެނގޭ، ހުޒޭދައްތަ އަންނަންދެން އަހަރެން މީނީ، އެކަމާ ހާސްނުވެބަލަ....." އަނާގެ ހިތަށް އިތުރު އުދަގުލެއްވެދާނެތީ ރާހިލް ވާހަކަދެއްކީ ވިސްނާލާފައި އަނާ ހިތް އުފާވާނެފަދަ ގޮތަކަށެވެ. ބޭނުންވި ޝުޢޫރުތައް ފާޅުކޮށްލެވޭކަށްވެސް ނެތެވެ.

"އެނީއަށް އެނގޭތަ؟ މަންމަ ކޯމާއެއްގައި އެއޮތީ، އެނީ ސްޓްރޯންގް ކުއްޖަކަށްވުން މިވަގުތު ވަރަށް މުހިއްމު، މަންމަ އެންމެ ލޯބިވާނެ ކުއްޖަކީ ތިއީ، މަންމަގެ މިވަގުތު ހުރި އެކަނި އަންހެންދަރިޔަކީވެސް ތިއީ، ގޮސް މަންމައައި ވާހަކަދައްކަބަލަ، ގިނަގިނައިން ވާހަކަދައްކާ ހެދީމަ ރަގަޅުކަމަށް ޑޮކްޓަރު ބުނުއްވީ، ފަހަރެއްގައި އެނީ ބުނެފާ އެއްޗަކުން މަންމަ ހަމަ ލޯނުހުޅުވާނެކަމެއް ނޭގެއެއްނު، އިޓް ވިލް ހެލްޕް އެލޮޓް، މަންމަ ކިހާ އެކަނިވެރިވެ ބިރުގަންނާނެ، ކިހާ ހެލްޕްލެސް ވާނެ، އަހަރެމެންނަށް ޖަވާބެއް ނުދެވުނު ކަމުގައި ވިޔަސް މަންމައަށް އަހަރެމެން ދައްކާ ވާހަކަ އަޑުއިވޭނެ، މަންމަ ސްޓޯރީ ކިޔާހިތްވެއެއްނު، އެނީއަށް މަންމައަށް ވާހަކައެއް ކިޔާދެވިދާނެ، ނޫނީ މަންމަ އަޑުއަހަން ބޭނުންވާ ލަވައެއްވެސް ޖަހާލެވިދާނެ، އެކަމަކު މޯސްޓް އިމްޕޯޓެންޓް ތިންގް އިޒް އެނީ މަންމައާއި ހުރިހާ ވާހަކަތަކެއް ޝެއަރކުރުން، އެނީ މަންމަދެކެ ލޯބިވާވަރު ބުނުން........." ރާހިލް ބޭއިޚުތިޔާރުގައި އަނާގެ އޮމާން އަތްމަތީގައި އަތްބޭއްވިއެވެ. އަނާ އަތްދަމައިގަންނަން ކުޑަކޮށް ބާރުލާފައިވެސް މައިތިރިވީ މަންމަގެ އެންމެފަހުގެ ވަސިއްޔަތް މަތިން ހަނދާންވެފައެވެ. ރާހިލް ދެން ކިޔައިދިނީ އެކި މީހުންގެ ކޯމާތަކުގައި ތިބޭއިރު އާއިލާ މީހުންނާއި އެކުވެރިން އަމަލުކުރާގޮތެވެ. އަނާ އޮތީ އެހުރިހާ އެއްޗެއް ކަނުލާ އަޑުއަހާށެވެ. މަންމަ ދެކެން ދާހިތުން ކުޑަކޮށް އެނދުން ބޯ ހިއްލާލާފައިވެސް ބާލީހުގެ މައްޗަށް ތިރިވީ ރާހިލްއާއިއެކު ނުދާންވެގެންނެވެ.

ދޭތެރެއަކުން ކޮންމެވެސް މީހަކު އެތަނަށް ވަދެލާފައި ރާހިލްއާއި ވާހަކަދައްކާލާނެއެވެ. އަނާއަށް ރަގަޅުހެއްޔޭ އަހާލާނީވެސް ރާހިލް ކައިރިންނެވެ. އެކަކުވެސް އަނާއާއި އަނގައިން ބުނާކަށް ނޫޅުނެވެ. ރޭގަނޑު ނިދާގަޑި ޖެހުނުއިރު ހުޒޭމާ އަނެއްކާ އައިގޮތަށް އަނާއާއި ވާހަކަ ދެއްކުމެއްނެތި ޖެހިގެން ހުރި އެނދުގައި އޮށޯތްތަން ފެނުނެވެ. އަނާ ފޯނުން ގޫގުލް ކުރީ ކޯމާގައި ތިބޭ ބަލިމީހުންގެ ވާހަކަތަކެވެ. ބައެެއް ބަލިމީހުން އެހެން އޮވެލާފައި މިދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވެގެން ހިނގައިދާނެއެވެ. ނޫނީ ގިނަ ދުވަސްވެ ވެޖެޓޭޓިވް ސްޓޭޓަކަށް ހިނގައިދާނެއެވެ. ގިނަ ލިޔުންތައް ފެނުނުވަރަކަށް ސިކުނޑިއަށް ބާރުކުރަމުންގޮސް އެންމެ ފަހުން އެރީތި ދެލޮލަށް ކަރުނަ ޖަމާވެ ކޯތާފަތްމަތިން ތިރިއަށް ދަތުރުކުރަންފެށިއެވެ. ފޮހުނު ފޮހުނުހެން ގިނަވީއެވެ. ބޮޑުދައިތަ އެބުނީ ތެދެއްހެއްޔެވެ؟ މަންމަ ޚިޔާލުތައް ގިނަވެ އަމިއްލަ ނަފުސާއިމެދު ފަރުވާކުޑަކޮށްލީ އޭނަ ބުނާގޮތަށް ނެހެދީމަހެއްޔެވެ؟ ވިސްނިވަރަކަށް އިތުރަށް ރުއިން ނޫންކަމެއް ނުވިއެވެ.

އެންމެފަހުން އަނާ ރާހިލްގެ މޮބައިލްއަށް ގުޅީ އޭނަ އޮތް ޕްރައިވެޓްގެ ރޫމަށް އަންނަން ބުނަންވެގެންނެވެ. ރާހިލް ފޯނު ނެގުމުންވެސް އަނގައިން ނުބުނެވުނުތާގައި ހައްތަހާ ބޮޑަށް ރޮވޭގޮތްވެ އަނގަމަތީގައި އަތްއެޅިއެވެ. އެހާވަރުން ރާހިލް ކައިރީ މަންމަ އެންމެފަހު ވަގުތު ބުނީ ކީކޭކަން ބުނާނީ ކިހިނެއްހެއްޔެވެ؟ އަނާ ފޯނު ކަނޑާލާފައި ބާލީހުގައި މޫނު ފޮރުވާލައިގެން އޮތްވާ މަޑުމަޑުން އަނާގެ އިސްތަށިގަނޑުގައި މީހަކު ފިރުމާލިހެން ހީވިއެވެ.

"އެނީ ކިހިނެއްވީތަ؟ ކީއްވެ ގުޅީ؟ "ރާހިލްގެ ބަރު އަޑު އިވުމުން އަނާގެ ގިސްލުން ވަގުތުން ހުއްޓުނެވެ.

"ނުނިދުނީތަ؟ ކޮފީއެއް ގެނެސްދެންތަ؟ ނޫނީ މަންމަ ދެކެލަން ދާނީތަ؟ އެނީ އެއްޗެކޭ ބުނީމަ ދޯ އަހަންނަށްވެސް ހަދަންވީގޮތެއް އެނގޭނީ...... "ހުޒޭމާ ހޭލަފާނެތީ ރާހިލް ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އެތައް ސުވާލެއް އެއްފަހަރާ ކުރިމަތިވުމުން އަނާއަށް ބުނާނެ އެއްޗެއް ނޭގި އެތަނަށް ހިމޭންކަން ވެރިވެގެން ދިޔައެވެ.

"މަންމަ މަރުވަނީތަ؟ ވަރަށް ބިރުގަނޭ...... " އަނާ ކުއްލިއަކަށް އެނބުރިލާފައި ރާހިލްއާއި ހަތަރުކަޅި ހަމަކޮށްލުމުން ރާހިލްގެ ހިތަށް ވީ ގޮތެއް ބުނެދޭކަށްވެސް ނޭގުނެވެ. ރޮއިރޮއި ދެލޯ ދުޅަވެފައިވާއިރުވެސް ރީތިކަން ފަނޑުވާގޮތެއްނުވެއެވެ. އެމުށިކުލައިގެ ރީތި ލޮލުގައި ބޮސްދީފައި ހުރިހާ ކަރުނަތަކެއް ފޮހެލަދޭން ބޭނުންވިއެވެ. އެހުރިހާ ހިތާމައެއް އޭނައަށް ލިބި އަނާއަށް ހުރިހާ އުފަލަކާއި ނަސީބެއް ދެއްވާނެނަމައެވެ.

"ނޫން ސްވީޓް ހާޓް، ނޫން....މަންމަގެ ސާޖަރީ ކާމިޔާބުކަމަށް ޑޮކްޓަރު ބުނުއްވީ، ދެން ކޮންމެތާކަށް ގެންދިޔަސް މިވަގުތަށް ދެވޭނީ މިފަރުވާޔޯ، މާދަން ދެ ނިއުރޯ ސާޖަނުންވެސް އަންނާނެ، އެމީހުންގެ އޮޕީނިއަންއެއް ލިބިގެން ބޭރަށް ގެންދަންވިޔަސް ގެންދާގޮތަށް ނިންމާފައިމިވަނީ، ހުރިހާކަމެއް ދާނީ ރަގަޅަށް ގޯޑް ވިލިން، އެނީ ނުރޮއި އެންމެ ފަހަރަކުވެސް މަންމަ ކައިރިއަށް ދޭބަލަ، ކޮފީއެއް ބޯލައިގެން ތަންކޮޅެއް ހަމަޖެހިލީމަ ގެންދާނަން......." ރާހިލް އަނާގެ އަތުގައި ހިފާފައި ތެދުކުރަން އުޅުމުން އޭނަ ގަދަނަހަދާ ތެދުވެގެންގޮސް މޫނުދޮވެލާ ހަދަން ފާޚާނާއަށް ވަނެވެ. އަނާ އަންނަންވާއިރަށް ރާހިލް ކޮފީ ގެނެސް އެތާހުރި ބިއްލޫރިމޭޒުމަތީގައި ބެހެއްޓިއެވެ. މޫނުދޮވެ ތާޒާވެލައިގެން އެރީތި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައިވާއިރު މޭކަޕެއްނެތިވެސް ފެންނަލެއް އެހާ ރީއްޗެވެ. އެތަނުގައިވާ ފަނޑު ބޮކީގެ އޮރެންޖްއަލި އެ އޮމާން ހަމަށް އެޅިފައިވާއިރު އުމުރަށްވެސް ބަލަން އިނދެވިދާނެެއެވެ. އަނާ ކޮފީ ބޮއި ނިމިގެން ދެމީހުން އެތަނުން ނުކުތީ ޒުހޭމާއަށް ގޮވާފައި ބޭރަށް ދާވާހަކަ ބުނެފައެވެ. ޒުހޭމާ ނިދީގައި އޮވެ ކޮންމެވެސް އެއްޗެކެ ކިޔާލާފައި އަނެއްކާ ރަޖާގަނޑު ދަށުގައި ނިވާވެލައިފިއެވެ.

