އެންމެ ފުރަތަމަވެސް އެންގީ ރާހިލް ތަންކޮޅެއް ހަމަޖެހޭ މީހަކަށްވެގެން ތުނބުޅި ބާލައިގެން އައުމަށެވެ. އަދި އޭނަ ރާހިލް ކައިރީ ކަމަކު ކިޔަން ބޭނުންވާކަމުގައި ބުނުމުން ރާހިލްގެ ހާސްކަން އިތުރުވިއެވެ.ރާހިލް އެކަނިކޮށްލައިގެން ފަލަކްނާޒް އެދުނީ އަނާ ވަރިކުރުމަށެވެ. ރާހިލްއާއިއެކު އަނާއަށް އުފަލާއި ހިތްހަމަޖެހުމާއިއެކު ނޫޅެވެންޏާ އޭނަ ބުނެގެން އެކައިވެނީގެ މަތީގައި ތިބުމަކީ ބޭކާރުކަމެއްކަމުގައި ފަލަކްނާޒް ބުނެލިއެވެ. ކައިލަންއާއި އަނާ ކައިވެނީގެ ކުރިން ހިންގި ގުޅުމާއިމެދުވެސް ފަލަކްނާޒް ވާހަކަދެއްކުމުން ރާހިލް އެކަންތައް ހިނގިގޮތް ސާފުކޮށްދިނެވެ.
"މަންމާ. މިއަދުން ފެށިގެން އަނާއަކީ އަޅުގަނޑުގެ އަންބެއްނޫން....." ރާހިލް މާ ކުރީއްސުރެން އަނާ ވަރިކުރަން ނިންމާފައިވާ ކަމުގައި ބުނުމުން ފަލަކްނާޒް އިނީ ބަސް ހުއްޓިފައެވެ. ރާހިލްގެ ކޮށްފައިވާ ގޮތްކުޑަ ވިޔާނުދާ އަމަލު އޭނައަށް އެނގިފައިވާކަން އަންގަންވީހެއްޔެވެ؟ އޭނަ އެކްސިޑެންޓްވި ސަބަބަކީ އެހަގީގަތް އެނގުންކަމުގައި ހާމަކުރަންވީހެއްޔެވެ؟ އެދުވަހު ހެދުން ރާހިލްއާއި ޖިޔާން ރާޔާގެ ވާހަކަދެއްކި އަޑު އޭނަ ހުރީ އަހާށެވެ. ރާހިލްއާއި ރާޔާގެ އޮތް ގުޅުމާއި ރާޔާ ބަލިވެއިންކަން އެނގުމުން ހީވީ ފަލަކްނާޒްގެ ދުނިޔެ ކުނޑިކުނޑިވެގެން ފައިބައިގަތްހެންނެވެ. އަނާއަށް އެހަގީގަތް އެނގިއްޖެއްޔާ އެފަކީރުގެ ހިތް ހަލާކުވާނެއެވެ. ތިމާގެ އެއްބަނޑު އެއްބަފާ ދައްތައާއިއެކު ރާހިލްގެ އެއޮތް ނަހަލާލު ގުޅުމަށްފަހު އަނާ ރާހިލްއާއި ކައިވެނިކުރަން އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟ ޚުދު އޭނަވެސް އެކަމަށް ހުއްދައެއް ނުދޭނެއެވެ. ރާހިލް ކޮއްކޮއެއްފަދައިން އުޅުނު ކުއްޖަކާއިއެކު އެފަދަ ވިޔާނުދާ ގޮތަކަށް އުޅެފާނެކަމަކަށް ހީނުކުުރިޔަސް ރާހިލް ޖިޔާންއާއި ދިމާލަށް ދެއްކި ވާހަކަތަކުން އެކަން ޔަގީންވިއެވެ. ޖިޔާންގެ ވާހަކަތައް އެއްވެސް މީހަކު ގަބޫލުނުކުރާނެކަމަށާއި ހެއްކަކަށް ހުރީ ރާޔާ ކަމަށާއި ރާޔާވަނީ ރާހިލްދެކެ ވީ ލޯބިން އެކަން ފޮރުވާފައިކަމުގައި ބުނުމުން ފަލަކްނާޒަށް ހުރެވުނުތަންވެސް ނޭގެއެވެ.
"އެންމެ ކުރިން ދާނީ ޒޫނީގެ ކައިރިއަށް، ގޮސް މާފަށް އެދިފައި ކައިލަން އާއި އަނާގެ ކައިވެނި ކުރަން ވީހާވެސް އަވަސްކުރަން އެދޭނީ..." ފަލަކްނާޒް ބާރަކަށްގޮސް ކާރަށް އެރިއިރު އޭނަގެ ސިކުނޑި ހީވީ ފަޅައިގެންގޮސް ދާނެހެންނެވެ. ހިތަށް ކޮށްފައިވާ ފުން އަސަރަކުން ރޮވެމުން ދިޔައެވެ. އަމިއްލަ އަންހެންދަރިފުޅު މަރުވިއިރު ރާހިލްގެ ދަރިއަކަށް ބަލިވެއިންކަން އެނގުމުން އެހިތަށް ވީގޮތެއް ބަޔާންކޮށްދޭނެ ގޮތެއްވެސް ނެތެވެ.
ފަލަކްނާޒް އިސްތިއުފާގެ ސިޓީ ހޮސްޕިޓަލަށް ލިޔުނުއިރު ކައިލަންގެ ކުށެއްނެތްކަން ބަޔާންކޮށް ވަރަށް ދިގު ސިޓީއެއްލިޔުނެވެ. އޭގެ ޖަވާބު ލިބުމުން ފަލަކްނާޒް ހައިރާންވިއެވެ. ކޯޓުންވަނީ މާކުރިން ކައިލަންގެ ކުށެއްނެތްކަން ސާބިތުކޮށް ވަޒީފާދޭން އަމުރުކޮށްފައެވެ. ކައިލަންއަށް ވަޒީފާދީ ޑޮކްޓަރުންގެ އިންޗާޖުކަން ދީފިކަމަށްވެސް އެމްޑީގެ ސިޓީގައި އޮތެވެ. ފަލަކްނާޒަށް އެކަމުން ލިބުނީ އުފަލެކެވެ. އޭނަގެ އަގުވެއްޓިގެންވެސް ވާން އުޅޭ ދަނބިދަރިފުޅަށް މީހުންގެ ގަދަރާއި އިހުތިރާމް ލިބުމުން އެކަމާއި އޭނަ އުފާކުރަންވީއެވެ.
އަނާ ކައިލަންއަށް ގުޅައިގެން ޓެރެސްގައި ހުރިއިރު އުފަލުންގޮސް އެރީތި މޫނުމަތިން ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. ކުއްލިއަކަށް ހާސްވީ ރާހިލް އަންނަތަން ފެނިފައެވެ. ރާހިލް އޭނަ ވަރިކުރިކަމުގައިވިޔަސް އަދި އޭނަ ރާހިލްއަކަށް އިތުބާރެއްނުކުރެއެވެ. ބަދަލުހިފަން ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. ރާހިލް ހުރީ ތުނބުޅި ތުނިކޮށްލާފައި ވަރަށް ރީތިވެލައިގެންނެވެ. ސެންޓުގެ ވަހުން ތަން ހުވަދުލެވިގެން ދިޔައެވެ. ރާހިލް އަނާއާއި ފޫޓެއްހާ ދުރުގައި މަޑުކޮށްލާފައި އަނާއާއި ވާހަކައެއް ދައްކާލަން ބޭނުންކަމުގައި ބުނެލިއެވެ.
"އަހަންނަށް އެނގޭ އެނީ ތިހުންނަނީ ޖިޔާއާއިމެދު ހިތްގޯސްކޮށްގެންކަން، ޖިޔާވެސް ވަަރަށް ކެތްގަދަ، އޭނައަށް ރާޔާގެ ޑައިރީގައި އޭނައޭ ކިޔައިގެން ލިޔެފައިވާކަން އެނގުނީމަ އަހަންނަށް ވަރުބޭލިއިރުވެސް އެހެންމީހަކަށް އޭނަގެ ކުށެއްނެތްކަން ހާމަކޮށްދޭކަށް ނޫޅުނު، ޖިޔާ މަށާއި ދިމާލަށް ބުނީ ރާޔާ ލައްވާ އެކަން ކުރުވިމީހާ އެހެންމީހުންނަށް ބުނެދޭށޭ ޖެހޭނީ، އޭނަ މަރުވިޔަސް ހުންނާނީ ހިމޭނުންނޭ، އެނގޭތަ؟ އެނީ، ރާޔާ ޑައިރީ ލިޔުނީ އަހަރެން ދަސްކޮށްދިންގޮތަށް، އަހަންނާއި ރާޔާގެ އޮތް ގުޅުން ފޮރުވަންވެގެން އޭނަ އަހަރެންގެ ނަން ޖަހަންވީ ހުރިހާތަނެއްގައި އިންނާނީ ޖިޔާގެ ނަން ޖަހާލާފައި، ރާޔާ ޑައިރީ ލިޔަން އުޅޭ ވާހަކަ ބުނީމަ އަހަރެން ބުނިން މީހަކަށް ފެނިއްޖެއްޔާ އަހަރެން ކޯޓްވާނެއޭ، އެކަމަކު ޖިޔާގެ ނަން ލިޔެފައި އިނީމަ ޖިޔާއަށް ފެނުނަސް ވަގުތުން ބުނާނެޔޭ ރާޔާ މޮޔަވެގެން ބޯ ގޮވައިގެން އިމޭޖިންކޮށްފައި ލިޔުނު އެއްޗިއްސޭ....." ރާހިލް ދައްކަމުން ދިޔަ ވާހަކަތަކުން އަނާ ހުރީ ހުއްޓުން އަރާފައެވެ.
"އެނީ ވިސްނާލީމަ އެނގޭނެ، ރާޔާ ޖިޔާ ކަމަށް ހަދަން މަސައްކަތްކޮށްފައި ހުރިއިރުވެސް ބާތްޑޭފަދަ ދުވަސްތައް ފާހަގަކުރާއިރު އިނގޭނެ އެއީ އަހަރެންކަން، އަދި މަންމަ ގިނައިންދާނީ އަހަންނާއި ރާޔާ ހަވާލުކޮށްފައި ކަމާއި ޖިޔާއާއި ރާޔާއަށް އެކަހަލަ ޗާންސެއް ލިބޭލެއް މަދުކަން، ޖިޔާ ގިނައިން ހުންނާނީވެސް އޭރު މާމަކައިރީގައި އެގޭގައި، ނޫނީ ސްކޫލްގައި، ކުށްވެރިއަކީ އަހަރެން، އަހަރެން އަނާ ބޭނުންވެގެން އުޅުނީވެސް، އޭރުވެސް ރާޔާއަށް އެނގޭނެ އަހަރެން ރާޔާދެކެ ލޯބިނުވާކަމާއި އެންމެކަމެއްކަން އޭނަގެ ފަރާތުން ބޭނުންވީ، އަދި އެނީ ހީކުރިގޮތަކަށްނޫން ރާޔާ މަރުވީވެސް، އެނީ ރޭޒަރު ދިނަކަސް ރާޔާ ކޮންމެހެން އަމިއްލައަކަށް މަރުވާކަށް ނޫޅޭނެ، ރާޔާ މަރުވީ އެރޭ އަހަރެން ރުޅިއައިސްގެން ޒުވާބުކޮށްފައި ދިޔައީމަ، ރާޔަ ޕްރެގްކަން އެނގުނީމަ އަހަރެން ބުނިން އެބޯޓްކުރާށޭ، ނޫނީ ބޭޒާރުވާނެއޭ، ރާޔާ ނަފްސާނީ މައްސަލަ ހުރީމަ މީހުން ކިޔާ އެއްޗެއް އަޑުއަހާ ގޮތެއްނުވޭ، އެހެންވެ ބުނީ ރާހިލްދެކެ ލޯބިވާވަރުން ބޭބީ ބޭނުމޯ، އަހަރެން ބުނިން ބަދުނާމުވާނެއޭ، ވިސްނާދީދީ ގަބޫލުނުކުރުމުން ބުނިން ދުވަހަކު ދެން ވާހަކައެއް ނުދައްކާނަމޭ، ރާޔާ ބުނި އަމިއްލައަށް މަރުވާނީއޯ، އަހަރެން ރުޅިއައިސްފައި ހުރިވަރުން އޭރަކު ހިތަކަށް ނޭރި ރާޔާ އެފަދަކަމެއް ކޮށްފާނެއޭ، އޭރަކު ނޭގުނު އެނީ ރޭޒަރު ދީފައި އޮތްކަމެއް، އެރޭ ޕާޓީއެއްވެސް އޮތީމަ އަހަރެން އެތަނުން ނުކުމެގެން ދިޔައީ ސްކީ މާސްކްއަޅައިގެން ހުރެ، އެނީ އެތަނަށް ވަދެފައި މާ ބާރަަކަށް ހަޅޭއްލަވައިގަތީމަ ދުވެފައި އައިއިރު ފެނުނީ ރާޔާ އާއި ލޭގެ ކޯރު...." ރާހިލްގެ އަޑުވެސް ކުރެހުނެވެ.
"ކޮންމެ ގޮތެއްވިޔަސް ރާޔާދެކެވެސް ކޮންމެވެސް ސިފައެއްގައި ލޯބިވެވުނު، ރާޔާ އަހަންނާއިހެދި މޮޔަވެގެން ދޫނުކޮށް އުޅޭތީ އަހަންނަށްވެސް އޭރު އެހެން އުޅެވުނީ، އަހަރެން ސީރިޔަސްކޮށް ނުނެގީވެސް ރާޔާ ބޯގޮވާފައި ހުންނަ ކުއްޖަކަށްވީމަ، ރާޔާގެ މަރަށްފަހު އެކަމާއި އަހަރެން އަމިއްލަ ނަފުސް ކުށްވެރިނުކުރާ އެންމެ ދުވަހެއްވެސް ނާދޭ، މީހަކަށް ނޭގުނަސް އުމުރަށްވެސް އެކަން ހިތުން ނުފިލާނެ، އެހެންވެ އެނީ ކައިރީގައި މިބުނީ، ދެން އެންމެ ރަގަޅުވާނީ އެނީ އެޑައިރީ ނައްތާލައިފިއްޔާ، ޖިޔާގެ ކުށެއްނެތްކަމަށް ކޮންމެ ކޮންމެ މީހެއް ގަބޫލެއްނުކުރާނެ ދޯ، އަހަންނަށްވެސް އެންމެނަކަށް ކިޔާނުދެވޭނެ...." ރާހިލްގެ ފަރާތުން ހުރިހާ އެއްޗެއް ސާފުވުމުން އަނާއަށްވެސް ރޮވުނެވެ. ޖިޔާންގެ އެއްވެސް ކުށެއްނެތި މިސްކުވެސް ރުޅިވީއެވެ. އޭނަވެސް ދޮންބެއާއިމެދު އެހާ ހިތް ގޯސްކުރިއެވެ.
"އާން، މިސްކުއަށްވެސް އެޑައިރީ ފެނިގެން ދޮންބެއާއި ރުޅިވީ...." އަނާ ކަރުނަ ފޮހެލަމުން އަނެއް ފަރާތަށް އެނބުރުނެވެ.
"އޯހް...ދެން ޝީ ޝެލް ނޯ ދަ ޓްރުތު..." ރާހިލް ކިޔާލައިފިއެވެ.
އަނާ ކޮޓަރިއަށް ވަންގޮތަށް ރާޔާގެ ޑައިރީ ހުޅުވާލައިގެން ޖިޔާންގެ ނަމުގެ ބަދަލުގައި ރާހިލްގެ ނަން ލައިގެން ކިޔަން ފެށުމުން ރާހިލްބުނީ ތެދެއްކަން ރީއްޗަށް ހާމަވިއެވެ. ދެތިންތާ އޮޅިގެން ރާހިލްގެ ނަން ލިޔެވިފައިވަނިކޮށް ރާޔާ ކަނޑާލާފައި ޖިޔާގެ ނަން ލިޔެފައިވާކަންވެސް ފާހަގަވިއެވެ. ތެދެކެވެ. ނޫޑުލްސްއާއި ޕިއްޒާއާއި ހެދި އަބަދު އުޅުނީ ރާހިލްއެއް ނޫނެވެ. ޓެނިސްކުޅުމާއި ފެތުމުގައިވެސް ދެވަނައެއްނެތް މީހަކީވެސް ޖިޔާންއެއްނޫނެވެ. އެއްފަހަރު ކުޅެން އުޅެނިކޮށް ވެއްޓި ބޯ ފަޅައިގެން ދިޔައީވެސް ރާހިލްއެވެ. އަނާ ވިސްނައިގެން އިނދެ އެ ޑައިރީ ކިޔާލާފައި ބަދިގެއަށްވަންގޮތަށް ޖިޔާންގެ އެންމެ މީރުވެގެން އުޅޭ ކެޝޫނަޓް ކޭކެއް އަޅައިގެންގޮސް އެކޮޓަރިއަށް ދިޔައެވެ. ބައްދާލާފައި މާފަށް އެދުނެވެ. ޖިޔާން އޭނައާއި ހެދި އުޅުނުނަމަ ދުވަހަކުވެސް އެފަދަ ނަޒަރަކުން ބަލައިލިތަންވެސް ފެނުނީސްތާއެވެ. އެވަރު އަނާއަށް ވިސްނާކަށް ނޭގުނެވެ. އަބަދުވެސް ޖިޔާން އަމަލުކޮށްފައިވަނީ ލޯބިވާ ބޭބެއެއްގެ ގޮތުގައެވެ. އެމަގުން ދުވަހަކު ކައްސާލާފައެއް ނުވެއެވެ. ޖިޔާން ގެއާއި ދުުރުވެ ބީރައްޓެހިވީ އެޑައިރީގެ ސަބަބުންނެވެ.
ރާހިލް ވަރިކުރުމުންވެސް ކައިލަން އަނާއާއި ގުޅެން އެއްބަސްނުވުމުން އަނާގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރިއެވެ. ކޮލެޖަށް ދަމުން އެހެން އަންހެންކުދިން ފަދައިން އުފަލުގައި އުޅެން މަސައްކަތްކުރަމުން ދިޔަނަމަވެސް އަނާގެ ހަޔާތުން ވަރަށް ބޮޑުބަޔެއް މަދުވެފައިވާކަމުގައި ހީކުރެވެއެވެ. އެހެން އަންހެންކުދިން ފަދައިން އޭނަވެސް ލޯބިވާ ފަރާތާއިއެކު އުޅެން ބޭނުންވެއެވެ. ލޯބިވެރިޔެއް ނެތުމުގެ ފަޅުކަން މުޅި އުމުރަށް އިހުސާސްކުރުމަށްވުރެ ވަކި ހިތްދަތިކަމެއް އޮންނާނެހެއްޔެވެ؟ ދުވަސްތައް ހަފްތާތަކަށް ބަދަލުވެ ހަފްތާތައް މައްސަރުތަކަށް ބަދަލުވަމުންދާއިރު އަނާގެ ހިތަށް ފަރުވާ ނުލިބި ހައްތަހާ ދަށަށް ދިޔައެވެ. ކައިލަން އަޅާނުލާ މުޅިން ދުރުވާކަން އިހުސާސްކުރެވި އެހިތް ކުދިކުދިވަމުން ދަނީއެވެ.
އަލީސާ ދުވަސްނުފުރާ ވިހޭ ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރެގެން ވަގުތުން އޮޕަރޭޝަންކުރަން ޑޮކްޓަރ ލަފާދެއްވުމުން ރާހިލްގެ ޚަރަދުގައި ބޭރަށް ގެންދެވުނެވެ. ނަމަވެސް އޮޕަރޭޝަނުގެ ތެރޭގައި ދަރިފުޅު މަރުވުމުން ރާހިލް ރުއިތަން ފެނިފައި އަލީސާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ގޯސްމީހެއްގެވެސް ރަގަޅު ސިފައެއްހުރެދާނެއެވެ. ދަރިންދެކެ ލޯބިވުމަކީ އަލީސާ ވަރަށް ލޯބިކުރާ ސިފައެކެވެ. ރާހިލްއަށް މާފުދޭން އެހާ ބޭނުންވިއިރެއް ނާދެއެެވެ. ނަމަވެސް މާލެއައުމަށްފަހު އަލީސާގެ ޚިޔާލުބަދަލުވިއެވެ. ދަރިފުޅު ނެތުމަށްފަހު އަމުދުން ރާހިލްގެ ހަޔާތަށް އަލީސާ ދިޔުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ރާހިލް އޭނައާއި ދިމާލަށް ބުނެފައިވާ ބަސްތައް ހަނދާންނައްތާލާފައި އެހާ ފަސޭހައިން ރާހިލްގެ އާދޭސްތަކަށް ކުޑަކަކޫޖަހާކަށް އޭނަގެ ޟަމީރުތަނެއް ނުދިނެވެ.
އަނާ ކިތަންމެ ކެތްކުރިނަމަވެސް އޭނަގެ ޑިޕްރެޝަންގެ މައްސަލަ ކުއްލިއަކަށް ބޮޑުވެގެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭން ޖެހުނެވެ. އޭރު ޒާޔަލްވެސް ވަނީ ނިއުރޯސާޖަރީ ކިޔަވަން ބޭރަށް ފުރާފައެވެ. ޒޫނީއާއި ފަލަކްނާޒް ކޮންމެވެސް ވަރަކަށް ވާހަކަދައްކާ އުޅޭތީ ޒޫނީގެ ފަރާތުން އެކަހަލަ ޚަބަރުތައް ފަލަކްނާޒްއަށް އިވިފައިވެއެވެ. އަދި ޝާއިރާގެ ފަރާތުން ފަލަކްނާޒަށްވަނީ ޒޫނީގެ ބަދުނަސީބު ހަޔާތުގެ ފަސާނާ އިވި ވަރަކަށް ހަމްދަރުދީވެފައެވެ. އޭރު ފަލަކްނާޒްމެން އެހާ ރުޅި އަންނަނީ ޒޫނީ "ނާސި" އެއްގެ ގޮތުގައި އަޑުއަރާފައިވާތީއެވެ. ޚުދު ޔަޒީދުވެސްވަނީ ޒޫނީގެ ކައިރިއަށް އެއްރޭ ޖައްސާލިކަމަށް މާ ކުރިން އެއްބަސްވެފައެވެ. ރުޚުސާނާގެ ފިރިމީހާ ފަޒީލްވަނީ ނުވީތާކަށް ޒޫނީއާއި ކައިވެނިކޮށްފައެވެ. ފަލަކްނާޒާއި ރުޚުސާނާ ޒޫނީދެކެ އެހާ ނަފްރަތުކުރި ސަބަބަކީ އެއީއެވެ. ފަލަކްނާޒް ކައިލަންއާއި ބައްދަލުކުރަން އެގެއަށްގޮސް އަނާގެ ބަލިބޮޑުވީވާހަކަ ކިޔާދިންއިރު ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.
"ކައިލަން، އަހަރެންގެ ސަބަބުން ކައިލަން އަނާއާއި ގުޅެން ބޭނުންނުވާނަމަ އަހަންނަށް ކުރެވުނު ކުށަށް މާފަށް އެދެން، އައިމް ސޮރީ ކައިލަން، ކައިލަން ތިއުޅެނީ އަހަރެން ލައްވާ އާދޭސްކުރުވަންތަ؟ ޕްލީޒް ކައިލަން އެހީވެދީ ނޫނީ އެކުއްޖާ ނިމިގެން ހިނގައިދާނެ..... " ފަލަކްނާޒްގެ ޖުމްލައިން ކައިލަން ލަދުގަންނަގޮތްވިއެވެ.
"ނޫން ނޫން، މާފަށް އެދޭވަރުގެ ކަމެއްނުވޭ، ހުރިހާ ޕޭރެންޓުންގެ ޒިންމާއެއް ކުދިންނަށް ގޯސްމަގުން ހިނގިޔަނުދިނުން، ޔޫ ހޭޑް ދަ ރައިޓް، އައި ޑޯންޓް ހޭވް އެނީ ކޮމްޕްލެއިންސް އެކަމާ، އަދި އާދޭސްކުރުވާކަށް ނޫނޭ، އަނާތަންކޮޅެއް ޔަންގްވެފައި ކަންތައް ހިނގާދިޔަގޮތުން ވަރަށް އުދަގޫވޭ އަނާއާއި ގުޅުމެއް ބާއްވަން، އޭޒް އެ ޑޮކްޓަރ ވީވަރަކުން އެހީވާން މަސައްކަތްކުރާނަން..." ކައިލަން އިސްޖަހާލައިގެން އިންއިރު އޭނަގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ހޮސްޕިޓަލަށް ދިޔަތަނާ ޖިޔާންއާއި ދިމާވެގެންވެސް ވާހަކަދެއްކިގޮތުން ހީވަނީ ކައިލަން ކުށްވެރިކުރާހެންނެވެ. އަނާ އެހާލަތަށް ދިޔައީ ކައިލަން ދުރުވުމުން ކަމަށެވެ.
އަނާ ފެނިފައި ކައިލަންއަށް ޝޮކެއްލިބުނެވެ. ކުރީގެ އަނާއޭ ބުނާވަރެއްވެެސް ނޫނެވެ. މޫނުމަތި މުޅިންދެމި ލޮލުގެ ކައިރި ކޮންމެވެސް ވަރަކަށް ކަޅުވެ ތުންފަތްވަނީ ހިކިފައެވެ. އެއްވެސް ވަރަކަށް މޭކަޕަށް ސަމާލުކަން ނުދޭތާގައި ރީތިވާކަށް އޭނަގެ ފަރުވާލެއްނެތެވެ. ކައިލަން އަނާއަށް ގޮވާލުމުން ބަލާލުމާއިއެކު އަނާއަށް ދުރު ބަލާލާކަށްވެސް ނޭގުނެވެ.
"އަނާ، މިހާބޮޑަށް ބަލިވުމުގެ ކުރިން އަހަރެންގެ ކައިރީ ބުނެލަންވާނެ ދޯ..." ކައިލަން އަނާގެ އަތުގައި ހިފާލިއިރު އެއަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. އަނާ އަނގައިން ބުނާކަށް ނޫޅުނެވެ.
"ލައިކް އައި ސެޑް އަނާ ބަލިވީމަ އެންމެ ދެރަވާނީ އަހަރެން، އަދި ތިހެން އުޅެންޏާ އަނާއަށް ދުވަހަކު ނުފެންނަ ހިސާބަކަށް އަހަރެން ދާނީ، ނޫނީ ބުނާގޮތަށް ހަދާނަންތަ؟ "ކައިލަން ދުވަހަކު އެގޮތަށް އަނާއާއި ވާހަކައެއް ނުދައްކައެވެ. އަނާ ދެރަވެ ހިތުގައި ޖެހިފައި ރޯން ފެށުމުން ކައިލަން އަނާ ހުއްޓުވަން މަސައްކަތްނުކޮށް ފޯނާއި ކުޅެލަ ކުޅެލާއިނީއެވެ. އެތައް އިރެއްވާންދެން ރުއިމަށްފަހު އަނާ ހުއްޓާލާފައި ކައިލަންއާއި ދިމާލަށް ކަޅިއަޅައިލިއެވެ. އަދި ފޯނު ދަމައިގަންނަން އުޅުނެވެ.
"ޔޫ ހޭޓް މީ ދެން ކީއްކުރަން މިތަނަށް ތިއަންނަނީ؟ އަހަރެން ރުއިވަރަށް ކައިލަންވެސް އަދި ރޯނެ..... " އަނާ ކަރުނުން ފުރިފައިވާ ދެލޮލުން ކައިލަންއާއި ހަތަރުކަޅިހަމަކުރިިއިރު ހާސް ޝަކުވާވިއެވެ. ކައިލަންގެ ލޯބީގައި މަރުވެގެންދާއިރުވެސް އެނގޭކަމަކަށް ނަހެދިއެވެ. އިޖާބަދޭންވެސް ނޫޅެ އޭނަ ރޮއްވާލަނީއެވެ.
"ސްޓުޕިޑް، ހޭޓްކުރާނަމަ މިތަނަށް ނުވެސް އަންނާނެއްނު އެނީ، ފޮގިވް މީ އެނީ ދެރަވާކަހަލަ ވާހަކައެއް ބުނެވުނިއްޔާ، ސޮރީ، އައިމް ރިއަލީ ސޮރީ، ކެން ވީ ބީ ފްރެންޑްސް؟ "ކައިލަން ހިނިތުންވެލިއެވެ.
"ނޯ..." އަނާ ރުޅިގަދަވިއެވެ.
"ވީއިރު ދެން އަހަރެން ބައްދަލުކުރާނީ މުޅިން އެހެން ހައިސިއްޔަތަކުން، އޭރުންވެސް ހަމަ ތިހެން ނޯ އޭ ބުނާނަންތަ؟" ކައިލަން މާނަވީގޮތަކަށް ބުނެލާފައި އަނާގެ އަތަށް ފިތާލިގޮތަކުން އަނާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅު ދަތުރުކުރިއެވެ.
"ވަޓް ޑޫ ޔޫ މީން..."އަނާގެ ހިތް ތެޅިގަތެވެ.
"އިހަށް އަނާ ރަގަޅުވޭ، އޭރުން ސަޕްރައިޒެއްލިބޭނެ، މިހާރު އިންތިޒާރުކޮށްކޮށް އަހަރެންވެސް ވަރުބަލިވެއްޖެ، އެހެންނޫނަސް އަނާ މާދުރުގައި ބަހައްޓައިގެން އަހަންނަށް ޕޭޝަންޓެއްގެ ގޮތުގައި ކެއަރކުރުން އުދަގޫވާ ހިސާބަށް ހިނގައްޖެ، އެހެންވެ އަނާގެ ބައްޕަގެ ހުއްދަ ހޯދައިގެން ތަންކޮޅެއް ކައިރިއަށް ގެންނަން މިވިސްނަނީ، އޭރުން އަބަދަށް ކެއަރ ކުރެވޭނެ، އަބަދަށް އަނާ އުޅޭގޮތް ބަލައިލެވޭނެ......."ކައިލަންގެ ރީތި ދެލޮލުގައި ނަށަނަށާހުރީ ލާނެތްވިދުވަރެކެވެ. އަނާ ރަކިވާގޮތްވިއެވެ. އެތޫނު ދެލޮލުގެ ބެލުމުގެ ސަބަބުން ކުލަފަނޑުވެފައިވާ މޫނަށް ރަތްކުލަވެރިވެ ދުރަށް ބަލަން މަޖުބޫރުވިއެވެ. ދެދުވަސްފަހުން ކައިލަން އަނާގެ ކައިވެންޏަށް އެހިއެވެ. އަނާ ވާރެއާއި ތެމިގެން ގަސްތަކުގެ ތެރޭގައި އުޅެނިކޮށް ކައިވެންޏަށް އެހުމުން އަނާއަށް ޝޮކެއްލިބުނެވެ. އަނާ އުފަލުން އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. އަނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމުން ކައިލަން އަނާގެ ނިތްކުރީގައި ބޮސްދިނެވެ.
ކައިލަން ޖެހިލުންވި ކަމަކަށްވިޔަސް އޭނަ އެކުވެރިއަކު ފޮނުވައިގެން ޔަޒީދުގެ ކައިރިން އަނާގެ ކައިވެންޏަށް ރަސްމީކޮށް އެހިއެވެ. ޔަޒީދު އުފަލާއިއެކު އެކައިވެންޏަށް އެއްބަސްވިއެވެ. އޭރު ފަޒީލްވެސް މާލެއައިސްގެން އުޅެއެވެ. ދަރިފުޅުގެ ކައިވެނީގެ އުފަލުގައި ހުރިހާގޮތަކުން ބައިވެރިވާން ފަޒީލް އުޅުނުއިރު ޒޫނީއާއިވެސް ރީތިކޮށް ވާހަކަދެއްކިއެވެ. ފަޒީލް ކައިލަން ކައިރީގައި ބުނިގޮތުން މަންމަގެ ކައިރިން ކައިލަން ގެންނަންޖެހުނީ މަންމަ މޮޔަވީމައެވެ. މާޒީގައި ހިނގާފައިވާގޮތުން ކިތަންމެ ހިތްދަތިވެ އަސަރުކުރިނަމަވެސް ކައިލަން ބައްޕައަށްވެސް މާފުދީފައި ވާހަކަދައްކާ އުޅުނެވެ. މަންމަ މިހާ އުފަލުން ހުއްޓާ ކައިލަންއަށް ދުވަހަކުވެސް ފެނިފައެއްނުވެއެވެ. މަންމަ ނިކަމެތިކަމާއިއެކުގައި އެތައް ޒަމާނެއް ހޭދަކުރުމަށްފަހު މިހާރު އެކަމުގެ ބަދަލު ލިބުނީއެވެ. އުފާވެރިކަން ވަށައިލީއެވެ. މިއަދު މަންމަގެ އާއިލާއަށް މަންމަ ފެނިގެން ކަންކަމު ކިޔާ ވަރުވެފައި ތިބުމަކީވެސް އިބުރަތެކެވެ.
މިރެއަކީ "ރަތްފިޔަ" ތާރީޚުގައި އެންމެ އުފާވެރި އެއްރެއެވެ. ތިންބެއިންކަމަށްވާ ރާހިލް ޖިޔާން އަދި އަނާގެ ކައިވެނި ހަވީރު ރަތްފިޔައިގާ ކުރެވުނުގޮތަށް އެންމެން ރިޒޯޓަށް ނައްޓާލީ ޕާޓީއަށެވެ. އެރިޒޯޓު ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަމާއި ޒީނަތްތެރިކަން ބަޔާންކޮށްދެވޭވަރެއް ނޫނެވެ. އާޝޯޚުވާހާ ރީއްޗެވެ. ރާހިލް އަލީސާ، ޖިޔާން މިސްކު އަދި ކައިލަންއާއި އަނާ މެހުމާނުންނާއި ސަލާމްކޮށްލަން ހުއްޓިލައިގެން ތިބިިއިރު އެ ތިންޖޯޑުގެ ފުރިހަމަކަމުން ހިތްތައް ތަޢުރީފުކުރާވަރުވެއެވެ. އެންމެންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. ޒޫނީވެސް ފަލަކްނާޒްމެންނާއި އެކީގައި އުޅޭއިރު މިއަދު އެއީ އޭނައަށް ހައްގު މަގާމެވެ. އާއިލާ މޮޅުނުވިޔަސް ދަރިންގެ މޮޅުކަމުންވެސް މަންމައަކަށް ދުނިޔޭގެ ހުރިހާ އުފަލެއް މިލްކުވެދާނެއެވެ. ޒާޔަލްވެސް މިސްކުގެ މަތިން ހަނދާން ނައްތާލިތާ ކިތަންމެ ދުވަހެކެވެ. ޖިޔާންއަށްޓަކައި އޭނަވަނީ ހެޔޮހިތުން މިސްކު ދީފައެވެ. އެއާއިލާއަށް ނުވަންނާން ހިތާހިތުން ހުވާކުރިފަހުން މިސްކުގެ ލޯބި ހިތުގައިވަނީ ފަނޑު ހަނދާނެއްގެ ގޮތުގައެވެ. ހުރި އެންމެ ކޮއްކޮ އަދި ގާތްއެކުވެރިޔާ ކައިލަންގެ އުފަލުގައި ބައިވެރިވާން އޭނަ މާލެއައީ ކިޔަވަން ހުރެފައެވެ. މިރޭ އޭނަވެސް ހުރީ ކޮއްކޮއަށްޓަކާ އިންތިހާއަށް އުފާވެފައެވެ.
ޒާޔަލް އާއި ވާހަކަދައްކާހިތުން ރަތްފިޔަ އާއިލާގެ އަންހެންކުދިން އުޅޭއިރު އެންމެ ކުރީގައި ހުރީ ހުޒޭމާގެ ދަރިފުޅު މިރާއެވެ. ހުޒޭމާއަށް އެމަންޒަރު ފެނިފައި ހިތާހިތުން އުފާކުރިއެވެ. ޒާޔަލްއަކީ މާދަމާވެސް މޮޅު ނާރުގެ ޑޮކްޓަރަކަށްވެގެން އަންނާނެ މީހެއްކަން އެނގޭއިރު އެތައް މަންމައިންނެއްގެ ލޮލުގައި އޭނަ އަޅައިގެންފާވެއެވެ. އެންމެފަހުން ޒާޔަލް އެކުދިންގެ ފަރާތުން ސަލާމަތްވެގެން ޖޫސްތަށްޓެއް ހިފައިގެން ދަނިކޮށް ފަލަކްނާޒްމެންނާއި އަރާހަމަވުމުން ގޮވާލިއެވެ.
"ޒިޔާވެސް މިރޭ ނިންމާލިނަމަ..." އެކަކު ކިޔާލިއެވެ.
"އަދި ކިޔެވުން ކުރިއަށް އޮތްވާ އެކަހަލަ ކަމަކާއި ނުވެސް އުޅެވޭނެއްނު ހެހެ.." ހުރިހާ އަންހެންވެރިންގެ ސަމާލުކަން ލިބުމުން ކުޑަކޮށް ލަދުގަންނަގޮތް ވިނަމަވެސް އޭނަ ހަމަޖެހިލިއެވެ.
"ކިޔަވާ ނިމިގެން އަންނަންވާއިރަށް މާލޭގައި ޒިޔާވަރުގެ ކާމިޔާބު ކުއްޖެއް ނުހުންނާނެކަން ޔަގީން......" ބޮޑުދައިތައަކު ކިޔާލައިފިއެވެ. އެތާތެރޭގައި ޒާޔަލްގެ ބޮޑުދައިތަ ޝާއިރާ މާ ހިނިއައިސްފައި އިނދެ މިރޭވަނީ ޒާޔަލްގެ ބައްޕަގެ ޚަބަރުވެސް އެންމެނަށް ކިޔާދީފައެވެ. ޝާއިރާ އެންމެނަށް އެވާހަކަ ކިޔާދީނިމޭއިރު ޒާޔަލްއަށް އެންމެން ހަމްދަރުދީވެއެވެ. ކުށެއްނެތި އަނިޔާ ލިބުނު ފަރާތަކަށްވުމުން އެންމެންވެސް ބޭނުންވީ އިންސާފު ހޯދަދޭށެވެ.
"މިހާރު މިއެނގުނީ މޮޅުވެވެނީ އެކަނި އާއިލާާ މޮޅުކަމަކުން ނޫންކަން، ޒޫނީގެ ދަރިންނަށްވިޔަސް މޮޅަށް ކިޔަވައިގެން ރަގަޅުވީމަ ކޮންމެ މަންމައަކުވެސް ވެސް ދަނބިދަރިންނަށް ހަދަން އެދޭނެ، ކާމިޔާބުވެސް ވާނެ..." ފަލަކްނާޒް ރުޚުސާނާގެ ކައިރީ ބުނެލުމުން އޭނަ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއިރު ލޮލުން ކަރުނަ ފާއްދާލީ ދަރިފުޅު މަޝްއަލްމަތިން ހަނދާންވެފައެވެ. އޭނައަޅާނުލާ ދޫކޮށްލުމުގެ ސަބަބުންނާއި ނުބައި އެކުވެރިންނާއި ޖެހިގެންގޮސް އެންމެފަހުން އެއޮތީ ޖަލުގައެވެ. ދުރުކޮށްލި ދަރިފުޅު އުފަލުން އުދުހެނީއެވެ.
އަލީސާވެސް ރާހިލްގެ އާދޭސްތަކަށް ބީރުކަންފަތެއް ދީގެން ހުރުމަށްފަހު އެންމެފަހުން ރާހިލްއާއި ގުޅުނީ ރާހިލް ބަދަލުވެފައިވާ އިންސާނެއްގެ ގޮތުގައި އޭނައަށް ފެންނަން ފެށުމުންނެވެ. ރާހިލް ނޫން ފިރިހެނަކު އެގޮތުން ބީހިފައިނުވާއިރު ދެން އެހެން މީހަކާއި އިންނަން ޚިޔާލުކުރަން އަލީސާއަށް ފަސޭހައެއްނޫނެވެ. ފަހުން ލޯބިވެސް ވެވެންފެށީއެވެ. އަލީސާވަނީ މޮޅަށް ކިޔަވާ ރަގަޅު މަގާމެއް ހޯދާފައެވެ. ރާހިލް އޭނަ ދޫކޮށްލިކަމުގައިވިޔަސް ދެން އަލީސާއަށް ދެރައެއްނުލިބޭނެއެވެ. ވީމަ ރާހިލްގެ ލޯތްބަށް އޭނަ އިޖާބަދިނީއެވެ. މިސްކުވެސް ޖިޔާންގެ ކުށެއްނެތްކަން ރާހިލްގެ ފަރާތުން އެނގުމަށްފަހު ޖިޔާންއާއި ގުޅެން ނިންމީއެވެ.
މެހުމާނުންތައް ހުސްވުމުން ކައިވެނިކުރެވުނު ޖޯޑުތައް އާއިލާއާއިއެކީގައި ފޮޓޯނެގުމަށްފަހު ކާން ތިބިއިރު ކައިލަން އަނާ ވަރަށް ކައިރީގައި ތިބިތަން ފެނުނެވެ. ކައިލަންގެ ފޯނުން ކޮންމެވެސް އެއްޗެއް ދެއްކުމުން އަނާ ރަކިވެފައި އިނެވެ. ކެއުން ނިިންމާލާފައި އަލަތު ދެމަފިރިންތައް އެމީހުން ތިބެން ޚާއްސަކުރެވިފައިވާ ކޮޓަރިތަކަށް ދިޔައީ އެރޭގެ ބާކީއޮތްބައި ލޯބީގެ ދާނުގައި ހޭދަކުރުމަށެވެ. ކޮޓަރިތައް މީރުވަސް ދުވާ އުއްބައްތިތަކާއި ރަތް ފިނިފެންމަލުން ރީތިކޮށްފައިވާއިރު ވެރިވެފައިވަނީވެސް ރަތް އައްޔެކެވެ. އަމިއްލަ ޕޫލާއި ޖަކޫޒީވެސް އެމީހުންގެ ޚިދުމަތުގައެވެ. އެރޭ ވެގެން ދިޔައީ އަނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ރީތި ރެއަށެވެ. ކައިލަން ކިތަންމެ ސީރިޔަސް ޒުވާނެއްގެ ގޮތުގައި މިވީހާތަނަށް ފެނުނަސް އެރޭވީ އެންމެ އިޝްގީ ބައިވެރިޔަކަށެވެ. ބޮލުން ފެށިގެން ފައިތިލައާއި ހަމަޔަށް ކައިލަންގެ ތުންފަތުން ލިބުނު ހަދިޔާތަކާއި އަތުގެ ފިރުމުންތަކުން އަނާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުމަކީ ދުވަހަކު ޚިޔާލުކޮށްފައިވާފަދަ ކަންތަކެއްނޫނެވެ. ދުނިޔޭގައިވާ އެންމެ ނަސީބުވެރި އަންހެންކުއްޖާކަމަށް ގަބޫލުކުރެވުނެވެ. އެލިބުނު ލޯތްބާއި އުފާތަކުގެ ތެރޭގައި މުޅި ރޭ ހޭދަކުރެވުނުއިރު ދެހިތްވަނީ ދުވަހަކު ވަކިނުވެވޭފަދަ ގުޅުމަކުން ބަދެވިފައެވެ. ދިގު އިންތިޒާރެއްގެ ނިމުން ދެލޯބިވެރިއެއްގެ ހިތަށް ގެނެސްދިނީ ބަޔާންނުކުރެވޭފަދަ ތަފާތު ފޮނި އިހުސާސްތަކެވެ.
ހަފްތާއެއްގެ ހަނީމޫން ދަތުރު ނިންމާލާފައި އަނާ މާލެއައިއިރު އޭނަަވަނީ މިހުރިހާ ދުވަހު އޭނަ ވަށާލާފައިވި ހިމޭންކަމުގެ ތޮށިން ބޭރަށް ނުކުމެ ކުރީގެ ހަލބޮލިކުއްޖާއަށް ބަދަލުވެފައެވެ. ރަތްފިޔައިގާ މިހުރިހާދުވަހު ވި ހިމޭންކަމާއި ފަޅުކަން އަނާ ފިލުވައިދީފިއެވެ. ރަތްފިޔައަށް އަނާގެ ސަބަބުން ދިރުން ގެނެސްދީ އެންމެންގެ ހިތްތައް އުފާވެރިކަމުން ފުރާލަދީފިއެވެ. ތިންދަރިން އެެއްފަހަރާ މީހުންނާއި އިނދެގެން އައިސް އެގޭގެ އުފާވެރިކަން ފުރިހަމަކޮށްދީފިއެވެ. ޔަޒީދުއާއި ފަލަކްނާޒްގެ ދިރިއުޅުން ފުރިހަމަކޮށްދީފިއެވެ. ދިރިއުޅުމުގެ އުފާތަކަކީ ދަރިންގެ އުފާތައްކަމުގައި މިއަދު އެދެމަފިރިންވެސް ގަބޫލުކޮށްފިއެވެ.
ނިމުނީ