"އެނީ، ޕްލީޒް، އަހަރެން މަރުވެދާނެ، އަހަންނަށް ކެތްކުރެވިއްޖެ ވަރަށް ދުވަހަށް، އައި ލަވް ޔޫ ސޯ ސޯ މަޗް ބޭބީގާލް، މެރީ މީ، އޭރުން އެނގޭނެ އަހަރެން ލޯބިވާވަރު......." ރާހިލް އަނާގެ އުނގުގައި ބޯއަޅާލިއެވެ. އެކަރުނަތައް އަނާ ލައިގެން އިން ސްކިނީ ތެންމާލާފައި ފަޔާއިއެކު ހިތަށްވެސް ފިނިވާންފެށިއެވެ. ރާހިލް އެގޮތަށް ދެރަކޮށްލާކަށް އަނާވެސް ބޭނުމެއްނޫނެވެ. ހިތަށް އަސަރުކުރީ އެހެންވެއެވެ. ނަމަވެސް ކައިލަންއާއިމެދު ވިސްނާލާފައި ރާހިލް ހިތްއެދޭހާ ގޮތަކަށް ނިންމާކަށް ހިތް ދެކޮޅުހެދިއެވެ.
"ވިސްނާލަން ވަގުތު ދީ، އެހާ ލޯބިވަންޏާ ދެން ޕްރޫވް އިޓް ޓު މީ..." އަނާގެ ޖުމްލައިން ރާހިލް އިނީ ބުނާނެއެއްޗެއް ނޭގިފައެވެ. ރާހިލް ކުއްލިއަކަށް އަނާ އަތުތެރެއަށް ލީގޮތަށް ކުރިކަމަކުން އަނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔަައެވެ. މިހުރިހާ ދުވަހު އެ ރުޅިވެރިކަން ފިލާވީތަނެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އަތްދަމާފައި ރާހިލްގެ މޫނަށް ވީއްލާލި އެތިފަހަރާއިއެކު ރާހިލް ހައިރާންވެ މޫނުގައި އަތް ފިރުމާލިއެވެ.
"ޑޯންޓް އެވަރ ޓަޗް މީ އެގެއިން، އަޑުއިވިއްޖެތަ؟ "އަނާ ތެދުވުނުއިރު އެބޮޑުދެލޮލުން ފެނުނީ ރުޅިވެރިކަމުގެ އިންތިހާއެވެ. ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރުވެސް ފެނުނެވެ.
"އެނީ ބޭނުންވަނީ އަދިވެސް އެ ޑެވިލްގެ ފަހަތުން ދުވަންތަ؟ މޮޔަކަމެއް އިނގޭ ތިކުރަނީ..." އެހާ ލޯބިން ވާހަކަދެއްކީމަވެސް އަނާ އޭނަގެ ލޯބި ގަބޫލުނުކޮށް ބޮލާލާ ޖެހުމުން ދެރަވެ މާޔޫސްވެފައި ހުރެ ރާހިލް ވާހަކަދެއްކީ ކެތްތެރިކަމާއިއެކުގައެވެ.
"އާނ، އަހަރެން ވަރަށް ލޯބިވޭ ކައިލަންދެކެ..." އަނާ ރާހިލްއާއި ހަތަރުކަޅިހަމަ ކޮށްލިއެވެ. ހަގީގަތަކީ ރާހިލްގެ ކުދި ގޯނާތަކާއި އުދަގޫތަކުން އަނާއަށް މިހާރު މާބޮޑަށް އުދަގޫވުމެވެ. ކައިލަންނޫން މީހަކު އެހަށިގަނޑުގައި އަތްލާކަށް ބީހިލާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެނޫންފަރާތަކަށް އެހިތް ނޭދެއެވެ. ކައިލަންދެކެ އިންތިހާއަށް މިވަނީ ލޯބިވެވިފައެވެ. ކައިލަންއާއި ވަކިވެ ގިނަދުވަސްތައް ވާންފެށުމުން އޭނަ މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. އޭނަ ބަލިވުމުން ކައިރީގައި ހުންނަން އެންމެ ބޭނުންވާ ފަރާތް ނެތުމުން ހިތަށް ކެތްވަނީއެއް ނޫނެވެ.
