އަނާ އެސުވާލުކުރީ އޭނައާއި އަލީސާގެ ދައުރުވަމުންދާ ފޮޓޯއަކާއި ގުޅިގެންނެވެ. އެ ހަޤީގަތް ފޮރުވައިގެން ވާނުވާ ނޭގި ހުއްޓާ ތިމާ ޔޫސްކުރަމުންދާހެން ހީވުމުން އިތުރަށް ނާހާ ނުހުރެވުނީއެވެ. އެސުވާލަށް ޖަވާބުދޭންވީމަ ރާހިލް ފަސްޖެހިފައި ހުރުމުން އަނާގެ ހިތް ޝައްކުން ފުރުނެވެ. އަނާ ދެވަނަ ފަހަރަށް އެސުވާލުކުރާކަށް ބޭނުމެއް ނުވިއެވެ. ރާހިލްގެ އެހިމޭންކަމަކީ ޖަވާބެއްކަމުގައި ނިންމާފައި އަނާގެ މޫނަށް ނުރުހުމުގެ އަސަރުވެރިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަނާ ގަދަކަމުން ކަހަލަ ގޮތަކަށް އެެއަތުގެ ތެރެއިން ވީއްލިގެން ދާން އުޅެގަތުމުން ރާހިލްވެސް ވިސްނާލާފައި އަނާ ހިފަހައްޓާކަށް ނޫޅުނެވެ. އަނާގެ ފަހަތުންދާން އުޅެފަވެސް ހަޤީގަތް އޭނަގެ ދެފައިގާ ކަސްތޮޅުއެޅުވިއެވެ. ރާހިލް ރެއިލިންގަ ދެއަތުން ބާރަކަށް ޖެހުމުން އަމިއްލަ އަތަށް ވީތަދަށްވުރެ ހިތަށްވީ ތަދު މާ ބޮޑެވެ.
ދެމަސް ފަހުން
ކައިލަން ފެންވަރާ ނިމިގެން ތުވާލި އޮޅާލައިގެން ނުކުތްއިރު އަލީސާ ބަދިގޭ މަސައްކަތެއް ނިންމާފ އައިސް ކޮޓަރިއަށް ވަންނަނީއެވެ. މޫނަށް ފިޔާތޮށިކުލަ އަރާފައިވެއެވެ. ކޮންމެވެސް ކަމަކާއި ދެރަވެފައި ހުރިކަން އެނގެނީ އެލޮލުގައި ފޮރުވިފައިވާ ކަރުނަތަކުންނެވެ. ކައިލަންގެ ހަށިގަނޑުގައި ފެންތިކިތައް ހަރުލާފައިވާތަން ފެނުމުން އަލީސާ ހުރިހާ ހިތާމަތަކެއް ހަނދާން ނެތި އެރީތި ކަސްރަތީ ހަށިގަނޑަށް ބަލަން ހުރެފައި އަތުގައި ހިފާލެވުނެވެ.
"ކައި، ތިގޮތަށް އަހަންނާއި ރުޅިވެގެން ހުންނާނީ ކިހާ ދުވަހެއްވާންދެންތަ؟ އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ ކުށެއްކަން، އަހަރެން ހެދި ބޮޑު ދޮގެއްގެ ސަބަބުންކަން ކައި އަހަންނާއި މެރީކުރީ، ބަޓް މިހާރު ކީއްވެ ތިހާ ދުރުންއުޅެނީ؟ ވޯކްއައުޓް ކުރާނަމޭ ކިޔާފައި ސްޓްރޭންޖަރ އެއްހެން ކުއްލިއަކަށް ތިއުޅެނީ ކީއްވެތަ؟ "އަލީސާ މޮޅިވެރިގޮތަކަށް އަހާލައިފިއެވެ.
"އަހަރެން ބުނާ އެއްޗަކުން އަލީސާ ދެރަވެދާނެތީ އެވާހަަކަ ނުބުނަން މިހުންނަނީ، އެކަމަކު އަބަދު ތި ސުވާލުކުރަންޏާ ތިހެން އަހަންޏާ އަހަންނަށް މަޖުބޫރުވާނެ މިވާހަކަ ހަނދާންކޮށްދޭން...." ކައިލަން ޖިންސްލުމަށްފަހު ތުވާލި އޮންނަންވީތަނުގައި ބޭއްވިއެވެ. އަލީސާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލަމުން ކައިލަންގެ މޫނަށް ބަލަން ހުރިގޮތުން ހީވީ އަނބުރައިގެންފާނެ ހެންނެވެ.
"ކައި، އައިމް ސްޓްރޯންގް، މިވީހާތަނަށް ކައިއާއިއެކު ކެތްކުރިގޮތަށް އެެހެން އަންހެންކުއްޖަކަށް ކެތެއް ނުކުރެވޭނެ، ކައި އަހަރެންދެކެ ލޯބިނުވިކަމުގައި ވިޔަސް މިހިތް ކައިއަށް އެދޭ، ވަރަށް ވަރަށް ލޯބިވޭ، އަދި ތިގާތްކަމަށް އެހާމެ އިންތިޒާރުކުރެވިއްޖެ، ހުރިހާ ނިކަމެތިކަމެއް ޤަބޫލުކޮށްލައިގެން ހަމައެކަނި ނަމެއްގައި ކައިގެ ވައިފްގެ މަޤާމުގައި ހުންނަތާ މިވީ ކިތައް އަހަރު؟ އަބަދަށްޓަކާ ހަމަ މިހެން ހުންނަންވީތަ؟ " އަލީސާ އަސަރުކޮށްފައިވާ ގޮތަކަށް ވާހަކަދެއްކިއިރު ލޮލުގައި ފިލާހުރި ކަރުނަތައް ނުކުޅަދާނަވެގެން އޮހިގެންފިއެވެ. ކައިލަންއަށް ލޯގަނޑުން އެމަންޒަރު ފެނުނެވެ. އަލީސާގެ ގާތުގައި ހަޤީގަތް ބުނެފިއްޔާ ހައްތަހާ ދެރަވާނީއެވެ. ނަމަވެސް ހިމޭނުން ހުރިކަމުގަވިޔަސް ކުރާނީ ޝަކުވާއެވެ.
"އާނ ލީސް ޕްރެގްއޭ ކިޔާފައި ދޮގުހެދުމުން އަހަރެން ލީސް ދުނިޔޭގެ ލަދުން ސަލާމަތްކޮށްދޭން ވެގެން ދުނިޔޭގެ އެންމެނަށް ސިއްރުން ކައިވެނިކުރީ، ފަރސްޓް އެވެސް އަހަންނެއްކަމަކު ކުރި ރަގަޅުކަމެއްވެސް ނޫން، މެރީކުރުމަށްފަހު ދޮގެއްކަން ޔަޤީންވީމަ އަހަރެން މާ ބޮޑަށް ފޫހިވި، އެއްދުވަަހަކު ކުރި ޒުވާބެއްގައި ޔޫ އާރ ފްރީ އޭ ބުނި ހަނދާނެއްވޭތަ؟ އެދުވަހު އަހަރެން މީންކޮށްފަ އެހެން ބުނީ، ވަރިކުރިކަމުގެ ނިޔަތުގައި ބުނި އެއްޗެއް އެއީ، އައިމް ސޮރީ..." ކައިލަން ހަޤީގަތް ހާމަކޮށްދިނުމުން އަލީސާގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރުތައް ދެކެފައި ކައިލަން ހަމްދަރުދީވިއެވެ. އޭނަ އަލީސާދެކެ ލޯބިވާން ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިއެވެ. ނަމަވެސް ހިތަކީ އިންސާނުންގެ އަމިއްލަ ބާރެއް ނުފޯރުވޭ އެއްޗެއްކަން ކައިލަން ގަބޫލުކުރާ ހިސާބަށް ހިނގައްޖެއެވެ. އަލީސާގެ ރަގަޅުކަމަށް ހިތް ތަޢުރީފުކުރާއިރުވެސް އެބަސް ނާހާ ހިތުގަ އަލީސާގެ މައްޗަށް ލޯތްބޭ ކިޔާ ޖަޒުބާތެއް ފާއިތުވެ ދިޔަ ދުވަސްތަކުގައިވެސް ނުއުފެދުނެވެ.
"ކައި، އޭގެ މާނައަކީ އައިމް ނޮޓް ޔޯރ ވައިފްއޭތަ؟ "އަލީސާ ދެލޯ ބޮޑުކޮށްލިއެވެ.
"ސޮރީ ލީސް، އެހެން މާނަކޮށްފަ އެދުވަހު އަހަންނަށް ބުނެވުނީ...." ކައިލަން ތުންފަތުގައި ދަތްއަޅައިލިއެވެ. އެއީ އަންހެންކުއްޖަކަށް ދެވުނު ބޮޑު އަނިޔާއެއްކަމަށް ވިސްނި ހިތަށް ލައުނަތްވެސް ދެވުނެވެ. ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި ހުރެ އެހެންމީހުންނަށް ޝިފާދޭން ހުރި މީހަކު އެފަދަ ގޮތަކަށް ކަންތައްކޮށްގެން ނުވާނެއެވެ. ނަމަވެސް އެކުށް ކުރެވިއްޖެއެވެ.
"ކައި، ތިހާ ބޮޑު ލަނޑެއްދޭވަރުގެ ކުށެއްތަ އަހަންނަށް ކުރެވުނީ...." އަލީސާ އައިގޮތަށް ކައިލަންގެ އަތުގެ މުލައްދަނޑީގަ ހިފާ ތަޅުވައިގަތެވެ.
"ނޫން، އެހެނެއްނޫން، ލިސަން ލީސް، ހިޔެއްނުވޭ އަހަރެންގެ ފަރާތުން ލީސްއަށް އެއްވެސް ލަނޑެއް ދެވިފަވާހެނެއް، އަހަރެންގެ އަމިއްލަ ނަފުސަށް އަދި ލީސްއަށް އޮޅުވާލައިގެން ލޯބީގެ ދަޅަދައްކައިގެން ނޫޅުން އެއީ ކުށަކަށްވާނަމަ އެކުއް އަހަންނަށް ކުރެވިއްޖެ......." ކައިލަން ހުރީ ގުނޑިވެސްނުލާ ޖެހި ތަނބެއްހެނެވެ.
"ހަޤީގަތް އެނގުމަށްފަހު އަހަރެން ނުވޭ މިރޫމްގަ ކައިގެ ގާތުގަ ހުންނާކަށް، އެއީ ރަގަޅުގޮތެއްވެސް ނޫން، ނަމަވެސް މިއަދު އަހަރެން ވަކި ދާނީ ކޮންތާކަށް؟ ހުރިހާކަމެއް ކޮށްދޭން އެހީތެރިޔަކަށް ހުރީ ރާހިލް، އޭނަގެ އިހުސާންތެރިކަން ބޮލުގަ އަޅައިގެން ހުރެ މަތިމައްޗަށް ކަމު ކިޔަން ލަދުގަނޭ...." އަލީސާ ކިތަންމެ ވަރަކަށް ކެތްކުރިނަމަވެސް އޭނަގެ ހިތަށް ވަރަށް އަނިޔާވެއްޖެއެވެ. ކައިލަން ކަންތައް އެކުރީ އިންސާފަކުންނޫނެވެ. އެގޮތަށް މާނަކޮށްފަ އޭނަ ވަރިކުރުމަށްފަހު އޭނައަށް ޚަރަދުވެސްކޮށްފިއެވެ. އަނބިމީހާގެ މަޤާމު ނުދިނަސް އޭނަ ކިޔައްވަން ޚަރަދުކޮށްދިނީ ކައިލަންއެވެ. ކައިލަންގެ އަނިޔާވެރިކަމާއި އެއްވަރަށް އޭނަވަނީ އަލީސާއަށް އެހީތެރިވެދީފައެވެ.
"އަދި ނުބުނަމެއްނު މިގެއިން ދާކަށް...." ކައިލަން އުދަގޫވެފަހުރެވެސް ބުނެލިއެވެ.
"ހުރިހާކަމެއް އެނގިހުރެ އަހަންނަށް މިގޭގަ އުޅެން ފަސޭހަވާނެތަ؟ "އަލީސާ ބާރަކަށް ގޮސް ފާޚާނާއަށްވަދެ ދޮރު ތަންޑުއެޅިގޮތަށް ދެއަތުން މޫނު ފޮރުވިއެވެ. ދިރިއުޅުމުގައި އިންސާނުންނަށް އިމްތިހާނުތައް ކުރިމަތިވަނީ ކޮންމެވެސް ސަބަބަކަށްޓަކައެވެ. ހެއްދެވިފަރާތުން އިންސާނުންނަށް އޯގާވެވޮޑިގެންވާ ވަރަށް މައިމީހާވެސް އޯގާތެރިއެއް ނުވާނެއެވެ. ވީއިރު ދެރަގޮތެއް ވެދާނެ ކަމަކަށް އަލީސާ ޤަބޫލެއްނުކުރެއެވެ. މިދުނިޔެއިން ސަޒާ ލިބުނީ އޭނަ ކުރި ކުށުގެ ސަބަބުންނެވެ. އިސާހިތަކު ރޮއިރޮއި އަލީސާގެ ދެލޯ ދުޅަވިއެވެ. އޭރު ކައިލަންވެެސް ބޭރަށްދާން ތައްޔާރުވިގޮތަށް ދާހިތް ނުވެފައި ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން އަނދިރީގެ ތެރެެއަށް ބަލަން ހުރެވުނެވެ. އަލީސާ އެތައް ދުވަހެއް ވާންދެން ކައިރީގައި ހުރިއިރުވެސް އޭނަ އަލީސާއާއި ދޭތެރޭގައި ވިސްނާފައެއްނުވެއެވެ. އެކަމަކު އަނާއާއި ދިމާވީ އިހަށް ދުވަހުއެވެ. އެއަންހެންކުއްޖާގެ ހަނދާންތައް ދޭތެރެއަކުން އޭނަގެ ހިތަށް ވެރިވެގަނެއެވެ. އަނާގެ ޑޮކްޓަރަަށްވީމަ އެކަން ހިތުން ފިލުވަން މަސައްކަތްކުރާތާ ކޮން ދުވަހެއްހެއްޔެވެ؟ ފަސޭހައިން ވާން އޮންނަ ކަންކަން ނުވެ އަބަދުވެސް އިންސާނާއަށް ޖެހެނީ ނުލިބޭ އެއްޗެހީގެ ފަހަތުން ދުވާށެވެ. އެހެންނޫންނަމަ ރީތި އަންހެންކުއްޖަކު މިލްކުވެފައިވާއިރު ދެލޯ މަރާލައިގެން ހުރެވިދާނެ ހެއްޔެވެ؟ އިހުސާސްތައް ހޭނުލަނީ ކީއްވެހެއްޔެވެ؟ ފިރިހެނަކަށްވެހުރެ އެއިހުސާސްތައް ވަޅުޖަހާފައިވާތީ ހިތާ ހިތާ ސުވާލުކުރެވެއެވެ. އެކަމަކު އޭނަ އަލީސާއާއި ދޭތެރޭގައި ފަރުވާކުޑަކޮށްލީ ކޮންމެހެން އޭނަގެ ހަޔާތަށް އަނާ އައުމަކުންނޫނެވެ. އަނާ އައީ އިހަށް ދުވަހުއެވެ. ނުވެސް ދަންނަ ބީރައްޓެހި އަންހެންކުއްޖަކާއި ދޭތެރޭ އަބަދުހެން ވިސްނުނަސް އޭނަގެ ޟަމީރު ބުނަމުން އައީ އެ އިޙުސާސްތަކަކީ އެކޭސް ތަފާތުވީމަ ވާގޮތެއް ކަމަށެވެ. ހިތާއި ދެކޮޅަށްވެސް އޭނަ އަނާ ކައިރީގައި މަސައްކަތްކުރަމުން އައީ ޕްރޮފެޝަނަލް ކޮށެވެ. އެހެން ބަލިމީހުން ފަދައިންނެވެ. ނަމަވެސް އެކަނިވެރިވާވަގުތު އަނާގެ ކުދި ކަންތައްތަކާއިމެދުގަވެސް ކައިލަން ވިސްނިއެވެ. ސިއްރުން ބެލެއެވެ.
ކައިލަން ކޮޓަރިއަށް ވަންއިރު އަލީސާ އިނީ ދަބަހަށް އެއްޗެހި އަޅާށެވެ. އޭރުވެސް އިރުއިރުކޮޅާ ދެލޯ ފޮހެލައެވެ. ކައިލަންގެ ހިތަށް އުދަގޫތަކެއްވިއެވެ.
"ހަމަ ދަނީތަ؟ "ކައިލަން ކަންބޮޑުވެފާ ހުރެ އަހާލައިފިއެވެ. އަލީސާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އަނގައިން ބުނާނެ ހިތްވަރެއް އޭނަގެ ނެތެވެ. އަޑުވެސް ބޭރުވާނެކަމެއް ނޭގެއެވެ. މެޔަށް އެހާ ބާރުބޮޑުވެފައިވެއެވެ. ކައިލަންގެ ހިތުގައި އޭނަގެ މައްޗަށް އެއްވެސް ކުލުނެއް ނެތްކަން އެނގުމުން އެހިތް ކުދިކުދިވެގެން ހިނގައްޖެއެވެ.
"ލީސް، މަތީބައިގާ އެހެރީ ހުސް ކޮޓަރިއެއް، ދުވަސްކޮޅަކަށް އެތާ މަޑުކޮށްލަންވީނު، ލީސް އެކަނިކޮށްލާފަ ފޮނުވާލާކަށް ބޭނުމެއްނޫން، ދައްތަވެސް މާލެއަށް އަވަހަކަށް ނާންނާނެދޯ...." ކައިލަން ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލަމުން އަހައިލިއެވެ. އެސުވާލަށްވެސް އަލީސާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ދެންވެސް ވާހަކަދެއްކީ ކައިލަންއެވެ. އޭނަގެ އެހީއެއް ބޭނުންނުވި ކަމުގައި ވިޔަސް އަލީސާ އެގޭގައި އަމިއްލަ ޚަރަދުގައި ހުންނަން އެދުނެވެ. އަންހެންކުއްޖަކު އާއިލާއާއި ވަކިން މި މާލޭތެރޭގައި އުޅެން ކައިލަން ބޭނުމެއް ނުވެއެވެ. ރައްކާތެރިކަން ދޭނެ އެހެން ފަރާތެއް ވާންދެން އެހެން އެޕާޓްމެންޓެއްގަ އުޅުމަށްވުރެ މިގޭގައި ހުރުން ބުއްދިވެރިކަމުގައި ކައިލަން ބުނެދިނެވެ. މަންމަމެން އެހިޔަސް އަދި ކޮންމެެހެން ވަރިވެފައިވާ ވާހަކަ ބުނާކަށް ނުޖެހޭނެއެވެ. ދެމީހުން ކުޑަ މައްސަލައެއް ޖެހިގެން ދެކޮޓަރީގައި އުޅެނީކަމުގައި ބުނެ ވަގުތީގޮތުން އެންމެނަށް އޮޅުވައިލެވިދާނެއެވެ. ކައިލަން ދެއްކި ވާހަކަތައް އަލީސާއަށް ޤަބޫލުކުރެވުނެވެ. އޭނަ އަދި މިވަނީ މަޖުބޫރީ ޙާލަތެއްގަ އެހެން މީހުންގެ އެހީއަށް ބޭނުންވެފައެވެ. އެހެން ދުވަހެއް ދައްކަވާނެ ނަމައެވެ.
ކައިލަން ކަންތައްކުރި ގޮތާއިމެެދު ހިތުގައި ޝަކުވާ އޮތްއިރުވެސް އަލީސާ ކައިލަންގެ ހުށަހެޅުން ޤަބޫލުކުރިއެވެ. އެހެނޭ ކިޔާފަ އަލީސާ ބަދިގޭގައި ކުރާކަންތައްވެސް މެދު ކަނޑައެއްނުލައެވެ. ހެނދުނު ހެދުނާ ތެދުވެ އާދައިގެ މަތިން ނާސްތާ ތައްޔާރުކުރިއެވެ. އަލީސާ ސަޔާއި ކޮފީހަދާލެއް މީރުކަމުން އެންމެ ގިނައިން އެވާހަކަދައްކާ އެކަކީ މަޝްއަލްއެވެ. ދުވާލު ހަތަރުދަމު ނިދާފައި އޮންނަ ކުއްޖާވެސް ފަތިހުތެދުވެ ކާކޮޓަރިއަށް ވަންނަނީ ކޮފީއެއް ބޯލާ ހިތުންނެވެ. މަޝްއަލް ނޫންމީހަކު އެގެއިން އަލީސާއަށް ހެޔޮ އެދޭހެން ހިޔެއްނުވެއެވެ. މިސްކުވެސް އިންނަނީ އަބަދު އަމިއްލަ ދުނިޔެއެއްގައެވެ. ފޯނަކީ އޭނަގެ ގާތް އެކުވެރިޔާއެވެ. އެހެން މީހަކާއި އަނގައިން ބުނެލާނެ ވަގުތެއްވެސް އެކުއްޖާއަށް ވާކަަމަކަށް ނުވެއެވެ. ސައިބޯން އިންނައިރުވެސް އޭނަ އިންނާނީ ވައިބަރ ނޫނީ އިންސްޓަގްރާމްގައެވެ.
އަލީސާ އޮފީހަށްވަންއިރު ހިތާމަތައް ރުޅިވެރިކަމުގެ ސިފަ ޚިޔާރުކޮށްފިއެވެ. ހުރިހާ ފިރިހެނުންނަކީވެސް ނުބައިބައެއްކަމުގައި ސިފަކުރެވި ބަދަލު ހިފުމުގެ ރޫހު ގަދަވެގަތެވެ. ކައިލަންއާއިއެކު އޭނަ އެހާ ލޯބިން އުޅެން ގަސްތުކުރީމަވެސް ފުރުސަތެއް ނުދިނެވެ. ދެން ހުރީ ރާހިލްއެވެ. ރާހިލްވެސް ލޯބިވަނީ އެހެން އަންހެންކުއްޖެއް ދެކެއެވެ. މިވަރުން އުޅެންވެއްޖެއްޔާ އޭނަ ބާކީވުން ނޫންކަމެއްނުވާނެއެވެ. ރާހިލްގެ އިޙުސާންތެރިކަން ބޮޑުނަމަވެސް އޭނަގެ ހަޔާތަށް ތޫފާނެއް ގެނުވިމީހަކީވެސް ހަމަ އެއީއެވެ. ހިތަށް އެރިގޮތެއް ހަދާލާފަވެސް އެކަން ހަނދާން ނައްތާލަން މަސައްކަތްކުރިއެއްކަމަކު ބައެއްފަހަރު ދިމާވާ ގޮތަކުން އަލުން މާޒީގެ ހަނދާންތައް މީހާގެ ހިތް އެހެންގޮތަކަށް އަނބުރުވާފާނެއެވެ. ނަމަވެސް އިރުކޮޅަކުން އަލީސާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ކަމަކާ ދެރަވާއިރަށް އަދި ބަދަލުހިފުމާއި އެހެން މީހުންނަށް ދެރަގޮތްގޮތްވާން އެދުމަކީ ރަގަޅުކުދިންގެ ގޮތެއްނޫނެވެ. އަލީސާ ރާހިލްގެ ކެބިންއަށްވަނީ އާދައިގެ މަތިން ކޮފީއެއް ހަދައިގެންނެވެ.
"މޯނިން އެލީ...." ރާހިލް އާދައިގެ ނަޒަރަކުން އަލީސާގެ މޫނަށް ބަލާލައިފިއެވެ.
"މޯނިން ސަރ...." އަލީސާ ރާހިލްގެ ޓައީގައި ހިފާފަ ކުޑަކޮށް ދަމާލިއެވެ.
"އެލީ، އަހަރެމެން ދެމީހުންނަށް ލަންޑަނަށް ބުކިން ހަދާލަބަ...." ރާހިލް ކޮފީތަށި ތުބުގައި ޖެހިއެވެ. އޭރު އަލީސާހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނައާއި ރާހިލް އެކީގައި އެހާ ދުރުތަނަކަށް ދިޔުމުގެ ފުރުސަތެއް އަދި ލިބިފައެއްނެތެވެ. ވަގުތުން އަލީސާގެ ޚިޔާލުތައް އެކިދިމާލަށް ދަތުރުކުރަންފެށިއެވެ.
"ރިއަލީ؟ ޤަބޫލެއްވެސް ނުކުރެވޭ، މީ އެންޑް ޔޫ....." އަލީސާގެ ހިތް އޭރު އޮބިނޯންނަވަރަށް ތެޅެމުން ދިޔައެވެ. ކައިލަން އޭނަ ދެރަކޮށްލާތީ މިއޮތީ ރަގަޅު ފުރުސަތެއް ލިބިފައެވެ. ލަންޑަންކަހަލަ ތަންތަނަށް ދާން ފެށުމުން ކައިލަން ނިކަން ހަސަދަވެރިވާނެއެވެ. އޭނަ ކައިލަންއަށް ވުރެ ކުރީގައި އުޅެންފެށީމަ ކައިލަންގެ ހިތަށް އަސަރުކޮށްގެން ފަހަތުން އައުމަކީ އެކަށީގެންވާ ކަމެކެވެ.
"ކީއްތަވާނީ؟ އަހަންނާއިއެކު ނޫޅޭ ކުއްޖެއްވިއްޔަ..." ރާހިލްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
"އެހެނެއްނޫނޭ ބޮސް، ލަންޑަނަށް އެކީގަ ގެންދާތީ ގަބޫލުކުރަން ދަތިވީ، ކައި ވަރަށް ޖޭވާނެ..." އަލީސާ ހޭންފެށިއެވެ.
"ހުރިހާކަމެއް ކުރަނީ ކައި ޖޭ ކުރަންތަ؟ " ރާހިލްއަށް މަޖާވިއެވެ. އަންހެންކުދިން ވިސްނާގޮތާމެދު ރާހިލް ހައިރާންވާފަހަރުވެސް އާދެއެވެ.
"ކައިއަށް އުދަގޫވޭ އަހަންނަށް ރާހިލް ދީފައި ހުންނަ ގިފްޓްތައް ފެނުނީމަ، އަގުބޮޑު ސެންޓް އެއްޗެހި އަމިއްލައަށް އެފޯޑްނުވާނެކަން ކައިއަށް އެނގޭ، އެހެންވެ ވަރަށް ޝައްކުކުރޭ، އަދި އަމުދަކުން ލަންޑަނަށް ދިޔައީމަ....." އަލީސާ ހިނިގަނޑެއްޖަހައިލިއެވެ. ކައިލަން އޭނަގެ ފަހަތުން އާދޭސްކުރާވަރުގެ މޮޅު މުއްސަދި ކުއްޖަކަށްވާން އެވަގުތު އަލީސާ އަޒުމް ކަނޑައެޅިއެވެ. ކިޔަވައިގެން ހުރި މުއްސަދިކުއްޖަކަށްވުމުން އޭނަގެ މަދުވާނީ ދެން ކޮން ސިފައެއްހެއްޔެވެ؟ އަލީސާއަށް އޭރުވެސް ނޭގުނީ ހިތެއްގައި ލޯބި ލެއްވުމަކީ އަދި މީހާ މުއްސަދި މޮޅު ރީތި މީހަކަށްވެގެން އެކަނި ވާނެކަމެއްނޫންކަމެވެ.
އަލީސާ ލަންޑަނަށް ފުރާކަށް ކައިލަންގެ ހުއްދައަކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ފުރަންދަމުން ލަންޑަނަށް ފުރާކަން އަންގަންވެގެން ކައިލަންއަށް މެސެޖްކޮށްލާފައި އެފްބީ ސްޓޭޓަސް އަޕްކޮށްލިއިރު އަލީސާގެ ހިތް އުފަލުން ވީ އާސްމާނުގައެވެ. ބައެއްފަހަރު ފިރިމީހާގެ ފަރާތުން ލޯބި ނުލިބުނަސް އެންމެ ރަގަޅޭ ހީވާފަހަރު އާދެއެވެ. ހަޔާތުގައި އެކަނި އުފަލަކީ ފިރިއެއްގެ ފަރާތުން ލިބޭ އުފަލާއި ހިތްހަމަޖެހުމެއްނޫނެވެ.
ރާހިލް ފުރަންދަމުން އަނާއާއި ބައްދަލުކުރަން އުޅުނީމަ އެފުރުސަތެއް ނުލިބުނެވެ. މަންމަ ގޭގައި އުޅޭ ދުވަސްކޮޅަކަށްވެފަ އަނާ އުޅެނީ މަންމަގެ ހިޔަނިފަދައިން ފަހަތުންނެވެ. އަނާއަށް ފޯނުން މެސެޖްކުރުމުގެ ބަދަލުގަ ރާހިލް ބޭނުންވަނީ ސީދާ ބައްދަލުކޮށްފައި ލޯބި ހުށަހެޅުމަށެވެ. އޭނަ ލޯބިވަނީ އަލީސާދެކެ ނޫންކަމާއި ހިތުގައިވަނީ އެކަނި އަނާކަން ބުނެދޭން އޭނަ ބޭނުންވިއެވެ.
ރާހިލްއާއި އަލީސާ ލަންޑަނުގައި ހަފްތާއެއްހާ ދުވަސްކޮށްލާފައި އައިކަން އެނގުމުން އަނާ ވަކިންބޮޑަށް ރާހިލްދެކެ ރުޅިއައެވެ. ރާހިލްއާއި އަލީސާ އެކަނި ލަންޑަނަށްގޮސްފައި އެދެމީހުން ގުޅުމެއް ނުހިންގާނެކަމުގެ އެއްވެސް ގެރެންޓީއެއް އަނާއަކަށް ނެތެވެ. އަޑެއްކިއްޔާ ރެނދެއްލާނެއޭ ބުނާ އުސޫލުން އެދެމީހުންގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވޭނީ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިގެންނެވެ.
ކައިލަން ރެސްޓޯރެންޓަށް ވަދެފައި ކޮފީއަކަށް އޯޑަރކުރުމަށްފަހު ފޯނާއި ކުޅެން އިންދާ ކޮފީތަށި ގެނެސް ކުރިމަތީގައި ޒޫނީ ބެހެއްޓިތަން ފެނިފައި ފާޑަކަށް ފިނިވިއެވެ. ކުޑަކޮށް މޮޔަމީހަކަށްވާތީ އެހެން ހުރެލާފައި ހިތަށް އަރާއިރަށް ކައިލަންގެ މޫނަށް ކޮފީތަށި ޖަހާފާނެކަމުގެ ބިރުވެސް ހީވިއެވެ. ޒޫނީ މަސައްކަތްކުރަނީ މިތާގައިހެއްޔެވެ؟ ޒޫނީއަކީ މާލެއަށް މަޝްހޫރު މޮޔަމީހަކަށްވާއިރުވެސް މިތަނުން ވަޒީފާ ދިން މީހަކު ހުރީ ހަމަހޭގައި ހެއްޔެވެ؟ އުމުރުން ދެބައިވި ކަމުގައިވިޔަސް ޖިންސަކާއި ޓީޝާޓެއްލައިގެން ހުރިއިރު ޒޫނީ ހީވަނީ ޒުވާން އަންހެންކުއްޖެއްހެންނެވެ.
"މަގޭ ދަރީގެ ފްރެންޑްތަ؟ ޓިޕްސްކޮޅެއް ދޭންވާނެ، ކަލޭ އެގެއަށް ދިޔަކަމަށްވަންޏާ އަހަރެން ސައިދެމެއްނު، ހަނދާން ހުންނާނެކަން މަށަށް އެނގޭ..." ޒޫނީ ކައިލަންގެ ރީތި ދެލޮލަށް ބަލަން ހުރެފައި އިސްތަށިގަނޑު ހާވާލުމުން ކައިލަން އަށް ބޭއިޚުތިޔާރުގައިވެސް ފަހަތަށް ޖެހިލެވުނެވެ. މިމީހާ އޭނަގެ ގަޔަށް އަތްލާ ހިސާބަށްދިޔައީހެއްޔެވެ؟ އެކަމަކު ވިސްނާލާފައި ކައިލަން އަނެއްކާ ހަމަޖެހިލާފައި ޒޫނީއަށް ސަމާލުކަން ދިނެވެ. އެއްޗެކޭ ބުނެލަން އުޅުނުއިރަށް ޒޫނީ އެހެން ދިމާލަކަށްގޮސް ގެއްލިއްޖެއެވެ. އޭރު ކައުންޓަރުގައި އަންހެނަކު ވަރަކަށް ހިނިއައިސްފަ ބަލަން އިނދެލާފައި އަތްހޫރާލިއެވެ. ކައިލަން ފެނުނުކަމަށް ނަހަދާ ކޮފީތަށްޓަށް ނަޒަރު ހުއްޓައިލިއެވެ. އެއަންހެންމީހާއަކީ ކޮންމެވެސް ތާކުން ދެކެ އުޅޭ މީހެއްހެން ހީވިއެވެ. އެއީ ކާކުހެއްޔެވެ؟
ކައިލަން އޭނަގެ ބައްޕައާއި ވާހަކަދައްކަން ޓެރެސްގައި އިންއިރު ކައިލަން އިރުއިރުކޮޅާ ނިތްކުރީގައި ފިރުމާލައެވެ. ކުރީއްސުރެން އޭނައާއިމެދު މަންމަ ތަފާތުކުރާވަރު ކައިލަން ރަގަޅަށް ދަނެއެވެ. އެހެންވާންވީ ސަބަބެއް އޭރަކު ކައިލަންއަކަށް ނޭގެއެވެ. އަދި ކިރިޔާ ބައްޕަ އެހަޤީގަތް ކިޔައިދިނީއެވެ. އެންމެ ދުވަހެއްވީއިރު ކައިލަން ގެނެސް ރުޚުސާނާއާއި ހަވާލުކުރުމުން ރުޚުސާނާ ބަލާދޭން އެއްބަސްވިއެވެ. މަންމަ ކިޔުއްވަންވެސް ގަބޫލުވިއެވެ. ނަމަވެސް ކުޑައިރުއްސުރެން ކައިލަންދެކެ ރުޚުސާނާ ފޫހިވެއެވެ. ފަޒީލް އޭނައަށް ސިއްރުން އެހެން އަންބަކު ގެންގުޅުުނުކަމުން ދުވަހަކު މާފުކުރާކަށް ރުޚުސާނާ ބޭނުމެއް ނޫނެވެ. ކައިލަންއަށް އެކަން އެނގުމުން ވަރަށް އަސަރުކުރިއެވެ.
"ކޮންމެހެން މަންމައަށް މިކަންތައް އަންގަން ހަދާނެކަމެއްނެތް، މިހާ ބޮޑު ސިއްރެއް ހާމަނުކޮށް ގިނަދުވަސްވީމަ ބައްޕަގެ ހިތަށް އެރީ ކައިލަންއަށް ހަގީގަތް އެނގެން ޖެހޭނެއޭ، އަމިއްލަ ދަރިއަކަށް ނުވިޔަސް ދޮންމަންމައެއްހާ އޭނަ ނުބަޔެއްވެސް ނޫން....." ފަޒީލް ކައިލަންގެ މަންމަގެ ހަޤީގަތް ފޮރުވަން މަސައްކަތްކުރާއިރުވެސް ދާދިއަވަހަށް ބޭޒާރުވާނެކަމާއި އޭރަށް ކައިލަންއަށް އެކަމުގެ އަސަރު ކުރާނެވަރު އަންދާޒާކުރަން ފަޒީލްއަށް ދައްޗެވެ. ޒުވާން އުމުރުގައި ޖަޒުބާތުގައި ޖެހި ކުރެވޭ މޮޔަކަންތައްތަކުގެ ނަތީޖާ ކޮންމެވެސް ހިސާބަކުން އުފުލަންޖެހޭނެއެވެ. މިއޮތީ އެދުވަހާއި ކުރިމަތިލާން ޖެހިފައެވެ.
ފަލަކްނާޒް ކައިލަންއަށް އިތުބާރުކުރާލެއް ބޮޑުކަމާއި އަމިއްލަ ދަރިއަކަށް ހަދަން ބޭނުންވާވަރުން އަނާ އޭނައާއިއެކު ކޮންމެތަނަކަށް ފޮނުވާލާކަށްވެސް ޖެހިލުމެއްނުވާނެއެވެ. އެދުވަހު އަނާއާއި ކައިލަން އެކަނި ގޭގައި ބައިތިއްބާފައި އޭނަ ޔަޒީދުއާއިއެކު ހަވީރު ސަޔަކަށް ނައްޓާލިއިރު ގޭގަ އެހެން މީހަކު ހުރީއެއްނޫނެވެ. ރާހިލް ލަންޑަންގަވާއިރު ޖިޔާންވެސް މާލޭގަ ނޫޅެއެވެ. އޭރު ދެމީހުން ތިބީ ޕިއާނޯކައިރީގައެވެ. ކައިލަން ރީތި ހިތާމަވެރި ރާގެއް އަޅުވާލާފަ ބަލައިލިއިރު އަނާވެސް ހުރީ ހިިނިތުންވެލާފަ ބަލަހައްޓައިގެންނެވެ. "އައި ބިލޯންގް ޓު ޔޫ، ޔޫ ބިލޯންގް ޓު މީ ފޯއެވާ " އެލަވައިގެ ރާގާއިއެކު ކައިލަންގެ ފުން ސިއްރުވެރި ދެލޮލާއި ހަތަރުކަޅިހަމަވެގެން ދިޔައިރު އަނާއަށް ދުރުބަލައިލާކަށްވެސް ނޭގުނެވެ. ކައިލަންއާއިއެކު ހޭދަކުރާ ވަގުތުތަކުގައި ހިތަށް އެލިބޭ ފިނިކަމާއި ހިތްހަމަޖެހުން ރާހިލްއާއިއެކު ވުމުން ނުލިބެއެވެ. ރާހިލްއާއި މާގައިގޯޅިވެގެން އުޅެވޭތީ އާ އިހުސާސްތަކެއްކުރެވުނަސް ކައިލަން އަތްނުލާވެސް ބައެއްފަހަރު ޖާދޫހަދާހެން ހީވަނީ މިފަދަ ވަގުތުތަކުގައެވެ. ގައިގާވާ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ.
"އެތަނުން ކޯންޗެއް ފެނިގެން ތިބަލަނީ.... "އަނާ ތުންފަތުގައި ދަތްއަޅާލައިގެން ގެއްލިފައި ހުރިތަން ފެނިފައި ކައިލަން ފިރިހެންވަންތަ އަޑުން އަހާލުމުން އަނާ ސިހޭގޮތްވިއެވެ.
"ގޯސްޓެއް..." އަނާ މަޖާކޮށްލަންވެގެން ނޯޓްފޮތުގައި ލިޔެފަ ދައްކާލުމުން ކައިލަން ހޭންފެށިއެވެ. އަނާހުރީ ހައިރާންކަމާއިއެކު ބަލާށެވެ. ކައިލަން މިގޮތަށް ހީގަތުމުން އޭނަގެ އެެހެން ފަރާތެއްފެނުނުހެން ހީވިއެވެ. އެހުދުދަތްތައް ހީވަނީ ވިދާލިހެންނެވެ. ރީތި ހުނުމާއިއެކު ކޯތާފަތަށް އެޅުުނު އަޑިކޮޅަށް އަނާގެ ހިތް ތައުރީފުކުރިއެވެ.
"ވަޓް..." ކައިލަން ސީރިޔަސްވެފައި ބުމައަރުވާލިއެެވެ. އޭރު އިރުގެ އެންމެފަހު ދޯދިތައް ނިވާވެ އަނދިރިކަން އެތަނަށްވެރިވާން ފަށައިފިއެވެ. ދަގަތްފާނަށް ދަގަނޑުދަމާހެން އަނާ ކައިލަންއާއި ދިމާލަށް ދަމައިގަތީ އަޅުވައިލި ރާގުގެ އަސަރުގަދަކަމުގެ މަސްތުގަޖެހިފާވާ ޕަރުވާނާއެއްފަދައިން އޭނަގެ ބާރަކާއި ނުލައެވެ. އެއައިގޮތަށް ކައިލަންގެ އުނގުތެރެއަށް ވަދެވުނުގޮތަށް ކުރެވުނުކަމަކުން ކައިލަންއަށްވެސް ސިހުމެއްލިބުނެވެ. ނަމަވެސް އަނާގެ އެއަމަލު ހުއްޓުވުމުގެ ބަދަލުގައި އޭނައަށްވެސް ބައިވެރިވެވުނީ އެވަގުތު ތިމާގެ އަމިއްލަ ނަފުސު މަތިން ހަނދާންނައްތާލަމުންނެވެ. އަމިއްލައަށް ޤަބޫލުކުރާހާ ހުރިހާ އުސޫލްތައް ފުނޑުފުނޑުކޮށްލާފައެވެ. ކައިލަންގެ ހިތް ބަންޑުންކޮށްލާފަދަ ނަޒަަރާއި އެ އޮމާން ތުންފަތުގެ އިހުސާސްތަކުން އަނާގެ ހަށިގަނޑުގައި އެތައް ވޯލްޓްގެ ކަރަންޓު ރާޅުތަކެއް އެއްފަހަރާ ދަތުރުކުރިހެން ހީވިއެވެ. އެކަކު އަނެކަކަށް އެހާ ބޭނުންވެ އެހެނަސް މަޖުބޫރީ ޙާލަތެއްގެ ސަބަބުން އެފަދަ ގާތްކަމަކަށް ފުރުސަތެއް ނުލިބި އިންތިޒާރުގާ ހާސް އަހަރު ހޭދަކޮށް ކެތްތެރިކަން ކޮޅުންލާފައި ވަނިކޮށް ފުރުސަތެއް ލިބިގެން ދިޔަފަދައެވެ. ރާހިލް އަތްލުމުންވެސް މިފަދަ އިޙުސާސްތަކެއްނުކުރެވެއެވެ. މުޅިން ތަފާތު އިޙުސާސްތަކެވެ. ކުށްވެރި އިޙުސާސްތަކުގެ ބަދަލުގައި މުޅި ހަށިގަނޑުގައި ފޮނިމީރުކަމެއް ދަތުރުކުރިއެވެ. އިރުކޮޅެއްފަހުން ކައިލަން އަނާ ގަޔާއި ވަކިކޮށްލީ ގަދަކަމުންނެވެ. ކައިލަން ހެދިގޮތުން އަނާ ހިތުގައި ޖެހި ދެލޮލަށް ކަރުނަ ޖަމާވީތަން ފެނިފައި ކައިލަން އަނާ ގެނެސް މޭގައި ޖައްސާލިގޮތަށް އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ބާރުގަދަ އަތަކުން އަނާގެ ގައިގާ ހިފާ ކައިލަންއާއި ވަކިކުރުވުމުން ކައިލަން އިސްއުފުލައިލުމުން ހަތަރުކަޅި ހަމަވި ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ބަލައިގެން މީހަކު ފިހޭނެކަމަށްވަންޏާ އެތޫނު ދެލޮލުން މީހަކު ފިއްސާލާނެކަން ގައިމެވެ.