"އަނާ، މިއަދަށްފަހު ކައިލަންއާއި ވާހަކަދައްކައިގެން ނުވާނެ..." ރާހިލް ކުއްލިއަކަށް އަނާގެ އަތުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. އަނާގެ އަތަށް ތަދުވިއެވެ. ލޮލަށް ފެންއަންނަގޮތްވުމުން ބާރަކަށް ތުންފަތުގައި ދަތްއަޅައިލުމުން ތުންފަތުން ހީވީ ލޭ އޮހިގެންފާނެހެންނެވެ. އަނާގެ ރީތިކަން ފެނިފައި ރާހިލްގެ ހިތަށް ގޮތެއްވެ ހަށިގަނޑުގައި ވިންދުޖަަހަން ފެށިއެވެ. ހިތަށް އެރި އެއްޗަކުން އަމިއްލަ ނަފުސް ކުށްވެރިކޮށްލާފައި އަތުން ގޯހެއް ހެދިދާނެކަމުގެ ބިރުން އަވަހަށް އަނާގެ އަތުން ދޫކޮށްލާފައި ޖިންސްގެ ޖީބުގެ އެންމެ ފުނަށް އަތްޖަހާލައިފިއެވެ.
"ސޮރީ، ތަދުވީތަ؟ ނޭގި މާބާރަކަށް ހިފައިލެވުނީ، ބައެއްފަހަރު އަހަންނަށް ހަނދާން ނައްތައިލެވެނީ ތީ ކިހާ ނާޒުކް ހެލްޕްލެސް ކުއްޖެއްކަން...." ރާހިލް އެއްމިޔަކަނުން ހީލިއެވެ. އަނާ ބަލައިލީ އެތައް ޝުޢޫރުތަކެއް އެކުލެވިފައިވާފަދަ ނަޒަރަކުންނެވެ. އެލޮލުން ކިތަންމެ ވާހަކައެއް ދައްކައިފިއެވެ. ރާހިލްވެސް އަނާގެ މޫނުން ނަޒަރު ވަކިކޮށް ނުލެވިފައި ހުރީ ބުނަންވީ އެއްޗެއް ނޭގިފައެވެ. އަނާ ކުއްލިއަކަށް ދުއްވައިގަތުމުން ރާހިލް "ވޮޗް އައުޓް" އޭ ކިޔާލިއިރު އަނާއަށް ސިޑި ފެނުނު ކަމަކަށްވެސް ނުވިއެވެ. ފުރަތަމަ ސިޑިބަރިމަތިން އަނާ ފުރޮޅާލިތަންފެނިފައި ރާހިލްގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އޭނަ އުދުހިލާފައި ކަހަލަގޮތަކަށް ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު އަނާއާއި ހަމަޔަށް ފޯރިއިރު އޮތީ ބުދެއްހެންނެވެ. ރާހިލް ހަލާކުވެފައިވާ ހިތަކާއިއެކު އަނާގެ ކަނދުރާ ދަށަށް އަތްލައްވާފައި ނެގިއެވެ. އޭރު އަނާގެ ނޭފަތުން ލޭ އަންނަމުންދާތަން ފެނުނެވެ. ރާހިލްގެ ލޮލަށްވެސް ކަރުނަ އަތުވެއްޖެއެވެ. އަނާގެ މައްޗަށް އުފެދިފައިވާ ލޯބި ޔަގީންވީ އެވަގުތުއެވެ.
ފަލަކްނާޒް ގުޅަންފެށުމުން ކައިލަން ފޯނުނަގާފައި ލިބުނު ޚަބަރަކުން އަވަަސްވެގަތީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ޕްރައިވެޓްރޫމްތަކުގެ ބޭރުގައި ފަލަކްނާޒް މަޑުކޮށްލައިގެން ހުރެފައި ކައިލަން ފެނުމާއިއެކު އައިގޮތަށް އަތުގައި ހިފައިލިއެވެ. ކައިލަން ހުރީ ރަސްމީކޮށެވެ. އަތްދިގު ކަޅާއި ނޫކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން ހުރިއިރު ނިކަން ސްމާޓެވެ. އޭނަ އެއައީވެސް ޑިއުޓީގައި ހުރެލާފައެވެެ.
"ކައި، އަނާ ސުއިސައިޑްކުރަން އުޅުނީ، އަނެއްހެން ހެޑްއިންޖަރީއެއް ނެތް، ޑޮކްޓަރުންނަށް ނޭގޭނެ ސުއިސައިޑެއްކަމެއް އެކަމަކު އަހަރެމެންނަށް އެނގޭ، އަނާގެ ހާލު މާ ގޯސްވާން ހެދީމަ ކައިގެ އެހީއަށް ބޭނުންމިވީ، ދެވަނަ ކުއްޖާ މިގޮތަށް......" ފަލަކްނާޒް ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހިންދިރުވައިލިއެވެ.ކައިލަންގެ މިޒާޖުހުންނަ ގޮތުން އޭނަ ކޮންނާކަށް ނޫޅުނަސް އެއިން ކޮންމެ ކަމެއް އޭނަ ފާހަގަކުރެއެވެ. އަނާގެ ކޮޓަރިއަށްވަންތަން ފެނިފައި އަނާ ވަގުތުން ދެލޯމަރައިލީ އެސޫރައަށް ނުވެސް ބަލަންވެގެންނެވެ. ހިތާހިތުން ހަޅޭއްލަވައިގަނެވުނެވެ. އޭނަގެ ހިތް ހަލާކުކުރަން ކުރިމަތިން ހަމަ ދުރަށް ނުދާނީހެއްޔެވެ؟ މިތަނަށް ކައިލަން އައީ އިތުރަށް އޭނައަށް ދުނިޔޭގައި އުޅެވުނަ ނުދޭންހެއްޔެވެ؟ އޭނަ ކައިލަންއަކަށް ބޭނުމެއްނުވެއެވެ. ކައިލަން މިތަނުން ނުކުމެގެން ދާށޭ ބުނެ ހަޅޭއްލަވަން އަނާ ބޭނުންވިއެވެ. ނަމަވެސް އަނާގެ އަޑުވެސް އޭނައަށް ދިނީ ކެއްސެވެ. ބުނަން ބޭނުންވާ އެއްވެސް އެއްޗެއް ދުލާއި ހަމަޔަށް ގެނައުމުގައި ނުކުޅަދާނަވިއެވެ.
"އަނާ....." ކައިލަން ގޮވާލިލެއް އޯގާތެރިކަމުން އަނާގެ ގައިން ހީބިހިހަލުވާލިއެވެ. ނޭވާހިފަހައްޓާލަން މަޖުބޫރުވިއެވެ. ހިތަށް ލިބިގެން ދިޔަ ފިނިކަމާއިއެކުގައިވެސް ހަދާނަށް އައީ ކައިލަންއަކީ މީހެއްގެ ހައްގެއްކަމެވެ. ވީއިރު އެހެން މީހަކަށް އެހިތުން ޖާދައެއް ލިބިދާނެހެއްޔެވެ؟ ނޫނެކެވެ. ކައިލަން ވަރަށް ރީތިކޮށް ވާހަކަ ދައްކަން ފަށާފައި އަނާގެ އަތަށް ގަނޑުކޮޅަކާއި ގަލަމެއް ގެނެސްދިނެވެ. އަނާ އަމިއްލަ ދިރިއުޅުން ނިންމާލަން ގަސްތުކުރި ސަބަބެއް ކުރެހުމަކުން ނަމަވެސް ބުނެދޭން ކައިލަން އެދުނެވެ.
"އައިމް މޭޑް އެޓް ޔޫ...." އަނާ ލިޔުނު ޖުމްލަ ފެނިފައި ކައިލަން ހިތާހިތުން އުފާކުރިނަމަވެސް އޭނަ އެކަމެއް ނުދައްކައެވެ. މިއީ ހާދަ ބޮޑު ކުރިއެރުމެކެވެ.
"ކޮންކަމަކާތަ؟ " ކައިލަންގެ ހިތުގެ ވިންދު އަވަސްވިއެވެ.
"އަހަންނަށް އޮޅުވާލީތީ، ލީޑް ކުރީތީ....." އަނާ ތުރުތުރު އަޅާ އިނގިލިތަކުން ލިޔުނުއިރު ދޭތެރެއަކުން އަކުރު ކަނޑާލާފައި ވެއެވެ.
"އައިމް ސޮރީ، ނޭގުމުގެ ތެރޭގައި ކުރިކަމެއް ކުރެވުނީ......." ކައިލަން އިނީ ނޫންކަމަށް ހަދާލައިގެންނެވެ. އަނާ ލިޔުމަކުން ނަމަވެސް ވާހަކަދައްކާތީ އެކަން މާ ބޮޑުކަމަކަށް ހަދާކަށް އޭނަ ނޫޅުނެވެ. އަނާއަށް ހިތްވަރު ލިބުނީ އެހެންވެއެވެ.
"އައި ޑޯންޓް ބިލީވް ޔޫ...." އަނާ އިނގިރޭސި ބަހުން ލިޔުނެވެ.
"ކިހިނެއް ހަދައިގެން އަނާ އަހަރެންގެ ވާހަކަ ގަބޫލުކުރާނީ؟ އަހަރެން ގެ ސަބަބުން އަނާ އަމިއްލައަށް މަރުވާން ވެއްޖެއްޔާ އެކަން ހުއްޓުވަން އަހަރެން ކޮށްދޭންވީކަމެއް ބުނޭ، އޭރުން އަހަންނަށް އެނގޭނީ އަހަރެން ނިންމަން ޖެހޭގޮތެއް، އަހަރެން ބޭނުމެއްނޫން އަނާއަށް އެއްވެސް އަނިޔާއެއްވާކަށް، ދެރަގޮތެއްވާކަށް......." ކައިލަން އެހާ މަޑުމައިތިރިކޮށް ވާހަކަދައްކާއިރުވެސް ފިރިހެންވަންތަ އަޑުގެ ސަބަބުން މެސްމެރައިޒްވާހެން ހީވެއެވެ. އެލޮލަށް ބަލަހައްޓައިގެން އަނާ އޮތްއިރު އެސްފިޔަޖަހާނުލާތީ ލޮލަށް ފެންއަންނަގޮތްވެސް ވިއެވެ.
"އާރ ޔޫ....." އަނާ އެހެން ލިޔަންފަށާފައި ފޮޮހެލާފައި ދެން އެހީ ރާހިލް އެބުނީ ރަގަޅު ވާހަކައެއްތޯއެވެ.
