މަންމަ ކޯމާއިން އެނބުރި އަންނާނީ އޭނަ މިކައިވެނިކުރީމައޭވެސް ހިތް އެބަބުނެއެވެ. މަންމަގެ ފުރާނަ ދިޔަސް ދާނީ އުފަލުންކަން ޔަގީނެވެ. ވީމަ މަންމައަށްޓަކައި ލޯބިވެސް ޤުރުބާންކުރާވަރުގެ އަންހެންދަރިއަކަށް އޭނަވާނީއެވެ. އަމިއްލަ ހިތް ހަލާކުކޮށްލައިގެން ވިޔަސް މަންމަގެ އެންމެ ފަހުގެ ވަސިއްޔަތް އޭނަ ފުރިހަމަކޮށްދޭނެއެވެ. އަނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ އަތުގެ ނުފުށުން ފޮހެލާފައި ބަލައިލުމާއިއެކު ފެނުނު މަންޒަރަކުން އޭނަ ސިހޭގޮތްވިއެވެ.
އެއީ ކައިލަންއަށް ނުވާނެކަމުގެ ޔަގީންކަން ހިތަށް ދިނަސް ދުުރުންވެސް އޭނައަށް ކައިލަންގެ ދިގު އިސްކޮޅާއި އެރީތި ހަށިގަނޑު ފާހަގަކުރެވުނެވެ. އެ ޗޮކްލެޓްކުލައިގެ ޓީޝާޓާއި ލައިގެން ހުރި ޖިންސުވެސް ހެކިދިނީ އެއީ ކައިލަން ކަމެވެ. އިސްކޮޅުން ދިގު ދޮން އަންހެންކުއްޖެއް ގަޔަށް ލައްކޮށްލައިގެން ހުރެ ކައިލަން ހޮސްޕިޓަލަށް ވަންނަން ދިޔައިރު ދަގަތްފާނަށް ދަގަނޑުދަމާހެން އޭނައަށްވެސް ފަހަތުން ދާން މަޖުބޫރުވިއެވެ. ނަމަވެސް އިރުކޮޅަކުން ވިސްނުނީ މިކުރެވެނީ މޮޔަކަމެއްކަމެވެ. އޭނަ ކައިލަންއާއިހެދި މަތިންބައިން ޖެހިގެން އުޅޭއިރުވެސް އެފިރިހެނާގެ ހިތަށް އަސަރުކުރަނީއެއްނޫނެވެ. މެސެޖެއް ހާ ވަރުވެސްކޮށްލަނީ އެއް ނޫނެވެ. ނުވީތާކަށް އެދަނީ އަންހެންކުއްޖަކު ގޮވައިގެންނެވެ. ވީއިރު އޭނަ ދީވާނާއެއްހެން ފަހަތުން ދުވުމަކީ ރީތިކަމެއް ހެއްޔެވެ؟
އަނާގެ ހިތަށް ކުއްލިއަކަށް އައި ޚިޔާލަކުން ހިނގުން ބާރުކޮށްލާފައި ގޮސް ކައިލަންއާއި އަރާހަމަކޮށްލާފައި ގޮވާލުމުން ކައިލަން އެނބުރި ބަލާލައިފިއެވެ.
"ކައިލަން، އަހަރެން މިއުޅެނީ މެރީކުރަން....." އަނާގެ ޖުމްލައިން ކައިލަންއަށް ސިހުމެއް ލިބުނުހެން ހީވިއެވެ.
"އެކަމަކު އަނާ މަންމަ އައިސީޔޫ........" ކައިލަންގެ ޖުމްލަތައް އަނާ މެދުކަނޑާލީ ބުމަ ކައިރި ކޮށްލަމުންނެވެ.
"މަންމަ އެންމެ އުފާވާނީ އަހަރެން މެރީ ކުރީމަކަން އެނގޭތީއާއިއެކު އަހަރެންވެސް ރާހިލް ދެކެ ލޯބިވާތީ ޑިސައިޑްކުރީ...." އަނާގެ ވާހަކައިން ކައިލަންގެ ނިތްކުރިން ދާތިކިތައް ހިއްލާލައިފިއެވެ. ކައިލަންގެ ގަޔަށް ލެނގިލައިގެން ހުރިކުއްޖާ މަޑުމަޑުން ކުކުރާލުމުން އިހަށް މަޑުކޮށްލާށޭ ކިޔާފައި ކައިލަން އިމަޖެންސީއަށް ވަނުމުން އަނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެވަގުތު އެއަންހެންކުއްޖާ ކޮށްޕާލަންވެސް އަނާގެ ހިތަށް އެރިއެވެ. އިރުކޮޅަކަށްވެސް މިތާ ހުންނަންވެއްޖެއްޔާ އަތުން ފައިން ގޯހެއް ހެދިދާނެއެވެ. އަނާ ދެފަޔަށް ބާރުލާފައި ކުރިއަށް ހިނގައިގަތްއިރު ފައިކޮޅުން ވާގިހުސްވެ ހިނގޭނެކަމާއިމެދުވެސް ސުވާލު އުފެދުނެވެ. ކައިލަން އޭނައާއި ގުޅޭ އަންހެންކުއްޖަކު ހޯދިލެއް ހާދަ އަވަހެވެ. އޭނަގެ ހިތުގެ އިހުސާސްތަކަށް އަޅާނުލާ އެމަގު ޚިޔާރުކުރުމުން އޭނަ ވަކި ހިމޭނުން ހުންނަންވީހެއްޔެވެ؟ އަނާ ހޮސްޕިޓަލުގެ ލޯނަށް ނުކުތްއިރު ޖިޔާން ވަންނަން އައިތަން ފެނިފައި އެދުނީ ގެއަށް ލާދިނުމަށެވެ.