އަނާއާއި ރާހިލް އެކީގައި ގޮސް ނަރުސްކުއްޖާ ކައިރީ ބުނެގެން އައިސީޔޫއަށް އަނާ ވެއްދިއެވެ. އަނާއަށް މަންމަ ފެނުމުން މޫނަށް އަނދިރިވާކަހަލަ ގޮތެއްވެ އެނދުގެ ރެއިލިންގައި ހިފަހައްޓާލެވުނެވެ. މަންމައޮތް ހާލު ފެނުމުން މާޔޫސްވެ އުއްމީދު ގެއްލުނެވެ. މިހާ ހާލު ބޮޑުވެފައި އަލުން ރަގަޅުވާނީ ކަރާމާތަކުންނެވެ. އެތައް ހޮޅިތަކާއި ގުޅާފައިވާއިރު ހީވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެއްހެންނެވެ. މެޝިންތަކުގެ ބީޕްގެ އަޑުވެސް އޭނަގެ ކަންފަތުގައި ގުގުމަނީ ބިރުވެރި ސިހޭފަދަ ގޮތަކަށެވެ. ހާޓްމޮނީޓަރަށް ބަލާލާފައި އޭނަގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނައަށް އެނގެނީ އެއިން އެއްވެސް ރީޑިންއެއް ރަގަޅުނޫންކަމެވެ. ދެރަވިވަރުންގޮސް ރޮވެން ފެށުމުން ނަރުސްކުއްޖާ ހިތްވަރުދީފައި އަނާ ގޮވައިގެން އެތަނުން ބޭރަށް ނުކުތެވެ. ރާހިލް އަނާ މޭގައި ޖައްސާލިވަގުތު އަނާއަށް ފެނުނީ އެދިމާލަށް ބަލަމުންގޮސް ނިވާވި ކައިލަންއެވެ. ކަރުނަތައްވެސް ގަނޑުވިއެވެ. ކައިލަން މިގަޑީގައި މިތާ ކީއްކުރަނީހެއްޔެވެ؟ އަނާގެ ހިތް ތެޅިގަތްވަރުން މޭ ފަޅާލާފައި ނުކުމެދާނެހާވިއެވެ. ކައިލަން ބަލައިލިގޮތާއި އޭނަގެ ރީތިކަން އެހާ ދުރުންވެސް އަނާގެ ހިތާއި ވަރަކަށް ކުޅެލައިފިއެވެ.

"ކައި، އަހަންނަށް މިވަނީ ކިހާވަރަކަށް މަޖުބޫރުވެފައި އެކަަމަކު ކައިގެ ފަރާތުން އެއްވެސް ސަޕޯޓެއްވެސް ނުލިބޭ، އެންމެފަހަރަކުވެސް އަހަރެންދެކެ ލޯބިވާވާހަކަ ބުނެލާނެނަމަ. ކައި ފެނުމުން އަހަންނަށް މިވާގޮތް އެނގޭނެނަމަ..މިއަށްވުރެ މާ ހިތަށް ފަސޭހަ އެއްފަހަރުން މަރާލައިފިއްޔާ......" އަނާގެ ހިތް ޝަކުވާކުރީ ކައިލަންއާއެވެ. އެއަޑު އޭނައަށް ނުފޯރާނެކަން އެނގޭއިރުވެސް ހިތާހިތުން ޝަކުވާކުރެވުނު އަދަދެއްވެސް ނޭގެއެވެ. އިރުކޮޅެއްވާންދެން ރާހިލްގެ ކޮނޑުގައި ބޯ ޖައްސާލައިގެން ހުރުމަށްފަހު އަނާ އެއަތުގެ ތެރެއިން ވީއްލިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ރާހިލްވެސް ފަހަތުން ދިޔައެވެ.

