އަނާ ސްކެޗްކޮށްލާފައިވަނީ މާސްކްއަޅައިގެން ހުރި މީހެކެވެ. އެފަދަ މާސްކެއް އަޅައިގެން މީހުންމަރާ ސީރިއަލް ކިލަރއެއް އުޅޭ ފިލްމެއް ދާދިފަހުން އޭނަވަނީ ދެކެފައެވެ. ކައިލަންގެ ހިތް އަވަސްވެލިއެވެ. އަނާގެ މޫނަށް ސިއްރު ނަޒަރަކުން ބަލައިލިއިރު އަނާ އިނީ އިނގިލީގައި ދަތްއަޅައިގެންނެވެ. އެސިކުނޑީގައިވަނީ ކޮންކަމެއް ހެއްޔެވެ؟ ފޮރުވައިގެން އުޅެނީ ކޮންފަދަ ބޮޑު ސިއްރެއްހެއްޔެވެ؟ ކައިލަންއަށް ޔަގީންވިއެވެ. މިގެއިން މަރުވި ކުއްޖާގެ ގާތިލުވަނީ މާސްކެއް ބޭނުންކޮށްފައެވެ. ގަތުލުގެ ސިއްރު ހޯދުމުގެ ގޮތުން އޭނަ ޖާސޫސަކަށްވެސް ވާންޖެހޭނެބާވައޭ ހިތަށް އެރިއެވެ. ރާހިލް ނުވަތަ ޖިޔާން އެފަދަ ކަމެއްކޮށްފާނެހެއްޔެވެ؟ ޝައްކުކުރެވޭވަރުގެ ދެމީހުންނަށް މިގޭގައި އުޅެނީ އެމީހުން އެކަންޏެވެ. ކައިލަން ކުއްލިއަކަށް ހަނދާނަށް އައީ މިފަދަ މާސްކެއް ފެނުނުތަނެކެވެ. މިރަށުގައި އޮންނަންވީ މީގެ އެންމެ މާސްކެއް ނޫންތާއެވެ. ނަމަވެސް ކައިލަން އެކަމާއިމެދު ވިސްނަން މަޖުބޫރުވިއެވެ.
"އަނާ، މި ސްކެޗާއި ބެހޭގޮތުން އެއްޗެކޭ ބުނަން ބޭނުންތަ؟ " ކައިލަންގެ ސުވާލާއި އެކު އަނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ކައިލަންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަނާ މިވީހާތަނަށް އިޝާރާތުންވެސް ވާހަކަ ދައްކާފައެއްނެތެވެ.
ކައިލަން ސޯފާގައި ލެނގިލަމުން އަނާއަށް ބަލައިލި ނަޒަރަކުން އަނާގެ ހިތުގައި ހަލަބޮލިކަމެއް އުފެއްދިއެވެ. އެހިތުގެ ފުންމިނުގައި ޖަހައިލި ވިންދަށް ދޭނެނަމެއްވެސް އަނާއަކަށް ނޭގުނެވެ. ކައިލަންގެ ރީތި މޫނާއި އެހަރަކާތްތަކަށް އުމުރަށް ބަލަހައްޓައިގެން އިންނަން ހިތްއެދުނެވެ. ކައިލަން ނޯޓްގަނޑުގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔެލިއެވެ. ގްރޫޕް ތެރަޕީ އަކަށްދާން ބޭނުންވިޔަސް އެކަން ކުރެވޭނެ މަގު އަދި ފަހިވެފައެއްނެތެވެ. ކައިލަން އިސްއޮބާލައިގެން އިންކަމުގައިވިޔަސް އަނާގެ ނަޒަރު އޭނަގެ މޫނުން ވަކިނުވާކަން އެނގިފައި ނުތަނަވަސްވާން ފެށިއެވެ. އަނާ އެހެން ރޮގަކުން އޭނައާއިމެދު ދެކެގެން ނުވާނެއެވެ. މިއީ އެކަށީގެންވާކަމެއް ނޫނެވެ.
"ވަޓް...." ކައިލަން ކުއްލިއަކަށް އިސްއުފުލާލާފައި ބުމަ އަރުވާލިއެވެ. އަނާ ގެ ޢުމުރުގައިވެސް އެހާ ވަރަށް ލަދެއްނުގަނެއެވެ. މިގޮތަށް ފަޅާއަރާފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ކައިލަން ގަސްތުގައި އޭނަ ލަދުގަންނަވާލަން ބޭނުންވީހެއްޔެވެ؟ ނޫނީ ނޭގުމުގެ ތެރޭގައި ބަލާލާފައި އޭނަ ބަލަން އިނުމުން ކައިލަން ލަދުން ކުރި ސުވާލެއްހެއްޔެވެ؟ އަނާގެ މޫނު ރަތްވެގެންގޮސް ހީވީ ހުޅުހިފާފާނެހެންނެވެ. ލޯބިވެރިޔަކު ބަލައިލުމުން ރަކިވާފަދައިން އަނާ ރަކިވެފައި އިސްޖަހައިލިއެވެ. އާކައިވެނީގެ ރޭފަދައިންނެވެ. އަނާއަށް އެވީވަރު ފެނިފައި ކައިލަންގެ ހިތަށްވެސް ގޮތެއްވިއެވެ.