ކާރުތެރޭގައި ދެބެންވެސް ތިބީ ހިމޭނުންނެވެ. ޖިޔާން ހީވަނީ އަނގައިން ނުބުނަން ހުވާކޮށްގެން އިންހެނެވެ. އިނގިރޭސި ހެވީމެޓަލް ލަވައެއް ޖައްސާލުމުން އެއަޑުން އަނާގެ ކަންފަތަށް އުދަގޫވިޔަސް އޭނަ އިނީ ކާރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލާށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އަޑުނެތްތަނަށް ރޮއިގެންފާ އެނދުގައިވާހާ ބާލީސްތައް އުކައުކާފައި މޮޔައެއްހެން އަނާ އުޅުނެވެ. ތިމާގެ ލޯބިވެރިޔާ ދޫކޮށްފައި އެހެން މީހަކާއިއެކު އުމުރު ހޭދަކޮށްލަން ނިންމުމަކީ އުމުރުދުވަހުވެސް ކުރާނެ އެންމެ ބޮޑު ހިތާމައެވެ. އަދި ލޯބިވެރިޔާ އެހެން އަންހެންކުއްޖެއްގެ ޚިދުމަތުގައި ހުރިތަން ލޮލަށް ފެންނަމުން ދިޔަވަރަކަށް ހިތުގައި އެޅުނު ކޫރުން ބޮޑުވިއެވެ. ފެންވަރާ މާގަނޑުދޮށުގައި ހުރިއިރުވެސް ކަރުނަތަކަށް ނިމުމެއް ނައިސް ފެނާއިއެކުވަމުން ދިޔައެވެ. އެންމެފަހުން ތުވާލިން ގައި ހިއްކާލުމަށްފަހު ހެދުންލާން ހުއްޓާ މީހަކު ޓަކިދިނެވެ. އަނާ ދޮރުހުޅުވާލުމުން އެތެރެއަށްވަނީ ޖިޔާންއެވެ. އަނާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. ރާޔާގެ ޑައިރީމަތިން ހަނދާންވެފައި ފަހަތަށް ޖެހިލެވުނެވެ.
"އެނީ، ދޮންބެ ވާހަކައެއް ބުނެފިއްޔާ ގަބޫލުކުރާނަންތަ؟ "ޖިޔާންގެ ނަޒަރު ހުއްޓުނީ ދޫލަމަތީގައި ހުރި ބާލީސްތަކާއި ކުޝަންތަކަށެވެ. ކުއިލްޓްވެސް އޮތީ އެެއްބައި އެނދުން ސޮއްސާލާފައެވެ. ހީވަނީ ކުޑަ ތޫފާނެއް އަރާފައިވާތަނެއް ހެންނެވެ. އަނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެެވެ.
"މަންމަގެ ވިޝްއެއްކަމަށް ވިޔަސް ރާހިލްއާއި މެރީނުކުރޭ، ފަހުން ރިގްރެޓްކުރާނެކަން އެނގޭތީ މިހެން މިބުނީ، މަންމައަށްވެސް ހަގީގަތް އެނގޭނެނަމަ ނޭދޭނެކަން ޔަގީން، ރާހިލްގެ މާޒީ ކިޔާދީގެން މަސްލަހަތު ގެއްލިދާނެތީ ދޮންބެ ބޭނުމެއްނުވޭ އޭނަގެ ވާހަކަ އެއްވެސް މީހަކަށް އިއްވާކަށް، އެނގޭކަށް، އެކަމަކު ޔޫ ހޭވް އެ ޗޮއިސް އެނީ، ޓްރަސްޓް މީ އެނީ، ތިކަން ކޮށްފިއްޔާ އަމިއްލަ ނަފުސަށްވެސް ދެވޭ އަނިޔާއަކަށް ވެދާނެ........" ޖިޔާންގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ރާހިލްގެ އަސްލު ސޫރަ ދައްކާނުލާ އެހެން މީހުންގެ ކުރިމަތީގައި މާ މާތްވެގެން ހުއްޓަސް އޭނަ އެކުރީ ޖިޔާން ދުވަހަކު މާފު ނުދޭނެވަރުގެ ކުށެކެވެ.
