އަނާ ފެންޑާއަށް ނުކުތްއިރު ފެނުނީ ފަލަކުގައި ވިދަވިދާ އިން ހަނދެވެ. ގަސްތަކުގެ ތެރެއިން ހަނދަށް ބަލައިފިނަމަ ހިތާމައެއް ކުރިމަތިވެދާނެކަމަށް މީހުން ބުނެއުޅެއޭ ކިޔާ ހަނދާންވިޔަސް އަނާ އެކަހަލަ ވާހަކަތަކަށް ނުހެއްލެއެވެ. ކަންތައް ހިނގާނީ ތަޤުދީރުގައި ލިޔުއްވާފައިވާ ގޮތަަކަށެވެ. އެކަކަށްވެސް އެކަމެއް ބަދަލެއްނުކުރެވޭނެއެވެ. އަނާ ހަނދަށް ބަލައިލާފައި ހިނިތުންވެލީ ކައިލަންގެ ހަނދާންކޮށްލަމުންނެވެ. ކުއްލިއަކަށް މީހަކު ފަހަތުން ބައްދައިލަމުން ހަޅޭއްލަވައިގެންފާ އަނާ އެނބުރުނެވެ. އޭރު އޭނައާއި ދާދި ކައިރީގައި ހިނިތުންވެލައިގެން ހުރީ ރާހިލްއެވެ.

"ބޭނުމީ ބޭބީ އެކްސައިޓްވެގެން ތިގޮތަށް ސްކްރީމް ކުރާއަޑު އަހަން، ނޮޓް އިން ފިއަރ..." ރާހިލް އަނާގެ ކޮލުގައި އަތް ޖައްސާލާއިރަށް އަނާ މޫނު ހަދާލާފައި ރާހިލްގެ އަތްދުރުކޮށްލިތަން ފެނިފައި ރާހިލްގެ ހިތަށް ތަދުވިއެވެ. އޭނަ އަނާގެ ހިތް ކާމިޔާބުކުރާނެ ގޮތަކާއިމެދު ވިސްނަ ވިސްނާވެސް އެެކަމެއް ނޭގުނެވެ. އަލީސާފަދައިން އަނާ އޭނަގެ ގާތަށް އަންނާނެނަމައެވެ.

"ގައިގާ އަތްނުލާ ހުރެ ވާހަކަދައްކަން ދަސްކޮށްބަލަ.." އަނާ ވާހަކަދެއްކީ އިހުތިރާމް ނުކުރާފަދަގޮތަކަށެވެ.

"މަގޭ ކުޑަ އެނީ ހާދަ ތުއިވެފައި ފޮނިވެއްޖެއޭ، ކައިލަން ކީއްކުރީތަ މިކުއްޖާއަށް..." ރާހިލް އެވަރުންވެސް ހުރީ ހީލަ ހީލައެވެ.

"އެނގެން ބޭނުންތަ؟ "އަނާވެސް ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ.

"އޮފްކޯސް...." ރާހިލް އަނާގެ ފަހަތުން ގޮސް ސިޑިއާއި އަރާހަމަވިއެވެ. އެހިސާބުގައިވާ އޮރެންޖް އަލި އަނާގެ މޫނަށް އެޅި އެދޮންމޫނަށް ހީވަނީ ނާރިގު ކުލަވެރިވެފައިވާހެންނެވެ. އޮމާންކަމުން އަތް ހިންގައިލަން އެންމެ އެދޭ މޫނެކެވެ. ރާހިލްގެ ހިއްސުތަކަށް އަސަރުކުރަމުންދަނީ ކެތްވާވަރަކަށް ނޫނެވެ. އަލީސާއާއިއެކު އުޅުމުން ވަކިން ބޮޑަށް އަނާ ހާސިލުކުރުމުގެ އެދުންބޮޑުވާން ފަށައިފިއެވެ. އެއަލިފާން ނިއްވާލާނެގޮތެއް ނޭގިގެން ދީވާނާވަނީއެވެ.

"އައި ސްލެޕްޓް ވިތް ހިމް......" އަނާ ޔަގީންކަމާއިއެކު ބުނެލިގޮތުން ރާހިލް ހަަމަ ވިސްނުމުން އެއްކިބާވިއެވެ. ކުއްލިއަކަށް އަނާގެ ގައިގާ ހިފެހެއްޓިގޮތަށް ގެނެސް ސިޑީގެ ރެއިލިންގައި ޖައްސާލިގޮތުން އަނާ ބިރުން ދެލޯ ބޮޑުކޮށްލިއެވެ. އަނާގެ ހަށިގަނޑު ފިތިގެން ދިޔަގޮތުން ކަށިތައްވެސް ޗިސްވެދާނެހެން ހީވިއެވެ. އޭރު ރާހިލްގެ މޫނުވަނީ އަނާއާއި ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ.

"ވަޓް ޑިޑް ޔޫ ސޭ، އެނުލަފާމީހާއާއެކު ކީއްކުރީއޭ؟ "ރާހިލް ގާތްގަނޑަކަށް ހަޅޭއްލަވައިގަތްއިރު ދެލޮލަށް އަލިފާނުގެ ކުލަ ވެރިވެއްޖެއެވެ.

"އައި ސްވިއަރ........" އަނާ އެރޭގެ ހާދިސާ ހަދަހަދައިގެން ރާހިލްއަށް ކިޔާދިނެވެ. ހީކުރީ އޭނައާއި ކައިލަންގެ ގުޅުން އޮތްވަރު އެނގިފައި ރާހިލް އޭނަދެކެ ފޫހިވާނީކަމަށެވެ. އިއްފަތްތެރިކަން ގެއްލިފައިވާކުއްޖަކާއި ހެދި އެހާވަރުން އުޅެންވީ ސަބަބެއް އަނާއަކަށް ނޭގެއެވެ. އެހެން އުޅޭނީ ކިހާ ގޯސްކުދިންހެއްޔެވެ؟ ހަގީގަތުގައި އެރޭ އެފަދަކަމެއް އޭނައާއި ކައިލަންއާއި ދޭތެރޭގައި ހިނގިކަމެއް ނުވަތަ ނޫންކަމެއްވެސް އަނާއަކަށް ނޭގެއެެވެ. އެރޭގެ މަންޒަރުތައް ހުވަފެނެއްފަދައިން އޭނަގެ ސިކުނޑީގެ ސްކްރީނަށް އަރާއިރު ބައެއް ބައިތައް ހަނދާން ނެތިފައި ހުރެދާނެއެވެ.

"އެނީ، ޔޫ ބިޓްރޭޑް މީ، އަހަރެން އެހާ ބޭނުންވާކަން އެނގިހުރެ އަހަރެންގެ އެނެމީގެ ތަންމަތި ފަޅުފިލުވާދޭން ފިލައިގެންދިޔައިރު އަހަރެންގެ ހިތަށް ތަދުވިވަރާއި އަހަރެންގެ ދެލޮލުން އޮއްސި ކަރުނަތައް އެހެން ފަރާތަކަށް ނޭގޭނެ، އަނާއަކަށްވެސް އަހަރެން ލޯބިވާ މިންވަރު ކުޑަކޮށްވެސް އިހުސާސްކުރެވުނުނަމަ ތިގޮތަށް އަހަރެންގެ ހިތް ކަތިލާލާކަށް ނުކެރޭނެ، އެކަމަކު މިރޭ ތިބުނީ އަހަރެން އެންމެ އަޑުއަހަން އުދަގޫވި ވާހަކަ، ފިރިހެނަކަށްނުވާ ފިރިހެނަކާއިއެކުގައި އަނާ ހިތުން ތިއައީ ވަރަށް މޮޅުކަމެއްކޮށްލާފައި، އަދި ފޮނިކަނޑަން އަހަރެންކައިރީ ވާހަކަދެއްކިއިރު ކައިލަންއަށް އެވަރަށް އަނާގެ ހިތްހަމަޖައްސާލަދެވުނުތަ؟ އައި ޑޯންޓް ތިންކް ސޯ، ބަލަ އެއީ މީހަކާއި އިނދެގެން އެތައް ދުވަހެއްވީއިރު ބައެއްމަދުވެގެން އެކުއްޖާއާއިއެކު ސްލީޕްނުކޮށް ހުރި އިންސާނެއް، ވީއިރު އަނާއަށް ހީވަނީ ކިހިނެއް؟ އަހަންނާއިއެކު އެންމެ ރެއެއް ހޭދަކޮށްބަލަ، އެކައިލަންގެ މަތިން ހަނދާން ނެތޭނެ އެންމެ ފަހަރަކުން، އެއީ އަހަންނަށް ނުވެ އޮތްކަމަކީ، އަހަރެންގެ މޮޔަކަމުން އަނާ އެހިސާބަށް ނުގެންދެވުނީ، ބަޓް ޔޫ ވިލް އެކްސްޕީރިއެންސް ދަ ޑިފެރެންސް...ރައިޓް ނައު.." ރާހިލް އަނާގެ އަތުގައި ހިފައިގެން ސިޑިން އަރަން ދިމާކުރުމުން އަނާ ދެފައި ވިއްދާލަައިގެން ގަދަ ދައްކަން ފެށުމުން އޭނަ ކޮނޑަށް ލުން ރާހިލްއަށް މާ ބޮޑުކަމަކަށް ނުވިއެވެ.

"ރާހިލް ޔަޒީދު، ޕުޓް މީ ޑައުން، ހަމަ މިހާރު.....ނޫނީ މަންމައަށް މިގޮވަނީ......" އަނާ ރުޅިގަދަވެފައި ރާހިލްގެ ބުރަކަށީގައި ދެއަތުން ތަޅައިގަތެވެ. ރާހިލް އަނާ ބިންމަތީގައި ބެހެއްޓިގޮތުން ހީވީ އަނާގެ ވާހަކަ އަޑުއިވުނުހެންނެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި އޭނަ އަނާގެ އަނގަމަތީގައި އަތްއެޅިގޮތަށް އެއްއަތުން އަނާ މޭގައި ޖައްސާލައިގެން ހުރެ ކުރިއަށް ދާން ފެށުމުން އަނާގެ ހިތް އަވަސްވެ ނޭވާ ހާސްވާގޮތްވިއެވެ. އަމިއްލަ ނިކަމެތިކަމާއި ބާރެއްނެތްކަން އިހުސާސްކުރެވިފައި މުޅިކުއްޖާ ފިނިވެ މޫނަށް އަނދިރިވާގޮތްވިއެވެ.

ކުއްލިއަކަށް މީހަކު ސިޑިން ދުވެފައި އަންނަ އަޑު އިވިފައި އެއީ ޖިޔާންކަން އެނގިފައި އަނާގެ އަނގަމަތިން ދޫކޮށްލާފައި ކަންފަތްކައިރީގައި އެއްޗެކޭ ބުނެލިއެވެ. އަނާ ހުރީ ރުޅިއައިސް ރަތްވާވަރުވެފައެވެ. ރާހިލްދޭ އިންޒާރަކަށް ދެން އޭނަ ބިރެއްނުގަންނާނެއެެވެ. ޖިޔާން ފެންނައިރަށް ދުވެފައިގޮސް ބައްދާލަމުން އަނާއަށް ރޮވުނީއެވެ.

"ދޮންބެ، ރާހިލް ކައިރީ ބުނެބަލަ އަހަންނަށް ބިރުނުދައްކާށޭ....." އަނާ ރޮމުން ކުރި ޝަކުވާއާއިއެކު ރާހިލް ކޮޓަރިއަށްވަދެ ބަންލާފައި ދޮރުޖެހިގޮތުން ފާރުތައްވެސް ގުގުމާލިއެވެ.

"އޭނަ ކީއްކުރަން އުޅުނީ...." ޖިޔާން އަނާ ގެންގޮސް އެތާހުރި ސޯފާއެއްގައި ބައިންދައިގެން ސުވާލުކުރަންފެށިއެވެ. އަނާއަކަށް ހަގީގަތް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. ޖަޒުބާތުގައި ހުރެ ރާހިލްގެ ޝަކުވާކުރަން އުޅުނުނަމަވެސް މިހާރު އެވާހަކަ ދެއްކުމުން ގޭގެ މަސްލަހަތު ގެއްލުން ނޫންކަމެއް ނުވާނެއެވެ. ރާހިލްދެކެ މަންމަމެން ލޯބިވަނީ އިންތިހާއަށެވެ. ޖިޔާންއަށްވުރެވެސް މަންމަމެން ލޯބިވާ ދަރިއަކީ އެއީއެވެ. ރާހިލް ކިތަންމެ ނުބައިކަމެއް ކުރިޔަސް މަންމަމެންނަށް ވަރިހަމަވާނެއެވެ. ޖިޔާންއަށްވުރެ މިގޭގައި ނުފޫޒުގަދަ މީހަކީ ރާހިލްއެވެ.

"މެރީކުރާށޭ ކިޔާފަ އުޅޭތީ...." އަނާ ކަރުނަތައް ދިރުވައިލާފައި ކުއްލިއަކަށް ތެދުވީ ރާޔާގެ ޑައިރީމަތިން ހަނދާންވެފައެވެ. މި ޖިޔާންއަކީވެސް މީހުން އިތުބާރުކުރަން ހެޔޮވާވަރުގެ ފަރާތެއްނޫނެވެ.

"ދާންވެއްޖެ، އަދި ނަމާދުވެސް ކޮށްނުލާ މިހިރީ....." އަނާގެ އަޑަށްވެސް ހަރުކަށިކަމެއްއައިހެން ހީވިއެވެ. ރާޔާއާއި އަނާގެ އެއް ބަލިއެއް ހުންނަނީހެއްޔެވެ؟ ނަފްސާނީ ބައްޔަކީވެސް ފަރުވާނުކޮށް ދޫކޮށްފިއްޔާ މީހާގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފާނެކަމެކެވެ. މަންމަމެން އަނާއަށް ރަގަޅު ޑޮކްޓަރަކު ލައްވާ ފަރުވާނުކުރުވަންޏާ އަނާވެސް އެމީހުންނާއި ވަކިވެގެން ދިޔުމުގެ ފުރުސަތު ކުޑައެއްނޫނެވެ. ޖިޔާން ސޯފާއަށް ވެއްޓިގަނެގެން އެހެން ވިސްނަން އޮތީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގެއެވެ. މިމުއްސަދި ގޭގެ އެއްވެސް މެމްބަރަކު އުފަލުގައި އުޅެނީއެއްނޫނެވެ. މުއްސަދި މީހުންނަށްވީމަ ހުރިހާ އެއްޗެއް ލިބިގެން އުފަލުން އުޅޭކަމަށް ގަބޫލުކުރިޔަސް އޭގެ ދިމާ އިދިކޮޅެވެ.

އަލީސާާއެހާ އަވަހަށް ކޮޓަރިއަށްވަދެ ނިދަން މަސައްކަތްކުރުމުންވެސް އެންމެ ފަހަރަކުވެސް ލޮލުފިޔަ ޖަހައިލެވުނުކަމަކަށްނުވިއެވެ. ފިރިހެނުންގެ ސަބަބުން އޭނަގެ އުމުރު ބޭކާރުވަމުން ދާއިރު އެމީހުންގެ ފަރާތުން ލިބޭހާ އެއްޗަކީ ކަރުނައެވެ. އޭނަދެކެ ލޯބިވާ މީހަކު ނެތެވެ. ކައިލަންވެސް އޭނައަށް ހެޔޮއެދިގެން ކަމެއްކޮށްދިނަސް އޭނަގެ ލޯބި ބަލައެއްނުގަތެވެ. ރާހިލް ކިހާ އަމިއްލަ އެދުންބޮޑު ހެއްޔެވެ؟ އޭނަ ބޭނުންކުރީ އަމިއްލަ އެދުން ހާސިލުކުރުމަށެވެ. ވާހަކަތައް ކިޔާފައި އޭނަދެކެ ލޯބިވާނެ އަޅާލާނެ ބައިވެރިޔެއްގެ އުއްމީދުގައި ހުރެ ދެމީހުންގެ ފަހަތުން އުޅުނުއިރު އެއިން އެކަކުވެސް އޭނަގެ ބައިވެރިޔެއްގެ ގޮތުގައި ބަލައިގަންނާކަށް ބޭނުމެއްނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްއިރު އޭނައަށް ކުރެވުނު ފާފައާއިމެދު ވިސްނިއެވެ. މަރުވާނެ އިރެއް އެނގެނީއެއް ނޫނެވެ. މިހާރުވެސް ލޯމެރިއްޖެއްޔާ ވާނެގޮތަކާއިމެދު ހިތަށް އަރާފައި ނުބައިގޮތަކަށް ގައިން ހީބިހި ނަގައިފިއެވެ. ބިރުވެތިވެ ހެެއްދެވިފަރާތަށް ދުޢާކޮށް ކަރުނަ އޮއްސިއެވެ. އެފަދަ ފާފައަކަށް ދުވަހަކު އަރައި ނުގަންނަން ނިންމާފައި ތައުބާވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބި ކަރުނަތައް ހިކިއްޖެއެވެ. އާފެށުމަކުން ދިރިއުޅުން ފަށަން ނިންމުމުން ރޫހުވެސް ތާޒާވެގެން ހިނގައްޖެއެވެ.

އަލީސާ އޭނަގެ އެކުވެރިއަންހެންކުއްޖަކަށް ގުޅައިގެން އެކުއްޖާ އުޅޭ ކޮޓަރިއަށް ބަދަލުވާން ނިންމިއެވެ. ދެމީހުން ބައިވެރިވުމުން އެކުއްޖާގެ ވެސް ޚަރަދުތައް ކުޑަވާނީއެވެ. އުޅޭނެތަނެއް ހަމަޖެއްސުމަށްފަހު ހެދުންތަކާއި ގެންގުޅޭ ސާމާނު ޕެކްކޮށް ނިމުނުއިރު ފުދޭވަރަކަށް ދަންވެއްޖެއެވެ. އޭނަ ވަޒީފާއިން ވަކިވާން ރަސްމީކޮށް ރާހިލްއަށް ސިޓީ ލިޔަން މޭޒުކައިރީގައި އިށީދެ ލެޕް ހުޅުވާލައިގެން އިނގިރޭސިން ޓައިޕްކޮށް ނިންމާލިތަނާހެން ދޮރު ހުޅުުވުނުއަޑަށް ސިހިފައި ބަލައިލިއިރު އެތެރެއަށް ދެމިގަތީ ރާހިލްއެވެ.

"ހައު ޑެއަރ ޔޫ، އަމިއްލަ ގެއަށްވިޔަސް ތިގޮތަށް ހުއްދަ ނުހޯދާ ސިއްރުން މީހުންގެ ކޮޓަރިއަށް ވަންނަން ޖެހޭތަ؟ މިއީ ރާހިލްގެ ގެ ކަމުގައިވިޔަސް މަގޭ ރޫމް......"އަލީސާ ކުއްލިއަކަށް ތެދުވެފައި ތަންކޮޅެއް ބާރަށް ކިޔާލައިފިއެވެ.

"އަހަރެން މިއައީ ނުނިދިގެން، ތިމޭމަތީގައި ނިންދަވާލަދޭންވީނު......" ރާހިލް ހައިރާންވީ އަލީސާގެ ފަރާތުން އެގޮތަށް ރުޅިވެރިކަން ފެނުނީމައެވެ.

"އަހަރެން މިއީ ރާހިލް ބޭނުންވީމަ ކުޅެން ހުރި ޓޯއި އެއްނޫން، ރާހިލް ތިހިރީ އޮޅުމެއްގެ ތެރޭގައި، ފްރޭންކް ކޮށް މިބުނީ ރާހިލްއަކަށް ތިގޮތަށް އަހަރެން ދެން ޔޫޒްއެއް ނުކުރެވޭނެ...." އަލީސާ ދޮރާއި ދިމާލަށް ހިނގައިގަތުމުން ރާހިލް ކުރި ބެއްދިއެވެ. އަލީސާގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިގެން ހީވިއެވެ. ރާހިލް އަކީ މިވީހާތަނަށް މިގޮތަށް މަޖުބޫރު ދައްކާ އުޅުނު ފިރިހެނެެއްނޫނެވެ. ގަދަކަމުން އެއްވެސް ކަމެއްކުރުވާކަށް ނޫޅޭނެއެވެ. ތަނެއްގެ ވެރިއެއްގެ ހައިސިއްޔަތުން ބަލާއިރުވެސް އެހާ ރަގަޅުވެފައި މުވައްޒަފުންނަށް ހެޔޮކޮށް ހިތާވަރުން އެންމެންގެ ލޯބި ހޯދާފައިވެއެވެ. އެރަގަޅު އުސޫލުތައް ދޫކޮށްލާފައި އޭނައަށް ބިރުދައްކާ ދަންވަރު ކޮޓަރިއާއި ހަމަޔަށް ވަންނަ ފެންވަރަށްވެސް ވެއްޓިގަތީހެއްޔެވެ؟

"މި އަންހެންކުދިން ދެން ހާދަ ގޮތްބޮޑޭ ދޯ، އަހަރެން މިހާރުވެސް ޕްރޫވްކޮށްދޭނަން އެލީ އަހަންނަށް ބޭނުންވާކަން...." ރާހިލް ޑެރެކް ރޯޒް ޕިޖާމާއެއްލައިގެން ހުރިއިރުވެސް ކަސްރަތީ ރީތި ހަށިގަނޑުގެ ފުރިހަމަކަން ހާމަޔަށްވެއެވެ. ދުވާ ލުއި މީރުވަހުން ކޮޓަރި އެއްވަސްކޮށްލާފައިވެއެވެ. ރާހިލް އެއް ފިޔަވަޅުކުރިއަށް ޖެހިލުމުން އަލީސާ ވަށައިގެން ހޯދާލީ ރާހިލްގެ ފަރާތުން ސަލާމަތްވާން ހަތިޔާރެއް ހޯދުމަށެވެ. އެކަމަކު އެވެސް ހައްލެއްނޫނެވެ. މީހަކަށް ހަމަލާދިނުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ.

"ތިއުޅެނީ އަަހަރެން ރޭޕްކުރަންތަ؟ " އަލީސާ ސުވާލުކުރިއެވެ.

"އަހަންނަށް އެނގޭއެލީ ބައިވާނެކަން....." ރާހިލް ހަށަން ބަދެލިއެވެ.

"ސެޑިއުސްކުރަން ތިހާ މޮޅުމީހާ ވީއިރު އަނާގެ ރޫމަށްގޮސް އޭނަ ލައްވާ ބޭނުންކަމެއް ކުރުވަންވީނު، ވައި މީ؟ އަަހަންނަކީ ނިކަމެތިމީހަކަށްވީމަތަ؟ "އަލީސާ ގެ ހިތުގައި ކުޑަކޮށް ރިއްސާލިއެވެ. ރާހިލް އޭނައާއި ކައިވެނިކުރަން ބޭނުންވިނަމައެވެ. އެ މަޤާމު ނުދީ ކޮންމެހެން މިގޮތަށް ބޭނުންކުރުމުގެ ފުރުސަތެއް ދެން އޭނަ ނުދޭނެއެވެ.

"އަހަރެން އުޅުނީ އަނާއާއި މެރީކުރަންކަން އެނގެއެއްނު، ކައިވެނިކުރަން އުޅޭ ކުދިންނާއި އެވައްތަރަށް އަހަރެން ޓޯކް ނުކުރަން، އަދި އެކަހަލަކަމެއްވެސް ނުކުރާނަން......" ރާހިލްގެ ވާހަކައިން އަލީސާގެ ރުޅި އިތުރުވުން ނޫންކަމެއްނުވިއެވެ.

"ސޮރީ ރާހިލް، ބުނެފީމެއްނު އަހަންނަކީ މިސްޓްރެސްއަކަށް ނެހެދޭނެއޭ....." އަލީސާ ބުމަގޮށްޖަހާލިއެވެ.

"އެލީ، އަހަރެންގެ ޕީއޭގެ ގޮތުގައި ހުރީމަ ޖެހޭނެ އަހަރެން ބުނާގޮތަށް ހަދަން އޯކޭ....ކަމް ހިއަރ..." ރާހިލް ތަންކޮޅެއް އަމުރުވެރިކޮށް ބުނެލިއެވެ.

"އަހަރެން ރިޒައިންކޮށްފިން، އެހެރީ ލިޔުނު ސިޓީ، އަހަރެން ދެން ރާހިލްގެ ވަޒީފާގައެއްވެސް ނުހުންނާނަން، އޮފީހުން ކެނޑެން ބޭނުމީ....." އަލީސާ ދެރަވިއެވެ. އެތައް އަހަރެއްވާންދެން އޮތް އެކުވެރިކަން ކަނޑާލަން ޖެހުމުން އޭނަގެ ހިތަށްވެސް އުދަގޫނުވަނީއެއްނޫނެވެ. ނަމަވެސް ރާހިލްގެ ނިޔަތް އެނގުމަށްފަހު އެތާ މަސައްކަތްކުރުމަކީ ދެން ވެވޭނެކަމެއްނޫނެވެ. ރާހިލްގެ ރީތިކަމުގެ ނިވަލުގައި ޝައިތާނާ ފިލާހުރެގެން ގޯސްހައްދުވަން ފެށީމަ ދެން އެތަނުން ސަލާމަތްވުމަށްވުރެ ބުއްދިވެރިގޮތެއް އަލީސާއަކަށް ނުފެނުނެވެ.

"އޯ، އެހިސާބަށްވެސް ދިޔައީތަ؟ ހަމަ މިހާވަރު އަރުވާލަން އެލީ ޖެހޭތަ؟ އައި ޑޯންޓް އަންޑަސްޓޭންޑް، އެލީވެސް ބޭނުންވެގެނެއް ނޫންތަ ކުރިކަމެއްކުރީ؟ އަހަރެން މަޖުބޫރުކުރީއެއްނޫން، ދެން މިއީ ކޮންކަމެއްކަން އަހަންނަކަށް ނޭގުނު، ބޮޑު އިޝޫއަކަށް މިކަންތައް ހަދާވަރެއް އަދި ނުވޭ...." ރާހިލް ކުޑަކޮށް ބުމަ ކައިރިކޮށްލިގޮތުން ހީވީ އަނިޔާލިބުނު މީހަކީ އޭނަހެންނެވެ. ކަަމަކަށްނުވާ ކަމަކާއިހެދި އޭނަ ވަޒީފާއިން ކެނޑެން އުޅޭހެންނެވެ.

"އެހެނެއްނޫން، ރާހިލް މީހަކާއި އިންނަން އުޅޭއިރުވެސް އަހަރެން މިޖެހެނީ ރާހިލްގެ ހުރިހާ އެދުމެއް ފުއްދަދޭން، ޕީއޭއަކަށް ހުރުމަކީ ކޮންމެހެން ރާހިލްގެ މިސްޓްރެސްއަކަށް ހުރުމެއްނޫން، ދެން މިހާރު ފުދިއްޖެ، ރާހިލްމެން އަހަންނާއި ދޭތެރޭ ދެކޭގޮތް އޮޅުން ފިލައިފި، އަހަރެން ކަމަކުނުދޭ ރާހިލްގެ އަންބަކަށްވާން، ވީއިރު ހެޔޮނުވާނެ މިތަނުން ދޭ...." އަލީސާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.

"އެހެނެއް ނުބުނަމެއްނު، އެލީ ބޭނުންވިޔަސް ނުވިޔަސް އަހަރެން މިތަނަށް އައި ބޭނުން ފުއްދާނަން......." ރާހިލް ވިސްނާލާފައި ބުނެލިއެވެ. އަލީސާ އޭނަ ލައްވާ އާދޭސްކުުރުވަން ބޭނުންވަނީއެވެ. އޭނަ އެއްގޮަތަކަށްވެސް އަންހެންކުއްޖެއްގެ ފައިބުޑަށް ވެއްޓިއެއްނުގަންނާނެއެވެ. ރީތިކޮށް އެދުނީމަ އޭނަ ބޭނުންވާކަމެއް ކޮށްނުދެންޏާ އާދޭހެއް ނުކުރާނެއެވެ. އޭނައަކީ އެކަހަލަ މީހެއްނޫނެވެ. ނަމަވެސް އޭނަ ބޭނުންވީ އަލީސާ ބިރުގަންނަވާލުމަށެވެ. ނުބައި ނިޔަތެއްނެތް ނަމަވެސް އަލީސާއަށް ކުޑަކޮށް ބިރުދައްކާލަންވެގެން އޭނަ ތަންޑުތައް އެޅުވިއެވެ. އަލީސާގެ ފަހަތުން މަޑުމަޑުން އަންނަން ފެށުމުން އަލީސާ ބިރުން އެތަންމިތާ ދުވުނެވެ. ފިލްމެއްގެ މަންޒަރުފަދައިން ސްލޯ މޯޝަންގައި ރާހިލް މަޑުމަޑުން ހިގާލާފައި އުޅުނުއިރު އަލީސާ އޭނަގެ އަތުގައި ނުޖެހެން ކުރި މަސައްކަތް ފެނި އޭނަ ހުރީ ނިކަން މަޖާވެފައެވެ.

"އެލީ، ހަމަޖެހިބަލަ...." ރާހިލް އަލީސާ ވަރުބަލިވެދާނެހެން ހީވުމުން އެކަން ހުއްޓާލާފައި އެނދުގައި އިށީން ވަގުުތު ބަލާފައި އަލީސާ ނުކުމެގެން ދުއްވައިގަތްތަން ފެނުނެވެ. ރާހިލް އަލީސާގެ ފަހަތުން ދުއްވައިގަތީ އަލީސާ ގޯހެއް ހަދާފާނެތީ އެކަން ހުއްޓުވުމަށެވެ. ފަހަރެއްގައިވެސް އޭނަގެ ބޮޑުބޭބެމެން ކޮޓަރީގެ ދޮރު ތަޅާ ހަޅޭއްލަވައިގެން އެންމެން އެއްކޮށްގެން ގެ ހަލަބޮލިކޮށްފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަގޮސް އަލީސާއާއި އަރާހަމަވިއިރު މަންމަ ދޮރު ހުޅުވާލިތަން ފެނިފައި ފަަހަތަށް ޖެހިލަމުން އޭނަ އަލީސާއާއި ދިމާލަށް "ތެންކްސް" އޭ ބުނެލީ ދެރަވީވަރުންނެވެ. އަޑުގަދަވެގެން ޖިޔާންއާއި އަނާވެސް އެކުދިންގެ ކޮޓަރިތައް ހުޅުވާލާފައި ނުކުތެވެ. ރާހިލް ދުވަަހަކުވެސް އެހާވަރުގެ ބޭޒާރެއްވެ ލަދުގަތްކަމެއް ނޭގެއެވެ. ގަދަކަމުން އަލީސާގެ ގަޔަށް އަރައިގަންނަން އުޅުނުކަމުގެ ފަޟީހަތްވުމުން ލަދުން އިސްޖެހުނުތަނާހެން ފަލަކްނާޒްގެ ރުޅިވެރިކަން އަމާޒުވީ އަދި އަލީސާއާއެވެ.

"މިހިރަ އަންހެންމީހާ އަދި އަހަރެމެން ގޭގައި ހުރެ މަގޭ ދަރިއެކޭ ކިޔައިގެން އަނގަ ހުޅުވާލާކަށް ލަދެއްނުގަނޭތަ؟ ކަލޭގެ މައިންބަފައިން ކައިރީ ހުރިނަމަ އަހަރެންގެ ދަރިއަކު ތިގެއަކަށް ޔަގީނުންވެސް ނުދާނެ، ބަލަ ކަލޭ ފާޑު ފާޑު ކުރު ހެދުންލައިގެން މިގޭގައި ފިރިހެންކުދިން ކުރިމަތީގައި އުޅެންޏާ ތިހެންވާނެ، ނާސިއެއް ތީ...." ފަލަކްނާޒް އެތިވަރު ގޮވައިގަތުމުން ޖިޔާންގެ ހިތުގައި ހަމްދަރުދީގެ އޮއިވަރެއް ހިނގައިގަތްއިރު އަލީސާ ހުރީ ގަނޑުވެފައެވެ. ކުށްވެރިމިވީ އަނިޔާ ލިބުނުމީހާއެވެ. އަލީސާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔުމާއިއެކު އަނގަމަތީގައި އަތްއަޅައިގެން ހުރެ ދުވެފައިގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. މިދަންވަރުވެސް އޭނަ ބޭނުމީ މިތަނުން ސަލާމަތްވެގެން ދިޔުމަށެވެ.

ރާހިލް ހުރީ ކަންހިނގިގޮތާއިމެދު ރުޅިގަދަވީވަަރަށް ދެރަވެސް ވެފައެވެ. އަލީސާ އެގަޑީގައި ކާރަކަށްގުޅައިގެން ނުކުމެގެން ދާތަން ފެނިފައި ރާހިލް ރުޅިއައިސްފައި ހުރެވެސް ފަހަތުން ދިޔައީ އަލީސާއަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. އޭނަ ޑްރައިވަރަކަށް އިތުބާރެއްނުކުރެއެވެ.

"އަަހަރެން ހަމަ މަޖަަލަކަށް ކޮށްލިކަމެއް އެލީ ޑްރާމާއަކަށް ހެދީ، އަހަރެން އެލީ ރޭޕްކުރުމުގެ ނިޔަތުގައި އުޅުނުނަމަ އެގޮތަށް ކަންތައްނުވެސް ކުރާނެ ދޯ، އެހާވަރުން އުޅެފައި އަހަރެން އެލީ ކޮޓަރިން ނުކުމެގެން ދިޔަދޭނެތަ؟ އެލީ ބޭނުންނޫންކަން އެނގުނީމަ އަހަރެން ނެތިން ގަދަަކަމުން ކަމެއްކުރުވަން...."ރާހިލް މާފަށް އެދެންއުޅެފައިވެސް ފަސްޖެހުނެވެ. އަލީސާ ހުއްޓުވަން ބޭނުންވެފައި އެކަމާއިވެސް ހިތް ދެކޮޅުހެދިއެވެ.

އަލީސާ އެއްވެސް އެއްޗެކޭ ނުބުނެ ހުރެ ކާރަށް އެރުމުން ރާހިލް ޑްރައިވަރ ކައިރީ އަލީސާ ބޭނުންވާ މަންޒިލަކަށް ގެންގޮސްދޭން އެދުނެވެ. އެއަށްފަހު ރާހިލް އެތެރެއަށް ވަނުމަށްފަހު އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. މަންމަ އަލީސާއާއި ދިމާލަށް އެއްޗެހި ކިޔާލިކަމުގައިވިޔަސް ރާހިލްދެކެ ނުރުހޭނެވަރު އިހުސާސްކުރެވުނެވެ. މިހާދިސާއަށްފަހު މަންމަމެން އޭނަ އަނާއާއި އިންނަން ގަބޫލުވާނެހެއްޔެވެ؟ އަނާ ހާސިލުކުރަން ހިތް ބޭނުންވަނީ ހާދަ ބޮޑަށެވެ. އޭނަގެ ހުރިހާ އުފާތަކެއް ނެތިގެން ދަނީއެވެ. އެންމެފަހުން ކޮފީ ޕޮޓެއް ހިފައިގެން ޓެރެސްއަށް އެރިގޮތަށް ކުރެވުނުކަމަކީ ކޮފީއާއި ސިގްރެޓް ބުއިމެވެ.

"މައިންބަފައިން މަރުވިއިރު އަހަރެންވެސް ގެންދެވިނަމަ، މިހިތާމައަށް ކެތްކުރާނެގޮތެއްވެސް ނޭގޭ، ދިސް ޕެއިން އިޒް ކިލިން މީ، އެނީ ނުލިބިއްޖެއްޔާ ކިހިނެއް ދުނިޔޭގައި އުޅޭނީ؟ ހާދަހާބޮޑަށޭ އެނީދެކެ ލޯބިމިވެވުނީ، އެހެންމީހަކަށް ފީލްއެއްނުވެސް ވާނެ، އައި ލަވް ހާރ ސޯ ސޯ މަޗް....."ރާހިލް އުޑާއި ދިމާލަށް ބަލައިލިއިރު އުޑުގައި ހަނދު ވިދަވިދާ އިންތަން ފެނުނީ ކަރުނުން ފުސްވަމުން ދިޔަ ދެލޮލުންނެވެ. ފިނި ވައިރޯޅިއެއްގެ ބީހިލުމާއިއެކު ގައިން ހީބިހި ނެގިއެވެ. ބޯދަށަށް އަތްލެއްވިގޮތަށް ހަރަކާތެއްނެތި އޮތްއިރު ރާހިލްގެ ހިތަށް އެތަކެއްޗެއް އަރާ ފޭބިއެވެ. ލޯބީގައި ނާކާމިޔާބުވެފައިވާ ޒުވާނެއްގެ ހިތަށްވާނެގޮތް އެނގޭނީ އެފަދަ އިހުސާސެއް ކުރެވުނު މީހަކަށެވެ. އެރީތި މޫނު ހިތާމައިގެ ތަސްވީރެއްފަދައެވެ.

ރަތްފިޔައިން ހިތާމައިގެ ކަނޑެއްގައި ގެނބި ބޯ ހިއްލާނުލެވޭވަރު ވެފައިވަނީ އެކަނި ރާހިލްއަކަށް ނޫނެވެ. އެގޭގައި އެރޭ ހޭދަކުރި އެކެއްގެ ލޮލަކަށްވެސް ނިންޖެއްނައެވެ. ޔަޒީދު ރާހިލްދެކެ އިންތިހާއަށް ލޯބިވުމާއިއެކުގައިވެސް ރާހިލް ގޯސްކަމެއްކުރުމުން ހިތްވަރުދިނުމުގެ ބަދަލުގައި ހިމޭންކަން ޚިޔާރުކުރިއިރު އެލޮލަށްވެސް ކަރުނަ އައެވެ. އޭނަ ދެކުނީ އޭނަގެ ބޭބެގެ ދަރިފުޅަކީ އެންމެން ފަޚުރުވެރިވާފަދަ ޝަޚުސިއްޔަތެއްކަމުގައެވެ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަށް އަރައިގަންނަ ފެންވަރުގެ ދަށްމީހެއްކަމަށް ގަބޫލުކުރާކަށް ހިތެއްނޭދެއެވެ. އަނާއާއި ކައިވެނި ހަމަޖެހިފައިވަނިކޮށް އެފަދަ ކަމެއްކުރުމުން ޔަޒީދުގެ ހިތުގައި ޝަކުވާ އުފެދުނެވެ. އަލީސާ އެވަރަށް ބިރުން ރޮއިހަދާނީ ހަގީގަތެއް އޮތީމައެވެ. އަދި ރާހިލްގެ ހިމޭންކަމަކީ ޔަޒީދުއަށް ލިބުނު ޖަވާބަކަށްވިއެވެ. އެކަމާއި ވިސްނަން އޮވެފައި ފަލަކްނާޒަށް ބަލައިލިއިރު އޭނަގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ރާހިލްއަށްވުރެ ފަލަކްނާޒް ރުޅިއައީ އަލީސާދެކެއެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ ދެމީހެއްގެ ދޭތެރެއަށް ވަދެ އަލީސާ ރާހިލްއަށް މަގު އޮޅުވާލީކަމުގައި ފަލަކްނާޒް ދެކުނެވެ. އެދެމަފިރިން ޚިޔާލެއްގައި ނުނިދިފައި ތިބިއިރު ޖިޔާންއާއި އަނާވެސް އެފަދައެވެ. ކޮންމެމީހަކުވެސް އަމިއްލަ ހިތާމައިގާ ތަންމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅިއެވެ.

އަނާ ހެދުނު ތެދުވުނުއިރު ކޮޓަރީގެ ފިނިގަދަކަމުން ހީވީ ރޫރޫއަޅާހެންނެވެ. އެނދުކައިރީގައި ހުރި މަޑު ފައިވާނަށް ފައިތިލަ ކޮށްޕާލުމުން ކޮންމެވެސް ވަރަކަށް ހީފިލިއެވެ. ރޭގެ ހާދިސާ ހަނދާންވެފައި އަނާ ކުޑަކޮށް ހިނިއަންނަގޮތްވިއެވެ. އަލީސާ އެގެއިން ދިޔައީތީ ވަރަށް އުފާވިއެވެ. މަންމަމެންނަށް މިހާރު އެއްޗެއް ވިސްނޭނެތާއެވެ. ރާހިލްއަކީ ކޮންކަހަލަ މީހެއްކަން މަންމަމެންނަށް އެނގިގެން ކައިވެނި ހުއްޓުވާލާފައި އޭނައާއި ކައިލަން ރައްޓެހިވާން ހުއްދަދީފާނެއެވެ. ލަވައެއް ކިޔާލަމުންގޮސް ކޮޓަރީގެ ދޮރުފަތުގައި ދަމާފައި ހުރި ފަރުދާތައް ކަހާލުމުން ކޮޓަރިތެރެއަށް އިރުގެ ދޯދިތައްވަދެ ލޯ ތަރަތަރަޖަހައިގެންދާ ވަރުކޮށްލިގޮތުން ހީވީ ފުރުސަތަކަށް ބަލަބަލާ ތިބިހެންނެވެ. އަނާ ފެންވަރާ ރީތިވެލައިގެން ކާކޮޓަރިއަށްގޮސް ވަންތަނާ އައި ފޯން ކޯލަކުންއަނާގެ ދިރިއުޅުމުގެ އުއްބައްތި ނިވިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

 

ކޮމެންޓް 0