"ނޯ، ދިސް އިޒްންޓް ހެޕެނިން....އަހަރެންގެ ހިތްވެސް އަނާއަށް ލެނބެންފެށީތަ؟ އެކީގައި އަބަދުހެން އުޅެންވެއްޖެއްޔާ ބައެއް ހާލަތްތަކުގައި ހިތް ލެނބެން ފަށާފާނެ، އަހަންނަށް އެހެން ވެއްޖެއްޔާ، ނޫން، އަނާއާއިމެދު ލޯބީގެ ރޮގަކުން ވިސްނާކަށް އަހަރެން ނެތިން، ކިރިޔާވެސް ހިތްކިޔާގޮތެއް ވެއްޖެއްޔާ އަހަރެން އެހެން މީހަކާއި އަނާގެ ކޭސް ހަވާލުކޮށްފައި ދުރަށް ދާނީ، މިގޭގައި ނުބައި ކަންތައްގަނޑެއް ހިނގާހެންވެސް އަހަންނަށް ހީވޭ، މިވާން އުޅެނީ ކީއްކަމެއްވެސް އަހަރެންގެ ވިސްނުމަކަށް ނާދޭ، މިހާތަނަށް އޮޅުން ފިލީ އެންމެ އެއްޗެއް، މިގޭގައި ކުއްޖަކުމަރުވެ އެކަން ފޮރުވަން އެންމެންވެސް މަސައްކަތްކުރާކަން......" ކައިލަން ކުޑަކޮށް ހީލާފައި ތުންފަތުގައި ގަލަން ޖައްސާލައިގެން އިންއިރު ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ.
އަނާ އާއި ކައިލަންއާއި ދޭތެރޭގައި ނުތަނަވަސްކަމުގެ ފާރެއްލެވޭކަށް ކައިލަންނޭދެއެވެ. އެހެންވެ ހިނިތުންވެލާފައި ވާހަކަދައްކަންފެށިއެވެ. އަނާ ކުރަންޖެހޭ މަސައްކަތްތައްކަމަށް ބުނެ ކުރެހުމާއި ޕަޒްލް ހަދަން ދިނެވެ. ކޮންމެފަދަ މަސައްކަތެއްކުރިޔަސް އަދި އަނާއަށް ދެވޭ ފަރުވާއަކަށް ނުވާކަން ކައިލަން އަށް އެނގެއެވެ. އެންމެން ކަމެއްގެ މައްޗަށް ފަސްއަޅާ ފޮރުވަންވެއްޖެއްޔާ މިކޭސް ފަސޭހަވުމުގެ ބަދަލުގައި އޭނައަށްވެސް މަގުއޮޅުން ނޫންކަމެއްނުވާނެއެވެ.
ކައިލަން ފޯނު ބިއްލޫރި މޭޒުމަތީގައި ބާއްވާފައި އޮތްވާ ރިންގްވާން ފެށުމުން ކައިލަން ފޯނު ނެގިގޮތަށް ފެންޑާއަށް ނުކުމެ އިރުކޮޅަކަށް ވާހަކަދައްކަން ހުރެފައި ވަންއިރު އަނާއިނީ ގާބުދެއްހެން ހިރިވެސް ނުލައެވެ.
"އަނާ، ސޮރީ ސެޝަން ކުރުކޮށްލާފައި ދާން ޖެހުނީމަ، އަހަރެން އާޖެންޓްކަމެއްގައި ދާން ޖެހިއްޖެ އިނގޭ......." ކައިލަން އަނާއާއި ދިމާލަށް ބަލައިވެސް ނުލާ ތެދުވެގެން ހިނގައިގަތެވެ. އަނާ އުއްމީދު ގެއްލުވާލާކަށް ބޭނުމެއްނުވިއެވެ. އެވާނީ ކައިލަންގެ ޕޭޝަންޓަކަށެވެ. ބަލިމީހުންގެ ކަންތައްތަކުގައި އޭނަ ސިއްރުވެރިވާނެއެވެ. އެހެންނޫންނަމަ މިހާ އަވަސްއަރުވާލާފައި ދާކަށް ނޫޅުނީހެވެ. ކައިލަންގެ ލޯބިވެރިޔަކު ނުހުންނާނެއެވެ. ހިތަށް ޔަގީންކަން ދީފައި އަނާ ހިނިތުންވެލާފައި އުއްބައްތިތަކާއި ކުޅެންފެށިއެވެ.
އަނާގެއަށް ވަންތަނުން މަންމަދެއްކި ވާހަކައަކުން އަޖައިބުވެ އަންތަރީސްވިއެވެ. އޭނައާއި ކައިލަންގެ ކައިވެނި ހަމަޖެހިފައިވާ ވާހަކައެވެ. އެވާހަކަ އިވުމަށްފަހު ކޮޓަރިއަށް ވަންގޮތަށް އަނާ މޫނުގައި ބާލީސް ފޮރުވާލައިގެން އޮތްއިރު އުފަލުންގޮސް އާސްމާނުގައި އުދުހެވޭހެންހީވިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އޮތުމުން ވައިން ފިނިވައިރޯޅިތައް އޭނަގެ ގައިގާ ފިރުމަންފެށުމުން އަނާގެ ދެލޯ ބަރުވެގެން ލޯމަރާލުމުންވެސް ފެނުނީ ކައިލަންގެ ރީތި ސޫރައެވެ.
ފަލަކްނާޒްއާއި ރުޚުސާނާ ރިޒޯޓްގެ ދޮންވެލިގަނޑުމަތީގައި އިށީދެލައިގެން ކުރުނބާބޯން ތިބެފައި ފަލަކްނާޒްފެށިވާހަކައަކުން ރުޚުސާނާގެ މޫނަށް ވެރިވީ ތަފާތުކުލަވަރުތަކެވެ.
"މާފަށް އެދޭނެކަމެއްނެތް، ރާހިލްއާއި މިސްކުއޭ ކިޔަކިޔާފައި ޖިޔާންއާއި ހަމަޖައްސަން އުޅުނީމަ އަހަރެންވެސް ކުޑަކޮށް ސިހުނު، ރާހިލްފަދައިން ޖިޔާންވެސް ރިޖެކްޓްކުރީ އަނެއްކާ މަގޭ ދަރި ކަޅުވީމަތަ؟ "ރުޚުސާނާ ދުވަހަކު ކަމަކާއި ދެރަނުވާވަރަށް ދެރަވިއެވެ. ކުރުނބާ ބޯހިތްވެސް ކެނޑިއްޖެއެވެ.
"ރާހިލް ލޯބިވާ ޚާއްސަކުއްޖެއް ހުރިކަމަށް ބުނަނީ، ޖިނާވެސް ބިޓެއް ހުރެޔޯ، އެހެންނޫނަސް މިސްކު އަނގަގަދަކަމުން ލައިކް ނުވެޔޯ، އަހަންނަށްވެސް ކިރިޔާ ގޯހެއް ނެހެދުނީ، ކުދިންގެ ރުހުން އޮތްގޮތް ބަލައިލަންވެސް ޖެހޭނެއްނު ދޯ، މަގޭދަރިންނަށް އެވަރުގެ މިނިވަންކަން ދީފައި އަހަރެންވަނީ، ހީކޮށްގެން ހުރީ އަހަރެން އެހާވަރަށް ބުނީމަ ޖިނާ ދެކޮޅުނަހަދާނެކަމަށް، ރުޚޫ ދެރަނުވޭ، ކައިލަންގެ ސަބަބުން މިދެ ފެމިލީ ގުޅޭނެ...." ފަލަކްނާޒްގެ އެވާހަކަތަކުން ރުޚުސާނާގެ މޫނުގެ ކުލަ އައްޔެއްނުވިއެވެ. އެމޫނުމަތިން ފެނުނު ކުލަވަރުތައް މާނަކުރަން ނޭގިފައި އިންދާ ރުޚުސާނާ ބުނެލި އެއްޗަކުން ފަލަކްނާޒްގެ އުއްމީދުތައް ވަޔަށް ބުރައިގެން ނުދިޔައީ ކިރިޔާއެވެ.
"މަޝްއަލްއާއި އަނާގެ ކައިވެންޏެއް ނުކުރެވޭނެތަ؟ "ރުޚުސާނާ ވިސްނުމެއްގެ ތެރޭގައި އިނދެ ބުނެލައިފިއެވެ.
"އެއީ ކީއްވެ؟ "ފަލަކްނާޒް ހައިރާންވިއެވެ.
"ސަބަބު......." ރުޚުސާނާ ފަސްޖެހޭގޮތްވިއެވެ.
"އާނ ކޮންމެވެސް ސަބަބެއްއޮތީމައެއްނު މިހާރު މަޝްއަލްއާއި އަނާ ގުޅުވަން ރުޚޫ ތިއުޅެގަތީ، އަނެއްކާ ކައިލަންގެ ލޯބިވެރިޔަކު ހުރީތަ؟ "ފަލަކްނާޒްވެސް ކުރުނބާއެއްފަރާތުގައި ބާއްވާފައި ތެދުވެ ހިންދެމިލައިފިއެވެ. އަނާގެ ކާރީގައި އެވާހަކަ ބުނެވުނުކަމުގެ މޮޔަހީވިއެވެ. މަޝްއަލްއަކީ ފަލަކްނާޒްގެ ދަރިފުޅާއި އެކަށީގެންވާފަދަ ގޮތަކަށް އުޅުންހުރި ޒުވާނަކަށްނުވާއިރު އެކަމަކަށް ހިތް އެއްބަހެއްނުވިއެވެ. ރުޚުސާނާ ކަންތައްކުރިގޮތް ހަދާންވެފައި ދެކޮޅުހަދާނެ ހިތްވަރެއްވެސް ނުލިބުނެވެ. އުދަގޫ އަރަތެކެވެ.
"ފަލަކް، އިހަށް ކުދިންގެ ކައިވެނި ކުޑަކޮށް ފަސްޖައްސާލަމާ ހިނގާ...."ރުޚުސާނާ އެވާހަކައިން ބޯދަމައިގަންނަން ބޭނުންވިއެވެ.
"ކައިލަން އެހާރީތިވީމަ މަށަށްވެސް ފާހަގަކުރެވުނު، އެނގޭތަ؟ "ފަލަކްނާޒް ރާޅުތައް ފައިތިލައިގާ ބޮސްދޭން ފެށުމުން ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
"ކޮންކަމެއްތަ؟ އަބަދުވެސް ފަލަކްއަށް ކައިލަން މާ ރީތިވެގެން އުޅެނީ، މަޝްއަލްވެސް ކައިލަންއާއި ތަފާތެއްނެތް...." ރުޚުސާނާ އަބަދުވެސް ރުޅިއަންނަނީ ކައިލަން އެހާ ރަގަޅުވެފައި މަޝްއަލްގެ އަޚުލާގު އެހާދަށްކަމުންނެވެ. އެންމެން އެތަފާތަށް ބަލާނެނޫންހެއްޔެވެ؟ ކައިލަން އެއައީ ނަފްސާނީ ޑޮކްޓަރަކަށްވެގެންނެވެ. މަޝްއަލް އުޅެނީ މަގުމަތީގައެވެ. ދެބެންގެ ރީތިކަން ދާދި އެއްވަރުވިޔަސް މަޝްއަލް އުޅޭގޮތްމީހުންނަށް ނުފެންނާނެއެވެ. މަޝްއަލްގެ އުޅުން ހުއްޓުވާކަށް އޭނަގެ ބައްޕަވެސް މަސައްކަތްކުރަނީއެއް ނޫނެވެ.
"އާނ، އަހަންނަށް ކައިލަން ފެނުނު ދުވަހު ހިތްދެވިއްޖެ، މަގޭ ދަރިއަކަށް ހަދަން އެންމެ ހިތް އެދުނު ކުއްޖާ، ފަހުންވެސް އަހަރެން ވަރަށް އޭނައުޅޭގޮތް ބަލަމޭ ރުޚޫ، އެތާ ހުރިހާކުދިން ސިއްރުން ކައިލަންގެ ވާހަކަ ދައްކާ، އޭނަ އަންހެންކުދިންނާއި ދުރުކަމުން ވަރަށް ފޮނިއޭވެސް ކިޔާ، އެހާ ޒުވާން އުމުރުގައި އެހާ މޮޅުވެފައި އެންމެންގެ ލޯތްބާއި މަޝްހޫރުކަން ހޯދުނީމަ ދެން ވާނީ އެހެންތާ ދޯ...." ފަލަކްނާޒް ތައުރީފުކުރިއެވެ.
"އަމިއްލަ ދެކުދިން ހަނދާންނައްތާލާފައި ފަލަކްވެސް ތިވާހަކަ ދައްކަނީ....." ރުޚުސާނާ ބާރަށް ހީގަތީ އެދޭތެރެއަށް ވެރިވެފައިވާ ނުތަނަވަސްކަން ކަނޑުވާލާށެވެ.
"މީންސް؟" ފަލަކްނާޒް އެނގުނުކަމަކަށް ނެހެދިއެވެ.
"ރާހިލްވެސް އެހާ ސްމާޓް، އޭނަގެ ބައްޕަގެ ފިޔަވަޅުމަތިން އެހިނގަނީ، ޖިޔާން ގެއިން ބޭރުގައި އުޅުނަސް އަދި ތަންކޮޅެއް މެޗުއަރވީމަ އޭނަގެ ބައްޕައެކޭ އެއްގޮތްވާނެހެން ހީވޭ......" ރުޚުސާނާގެ ވާހަކަތަކުން ފަލަކްނާޒް ހިނިތުންވުމަކުން ފުއްދައިލީއެވެ. ފަލަކްނާޒް ދަނެއެވެ. ރާހިލްއާއި ޖިޔާންއަކީވެސް އަންހެންކުދިންގެ ހިތުގެ ވިންދާއި ކުޅެލާނެފަދަ ސްމާޓް ދެޒުވާނުންނެވެ. ދެމީހުންވެސް ދެމީހުންގެ ގޮތުގައި ޚާއްސައެވެ. ބައެއްފަހަރު ޖިޔާންއާއި ރާހިލްވެސް ސިއްރުން ކަންތައްގަނޑެއް ހިންގަމުންދާހެން ހީވާފަހަރު އާދެއެވެ. ޖިޔާން އެހެން އެޕާޓްމެންޓެއް ހިފައިގެން ހުރުމާއި މެދުވެސް ފަލަކްނާޒް ޝައްކުތަކެއްކުރިއެވެ. އަންހެންކުދިން ޖިޔާންއަށް ގުޅައިގެން ވާހަކަދައްކާ އަޑު ކިތަންމެފަހަރަކު އިވިފައިވެއެވެ. އެހެންނޫންނަމަ މިސްކުފަދަ ރީތި އަންހެންކުއްޖަކާއި ކައިވެނިކުރުވަން އުޅުމުން ޖިޔާން ދެކޮޅުހަދަންވީ ސަބަބެއްނެތެވެ. ދެރައީ ޚާއްސަކުއްޖަކު ހުއްޓަސް މަންމައާއި ބައްދަލުނުކުރުވާކަމެވެ. ގެއިން ތުއްތު ފިޔަވަޅުތަކެއްގެ އަޑު ނީވިގެން އޭނަ އެކަމާއި އެބަވިސްނައެވެ.
ފަލަކްނާޒް ރުޚުސާނާއަށް ސިއްރުކުރީ ރާހިލްގެ އަސްލެވެ. ރާހިލްގެ މަންމައަކީ ފަލަކްނާޒްގެ ދައްތައެވެ. ބައްޕައަކީ ޔަޒީދުގެ ބޭބެ މުހައްމަދު ޔަޒީދެވެ. ރާހިލްގެ އުމުރުން އެންމެ އަހަރެއްވީތަނާ އެދެމަފިރިން އެކްސިޑެންޓެއްވެ ނިޔާވުމާއި ގުޅިގެން ދަރިއެއްހެން ބަލާބޮޑުކުރުމުން ދަރިންނާއި އެއްވަރަށް ނޫނީ އެއަށް ވުރެ ބޮޑަށް ރާހިލްއަށް ލޯބިޖެހިފައިވިއެވެ. ވުމާއިއެކު ފަލަކްނާޒް ރާހިލްއަށް ހޯދަދޭން ބޭނުންވަނީ އެންމެ ރަގަޅު އަންހެންކުއްޖާއެވެ. ލޯބިވެރިޔަކު ހުރިވާހަކަ އިވުމުން ފަލަކްނާޒް ހުރީ ކަންތައްބޮޑުވެފައެވެ. ސުވާލުކުރާއިރަށް ރާހިލް ވާހަކަ އޮޅުވާލިޔަސް ފަލަކްނާޒް އެކަންތައް އޮޅުންފިލުވާނެއެވެ.
ފަލަކްނާޒްއާއި ރުޚުސާނާ ކިތަންމެވަރަކަށް ރޭވިޔަސް ތަގުދީރުގެ ޕްލޭން ތަފާތިއްޔާ އިންސާނާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ބައެއްފަހަރު އެއީ މީހުންގެ ނަސީބާއި ގުޅިފައިވާކަމެކެވެ. އަނާގެ ހިތުގައި ކައިލަންއަށް ދެވިފައިވާ މަގާމާއި ލޯބި ބޮޑުވަމުންގޮސް އޭނަގެ ހިތަށް ނުކުޅަދާނަވާވަރުވެއްޖެއެވެ. ހިތުގައިވާ އެއްޗެއް ހާމަނުކުރުމަކީވެސް ބައެއްފަހަރު އަޒާބެކެވެ. އަނާގެ ކެތްތެރިކަމުގެ އިން ފަހަނަޅާދާންފެށިއެވެ. ތާއަބަދު ކައިލަންގެ ސޫރަ ލޮލުން ފޮހެވިގެނެއް ނުދެއެވެ. އަބަދާއަބަދު ދެކޭހިތްވަނީއެވެ. ހަނދާންވަނީއެވެ. ލޯމަރާލިޔަސް ހުވަފެނުގައިވެސް ކައިލަންއެވެ. އެހިސާބަށް ދިޔުމުން އަނާއަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އަންހެންކުއްޖަކަށްވުމުން ލޯބީގައި އިސްނަގާކަށް ގައިމު ނުކެރޭނެއެވެ. މަންމަމެން ކައިވެނި ހަމަޖައްސާފައިވާކަން ކައިލަންއަށް ނޭގެނީހެއްޔެވެ؟
ފަލަކްނާޒް ކައިލަންގެ ހިތުގައިވާ އެއްޗެއް ދެނެގަންނަންވެގެންނާއި ކައިލަންއާއި އަނާ ގުޅުވަންވެގެން އެހެން އުކުޅެއް ބޭނުންކުރިއެވެ. އަނާ ގޮވައިގެން ކޮފީއަށާއި ޖޮގިންއަށް ދާން މަޝްވަރާ ދިނެވެ. ސީނިއަރ ސައިކޭޓްރިސްޓަކު އެފަދަ ގޮތަކަށް ވާހަކަދައްކާފައިވާތީކަމުގައި ފަލަކްނާޒްބުނެލީ ސިއްރުވެރި ހިނިތުންވުމަކާއިއެކުގައެވެ. ފަލަކްނާޒްއަދި އޭނަގެ މަންމަވެސް އަނާއާއި އޭނަ ގުޅެން އެއްވެސް ކަހަލަ އިޝާރާތެއްކޮށްފައި ނުވާތީ ކައިލަން އެއްގޮތަކަށްވެސް އެމީހުންގެ ރޭވުމެއް ނުދެނެހުއްޓެވެ. އެފަދަ ޝައްކެއްކުރާވަރަށްވުރެ ތަންކޮޅެއް ވިސްނުން ހަރުދަނާކަމުންނެވެ.
އެދުވަސްކޮޅު ކައިލަން ޖިޔާން އައި ރާހިލްއާއި އެކުވެރިވެ ގުޅުންބަދަހިކޮށް އެކީގައި ވަގުތުހޭދަކުރަންފެށިއެވެ. ރަތްފިޔައަށްގޮސް އެމީހުންނާއިއެކީގައި ކައިލަން ވަގުތުހޭދަކުރުމުގެ އެހެން މަގުސަދެއްވިއެވެ. ޖިޔާން ކުރީކޮޅު ތަންކޮޅެއް ދުރުން އުޅެފައި ފަހުން ގާތްއެކުވެރިޔަކަށްވިއެވެ. އެކީގައި ބޭރަށްދާފަދަ ރައްޓެއްސަކަށްވާން ނެގީ ހަފްތާއެއްހާދުވަހެވެ.
ކައިލަން އަނާ ގޮވައިގެންގޮސް ޑިނާއަކަށް ދިޔައީ ފަލަކްނާޒްގެ އެދުމަށެވެ. ކައިލަން އާއި އަނާ އެކީގައި ހިގާލާފައިގޮސް ކައިލަން ދޮރުހުޅުވާލަދިނުމުން އަނާ އެކަން ފާހަގަކުރީވަރަށް ޚާއްސަކަމެއްގެ ގޮތުގައެވެ. ކައިލަންގެ އެހުންނަ "ޗާމިން" ގޮތްގަނޑު ހުންނަނީ ވަންހަނާކޮށްގެންނެވެ. ބައެއްފަހަރު ކައިލަން އޭނައަށް ދަސްނުވަނީބާވައޭވެސް ހިތަށް އަރައެވެ. އަންހެންކުދިންތައް ބަލައިލިގޮތަކުން އަނާ އަދިވެސް ބޮޑަށް ކައިލަންއާއި ކައިރިއަށްޖެހިލިއެވެ. ކައިލަންއެކަން ފާހަގަކުރިހެނެއް ހިޔެއްނުވެއެވެ. ދެމީހުން އެކީގައި އެމީހުންނަށް ރިޒާވްކޮށްފައިވާ ޚާއްސަ މޭޒެއްގެ ދޮށުގައި ޖައްސައިލިއިރު މޭޒުމަތީގައި ދިއްލާލާފައިވާ ރަތް އުއްބައްތިތަކާއި މާބޮނޑިތަކުން ހީވަނީ ދެލޯބިވެރިންނަށް ޚާއްސަކޮށްފައިވާތަނެއްހެންނެވެ.
"މިތަން ވަރަށް ހިތްގައިމު ދޯ، ކުރިން އައި ތަނެއްތަ؟" ކައިލަން ސުވާލުކުރުމުން އަނާ ނިތްކުރި އަރުވާލިއެވެ. ކައިލަން މޭޒުމަތީގައި ދެއުޅަބޮށިޖައްސާލައިގެން އަތުގެ އިނގިލިތައް މަހާލައިގެން އިންއިރު އެ ރީތިދެލޯ އަމާޒުވެފައިވަނީ އަނާގެ މޫނަށެވެ. އަނާ އިނީ ކައިލަންގެ ތޫނުދެލޮލަށް ބަލަން ޖެހިލުންވެފައެވެ. އެދިގު އެސްފިޔަތައް ތިރިކޮށްލައިގެން އިންއިރު މޫނަށް ވެރިވެފައިވަނީ އުއްބައްތީގެ ކުލައެވެ.
"ހެޕި ބާތްޑޭ އަނާ...." ކައިލަންގެ ޖުމްލައިން ލަދުގެންފައި އޭނަ ކައިލަންއާއި ހަތަރުކަޅިހަމަކުރިއެވެ.
"މަންމަ ބުނީމަ އެނގުނީ، މަންމަބުނި އަނާ އެދުވަސް ފާހަގަކުރަން ބޭނުންނުވާކަމުގައި، އެހެންވެގެންނޯ ޕާޓީއެއް ނުބޭއްވީ، ކީއްވެތަ ޕާޓީދެކެ ހޭޓްކުރަނީ........" ކައިލަންގެ ޖުމްލައާއިއެކު އަނާގެ މޫނަށް ވީގޮތުން މިބުނެވުނީ ނުބައި އެއްޗެއްކަން ވިސްނިފައި ކައިލަން ފެންތަށި ދިއްކޮށްލިއެވެ. އަނާ ކަންބޮޑުވެފައި އިނދެ އަވަހަށް ފެންތަށި ދަމާލިއެވެ.
