އެވަގުތު އަނެއްކާވެސް ކުޑަދޮރުގެ ބިއްލޫރިއަށް ވިދުވަރުގެ ހުދުއަލި އެޅިގެން ދިޔުމުން އަނާ ކަންފަތުގައި އަތްއެޅިއެވެ. ކައިލަން މާޒީ ހަނދާންވިއެވެ. އޭނަވެސް ކުޑައިރު އެގޮތަށް ކަންފަތްމަތީގައި އަތް ނޫނީ ބާލީސްއެޅިއެވެ. އޭރު އޭނަ ހާދަ ފިނޑިއެވެ. އަންހެންކުއްޖެކޭ ތަފާތެއް ނެތެވެ. އަނާގެ ލޮލުގައި ކަރުނަ ގިނަވެގަތުމުން އަވަހަށް އިށީންގޮތަށް އިސްޖަހައިލިއެވެ.
"ލުކް އަނާ، އިޓްސް އޯކޭ ބިރުގަތަސް، އިޓްސް އޯކޭ ރޮވުނަސް، އަހަރެންވެސް ކުޑައިރު ވަރަށް ބިރުގަނޭ، ބިރުނުގަނެ ކަންތަކާއި ކުރިމަތިލާން ދަސްކުރެވޭނެ ޓްރައިކުރީމަ، އިންސާނުން އެހާ ޕާފެކްޓެއްނުވާނެ، އަދި އެންމެންވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެ، ކީކޭ އަނާ ބުނަނީ؟ ސޯ ދެރަވާކަމެއް ނޫނީ ބިރުގަންނަ ކަމެއް ވެފައިވާނަމަ ވާހަކަދައްކާލަން ވާނެ، ސިއްރުކޮށްގެން ހުރީމަ ހައްތަހާ ސިކުނޑިއަށް ބާރުކުރާނީ، މީހަކާއި ވާހަކަދެއްކީމަ ހިތުގައިވާހާ އެއްޗެއް ނެރެވިދާނެ، އޭރުން ސިކުނޑިއަށް ލުއިވާނެ، އަނާ ބޭނުންތަ ވާހަކަ ދައްކާލަން، އަނާ ވާހަކަދައްކަން ބޭނުން ނުވަންޏާ ހެޔޮ މީގައި ލިޔުނަސް....." ކައިލަން އެހާވަރަށް ވާހަކަ ދެއްކުމުންވެސް އަނާ ގެ ފަރާތުން އިޝާރާތެއްނުވިއެވެ. ބަލައިލާކަށްވެސް ބޭނުމެއް ނުވިއެވެ. އަތުގެ ނިޔަފަތިތަކާއި ކުޅެން އިންއިރު އެތާ ކައިލަން ހުރިކަން އެނގޭހެނެއް ހިޔެއްނުވެއެވެ. އަނާގެ ނިޔަފަތްތަކުގައި ކަޅުކުލަ ޖައްސާލާފައިވާއިރު އެއަތްތިލަ ފެންނަލެއް ވަރަށް ފުރިހަމައެވެ. ސްޓައިލިޝް ކުއްޖަކާ ވައްތަރެވެ.
"އަނާގެ އުމުރު ކިހާވަރެއް؟ އެއިޓީންތަ؟ އެޓްލީސްޓް ބުމަ އަރުވާލިޔަސް ހެވޭ....." ކައިލަން ސުވާލުކުރުމުން އަނާ ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވާލާފައި އަދިވެސް ބޮޑަށް އިސްޖަހައިލީއެވެ. އެވަރުންވެސް ކައިލަން ކެތްތެރިވިއެވެ. އުދަގޫ ކޭސްއެކެވެ. ކައިލަން އަނާގެ ފައިލް ހުޅުވާލާފައި ބަލައިލުމުން އަދި އެއްމަސްފަހުން އެކާވީސް އަހަރުފުރޭނެކަން އެނގުނެވެ. އޭނައާއި ދެމީހުންގެ ދޭތެރޭގައި މިހިރީ ފަސްވަރަކަށް އަހަރުގެ ތަފާތެވެ. އޭނައަށް ލަފާކުރެވުނީ ރަގަޅަކަށް ނޫނެވެ. އަނާގެ މޫނުގައި ޅަވައްތަރު ޖަހާކަން އެކަނިއެވެ. ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެންމެ ޒުވާން އުމުރުގެ ރީތި ކުއްޖެކެވެ. އަނާގެ އާއިލާ މީހަކާއި ބައްދަލުކުރަންވެސް ކައިލަން ބޭނުންވިއެވެ. އޭރުން އަނާގެ މާޒީއާއި ބެހޭގޮތުން ކޮންމެވެސް އެއްޗެހި ތަކެއް އޮޅުންފިލާފާނެއެވެ.
ކައިލަން ގަޑިއެއްހާއިރު އަނާއަށް ހުސްކޮށްލަދިނެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. ކައިލަން އަނާއަށް އެޕޮއިންޓްމެންޓެއް ދިނީ ހަފްތާގެ ބުދަ ދުވަހަށެވެ. ކައިލަން ދިން އެޕޮއިންޓްމެންޓް ސްލިޕްކޮޅުގައިވަނީ މަންމަ ނޫނީ ބައްޕަ ގޮވައިގެން އަނާ އައުމަށެވެ. އަނާ ބޭރަށް ނުކުތުމުން ފަހަތުން ކައިލަން ނުކުތްއިރު އެކުވެރިޔާވެސް ފެންނާކަށް ނެތެވެ. ކޮންމެވެސް ސިއްރު ކަންތައްގަނޑެއް ހިނގަނީބާވައެވެ. އާއިލާގެ މީހަކު ނައީ ކީއްވެހެއްޔެވެ؟ އަނާގެ އާއިލާއަކީ ކޮބާހެއްޔެވެ؟ ކިޔަވައިގެން ހުރި ފެންވަރަކީ ކޮބާހެއްޔެވެ؟ ކައިލަން ހުރީ އަނާއާއިމެދު ފުދޭވަރަކަށް ޝައުގުވެރިވެފައެވެ. އަނާގެ ވާހަކަ ނުދެއްކުމުގެ ފަހަތުގައި ވާ ސިއްރެއް އޮޅުން ފިލުވާހިތުންނެވެ. ނަމަވެސް އޭނަ ކެތްކުރާން ދަނެއެވެ. ކެތްމަދުކޮށްލާފައި އެއްފަހަރުން ހުރިހާކަމެއް ނުނިންމޭނެކަމަށް ކައިލަން ގަބޫލުކުރެއެވެ.
ކައިލަން ބުދަ ދުވަހަށް ދިގު އިންތިޒާރެއްކުރިއެވެ. ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބުމުގެ އުއްމީދުގައެވެ. ނަމަވެސް ޑިއުޓީ ނިމުނުއިރުވެސް އަނާގެ ޚަބަރެއްނުވިއެވެ. ކައިލަން ނިންމީ އަނާއަށް ދިމާވެފައިވާ މައްސަލަ ހައްލުވީކަމުގައެވެ.
ވިއްސާރައިގެ ސަބަބުން ކައިލަން ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. އިރުއޮއްސުނުއިރު އެޕާޓްމެންޓްގައި ބޮކިދިއްލާލާނެ މީހަކުވެސް ނެތެވެ. ކައިލަން ފެންވަރާލަން ވަދެފައި ހުއްޓާ މާ ބާރަކަށް ދޮރުގައި ތަޅާހެން ހީވެގެން ތުވާލި އޮޅާލައިގެން އައިސް ދޮރުހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ޒާޔަލްއެވެ. ޖިޔާން ރެޑްބުލްއެއް ބޯން ސޯފާގައި އޮތެވެ.
"ކައި، މާދެރަކަމެއްވެއްޖެ، އަހަރެންގެ މުސާރައާއި ބައެއް ސާމާނު ގެއްލިއްޖެ، މަ އަދި ހަނދާންނެތިގެން ވޮލެޓްވެސް ބާއްވާފައި ދިޔައީ، އެވެސް ނެތް......" ޒާޔަލް ދެކޮޅަށް ހިގަންފެށީ ހާސްވެފައި ހުރެއެވެ. ކައިލަން އެޕާޓްމެންޓަށް ވަންއިރު ގެއަށް މީހަކު ވަދެފައިހުރިކަމުގެ އެއްވެސް އަލާމާތެއްނެތެވެ. އޭނަ ވަދެފައި އެޕާޓްމެންޓްގެ ދޮރުތަޅުލިކަމުގެ ޔަގީންކަން އެބައޮތެވެ. ވީއިރު މިއީ ކޮންފަދަ ކަންތައް ގަނޑެއްހެއްޔެވެ؟ ވަގުތުން ބަލައިލެވުނީ ޖިޔާންއަށެވެ. ޖިޔާން ފޯނާއި ކުޅެން އިންއިރު އިންތިހާ މައުސޫމެވެ. އޭނަ އެދުނީ ފުލުހުންނަށް ގުޅުމަށެވެ.
"އާނ އަހަރެން ނުގުޅަންވީ ކީއްވެތަ؟ އެތައް ދުވަހެއްގެ ބުރަ މަސައްކަތް އެއްފަހަރާ އެދިޔައީ، އައިމް ކޯލިން ދަ ޕޮލިސް....." ޒާޔަލް ފޯނުގެ ނަމްބަރުތަކަށް ފިތަންފެށިއެވެ.
"އިހަށް މަޑުކޮށްބަލަ ޒިޔާ......." ޖިޔާން ތެދުވެގެން އައިސް ޒާޔަލް އަތުން ފޯނު އަތުލިއެވެ.
"ވަޓް...." ޒާޔަލް ހުރީ ނުރުހުންވެފައެވެ. ކައިލަން ހުރީ އެއްޗެކޭ ނުބުނަން ކެތްކޮށްލައިގެންނެވެ.
"ކިހާވަރަކަށް ގެއްލުނީ؟ އަހަރެން މިހިރީ ދޭން ތައްޔާރަށް، ޔޫ ކެން ޕޭ މީ ބެކް މުސާރަ ލިބުނު އިރަކުން، ފުލުހުން ގެނައިއްޔާ އެމީހުންނަށް ވަގުން އަތުލެވޭނެ ކަމެއް ނޭގޭ، ހޯދުނަސް ދެދުވަހުން އަނެއްކާ ދޫކޮށްލަން މަޖުބޫރުވޭ، ނޭގޭ ކޮންބަޔެއްގެ ފޯލްޓްކަމެއް، އަހަރެން މިހިރީ ގެއްލުނު އެއްޗެހީގެ ބަދަލުދޭން......." ޖިޔާންގެ ވާހަކައިގެ ސަބަބުން ކައިލަން ހައިރާންވިއެވެ. އޭނަ ވައްކަން ކުރިއްޔާ އެކްޓްކުރުމަށް އެވޯޑެއް ލިބޭހާ ކުޅަދާނައެވެ. މޫނުމަތިން ކުށުގެ އެއްވެސް ނިޝާނެއް ދައްކައިނުލައެވެ. މާ ރަގަޅުމީހަކަށް ވެގެން އެހެރީ ޒާޔަލްއަށް އެހީވާން ތައްޔާރަށެވެ. ޖިޔާން ޒާޔަލްގެ ކޮނޑަށް އަތް އެއްލާލާފައި އޭނަ ރުއްސަން ކޮންމެވެސް އެއްޗެކޭ ކިޔާލާފައި ހީލިއެވެ. ކައިލަން އެތެރެއަށް ވަދެ ދޮރުލައްޕާލިއިރު އޭނަގެ ހިތް ތަންކޮޅެއް އަވަސްވެފައިވެއެވެ. ޖިޔާންއާއިމެދު ޝައްކުކުރުން ރަގަޅުހެއްޔެވެ؟ ޖިޔާންވެސް އެހެރީ ހީވާގޮތުން އޭނަގެ ބޮލުގައި އަޅުވައިގެންނެވެ. އޭނައާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލައިލިގޮތަކުން އޭނަގެ ހިތް ސާފުނޫންކަން ކައިލަން ދެނެގަތެވެ. އެއް އެޕާޓްމެންޓެއްގައި އަންހެންކުދިން އެކީގައި އުޅޭއިރު މައްސަލަތައް ގިނަވާކަން ކައިލަން ވަނީ އަޑުއަހާފައެވެ. ކިތަންމެ އެކުވެރިކޮށް އުޅެމުންވެސް އެކީގައި މާ ގިނަދުވަސްވެއްޖެއްޔާ މައްސަލަތައް ހިލެންފަށާނެއެވެ. ފިރިހެނުން އެކީގައި ތިބޭއިރު މިހެންވާން ޖެހޭނެކަމަށް ކައިލަން ގަބޫލެއް ނުކުރެއެވެ. އިރުކޮޅެއްފަހުން ސިޓިން ރޫމްގައި ތިބެގެން ޒާޔަލްއާއި ޖިޔާން ހޭއަޑު އިވުނެވެ.
ކައިލަން ފަތިހު ތެދުވުނުއިރުވެސް މޫސުން އޮތީ ގޯސްކޮށެވެ. އުޑުމަތި ބަނަވެފައި ވައިޖެހޭލެއް ތަންކޮޅެއް ބާރެވެ. ދޭތެރެއަކުން އަންނަ ކެރިގަނޑުގެ ސަބަބުން ގޭގެ މަތީބައިގާ ތިބޭއިރު ގުގުމާލާފަދަ އަޑެއް އިވެއެވެ. އެވަރުންވެސް ކައިލަން ނަމާދުކޮށްލައިގެން އައިގޮތަށް ގަސްތުކުރީ ފަތަންދާށެވެ. ބީޗް ސޯޓަކާއި ޓީޝާޓެއްލައިގެން ހުރިއިރު އެކަސްރަތީ ރީތި ހަށިގަނޑުވަނީ ހާމަޔަށެވެ. ވައިރޯޅި ޓީޝާޓަށް ގޯނާކުރަމުންދެއެވެ. ގޮނޑުދޮށުގައި ދެ އަންހެންކުދިން ހިނގާލާފައި ދާތަން ފެނުނެވެ. ކައިލަން ހައިރާންވީ އެއީ މިސްކުއާއި އަނާކަން އެނގުނީމައެވެ. މިސްކުއަށް އޭނަގެ ދޮންބެ ފެނުމުން ވަރަށް ހާސްވިކަން އެނގުނެވެ. ވަގުތުން ފިޔަވަޅުތައް ހުއްޓުނެވެ. މިސްކުއާއި އަނާ މިހާ ވިއްސާރައިގާ މިތަނުން ފެނުމުން އޭނަ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މަންމަ އެހާވަރުން ގެއިން ނުކުތަނުދީ ގޭގައި ހިފަހައްޓައިގެން އުޅޭ އަންހެންކުއްޖާވެސް އެހެރީ އެކަނިމާއެކަނި ހުޅުމާލޭގައެވެ.
"މިކީ، އާދެބަލަ......" ކައިލަން ގޮވާލިއެވެ. މިސްކު ކިޔަމަންތެރިކަމާއިއެކު އައިސް ކުރިމަތީގައި ހުއްޓުނުއިރު އެއޮތް ފިނީގައިވެސް ދާހިއްލާލައިފިއެވެ. ވައްކަމެއްގައި ނޫނީ ނުބައި ކަމެއްގައި ހުއްޓާ ފަޅާއެރުމުންވެސް މޫނަށް ވެރިވާނީ އެފަދަ ކުލަވަރެކެވެ.
"މަންމައަށް އެނގިގެންތަ މިރަށަށް އައީ؟" ކައިލަން ސުވާލުކުރިއެވެ.
"އަނާގެ މަންމައާއިއެކު އައީ، މަންމަގެ ފްރެންޑެކޯ އެހެންވެ މަންމަ ހުއްދަދިނީ......" މިސްކު ހީލިއެވެ.
"އެކަނި ހިނގާލަން އައުމަކީ ރަގަޅުކަމެއްނޫން...." ހުޅުމާލޭގައި ކުރިން ދުވަހު ހިނގާފައިވާ ހާދިސާއެއްގެ ސަބަބުން އަންހެންކުދިންނަށް ރައްކާތެރިކަމެއް އޮތްކަމެއް އޭނަ ގަބޫލެއްނުކުރެއެވެ. މިނިވަންކަން އޮންނާންވާނީ ވަކި ހައްދެއްގެ ތެރޭގައެވެ. ކައިލަން ނަޒަރު ހުއްޓާލީ ތަންކޮޅެއް ދުރުގައި ބޮޑުވާއިނގިލިން ވެލިގަނޑު ކޮންނަން ހުރި އަނާއަށެވެ. އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ އައްސާލާފައެވެ. އެވަރުންވެސް ބައެއް އިސްތަށިތައް އަނާގެ ކޮލުގައި ބޮސްދެމުންދިޔައެވެ.
"އަނާ އާއި ދެކުދިން ކޮން ވާހަކައެއްގައި ތިބީ؟ " ކައިލަން މަޑުމަޑުން ސުވާލުކޮށްލިއެވެ.
"އަނާ ވާހަކައެއް ނުދައްކާ، ޝީޒް މިއުޓް..." މިސްކު ތަންކޮޅެއް މަޑުންބުނެލިއެވެ.
"އެއީ ކީއްވެގެންނޯ..." ކައިލަން އެހިއެވެ.
"ނޭގޭ، އަނާއަކީ ކްލާސްމޭޓެއް، މިހާރު އެންމެ ގާތް އެކުވެރިޔާ، ވަރަށް އެމްބިޝަސްވާނެ، ވަން ފައިން ޑޭ ހަމަ ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލީ، އެކަމަކު ކޮލެޖަށް ދޭ، ޝީޒް ވެރީ ރިޗް........" މިސްކު އެތައް ޒަމާނަކަށްފަހު ފުރަތަމަ ފަހަރަށް އޭނަގެ ބޭބެއާއި އެހާ ގިނަ ވާހަކަދެއްކިއެވެ. ކުރީކޮޅު ބޭބެ ފެނުނީމަ ލަދުން އުޅުނަސް މިހާރު މިސްކު މަޑުމަޑުން އެބައި ކެނޑެންފެށިއެވެ. އަނގަގަދަކުއްޖެއްކަމުން އަނގަ ހިމޭނުން ލައިގެން މާގިނަދުވަހު ހުރުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫނެވެ.
"މިކީ އެގެއަކަށް ނުދަންތަ؟ އެގޭގައި ދެން އުޅެނީ ކޮންބަޔެއްތަ؟ " ކައިލަން އެހިއެވެ.
"ނުދަން.....ނޭގޭ...އެގެއަށް ދިޔުން މަނާ، ނޭގޭ ކީއްވެކަމެއް....." މިސްކު ބުނެލިއެވެ.
އަނާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އަނާ ޑޮކްޓަރަށް ނުގޮސް ހުއްޓާލި ސަބަބެއް އެނގެން ބޭނުންވިޔަސް އިތުރަށް އަހަން ކައިލަން ފަސްޖެހުނެވެ. އެންމެ މަޖާވި ތަންކޮޅަކީ އޭނަގެ ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި އަނާ ވީކަމެވެ. އަނާ ވާހަކަ ނުދައްކާއިރު މިސްކު އެކަމާއި ދެކޭނީ ކޮންގޮތަކަށް ބާވައެވެ. ކައިލަން އަނާއާއި ދިމާލަށް ދާން ހިނގައިގަތެވެ. މިސްކު ކަންބޮޑުވިއެވެ. ކައިލަން ފެނުމުން އަނާ ކުއްލިއަކަށް އަނބުރާލާފައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔުމުން ކައިލަންގެ ފިޔަވަޅުތައް ހުއްޓުނެވެ. މިސްކުވެސް އަނާއަށް ގޮވަމުން ފަހަތުން ދުއްވައިގަތެވެ.
ކައިލަން ހުރީ ވިސްނާންވީގޮތެއް ނޭގިފައެވެ. އަނާއަކީ އަރަތެއް ކަމުގައި ވެއްޖެއެވެ. އެއަރަތް ހައްލުކުރަން އޭނަގެ ހިތް ބާރުއެޅީ ދުވަހަކު ކަމަކަށް ނޭދޭ ވަރަށެވެ.
ކައިލަންގެ އާއިލާ މާލެއަށް ނިސްބަތް ވިޔަސް އެމީހުންނަކީ އެހާ މުއްސަދި އާއިލާއެއް ނޫނެވެ. ގެދެބުރިއަށް ނަގާފައި ހުއްޓަސް އެގެ އެހާ ރަގަޅު ފެންވަރަކަށް ހަދާފައެއްނެތެވެ. ރުޚުސާނާ ރަގަޅު ވަޒީފާއެއްގައި އުޅެގެން ބޮޑު މުސާރަ ލިބުނަސް މުށްބާރުކަމުން ދަރިންނަށްވެސް ޚަރަދުކުރަން ޖެހިލުންވެއެވެ. ކައިލަން އަމިއްލަފައި މައްޗަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް ހޯދަން ބާރުއެޅި ސަބަބަކީވެސް އެއީއެވެ. ރުޚުސާނާ ކައިލަން ގާތު އެދުނީ އޭނައާއިއެކުގައި އެކުވެރިއެއްގެ ގެއަށް ޒިޔާރަތްކޮށްލުމަށެވެ. "ރަތްފިޔަ" ހަދާފައިވަނީ ޒަމާނީގޮތަށް ފެންވަރު ރަގަޅުކޮށެވެ. އާ ފަރުނީޗަރުތަކާއި ބަލައިލަން ރީތި ކްރިސްޓަލް ޗާންދަލިޔާތަކާއި ދޫލަތަކުން ގޭގެ ތަނަސްވަންކަންވަނީ ހާމަޔަށެވެ.
"އައްސަލާމް އަލައިކުމް...." ރުޚުސާނާ ސަލާމް ގޮވައިލިއަޑަށް އެތެރެއިން ނުކުމެގެން އައިމީހަކު ފެނުމުން ފަހަތުގައި ހުރި ކައިލަން ސިހުނަސް އެކަމެއް ނުދައްކާ އޭނަ ވަގުތުން ސަލާމްކުރިއެވެ. ވީއިރު އޭނަގެ ބޮސް ފަލަކްނާޒަކީ މަންމަގެ އެކުވެރިޔެއްތާއެވެ. ސިޔާސީމީހުންގެ މިފަދަ އެކުވެރިންތައް މަދެއް ނުވާނެއެވެ. ފަލަކްނާޒްއަކީވެސް ސިޔާސީމީހެއްކަމާއި ވަޒީފާ ލިބުނުގޮތް އެވަގުތުކޮޅު ކައިލަންއަށް އެނގުނެވެ. ފަލަކްނާޒްހުރީ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެންނެވެ. އެއުމުރުގައިވެސް ހާދަ ފެޝަނެވެ.
"ޑޮކްޓަރ ކައިލަން، ވަރަށް އުފާވެއްޖެ، އިހަށްދުވަހު މިއެނގުނީ ކައިލަންއަކީ ރުޚޫގެ ދަރިއެއްކަން، މަންމައާއި ދިމާވީ އެތައް ޒަމާނެއްކޮށްލާފައި، އަހަރެން މިހުރިހާ ދުވަހު އޮސްޓްރޭލިއާގައި ކިޔަންވިއްޔަ ހުރީ، މިރަށަށް ބަދަލުވީފަހުން އަދި މާގިނަ ދުވަހެއްނުވޭ....." ފަލަކްނާޒް ހުރީ ހުރިހާދަތްތައް ފެންނަވަރަށް ހީލައިގެންނެވެ. ކައިލަން ހުރީ މަޖާވެފައެވެ. ފަލަކްނާޒް އޭނަގެ ބޮސްއަށްވެފައި މަންމަގެ އެކުވެރިޔާއަށް ވުމުން ކުރެވުނީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެވެ.
ފަލަކްނާޒު ރުޚުސާނާ ގޮވައިގެން ގޭގެ ޓެރެސްއަށް އަރާފައި ކޮފީ ހިފައިގެން އައިސް އެތަނުގައި ތިބެގެން ވާހަކަދައްކަން ފެށިއެވެ. މުޅިންވެސް ސިޔާސީ ވާހަކަތައް ފެށުމުން ކައިލަންގެ ބޮލުގައި ރިއްސައިލިއެވެ. ނަމަވެސް ކެތްތެރި ޒުވާނަކަށްވެފައި މަންމަމެންނަށް އިހުތިރާމްކުރާތީ ފޫހިވާކަމެއް ނުދެއްކިއެވެ. އެންމެފަހުން ފަލަކްނާޒްފެށި ކައިލަން ޝައުގުވެރިވާ ކަހަލަ މައުޟޫއަކަށް ދިޔައެވެ.
"ކައިލަން މިއަދު މިހާވަރުން މިގެއަށް ގެންނަން ބުނި ސަބަބެއް އެނގޭތަ؟ " ފަލަކްނާޒްގެ ނަޒަރު ހުއްޓުނީ ކައިލަންގެ ރީތި މޫނަށެވެ. މިޒުވާނާއަށް އެސްފީނާނުޖެހުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.
"ނޭގުނު......" ކައިލަން ހިނިތުންވެލިއެވެ.
"އަހަންނާއި ބައްދަލުކޮށްލަން ކައިލަން އެދިފައިވާތީ......" ފަލަކްނާޒް މާނަވީގޮތަކަށް ބުނެލިއެވެ.
"ތި ބުނުއްވި އެއްޗެއް ނޭގުނު...." ކައިލަން ބުމަ ކާރިކޮށްލިއެވެ. ފަލަކްނާޒްއަށް ކައިލަންގެ ކޮންމެ ސިފައެއް ރީތިވިއެވެ. ކައިލަން ފެނުނީއްސުރެން އޭނަގެ ހިތުން ކައިލަން ނުފިލައެވެ. ނަމަވެސް ފަހަރެއްގައިވެސް އިޝްގީ ނަޒަރަކުން އޭނަ ކައިލަންއާއިމެދު ނުދެކެއެވެ. ފަލަކްނާޒްގެ ހުރި އަންހެންދަރިފުޅާއި އެންމެ އެކަށީގެންވާ ފަރާތަކީ މިއީކަމުގައި ބެލެވި ހިތުގައި ކުލުނު އުފެދުނީއެވެ. ތަގުދީރުވެސް އޭނައާއިމެދު ނިކަން އޯގާތެރިއެވެ. ގާތްއެކުވެރިޔެއްގެ ދަރިއަކަށް ކައިލަންވިކަމީ އޭނަގެ އުއްމީދުގެހުޅުކޮޅު ބޮޑުވި ރަގަޅު ފާލެކެވެ.
"އަނާއަކީ ކައިލަންގެ ޕޭޝަންޓެއްނު، އަނާގެ ޕޭރެންޓަކާއި ބައްދަލުކުރަން ބޭނުމޭ ކައިލަން ބުނީމެއްނު، އަހަންނަނީ އަނާގެ މަންމަ......" ފަލަކްނާޒް ލާނެތް ހިންޏެއްއައިސްފައި އިނދެ ބުނެލި ވާހަކައަކުން ކައިލަން ސިހުނެވެ. އަނާގެ މަންމައަކީ ފަލަކްނާޒް ހެއްޔެވެ؟
"އަހަންނަށް އެނގިގެން އަނާ ކައިލަންއަށް ދައްކަން ދިޔައީ، ބައެއްމީހުންނަށް ހީވެދާނެ ނަފްސާނީ ޑޮކްޓަރުންނަށް ދައްކަނީ އެކަނި މޮޔައިންނޭ، އެކަމަކު އަހަރެމެން ކިތައް އިންސާނުންގެ ނަފްސާނީ މައްސަލަތައް އެބަހުރޭ، ޑިޕްރެޝަނުން ފެށިގެން ތަފާތު ޑިސްއޯޑަރތައް ހުންނަ މީހުންނަށްވެސް ބޮޑުވަރު ނުވަނީސް އެހީހޯދިދާނެ، އެހެންވެ އަނާވެސް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުން އެއީ އަހަންނަށް ލަދުވެތިކަމަކަށް ނުވޭ، ކައިލަން އަނާގެ ވާހަކަ އަހަރެންގެ ގާތުގައި ދެއްކީމަ އެއީ މަގޭ ދަރިފުޅޭ ނުބުނީ ފަހުން މިގޮތަށް ކައިލަން މިގެއަށް ގެނެސް ސަޕްރައިޒެއް ދޭން، އަދި ކައިލަން ގެއަށް ގެނެސް ޓްރީޓްކުރުވަން އަހަރެން ނިންމާފައިވާތީ، އެނީވޭސް މިގޭގައި ސިހުރުކަންތައްތަކެއް އުޅޭކަމަށް އެންމެން އެބަކިޔާ، އެހެންވެ އަނާގެ ބައްޕަވެސް ބޭނުންވަނީ ރުޤުޔާ ކުރާ މީހަކު ލައްވާ މިގެއަށް ހަދާފައިވާ ސިހުރު ބާތިލުކުރުވަން، އަދި ސައިކޭޓްރިސްޓެއްގެ އެހީ........" ފަލަކްނާޒް ވާހަކަދެއްކިއެވެ. ރުޚުސާނާވެސް އިނީ ހައިރާންވެފައި އަޑުއަހާށެވެ.
"އަހަރެންގެ އަނާއަކީ ވަރަށް މޮޅުކުއްޖެއް، އޮސްޓްރޭލިއާގައި އުޅުނުއިރު އޭނައަކީ ސްކޫލްގެ އެއްވަނަ، އެހާ ހަރަކާތްތަކުގައި ބައިވެރިވޭ، ކުޅިވަރު ކުޅުމުގެ އިތުރުން ސާފުކުރުންފަދަ ކަންތައްތަކުގައިވެސް އޭނަ ބިރެއްނެތި އުޅުނު، އެންމެން އަނާދެކެ ލޯބިވި، މާލެއައިފަހުން މިކަންތައްގަނޑެއް ދިމާވީ، މިގެއިން އެއްކުއްޖަކު މަރުވީވެސް ވަރަށް ހީނުކުރާކަހަލަ ގޮތަކަށް، އެކްޗުއަލީ އޭގެ ފަހުން އަނާ މިއުޓްވީ، އަނާގެ ދޮންބެ އެކަމާއިހުރެ ގޭގައި ހުންނާކަށްވެސް ބޭނުމެއްނުވޭ، އޭނަ ބޭނުންވެގެން ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާދީފައި ވަނީ، ބޮޑަށް ލަފާކުރެވެނީ ހަމަ ސިހުރުގެ ކަމެއް ކަމަށް....." ފަލަކްނާޒްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. ޖިންނި ޝައިތާނުން އުޅޭކަމަށް ކައިލަން ގަބޫލުނުކުރަނީއެއް ނޫނެވެ. އެއެއްޗެހީގެ އުދަގޫ އިންސާނުންނަށް ބައެއް ހާލަތްތަކުގައި ކުރިމަތިވެދާނެކަން އޭނަ ދަނެއެވެ. ނަމަވެސް ބައްޔެއްވާ ކޮންމެ ފަހަރަކު އެކަމަށް އީމާންވެގެން ޑޮކްޓަރުންގެ އެހީ ނުހޯދުމަކީ ރައްކާތެރިކަމަކަށް ނުވެ ހިނގައިދާނެއެވެ. އަނާގެ ކޭސްއާއި ބެހޭގޮތުން ކަންތައް އޮޅުން ފިލިވަރަކަށް އެކަމުގެ އެންމެ އަޑިޔަށް ފީނުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ. ނަމަވެސް އެކަން އަންގާކަށް ކައިލަން ބޭނުމެއްނުވިއެވެ. ހޫނު ކޮފީތަށިން ފަހަރަކު ކޯވަރެއް ދިރުވަމުންގޮސް އޭނަ ހުއްޓުނީ ރެއިލިން ކާރީގައެވެ.
"ކައިލަން، އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ފަލަކްނާޒްގެ ޖުމްލައިން ކައިލަން އެނބުރިބަލާލިއެވެ.
"އަހަރެންގެ ދަރިފުޅު ރަގަޅުކޮށްދީ، އަހަންނަށް އެނގޭ ކައިލަން ތީ ގާބިލު ޑޮކްޓަރެއްކަން، އެހެން އެއްވެސް މީހަކަށް އަނާ ރަގަޅު ކުރެވެންޏާ ކައިލަންއަށް ކުރެވިދާނެކަން އެނގޭ، ކުޑަދުވަސްކޮޅެއްގެތެރޭގައި ކައިލަން އަހަރެންގެ އިތުބާރު ހޯދައިފި، ރުޚޫ ފަޚުރުވެރިވުން ހައްގު ދަރިއެއް ތިލިބުނީ، މިކުއްޖާ ހާދަ ބަސްއަހައޭ....." ފަލަކްނާޒް ހީހީފައި ވާހަކަދެއްކިއިރު ރުޚުސާނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނުނެވެ. އުފާވިހެން ހިޔެއްނުވެއެވެ. ހިނިތުންވުން ފެނުނީ ގަދަކަމުން ކުރިކަމެއްގެ ގޮތުގައެވެ. ފަލަކްނާޒް ކައިލަން ގާތު އެދުނީ ހަފްތާއަކު ދެތިން ރޭ ނަމަވެސް އަނާއަށް ފަރުވާދޭން އައިސްދިނުމަށެވެ. ކައިލަން އެކަމަށް އެއްބަސްވީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެއެވެ.
މަތީބައިގެ ކޮރިޑޯރގެ ކޮންމެ ފަރާތެއްގައި ދެކޮޓަރި ހުރިއިރު ކޮރިޑޯ ފުޅާވެފައި ބޯ ދޫލައަކުން ތަޅުންމަތި ފޮރުވިފައިވެއެވެ. ޑިޒައިންކޮށްފައިވާ ރީތި ފާރުތަކުގައި ބޮކިތައް ހަރުކޮށްލާފައިވެއެވެ. ފަލަކްނާޒް ދޮރުގައި ޓަކިދިންއިރު އަނާ އިނީ ކުޑަދޮރު ކާރީގައި ނިޔަފަތިތަކުގައި ކުލަޖައްސާށެވެ. އެއީ އަނާ މާ ކުރާހިތްވާކަމެކެވެ. އަނާގެ ދޮން ފައިތިލައިގެ ރީތިކަން އެތައް ގުނަ އިތުރުވެފައިވެއެވެ.
"އަނާ، މަންމަ މިހާރު ގަސްތުކޮށްފިން ސައިކޭޓްރިސްޓެއް ގެއަށް ގެންނަން......" ފަލަކްނާޒްގެ ޖުމްލައިން އަނާ ކުރަން އިން މަސައްކަތް ހުއްޓާލާފައި އިސްއުފުލައިލިއެވެ. އެރީތި މުށިދެލޮލުގެ ސާފުކަމާއި ވިދުންގަދަކަން އިތުރުކޮށްދެނީ އެދިމާލަށް ވެރިވެފައިވާ އިރުގެ އަލިކަމުންނެވެ.
"އަނާ މަންމަމެންނަށް އިތުރު ޗޮއިސްއެއް ނުދެމެއްނު، އެކަމާއި ބައްޕަ ހިތާމަކުރާވަރު އެނގޭތަ؟ އަނާ އެޓްލީސްޓް ވެއްޖެއްނު އިޝާރާތުން ނޫނީ ލިޔުމަކުންވެސް ކޮމިއުނިކޭޓްކުރަން......." ފަލަކްނާޒް ދޮރުގެ ފަރުދާތައް އަދިވެސް ބޮޑަށް ކަހާލާފައި ބޭރަށް ބަލައިލިއެވެ. ފަލަކްނާޒްގެ ދެލޮލުގައި ކަރުނަ ވިދައެވެ. ދަރިފުޅަށް ވެގެން އުޅޭގޮތެއް ނޭގިގެން އޭނަ ހާސްވާވަރު ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ފަންޑިތައާއި ރުޤުޔާކުރުވަން ނިންމީވެސް އޭނައަށް ކުރެވެމުންދާ ޝައްކުތަކެއްގެ ބޮޑުކަމުންނެވެ. އަނާ ތެދުވެގެންގޮސް ރީތިވާ މޭޒުކާރީގައި އިށީދެ މޭޒުގައި ބޯއަޅައިލިތަން ފެނިފައި ފަލަކްނާޒްގެ ހިތް ކުދިކުދިވާވަރުވިއެވެ. މަންމައަކަށް ދަރިއެއްގެ އިހުސާސާއި ކެކުޅުން ވަރަށް ފަސޭހައިން ދެނެގެނެވިދާނެއެވެ. އަދި އެފަދައިން ނުބައިކަމެއް ވާން އުޅެންޏާ އެކަމެއްވެސް އިހުސާސްކުރެވިދާނެއެވެ. ފަލަކްނާޒްގެ ހިތްބުނާގޮތުން އަނާލައްވާ ވާހަކަދެއްކުމަކީ ބުރަ އަދި އުއްމީދެއްނެތް މަސައްކަތެކެވެ.
އަނާ ކޮލެޖުން ނުކުތްއިރު އެއްވެސް މީހަކު ބަލާއައިސްފައި ނެތުމުން ފޯނުނެގިއެވެ. އެއާއިއެކު ވިސްނުނީ އެއީ ބޭކާރުކަމެއްކަމެވެ. ވާހަކަނުދައްކާ މީހަކު ފޯނަކުންކުރާނީ ކޮންކަމެއްހެއްޔެވެ؟ އަނާ ފުންނޭވަޔެއް ދޫކޮށްލުމަށްފަހު ފޯނު ދަބަހަށް ލިއެވެ. އޭނަ މިއަދު ލައިގެން ހުރީ ކަޅު ސްކިނީއަކާއިއެކު ކަޅުކުލައިގެ ގޮށްތައްޖެހި ރަތްކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑު މައްޗަށް އައްސާލާފައިވާއިރު މޫނުގެ ރީތި ބައްޓަން ފާޅުކޮށްދެއެވެ. އެމޫނަށް ވެރިވެފައިވަނީ މަޑު ރަތްކުލައެކެވެ. އެކަނި ކޮލެޖުން ބޭރުނުވާން މަންމަ ދީފައިވާ އިރުޝާދު ހަނދާން ނައްތާލާފައި އޭނަ ގަސްތުކުރީ ފޮތް ފިހާރައަކަށް ދިޔުމަށެވެ. މަންމަމެން ހާސްވާންވީ ސަބަބެއްނެތެވެ. އޭނަ މާލެއަށް އެހާ ފަރިތަ ނުވިޔަސް ގެއާއި ހަމަޔަށް ދެވިދާނެއެވެ. މާލެތެރެއަށް ގެއްލިގެން ވާނެ މާބޮޑުކަމެއް ނެތެވެ. ހިނގަމުން ހިނގަމުންގޮސް ކޮންމެވެސް އިރަކުން ގެހުރިތަން ހޯދުން އުދަގުލެއްނުވާނެއެވެ. ކަންހިނގީ އޭނަ ހީކުރިގޮތަކަށް ނޫނެވެ.