ފަލަކްނާޒްގެ ހާލު ރަގަޅުނުވެ ދެތިން ދުވަސްވުމުން އެންމެންގެ އުއްމީދުގެ ހުޅުކޮޅު ނިވެން ކައިރިވެއްޖެއެވެ. އަނާ އިރުއިރުކޮޅާ އޭނަގެ މަންމަގެ ޙާލުދެކެލަން ބޭނުންވެ އެތަނަށްވަދެފައި ކޮންމެ ފަހަރަކު ނެރެން ޖެހެނީ ރޯވަރުންނެވެ. އެންމެން ވިސްނައިދިނީ އެގޮތަށް އަމަލުކުރުމުން މަންމައަށް ޝިފާލިބުމުގެ ބަދަލުގައި ޙާލުދަށަށްދާނީކަމުގައެވެ. އަނާ ހިތްވަރުކޮށްލާފައި އިތުރަށް ނުރޯނެކަމުގެ ޔަގީންކަން ދީފައި އަނެއްކާވެސް ވަދެފާނެއެވެ. ނަމަވެސް ވާހަކަދައްކަން ކުރާ މަސައްކަތް ކޮންމެފަހަރަކު ނާކާމިޔާބުވަނީއެވެ. އަނާ ފުރަތަމަ ދުވަހު އެޑްމިޓްކުރިކަމުގައިވިޔަސް ފަހުން އޭނަ ހަމަޔަކަށް އެޅިގެން ޑޮކްޓަރުވަނީ ދޫކޮށްލާފައެވެ. އެކަމަކު އޭނަ ގެއަށް ދާކަށް ބޭނުމެއްނުވެއެވެ. މަންމަ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް ގުނަމުންދާކަމަށް ހިތް ބުނާއިރު އޭނަ ގެއަށްގޮސް އަރާމުކުރަން އޮންނާކަށް ހިތެއްނުރުހެއެވެ. ގެއަށް ކާންދިޔަސް ނިމޭއިރަށް އޭނަ މިސްރާބުޖަހަނީ ހޮސްޕިޓަލަށެވެ. އެހެންއުޅޭއިރު އޭނަގެ ބޮޑު ބޮޑު ދެލޯ ބައެއްފަހަރު ބޭޤަރާރުކަމާއިއެކު ހޯދަނީ އެންމެ ފަރާތެއް ދެކެލާހިތުންނެވެ. ހޮސްޕިޓަލުގައި ދުވާ ވަހުން އަނބުރާގޮތްވާއިރުވެސް އޭނަ މިހާރު މިއަށްވުރެ ހުންނަން ބޭނުންވާތަނެއްނެތެވެ. މަންމައަށްޓަކައި އެއްކޮޅުން ހިތް ރޮމުންދާއިރު އެންމެފަހަރަކުވެސް ލޯބިވެރިޔާ ފެނިލުމަށްއެދި ހިތް އާދޭސްކުރަނީއެވެ. އެންމެ ގަދަޔަށް މޭކަޕް ނުކުރިޔަސް ކޮންމެވެސް ވަރަކަށް ރީތިވުމަށް އިސްކަން ދެވެނީ އެހެންވެއެވެ.

އަނާ ހެޑްސެޓްއަޅައިގެން ޤުރުއާން އަޑުއަހަން އިންއިރު ދެލޮލުގައި ކަރުނައިގެ އަސަރުހުއްޓެވެ. އާއްމުކޮށް އަބަދުވެސް ލޯބީގެ ކޮންމެވެސް ލަވައެއް އަޑުއަހާކުއްޖާ މިހާރު ޤުރުއާންއަޑުއަހާ ހެއްދެވިފަރާތާއި މިހާ ގާތްވީ ލޯބިވާފަރާތެއް މަރުގެ ތުންފަތްމަތީގައި އޮތީމައެވެ. އިންސާނުން ގިނަފަހަރު އެފަރާތް ހަނދާންވަނީ މިފަދަ ހާލަތްތަކުގައެވެ. އަނާ ގެ ކުރިމަތީގައި ހުރި މޭޒުގައި ބަހައްޓާފައިވާ ޗޮކްލެޓް މިލްކްޝޭކްތަށި ލަސްލަހުން ހުސްވަމުންދިޔައެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އިން ޖިޔާންވެސް އިނީ ފޯނާއި ކުޅެލަ ކުޅެލައެވެ. އަނާ ކުރާކަމަކަށް މިނިވަކަން ދީގެންނެވެ. އެހެންމީހުން ފަދައިން އަނާ އެގޮތަށް އިނުމުން ސުވާލުކޮށް އުދަގޫނުކުރާތީ އަނާ މިދުވަސްކޮޅު އުޅެން ބޭނުންވަނީ ޖިޔާންއާއިއެކުގައެވެ. އެތާ ތިބި ގިނަބަޔެއްގެ ނަޒަރު އެމޭޒަށް ހުއްޓިފައިވެއެވެ.

"ދޮންބޭ، އައި ޑިސައިޑެޑް..." ކުއްލިއަކަށް އަނާ ހެޑްސެޓް ނަގާލާފައި ބުނި އެއްޗަކުން ޖިޔާން ކަންބޮޑުވިއެވެ. އަނާ ވިސްނަމުންގޮސް ބުއްދި ސަކަރާތްވީހެއްޔެވެ؟

"އެނީ، ސްވީޓްހާޓް، ކީކޭ ތިކިޔަނީ؟ އާރ ޔޫ އޯލްރައިޓް...." ޖިޔާން އަނާގެ ފަހަތުން ހިނގައިގަންނަމުން އަހާލައިފިއެވެ.

"މަންމަ އެންމެ އުފާވާނީ އަހަރެން ރާހިލްއާއި މެރީކުރީމަ ސޯ އަހަރެން ބޭނުންވަނީ މަންމަ ދުނިޔޭގައި އޮތްވާ މެރީކުރަން..." އަނާގެ ޖުމްލައަހާފައި ޖިޔާންގެ ފިޔަވަޅުތައް ހުއްޓުނަސް އަނާ ހިނގަމުން ދިޔައީ ފަސްއެނބުރިބަލާވެސްނުލައެވެ. ޖިޔާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިގެން ދިޔަސް އޭނަ އަނާ ހުއްޓުވާކަށް ނޫޅުނެވެ.

އަނާ ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އޭނަގެ ހިތަށްވަމުން ދިޔައީ ބަޔާންނުކުރެވޭފަދަ ގޮތެކެވެ. އުމުރު ދުވަހު އޭނަ ނަގަން ޖެހުނު އެންމެ އުދަގޫވި ފިޔަވަޅަކީ މިއީއެވެ. ރާހިލްގެ އަންބަކަށްވުމަކީ އޭނަ ދުވަހަކު ހިތުން ރުހުމުން ކުރާނެކަމެއް ނޫންނަމަވެސް އޭނައަށް މިއަދު މިނޫން އެއްވެސް ގޮތެއް ފެންނާކަށްނެތެވެ. މަންމަ ކޯމާއިން އެނބުރި އަންނާނީ އޭނަ މިކައިވެނިކުރީމައޭވެސް ހިތް އެބަބުނެއެވެ. މަންމަގެ ފުރާނަ ދިޔަސް ދާނީ އުފަލުންކަން ޔަގީނެވެ. ވީމަ މަންމައަށްޓަކައި ލޯބިވެސް ޤުރުބާންކުރާވަރުގެ އަންހެންދަރިއަކަށް އޭނަވާނީއެވެ. އަމިއްލަ ހިތް ހަލާކުކޮށްލައިގެން ވިޔަސް މަންމަގެ އެންމެ ފަހުގެ ވަސިއްޔަތް އޭނަ ފުރިހަމަކޮށްދޭނެއެވެ. އަނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ އަތުގެ ނުފުށުން ފޮހެލާފައި ބަލައިލުމާއިއެކު ފެނުނު މަންޒަރަކުން އޭނަ ސިހޭގޮތްވިއެވެ.

ކޮމެންޓް 0