"އާރ ޔޫ އޯކޭ...." ކައިލަން އަޅާލާވަރު އެ އޯގާތެރިއަޑުން އެނގިފައި އަނާގެ ހިތުގައި ފޮނި ފޮނި ރާގެއްކުޅެލިހެން ހީވެއެވެ. މިރޭ އޭނަ ކައިލަންގާތުގައި އޭނަގެ ހިތް ހުޅުވައިލަން ބޭނުމެވެ. އަނާއަށް ލޯބި ދަސްވެއްޖެއެވެ. ލޯބީގެ ފޮނިމީރުކަން އެހިތަށް ފޯރައިފިއެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއް މިހާރު ކައިލަންއަށްޓަކައި ޖަހާހެން ހީވެއެވެ. އަނާ މިފަހަރުވެސް ބުމަ އަރުވާލިއެވެ. ކައިލަން އެކަން ފާހަގަކުރެވުނުކަމަކަށް ނަހަދައެވެ. އެހެންނޫނީ އަނާ އަނެއްކާ ތޮށީގެ ތެރެއަށްވަދެ ފިލާފާނެއެވެ. އެތޮށިން ބޭރަށް އަނާ ނެރުމަކީ ކިހާ އުދަގޫކަމެއްކަން ކައިލަން ދަނެއެވެ. އަނާ ފެންތަށި ދަމާލިގޮތަށް މޭޒުމަތީގައި ބަހައްޓަން އުޅުމުގެ ތެރޭގައި ބާކީހުރި އެތިފޮދު ބަންޑުންވިއެވެ.
"ކޯންޗެއް ގެންނާނީ...." ކައިލަން އާއި އަނާ ޓިޝޫއެއް ނަގަން އަތްދިއްކޮށްލީ އެކީގައެވެ. އެސިކުންތުކޮޅު ކައިލަންގެ އަތްތިލަ ކުޑަކޮށް ބީހިލުމުން ކަރަންޓްގެ ރާޅުތަކެއް މުޅިގައިގާ ދަތުރުކޮށް ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވިއެވެ. އަނާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއްވެރިވިއެވެ.
"އަހަރެން އޯޑަރކުރާ އެއްޗެއް އަނާއަށް ކެވޭނެތަ؟ " ކައިލަން އެކި އެއްޗެހި އަހަން ފެށުމުން އަނާ ލޯބިކޮށް ހެވިލާފައި އިނީއެވެ. ކައިލަން އޯޑަރުކުރި އެއްޗެއް ކާން އޭނަ އިނީ ނިންމައިގެންނެވެ. އެހެންނޫންނަމަ އިނގިލި ޖައްސާލާފައި ދައްކައިލެވިދާނެއެވެ. މިރޭ އަނާ އިނީ ބަދަލުވެފައެވެ. ކައިލަންގެ ސުވާލުތަކަށް ބޮލުގެ އިޝާރާތުން ޖަވާބުދޭން ފެށުމުން އަނާ ލައްވާ ވާހަކަ ދެއްކުވިދާނެކަމަށް ކައިލަން ދެކުނެވެ.
އެރޭ އަނާއާއިއެކު ގެއާއި ހަމަޔަށް އައުމަށްފަހު ކައިލަން ހަދިޔާއަކަށް ދިނީ ޓެޑީބެއަރއެކެވެ. އަނގައިން ބަހެއް ނުބުނެވުނުކަމުގައި ވިޔަސް އެލޮލުން ކިތަންމެ އެއްޗެއް އަނާ ބުނެފިއެވެ. އެކަމާއި ކައިލަން ވަރަށް ފިކުރުކުރިއެވެ. ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލިއިރު އޭނަ މުޅިދުނިޔެއަށް ސިއްރުކޮށްގެން އުޅޭކަންތައް ފާޅުކުރުމުގެ ވަގުތުޖެހުނީކަން ޔަގީންވިއެވެ. އަންހެންކުދިންނާއި ދުރުވާން އުޅުން އެއީ އަދި ހައްލެއްނޫނެވެ. އަނާ ކޮޓަރިއަށްވަންގޮތަށް އެބެއަރ މޭގައި ޖައްސާލިގޮތަށް ނިކަން އަރާމުވިއެވެ. މަޑުކަމުގެ އިންތިހާއެވެ. މަންމައާއި ބައްޕަ އަދި ބޭބެމެން ދިން އަގުބޮޑުހަދިޔާއަށްވުރެ މިބެއަރ އޭނަގެ ގާތުގައި ޚާއްސަވިއެވެ. ނިދުނީވެސް ބައްދާލައިގެން އޮތްވައެވެ. އެރީތި ތުންފަތުގައިވި ހިނިތުންވުން އޭނަގެ އުފާވެރިކަން ހާމަކޮށްދެއެވެ.
ފަލަކްނާޒް ކައިލަންއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކައިލަންއާއިއެކީގައި އަނާ ކޮންމެތަނަކަށް ދާންވެސް ހުއްދަދިނެވެ. އެކަމުގެ ނާޖާއިޒުފައިދާ ނަގާކަށް ކައިލަން ނޫޅެއެވެ. ބައެއްދުވަހު މިސްކު ބޭނުންވެގެން އަނާ ގޮވައިގެން ކޫލްކޮޓެޖަށް އަތުވެދާނެއެވެ. އެވެސް އަނާމެންގެ ގޭގެ ކާރުގައެވެ. ރުޚުސާނާ ހުންނަނީ އެގެއަށް އަނާ ގެންނާތީ އެކަމާއި އެހާ ހިތްހަމަޖެހިފައެއްނޫނެވެ. ކައިލަންދެކެވެސް އޭނަ ރުޅިއާދެއެވެ. ބަސްނޭހީތީއެވެ. ނަމަވެސް އޭނަވެސް އެކަން ފާޅުކުރާކަށް ނޫޅެއެވެ. ކައިލަންގެ ސިއްރު ސިއްރެއްގެ ގޮތުގައި ދަމަހައްޓައިގެން އޭނަ ހުރީއެވެ.
އަނާ ކޮންމެދުވަހަކު ރީތިވެލައިގެން ސެންޓުޖަހާލައިގެން ކޫލްކޮޓެޖަށް އައުން އާދައަކަށްހެދިއިރު ކައިލަންއަށް ވަނީ އަނާއާއި ވާހަކަދެއްކުމުގައި ކުރިއެރުމެއްލިބިފައެވެ. އިޝާރާތުން ވާހަކަދެއްކުމުގެ އިތުރުން ސްކެޗުން އޭނަ ބޭނުންވާކަންތައް ބުނެދޭންފެށިއެވެ. ފަލަކްނާޒް ބުނީ އަނާ ވާހަކަދައްކައިފިއްޔާ ކައިލަންހީނުކުރާފަދަ ބޮޑު އިނާމެއްދޭނެކަމުގައެވެ. ކައިލަން ހީލާފައި ބުނީ އޭނަ އެފަދަ އަގެއް ބޭނުންނުވާކަމުގައެވެ. ކައިލަން ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވުމުގެ އިތުރުން އަންހެންކުދިން އޭނައަށް އެޕޮއިންޓްމެންޓް ނުލިބިގެން ކިޔޫހަދަންފެށިއެވެ. ނުނިދިގެން ނޫނީ ހިތާމަބޮޑުވެގެން އޭނަގެ ލަފާ ހޯދަންދާނެއެވެ. ގިނަކުދިންދަނީ އެފަދަ ބައްޔެއްހުރެގެނެއް ނޫނެވެ. އޭނައާއި ވާހަކަދައްކާހިތުންނެވެ.
މިސްކު ކޮޓަރިން ނުނިކުމެއޮތީމަ އަނާ ހުރީ އެކަނިވެރިވެފައެވެ. މިސްކުގެ މޫޑުރަގަޅު ދުވަސްކޮޅަކަށް ނުވީމަ އޭނަ ނުކުތަސް އެހާ މަޖަލެއްނޫނެވެ. އަނާ ސިޓިންރޫމްގައި އެކަނި އިނދެލާފައި އެފްބީއަށްވަދެއެކުވެރިންގެ ޓައިމްލައިނާއި ފޮޓޯތައް އަދި އިންސްޓްގަރްމާ ބަލައިލަން އިންއިރު ބައެއްފަހަރު ހީލައެވެ. މިދުވަސްކޮޅު އަބަދުހެން އަނާއިންނަނީ ހެވިލާފައެވެ. ކައިލަންއާއިއެކުގައި ކުރިއަށްވުރެ ގިނަ ވަގުތުހޭދަކުރެވޭތީ އެކަމާއިމެދު ހިތާހިތުން ޝުކުރުވެރިވެވުނު އަދަދެއްވެސް ނޭގެއެވެ. އިސްއުފުލާފައި ބަލައިލެވުނީ ކައިލަން ވާހަކަދެއްކި އަޑުއިވިފައެވެ.
"އަނާ، ގެއަށް ދާންވީތަ؟ " ކައިލަން އާއިއެކު ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނިފައި އަނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންހީވިއެވެ. އެތައް އިހުސާސްތަކުގައި ގެނބެވެމުންގޮސް މުޅިކުއްޖާގެ މޫނު ހުދުވެ ގަނޑުފެންކޮޅަކަށްވިއެވެ. އިރުކޮޅަކަށް ތަނެއްދޮރެއް ނުފެންނަހެން ހީވެފައި އަނާގެ ހިތް ވަގުތުން ކައިލަންއާއި ދެކޮޅުވިއެވެ. ކައިލަންގެ މޫނުމަތީގައި ޖަހަން ބޭނުންވިއެވެ. އޭނައަށް ބެއަރދީފައި އޮޅުވާލާފައި ކައިލަން އޭނަދެކެ ރުހޭކަމަށް ހީކުރުވާފައި މިދިނީ ކޮންފަދަ ބޮޑު ލަނޑެއްހެއްޔެވެ؟ އިންތިހާއަށް ލޯބިވާވަރަށް ގަދަޔަށް ރުޅިއަންނާންވެސް އަނާ ދަނެއެވެ.އެއައީ ކައިލަންގެ ލޯބިވެރިޔާ ނުވަތަ އަންހެނުންކަން ޔަގީންވީ އެއަންހެންކުއްޖާ ތިމާގެ މިލްކެއްފަދައިން ކައިލަންގެ އަތުގައި ހިފަހައްޓާލައިގެން ހުރިގޮތުންނެވެ. އަނާ ވަގުތުން ކޮޅަށް ތެދުވެފައި ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކައިލަންއަށްވެސް ބަލަން ހުރެވުނީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ.