ކައިލަން ހަމްދަރުދީވީ ރާހިލް އަނާގަޔާއި ލާ ފިތާލައިގެން ހުރިއިރު އެ މައުސޫމް ދެލޮލުގައިވި ބިރާއި ސިހުން ފެނިފައެވެ. ރާހިލް އަބަދުވެސް އޭނައާއި އަނާގެ ހަރަކާތްތަކަށް ފާރަލާ ބަލާކަން ކައިލަންއަށް ވިސްނެއެވެ. ބޭބެއަކަށްވެހުރެ އެހާ ހަސަދަވެރިވާން ޖެހޭ ސަބަބެއް ކައިލަން ހުރީ ނުވިސްނިފައެވެ.
"ޑޮކްޓަރ ކައިލަން، ތީ އަހަރެން މިވީހާތަނަށް ވަރަށް ރެސްޕެކްޓްކުރިމީހެއް، އެހެންނޫންނަމަ މިއަދު ތިދެލޮލުން ދެވަނަފަހަރަށް އަނާއާއި ދިމާލަށް ބަލާލަން ނުކެރޭވަރުކޮށްފަ އަހަރެން ދޫކޮށްލާނީ، ކުޑަކުއްޖަކު ހައްލާލައިގެން އުޅެން ލަދުގަންނާން ޖެހޭނެދޯ، ޑޮކްޓަރަކަށްވެހުރެ ހުރިހާ ބަލިމީހުން އިމޯޝަނަލީ ބްލެކްމެއިލްކޮށްގެން ގުޅުން ހިންގަންވެއްޖެއްޔާ ދެން ސަލާމަތެއް ނުވާނެ، ސްޓޭ އެވޭ ފްރޮމް މައި ގާލް އޯކޭ..." ރާހިލް އަލިފާނުގެ ބެލުމަކުން ކައިލަންއާއި ދިމާލަށް ނަޒަރެއް ދިނުމުން ކައިލަން ސިހުނެވެ. އޭނަ ދެއްކި ވާހަކަތަކާއިމެދު އަޖައިބުވެ އަންތަރީސްވިވަރުން ބުނާނެ އެއްޗެއްވެސް އެހިނދުކޮޅު ވިސްނުމަކަށްނައެވެ. ރާހިލް އަނާއަކީ ތިމާގެ މިލްކެއްހެން ހީވާފަދަ ގޮތަކަށް އުނަގަނޑުގައި އަތްއަޅުވާލައިގެން ދިޔައިރު އަނާވެސް އެއްޗެކޭ ނުބުނެއެވެ. ރާހިލް ނިވާވަމުންވެސް ނަފްރަތުގެ ދެލޮލުން ބަލައިލިއެވެ.
ގޭގެ ފަހަތު ފެންޑާއާއި އަރާ ހަމަވެފައި ކުއްލިއަކަށް އަނާ ރާހިލްގެ އަތުތެރެއިން ވީއްލިގެން ދުރަށް ޖެހުނެވެ. ލިބިފައިހުރި ސިހުމާއި ބިރު މަޑުމަޑުން ނެތިގެން ގޮސް ކުއްޖާ ހަމަޔަކަށް އެޅިއްޖެއެވެ.
"އެނީ، ހަނދާނެއްނެތްތަ؟ އެނީ ހަނދާން ނައްތާލިޔަސް އަހަރެން އުމުރަށްވެސް ހިތުން ނުފިލާނެ، މިތާގަ އެނީ އަހަރެންގެ އަތުތެރޭގައި އުޅުނުގޮތް މިހާރުވެސް އަހަންނަށް އިހުސާސްކުރެވޭ، އެނީ އަހަރެން މިވީހާތަނަށް ދުރުން އުޅުނީ އެނީއަށް ޓައިމް ދޭންވެގެން، އަހަންނާއި އެލީގެ އެފަދަ ގުޅުމެއް ނެތްކަން ވިސްނާދޭން ބޭނުންވީ، އެނީ ބޭނުންވިޔަސް ނުވިޔަސް ޔޫ އާރ މައި ގާލްފްރެންޑް، އެކަން ޗޭންޖްކުރެވޭނެ ބާރެއް މިދުނިޔެއަކުނެތް...." ރާހިލްގެ މޫނުމަތިން މިހާރުފެންނަނީ ރުޅިވެރިކަމުގެ އަސަރެއްނޫނެވެ. އަނާގެ މޫނަށްބަލާލާފައި އެހިތް މަޑުކަފަކޮޅަކަށްވެ ހިތް ލޯބިން ފުރޭގޮތްވިއެވެ. އަނާގެ ހާސްކަން އިތުރުވިއެވެ. ރާހިލްއާއި އޭނައާއި ދޭތެރޭގައި ހިނގިކަމެއްވިއްޔާ ހިނގީ މާހައުލުގެ ސަބަބުންނެވެ. އެކަނިވެރިކަމުގެ ސަބަބުންނެވެ. އުމުރުން އެކާވީސް އަހަރުވީއިރުވެސް އެއްވެސް ފިރިހެނެއްގެ ފަރާތުން އެހާ ގާތްކަމެއް ނުފެނި ހުރެފައި ރާހިލްގެ ސަބަބުން އެއީވެސް ލައްވާފައިވާ ޖަޒުބާތެއްކަން އެގުނަސް އަދި އެއީ ރާހިލްގެ ލޯބިވެރިޔާކަމުގައި ލޭބަލް ކުރަންޖެހޭނެ ކަމެއްނޫނެވެ. ރާހިލް މިވީހާތަނަށް އޭނައަށް ލޯބި ހުށަހެޅީއެއްވެސް ނޫނެވެ. ދެމަސްވާންދެން ދުރުގައި އުޅުމަށްފަހު އޭނަގެ ހިތް ކައިލަންއަަށް ލެނބުން އެއީ ރާހިލް އަދި މައްސަލައަކަށް ހަދަންވާވަރުގެ ކަމެއް ނޫނެވެ. އޭނަ ބޮޑަށް ބޭނުންވަނީ ކައިލަންއެވެ. ރާހިލްއަކީ އޭނަގެ ބޭބެއެއްފަދަ ޒުވާނެކެވެ. ޖިޔާންއާއި ރާޔާފަދައިން އެއްގެއެއްގެ ތެރޭގައި އުޅުމުން އެފަދަ ކުދި ހާދިސާއެއް ހިނގިޔަސް އޭނަ ރާހިލްއަށް ކޮމިޓްވީކަމުގައި ނުބެލެވޭނެއެވެ.
ހިތަށް އައިހާ އެއްޗެއް ރާހިލްއާއި ދިމާލަށް ބުނެލާކަށްވެސް ނުކެރުނެވެ. ކައިލަންއަށް ހަގީގަތް އެނގިއްޖެއްޔާ އޭނަ ބޭވަފާތެރިވީކަމުގެ އިލްޒާމް އަޅުވަފާނެހެއްޔެވެ؟ ގަތްބިރުންގޮސް މޫނު ހުދުވުމާއިއެކު އަނާ ފަސްފަހަތަށް ޖެހެމުންގޮސް އުނދޯލީގައި އިށީދެވިއްޖެއެވެ. ރާހިލް އަނާގެ މޫނަށް ރަގަޅަށް ބަލާލާފައި އަތްވެސް މުށްކަވާލެވުނެވެ.
"އޭނަ ކީއްކުރީތަ؟ އަނާ، ޓެލްމީ، އޭނަ އެންމެފަހުން އަނާގެ ގަޔަށް އަތް ލެވުނަ ދިނީތަ؟ " ކުއްލިއަކަށް ރާހިލް ހަޅޭއްލަވައިގެންފަ އަނާގެ އަތުގެ މުލައްދަނޑީގައި ހިފާފައި ތަޅުވައިގަތެވެ. އަނާގެ ރަތްވެފައިވާ ތުންފަތް ހުރިހާކަމަކަށް ހެކިދިނެވެ. ރާހިލްއަށް އެކަން ޔަގީންވުމުން ހީވީ ހިތް ފަޅައިގެން ދިޔަހެންނެވެ. މިވަގުތު ކައިލަން އޭނަގެ ކުރިމަތީގައި ހުރިނަމަ އޭނަގެ ދެއަތުން މަރާލެވުނީހެވެ. ރާހިލްގެ ރުޅިގަދަކަން ފެނިފައި އަނާ ވަކިން ބޮޑަށް ދެލޯ ބޮޑުކޮށްލިއިރު އެރީތި ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ރާހިލްގެ ވިސްނުމާއި ހަމަބުއްދިވެސް އޭނައާއި ވަކިވިހެން ހީވިއެވެ. އެއްލި ކަޅިއަކުން އެތާހުރި ފާރުމަތީގައި އޮތް ތޫނު ފިޔޮހި ފެނިފައި ކުރިއަށް އެޅި ފިޔަވަޅާއިއެކު ފިޔޮހި އަތަށް ހެޔޮވަރުކޮށްލިއެވެ.
"އައި ވިލް ކިލް ދެޓް...." ރާހިލް ދުލުން ބޭރުވި ލަފުޒުތައް އިވިފައި އަނާގެ މޫނަށް ބިރުވެރިކަމުގެ ކުލަތައްވެރިވެ ދެލޯ ބޮޑުވިއެވެ. ނޫނެކޭ ކިޔާފައި ކަރުފަޅައިގެންދާހާ ބާރަަށް ހަޅޭއްލަވައިގަތަސް އެއަޑު ކިިރިޔާ ކަރުތެރެއިން ނުކުތްކަމެވެ. އަނާ ރޮމުން ރޮމުންގޮސް ރާހިލްގެ ފައިގާ އޮޅުލައިގަތުމުން ރާހިލްއަށް ކުރިޔަކަށް ނުދެވުނެވެ. އަނާގެ ކަރުނަތަކުން އެފައިތިލަ ތެމި ފިނިވާން ފެށިއިރު ރާހިލްގެ ހިތަށްވެސް އެތައްހާސް އަސަރުތަކެއް ކޮށްފިއެވެ. އަނާ އެހުރިހާ ކަރުނައެއް އޮއްސަނީ އޭނަގެ ހައްގުގައެއް ނޫނެވެ. ކައިލަންއަށްޓަކައެވެ. އޭނަ ކައިލަންއަށް ގެއްލުމެއް ދީފާނެތީ ބިރުންނެވެ. ނަމަވެސް އަނާގެ ބަލިފައި މިއަދު ރާހިލްއަށް ޔަގީންވެއްޖެއެވެ. ހެވެވެ. ބިރުދައްކައިގެން ވިޔަސް ހޯދުނުގޮތަކަށް އޭނަ އަނާ ހޯދާނެއެވެ. އެހާވެސް އޭނަގެ ނުފޫޒާއި ބާރުގަދަވާނެއެވެ. ފައިސާއިން ނުވެވޭކަމެއް ދުނިޔޭގައިވެޔޭ ބުނީ ކާކުހެއްޔެވެ؟
"އޯކޭ އެނީ، މިފަހަރު އެނީއަށްޓަކައި އަހަރެން އޭނައަށް އަނިޔާއެއްނުކޮށްމި ދޫކޮށްލީ...." ރާހިލް ފިޔޮހި އެއްލާލާފައި އަނާ ބިންމަތިން ނެގިއެވެ. ރާހިލް އިތުރު ވާހަަކައެއް ނުދައްކާ އަނާ ގޮވައިގެންގޮސް އަނާގެ ކޮޓަރިއަށްވަދެ ފާޚާނާއަށް ވެއްދިއެވެ. މޫނު ދޮއްވާލަދިނެވެ. އަނާގެ އަނގަމަތި ދޮވުނުވަރުން އަނާ ރުޅިއައިނަމަވެެސް އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. ރާހިލް މިއަދު އެދައްކާލީ ރާހިލްގެ އަނދިރިފަރާތެވެ. ރުޅިގަދަވެއްޖެއްޔާ މީހަކު މަރާލަންވެސް ފަހެއްނުޖެހޭނެ ކަމުގައި ޔަގީންކުރި އަަނާ ހުރީ ހަމަ ރަގަޅަށްވެސް ރާހިލްދެކެ ބިރުގަނެފައެވެ. ރާހިލް ހިތްހަމަޖެހޭވަރަށް އަނާގެ މޫނު ދޮއްވާލައިގެން ގެނެސް އެނދުގައި ބައިންދާފައި ފިޔާތޮށިކުލައިގެ ތުވާލިކޮޅަކުން މަޑުމަޑުން މޫނު ފޮހެދޭންފެށިއެވެ.
"އެނީ، ލިސެން ޓު މީ، އެނީގެ ގައިގާ އެހެން މީހަކަށް އަތްލެވިގެންނުވާނެ، އިނގިލި ކުރިވެސް ޖައްސާލެވިގެން ނުވާނެ، އެހެން ހިތަށް އަރުވާލި މީހެއްގެ އިނގިލިތައް ބިންދާލާނަން، އެނީ އަކީ އެކަނި އަހަރެންގެ ހައްގެއް، އެކަނި މަގޭ މިލްކެއް، އަހަރެން އެހެން ނިންމާފައި އޮތްވާ އެހެން އެއްވެސް މީހަކު އަހަރެމެންގެ ދޭތެރެއަށް ވަނުމަކީ އަހަންނަށް ކެތްކުރެވޭނެ ކަމެއްނޫން، އެނީވަނީ އަހަންނަށް އެގޮތަށް ހީކުރުމުގެ ހުރިހާ ހައްގެއްދީފައި، އެރޭ އަހަންނާއިއެކު އެނީ ވުމަށްފަހު އަހަންނަށް އެނީއާއި ނުލައި ނޭވާލުމަކީވެސް ފަސޭހަކަމެއްނޫން، ލައިކް އައި ސެޑް ބަސްއަހައިގެން މަޑުމަޑުން ހުންނަ ކުއްޖަކަށްވީމަ އަހަރެން އެނީއާއި ދުރުން އުޅުނަސް އޭގެ މާނައަކީ އެހެން މީހަކާއި ރައްޓެހިވާށެކޭ ނޫން ދޯ، އެނީ، އަހަންނަށް ބިޓްރޭ ނުކުރައްޗޭ، އަހަންނަށް ކެތެއް ނުވާނެ، އައި މީން އިޓް....." ރާހިލް އަނާގެ ކޮންމެ ލޮލެއްގައި ވަކިވަކިން ބޮސްދިންއިރު އަނާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިއަދު ރާހިލްގެ އެ އަމަލުން އޭނައަށް ކުރި އެއްވެސް އަސަރެއްނެތެވެ.
އަނާއަކީ ޅަކުއްޖެއްނޫނެވެ. ލޯބީގެ ތަޖުރިބާ ކިތަންމެ މަދަސް އޭނައަށްވެސް ރާހިލް އެކުރާ މަޖުބޫރީއާއި އޭގެ ބޭނުން ވިސްނުނެވެ. ރާހިލް އެހާ ފަސޭހައިން އޭނަގެ ފަހަތުން ދޫކޮށްނުލާނެކަން ޔަގީންވިއެވެ. ކައިލަން ލޯތްބަށްޓަކާ އޭނަ ނިމިގެންދިޔަސް ރާހިލް އޭނަ ދޫކޮށްލާނެހެން ހިޔެއްނުވެއެވެ. ރާހިލްގެ ނުފޫޒުގަދަކަމާއި މަޝްހޫރުކަން އެއީ އަނާއަށްވެސް އޮޅިފައިވާކަމެއްނޫނެވެ. ކޮންމެ އަންހެންކުއްޖެއްގެ ދުލުކުރީގައި ލިޔެވިފައިވާ ނަމެއްކަމުގައި ރާހިލް މިއަދުވެފައިވެއެވެ. އޭނަގެ ހައިބަތާއި ޝަޚުސިއްޔަތުގެ ސަބަބުން އަސަރުނުކުރާ މީހަކު މަދުވާނެއެވެ. އެހެނޭ ކިޔާފައި އަނާގެ ހިތަށް ރާހިލްއަށް ބާރުފޯރުވެން ޖެހޭހެއްޔެވެ؟ ލޯތްބަކީ ގަދަކަމުން ފޭރިގަނެވޭނެ އެއްޗެއް ހެއްޔެވެ؟ ދެފަރާތެއް ގުޅެން ތަޤުދީރުގައި ލިޔެވި އެކައިވެނި ލައުޙުލްމަހުފޫޒުގައި ލިޔުއްވާފައިވާނަމަ ރާހިލްއަކަށްވެސް ނުހުއްޓުވޭނެއެވެ.
"އެނީ، އައިމް ސޮރީ ބިރުގަންނަވާލެވުނީމަ، ސޮރީ ބޭބީގާލް...." ރާހިލް އަނާގެ ނިތްކުރީގައި ބޮސްދިނެވެ. އަނާ މަޢާފެއް ނުދޭނެއެވެ. އަނގައިން ބުނެވޭނެނަމަވެސް މިއަދު އޭނަ ޖެހޭނީ ރާހިލް ބުނާހާގޮތަށް ހަދާށެވެ. ނަމަވެސް އޭނަގެ ހިތް ބަދަލެއް ނުކުރެވޭނެއެވެ. ހިތުން މާފެއްވެސް ނުކުރާނެއެވެ. ރާހިލް ހީކުރަނީ ކީކޭހެއްޔެވެ؟ ރާހިލް ކައިލަންއާއި ދޭތެރޭ ކަންތައްކުރަން ފެށިގޮތުން ނަފްރަތުގެ އޮށް ވަޅުލުން ނޫންކަމެއް ނުވެއެވެ. ރާހިލްއާއި ދޭތެރޭގައި އަނާގެ ހިތުގައިވާ އިހުތިރާމާއި ޤަދަރުވެސް މުޅިން ގެއްލިއްޖެއެވެ. ނަމަވެސް އަނާ ޚިޔާރު ކުރީ ހިމޭންކަމެވެ.
އަނާއަށް އެރޭ އެއްގޮަތަކަށްވެސް ނުނިދުނެވެ. ރާޔާގެ އުފަންދުވަސް ފާހަގަކުރަން އޭނަ ނެތަސް އަނާ އެރޭ ރާޔާއަށްޓަކާ އުފަންދުވަސް ފާހަގަކޮށްލަދިނެވެ. ރާޔާމަތިން އެންމެ ހަނދާންވެ ރޮވުނީވެސް ރޭގައެވެ. އުފަންދުވަސް ފާހަގަކުރަން ރާޔާ އަބަދުވެސް ޚާއްސަ ސަމާލުކަމެއްދެއެވެ. ކޮންމެގޮތެއް ހަދާފަވެސް ޕާޓީއެއް ބާއްވާނެއެވެ. އަނާ ތެދުވިގޮތަށް ފިޔާތޮށިކުލައިގެ ޕިޖާމާކޮޅުގައި ހުރެ ކާކޮޓަރިއަށްވަނީ ރޭވެސް ނުކައި ހުރުމުން ހާންތިވެފައިވާ ވަރުންނެވެ. އޭރު ފަތިހުގެ ފިނިކަމާއި އޭސީގެ ފިނިކަން އެކުވެ އޭނަގެ މުޅި ހަށިގަނޑު ގަނޑުފެންކޮޅެއްހާ ވަރުވެއްޖެއެވެ. ހޫނު ޗޮކްލެޓެއް ހަދާލުމަށްފަހު ކޯންފްލޭކްސް އުރަ ކަނޑާލައިގެން ކާންފެށިތަނާހެން ޖިޔާން ދޮރުމައްޗަށް އެރިއެވެ.
"މޯނިން ސްވީޓްހާޓް، އެއްކަލަ ކޯންފްލޭކްސްއާއި ނޫޑްލްސް ރޮލާ ކާކުއްޖާ......" ޖިޔާން އަނާގެ މައްޗަށް ނަގާ އައްސާފައިވާ އިސްތަށިގަނޑަށް ކުޑަކޮށް ދަމާލައިފިއެވެ. އަނާގެ ޚިޔާލު އެެހެން ދިމާލަކަށް ދިޔުމާއިއެކު ހިތް އަވަސްވިއެވެ. ރާޔާގެ ޑައިރީ ފެނުނު ފަހުން ޖިޔާންއާއި ދޭތެރޭ އޭނަ ދެކޭގޮތް ބަދަލުވެ ފާޑަކަށް ފޫހިވާގޮތްވެއެވެ. ދޭތެރެއަކުން ޚިޔާލު ބަދަލުވާން އުޅެއެވެ. ކުށްވެރިއަކީ ދޮންބެއެއްނޫނެވެ. މަންމަމެންނެވެ. އެކަހަލަ ޚިޔާލުތައް ކޮށްފައި ޖިޔާންއަށް މާފުކުރެވި ކުރީގަ އޮތް ގުޅުން ބާއްވަން ބޭނުންވިޔަސް ހިނިތުންވެލަން ޖެހެނީވެސް ގަދަކަމުންނެވެ. އެހާ ފަތިހުވެސް ނޯކަރުންވަނީ ކޮފީހަދާފައެވެ. ކޮފީ މެޝިނުން މަގަށް ކޮފީއެއް އަޅައިގެން އައިސް ކުރިމަތީގައި ހުރި ގޮނޑީގައި ޖިޔާން އިށީނުމުން އަނާ އިސްޖަހާލައިގެން ކާން އިނީއެވެ.
"އެނީ، ކޯންޗެއް ތިވިސްނަނީ؟" ޖިޔާން އަހާލައިފިއެވެ. އެވަގުތު ފަލަކްނާޒް އައިސްފަ ދެކުދިން ކޮން ވާހަކައެއްގަހެއްޔޭ އަހާލާފައި ރާޔާމަތިން ހަނދާންވާކަމުގައި ބުނެލުމުން ޖިޔާންގެ މޫނަށް އަނާއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ.
"ކޮއްކޮގެ ބާތުޑޭވީމަދޯ މަންމާ، އައި މިސް ހާ އެލޮޓް ޓޫ، އެކުއްޖާ ނެތީމަ މިގެއަށް ވަންނަހިތެއް ނުވޭ....." ޖިޔާންގެ ދެލޯވެސް ފެންކަޅިވިއެވެ. އަނާއަށް އެ ޖުމްލައިން ނުބައިގޮތެއްވިއެވެ. ރާޔާއަށް ކޮއްކޮއޭ ކިޔައިގެން ޖިޔާން ވާހަކަދެއްކުމުން ނުގުޅެއެވެ. މަންމަމެން އަނދިރީގައި ބޭ ތިއްބިނަމަވެސް އަނާއަށް މިވަނީ ޖިޔާންގެ ކަޅު މާޒީ ހާމަވެފައެވެ. މަންމަމެންނަށް ހަގީގަތް އެނގިއްޖެއްޔާ ހިތް ހުއްޓިދާނެކަން ޔަގީނެވެ. ތިމާބަނޑު އަޅާ ވިހޭ ދެދަރިން އެހެން އުޅެފާނެކަމުގައި ހީކުރާނީ ކޮން މަންމައެއް ހެއްޔެވެ؟ އަނާ ޖިޔާންގެ މަސްނޫޢީ ވާހަކަތަކުން ވީ ފޫއްސެއްގެ ބޮޑުކަމުން އެތާ އިންނަން ކެތްނުވެގެން އަވަހަށް ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. އެނދުމަތީގައި ހަމަޖެހިލައިގެން އިނދެ އަނާ ރާޔާގެ ޑައިރީ ހުޅުވާލައިިފިއެވެ.
"އަހަންނާއި ޖިޔާންގެ ފަރސްޓް ކިސްއަށްފަހު އަހަންނާއި ޖިޔާގެ އޮތް ލޭގެ ގުޅުން އެކީގައި ނެތިގެން ދިޔަ، އަހަރެންގެ ހިތް އަބަދުހެން ބޭނުންވީ ޖިޔާއަށް، އެކީގައި ކުޅޭއިރުވެސް ވަގުތެއް ލިބިއްޖެއްޔާ އޭނަ އަހަންނަށް ޖެއްސުންކޮށްލާނެ، ޓްރީހައުސް ހަދައިގެން އަހަރެން އުޅޭއިރު ޖިޔާއާއި ދެމީހުން އެތާގައި ތިބެގެން އުޅުނީ ނިކަން ލޯބިކޮށް، ހޯމްވޯކްހަދާކަމަށް ހެދިގެން ކޮޓަރީގައި އެކަނިމާއެކަނި ތިބޭއިރު އޭނަ އަހަންނަށް ކިޔަވާދިނީ އެހެން އެއްޗެއް، އަހަންނަށް ނޭގޭ އެއްޗެހިވެސް އަހާ ހަދަނީ އޭނަގާތުން، ފުރަތަމަ ފަހަރަށް އަންހެންކުއްޖަކަށް ދިމާވެދާނެ ކަމެއް ކުރިމަތިވުމުންވެސް އެހީ ޖިޔާގާތުން، އެދުވަހު އޭނަ ވަރަށް ހީހެދި، އެކަން ގަބޫލުނުކުރާކަމަށްވެސް ބުނި، ކޮންމެކަމެއް ލޮލުން ފެނިގެން ނޫނީ ގަބޫލުނުކުރާތީ އަހަންނަށް ޖެހެނީ އޭނައަށް ސާބިތުކޮށްދޭން......" އެހިސާބަށް ކިޔާފައި އިތުރަށް ނުކިޔަން އަނާގެ ހިތް ބާރު އެޅިނަމަވެސް އަނާ އަނެއް ސަފުހާވެސް އެއްލިއެވެ.
"މަންމަ ގޭގައި ނޫޅޭ ދުވަހެއްގައި އަހަރެން ހޫނުވާތީ ފެންވަރަން އުޅުނީމަ ޖިޔާ ބުނީ އެކަނި ފެންވަރަން ހުންނާކަށް ނުވާނެކަމަށް، މަންމަ އޭނަގާތު ކޮއްކޮ ޕްރޮޓެކްޓް ކުރަން ބުނެފައި ދާއިރު އެންމެފަހަރަކުވެސް އެކަނި ބަހައްޓަން ބޭނުން ނުވާކަމަށާއި އަދި ތާޓީން ވިޔަސް ރާޔާ ހުންނަނީ ކުޑަކުއްޖެއްހެން ނޫންހެއްޔޭ ބުނި، އެއީ ދޮގެއްނޫން، އަހަރެންގެ އިސްކޮޅުން ކިތަންމެ ދިގުކޮށް ހުއްޓަސް އެހެންކުދިން ފަދައިން ހަށިގަނޑު ބޮޑެއްނޫން، އެދުވަހަށްފަހު ޖިޔާ ހުއްޓަސް ފެންވެރުމަކީ އަހަންނަށް މާ ބޮޑުކަމަކަށް ނުވޭ......" އަނާ ޑައިރީ ބާއްވާފައި ބާލީހުގައި ބޯއަޅައިލިއެވެ. ރާޔާގެ ދަރިފުޅުގެ ބައްޕައަކީ ޖިޔާންއަށް ވެދާނެކަމަށް ހިތް ބުނަން ފެށުމުން އަނާ ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ޖިޔާންއާއި ރާޔާ އެހާ ގޯހެއް ނުވާނެއެވެ. ކޮއްކޮ ހައްލާލައިގެން ހިމާޔަތް ދިނުމުގެ ނަމުގައި ޖިޔާން އެހާ ބޮޑު ގޯހެއްނަހަދާނެއެވެ. ރާޔާއަކީ ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށްވި ނަމަވެސް މޮޔަކުއްޖެއް ނޫނެވެ. ބޭބެއަކާއި ނަހަމަ ގުޅުމެއް ހިންގާއިރު އެކުރެވެނީ ކިހާވަރުގެ ފާފައެއްކަން އެކުއްޖާއަށް ރޭކާލާނެއެވެ. ޑައިރީގެ ލަފުޒުތައް އެކަމަށް ހެކިދެއެވެ. އެދެމީހުންގެ ދޭތެރޭގައި އޮތް ފާހިޝް ގުޅުމަށެވެ. ކުރިޔަށް ދިޔަވަރަކަށް އަނާއަށް އެޑައިރީ ކިޔަން ފަސޭހަނުވާނެކަމަށް އޭނަގެ ހަވަނަ ހިއްސު އަންގާދިނެވެ.
ރާހިލް ބިމެއް ގަނެގެން ވަރަށް ވަރުގަދަ ގެއެއް އަޅާކަން އެނގުމުން ރުޚުސާނާވެސް ގެއާއި ދޭތެރޭގައި ވިސްނިއެވެ. ބައެއްފަހަރު ފަލަކްނާޒްއާއި އެހާ އެކުވެރިކޮށް އުޅޭއިރުވެސް ފަލަކްނާޒްއާއި ހަސަދަވެރިވާކަހަލަ ގޮތެއް އޭނަގެ ހުރެއެވެ. ފަލަކްނާޒްއަށްވުރެ މޮޅުވެ ކުރިއެރުމުގެ އަޒުމް ހިތުގައި އާވާ ފަހަރު އަންނަފެށިއެވެ. އެކުވެރިޔާ ނަމަވެސް މޮޅުވާތަން ފެނިއްޖެއްޔާ ތިމާއަށްވެސް އެފަދަ ނިޢުމަތެއް ލިބުމަށް ހިތް އެދެނީއެވެ. އެންމެފަހުން ރުޚުސާނާ ގަސްތުކުރީ ކޫލް ކޮޓެޖްވެސް ފެންވަރު ރަގަޅު އިމާރާތަަށް ހަދާށެވެ. ކައިލަންއަށް އެގެއިން އެންމެ ކައިވަތެއްހާ މިންވަރު ނުދޭން އޭނަ ނިންމީވެސް އެދުވަހުއެވެ. ގެ ދިހަބުރިއަށް ހިއްލައިލަންވެގެން ގޭގެ ރެޖިސްޓްރީ ބޭންކްގައި ރަހުނުގެ ގޮތުގައި ބާއްވާފައި ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކުރުމަށްފަހު ރުޚުސާނާ ތިންކޮޓަރީގެ އެޕާޓްމެންޓެއް ހޯދައިގެން ބަދަލުވިއިރު ކައިލަންއަށް އެންގީ އެހެން އެޕާޓްމެންޓެއް ހޯދުމަށެވެ. މިފަހަރު ކައިލަން އެހާ ހައިރާންވާގޮތެއްނުވިއެވެ. އޭނައަކީ ރުޚުސާނާގެ ދަރިއެއްނޫންކަން އެނގުމަށްފަހު ކައިލަންގެ ހިތުގައި މަންމައާއިމެދު އޮތްހާ ޝަކުވާއެއް ފިލައިގެން ގޮސްފިއެވެ. ރުޚުސާނާގެ އެހާ ނުބައި ފަރާތެއް ދުވަހަކުވެސް ކައިލަންއަށް ދައްކާފައެއްނުވެއެވެ. ފައިސާގެ ގޮތުގައި މާ ބޮޑު އެހީތެރިކަމެއްނުދިނަސް ރުޚުސާނާވަނީ ކޮންމެވެސް ވަރަކަށް އަޅާލުމާއި ލޯބި ދީފައެވެ. ފަލަކްނާޒް ދަރިންނާއި އޮންނަ ގުޅުން ނެތޭ ކުރީއްސުރެން ކައިލަން ހިތަށް އެރި އިރެއްވެސް އައެވެ. އެޕާޓްމެންޓެއް ހޯދުން ފަސޭހަކަމަކަށް ނުވިއެވެ. ކައިލަން ޒާޔަލް ކައިރީގައި އެވާހަކަ ދެއްކުމުން އޭނައާއިއެކު އެގެ ހިއްސާކުރަން އަންނަން އެދުނެވެ. ޒާޔަލް އުޅޭ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ހުރީ ހުހަށެވެ. އެތާ ކުއްޔަށް އުޅުނު މީހުން ދިޔަތާ އަދި މިވީ އެންމެ ތިންދުވަހެވެ. ކައިލަން ވިސްނީ އަލީސާއަށް ހަދާނެގޮތަކާއިމެދުގައެވެ. އަލީސާ ހީކުރާނީ ގަސްތުގައި ކައިލަން ބަހަނާއެއް ދައްކައިގެން މަންމަކައިރީގައި އެގޭގައި ނުހުރެ އެހެން ތަަަނަކަށް ބަދަލުވީކަމުގައެވެ. އަލީސާ އާއި އެވާހަކަދެއްކުމުން އަލީސާ ވިސްނަން އިނދެލާފައި އެއްފަރާތަކަށް ޖެހިލާފައި ވަގުތުން ރާހިލްއަށް ގުޅިއެވެ.
"އަހަރެމެންގެ ބޮޑުކަމުން ގިނަ ރޫމްތައް މިހިރީ ފަޅަށޭ އެލީ، އާދޭ މިގޭގައި އުޅެން، އޭރަށް އަހަންނަށްވެސް ކޮންމެވެސް ފައިދާއެއްވާނެ...." ރާހިލް ވިސްނީ މިއީ އަނާއަށް އޭނައާއި އަލީސާގެ ގުޅުމެއް ނެތްކަން އަންގައިދެވޭ ފުރުސަތަކަށް ވެގެން ދާނެކަމުގައެވެ. ކައިލަން ތަންކޮޅެއް ކުޑަ ތަނެއްގައި އުޅޭތީ ވަގުތީ ގޮތުން އެގެއިން ހިޔާވަހިކަން ދިނަސް ކައިލަންއާއި އަލީސާއަކީ ދެމަފިރިންކަން އަނާއަށްވެސް އެނގޭނެތާއެވެ. ރާހިލް ޔަޒީދުއާއި ފަލަކްނާޒްގެ ކައިރިން އަލީސާ އެގެއަށް ގެނައުމާއިމެދު ލަފާއެއް ހޯދަން އެދުނެވެ. އެދެމަފިރިން ތިބެނީ ރާހިލްގެ ކޮންމެ ފަދަ ހުށަހެޅުމެއް އުފަލާއިއެކު ގަބޫލުކުރާށެވެ. ރާހިލްގެ ޕީއޭއަށްވެފައި ކައިލަންގެ އަންހެނުންނަށް ވުމުން ފަލަކްނާޒް ހުރީ އަލީސާ އެގެއަށް ގެނެސްގެން އެކުއްޖާގެ އުޅުން ދެކެލާހިތުންނެވެ.
"ދަރިފުޅާ، ކައިލަންއާއި އަލީސާއަށް އެކީގައިވެސް އުޅެވިދާނެ، ގެސްޓްރޫމް ތަކެއްވެސް އެހެރީނު، ކުލި ނުދިނަސް ދަރިފުޅުގެ އެކުވެރިންގެ ހައިސިއްޔަތުން މިގޭގައި އެކުދިންނަށް ތިބެވިދާނެ، ކައިއަކީ އަނާގެ ޑޮކްޓަރ، ސޯ މަންމަައަށް ހީވަނީ ކައި ހުރުމުން އަނާއަށްވެސް ފައިދާކޮށްފާނެހެން...." ފަލަކްނާޒް އެހެން ބުނިކަމުގައިވިޔަސް ރާހިލް ހުރީ ކައިލަން އެގޭގައި ބަހައްޓަން ހުއްދަދޭ ގޮތަކަށް ނޫނެވެ. ކައިލަންއާއި އަނާގެ ގުޅުމެއް އޮތްކަން އެނގުނު ދުވަހުން ފެށިގެން ރާހިލްގެ ރޭގަނޑުގެ ނިދިވަނީ ބޭކާރުވެފައެވެ. ކޮފީ ބޮއިބޮއި މީހާހަލާކުވާވަރު ވެއްޖެއެވެ. އަނާއާއި ދޭތެރޭގައި ވިސްނަމުންގޮސް ރާހިލް ދީވާނާ ވާ ދަރަޖައަށް ވެއްޓިއްޖެއެވެ. އޭނައަށް ކުރެވޭހާކަމަކީ އަނާގެ ޙަޔާތުން ކައިލަން އެކީ ބޭރުުކޮށްލާނެ ރޭވުންތައް ރޭވުމެވެ.
އަލީސާ ފެނުމުން އަނާގެ ކެތްތެރިކަން ކޮޅުން ލާވަރުވިއެވެ. ހަގީގަތާއި ކުރިމަތިނުލާ ވަކި ފިލަން ދުވޭނެހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އޭނަގެ ލޯބިވެރިޔާއަކީ މީހެއްގެ ފިރިއެކެވެ. އަލީސާއަށް އެގެއިން ޖާގަދިނުމުން އަނާގެ ހިތަށް ވަކިން ބޮޑަށް ތަދުވިއެވެ. އެކުއްޖާ ފެނުމުން ހިތަށް އެވާގޮތްތައް ބުނެދޭކަށްވެސް ނޭގެއެވެ. ހަސަދަވެރިކަމުގެ ބިރުވެރިކަމުން ސަލާމަތްވާން މަސައްކަތްކުރިޔަސް އަލީސާދެކެ ހަސަދަވެރިވާގޮތްވިއެވެ. އެހާ ނަސީބު ރަގަޅުކުއްޖެއް ދުނިޔޭގައި ނުވާނެއޭ ހިތަށް އެރިއެވެ. އަނާ ކިތަންމެވަރަށް ކެތްކުރިޔަސް ހިތަށް ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން އެންމެފަހުން އެއްފަހަރާ ގިނަ ބޭސްތަކެއް ކައިގެން ނިދާލަން ބޭނުންވިއެވެ. ހުރިހާ ފިކުރުުތަކުން އެއްފަހަރާ ސަލާމަތްވެވޭނެ ކަމުގައި ހީކުރެވުނެވެ. ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. އެންމެފުރަތަމަ ވެސް ފެނުނީ ލޯބިވާ ކައިލަންގެ އަސަރުގަދަ ސޫރައެވެ. އަނާއަށް ހީވީ މަރުވެގެން ސުވަރުގެ ދެވުނުހެންނެވެ. ކައިލަން މިތަނަށް އައުމުގެ ހުއްދަ ރާހިލް ދޭނެހެއްޔެވެ؟
"އަނާ...." ކައިލަންގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުން އަނާއަށް ހިނިތުންވެވިފައި އަތް ދިއްކޮށްލެވިއްޖެއެވެ. ކައިލަން އެ ނާޒުކް އަތުގައި ހިފާލާއިރަށް ހީވީ ކަރަންޓް ރާޅުބާންޏެއް ހަށިގަނޑުގައި ދަތުުރުކުރިހެންނެވެ.
"ތޭންކް ގޯޑް، ވަރަށް އުފާވެއްޖެ އަނާއަށް ގެއްލުމެއްނުވެ ސަލާމަތްވީމަ، އެކަަމަކު އެނީ ތިކުރިކަމަކުން އަހަރެން ދެރަވިވަރު ބުނެދޭކަށްވެސް ނޭގޭ، އަނާ އަހަންނަށް ޓްރަސްޓް ނުކުރަންތަ؟ އެހާވަރަށް ބުނީމަވެސް އަނާ އަމިއްލަ ފުރާނައަށް ގެއްލުމެއްދޭން ބޭނުންވީ ކީއްވެތަަ؟ މަންމަމެންވެސް ތިބީ ހަމަ ޝޮކެއްގައި...." ކައިލަން ވާހަކަދައްކަމުން ދިޔައިރު އަނާ އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލަނީ ބިރުގެންފައިވާ ކަހަލަ ގޮތަކަށެވެ. ރާހިލް އަތުވެއްޖެއްޔާ ކައިލަންއާއި އޭނަ އަނގައިިން ބުުނުން މަނާކުރާނެއެވެ.
ކަންތައްވީ އަނާ ހީކުރިގޮތަށެވެ. އިރުކޮޅެއްނުވަނީސް އާއިލާގެ އެހެންމީހުންނާއިއެކު ރާހިލް އެތަނަށް ވަދެފައި ކައިލަންއާއި ދިމާލަށް ބަލައިލީ ނަފްރަތުގެ ނަޒަރަކުންނެވެ. ކަޅިއަޅާލިތަން އަނާއަށް ރީއްޗަށް ފެނުނެވެ. އެހެންމީހަކަށް އެކަން ފާހަގަކުރެވުނުކަމެއްނޭގުނެވެ. މަންމަ ކައިލަންއަށް މާވަރަކަށް އިތުބާރުކުރަނީއެވެ. އަނާ ބަލިވާއިރަށް ޝިފާ ލިބެނީ ކައިލަން މެދުވެރިކޮށްހެން ހީވަނީ އެކަނި މަންމައަށެވެ. ރާހިލް އަތްމުއްކަވާލައިގެން ހުރެ ވިސްނައިލިއެވެ. އޭނަ އަނާގެ ޑޮކްޓަރ ބަދަލުކުރުވާނެއެވެ. އަންހެން ޑޮކްޓަރެއް ހޯދާނެއެވެ. ކައިލަން ޖެހޭނީ ދާށެވެ. އަނާއާއި ދިމާލަށް އެ މީހާ ބަލައިލާކަށްވެސް ރާހިލް ނޭދެއެވެ.
ކައިލަން އަނާއަށް ފުލުޑެކްއާއި ނިދާކަހަލަ ބޭހެއް ދޭން ފެށުމުން އަނާއަށް ވަރަށް ބޮޑުތަން ފަސޭހަވިއެވެ. ސިކުނޑީގައިވހާ ބުރައެއް ފިލާއެއްފަހަރާ ލުއިވެގެން ދިޔަފަދަ އިހުސާސްތަކެއް ކުރެވުނެވެ. އޭގެ އިތުރުން ސައިކޯ ތެރަޕީ ދޭން ކައިލަން ކޮންމެދުވަހަކު ގަޑިއެއްހާއިރު ދެއެވެ. ކައިލަން ވާހަކަދައްކާ އަޑުއަހަން އަނާ އޮންނައިރު އެލިބޭ ހިތްހަމަޖެހުން އަނާގެ މޫނުމަތިން ފެނެއެވެ. އެރީތި ދެލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނެއެވެ. އަނާ ފޫހިވީ ރަތްފިޔަ އަށް ވަދެވިފައެވެ. އަލީސާ ތިމާގެ ގެހެން ހީވާފަދަ ގޮތަކަށް ސިޓިންރޫމްގައި ސީރީޒްއެއްބަލަން އިންއިރު ދޭތެރެއަކުން މާ ޖަޒުބާތީވާތަން ފެނެއެވެ. އަނާ އަށް ބަލާލާފައި އަލީސާ ހީލުމުން އަނާ ތުންފިތާލާފައި އަޅާވެސްނުލާ ބާރަށްގޮސް ސިޑިއާއި އަރާހަމަކުރިއެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި ރާހިލްގެ ހިތަށް އަސަރުކުރިއެވެ. އަނާ އެހާވަރުން އަލީސާދެކެ ރުޅިއަންނަނީ ހަމަ ކައިލަންގެ އަންހެނުންނަށް ވީތީހެއްޔެވެ؟ ކައިލަން މިގެއަށް ނުގެންނަންވެގެން މަންމަ ކައިރީ ބުނަން ފަސްޖެހޭވަރުންވެސް ރާހިލް ހުންނަނީ ހައިރާންވެފައެވެ. އެހެންވަނީ އޭނަ އަނާދެކެ ލޯބިވާރުންހެއްޔެވެ؟ އަނާ ކައިލަންފެނުމުން ހިތްހަމަޖެހޭތަން ފެނުމުން ރާހިލްވެސް އުފާވަނީ ހެއްޔެވެ؟ ނޫނީ ކައިލަންހާ މޮޅު ޑޮކްޓަރެއް އަނާއަށް ނުލިބޭނެހެން ހީވަނީހެއްޔެވެ؟
އަބަދާއަބަދު ވާހަކަދައްކައި ވިސްނައިދޭން އޭނައަކަށްވެސް ނުުހުރެވޭނެއެވެ. ނަމަވެސް އަނާއަކީ އެހެންމީހުންނަށްވުރެ ހުރިހާގޮތަކުން އޭނަގެ ޚާއްސަ ޕޭޝަންޓެކެވެ. އެކުއްޖާ އަނގައިން ބުނާދުވަހަކީ ކައިލަންގެ ހަޔާތުގައި ޚާއްސަ ވަގުތަކަށްވާނެކަން ޔަގީނެވެ. އަނާ ބޭސްކާންޖެހޭ ގަޑީގައިވެސް ކައިލަންއަށް ނުހުރެވިގެން އަނާއަށް ގުޅައިގެން ބޭސްގަޑިއަށް ކާން ހަނދާންކޮށްދެއެވެ. އެންމެ ދުވަހަކުވެސް ދޫނުކޮށް ސައިކޯތެރަޕީދޭން ކައިލަން ފަރުވާތެރިވެއެވެ. ހިތުގައިވާހާ އެއްޗެއް އަމިއްލަ ނަފުސަށް އޮޅުވައިލަން ކައިލަން މަަސައްކަތްކުރަމުން ދާތާ ކޮން ދުވަހެއްހެއްޔެވެ؟ އަދިވެސް ކެތްތެރިވަނީއެވެ.
ކައިލަންއާއި އަނާ އެކީގައި ގޮނޑދޮށުން ހިނގާލާފައި ދިޔައިރު ދެޒުވާނުންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަނާ ކައިލަންގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީ ރަތްކުލައާއި ނޫކުލައިގެ މާކަރަކުން ބޮއްޔާއި ފަތްފަދަ ތަކެތީގައި ލިޔެފައެވެ. ރާހިލްފަދައިން އެއިން ކޮންމެ އެއްޗެއް ކައިލަންވެސް ސޯޓުގެ ޖީބަށް ލާ ރައްކާކުރާކަން އަނާ ފާހަގަކުރިއެވެ. ހިތަށް ފިނިކަމެއް ލިބުނެވެ.