"ވަޓް؟ ނޫން ތިހެނެއްނުވާނެ އެނީ، ޔޫ އާރ މައިން..." ރާހިލްގެ ހިތުގައި ބަދަލު ހިފުމުގެ ފޯރިއާއި ޖޯޝްވެސް އުތުރިއަަރަންފެށިއެވެ. މިހުރިހާ ދުވަހު ކައިލަންއާއި ދޭތެރޭގައި އޮތް ހަސަދަވެރިކަން ނަފްރަތަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކައިލަން އެއްނަމްބަރު ދުޝްމިނުގެ ލިސްޓަށްއެރިއެވެ. އޭނަގެ ލޯތްބަށް ހެރޭ ކަށްޓަކަށްވާނަމަ އެކަށި އުފުރާލާކަށް ނުޖެހޭހެއްޔެވެ؟ ކައިލަންއާއި ދެކޮޅަށް ފިޔަވަޅެއް އަޅަން މަޖުބޫރު މިކުރުވަނީވެސް އަނާއެވެ.
"އެހެންވާން ބޭނުންނަމަ އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ "އަނާ އެދުނެވެ.
"އެނީތިން ލަވް..." ރާހިލް ވިސްނުމަކާއި ނުލައި ޖަވާބު ދިނެވެ.
"އެންމެފަހަރަކު އަހަންނަށް ކައިލަންއާއި ބައްދަލުވެވޭނެގޮތް ހަދާދީ، މަންމަ ފޯނު އަތުލިފަހުން އަހަންނަށް އެއްގޮތަކަށްވެސް ކައި އަކާއި ވާހަކަ ނުދެއްކޭ، މަންމައަކަށް ނޭގޭ އަހަންނާއި ކައި އަޅާލާވަރެއް، ކައި ކެއަރކުރާވަރެއް، ކައިގެ ސަބަބުންނޫންނަމަ އަދިވެސް އަހަަންނަށް އަނގައިން ބުނެވޭނެކަމެއް ނޭގޭ، އަހަރެންވެސް ހަމަ ކައި ދެކެ އެހާވަރަށް ލޯބިވޭ، ވަރަށް ބޮޑަށް ލޯބިވޭ، އެހާ އިންތިޒާރުކުރެވޭ، އަހަންނަށް ރާހިލްއާއި ދޭތެރޭގައި ދެކެވުނީ ބޭބެއެއްގެ ނަޒަރުން، ލޯބިވަނީވެސް ބޭބެއެއްގެ ގޮތުގައި، ރާހިލް ދުރުން އުޅޭތީ އެގުޅުން އޮންނަގޮތް ދެން ރާހިލްއަށްވެސް ރަގަޅަށް އެނގޭނެ، އެންޑް އެދުވަހު ހެދުނީ މިސްޓޭކެއް، ކޮންމެހެން އިޝްގީ ނަޒަރަކުން ލޯބިވެވިގެންނެއްނޫން، އަހަރެން ބޭނުމެއްނޫން ދެން ރާހިލް އޮޅުމެއްގެ ތެރޭގައި ހުންނާކަށް، އެއީ ނުވާކަމަކަށް ހަދާފައި އެހީވެދީބަލަ ޕްލީޒް...."އަނާގެ ދެލޮލުގައިވަނީ އާދޭހުގެ އަސަރެވެ.
ރާހިލް އިންތިހާއަށް ދެރަވެ ހިތުގައި އެޅިވޭންތަަކަށް ކެތްނުކުރެވިގެން މޭގައި ފިރުމާލެވުނެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ލޯބިވާ އަންހެންކުއްޖާ އެހެންމީހެއްގެ ލޯތްބަށް އޭނަގެ ކުރިމަތީގައި އިއުތިރާފުވިއިރު އޭނަގެ ހިތަށް ކުރި އަސަރާއި އެޅިވޭން އެހެން އިންސާނަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ހިތުގައި އުފެދުނު ގަދަ ރިހުމަށް ޝިފާ ލިބޭނެކަމުގެ އުއްމީދެއް ނެތެވެ. ދެރަވިނަމަވެސް އަނާގެ ހިތް އުފާކޮށްލަދޭން އެވަރުގެ ކުޑަ ޤުރުބާނީއެއް ވެވިދާނެ ނޫންހެއްޔެވެ؟ ރާހިލް ދަތްދޮޅީގައި އަތްވިއްދާލިގޮތަށް ވިސްނުމެއްގައި އިނދެފައި އަނާގެ މޫނަށް ނަޒަރު ހުއްޓައިލީ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުންނެވެ.
"އެނީއަށް އޭނައާއި މީޓްކުރެވޭނެ، އައި ޕްރޮމިސް...." ރާހިލް ވަޢުދުވުމުން އަނާގެ ދެލޮލުން ފާޅުވި ވިދުވަރާއި ބެބުޅުން ފެނިފައި ރާހިލްގެ ހިތް ކަތިލެވުނެވެ. ކިތަންމެ ވަރަށް ކެތްކުރިނަމަވެސް ރާހިލްގެ ދެލޮލުން ކަރުނައިގެ އަސަރުފާޅުވިއެވެ.
މިސްކު "ރަތްފިޔަ"އަށް ނައިސް ހުއްޓާލުމުން އެންމެންގެ ފަރާތުން ސުވާލުތައް ކުރިމަތިވާން ފެށިއެވެ. އަނާ ގުޅާފައި އެހުމުން މިސްކު ބުނީ އަނާގެ ބަސް ގަބޫލުކޮށްގެން އޭނަ ޖިޔާންއާއި ރުޅިވީކަމުގައެވެ. އެސުވާލުން ވަގުތީ ހިތްހަމަޖެހުމެއް ލިބުނަސް ޖިޔާން މޮޅިވެރިވެފައި ހުންނަތަން ފެނުމުން އަނާގެ ހިތަށް އަސަރުކުރެއެވެ. ކިތަންމެ ނުބައިމީހަކަށް ވީކަމުގައިވިޔަސް ދޮންބެއަށް ވުމުން ހިތުގައި ލޯތްބާއި ކުލުނު އުފެދިފައިވަނީ މާވަރަށެވެ. ޖިޔާން އޭނައާއިމެދު ކޮންމެ ގޮތަކަށް ދެކުނަސް ނަފްރަތެއްވެސް ނުވެއެވެ. އެހެންވެ މިސްކު އެގޮތަށް ކަންތައްކުރުމުން ފަހުން ދެރަވެގެން ގުޅާފައި އަލުން ރައްޓެހިވާން ބުނަންވެސް ހިތް އެދުނެވެ. އަނެއްކޮޅުން ކައިލަންއާއި ގުޅޭނެ ގޮތެއްނުވެގެން އަނާ ކުރާ ހިތާމަ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެއްވެސް ފަރާތަކުން އެހީއެއް ލިބޭނެ މަގެއްނުފެނުނެވެ.
އަނާ ހިތްހަލާކުވެގެންދާއިރުވެސް މޫނުމަތިން އެކަމުގެ އަސަރެއްނުދައްކާ އެހެން ކުލައެއް ދައްކަންފެށީ މަންމަމެންނަށް އޮޅުވާލާށެވެ. ކޮލެޖަށް ދާން ފެށުމުން އެކުވެރިންގެ އެހީގައި ކައިލަންއަށް އޭނަގެ ހާލު އެންގިދާނެކަމަށް އޭނަ އުއްމީދުކުރިއެވެ. ކޮންމެފަދަ ޤުރުބާނީއެއްވެގެންވެސް ކައިލަންގެ ލޯބި ހޯދުމަށްވުރެ އަނާއަށް މުހިއްމު އެހެންކަމެއް ނެތެވެ. ރާހިލްވެސް ކައިލަންއާއި ބައްދަލުކުރުވާނެކަމަށް ބުނެ ހައްތަހާ ވަގުތު ދިގު ދަންމަަނީއެވެ. ނަމަވެސް އުއްމީދުގެ ދޯދިފަށުގައި ހިފަހައްޓާލައިގެން ހުރެ އަނާ ހަޔާތުގެ ދުވަސްތަކާއި ކުރިމަތިލިއެވެ. އަނާ ކޮލެޖަށް ދިޔަކަމުގައިވިޔަސް އޭނައަށް މިިނިވަންކަމެއް އޮންނަނީއެއް ނޫނެވެ. ކޮލެޖުން ނިމޭއިރަށް ކޮންމެވެސް މީހަކު ބަލާއައިސްފައި ހުރެއެވެ. ބައެއްފަހަރު ހަށިފާރަވެރިޔެއް ކޮލެޖް ކުއްޖަކަށްވެގެން އުޅެދާނެ ބާވައޭވެސް އަނާގެ ހިތަށް އަރައެވެ. މިސްކު ބުނާގޮތުން އަނާ ވާހަކަ ކިޔާ ފިލްމުބަލާ އުޅޭވަރުން އެހެން ހީވަނީއެވެ. އެހެންނޫނަސް ރާހިލްގެ މުއްސަދިކަމާއި މަޝްހޫރުކަމުން އޭނަ ހަށިފާރަވެރިޔަކުވެސް އެގެންގުޅެނީ ނޫންހެއްޔެވެ؟
އަނާ އެހާވަރުން ކައިލަންއާއި ވާހަކަދައްކާހިތުން ހުއްޓާ މިސްކު އެފުރުސަތުދޭން އުޅުނެވެ. ނަމަވެސް އެހާ ފަސޭހައިން ލިބުމުން އަނާއަކަށް ނުކެރުނެވެ. އެއްދުވަސްވަރެއްގައި އާދޭސްކުރަމުން އުޅުނަސް ކައިލަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އާދޭސްކުރަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އެވަރުންވެސް އެ ފިރިހެންވަންތަ އަޑު އަހާލުމުން މުޅި ދުވަސް އުފާވެރިވެގެން ދާނެކަން އެނގިފައި ހުރެ އަނާ މިސްކުގެ ފޯނު އަތުލައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަނާ ގޮސް ބެންޗެއްގައި އިށީދެލިއިރު އެތައް ފިރިހެންކުދިންނެއްގެ ނަޒަރު އެކުއްޖާއަށް ހުއްޓިފައިވާކަމެއް ރޭކާނުލައެވެ.
"ހައި...." އަނާ މަޑުމަޑުން ކިޔައިލިއިރު އަޑުގައި ތުރުތުރެއް ހުއްޓެވެ.
"އަނާތަ؟ "ކައިލަންވެސް ހައިރާންވިކަން އެނގުނެވެ.
"ކައި ވާހަކައެއް ބުނެލަން ވެގެން، މީޓްކުރެވޭނެ އެއްވެސް ގޮތެއް އެބައޮތްތަ؟ " އަނާ އަހާލިއިރު އޭނަގެ ހިތް ތެޅޭލެއް ބާރުކަމުން ހީވީ ހުއްޓިދާން އުޅޭހެންނެވެ. ފިނި ދުވަހަކަށްވިނަމަވެސް ހާސްވެފައި އިންވަރުން ނިތްކުރީގައި ކުދި ދާތިކިތައް ހިއްލާލައިފިއެވެ.
"އެނީ އެވްރީތިން އޯލްރައިޓް؟ " ކައިލަން އަހާލައިފިއެވެ. އެ ރީތި އަޑު އުމުރަށް އަހަން ހުއްޓަސް އަނާ ފޫހިވާނެކަމެއް ނޭގެއެވެ. އަބަދުހެން ކަންފަތުގައި ހަރުލާފައިވާ އެކަނި އަޑަކީ އެއީއެވެ.
"ނޫން، އެއްވެސް ކަމެއް ރަގަޅަކަށް ނުދޭ، ކައި ބުނީތީވެސް އަޑުއެހިން، މަންމަގެ ބަސްއަހައިގެން މިހިރީ، އެންޑް މިހާރު ކޮލެޖަށް ގަވައިދުން އަންނަން، އެގްޒޭމްވެސް ފެށެނީ، ނަމަވެސް އަހަރެންގެ އަތަކު ފޯނެއްނެތް، ކައިއަށް ގުޅޭނެ އެއްވެސް ގޮތެއްނެތް، ހަދާނެގޮތެއް ނޭގި ބޯ ހާސްވެފައި މިހިރީ....." އަނާގެ އެ ޖުމްލައިގައިވި ހިތި އަސަރު ކައިލަންގެ ހިތާއި ހަމަޔަށް ފޯރިކަން ޔަގީނެވެ. ކައިލަން އަނާގެ އިމްތިހާނުން ރަގަޅު ކާމިޔާބަކަށް އެދުނެވެ. ކިޔަވައިގެން މޮޅުކުއްޖަކަށްވުމަށް އެދުނެވެ. އިތުރު ވާހަކަ ދައްކަން ނުކެރިފައި އިން އަނާ ފޯނު ބާއްވާފައި ދެލޯ ފޮހެލިތަން ދުރުގައި ހުރި މިސްކުއަށް ފެނިގެން އަނާއާއިމެދު ހަމްދަރުދީވިއެވެ. ލޯބީގައި ނާކާމިޔާބުވުމަކީ ހިތަށް ކިހާވަރެއްގެ ވޭނެއްލިބި ސިކުނޑި ހައިޖާނެއްގެ ތެރެއަށް ވައްޓާލާނެކަމެއްކަން އޭނަ ދަނެއެވެ. އަނާގެ ހާލު ހިތަށް އަރާފައި އެކަމާއި ހިތާމަކުރިއިރު މިސްކުގެ ލޯބީގެ ދުނިޔެއަށް އައިސްފައިވަނީ އެހާ ވަރުގަދަ އިންގިލާބެކެވެ. އޭނަ މިހިރީ ޚިޔާރުކުރާނެ ގޮތެއް ނޭގިފައެވެ. ޖިޔާންގެ ފާފައާއިއެކުގައިވެސް އޭނަގެ ކައިރިއަށް އަލުން ދާންވީހެއްޔެވެ؟ ނޫނީ ޒާޔަލްގެ ކައިިރިން މާފަށް އެދެންވީ ހެއްޔެވެ؟
މިސްކު ގެއަށް ގޮސްފައި އިސްތިޚާރާ ނަމާދެއްކުރިއެވެ. ދެގޮތުން ކުރެ ގޮތެއް ޚިޔާރު ނުކުރެވެންޏާ އެއީ ކުރަން އަންގަވާފައިވާކަމެކެވެ. މިސްކު ނަމާދުކުރުމަށްފަހު ބެލްކަނިން ނުކުތްއިރު ފެނުނު މަންޒަރަކުން ހިތާއި ދިމާލުންމޭގައި އަތްއަޅައިލެވުނެވެ. އޭނައަށް ފެނުނީ އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ. ޒާޔަލް އެމަގުން ސައިކަލްގެ ފަހަތަށް އަންހެންކުއްޖެއް ލައިގެން އެދިޔައީ އޭނައަށް ދައްކަން ހެއްޔެވެ؟ ބުރުގާ އަޅައިގެން އިން އަންހެންކުއްޖާ ރީތިވެފައި ދޮންކަމުން މިސްކުގެ ހިތަށް އުދަގޫވިއެވެ. ހާދަ ރީތި އަންހެންކުއްޖެވެ. ޒާޔަލްއާއި ހާދަ ގުޅެއެވެ. އެއީ ކޮންކުއްޖެއްހެއްޔެވެ؟ ތިމާގެ ކުއްޖަކަށްވެސް ވެދާނެއެވެ. ނޫނީ އެކުވެރިކުއްޖެއް ހެއްޔެވެ؟ އެދޭތެރޭގައި އޮތީ ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ މިސްކު ޒާޔަލްގެ ނަމްބަރަށް ގުޅައިގެން ހުއްޓާ ކުއްލިއަކަށް މީހަކު ފޯނު ޖަހައިގަތުމުން މިސްކު ސިހިފައި ބަލައިލިއިރު ދާދި ކައިރީގައި ދެލޯ އަޅާލައިގެން ހުރީ އޭނަގެ މަންމަ ފިޔަވާ ދެވަނަ މީހެއްނޫނެވެ. މިސްކުގެ ކަންކަށިމައްޗަށް އެރި ހޫނު އެތިފަހަރާއިއެކު ރުޚުސާނާ ހަޅޭއްލަވައިގަތުމުން މިސްކުގެ ބޮޑު ދެލޯ ކަރުނުން ފުރުނެވެ. މަންމައަށް ބޭޒާރުވިކަން އެނގިފައި ހާސްވިނަމަވެސް މަންމަގެ ވާހަކަތަކުން އެނގުނީ އޭނަ ރުޅިއައިސްގެން އުޅެނީ މިސްކު ރަތްފިޔައަށް ނުދާތީ އެކަމާއި ކަމެވެ. ފަލަކްނާޒަށް އެކަމާއި ޝައްކުވެގެން އަހާލުމުން ޖިޔާން ބުނީ އޭނައާއި މިސްކުގެ ގުޅުން ނިމިފައިވާކަމުގައެވެ. ކުށްވެރިޔަކީ ކާކުކަން ދެނެގަތުން ރުޚުސާނާއަށް އުދަގޫކަމަކަށްނުވިއެވެ. މިސްކުފަދަ ބަސްނާހާ ދަރިއެއް ހުރުމުން އޭނައަށް ލިބޭ ހުރިހާ އުފާކޮޅުވެސް ނައްތާލަނީއެވެ. އެ މުއްސަދި އާއިލާތެރެއަށް ވަދެވިއްޖެއްޔާ އޭނައަށް ލިބޭނެ ފައިދާއަށްވެސް މި ދަރި ވިސްނާކަށް ނޫޅުނެވެ.
މަންމައަށް އޭނަގެ ފުށުން ހިތާމައެއް ލިބެން ނޭދޭއިރު ޖިޔާން އެކުރި ކުށަށް މާފުދޭހިތެއް އޭނަ ނުވެއެވެ. މިސްކު ކޮޓަރިއަށްވަންގޮތަށް ކައިލަންއަށް ގުޅައިގެން ރޯންފެށިއެވެ.
ރަތްފިޔައިގެ ސިޓިންރޫމްގައި ޔަޒީދުގެ ދެމަފިރިން ޓީވީ ޚަބަރު ބަލަންތިބިއިރު އަނާ އެއްފަރާތުގައި ހުރި ސޯފާއެއްގައި އިށީދެލައިގެން އިނީ ލެޕް ހުޅުވާލައިގެންނެވެ. އެކަނި ބައިންދަން ހިތްހަމަނުޖެހިގެން އަނާ ކައިރީ އެއްޗެކޭ ކިޔައިގެން ގެެނެސް ކޮންމެވެސް އެކަކު ފެންނަ ހިސާބުގައި ބަހައްޓަން ނަފްސާނީ ޑޮކްޓަރުވަނީ އިރުޝާދުދީފައެވެ. ރާޔާފަދައިން އަނާވެސް އަމިއްލަ ނަފުސަށް ގެއްލުމެއްދީފާނެކަމުގެ ޔަގީންކަން އޭނައަށް އޮތެވެ. ޖިޔާން އެކުވެރިންނާއިއެކު ބާބެކިއު ހަދަން ފަޅުރަށަކަށް ގޮސްފައިވާއިރ ރާހިލް ހުރީ ސެެމިނާރެއްގައި ރާއްޖެއިން ބޭރުގައެވެ.
"ޖިޔާ މީހަކާއި އިންނާށޭ ކިޔާފައި އެހެދީ ކޯންޗެއްތަ؟ ޖިޔާ ބޮޑުވެ ހަރުދަނާ ވެއްޖެކަމަށް ހީކުރުމަކީ ކުށެއް، އަންހެންކުދިންނާއި ރައްޓެހިވެގެން އުޅެލާފައި ފޫހިކޮށްލާގޮތް އަދިވެސް ނުހުއްޓުނު، ފަލަކް ރުޚުސާނާ ކައިރީ ބުނެގެން މިކަން އަވަހަށް ނިންމާލަންވީހެން މަށަށް ހީވަނީ، ކީކޭ ފަލްކީ ބުނަނީ.." ޔަޒީދު އަންހެނުންނަށް ޚާއްސަ ނަޒަރަކުން ބައްލަވައިލެއްވިއެވެ.
ދެމީހުން އެ މައުޟޫއަށް ވާހަކަދައްކަން ތިއްބާ އައި ފޯނަކުން ޔަޒީދުގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ ނުބައި އިހުސާސެއް ކުރެވުނެވެ. ފޯނު އަތުން ދޫވެގެން ދޫލަމައްޗަށް ވެއްޓުނުއިރު އޭނައަށް ހުރެވުނީ ކޮޅަށް ތެދުވެވިފައެވެ. އެމޫނުމަތިން ފެނުނު ޝުޢޫރުތަކުން އާދަޔާ ޚިލާފު ބޮޑުކަމެއް ވެެއްޖެކަން އެނގިގެން ފަލަކްނާޒްވެސް ގަނޑުވާގޮތްވިއެވެ. ރާޔާ މަރުވިދުވަހު ކުރެވުނުފަދަ ނުބައި އިހުސާސްތަކެއް ކުރެވި މޫނަށް އަނދިރިވާގޮތްވިއެވެ. އަނާ އަމިއްލަ ދުނިޔެއެއްގައި އިނދެފައިވެސް ބައްޕައަށްވީގޮތް ފެނިފައި ހާސްކަމާއިއެކު ލެޕްޓޮޕް ލައްޕާލަން އުޅެފައިވެސް އެމަންޒަރު ފެނުނުކަމަކަށް ނެހެދިއެވެ. ހިތާމައިން ސަލާމަތްވާން އޭނަ ބޭނުންވީ ފިލާށެވެ.
"ކާކަށް ކިހިނެއްވެގެންތަ؟ ކޮންތާކުން ގުޅައިގެންތަ؟ ޕްލީޒް ޔަޒީދު، ކޮންމެވެސް އެއްޗެކޭ ބުނެބަލަ..." ފަލަކްނާޒް ޔަޒީދުގެ މުލައްދަނޑީގައި ހިފާފައި ތަޅުވައިގަތްއިރު އޭނަގެ ދެފައިވެސް ބިންމަތީގައި ރަގަޅަށް ހަރުނުލައެވެ.