ކައިލަން ސައިކަލާއި ދިމާލަށް ދަނިކޮށް ގެއަށް ވަންނަން އައި ޒުވާނެއް ފެނުމާއިއެކު ކައިލަން ބުމަކާރިކޮށްލިއެވެ. ޖިޔާން މިފަދަ ގަޑިއެއްގައި މިގެއިން ފެނުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ޖިޔާންއަށްވެސް ވީ އެވަރެވެ. އެކަކު އަނެކަކަށް ބަލަން ތިބެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"މިގޭގައި ކީއްތިކުރަނީ؟ "ދެމީހުންނަށް އެއްފަހަރާހެން އަހާލެވުމާއިއެކު ފާޑަކަށް ހެވުނެވެ.

"ކައި، މިއީ އަހަރެންގެ ގެ......" ޖިޔާން އޮޅުވާލާކަށް ނޫޅުނެވެ.

"މިރޭ މިއައީ މަންމަ ފުރާތީ މިގޭގައި ކޮއްކޮ ދުވަސްކޮޅަކަށް ބަހައްޓަން މަންމަ ބުނެގެން، މަންމަމެން ފްރެންޑްކަމަށްވަނީ، ކުރިއަކުން ނޭގުނު މިއީ ޖިނާގެ ގެ ކަމެއް......" ކައިލަންގެ ހިތް ނުތަނަވަސް ވިޔަސް އޭނަ އެކަމެއް ނުދައްކައެވެ. ޖިޔާންފަދަ ޒުވާނެއްގެ ލޮލުގައި ކޮއްކޮ އަޅައިގެންފިއްޔާ އުދަގޫކަމަކަށްވާނެއެވެ. ނަމަވެސް މަންމަ ފަލަކްނާޒްއާއި ކޮއްކޮ ހަވާލުކުރާނީ ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. މަންމަ ބުނާގޮތުން ޖިޔާން މަގުމަތިވެގެން އުޅުނަސް ރާހިލްއަކީ އެގޭގެ އެންމެންގެ އުއްމީދެވެ. މިސްކުގެ ކާވެނި ހަމަޖައްސާފައިވަނީ ރާހިލްއާއެވެ. ވީއިރު އެކަމާއި އެހާ ބޮޑު ވިސްނުމެއް ވިސްނާކަށް ތަނެއް ނެތެވެ. ޖިޔާންއަށް އޮޅުން އަރާފާނެތީ އެވާހަކަ ބުނެދޭންވީބާވައޭ ހިތަށް އަރާފައިވެސް ކައިލަން ހިމޭންކަން ޚިޔާރުކުރިއެވެ. އެގޭތެރޭގައި އެފަދަ ވާހަކައެއް ދެކެވޭނަމަ ޖިޔާންއަށް އޮންނާނީ އެނގިފައިކަމުގައި އޭނަ ނިންމިއެވެ.

"އިންޓެރެސްޓިން ދޯ، ހިތަކަށް ނާރާ އަނާގެ ޑޮކްޓަރަކީ ތިއީއޭ، ތޭންކްސް އަނާއަށް ހެލްޕްވާތީ......"ޖިޔާން ހީވެސް ނުލައި އެތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ. ކައިލަން އުޅުނީ އަނާގެ އާއިލާ ނޭގިގެންނެވެ. މިހާރު ކައިލަންއަށް ގިނަ ކަންތަކެއް އޮޅުންފިލައިފިއެވެ. މިގޭގައި އަންހެންކުއްޖަކު މަރުވިކަމާއި އަނާ ވާހަކަ ނުދެއްކުމާއި އެކަމާއި ގުޅުމެއްވާނެކަން އެނގިފައިވެއެވެ. ޖިޔާން އަކީ ރަގަޅުމީހެއް ހެއްޔެވެ؟

ކައިލަން ހަފްތާއެއްވާންދެން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެދުވަހުގެފަހުން ސްކެޗެއްހާ މިންވަރު ކުރަހާލަންވެސް އަނާ އިންކާރުކުރިއެވެ. ފަލަކްނާޒް ބުނިގޮތުން މިހަފްތާގައި އިތުރަށް ގޯސްވިއެވެ. ރޭގަނޑު ނިދަން އޮވެފައި ހޭލާއިރު ބިރުން އުޅުމާއި ދާހިއްލުން ފަދަ ކަންތަކުން އޭނަ ކޮންމެވެސް ބިރުވެރިކަމެއް ތަހައްމަލުކުރާކަން އެނގުނެވެ. އެއޮތް ބޮޑުވެފައި ހުންނަ ކުއްޖާވެސް ރޭގަނޑު ނިދަން އޮންނާނީ މަންމަ ކައިރީގައެވެ. ރޭގަނޑުވެއްޖެއްޔާ އަބަދުހެން ހުންނަނީ އޭނަގެ ފަހަތުގައި ހިޔަނިހެން ޖައްސާލާފައެވެ. ވާނުވާއެއް ނޭގެއެވެ. ފަލަކްނާޒް ދެރަވިއެވެ. ވަރަށް ބޮޑަށް މާޔޫސްވިއެވެ. ދަރިފުޅުގެ ހާލު ގޯސްވަމުންގޮސް މޮޔަކުއްޖަކަށް ވެދާނެކަމުގެ ބިރު ހީވާންފެށިއެވެ. އެވާހަކަ ކައިލަން ގާތު ހިއްސާކުރިއިރު ފަލަކްނާޒް އެއޮތް ހިތްވަރުގަދަ އަންހެންމީހާގެ ދެލޯ ފެންކަޅިވިއެވެ. ކައިލަން އެވަރުންވެސް މާޔޫސެއް ނުވިއެވެ. އޭނަ ބުނީ އިރާދަކުރެއްވިއްޔާ ރަގަޅުވާނެކަމުގަޔާއި ކެތްތެރިވުމަށެވެ.

ކައިލަން ފަލަކްނާޒްގާތުން އެގޭގައި އުޅޭ މީހުންގެ މައުލޫމާތު ހޯދިއެވެ. ރާހިލްއާއި ޖިޔާންއާއި އަނާގެ އޮންނަ ގުޅުން އޮޅުންފިލުވިއެވެ. ފަލަކްނާޒް ބުނީ ދެބޭބެވެސް އަނާއަށްޓަކައި ފުރާނައިންވެސް ގުރުބާންވެދާނެ ކަމަށާއި ކޮއްކޮދެކެ ވަރަށް ލޯބިވާކަމުގައެވެ. އަނާގެ ގައިގާ މީހަކު ކިރިޔާ އަތްލިޔަސް އޭނަ ރުޅިއައުމަކީ ކުޑައިރުއްސުރެން އާދައެއްކަމުގައި ބުނެލިއެވެ. އެއީ އިއްޔެއަކު މިއަދަކު ވީކަމެއްނޫނެވެ. އެކަން ކައިލަންއަށް ފާހަގަކުރެވުނުކަން ފަލަކްނާޒްއަށް ޔަގީންވިއެވެ.

ޒާޔަލް މިސްކުގާތުން ކައިވެންޏަށް އެހީ ރައްޓެހިވިތާ ހަތަރުދުވަސް ފަހުންނެވެ. އަތުގައި އަޅުވައިދިން އަނގޮޓީއަކާއިއެކު ކައިވެންޏަށް އެހުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން މިސްކުގެ ލޯ ކަރުނުން ފުރުނެވެ. ޒާޔަލްގެ ދެލޮލުން ފެންނަން ހުރި ލޯބީގެ މަތިވެރިކަން މިސްކުއަށް ކިތަންމެ ރަގަޅަށްވެސް އިޙުސާސްކުރެވުނެވެ. މިސްކު އޭނަގެ މަންމައަށް ގުޅާފައި ކާވެނިކުރަން ބޭނުންކަމުގައި ބުނީ ވަރަށް ޖެހިލުންވެފައި ހުރެއެވެ. މަންމަ މާލެއައުމަށްފަހު ކުރިމަތީގައި އެވާހަކަ ބުނަން އުދަގޫވާނެވަރު ވިސްނުނީއެވެ.

"މިސްކު، އަހަރެން މާލެއަންނަން ދެން އެއްވެސް މީހަކާއި ބައްދަލުކޮށްގެން ނުވާނެ، ތިހާ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އަހަރެމެންގެ ރުހުން އޮތްގޮތެއް މިސްކު އަހަންވާނެއްނު....." ރުޚުސާނާގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުނެވެ. މިސްކުގެ މޫނުގެ ކުލަ އޮއްސިގެންދިޔައެވެ. ލޮލުގައި ކަރުނަ ގިނަވިއެވެ. މަންމަ ޒާޔަލްފަދަ ރަގަޅު ޒުވާނެއްގެ ހުށަހެޅުން ގަބޫލުނުކުރާންވީ ސަބަބެއް މިސްކުއަކަށް ނުވިސްނުނެވެ. މަންމަ ފޯނު ކަނޑާލާނީވެސް ވަރަށް ރުޅިއައިސްފައި ހުރީމައެވެ. ދެރަވިވަރުން ބެލްކަނީގައި ހުރެފައި ދެލޯ ފޮހެލާފައި ތިރިއަށް ބަލައިލީ އެދިމާލުގައިވާ ގަސްތަކުގެ ތެރެއިން މީހަކު ހަރަކާތްކުރިހެން ހީވެފައެވެ. މިސްކު މިގެއަށް އައިފަހުން އަބަދުހެން މީހަކު ފާރަލާކަމުގެ އިހުސާސްކުރެވެއެވެ. މިސްކު ކައިލަންއަށް ގުޅާފައި މުހިއްމު ކަމަކު މިވަގުތު ބައްދަލުކޮށްލަން ބޭނުންވާ ކަމުގައި ބުނިއިރުވެސް އެއަޑުގައި ކަރުނައިގެ އަސަރުވިއެވެ.

މިސްކު ކޮޓަރިއަށްވަންގޮތަށް ކުޑަދޮރުގައިވާ ފަރުދާތައް ދަމާލައިފިއެވެ. ޓީޝާޓަކާއި ޖިންސެއްލައިގެން ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު އޭނަ ތިރިއަށް އައިއިރު އަނާގެ ބޭބެއަކު ޓީވީބަލަން އިންހެން ހީވިއެވެ. މިސްކު އެކަމަކަށް ފަރުވާލެއްނެތި ބާރަކަށް ހިނގާލާފައިގޮސް ގޭޓާއި އަރާހަމަވީއިރު ކައިލަންއަށްވެސް އާދެވުނީއެވެ. މިސްކު ކައިލަންގެ އަތުގައި ހިފާފައި އަނދިރިކޮށް އޮތް ގަސްތަކާއި ހަމަޔަށް ދިޔައެވެ.

"ދޮންބެ، ވަރަށް ނާވަސްވެފައި މިހިރީ، ހަމަ ޕެނިކް އެޓޭކެއް ނުޖެހުނީ ކިރިޔާ، ޕްލީޒް ދޮންބެ މަންމައަށް ކޮންވިންސްކުރުވަދީބަލަ...." މިސްކު ހީވީ ހަމަ ރޮއިގެންފާނެހެންނެވެ.

"ކޮންކަމަކާތަ؟ ކިހިނެއްވީތަ؟ އިހަށް ހަމަޖެހިލައިގެން ވާހަކަ ދައްކަބަލަ....."ކައިލަން އަށް މިސްކުގެ އަތްތިލައިގެ ފިނިކަން ފާހަގަވިއެވެ.

"ދޮންބެ، ޕްރޮމިސްކޮށްބަލަ ރުޅިނާންނާނެ ކަމަށް..." މިސްކުގެ ހިތް ނިކަން އަވަހެވެ.

"އެއެއް އެނގޭނީ ވެގެން އުޅޭގޮތެއް ބުނީމައެއްނު...." ކައިލަން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

"ދޮންބެ، ޒާޔަލް މެރީކުރަން ޕްރޮޕޯސްކުރީ، މަންމަ ގާތުގައި ބުނީމަ މަންމަ ވަރަށް ނުރުހުނުހެން ހީވި، ދޮންބެ، އަހަރެން ކޮންމެހެންވެސް ބޭނުން ޒާޔަލްއާއިއެކު ލައިފެއް ފަށަން، ނައު އައިމް ޓްވެންޓީވަން، ރައްޓެހިގެން ގިނަދުވަސްކުރާކަށް ޒާޔަލްވެސް ބޭނުމެއްނުވޭ......" މިސްކުގެ ވާހަކަ ހުރިގޮތުން އެދެކުދިންގެ ދެމެދުގައި އޮތް ލޯބި ކައިލަން ދެނެގަތެވެ. ޒާޔަލް މިފަހަކަށް އައިސް ވަރަށް ބަދަލުވެއްޖެކަން އޭނަ ދަނެއެވެ. މާ ގެންގުޅޭތަން ފެނެއެވެ. ކުދިކުދި ހަދިޔާތައް އެކޮޓަރިން ފެނުމާއި މާގިނައިރުވާންދެން ފޯނުން މެސެޖްކުރަން އިނދެ ހިނިތުންވެލާ ގޮތުން އެމީހަކީ ކިހާވަރެއްގެ ޚާއްސަ މީހެއްކަން އެނގެއެވެ. އެކަމަކު އެއީ ކައިލަންގެ ކޮއްކޮއަށް ވެދާނެކަމަކަށް އޭނަގެ ހިތަކަށް ނާރައެވެ.

"މިކީ، ކޮއްކޮގެ ހޮވުން ވަރަށް ފުރިހަމަ، ރާއްޖެތެރޭގެ ކުއްޖަކަށްވިޔަސް ޒިޔާ ވަރަށް ރަގަޅުވާނެ، އެހާ ކައިންޑް، ވެދާނެ މަންމަ ވޯކްޝޮޕްގައި ބިޒީކޮށް އުޅުނީމަ މޫޑީ ޖަވާބެއްދިނީކަމަށް، ޑޯންޓް ވޮރީ، އައި ކެން ކޮންވިންސް މަމް...." ކައިލަންގެ ވާހަކަތަކުން މިސްކުއަށް ހިތްވަރެއް ލިބުނެވެ. މިސްކު ކޮޓަރިއަށްވަންއިރު އަނާ ހުރީ ކޮޓަރީގައި ލެވެންޑަރ އުއްބައްތިތަކެއް ދިއްލާލައިގެންނެވެ. އަނާއަކީ އުއްބައްތިތަކާއިގެން ވަރަށް ވަރު ހުންނަކުއްޖެކެވެ. ކޮޓަރި ރީތިކުރަން އޭނަ އަބަދުވެސް ޚާއްސަ ސަމާލުކަމެއްދެއެވެ. ލެވެންޑަރކުލަ އަނާއަށް މާރީތި ކުލައަކީއެވެ. ކޮޓަރީގެ ފާރުތަކާއި އެނދު އަދި ދޮރުގެ ފަރުދާތައްވަނީ އެކުލައިންނެވެ. ކޮޓަރީގައި ހިފާފައިވާ ލުއި މީރުވަހުން މިސްކުގެ ހިތްފުރުނެވެ. އަނާ ވާހަކަ ނުދެއްކި ކަމުގައިވިޔަސް މިސްކު ނިކަން އަނގަތަޅައެވެ. ހުރިހާ ވާހަކަތަކެއް ކިޔާދެއެވެ. މިސްކު ޒާޔަލްއާއި ކައިވެނިކުރަން އުޅޭކަން އެނގުމުން އަނާ ހިނިތުންވެލާފައި މިސްކުގެ ގައިގާ ބައްދާލިގޮތުން އޭނަ ހުރީ އުފާވެފައިކަން މިސްކު ދެނެގަތެވެ.

އަނާ ރީދޫކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖިންސެއް ލައިގެން އިސްތަށިގަނޑު އައްސާލައިގެން ހުރިއިރު އެރީތި މޫނު ފެންނަލެއް ވަރަށް ފުރިހަމައެވެ. ލޯގަނޑުކައިރީގައި ހުރެގެން ކުޑަކޮށް މޭކަޕްކޮށްލާ ރީތިވެގެން އިރުއިރުކޮޅާ އެ ދޮން އަތުކުރީގައިވާ ގަޑިއަށް ބަލައިލެވެނީ އެންމެ މީހެއްގެ އިންތިޒާރުގައެވެ. ކައިލަން ޤަވާއިދުން ކޮންމެ ދުވަހަކު ފަހެއް ޖަހާއިރަށް އެގެއަށް އަންނާތީ އެއީ އަނާ ދުވާލުން އެންމެ އިންތިޒާރުކުރާ ގަޑިއެވެ. އެގަޑިއަށްޓަކާއި އޭނަ މާ ކުރީއްސުރެން ތައްޔާރުވާންފަށައެވެ. އެންމެފަހުން ލޯޝަން ލައިގެން މީރުވަސް ދުވާސެންޓެއް ޖަހައިލިއެވެ.

"އައިމް ރެޑީ މިސްޓަރ ޕާފެކްޓް...." އަނާ ހިތާހިތުން ކިޔައިލިއެވެ.

"ހާދަ ރީއްޗޭ މިއަދު، އަބަދުވެސް ރީތިކުއްޖެއް މިއަދު ވަކިން ރީތިކަމަށް ދައްކާ......" މިސްކު ކުޑަދޮރުމަތީ ފޯނެއްގައި އިނދެލާފައި ފައިބައިގެން އައެވެ. މިސްކު ކާރިއަށް ޖެހިލާފައި ސެލްފީއެއް ނެގިއެވެ. އޭރުވެސް މިސްކުއަށް ނޭގުނު ކަމަކީ އަނާގެ ހިތުގައި ކައިލަންއަށް ދެވިފައިވާ މަޤާމެވެ. އަނާގެ ހިތުގައި ކައިލަންގެ ލޯބީގެ ހުޅުކޮޅު ބޮޑުވެ އަނާގެ ދުނިޔެއަކީ އެއީ ކަމުގައި ވާންފެށިކަމެވެ. އަނާ އަބަދުވެސް ރީތިވެލައިގެން ހުންނާތީ ހަވީރުގަޑިއަށް މޭކަޕްކޮށްލީމަވެސް މިސްކުގެ ލޮލުގައި އަޅައި ނުގަތެވެ. އަނާ ތިރިއަށް ދިޔައިރު އާދައިގެ މަތިން ކައިލަން އިންތިޒާރުގައި އިންތަން ފެނުނެވެ. ގޭގެ އެއްފަރާތުގައިވާ ހިޔާދޭބޮޑު ގަހެއްގެ ގޮފިތައް ލެނބިލައިގެން އައިސްފައިވާއިރު އެތަން ފެންނަލެއް އެހާ ހިތްފަސޭހައެވެ. މިއީ އަނާ ދެކޭގޮތުގައި އޭނަގެ ލޯބީގެ ޚާއްސަ މަކާނެވެ. ހަވީރު ފިނީގައި މިއަދު އެތަން މާ ހިތްގައިމެވެ. ވައިރޯޅިތައް ޖެހޭއިރު ކައިލަންގެ އިސްތަށިގަނޑު ވިހުރެވޭގޮތާއި ލައިގެން ހުރި ގަމީހުގެ އަތް އޮޅާލާފައިވުމުން އެފިރިހެންވަންތަ އަތްފެންނަލެއް ރީތިކަމުން އަނާ ސިއްރުން ބެލިއެވެ. އޭނަ އެންމެ ދެކޭހިތްވަނީ ކައިލަން ވާހަކަދައްކާއިރު ކޮލަށް އަޑިކޮޅު އެޅޭގޮތެވެ. އަޑިނޭގޭ ފުންދެލޮލަށް އުމުރަށް ބަލަން އިނދެވޭނެނަމައެވެ.

"މިއަދު ކޮންމެވެސް ކުޅިވަރެއް ކުޅެލާނީ ދޯ......" ކައިލަން ދިހަވަރަކަށް މިނިޓަށް ވާހަކަދެއްކިއިރުވެސް އަނާ ގަހުގެ ފަތަކާއި ކުޅެލަން އިންތަން ފެނިފައި ކައިލަން ހުށަހެޅިއެވެ. އަނާ މަޑުމައިތިރިކަމާއިއެކު ތެދުވެގެން ދާން ހިނގައިގަތީ ކުޑަކޮށް ފަހަތަށް އެނބުރިބަލާލައިފައެވެ. ކައިލަން އަނާގެ ފަހަތުން ދިޔައެވެ. އަނާވަނީ ތިރީބައިގާ ހުރި ކޮޓަރިއަކަށެވެ. އެތަނުގައި ދިގު ކުޑަދޮރުތައް ބައިވަރު ހުރިއިރު ބޭރު ފެންނަން އޮތެވެ. ކޮޓަރީގެ މެދުގައި ހުރީ ޕޫލްކުޅޭ މޭޒެކެވެ.

"ވާއު، އަނާއަށް ބިލިއާޑް ކުޅެން އެނގޭތަ؟ އައި ލަވް ދިސް ގޭމް....." ކައިލަން ކުޅެންފެށިއެވެ. އަނާއާއި ކައިލަން ކުޅެންތިބިއިރު ކައިލަން އެކިގޮތްގޮތުން ވާހަކަދައްކަން މަސައްކަތްކުރުވިއެވެ. އެވަރުންވެސް އަނާގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުވާގޮތެއްނުވިއެވެ. އެންމެފަހުން އަނާ ހުއްޓާލިގޮތަށް ކައިލަންއާއެކު މަތީބަޔަށް ދިޔައެވެ. ދިގުކޮރިޑޯގެ އެންމެ ކޮޅުގައިވާ ތަނަށް ނުކުތްއިރު ޕިޔާނޯއެއް ފެނިފައި ކައިލަން އޭގައި ރާގެއް އަޅުވާލުމުން ހީވީ އަނާގެ ހިތުގައި ބީހިލިހެންނެވެ.

"ވީއިރު ކައިއަށް އެނގޭ ޕިއާނޯ ކުޅެން، އަހަރެން ހިތްއެދޭހުރިހާ ސިފައެއް ކައިގެ އެބަހުރި، ހިތުން އެންމެ ފަހަރަކުވެސް ކައިގެ ސޫރަ ފިލައިގެން ނުދޭ، އަހަންނަށް މިވަނީ ކިހިނެއްބާ، ކޮންމެވެސް ގޮތެއް ވެއްޖެކަން އެނގޭ، އަބަދާއަބަދު ހިތްއެދެނީ ކައި ކުރިމަތީގައި ހުންނަން، ސިކުންތުކޮޅަކަށް ގެއްލެންވެސް މިހިތް ބޭނުމެއްނުވޭ، ދުވާލު އެންމެ އުފާވެ ހިތަށް ހަމަޖެހުން ލިބޭގަޑިއަކީ ކައި އަހަންނާއިއެކު ވާ މިވަގުތުކޮޅު، ބާކީ ތޭވީސްގަޑިއިރު އަހަރެން ޖެހެނީ އިންތިޒާރުކުރަން....." އަނާ ހިތާހިތުން ވާހަކަދެއްކިއިރު ކައިލަންގެ މޫނަށް ބެލިއެވެ. ކައިލަން ފޯނާއި ކުޅެން ތަންކޮޅެއް ދުރުގައި ހުރިއިރު އަނާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ކައިލަންގެ ލޯބިވެރިޔެއެއް ހުރޭބާވައެވެ. ސިއްރުން މީހަކާއި އިނދެގެން ނޫންކަމެއްވެސް ނޭގެއެވެ. މިހާ ރީތިކުއްޖެއްގެ ހިތް ހުހަކަށް ނުވާނެއެވެ.

ކައިލަން ފޯނެއްގައި ހުރެފައި އައިއިރު އަނާ ހުރީ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލާށެވެ. އެދިމާލުން ފެންނަން އޮތީ ފެހިކުލައިގެ ވިނަގަނޑެކެވެ. ރަތްމާތަކެއް ފޮޅިފައިވާ ގަސްތަކަކާއި ޕޮޓްތަކުގައި އިންދާފައިވާ ގަސްތަކެއްވެސް ފެންނަން ހުއްޓެވެ.

"އެނގޭތަ؟ ކަމަކާ ދެރަވިޔަސް ހެލްޕްލެސް ވިޔަސް އެންމެ ފަރާތެއް ވާކަމާއި ދުޢާކުރުމަކީ އެންމެ ބާރުގަދަ ހަތިޔާރު، ދެރަނުވޭ، ހެއްދެވިފަރާތާއި ޓޯކް ކުރަން ކޮންމެދުވަހަކު ލިބޭ ވަގުތުތަކުގައި އެފަރާތަށް ދަންނަވާ، ދެރަގޮތެއް ނުވާނެ، އަހަންނަށް އެނގޭ މިއަދު އަނާ ބުނަން ބޭނުންވިކަމުގައި ވިޔަސް ހަމަ ވާހަކަ ނުދެއްކެނީކަން، އެންމެން ކިޔާނެ ދޯ ލިޔެގެންވެސް އަނާއަށް ޓޯކް ކުރެވިދާނެއޭ، އެނގޭތަ؟ އަހަރެން ގަބޫލުކުރަނީ ހަމަ އެކަނި އަނާގެ ވާހަކަ، އަނާއަށް ކޮމިއުނިކޭޓް ނުކުރެވޭތީ ވާހަކަ ނުދައްކަނީ، އައި ބިލީވް އިން ޔޫ........ "ކައިލަންގެ ވާހަކަތަކުން އަނާއަށް އޭގެ އަސަރުކުރިއެވެ. ކައިލަން ހާދަ ރަގަޅެވެ. އެހުންނަ އޯގާތެރި ހިނިތުންވުމަކުންވެސް އަނާގެ ހިތް ހަލާކުވާވަރުވެއެވެ. އަނާގެ ހިތުގައި ވާ ޖަޒުބާތުތަކުގެ މައްޗަށް ބާރު ނުފޯރާހެން ހީވާން ފެށިއެވެ.

ކައިލަން ފެށި ވާހަކައަކުން އޭނަގެ ހަނދާނުގެ ކޮންމެވެސް ހިސާބެއްގައި މާޒީ ކޮށްޓާލައިފިއެވެ. ހަދާނުން ބޭރުކުރަން ބޭނުންވިކަމެއް ލޮލުގެ ކުރިމަތީގައި ފިޔަޖަހައިލިހެން ހީވިއެވެ. އަނާ ކުއްލިއަކަށް ބޮލުގައި ދެއަތުން ހިފަހައްޓާލި ގޮތަށް އަނާ އެނބުރިލިއިރު އެމޫނުވަނީ ދަލުން ފެންވެރިފައެވެ. ހީވީ އަނބުރައިގެންފާނެ ހެންނެވެ. ކައިލަން އަނާގެ ގައިގާ ހިފަހައްޓަން އެއްފިޔަވަޅު ކުރިއަށް އެޅިގޮތަށް އަނާ އަތުނުވާން ދުއްވައިގަތުމުން ޕޫލްމޭޒުގައި އަޅައިގަތެވެ. އެވަގުތަކީ ޖިޔާން ދޮރުމައްޗަށް އެރިވަގުތެވެ. ޖިޔާންގެ ލޮލުން އަލިފާންކަނި ބުރާލާނެހެން ހީވިއެވެ.

"ކައިލަން، ކީއްކުރީތަ؟ އަނާއަށް ކިހިނެއްހަދަން އުޅުނީ؟ " ޖިޔާން އައިގޮތަށް ކައިލަންގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިއެވެ. ޖިޔާންގެ ފަހަތުން ކަހަލަ ގޮތަކަށް ފަލަކްނާޒްވެސް އެތަނަށް ވަނެވެ. ފަލަކްނާޒްއަށް އެމަންޒަރު ފެނިފައި ޖިޔާންއޭ ކިޔާފައި މާ ބާރަކަށް ގޮވައިލިއެވެ. ޖިޔާން ވަގުތުން ކައިލަންގެ ގަމީހުން ދޫކޮށްލުމުން ކައިލަން ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.

"ޖިނާ އަބަދުވެސް ކޮންމެވެސް ވައިލެންޓްކަމެއްގައި، ހިތަށް އަރާ އިރަށް މީހެއްގެ ގަޔަށް އަތްލާން ޖެހޭތަ؟ ކިތައްފަހަރު ފުލުހުން ހައްޔަރުކުރާނީ؟ ޖިނާ ނިކަން ތި ރުޅިމަޑުކޮށްގެން އުޅެން ދަސްކޮށްބަލަ......." ފަލަކްނާޒްގެ މޫނުވަނީ ރަތްވެފައެވެ.

"އަހަރެން އައިއިރު ފެނުނު މަންޒަރަކުން އުދަގޫވީ، އަނާ އެގޮތަށް ބިރުން ނުދުވާނެ ކަމެއްނުވަންޏާ....." ޖިޔާން އަމިއްލަ ދިފާއުގައި ވާހަކަދެއްކިއިރު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިއްޖެއެވެ. ނަމަވެސް އޭނަ ހުރީ ބުމަ ގޮށްޖަހާލައިގެންނެވެ.

"ބަލަ އަނާގެ ޑޮކްޓަރޭ މިއީ، އަނާ ބިރުގަންނަވައިގެންވެސް އޭނައަށް ރަގަޅުކުރާކަށްނު ޑޮކްޓަރ މަސައްކަތްކުރާނީ، އެދޭތެރެއަށްވަދެ އަހަރެމެން ބެހިގެން އުޅެންޏާ އެކުއްޖާ އަބަދަށްޓަކައި މަންމަންވެދާނެ، އެއީތަ ޖިޔާންމެން ބޭނުންވާގޮތް، އަހަންނަށް އުދަގޫވޭ އަނާ އެހެން ހުންނާތީ، އަނާއަށް އުދަގުލެއްވިޔަސް ކަމެއް ދިމާވިޔަސް އަނގައިން ނުބުނާތާގައި ލިޔެފައި ނޫނީ އިޝާރާތުންވެސް ކޮމިއުނިކޭޓް ކުރާކަށް އަނާ ނޫޅޭ، އެހެންވީމަ ކަންތައްތަކާ އިންޓްރަޕްޓް ނުކޮށްބަލަ ދަރިފުޅާ...." ފަހު ޖުމްލައިން ފަލަކްނާޒް ތަންކޮޅެއް މައިތިރިވެލާފައި ލޯބިން ޖިޔާންއަށް ބުނެލިއެވެ.

"މަންމަ ތިބުނީ ޑޮކްޓަރ ޓްރީޓްކުރަންށޭ ކިޔާފައި އަނާ ރޭޕްކޮށްލިޔަސް އަހަރެމެން ވީ ހިމޭނުން ތިބޭށޭ؟ ޑޮކްޓަރު ބޭނުންހާކަމެއް ކޮށްލަން ހަމަ ދޫކޮށްލަންވީ؟ " ޖިޔާން ފާޑަކަށް އަހާލައިފިއެވެ. ފަލަކްނާޒްގެ މޫނުރަތްވިއެވެ. ޖިޔާން މިފަހަކަށް އައިސް ލަދުކުޑަކަމުން އޭނަގެ އާއިލާ އެންމެން ތިއްބަސް ކޮންމެފަދަ އެއްޗެއް ކިޔަންވެސް ފަހެއްނުޖެހެއެވެ.

"އަހަރެން ކައިލަންއަށް ޓްރަސްޓް ކުރަން....."ފަލަކްނާޒް ޔަގީންކަމާއިއެކު ބުނެލިއެވެ.

"އަމިއްލަ ދަރިއަށްވެސް ޓްރަސްޓް ކުރާކަށް ނުވާނެ، މަންމާ، އިބުލީހުގެ މޫނުމަތީގައިވެސް އިބުލީސް ޖަހާފައި ނޯވޭ، އައި މީން އަހަންނަށް އިބުލީސް ނުފެނުނަސް އެވަރު އެނގޭ....." ޖިޔާން ބިލިއާޑް ކުޅޭ ދަނޑިން ބޯޅަތަކުގައި ޖަހާ ބުރުއްސާލައިފިއެވެ. އަދި ކައިލަންގެ މޫނަށް ބަލައިލީ ޝައްކުން ފުރިފައިވާގޮތަކަށެވެ. ހަގީގަތުގައި އޭނަ ކައިލަންއަށްވެސް އިތުބާރެއް ނުކުރެއެވެ. ޒާޔަލްގެ ކޮޓަރިން އެއްޗެހިތަކެއް ގެއްލުމުން އޭނަ ޝައްކުކުރީ ކައިލަންއަށެވެ. ފިރިހެނަކު އެހާ މައުސޫމެއް ނުވާނެއެވެ. ހިތެއްވެސް ނުފުރޭނެއެވެ. އަންބަކު ހުއްޓަސް ލޯބިވެރިޔަކު ހުއްޓަސް އަނާފަދަ ރީތިކުއްޖަކާއި އެކަހެރިވާއިރަށް ޝައިތާނާ އިންނާނީ ބޮލަށް ސަވާރުވެއެވެ. މަންމަމެން އެއުޅެނީ އަނާގެ އެބަލި އިތުރަށް ނުބައިކުރުވަން ވެގެންނެވެ. އަންހެން ޑޮކްޓަރެއް ނެތީހެއްޔެވެ؟ ޒުވާން ފިރިހެނަކާއި އަނާ އެކަނި ކޮޓަރިއަށްލާފައި މަންމަ އަޅާނުލާ ހުންނަތަން ފެނުމުން ޖިޔާން ރުޅިއާދެއެވެ. ނުވީތާކަށް މިގެއަށް އެހެން އަންހެންކުއްޖަކު ގެނެސްފިއެވެ. އެއޮމާން ހަށިގަނޑުގެ ރީތިކަން ދައްކަމުން އެއްވެސް ވިސްނުމެއްނެތި އެކުއްޖާ އެތަން މިތަނުގައި އުޅޭއިރު އެކަމާއިވެސް މަންމަ ނުވިސްނައެވެ.

ފަލަކްނާޒް އޭނަގެ ދަރިންނާއި އެކަމާއި ބެހޭގޮތުން އިތުރު ވާހަކަދައްކާކަށް ގަސްތެއް ނުކުރެއެވެ. ކައިލަންގެ މުލައްދަނޑީގައި ހިފެހެއްޓިގޮތަށް އެ ފުޅާ ކޮރިޑޯއިން ދިޔައިރު ފަލަކްނާޒް ދެއްކީ ޖިޔާންގެ ގޮތްދޫނުކުރުމާއި ރުޅިގަދަކަމުގެ ވާހަކައެވެ. ރާހިލްގެ ބަސްއަހާވަރާއި ރަގަޅުކަމުގެ ވާހަކައެވެ. އެދެމީހުންގެ މިޒާޖާއި ސިފަ އުޑާއި ބިމާހާ ތަފާތަސް ދެބެންގެ އަޑު މުޅިން އެއްގޮތެވެ. ހީވަނީ އެކަކު ވާހަކަ ދައްކާހެންނެވެ. ކައިލަންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

ކައިލަން އާއި ފަލަކްނާޒް ސިޑިން ތިރިއަށް ދިޔައިރު ކޮންމެވެސް މީހަކު ޕިއާނޯގައި ނިކަން ރީތި ރާގެއް އަޅުވާލި އަޑުއިވުނެވެ. ގައިން ހީބިހި ހަލުވާހާ އަސަރުގަދަ ރާގެކެވެ. އެއާއިއެކު މަޣުރިބަށް ބަންގިދޭން ފެށުމުން އެ އަޑުވެސް ކެނޑުނެވެ. މަތީބައިގެ ކޮންމެ ފަރާތެއްގައި ދެކޮޓަރިވެއެވެ. ކޮންމެ ކޮޓަރިއެއް ހަދާފައިވާ ގޮތުން ބޮޑުވެފައި ތަނަވަސްވާނެކަން އެނގެއެވެ. ފަލަކްނާޒް ބުނީ ރާހިލް، ޖިޔާން އަދި އަނާގެ ކޮޓަރިކަމުގައެވެ. އެންމެ ކޮޅުގައިހުރީ ކާކުގެ ކޮޓަރިއެއްކަމުގައި ނުބުންޏެވެ. އެއީ މިގެއިން މަރުވިކުއްޖާގެ ކޮޓަރިކަމުގައި ކައިލަން ނިންމިއެވެ.

އަނާއާއި ނަމާދުކުރަން މުސައްލާ އަޅައިގެން އިންތަން ފެނިފައި މިސްކު އަނާގެ މޫނަށް ބަލައިލިއެވެ. އަނާ ވަރަށް ރޮއިފަ ހުރިކަމަށް ދުޅަވެފައިވާ ދެލޯ ހެކިދެއެވެ. މުށިކުލައިގެ އެރީތި ދެލޮލުގެ ހުދުކަޅިވެސް ކުޑަކޮށް ރަތްވެފައިވެއެވެ. އަނާގެ ދޮންދޮން ފައިތިލައަށް ކޮޓަން އިސްޓާކީނު ލައްވަން އިންއިރު އިސްޖަހާލައިގެން އިނެވެ. އަނާ ރޮނީ ކޮންކަމަކާ ހެއްޔެވެ؟ ސުވާލުކުރިޔަސް ޖަވާބެއް ނުލިބޭނެކަން މިސްކުއަށް އެނގުނެވެ. އަނާއަށްޓަކައި މިސްކުގެ ހިތް ފުރި ބަންޑުންވިއެވެ. އަނާ ކިހާ ދެރަވާނެހެއްޔެވެ؟ އަނގައިން ނުބުނެވުމަކީ ވަރަށް ބޮޑު އަޒާބެކެވެ. ބައެއްކުދިން އަނާ ގަސްތުގައި ވާހަކަ ނުދައްކަނީއޭ ބުނެ ކުށްވެރިކުރި ކަމުގައިވިޔަސް އޭނަ އެކަމާއި މުޅިން ދެކޮޅެވެ.

މިސްކު ސިޑިން ތިރިއަށް އަންނަނިކޮށް ދުވެލާފައި އައި ޖިޔާންގެ ގައިގާ ނުޖެހުނީ ކިރިޔާއެވެ. ޖިޔާން ހީވީ އަންހެންކުއްޖެއްގެ ގައިގާ އަތްނުލާން ހުވާކޮށްގެން ހުރި މީހެއް ހެންނެވެ. ވަގުތުން އެއްފަރާތްވެލިއެވެ. ކަޅިއަޅައިލިހެން ހީވެފައި މިސްކު ލަދުގަންނަގޮތްވިއެވެ. ޖިޔާންގެ ރީތިކަން އޭނައަށް ފާހަގަކުރެވުނީ އެ ބަލައިލި ކަތި ނަޒަރުންނެވެ. އެމޫނުގައިވަނީ ބުނެދޭން ނޭގޭފަދަ ހިތްގައިމު ގޮތެކެވެ. މީހަކާއި އިންނަން އުޅޭއިރު އެހެން ފިރިހެނެއްގެ ރީތިކަމާއިމެދު ވިސްނާކަށް ނުވާނެއެވެ. އޭނައާއި ދޭތެރޭގައި އެގޮތަށް ކަންތައްކުރިއޭ ކިޔާފައި އެކަމާއި ދެރަވާކަށް ނުވާނެއެވެ. އެއީ ކުށެކެވެ.

"ސޮރީ...." މިސްކު މާފަށް އެދުނެވެ. ޖިންސްގެ ޖީބަށް އަތް ޖަހައިލަމުން ޖިޔާން އެނބުރުނުއިރު މަތީބައިގެ ކޮރިޑޯގައި ބޮކިނުދިއްލާވާތީ އަނދިރީގެ ތެރެއިން ފެނުނުލެއް ވަކިން ރީތިހެން ހީވިއެވެ. ޖިޔާންގެ ދެވަނަ ނަޒަރުންވެސް މިސްކުގެ ހިތަށް ފިނިވިއެވެ. ވަށައިގެންވި މާހައުލާއި ވައިވެސް މާ ބޮޑަށް ފިނިވެ ހީކަރުވަންފެށުމުން މިސްކު އަވަހަށް ދުވެލާފައިގޮސް ސޯފާއަކަށް އަރާ ކުރުގެޅިލިއެވެ. އޭނަ ތިރިއަށް އައި ބޭނުންވެސް އެވަގުތުކޮޅު ހަނދާންނެތިއްޖެއެވެ. އޭނަގެ ވިސްނުމާއި ޖިޔާން ކުޅެލީ ކހެއްޔެވެ؟ އެއީ އާދަމުގެ ދަރިއެއް ހެއްޔެވެ؟ ނޫނީ މިގޭގައި އެހެން އެއްޗެއް އުޅެނީހެއްޔެވެ؟ ދައްތަ އަބަދުހެން ސިހުރުގެ ވާހަކަ ދައްކާތީ އޭނަގެ ހިތް ބިރުގެންފައިވުމުގެ ސަބަބުން ކުށްހީތައް ކުރެވެނީކަމަށް ވެދާނެއެވެ. މިސްކު ކުޝަން އުނގުގައި ބާއްވައިގެން އިނދެ ދެލޯމަރާލަމުން ފުންނޭވާތަކެއްލާން ފެށިއެވެ.

ކައިލަންއާއި ޒާޔަލް އެޕާޓްމެންޓްގެ ސިޓިންރޫމްގައި މެޗެއް ބަލަންތިބިއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތެވެ. ވަރަށް ފޯރިއާއިއެކު މެޗްބަލަނިކޮށް އެތަނަށް ވަދެ ޖިޔާން ބުނެލި އެއްޗަކުން ދެމީހުންގެ ތަބީއަތު ވަގުތުން ޚަރާބުވިއެވެ. ޖިޔާން ހީވަނީ މިހާރު އެދެމީހުންނާއި ޖައްސާލައިގެން އުޅޭ މީހެއްހެންނެވެ. އެމީހުންދެކެ އެހާ ރުޅިއަންނަންވީ ކޮންކަމަކާ ހެއްޔެވެ؟

ކޮމެންޓް 0