"ކޮން ވާހަކައެއް؟ "ރަގަޅަށް އެނގިހުރެވެސް ކައިލަން އެނގޭކަމަކަށް ނަހަދާ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. މިވާހަކަ މިދަނީ ރަގަޅު ދިމާލަށް ބާވައެވެ. އެވާހަކަ ރާހިލްއަށް އެނގެންވީ ސަބަބެއްނެތެވެ. ރާހިލްއާއި އަލީސާގެ ގުޅުމެއް އޮތީހެއްޔެވެ؟ ކުއްލިއަކަށް ކައިލަންއަށް ވިސްނުނީ އޭނައަށް އަލީސާގެ ހަގީގަތް މުޅިން ނޭގޭކަމެވެ. އަލީސާއަކީ ކޮން އާއިލާއެއްގެ ކާކުކަމެއް އެނގެނީއެއް ނޫނެވެ.އެންމެ މުހިއްމު ވަގުތު ރާހިލް ވަންތަން ފެނުމުން ކައިލަންގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވެ އޭނަ ކޮޅަށް ތެދުވެއްޖެއެވެ. ރާހިލް ކައިލަންގެ ކޮނޑުގައި އަތްޖައްސާލާފަ ވާހަކައެއް ބުނެލަން ބޭނުންވާކަމަށް ބުނެލިއެވެ. ކައިލަން ރާހިލްއާއިއެކު ދާންފެށުމުން އަނާގެ ހިތަށް ލިބުނު ބިރުވެރިކަމާއިއެކުގައި ރޮވެން އުޅުނެވެ. ރާހިލް އެއުޅެނީ ވީގޮތް ކިޔައިދޭން ހެއްޔެވެ؟ ނޫނީ ދޮގު ހަދައިގެން ކައިލަންގެ ހިތް އޭނައާއިމެދު ނުބައި ކުރުވަން ހެއްޔެވެ؟
ކައިލަން އެކަހެރިކޮށްފައި ރާހިލް އިންޒާރުކުރީ އަނާއާއި ދުރުން އުޅުމަށެވެ. އަނާއަށް ފިރިހެން ސައިކޭޓްރިސްޓެއް ބޭނުންނުވާ ކަމުގަޔާއި އޭނަ ބޭނުމީ އަންހެން ޑޮކްޓަރަކު ގެންނަންކަމުގައި ބުނެލީ ވަރަށް ހަރުކަށިކޮށެވެ. މަންމަމެންނަށް ހަޤީގަތް ނޭގުނަސް އޭނައަށް ކައިލަންއަކީ ކާކުކަން ރަގަޅަށް އެނގޭ ކަމުގައި ބުނެލީ ވަރަށް ފާޑަކަށެވެ. ރާހިލްގެ އަމަލު ހުރިގޮތުނ ކައިލަންގެ ހިތް ގޯހެއްނުވިއެވެ. ރާހިލްގެ މަގާމުގައި އޭނަހުރިނަމަވެސް ކަންތައްކުރާނީ ހަމަ މިގޮތަށްކަން ޔަގީނެވެ.
ރާހިލް އެނބުރި ކޮޓަރިއަށް ވަންގޮތަށް ގޮނޑިއެއް ދަމާލައިގެން އައިސް އަނާގެގާތުގައި އިށީންދެ އަނާގެ ނާޒުކް އަތުގައި ފިރުމަންފެށިއެވެ. އެއަތަށް އައިވީ ގުޅާފައި ހުރުމުން އަނާ އޮތީ އަތް ދަމައިގަންނަން ނުކެރިފައެވެ. ރާހިލް އާއި ޖިޔާން މިހާ ތަފާތުކޮށް އުޅެނީ ކީއްވެހެއްޔެވެ؟ ގައިގާ އަތްލުމުން އޭނަ ރުޅިއަންނަވަރު ރާހިލްއަށް އިހުސާސް ނުކުރެވޭހެއްޔެވެ؟
"ޕުއަރ ލިޓްލް ތިންގް، ހަމަ ބޭނުމެއްނުވޭތަ ވާހަކަދައްކަން؟ ނޫނީ މީހަކު އަނގައިގާ ހިފަހައްޓާފައި ހުރީތަ؟ "ރާހިލް ބޯކައިރިކޮށްލުމުން އެހޫނު ނޭވާތައް އަނާގެ މޫނަށް އިހުސާސްކުރެވެންފެށިއެވެ. ރާހިލް އަނާގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އެވަރުންވެސް އަނާ ކެތްކުރިއެވެ. ކެތްނުކޮށްފިއްޔާ ރާހިލް ކޮށްފާނެކަމަކާއިމެދުވެސް އޭނަ ބިރުގަނެއެވެ.
"ރާޔާ މަރުވީމަ އަނާ ހަމަ ގިލްޓީވާތީތަ ވާހަކަ ނުދައްކަނީ؟ އަނާ އަހަންނަށް އެނގޭ އަނާ އެކަމާއި އިންވޯލްވްވަނީ ކިހާވަރަކަށް ކަމާއި އަނާ ވާހަކަ ނުދައްކަނީ ކީއްވެކަން، އަހަންނަށް ރާޔާގެ މަރުގެ ހުރިހާ ހަޤީގަތެއް އެނގޭ....." ރާހިލްގެ ޖުމްލައާއިއެކު އަނާގެ މޫނު ހުދުވެގެން ދިޔައެވެ. ވަގުތުން އެދެލޮލަށް ކަރުނަ ޖަމާވެ ކޯތާފަތް މަތިން ފައިބަންފެށިއެވެ. ރާހިލް އެވާހަކަ ދައްކަައިގެން އޭނަގެ ޒަޚަމަށް ލޮނު މިރުސްއަޅައިފިއެވެ. ރާހިލް އިނގިލިތަކުން ކަރުނަތިކިތައް ފޮހެދޭން ފެށުމުން އަނާ ވައަތުން ރާހިލްގެ އަތް ދުރަށް ޖައްސާލަން މަސައްކަތްކުރިއެވެ.
"ހެހެ އެވާހަކަ ބުނީމަ އަހަރެން ދޯ ކުށްވެރިމިވީ، ޑޯންޓް ވޮރީ ބޭބީ ގާލް، ޔޯރ ސިކްރެޓް އިސް ސޭފް ވިދް މީ...." ރާހިލްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އެވަގުތު ފަލަކްނާޒް ވަދެގެން އައެވެ. ރާހިލް ބުނެލީ އަނާ ރޮނީ ކައިލަން މިތަނުން ފޮނުވައިލީމަ ކަމުގައެވެ.
"މަންމައަށް އެނގޭތަ ކައިލަން މެރީޑްކަން، އަޅުގަނޑުމެންގެ ކުޑަ ކުޑަ އަނާ ފޯލް މިވީ މެރީޑް މީހަކަށް، އެހެންވެ އަޅުގަނޑު ބޭނުމެއްނޫން އަނާއަށް އިތުރު އަނިޔާއެއްވާކަށް...." ރާހިލްގެ ޖުމްލައިން ފަލަކްނާޒް ހައިރާންވެ އަންތަރީސްވިއެވެ. ރުޚުސާނާ އެހާވަރުން މަޝްއަލްއާއި އަނާގެ ކައިވެނި ހަމަޖައްސަން އެއުޅުނީ އެެހެންވީމަތާއެވެ. ރާހިލްއަށް އެނގުނުކަން ނަސީބެކެވެ. ކައިލަންގެ ސީރިޔަސްކަމާއި އަންހެންކުދިންނާއި ދުރުން އުޅުނު ސަބަބަކީ އެއީއެވެ. އެކަމަކު އޮފީހަށް ފޯމު ލީއިރު "ސިންގަލް " ޖަހާފައި އިނީ ކީއްވެހެއްޔެވެ؟ އެތައް ސުވާލުތަކެއް އެވަގުތުވެސް ސިކުނޑީގައި ދަތުރުކޮށްލިއެވެ. ފަލަކްނާޒްއަކީ ކަމެއް އެނގުމުން ހިމޭނުން ހުންނަ މީހެއްނޫނެވެ. ވަގުތުން ފޯނުން ނަމްބަރުތަކަށް ފިތަމުން އޭނަ ހިނގައިގަތީ ދޮރުން ބޭރަށެވެ.
ރާހިލް ތެދުވެފައި އޭނަގެ ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން އަނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަނާގެ ހިތަށް ބުނެދޭން ނޭގޭފަދަ ގޮތެއްވިއެވެ. އެސްފިޔަޖަހާނުލައި އެތޫނު ދެލޮލަށް ބަލަންއޮތްއިރުވެސް ރާހިލްގެ ލޮލުގައިވީ ޝުއޫރުތައް ކިޔާކަށް ނޭގުނެވެ. ރާހިލްގެ ވާހަކަތަކާއި އަމަލުތަކުން ދެނެގަންނަންވީ އެއްޗެއްވެސް ނޭގުނެވެ. ޖިޔާން އައިގޮތަށް އަނާއާއި ވާހަކަދެއްކީ ތަފާތުގޮތަކަށެވެ. ޖިޔާންގެ ނަޒަރާއި އަމަލުތައް މުޅިން ތަފާތެވެ. އެހެންނޫނަސް ރާހިލް ރާޔާއާއި ބެހޭގޮތުން ހުރިހާ އެއްޗެއް އެނގޭކަމަށް ބުނުމަކީ ކުޑަކަމެއް ހެއްޔެވެ؟ ރާހިލް އުޅެނީ އޭނަ ބްލެކްމެއިލް ކުރަންހެއްޔެވެ؟ އަނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ.
އަނާ ހޮސްޕިޓަލުން ދޫކޮށްލިއިރުވެސް އެތާ ހުރީ ރާހިލްއެވެ. އަނާގެ އަތުގައި ހިފާ ގަޔާލައްކޮށްލުމުން އަނާ ކެތްކުރިއެވެ. އަނާގެ ދެލޮލަށް ބަލާލާފައި އެލޮލުން ހުރިހާ އިހުސާސްތަކެއް އޭނައަށް ތަރުޖަމާކުރެވުނެވެ. އެލޮލުން ކުޑައިރު އޭނައަށްޓަކައި ވި އިހުސާސްތައް މުޅިން ނައްތާލީހެއްޔެވެ؟
"ވަޓް؟ ސްޓިލް މޭޑް އެޓްމީ؟ އަނާއަށް ރަގަޅަކަށޭ އަހަރެން އެވާހަކަ ބުނީ...." ރާހިލް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލަދިނުމުން އަނާ އިރުކޮޅެއްވާންދެން ހުރެލާފައި އަރައިފިއެވެ. ރާހިލްއަކީ ބޭބެއެއްކަމަކަށް ހިތަށް ވިސްނައިދިނެވެ. ރާހިލް އުޅޭ ވައްތަރަކުން ނުބައި މާނައެއް ހިތަށް ނެގުނަސް ހަޤީގަތަކީ އެއީ ބޭބެއެއްކަމެވެ. އޭނަގެ ބަސްނާހާ ހިތް އެހެންގޮތްގޮތަށް ހީކުުރުވަން އުޅެނީއެވެ. އަނާ ވިސްނާލާފައި ބޯހޫރާލިއެވެ. ރާހިލް ކާރަށް އަރަން ދިޔައިރު ކޮންމެވެސް އަންހެނަކު ކަޅިޖަހައިނުލާ ބަލަން ހުރިތަން ފެނުނެވެ. ދެބައި އުމުރުގެ އެއަންހެންމީހާގެ ނަޒަރު ވަނީ ރާހިލްއަށް ހުއްޓިފައެވެ. ރާހިލް ދެވަނަފަހަރަށް ބަލާވެސް ނުލާ ކާރަށް އެރިއިރު ހިތަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއްވިއެވެ. އެމީހަކު އޭނައަށް ގުޅާފައި ކޮންމެވެސް މުހިއްމު ކަމަކު ބައްދަލުކުރަން ކިޔާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމީހާ ދައްކަން އުޅޭ ވާހަކައެއް އަހަން ބޭނުންވިޔަސް ރާހިލް ހުރީ ނުތަނަވަސްވެފައެވެ. ކާރުގެ ސައިޑް ބިއްލޫރިގަނޑުންވެސް އޭނަ ވަރަކަށް އެއަންހެންމީހާއަށް ބެލިއެވެ.
ރާހިލްއާއި އަލީސާ ރެސްޓޯރެންޓަކުން ދިމާވެގެން ހީލާފައި ވާހަކަތަކެއް ދެއްކިއެވެ. ދެކުދިންގެ ކޮންމެވެސް ގުޅުމެއްއޮތްކަން ބަލައިލި ކޮންމެ މީހަކަށް ރަގަޅަށް އެނގޭނެއެވެ. ނަމަވެސް ދެމީހުން އިށީނީ ދެ މޭޒުގައެވެ. އަލީސާ އޯޑަރުކުރީ ޗޮކްލެޓް މިލްކްޝޭކަކަށެވެ. ރާހިލް ބަވާރިއާއެއް ގެެނެސްގެން ބޯންފެށިއެވެ.
"އޭނަ އަހަންނާއިވެސް މީޓްކުރަން ބޭނުމޯ، ހޫ ދަ ހެލް އިޒް ޝީ..." ރާހިލް މެސެޖްގައި ލިޔުނެވެ.
"އައި ހޭވް ނޯ އައިޑިއާ..." އަލީސާވެސް އިނީ ފާޑަކަށް ދެބުމަ ކާރިކޮށްލައިގެންނެވެ. ހިމަދިގު ބުމައަކާއި ބޯ ދިގު އެސްފިޔަތަކުން ފަރުދާވެފައިވާ ރީތި ދެލޮލުގައި ވިދުވަރެއްވިއެވެ.
"އަދިވެސް ހަޒްބެންޑް އާއި ދެމީހުން ހަމައެއްނުޖެހޭތަ؟ "ރާހިލް އަހައިލިއެވެ.
"އެވާހަކަ ނޭހިއްޔާ ރަގަޅީ ޕްލީޒް، އަހަރެން މޮޔަވެދާނެ..." އަލީސާ މެސެޖްކުރިއެވެ.
ބޯކޮށް ވާރޭވެހިގަތީ އިންޒާރަކާއި ނުލައެވެ. އަލީސާ ކޮޓަރީގައި އެކަނިއޮވެލާފައި ކުޑަދޮރުގެ ފަރުދާތައް ކަހާލާފައި ބޭރަށް ބަލައިލިއިރު ވާރޭވެހޭތަން ފެނިފައި ހިނިތުންވެލެވުނެވެ. ކޮންފަދަ ރީތި މޫސުމެއް ހެއްޔެވެ؟ މިފަަދަ ދުވަސްތަކުގައި ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާނީ ލޯބިވެރިޔާ ނުވަތަ ފިރިމީހާގެ އަތުތެރޭގައި ނިދާލުމަށެވެ. ނަމަވެސް އޭނަފަދަ ބަދުނަސީބުކުއްޖަކަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ އިރުއޮއްސެން ކައިރިވީއިރުވެސް ކައިލަންގެ ޚަބަރެއްނުވިއެވެ. އޭނައާއި އަޅާނުލާވަރު އަލީސާއަށް ނޭގެނީއެއް ނޫނެވެ. އެހިތުގައި ކިރިޔާވެސް ލޯތްބެއްވާނަމަ އޭނަ އެކަނި އެޕާޓްމެންޓެއްގައި ބައިންދާފައި އެގޮތަށް ގެއަށްވަދެނުލައެއް ނޫޅޭނެއެވެ. ހިތުގައި މާ ގަަދަޔަށް ރިއްސަން ފެށުމުން އޭނަ ލޮލުގައިވާ ކަރުނަތިކި ފޮހެލާފައި ބޭރަށް ނުކުމެ އުޅެގަތީ ހޫނު ކޮފީއެއް ހަދާލުމަށެވެ. ކޮފީއަކީ އޭނަގެ ބެސްޓް ފްރެންޑެވެ.
އަލީސާ ކޮފީ ބޮއި ނިމިގެން ސޯފާއަށް ދެފައި އަރުވާލައިގެން ދެކަކުލުގައި ޖައްސައިލި ކުޝަން މަތީ ބޯޖައްސައިލިގޮތަށް ދެރަވެފައި އިންދާ ކައިލަން އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ވަން އަޑުއިވުނެވެ. އަލީސާ އިންގޮތަށް އިނީއެވެ. ކައިލަންއާއިއެކު ވަގުތު ހޭދަކުރަން ބޭނުންވިޔަސް އެކަމެއްނުވާނެއެވެ. އެދެނުވަރަކަށް ހިތަށް އަނިޔާ ލިބުން ނޫންކަމެއް ނުވާނެއެވެ.
"ލީސް، އާރ ޔޫ އޯކޭ..." ކައިލަން ކާރިއަށް ހުއްޓިފައި ސީރިޔަސްކޮށް އަހާލައިފިއެވެ. ފިރިހެނުން ދުވަހަކު ދަހެއްނުވާނެއޭ އެވަގުތު އަލީސާގެ ހިތަށް އެރިއެވެ. އޭނަ އަނގައިން ބުނަން އުޅެފިއްޔާ ދުވާނީ ދުރަށެވެ. ހުންނަ ކަމަކަށް ނަހަދަންޏާ ފަހަތުން އަންނާނެއެވެ. ކަންބޮޑުވުން ހާމަކުރާނެއެވެ. މިހާރު ކައިލަން އެހީކުރީ އޭނަ ރޮނީކަމަށެވެ. ލޯބިވާކަން އެންގިވަރަކަށް ކައިލަން ފޮނިވާނީއެވެ. މިއީ ރާހިލް ދަސްކޮށްދިން ފިލާވަޅެކެވެ. އޭނަ ބުނާގޮތަށް ހެދުމުން ވާނެގޮތް އެނގިދާނެތާއެވެ.
"އައިމް ފައިން، ވާރޭ ވެހޭތީ ކަންނެތްވެފައި ހަމަ އިނީ..." އަލީސާ އޭނަަ ނުރޯކަން އަންގަން ބާލީހުން މޫނު ނަގާފައި ގަދަކަމުން ހިނިތުންވެލިއެވެ.
"ހޫމް..." ކައިލަން އާދައިގެ މަތިން ފަރުވާކުޑަގޮތަކަށް ހޫމްއެއް އަޅުވާލާފައިގޮސް އަމިއްލައަށް ކޮފީއެއް ހަދަންފެށިއެވެ. އޭނައަށް ވެގެންވަންޏާ އަލީސާގާތު ކަމަކު ނުކިޔާނެއެެވެ.
"މިރޭ ކާނީ ގެއިންތަ؟ " އަލީސާ އަހާލައިފިއެވެ.
"ކީއްވެ ތިހެން އެހީ؟ " ކުރާ ސުވާލުގެ ޖަވާބު އަބަދުވެސް ލިބޭނީ އެކަހަލަ ގޮތަކަށެވެ.
"މިރެއަށް ނުވެސް ކެއްކުނު، އެހެންވެ...." އަލީސާ ރުޅިގަދަވެގެން ކުޝަނުގައި ދަތްއަޅައިގަތެވެ. އޭނަ ހިތްއެދުނީ ކައިލަންގެ ގައިގާ ދަތްއެޅުމަށެވެ. ތަދުކޮށްލުމަށެވެ. އޭނަގެ ހިތަށް އަނިޔާދޭ ފަދައިން ކައިލަންއަށް ޖިސްމާނީ އަނިޔާއެއް ދިނުމަށެވެ. ނަމަވެސް އޭނައަކީ އެފަދަ އަންހެންކުއްޖެއްނޫނެވެ. އެފަދަ ނުލަފާ އެއްޗެއް ހިތަށް އަރާ ކުއްޖެއްވެސް ނޫނެވެ. ކައިލަން އާއި ޖެހުނުފަހުން އޭނަ ކެތްކުރަންޖެހިފައިވަނީ ހާދަ ވަރަކަށެވެ. ލައްކައަކުން އެއް އަންހެންކުއްޖަކަށްވެސް އޭނަފަދައިން ކެތްކުރާކަށް ނޭގޭނެއެވެ.
އާދައިގެމަތިން ކައިލަން ޚިޔާރުކުރީ ހިމޭންކަމެވެ. އަލީސާ ސިއްރުނަޒަރަކުން ބަލައިލިއިރު އޭނަ ހުރީ ކޮފީތަށި ގިރާށެވެ. ތިރިއަށް ބަލާލައިގެން ހުރިއިރު އެމޫނު ފެންނަލެއް ރީތިކަމުން އަންހެންކުދިންގެ ހިތްތައް ގުރުބާންވާނެއެވެ. ތުނބުޅި ނުބާލާ ދެތިން ދުވަސްވެފައިވާތީ ވަކިން ފިރިހެންވަންތަކޮށް ދައްކައެވެ. ހާދަ ރީތި މީހެކެވެ. ހާދަ ފުރިހަމަައެވެ. އެހެން އަންހެންކުދިން އޭނައަށް ހަސަދަލާނެއެވެ. ނަމަވެސް އެކުދިންނަށް ހަގީގަތް އެނގޭނެނަމައެވެ. އެެންމެ ރީތި ފިރިހެނާއާއި އިނދެގެން ހުންނައިރުވެސް ހިތަކަށް ލިބޭ އެއްވެސް އުފަލެެއް ނެތެވެ. މީހުންނަށް ދަައްކަން ޖެހެނީ އެހެން ކުލައެކެވެ. އޭނަގެ ޙަޔާތެކޭ ތަމްސީލެކޭ އެއްފަދައެވެ. ލޮލަށް ދައްކުވައިދޭ ދަޅައެކެވެ. ހަގީގީ ދިރިއުޅުން ހާސްބައި ތަފާތެވެ.
ދަންވަރު ވާރޭ ހުއްޓާލުމުން ނުނިދިފައި އޮތް އަލީސާ ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލައިލ ހިތްހަމަޖައްސައިލުމަށެވެ. އުޑުމަތި ފެންނަނީ ވަރަށް ރީތިކޮށެވެ. ކުއްލިއަކަށ ގިނިހިލައިގެ ވާރޭވެހޭތަން ފެނިފައި އެއީ ދުނިޔެއިން ފެނުނު އެންމެ ރީތި އެއް މަންޒަރަށްވެ އަޖައިބުވެފައި ބަލަން ހުރެވުނެވެ. ކައިލަންއަށް މާ ބާރަކަށް ގޮވުމުން ކައިލަން ހީކުރީ މާބޮޑުކަމެއްވެގެން ގޮވަނީކަމުގައެވެ. އޭނައަށް އެހާ އާކަމަކަށްނުވިޔަސް އަލީސާއާއިއެކު ކާރީގައި ހުއްޓިލައިގެން ހުރިއިރު އަލީސާ އެމޫނަށް ބަލަމުން ދިޔައީ ހިނިތުންވެލާފައި ހުރެއެވެ.
ބޯކޮށް ވެހެމުންދާ ވާރޭގެ ތެރޭގައި "ރަތްފިޔަ" ފެންނަނީ ވަރަށް ޖާދުވީކޮށެވެ. އަނާ ކާކޮޓަރިއަށްވަންއިރު އޭނަ ހުރީ ރަތްކުލައިގެ ސްވެޓަރަކާއި ޖިންސެއްލައިގެންނެވެ. އިސްތަށިގަނޑު މައްޗަށް އަައްސާލާފައިވާއިރު އެދޮންމޫނަށް މަޑު ރަތްކުލައެއްވެރިވެފައިވެއެވެ. އަނާ ހޫނު ޗޮކްލެޓް ތަށްޓެއް ބޯން ކުޑަދޮރުކާރީގައި އަތްއަޅުވާލައިގެން ހުރެ ވާރޭ ވެހޭ މަންޒަރުން ހިތްހަމަޖެހުން ލިބިގަންނަމުން ދިޔައެވެ. އަބަދާއަބަދަށް ވާރޭވެހޭނެނަމައެވެ. އޭނަގެ ހާލާއިވެސް މޫސުމް ހާދަ ގުޅެއެވެ.
"ބޫ....." ކުއްލިއަކަށް ރާހިލް އޭނަ ސިއްސުވައިލުމުން އަނާގެ އަތުން ޗޮކްލެޓްތަށި ދޫނުވީ ހަމަކިރިޔާއެވެ. އަނާގެ ލޮލުގައި ވި ބިރުވެރިކަމާއި ސިހުން ރާހިލްގެ ހިތަށް އަސަރުކުރުވިއެވެ. އަނާ އެގޮތަށް ސިއްސުވައިލެވުނީމަ ހިތަށް އުފަލެއް ލިބެނީއެއް ނޫނެވެ. ނަމަވެސް އަނާ ލައްވާ ވާހަކަދައްކުވަން ބޭނުންވާވަރުން އެކަހަލަ ކަންތައް ކުރެވެނީއެވެ. މަންމަމެން ބުނާގޮތުން ވިއްޔާ މަޖުބޫރުކުރުމުން ހައްތަހާ އަނާ ހިމޭންކަން ޚިޔާރުކުރުން ނޫންކަމެއް ނުވާނެއެވެ. މަންމަ އަށް ލަފާދޭނީ ކައިލަން ނޫން އެހެން ކާކުހެއްޔެވެ؟ ކައިލަންގެ ހަނދާންވިޔަސް އޭނަގެ ނާރުތަކުގައި ހުޅުހިފާލައެވެ. ފިރިހެނުންނަކީ ހަސަދަވެރިވާން ނުދަންނަ ބަޔެއްކަމުގައި ބުނެ އޭނަ ކޮލެޖްގައި އެކުވެރިކުދިންނާއި ބަހުސްކުރި ޒަމާނެއް އައެވެ. އޭނައަށް މިފަދަ ތަޖުރިބާއެއްކުރެވުމުން އަމިއްލަައަށް މިހިރީ ގަބޫލުނުކުރެވިފައެވެ.
"ހީކަރުވަނީތަ؟ "ރާހިލް ހުއްޓިލީ އަނާއަށް އުދަގޫވާހާ ކާރީގައެވެ. އެހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވުނެވެ. އަނާ ބާރަކަށް ބޯ ހޫރާލާފައި އެނބުރުނުގޮތަކުން ރާހިލްއާއި މުޑި ޖެހުމުން ރާހިލްގެ ތުންފަތަށް ވެރިވި ހިނިތުންވުމުގެ މާނައެއް އަނާއަކަށް ނޭގުނެވެ. މިއީ ބޭބެއެއްގެ ގޮތުގައި ހުރެ ރާހިލް ދައްކަންޖެހޭ ޒާތުގެ ވާހަކައެއް ހެއްޔެވެ؟ ރާހިލް ހޭންފެށުމުން އަނާ ހުއްޓިފައި ބުމަކާރިކޮށްލަމުން ބަލައިލިއެވެ. ސަބަބު ބުނެދޭށޭ ބުނާކަހަލައެވެ.
"ވަޓް...." ރާހިލް އެއްބުމަ އަރުވައިލިއެވެ.
އަނާ ކޮނޑު އަރުވާލާފައި ދާން ހިނަގައިގަތުމުން ރާހިލް ފަހަތުން އަންނަން ފެށުމުން އަނާ ކަންތައްބޮޑުވިއެވެ.ނަމަވެސް އަމިއްލަ ނަފުސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ފަހަރެއްގައި ރާހިލް ބޭބެއެއްގެ ހައިސިއްޔަތުން އޭނައަށް ރައްކާތެރިކަން ދޭން ބޭނުންވަނީކަން ނޭގެއެވެ. އެކަމާއި ޒުވާބުކޮށް އަރައިރުންވާކަށް ބަސްމޮށުމެއް މިހާރަކުނެތެވެ. އެހެންނޫންނަމަ ސުވާލުކުރެވިދާނެއެވެ.
"ކުރީދުވަހު ކައިލަން ދެއްކީ ކޮންވާހަކައެއްތަ؟ އަދިވެސް ހަމަ އޭނަ ދެކެ ލައިކްވަނީތަ؟ "ރާހިލް ކުއްލިއަކަށް ފެށި ވާހަކައަކުން އަނާގެ ތަބީއަތު މުޅިން ގޯސްވެ ދެރަވާގޮތްވިއެވެ. ކައިލަންގެ އޯގާތެރިކަމާއި ރަގަޅުކަމަށްޓަކައި އަނާ އެފަރާތަށް ހިތްލެނބުނީއެވެ. އެހާ ރަގަޅު މީހެއް އޭނަގެ ހަޔާތަށް އައީއެއް ނޫނެވެ. ކައިލަންދެކެ އެވަރަށް ލޯބިވެވުނީ އެހެންވީމަކަން އޭނައަށް ޔަގީނެވެ. އެއޯގާތެރި ބަސްތައް ހިތުން ނުފިލާ ސަބަބަކީ އެއީއެވެ.
"އަހަރެން ބޭނުމެއްނޫން އަނާގެ ސަބަބުން ކައިލަންއާއި އޭނަގެ ވައިފް މައްސަލައެއް ޖެހޭކަށް، ދެމަފިރިއެއްގެ މެރިޖް ހަލާކުކުރުމަކީ އަނާއަށް ރީތިކަމެއްތަ؟ އެހެންވެ މިބުނީ ތިކަން ހުއްޓާލާށޭ، އަޑުއިވިއްޖެތަ؟ "ރާހިލް އަނާއާއި އެއްވަރަކަށް ހިނގާލާފައި ދަމުން އެމޫނަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އަނާވެސް ފިިނިވެފައިވާ އަތްތިލަ ޖީބަށް ޖަހާލައިފިއެވެ. ރާހިލް ބަލާވަރުން އުދަގޫވާވަރުވެއްޖެއެވެ. އުދަގޫވާ ވާހަކަ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟
އަނާ ކޮޓަރީގެ ދޮރު ހުޅުވައިލިގޮތަށް އަނގަ ހުޅުވާލީ ހަޅޭއްލަވައިގަންނަން ކަން ނޭގެއެވެ. ނަމަވެސް އަޑުބޭރެއްނުވިއެވެ. އަނާ ބިރުން ހިތްވިރޭވަރުވާއިރުވެސް އަޑު ނުކުތުމަކީ ނާދިރުކަމެއްކަން ރާހިލްއަށް ޔަގީންވީ އެވަގުތުއެވެ. ރާހިލް މަޖާވެލާފައި އެއްޗެކޭބުނަން އުޅެނިކޮށް އަނާ އަރިއަޅާލިތަން ފެނިފައި ކުރިއަށް ޖެހި ހިފަހައްޓާލިގޮތަށް އަނާ ލައްވީ ރާހިލްގެ މޭމަތީގައެވެ. އޭރު އަނާގެ މޫނު ހުދު ކަފަކޮޅަކަށް ވެއްޖެއެވެ.