"ރާހިލް ރަގަޅަށް އެނގޭ، ހީޒް ނޯ އެންޖެލް، އެކަމަކު ދޮންބެއަށް އެނގޭތަ؟ އެންމެ ލޯބިވެވުނީ ކާކުކަން އެނގެއެއްނު، ކައިލަންދެކެ، އޭނައަށްޓަކާ އާއިލާ ދޫކޮށްފައި ފިލައިގެން ދިޔައީމަވެސް އޭނަ އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވޭ، މިއީ ވަންސައިޑެޑް ލަވްއެއް، މިކުރީ ބޭކާރުކަމެއް، އެންޑް މިހާރު އޭނަގެ އެބަހުރި ލޯބިވެރިޔެއް، ދޮންބޭ، މީހަކު ބުނިނަމަވެސް ގަބޫލުނުކުރާނަން، އެކަމަކު އަމިއްލަ ދެލޮލުންނޭ ދުށީ، ކިހާ ދެރަވާނެ، ރާހިލް ކިތަންމެ ނުލަފާވިޔަސް ހީ ލަވްސް މީ އެލޮޓް ދޮންބޭ، އެހެންވީމަ ނިންމައިފިން ފަހުން ދުވަހަކުން ރޯން ޖެހުނަސް ހެޔޮކަމަށް މެރީކުރަން، މިއަށްވުރެ އިތުރަށް ހިތް ހަލާކެއްނުވާނެ، މިއަދު މިވީވަރަށް ދުވަހަކު ހޯޕްލެސްވާނެކަމެއް ނޭގޭ، އެހެންމީހަކާއިއެކު ކައިލަން ހުރިތަން ފެނުނީމަ......" އަނާގެ ލޮލުގައި ކަރުނަ ގިނަވިތަން ފެނިފައި ޖިޔާންއަށް އޭނަގެ ކޮއްކޮ ކައިލަންދެކެ ވާ މަތިވެރި ލޯބީގެ އަގުވަޒަން ކުރެވުނެވެ. އޭނައަށް އެނގިފައިނެތީ ކައިލަން މީހަކާއި ރައްޓެހިކަމެވެ. ޒާޔަލްވެސް މިސްކުއާއި ރުޅިވިފަހުން ހީވަނީ އަންހެންކުދިންނާއި އަނގައިން ނުބުނަން ހުވާކޮށްގެން ހުންނަ މީހެއްހެންނެވެ. އަންހެންކުއްޖަކާއި ދިމާލަށް ބަލައިލާތަނެއްވެސް ނުފެނެއެވެ. ޖިޔާން ކުރިއަށް ޖެހިލާފައި އަނާގެ ތެމިފައިވާ ކޯތާފަތް ފޮހެމުން ނުރޯށޭ ބުނުމުން އަނާ މާބޮޑަށް ދެރަވެ ޖިޔާންގެ ގައިގާ ބައްދާލެވުނެވެ. ރާޔާއާއި ޑައިރީގެ މަތިން އެއްކޮށް ހަނދާންނެތި ދޮންބެ ހިމާޔަތް ބޭނުންވި ހިދުކޮޅެކެވެ. ކުޑައިރު އޭނަބިރުން އުޅޭއިރު ނޫނީ ދެރަވާވަގުތު ޖިޔާން އޭނައަށް ހިމާޔަތްދޭފަދައިންނެވެ.
އިތުރު ވާހަކައެއް ދެއްކޭގޮތްނުވީ އެވަގުތު މިސްކު ތެޅެމުން ފޮޅެމުން އައިސް ހުއްދަހޯދުމެއްނެތި ހުޅުވިފައިވާ ދޮރުން އެތެރެއަށް ވަނީމައެވެ. ޖިޔާންއާއި އަނާ ބައްދާލައިގެން ތިބިތަން ފެނިފައި މިސްކު ފާޑަކަށް އަނގަމަތީގައި އަތްއަޅާފައި ސޮރީއޭ ކިޔާފައި އެތަނުން ނުކުމެގެން ދާން އުޅުމުން އަނާ ބާރަކަށް ގޮވާލިއެވެ. ޖިޔާންގެ ތަބީއަތު މުޅިން ޚަރާބުވެ ނުކުމެގެން ދިޔުމުން މިސްކު އިރުކޮޅެއްވާންދެން ބަލަން ހުއްޓެވެ.
"ވަޓް؟" އަނާވެސް ކުޑަކޮށް ރަކިވެފައި އަހާލިއެވެ.
"ސޮރީ ނުބައި ޓައިމަކަށް ދޯ އަހަންނަށް މިވަދެވުނީ...." މިސްކުގެ ނުރުހުމުގެ ނަޒަރު މުޅި ކޮޓަރިތެރެއަށް ދަތުރުކޮށްލިއެވެ.
"މިކީ އަހަންނާއިމެދު ނުބައިގޮތަކަށް ހީކުރިހެން ހީވޭ، އެއީ އަހަރެންގެ ދޮންބެކަން މިކީ ވިސްނާނުލީތަ.." އަނާގެ މޫނަށް ކޮންމެވެސް ވަރަކަށް ރަތްކުލަވެރިވިއެވެ.
"ބޭބެ ކޮއްކޮގެ ހުއްދަނޫން ގުޅުމުގެ ވާހަކަތައް ކިޔާ ކިޔާ އަހަންނަށްވެސް ދެން ދެމީހުން ތިބިގޮތުން ކުށްހީއެއް ކުރެވިދާނެ ދޯ، ވާޖިނިއާ އެންޑްރޫސްގެ ވާހަކަތައް ކިޔަކިޔާ މަގޭ މައިންޑަށް އެކަންތައް ސަވާރުވީކަމަށް ވެދާނެ، ކުރިއަކުން އެހެނެއްނުވޭ، މިހާރު ބޭބެމެންނަށްވެސް އިތުބާރުނުކުރެވޭ ޒަމާނެއްނު...." މިސްކުގެ ޖުމްލަތަކުން ރާޔާމަތިން ހަނދާންވެފައި އަނާގެ ހިތަށް ނުބައިގޮތެއްވިއެވެ. ދޫލަމަތިން ބާލީސްތައް ނަގާފައި އަތުރަންހުރިއިރު އޭނަ މަސައްކަތްކުރީ މިސްކުއާއި ހަތަރުކަޅި ހަމަނުކުރާށެވެ.
"މިކީވެސް ބޭބެއަކާމެދު އެކަހަލަ ފެންޓަސީއެއް ގެންގުޅެނީތަ؟ "އަނާ އެފަދަ އެއްޗެއް ބުނެލީ ކައިލަންއަކީ މިސްކުގެ އެއްބަފާ ޒުވާނެއްކަމަށް މިހާރު ކިޔާތީއެވެ. ރަގަޅަށްވިއްޔާ ބައްޕައަކީވެސް އެހެންމީހަކަށްވެދާނެއެވެ. ބައެއްފަހަރު އަނާ ހިތަށް އަރައެވެ. ކައިލަންއަކީ މަންމަގެ ބޭބެއެއްގެ ދަރިއަކަށްވާނެނަމައެވެ. މި މޮޅު އާއިލާގެ ޒުވާނަކު ޒޫނީއާއި މާޒީގައި ގުޅުމެއް ހިންގައިގެން ލިބުނު ދަރިއަކަށްވާނެނަމައެވެ. އޭރަށް ކައިލަން ވަރެއްނުހުންނާނެއެވެ. މޮޅު މީހެއްގެ ދަރިއެއްވީމަ ލޭބަލް ކުރާގޮތް ވަރަށް ތަފާތުވާނެއެވެ. އެފަދަ ތަފާތުކުރުންތައް މި މުޖުތަމަޢުގައި ގެންގުޅޭތީ އަނާގެ ހިތް ލަޢުނަތްދިނެވެ.
"ޗީ ޗީ، ދުވަހަކު އެހާ ގޮތެއްނެތް މީހަކަށް ނުވާނެ، އެނީ، އަހަރެން ހަގީގަތް ބުނެފާނަން، އެނީ އެޑްމިޓްކޮށްފައި އޮތްވާ އަހަރެން މި ރޫމްހާވަނިކޮށް ޑައިރީއެއް ފެނުނީ، އެނީގެ ކަމަށް ހީކޮށް ހުޅުވާލިތަނާ ޖިޔާންގެ ނަން ފެނިފައި އަހަންނަށް ކެތްނުވެގެން ކިޔާލީމަ ވިސްނުނު ރާޔާގެ ޑައިރީކަމާއި އެކުރެވުނީ ކުށެއްކަން، ނަމަވެސް އެ ޑައިރީ ކިޔާލެވުނުކަމީ އަހަންނަށް ލެއްވި ރަހުމަތެއްކަމަށް އަހަރެން ދެކުނިން، އެހެންނޫންނަމަ ޖިޔާންއާއި ރައްޓެހިވެ ދުރުނުވާ ހިސާބަށް ދާ ފަހުން އެ ޑާކް ޕާސްޓް އެނގި އަހަންނަށް އަދި ހާޓްވާނީ މިވަރަކަށް ނޫނޭ ބުނާނީ، ސޯ ސޮރީ އެނީ....." މިސްކުގެ ވާހަކަތަކުން އަނާ ހުއްޓުންއެރިގޮތަށް ހުރިއިރު ލަދުން މަރުވާވަރުވިއެވެ. އެހާ ދެރަވެސްވިއެވެ. މަސްހުނި ޖަޒުބާތުތަކުން މޫނަށް ތަފާތު ކުލަތަކެއް ވެރިވެގެން ދިޔުމާއިއެކު އަނާ އެއްޗެކޭ ބުނަން އުޅެފައިވެސް ސޯފާގައި އިށީންގޮތަށް ކަކުލުގައި މޫނު ޖައްސާލައިފިއެވެ.
"މިކީ ނުޖެހޭނެ ދޯ މީހުންގެ ސިއްރު ހާވަން. އަހަރެންގެ ފަރާތަކުން ނޫން މާފަށް އެދެން ޖެހޭނީ، މާފަށް އެދެންވާ މީހާ މިދުނިޔެއަކުވެސް ނެތް...." އަނ ހަރުކަށިކަމާއިއެކު ބުނެލި ޖުމްލަތަކުން މިސްކުގެ ހިތުގައި ޖެހި ލޮލަށް ކަރުނައައެވެ. މިސްކު ބުނާނެ އެއްޗެއް ނޭގިފައި ހުރެފައި ކޮޓަރިން ނުކުތްއިރު ބެލްކަނީގައި ޖިޔާން ހުރިތަން ފެނިފައި އަދި އޭނައަށް އެވާހަކަ ނާންގާ ދާކަށް ހިތް ހަމަނުޖެހުނެވެ. ޖިޔާންއާއި ރުޅިވާންޖެހުނު ސަބަބު ޖިޔާންއަށްވެސް އަންގާދޭނެއެވެ. ކަމެެއް އެނގިހުރެ ފޮރުވަން ހަދައިގެން އޭނަގެ ސިކުނޑިއަށް ކުރާ ބާރު މާ ބޮޑެވެ. ސިކުނޑިއަށް ލުޔެއް ލިބި މީހާ ހަމަޔަކަށް އެޅޭނީ ދެން ހިތުގައިވާހާ އެއްޗެއް ބޭރުކުރެވިގެންނެވެ. އޭރުން އޭނައާއި ދިމާލަށް ބޭވަފާތެރިއެކޭ ކިޔުމުގެ ހައްގެއް ޖިޔާންއަކަށްވެސް ނޯންނާނެއެވެ. ޖިޔާންގެ ކަޅު ސިއްރު އެނގިފައިވާކަން ޖިޔާންއަށް ހާމަކުރިއިރު ޖިޔާން ހުރީ ގަސްތަކާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިސްކު ދެއްކި ވާހަކަަތަކުން ޖިޔާން ހިމޭންކަން ޚިޔާރުކުރުމުން އެއީ ލިބުނު ޖަވާބަކަށްވިއެވެ. މިސްކުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މިސްކުއަށް ޑައިރީ ފެނުނީމަ ޖިޔާން ދެން އިތުރަށް ދައްކާނެ ބަހަނާއެއް ނެތީމަ އަމިއްލަ ދިފާޢުގައި ދައްކާނީ ކޮން ހެއްކެއްހެއްޔެވެ؟ ނަމަވެސް ލަދުވެތިކަމުން އަރައިގަންނަން ޖިޔާން ދޮގުހަދައިގެން ނަމަވެސް ސަލާމަތްވާން މަސައްކަތްކުރާނެކަމުގައި މިސްކު ހީކުރިއެވެ. ހިމޭންކަމުގެ ވަގުތު ދިގުވުމާއިއެކު ޖިޔާން ބާރަކަށް ހިނގާލާފައިގޮސް ކޮޓަރިއަށްވަދެ ދޮރުލެއްޕުމުން މިސްކު ލޮލުގައި ގިނަވި ކަރުނަތައްް ފޮހެލިއެވެ.
ރާހިލް ކައިރީގައި އަނާ އެދުނީ ވުޟޫކޮށްލައިގެން ސިޓިންރޫމަށް އައިސްދިނުމަށެވެ. ރާހިލް ވަރަށް ހައިރާންވިނަމަވެސް އަނާ ބުނިކޮންމެ ކަމެއްކޮށްދީ އަނާ ރުއްސުމުގެ ނިޔަތުގައި ވުޟޫކޮށްލައިގެން އައިއިރު ގަމީހުގެ އަތުކުރި އޮޅާލާފައިވާއިރު އަތުގަޔާއި މޫނުގައި އަދިވެސް ފެންތިކިތައް މުތީތަކެއްހެން ވިދާތަންފެނެއެވެ. އޭރު އަނާ ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރިގޮތުން ކޮންމެވެސް ކަމަކާއި ހާސްވެފައި ހުރި ވައްތަރު ޖަހައެވެ. ބައެއްފަހަރު އެމޫނުން ރާޔާގެ މޮޔަކަން ފެންނަހެންވެސް ހީވެއެވެ. އަނާވެސް ރާޔާފަދަައިން ނަފްސާނީކުއްޖަކަށް ބަދަލުވެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟
"ސްވީޓްހާޓް، ދެން ކިހިނެެކޯ ހަދަންވީ؟ "ރާހިލް ހަށަން ބަދެލިއެވެ.
"ޤުރުއާންގައި އަތްލާފައި ހުވައެއްކޮށްދޭންވީ، ވާނެތަ؟ "އަނާގެ އެ އާދަޔާޚިލާފު ސުވާލުން ރާހިލްގެ މެޔަށް ފެންއެއްޗެއް އޮއްސާލިހެންހީވިއެވެ. އަނާ އޭނަގެ ފަރާތުން އޮޅުންފިލުވަން އުޅެނީ ކޯންޗެއްހެއްޔެވެ؟ އޭނަ ސިއްރުކުރަން ބޭނުންވާވަރުގެ ސުވާލެއް ވެއްޖެއްޔާ އޭނަ ޤުރުއާނުގައި އަތެއްނުލާނެއެވެ. އޭނަ ޤުރުއާނުގައި އަތްލާފައި ދޮގެއްނަހަދާނެއެވެ.
"ކީކޭތަ؟ ބޭބީ މޮޔަވީތަ؟ ޤުރުއާނުގައި އަތްނުލިޔަސް އަހަރެން ތެދުހަދާފާނަން، އަހާބަލަ....." ރާހިލް ބުމަކައިރިކޮށްލިއެވެ. ބައެއްފަހަރު އަނާ އުޅޭގޮތުން ކުޑަކުއްޖެކޭ ހިތަށް އަރާފައި ފޫހިވަނީ މިހަލަ ވަގުތުތަކުގައެވެ. އޭނަބޭނުންވާފަދަ ހަރު އަންހެންކުއްޖަކަށް އަނާ ދުވަހަކުވާނެކަމާއިމެދު ހިތާހިތުން ސުވާލުކުރެވެއެވެ.
"ދުވަހަކު އަހަރެންގެ ހުއްދަނެތި އަހަރެންގެ ގައިގާ އަތްނުލަން ޤުރުއާނުގައި އަތްލާފައި ވަޢުދުވޭ....." އަނާ ރާހިލްއާއި ހަތަރުކަޅިހަމަކޮށްލިއެވެ.
"ތީ ދެން ކޮންކަހަލަ ވަޢުދެއް؟ އަހަރެން ހުވާނުކުރިޔަސް އަތްނުލަމެއްނު، ހުއްދަދިނީމަ ދޯ ހަމަ އަތްލީވެސް....." ރާހިލްގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. އަނާގެ ޅަ އަމަލުތަކުން އޭނަ ހުުރީ ބޮލަށް އުދަގޫވާގޮތްވެފައެވެ.
"ނޫން، ކުރިއާއި މިހާރު ތަފާތުވާނެ، އަހަރެން މަންމަގެ ބަސް ޤަބޫލުކޮށްގެން ރާހިލްއާއި މެރީކުރަން ނިންމައިފިން، އެކަމަކު މި ޝަރުތުގެ މަތިން....." އަނާގެ އެޖުމްލައިން ރާހިލްގެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފެނިގެންދިޔައެވެ.
"ނޫނީ ނުކުރާނީތަ؟ "ރާހިލް ހިނިއައެވެ.
"ރާހިލް ވަޢުުދުވީމަ އަހަރެން މެރީކުރާނީ....." އަނާ ޔަޤީންކަމާއިއެކު ބުނެލިއެވެ.
"ވެލް....." ރާހިލް ވިސްނާލިއެވެ. އަނާބޭނުންވެގެން އޭނަ އުޅޭތާ ކޮން ޒަމާނެއްހެއްޔެވެ؟ ފެށުނީއްސުރެން އޭނަގެ ހިތުގައި އަނާގެ ރީތިކަމާއި އެޅަކަން މިލްކުކުރުމުގެ އެދުން އުފެދިފައިވެއެވެ. އަދި މިފަހަކަށް އައިސް ލޯބިވާން ފެށިގޮތަށް އެހިތުން އަނާގެ ޚިޔާލު ފިލައިގެންދާ އެންމެ ވަގުތެއްވެސް ނާދެއެވެ. އެހާވަރުން އުޅޭއިރުވެސް އަނާ އޭނަގެ ލޯބި ޤަބޫލުކުރަން ތައްޔާރަށް ނެތުމުން އޭނަ ހުންނަނީ ކޮންމެވެސް ވަރަކަށް މާޔޫސްވާންފަށާފައެވެ. އަނާ އަމިއްލައަށް އެއްބަސްވުމުން ޖަވާބެއް ދިނުމާއިމެދު ވިސްނުނީ އެހެންވެއެވެ. އަނާ އެކުރީ ވަރުގަދަ ޝަރުތެކެވެ. ޝަރުތުކޮށްގެން އިސްލާމްދީނުގައި ކައިވެނި ހުއްދަނުވާނެތީ އޭނަ އެކަން އަނާއަށް ވިސްނައިދިނެވެ. އަދި ކައިވެނީގެ ޝަރުތެއްކަމަށް ނެހެދިޔަސް އަނާގެ ހުއްދަނެތި އޭނަ އަނާގެ ގައިގާ އެނިޔަތުގައި ނުބީހެން ވަޢުދުވުމުން އަނާގެ މޫނުން ވަކި އިތުރަށް އުފާވިކަމުގެ ކުލައެއް ނުފެނުނެވެ.
"މަންމަ ހޭއެރީމައެއްނު މެރީ ކުރެވޭނީ..." ރާހިލް ކުޑަކޮށް މާޔޫސްވެފައި ހުރެ އަނާގެ ޚިޔާލު އޮޅުން ފިލުވައިލަން ބޭނުންވިއެވެ. އެހާލުގައި ކިތަންމެ އަހަރެއްވާންދެންވެސް މަންމަ އޮވެފާނެއެވެ. އެހާ ދުވަސްވާންވެއްޖެއްޔާ އަނާގެ ޚިޔާލު ބަދަލުވެ އެހެން ގޮތަކަށް ނިންމަފާނެއެވެ.
"ނޫން މިހާރުވެސް މެރީކުރަން ބޭނުމީ، މަންމައަށް ރަގަޅުވާނީ އަހަރެން މެރީކުރީމަ..." އަނާގެ ޖުމްލައިން ރާހިލްގެ ހިތް އުފަލުން އަވަސްވެލިއެވެ. ބޮޑުދައިތަމެން އަނާއަށް އެގޮތަށް ވިސްނާދިނީމަ އަނާގެ މޮޔަކަމުން ހެއްލުނީތާއެވެ. ރާހިލްއަށް ނޭގުނީ ފަލަކްނާޒް ކޯމާއަށް ދިޔުމުގެ ކުރިން އަނާގެ ކައިރީ ރާހިލްއާއި އިންނަން އެދުނުކަމެވެ. އަނާ ޚަތިމު މޭގައި ޖައްސާލައިގެން ހުރެ ސިޑިން އަރައިގެން ދިޔަތަން ބަލަން ހުރެފައި ރާހިލް ހީލާފައި އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އަނާ ހާސިލުކުރުމަށް އެއް ފިޔަވަޅުކުރިއަށް އެޅުނީއެވެ. އަނާ އަދި މާ އަވަސްއަރުވާލައިގެން ކައިވެނިކުރަން އުޅުނަސް ބައްޕަ ނިންމާނެގޮތަކާއިމެދު ހިތުގައި ސުވާލު އުފެދިފައި ރާހިލްގެ ހިނިތުންވުން ފަނޑުވިއެވެ. ބައްޕަ ނިންމާގޮތަކުން އޭނަގެ އުފާވެރިކަން ނެތިގެން ހިނގައިދާނެއެވެ. ރާހިލް ވިސްނީ އެޚަބަރު ބައްޕަގެ ކަންފަތަށް ފޯރުވާނެ ގޮތަކާއިމެދުއެވެ. ޒުހޭމާ ބޮޑުދައިތައާއި ގުޅުން ރަގަޅުކަމުން ރާހިލްއަށް އޭނަ ކައިރީގައި އެފަދަ ވާހަކައެއް ދެއްކުން އުދަގުލެއްނޫނެވެ. ޒުހޭމާ އުފަލުން އަވަދިނުވީ ކިރިޔާއެވެ. ވަގުތުން އެ މަސައްކަތާއި އުޅެގަތްއިރު އޭނަ ބޭނުންވީ ވަގުތުން ވަގުތަށް އެކަން ނިންމާލާށެވެ. ރާހިލްއާއި އަނާހާ ގުޅޭ ޖޯޑެއް މި މާލޭގައި ނުވާކަމުގައި އޭނަދެކެއެވެ. ބޭބެފަދަ ޤަދަރުވެރިއެއްގެ ދަރިއަކު ޒޫނީގެ ދަރިއަކާއި އިނުމަކީ މުޅި އާއިލާއަށް ލިބޭނެ ބަދުނާމެކެވެ. ހުތުރެކެވެ. ޒުހޭމާ ފިރިމީހާ ގޮވައިގެން އޭނަގެ ބޭބެއާއި ބައްދަލުކުރަން ދިޔަގޮތަށް އެކައިވެނި ކުރުވާނެ ތާރީޚު ނިންމާފައި އެމީހުން އުޅެގަތީ އެކަން ވީހާވެސް އަވަހަށް ކުރުވާށެވެ. ޔަޒީދު އެހާވަރުން އެކައިވެނިކުރުވަން އުޅުނީ ލޯބިވާ އަނބިމީހާ ރުއްސުމަށެވެ. އަނާގެ ކައިރީ އެންމެފަހު ބަހަކަށް ވީވެސް އަނާ އެ ކައިވެނިކުރުމެވެ. ހަމަހޭވެރިކަން ނެތި ކޯމާއަށް ދިޔައިރުވެސް ފަލަކްނާޒްގެ ސިކުނޑީގައި އެނޫން ކަމެއްނެތެވެ.
ފަލަކްނާޒްގެ ހާލު އިތުރަށް ގޯސްނުވެ އޮތްގޮތަށް އޮތުމުން އެންމެނަށް ލިބުނު ހިތްވަރެއްކަމުގައި ވިޔެވެ. އޭރު ޔަޒީދުގެ އާއިލާ އެންމެން އަވަދިނެތި ތައްޔާރުކުރަމުން ދިޔައީ ރާހިލްއާއި އަނާގެ ކައިވެންޏަށެވެ. ފަލަކްނާޒް އެހާ ސީރިޔަސްކޮށް އޮތްވާ ޕާޓީއެއް ނުބޭއްވުނުކަމުގައިވިޔަސް ސައި ދިނުން މުހިއްމުކަމުގައި ޔަޒީދުވެސް ދެކުނެވެ. ހުޒޭމާމެން އެހަފްލާ ވީހާވެސް ކުލަގަދަކޮށް ބާއްވަން ނިންމިއެވެ. އަނާގެ ބޮލަށްވަދެގެން ކައިވެނި ހެދުމެއް ލާން އެއްބަސްކުރުވިއެވެ. މަންމަގެ ހިތަށް އެންމެ ހަމަޖެހުން ލިބޭނީ މަންމަ އެދިގެން ކުރާ ކައިވެނި ވީހާވެސް ފުރިހަމަކޮށް ގެންދިޔުމުން ކަމަށް ވިސްނައިދިނެވެ. ޔަޒީދުއަށް ފާހަގަކުރެވުނީ ރާހިލްއާއި ޖިޔާން އެއްގޮަތަކަށްވެސް ވާހަކަ ނުދައްކާކަމެވެ. ކޮއްކޮގެ ކައިވެންޏަށްޓަކައި އެންމެން ރަތްފިޔައިގެ ގޯތިތެރޭގައި އޮތް ހުސްތަން ތައްޔާރުކޮށް ޒީނަތްތެރިކުރާއިރު ޖިޔާން އެކަމާއި ބައިވެރިވާތަނެއް ނުފެނެއެވެ. ޔަޒީދު ހީކުރީ މަންމަ އައިސީޔޫގައި އޮތްވާ ގޭގައި މާ ވަރުގަދަ ޕާޓީއެއް ބާއްވަން އުޅޭތީ ޖިޔާން ނުރުހިފައި ހުންނަނީ ކަމުގައެވެ. އެހެންވެ ޖިޔާން އެކަނިކޮށްލައިގެން އޭނައާއި ވާހަކަދެއްކިއެވެ. މަންމަގެ ވަސިއްޔަތުގެ ސަބަބުން އަނާ ކަައިވެނިކުރަން އެއްބަސްވީކަމުގައި ބުނުމުން ޖިޔާން ބުނީ މަންމަގެ އެދުމާއި ދެކޮޅު ނަހަދާނެކަމުގައާއި އެއީ ރާހިލްއާއި އަނާގެ އަމިއްލަ ކަމެއް ކަމުގައެވެ. އެވާހަކައިން އެކަނިވެސް ޖިޔާން ނުރުހިފައި ހުރިވަރު އެނގުމުން ޔަޒީދުއަށް ވިސްނާލަން މަޖުބޫރުވިއެވެ. ރާހިލްއާއި އަލީސާއާއި ދޭތެރޭގައި ހިނގާފައިވާ ހާދިސާގެ ސަބަބުން ޖިޔާން އެކަމާއި ނުގަބޫލުވީ ހެއްޔެވެ؟ ނޫނީ ރާހިލްގެ ފަރާތުން އެފަދަ އެހެން ކަންތަކެއް ފެނިފައިވަނީހެއްޔެވެ؟ ޒުވާން އުމުރުގައި ޔަޒީދުވެސް ކޮންމެވެސް ވަރަކަށް އަންހެންކުދިންނާއި ގުޅިގެން އުޅުނުނަމަވެސް މީހަކާއި އިނުމަށްފަހު ތެދުވެރި ވަފާތެރި ފިރިޔަކަށްވިއެވެ. ރާހިލްވެސް ބަދަލުވުމަކީ ހަމަ އެކަށީގެންވާކަމެކެވެ.
ކައިވެންޏަށްޓަކައި ރަތްފިޔައިގެ ބަގީޗާ ތައްޔާރުކޮށްލާފައިވާލެއް ވަރަށް ހިތްގައިމެވެ. ގަސްތަކުގައި އެލުވާވާފައިވާ ލެންޓަންތަކުގެ ހިތްގައިމު އަލިން މުޅި ހިސާބުވަނީ އުޖާލާވެފައެވެ. ކުޑަ ސްޓޭޖެއް ތައްޔާރުކޮށްލާފައި ރާހިލްއާއި އަނާ އިށީންނަން ހަދާފައިވާ ތަނުގައި "ރާހިލް ވެޑްސް އަނާ" އެއިބާރާތްކޮޅު ދިއްލިދިއްލި ވަނީ އެކިކުލައިގެ އަލިންނެވެ. އެކިދިމާލުގައި މޭޒުތައް ބަހައްޓާފައިވާއިރު ކޮންމެ މޭޒެއްގެ މަތީގައި އުއްބައްތިތައް ދިއްލާލާފައިވާއިރު ވަރަށް އިޝްގީކޮށްފެނެއެވެ. އެއީ މޫސުމް ރީތިދުވަސްކޮޅެއްކަމުން ކުއްލިއަކަށް މޫސުން ބަދަލުވެދާނެކަމަށް ލަފާކުރި އެކަކުވެސް ނެތެވެ. ޕާޓީ ތައްޔާރުކޮށްލާފައިވަނީ ވިއްސާރައިގެ މަތިން ހަނދާންނައްތާލާފައެވެ. ގާޒީއިން އަންނަން ފަނަރަވަރަކަށް މިނިޓަށްވެފައި ހުއްޓާ އުޑުމަތީގައިވާ ތަރިތައް ގެއްލި ވައިރޯޅިތައް ބާރުވެލާންފެށީ ވާރޭވެހިދާނެކަމުގެ އިންޒާރުދެމުންނެވެ. އެންމެންވެސް ކަންތައްބޮޑުވިއެވެ.
"ކިހިނެއްހަދާނީ؟ "އެންމެ ބޮޑަށް ހާސްވީ ހުޒޭމާއެވެ. ހިތަށް ތަފާތުވައްތަރުގެ ޝައްކާއި ވަހުމްތައް ވެރިވިޔަސް އެކަން ހާމަނުކޮށް ހުޒޭމާ ޒުވާން ފިރިހެންކުދިންކައިރިން ލަފާއަކަށް އެދުނެވެ.
"ވާރޭ ޕާޓީ ހިތުން ފިލުވައިލުން މާ އުދަގޫވާނެ، ކެންޑްލްތައް ނިވުނަސް ލެންޓަންގެ އަލިތަކުން އޯކޭވާން އާންޓީ، ފެމިލީ އެންޑް ފްރެންޑްސްވީމަ ދެން މިތާކަށް ނާންނާނެ މައްސަލަޖައްސާނެ މީހެއް......"ހުޒޭމާއަށް ބޮޑުދައިތަ ކިޔާ ޒުވާނަކު އުޑުމައްޗަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.
ކަޅުކުލައިގެ ކޯޓްފަޓްލޫނުގައި ހުރި ރާހިލް ފެނުމުން އަންހެންކުދިންގެ އިތުރުން ޒުވާނުންވެސް ބަލައިލީ ތަޢުރީފުގެ ނަޒަރަކުންނެވެ. ފިރިހެންވަންތަކަމާއި ސްޓައިލިޝްކަމުގެ ދެވަނައެއްނެތް މިސާލެއްފަދައެވެ. އަންހެންކުދިންގެ ހިތުގެ ވިންދާއި ކުޅެލާފަދަ ރީތިކަމެއް އޭނަގެވިއެވެ. ހުދުކުލައިގެ ވެޑިން ޑްރެސްއެއްގައި އަނާފެންނަލެއް ފުރިހަމަކަމުން އެޖޯޑުގެ ގުޅޭކަމަށް ކޮންމެ ހިތެއް އެއްބަސްވާނެއެވެ. ގާޒީ ދުރުވުމަށްފަހު ކައިވެންޏަށް ތައްޔާރުކޮށްފައިވާ ކޮޓަރީގެ މޭޒުދޮށަށް ރާހިލްއާއި އަނާ އަށްވެސް ދާންޖެހުނެވެ. އަނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނުއިރު އިސްޖަހާލައިގެން އިންގޮތުން އޭނަ ބޭނުންވެގެން ކުރާ ކައިވެންޏެއްނޫންކަން ވިސްނައިލިމީހަކަށް އެނގޭނެއެވެ. ކައިވެނިކޮށް ނިމުމަށްފަހު ރާހިލް އަނާގެ އަތުގައި ހިފާލައިގެން ބޭރަށް ނުކުމެ އަލަތު ދެމަފިރިންނަށްޓަކާ ހަދާފައިވާ ސްޓޭޖަށް އެރުމާއިއެކު އެންމެން އައިސް މަރުހަބާ ކިޔާ ސަލާމްކުރަން ފަށައިފިއެވެ. އަގުބޮޑު ހަދިޔާތަކުން އެތާހުރި މޭޒުމަތި ބަރާވާންފެށިއެވެ.
"ދޮންބެ އެންމެފަހަރަކުވެސް ނުފެނޭ، ދޮންބެ އެހާ ރުޅިއަންނަނީ ހަމަ ޑައިރީގައިވާ ފަދައިން ދޮންބެ....ނޫން އެހެނެއްނުވާނެ..." އުދަގޫ ޚިޔާލުތައް ސިކުނޑިއަށްވެރިވާން ފެށުމުން އަނާ ހާސްކަމާއިއެކު ވަށައިގެން ހޯދަންފެށިއެވެ.
"ބޭބީގާލް، ކިހިނެއްވީތަ؟ "ރާހިލް އަނާގެ މޫނަށް ނަޒަރުހުއްޓައިލިއެވެ. އެވަގުތު ރާހިލްގެ ފޯނު ވައިބްރޭޓްވާންފެށުމުން ރާހިލް ފޯނުގެ ސްކްރީނަށް ބަލާލުމާއިއެކު ހިތް އަވަސްވިއެވެ. ފޯނުނަގަންވީހެއްޔެވެ؟ ނޫނީ އަޅާނުލާ ދޫކޮށްލަންވީހެއްޔެވެ؟ ނޫނެކެވެ. އެއަށްވުރެ މި ކޯލް އޭނައަށް މުހިއްމެވެ.
"ވަންމިނިޓް އިނގޭ ލަވް.." ރާހިލް އަނާގެ ކޯތާފަތުގައި އަތް ބީއްސާލާފައި ފޯނު ކަންފަތުގައި ޖަހައިގެން މީހުންނާއި ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ.