" ޒިޔާ، ޕްލީޒް...." ކައިލަން އެއްޗެކޭ ބުނަން އުޅުމުން ޒާޔަލް އަތް އުފުލާލާފައި ކައިލަން ހިމޭންވާން އެންގިއެވެ.

"އެކްސްކިއުޒް މީ، އަހަރެން ވާހަކަ މިދައްކަނީ ކަލެއަކާއި ނޫނެއްނު ދޯ..." ފަލަކްނާޒް ޒާޔަލްއަށް ނުރުހުމުގެ ނަޒަރެއް ދިނުމަށްފަހު މޫނުމަތި ރީތިކޮށްލައިފިއެވެ.

"ކައިލަން، މިބުނި އެއްްޗެއް އޮޅުންފިލައިފިތަ؟ އަހަރެމެންގެ ދަރިފުޅަށް ކައިލަންގެ ފަރާތުން ގޯނާތައް ކުރިމަތިވެ އުދަގޫނުވާނަމަ އަހަރެން ނުވެސް ޖެހޭނެ މިގޭގެ ހަތަރުފާރުން އެތެރޭގައި ފިޔަވަޅު އަޅާކަށް، ކަލޭގެ ފެންވަރު ދަނެގެން އުޅެބަލަ، އަދި މަންމައަކި ކާކުކަން ހޯދާ، އޭރުން ލަދުގަންނާނެކަން ނޭގޭ މާތްމީހުންގެ ދަރިންގެ ފަހަތުން އުޅެން، ކައިލަން ރަގަޅަށް އަޑުއަހާތި، އަހަރެން އެންމެފަހު ފަހަރަަށް މިބުނީ އަހަރެންގެ ނޭވާ ހިނގާހާ ހިދަކު ކައިލަންއަކަށް ނުކެރޭނެ މަގޭ ދަރިއާއި ކައިރިވާކަށް......" ފަލަކްނާޒް ކައިލަންއާއި ހަތަރުކަޅި ހަމަކޮށްލަމުން ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ.

"ގެޓް އައުޓް...." ޒާޔަލް ދޮރު ހުޅުވާލާފައި ހަޅޭއްލަވައިގަތުމުން ކައިލަން ނުތަނަވަސްކަމާއިއެކު ބަލައިލިއެވެ.

"ކޮންމެހެން އަޑުގަދަނުކުރިޔަސް އަހަރެން ނޫޅެމޭ މިތާގައި ހުންނާކަށް....." ފަލަކްނާޒް ޒާޔަލްއާއި ދިމާލަށް ލޯ އަޅާލާފައި ދޮރުން ބޭރުވުމާއިއެކު ޒާޔަލް ދޮރުބަންލާފައި ލެއްޕިގޮތުން ފާރުތައްވެސް ގުގުމައިލިއެވެ. ޒާޔަލްގެ މުށްކެވިފައިވާއަތުން ފާރަށް ވީއްލާލި އެތިފަހަރުވެސް ހާމަކޮށްދިނީ އޭނަަގެ ރުޅީގެ މިންވަރެވެ.

"ޒިޔާ، އަހަރެމެން ހަމަ އޭނަގެ ފެންވަރަށް ވެއްޓެން ޖެހޭތަ؟ އެހެންނޫނަސް ފަލަކްނާޒްމެންނަކީ މާލޭގެ އެންމެ މޮޅު އާއިލާތަކުގެ މީހުން، އަހަރެން ނުވެސް ޖެހޭ ދޯ އެބުނާހެން އެގާލްގެ ފަހަތުން އުޅެން...." ކައިލަން ކޮފީތަށި ބޯން މޭޒުކައިރީގައި ޖައްސައިލިއިރު އެރީތި ދެލޮލުން ފޮރުވިފައިވާ ވޭނެއްގެ އަސަރު ހާމަވާން ހުއްޓެވެ.

"ކީއްވެ ނޫޅެވެންވީ؟ ލޯތްބަކީ ކޮންމެހެން އެކަނި މޮޅުމީހުންގެ ހައްގެއްތަ؟ ލޯބިވުމުގެ ހައްގެއް އެހެން މީހަކަށް ނޯންނާނެތަ؟ ކައި މާ ނިކަމެތިވެގަންނާތީ އެކަހަލަ މީހުންނަށް ހިތްވަރު ލިބެނީ، ތީ މީހުން ގަދަރުކުރާ މޮޅު ޑޮކްޓަރެއްް، އެލަގަބު ވަކި ދެރަތަ؟ އަމިއްލައަށްވެސް މޮޅުކަން ހޯދޭނެ، ބައެއްމީހުން އުފަންވާއިރު ޕްރިންސުންގެ ގޮތުގައި ދުނިޔެއަށް އަޔަސް ބައެއްމީހުން އެފަދަ ނަންތައް ހޯދަން މަސައްކަތްކުރީމަ ލިބޭ، ކައިއަށް ކެތްކުރެވުނަސް އެހެންމީހުން ކައިއަށް އިންސަލްޓްކުރާއިރު މަށެއް ނުހުންނާނަން ހިމޭނުން، ފިރިހެނެއްނަމަ ޖަހާނަން، ހަމަ ތެދެއްމިބުނީ، އޭނަގެ ނަސީބު އަންހެނަކަށްވިކަން....... " ޒާޔަލްވެސް ރުޅި ފިނިވާންފެށިއެވެ. ކައިލަންއާއި އަނާ ކޮންމެ ހާލެއްގައިވެސް ގުޅޭނެނަމައޭ ހިތަށް އެރިއެވެ. ހިތާހިތުން ދުޢާވެސް ކުރެވުނެވެ. އެފަދަ މޮޅު މުއްސަދިންނަށް ލިބޭ އިބުރަތަކަށްވެގެން ދާނީ އޭރުންކަމުގައި ޒާޔަލް ގަބޫލުކުރިއެވެ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ ފަލަކްނާޒްގެ މޫނަށް ވެރިވެގެންދާ ޝުޢޫރުތައްދެކެން އޭނަ ކޮންމެހެންވެސް ބޭނުމެވެ.

"ކައިއަށް އެނގޭތަ؟ މިރެކްލްސް ޑޫ ހެޕެން....." ޒާޔަލް ކައިލަންގެ ކޮނޑުގައި ޖަހައިލަމުން ހިނިތުންވެލިއެވެ.

"އަހަންނަށް އެނގޭ، ބަޓް ސީރިޔަސްލީ އަނާއާއި އިންވޯލްވްވާކަށް މިހާރު ހިތެއްނޭދޭ، އެތައްބަޔަކަށް ހާޓްވެގެން ހަމަ ކާމިޔާބުކުރަން ޖެހޭތަ؟ އަހަންނަށް ވިސްނިއްޖެ ހަދަންވީގޮތް، އަލުން އަލީސާ އަހަރެންގެ ހަޔާތަށް ގެންނަންވީ، އޭރަށް ފަހަރެއްގައި ބަޔަކުމީހުން ގެންފައިވާ ބިރު ފިލައިގެން ހިނގައިދާނެކަން ނޭގޭ، އެބުނީނު އަނާގެ ކައިވެނިކުރުވާނަމޭ، އެއީތެދަކަށްވާނަމަ...." ކައިލަން މަގުގައި ހިފަހައްޓައިގެން އިންގޮތަށް ބޮޑުވާ އިނގިލި ހިންގަމުން ދިޔައިރު އެސްފިޔަތައް ތިރިިކޮށްލައިގެން ފުންވިސްނުމެއްގައި އިންކަން އެމޫނަށް ބަލައިލި ކޮންމެމީހަކަށް އެނގިގެންދާނެއެވެ. ކުރެހުންތެރިން އެންމެ ބޭނުންވާނެފަދަ ހިތާމައިގެ ތަސްވީރަކަށް ކައިލަން އެވަގުތު އިންގޮތް ފުދެއެވެ.

"ކައި، އަނާދެކެ ލޯބިވޭތަ؟ " ޒާޔަލް އަހާލިއެވެ. ކައިލަން ޓީވީ ރިމޯޓާއި ކުޅެންއިންއިރު އެއަޑު އޭނައަށް އިވުނުހެނެއްވެސް ހިޔެއްނުވެއެވެ.

"ކައި މިކިޔާ އެއްޗެއް އެބަ އަހަންތަ؟ "ޒާޔަލް ބޯ ހޫރާލިއެވެ.

"ވަޓް....." ކައިލަން ޒާޔަލްއަށް ސަމާލުކަން ދިނެވެ.

"އަޅާނުލާ، އަހަންނަށް ޖަވާބު ލިބިއްޖެ، އެއްސައިޑަކުން ކުރާ ކަމެއްނަމަ ފަސޭހައެއްނުވާނެ، ދެފަރާތުން ލޯބިވެއްޖެއްޔާ ތިކަން ދޫކުރާނެކަމެއް ނެތް، އެންޑް ހަމަ އޭނަދެކެ ބިރުން އަލީސާ މިގެއަށް ގެނައުމުން ކައިގެ ހިތަށް އިތުރު އަނިޔާދިނުން ނޫންކަމެއް ނުވާނެކަން ނޭގޭ، ލިސެން ޓު ޔޯރ ހާޓް ކައި، އެހެން މީހަކު ކިޔާ އެއްޗަކަށް ދިރިއުޅުމުގެ ތިހާ ބޮޑު ނިންމުމެއް ނިންމައިގެން ހިތަށް އިތުރަށް ގެއްލުންދޭން ނަހަދާ..." ޒާޔަލް ބުނެލީ ހަގީގަތެވެ.

އެރޭ ވާރޭވެހޭލެއް ބޯކަމުން މުޅި ފަޒާގައި އެއްއަޑަކަށް ހަރުލާފައިވަނީ ވާރޭގެ ހިތްގައިމު ރާގެވެ. ކައިލަން އެނދުގައި ދެފަރާތަކަށް ފުރޮޅި ފުރޮޅިއޮތްއިރު ފަލަކްނާޒް އަދި އެންމެ ގާތްއެކުވެރިޔާ ޒާޔަލްގެ އަޑުވެސް ދޭތެރެއަކުން ކަންފަތުގައި ގުގުމާލައެވެ. ފަލަކްނާޒްއަށް އޭނަގެ މަންމައަކީ ކާކުކަން ޔަގީންވާފަދަ ގޮތަކަށް ވާހަކަ ހުރުމުން އެކަމާވެސް ކައިލަން ވިސްނިއެވެ. މަންމަ އެނގުމުގެ ޝައުގު ހުރިހާކަމަކަށްވުރެ ބޮޑުވިއެވެ. ކެތްނުވެގެން އެގާރަޖެހިއިރު އޭނަގެ ބައްޕައަށް ގުޅިއިރު ފޯނުއޮތީ ނިވާލާފައެވެ. އެންމެ ހިނދުކޮޅެއްވެސް ނަގާލަން ބޭނުންނުވެފައި ހުރި ކައިލަން ވާރޭ ކޯޓް ގަޔަށް މަހާލުމަށްފަހު އެބޯ ވާރޭތެރޭގައި ސައިކަލަށް އަރައިގެން ދުއްވާލިއިރު ހިތުގެ ތެޅުން ނިކަން ބާރުވެފައިވިއެވެ. އެސުވާލުތަކުގެ ޖަވާބު ނުލިބި މިރޭ ނިދުމަކީ ބޭކާރުކަމެއްކަން އޭނައަށް ޔަގީނެވެ. އެޕާޓްމެންޓްގައި ޓަކިދޭއިރަށް ދޮރުހުޅުވީ އޭނަގެ ދޮންމަންމަ ރުޚުސާނާއެވެ. ރުޚުސާނާ އޭނަގެ މޫނުމަތީގައި ދޮރު ނުލެއްޕީ ހަމަކިރިޔާއެވެ. ނަމަވެސް ކައިލަންގެ މޫނަށް ބަލާލާފައި ހިތްމަޑުވިއެވެ.

"ކީއްކުރަން ކައިލަން ތިއައީ؟ އެތެރެއަށްވަދޭ..." ރުޚުސާނާ ތަންކޮޅެއް މައިތިރިވެލާފައި އެއްފަރާތަކަށް ޖެހިލައިފިއެވެ.

"ބައްޕައަށް ގުޅާލިއިރު ފޯނު ނިވާލާފައި އޮތީމަ...." ކައިލަން މޫނުގައިވާ ފެންތިކިތައް ފޮޅާލިއެވެ.

"ކައިލަންގެ މަންމައެކޭ ބައްޕައެކޭ ހުރީ ކޮންތަފާތެއްތަ؟ އަހަންނަށް އެނގުނީ އިހަށްދުވަހު އޭނަ ލަންކާގައި ދެވަނަ އަންބެއް ގެންގުޅޭކަން، ދަރިއެއްވެސް ހުރޭ، މިހުރިހާ ދުވަހު މަ ލައްވާ ޚަރަދުކުރުވައިގެން ކިހާ ފަސޭހަކޮށް ދުނިޔޭގައި އުޅެފި، ފަޒީލްއަކީ ނިކަން ފަސޭހަކޮށް މަސައްކަތެއްނެތި އުޅޭހިތްވާމީހެއް، އެންމެފަހުން ހަނގު އަނބީގެ ކައިރިއަށް ލަންކާއަށް ބަދަލުވީއިރު އަދި ކައިލަން ކައިރިއަކުވެސް ބުނުން މުހިއްމު ނުވިތަ؟ " ރުޚުސާނާގެ ވާހަކައިން ކައިލަންގެ މޫނުގެ ކުލަ މުޅިން ފަނޑުވިއެވެ. މަންމައެކޭ އެއްފަދައިން ބައްޕަގެ ހަޔާތުގައިވެސް އޭނައަކީ މުުހިއްމު މީހަކަށްނުވިއެވެ.

ކައިލަން މިގެއަށް އައުމުން ނުބައި ޚަބަރެއް ލިބުން ނޫންކަމެއް ނުވިއެވެ. ބައްޕަގެ ޚަބަރެއް ދެން ފަސޭހައިން އިވިދާނެ ކަމާއިމެދުވެސް އޭނަ ޝައްކެވެ. ބައްޕަގެ އެބުނާ ދަރިއަކީ ކާކުބާވައޭ ހިތަށް އެރިއެވެ. ބައްޕަފަދައިން މިގޮތަށް ސިއްރުތައް ގެންގުޅޭ ކިތައްމީހުން ދުނިޔޭގައިވާނެބާވައެވެ. ނަހަލާލު ގުޅުންތަކުގެ ސަބަބުން ދުނިޔެއަށް އަންނަ ކުދިންވެސް މަދުކަމާއިމެދު ޝައްކެވެ. ޒޯހަންފަދައިން އުޅޭ ޒުވާނުންވެސް މިހާރު މަދެއްނޫނެވެ. މުުޖުތަމަޢަ ހަލާކުވެ ފަސާދަވެގެން މިދަނީ ކޮންބަޔެއްގެ އިހުމާލުންހެއްޔެވެ؟ ޚުދު އޭނަވެސް މިވަނީ އެފެންވަރަށް ވެއްޓިފައެވެ. އަންހެންކުއްޖެއްގެ އަބުރު ސަލާމަތްކުރުމުގެ ނަމުގައި އޭނަވެސް ދީނުގައި އޮތް މާތް ގުޅުމެއް ކުޅިވަރަަކަށް ހެދީއެވެ. ރުޚުސާނާ ކޮފީއެއް ހަދައިދޭން އުޅުމުންވެސް އިންކާރުކޮށްފައި އޭނަ އެ ބޯ ވާރޭތެރެއަށް ނުކުމެގެން ދާން ފެށުމުން ރުޚުސާނާ ބަލަން ހުރީ ހިތާމަވެރި ނަޒަރަކުންނެވެ. މައިންބަފައިންގެ ފަރާތުން ލޯތްބާއި އޯގާތެރިކަމެއް ލިބިފައިނުވާ އެ ޒުވާނާގެ މަންމަ ކަމުގައި ދެކެމުން އައިމީހާއަށްވެސް މިހެދުނީ ކޮންފަދަ އިހާނެތިކޮށް ހެއްޔެވެ؟

ރުޚުސާނާގެ ހިތަށް އުދަގޫވީވަރުން ފަލަކްނާޒަށް ގުޅައިގެން ހިއްސާކުރުމުން ފަލަކްނާޒް ހޭންފެށިއެވެ. ދުޝްމިނެއްގެ ދަރިއަކަށްޓަކައި ހިތުގައި އުފެދޭ ކުލުނު ފޮރުވަން ޖެހޭނެކަމަށާއި ކައިލަންގެ މަތިން ހަނދާންނައްތާލަން ހިތްވަރުދިނެވެ. ރުޚުސާނާގެ ހައްގުގައިވެސް އޭނައަކަށް ކައިލަންއާއި އަނާ ގުޅުވެން ނެތްކަމުގައި ފޮރުވުމެއްނެތި ބުނެލުމުން ރުޚުސާނާ މޮޅިވެރިވިއެވެ.

އަނާ ކުށްވެރިއެއްފަދައިން ކޮޓަރީގައި ބަންދުކޮށްގެން އުޅޭކަން އެނގުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބި ދެރަވީ ޖިޔާންއެވެ. އަނާގެ އަތުން މަންމަ ފޯނު ފޭރިގަތްކަން އެނގުނީ މަންމަމެން ދެއްކި ވާހަކައަކުންނެވެ. އަނާ ކައިލަންއާއި ހެދި މޮޔަވެގެން އުޅޭތީ ހައްލެއްކަމުގައި ފެނުނީ އަނާ ހައްޔަރުކޮށްގެން ގެންގުޅުންހެއްޔެވެ؟ މިޒަމާނުގައި އެވަރަށް މަޖުބޫރުކުރަންވާނެހެއްޔެވެ؟ އެމީހަކު ލޯބިވާ މީހަކާއި ގުޅުމުގެ ހުއްދަދިނީމަ ވީ ނޫންހެއްޔެވެ؟ އަނާގެ ކޮޓަރިއަށް ވަދެފައި ޖިޔާން ހުރީ ފައި އަޅަންވީ ދިމާލެއް ނޭގިފައެވެ. އެނދުގައިވާހާ އެއްޗެހިން ފެށިގެން ރީތިވާ މޭޒުމަތީގައިވާހާ އެއްޗެއް އެތަން މިތަނަށް އުކާލާފައިވާއިރު ހެދުންތައްވެސް އެކި ދިމާލުގައެވެ. އަނާ އުއްބައްތިތަކާއި ކުޅެން ހުރެފައި އެނބުރި ބަލާލާފައި ބުމަ ގޮށްޖަހައިލިއެވެ.

"ޕްލީޒް މިތަނުން ދޭ...." އަނާ ކުއްލިއަކަށް އެނބުރި ބަލައިލިގޮތަކުން އޭނަ ހަނދާންވީ ރާޔާގެ މަތިންނެވެ.

"ކީއްވެގެންނޯ ސްވީޓްހާޓް..." ޖިޔާން ގުދުވެލާފައި އަނާގެ ޓެޑީބެއަރ ނަގާފައި ކުޑަކޮށް ބައްދައިލުމުން އަނާ ވަކިން ފޫހިވާގޮތްވިއެވެ. އޭނަ މިގޭތެރެއިން އެކަކަށްވެސް އިތުބާރެއްނުކުރެއެވެ. އެންމެންގެ އަޑިނޭގޭ ސިއްރުތަކެއްވާހެން ހީވަނީއެވެ. އެކަކުވެސް އޭނަދެކެ ލޯބިވާކަމަށް ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ މަންމައާއި ބައްޕަވެސް އޭނަ ގަދަކަމުން ޅައުމުރުގައި ކައިވެނީގެ ގޮށް ޖަހާ ބާރުކޮށްލަން އުޅޭއިރު އޭނަގެ ހިތާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދެން ހުރީ ރާހިލްއެވެ. ހީހީފައި އެއަމަލުތަކަށް ހިތްވަރުދެނީއެވެ. ރާޔާގެ ޑައިރީ ކިޔަމުންދާ ވަރަކަށް ޖިޔާންއާއި ދޭތެރޭގައި ދެކޭގޮތް ބަދަލުވެ އިތުބާރު އެއްކޮށް ނެތިގެން ހިނގައްޖެއެވެ. އެންމެ ގާތް މީހުންނަށް ނުކުރެވުނު އިތުބާރެއް އިތުރު އިންސާނަކަށް ކުރެވިދާނެހެއްޔެވެ؟ މިހާރު އަނާ އެންމެން ދެކެ ފޫހިވާގޮތްވެއްޖެއެވެ. މަޑުން މިހުރިހާ ދުވަހު ހުއްޓަސް ބަސް ބުނެވޭންފެށިއެވެ.

"އައިމް ނޮޓް ރާޔާ އެހެންވެ..." އަނާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"އޮފްކޯސް ދޮންބެ ނުބުނަމެއްނު ތިއީ ރާާޔާއެކޭ...." ޖިޔާން ދެރަވެލާފައި ބުނެލިއެވެ.

"މިތަނުން ދާށޭ ބުނެފީމެއްނު، އަޑެއްނީވޭތަ؟ ގެޓްއައުޓް ޖިޔާން......" އަނާ ހަޅޭއްލަވައިގަނެފައި އުއްބައްތިނެގިތަން ފެނިފައި ޖިޔާންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ޖިޔާން ވަރަށް ރީތިކޮށް ވާހަކަދައްކާފައި ގޯހެއްނެހެދުމަށް އެދުނުއިރު ހަނދާންވީ ރާޔާގެ މިފަދަ އަމަލުތަކެވެ. އެރީތި ކުއްޖާވެސް ހަލާކުވެގެން ދިޔައީ މިގޮތަށް ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށްވެފައެވެ. ޖިޔާން އަނާގެ އެދުމަށް އިހުތިރާމްކޮށް އެތަނުން ބޭރުވިގޮތަށް ސީދާ ދިޔައީ މަންމަ ކައިރިއަށެވެ. ޖިޔާން ސޯފާއެއްގައި ޖައްސައިލިގޮތަށް ފެށީ އަނާގެ ވާހަކައެވެ. ކައިލަންފަދަ މޮޅު ޑޮކްޓަރަކާއި އަނާ ދުރުކޮށްގެން މަންމަމެން ކުރަނީ ރަގަޅުކަމެއް ނޫނޭ ބުނެ މައްސަލަ ޖެއްސިއެެވެ. އަންހެންކުއްޖަކަށް އެހާ ރަގަޅު ހަޔާތުގެ ބައިވެރިޔަކު ނުލިބޭނެ ކަމުގައިވެސް ޖިޔާން ބުނެލިއެވެ.

"ގޮސް ކައިލަން އުޅޭ ގުދަނަށްވަދެ ބަލަ، މަންމަ ދިޔައިރު ފަންކާގަނޑު ނޭބުރިގެން އޭނަ އޮތީ ފަންކާ ހަދަން، އޭސީއަށް ހޭނިފައިވާ ކުދިންނަށް އަދި ފަންކާއާއި ނުލައި އުޅެންވެއްޖެއްޔާ ވާނީ ކިހިނެއްތަ ޖިޔާ، އަނާފަދަ މުއްސަދިކޮށް އުޅެ ބޮޑުވި އަންހެންކުއްޖަކަށް ކައިލަންއާއިއެކު އުޅެވޭނެހެން ހީވޭތަ؟ ރުޚުސާނާގެ ދަރިއަކަށްވިނަމަ ދެން އެންމެ ރިޗް ނޫނަސް އޯކޭ، ބަޓް ނައު އެއީ ވާނެކަމެއްނޫން، ހެޔޮ ކައިލަންގެ އަޚުލާގު ކިތަންމެ ރަގަޅަސް، އަންހެންދަރިއަކު މީހަކާއި ދެވާއިރު ވަރަށް ގިނަކަންތަކަށް ބަލަން ޖެހޭނެ ދޯ...." ފަލަކްނާޒް ބުނަން ބޭނުންވާ އެއްޗެއް ނިންމާލާފައި ތެދުވުނީ ޖިޔާންއާއި އެ މައުޟޫއަށް އިތުރު ވާހަކަ ނުދައްކަންކަމަށެވެ.

"މަންމާ، އެކަމަކު ރާހިލްއާއި އަނާގެ ކައިވެނި ކުރަން އަޅުގަނޑު މުޅިން ދެކޮޅު....." ޖިޔާން ދުރަށް ބަލަން އިނދެލާފައި ބުނެލި ޖުމްލައިން ފަލަކްނާޒް ބުމަ ކައިރިކޮށްލިއެވެ.

"ރާހިލް ނޫން މީހަކާއި އަނާގެ ކައިވެންޏެއް ނުކުރެވޭނެ....." ފަލަކްނާޒް ދާން ހިނގައިގަތެވެ.

"މަންމާ، ރާހިލް އަންހެންކުދިންނާއި ކޮންމެ ކަހަލަ ގުޅުމެއް އޮތަސް ހެޔޮތަ؟ އޭނައަކީ އެންޖެލްއެއްނޫން މަންމާ، ރަގަޅަށް އޭނަގެ ހަގީގަތް އެނގޭތީ މިބުނީ، ރާހިލްދެކެ ރުޅިއަންނަނީއެއްނޫން ބަޓް އަނާއާއި ގުޅެން ނޭދެނީ...." ޖިޔާން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ރާހިލްގެ ޕާސްޓްގައި ކޮންމެފަދަ ކަންތައް ގަނޑެއް ހިނގާފައި އޮތަސް އަނާއާއި ކައިވެނިކުރުމަށްފަހު ރާހިލް ބަދަލުވާނެކަމުގެ ފުރިހަމަ ޔަގީންކަން މަންމައަށް އެބައޮތް، ފިރިހެންކުދިން ތިބުނާހާ ރަގަޅެއްނުވާނެ، ޖިޔާ އަމިއްލަ ނަފުސާއިމެދު ވިސްނާލަބަލަ، ޖިޔާވެސް އަންހެންކުދިން ގެއަށް ގެނެސްގެން އުޅުނުއިރު މަންމަ ދުވަހަކު އެއްޗެކޭ ބުނިތަ؟ ވިސްނޭވަރުވީމަ ތިހިރީ މައިތިރިވެގެން މީހަކާއި އިންނަންވެސް ބޭނުންވެފައެއްނު، ރާހިލްވެސް އަންހެންކުއްޖެއްނޫން، އޭނަވެސް ނުހުންނާނެ މޫނު އަޅައިގެންނެއް ގޭގައި، ވަގުތާއިއެކު އެންމެން ޗޭންޖްވާނެ......" ފަލަކްނާޒްގެ ވާހަކަ ހުރިގޮތުން އިތުރު ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން ވިސްނި ޖިޔާން އެތަނުން ދާން ހިނގައިގަތީ ވިސްނުމެއްގައި ހުރެއެވެ.

އަނާ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން މިސްކުއަށް ރޮވޭގޮތްވިއެވެ. އަނާގެ އެބައްޔަކީ ކޮބާކަމެއް މިސްކުއަކަށްވެސް ނޭގެއެވެ. ބޭބެއަކީ ނަފްސާނީ މައްސަލަތަކަށް ބޭސްކުރާ ޑޮކްޓަރަކަށްވިނަމަވެސް ބަލިމީހެއްގެ މައުލޫމާތު ބޭބެގެ ކައިރިއަކުން ނުހޯދޭނެއެވެ. އަނާގެ ކޮޓަރި ރީތިކޮށްލަދޭން ފަލަކްނާޒް ބުނުމުންމިސްކު އެކޮޓަރިއަށްވަނީ ފްރެންޗް ފްރައި ތަށްޓެއް ހިފައިގެންނެވެ. ކަމުން، ލަވައެއް އަޑުއަހަން ހުރުމުން މަސައްކަތްކުރިއަށްދާލެއް އަވަސްވިއެވެ. ދޭތެރެއަކުން ޖިޔާންއަށް ވައިބަރކޮށްލައެވެ. އެންމެފަހުން އަނާގެ މާޒީ ބަލަން ބޭނުންވިވަރުން މިސްކު އެތަންމިތަން ހާވަމުންގޮސް ތަޅުލާފައި ހުރިތަންތަން ހުޅުވަން މަސައްކަތްކުރަމުންގޮސް ތަޅުދަނޑި ފޮރުވާފައި ހުރިތަން ހޯދައިގަތެވެ. މިއީ ޕެންޑޯރާ ބޮކްސްހުޅުވުމާއި އެއްފަދަކަމެއްކަން ނޭގިހުރެ މިސްކު އެޑައިރީ ހުޅުވިއިރު ފުރަތަމަ ހީކުރީ އަނާގެ ކަމަށެވެ. ތަންކޮޅެއް ކިޔައިލުމުން އެނގުނީ ރާޔާގެ ކަމެވެ. ޖިޔާންގެ ނަން ނުފެނުނުނަމަ އޭނަ ފަހަރެއްގައިވެސް މަރުވެފައިވާ ކުއްޖެއްގެ ކަރާމާތަށް އަރައިނުގަތީހެވެ. ފެނުނީ އޭނަގެ ސިކުނޑި ގަނޑުވާފަދަ ފަދަ ތަންކޮޅެކެވެ. ކޮއްކޮއަކާއި ބޭބެއެއްގެ ގުޅުން އެގޮތަށް އޮވެދާނެހެއްޔެވެ؟ މިސްކު ހަލާކުވެފައިވާ ހިތަކާއިއެކުގައި އެޑައިރީ ކިޔާ ނިމުނުއިރު އޭނަ ރޮއިރޮއި މަރުވާވަރުނުވީ ކިރިޔާއެވެ. ކަރުނަތައް ހުއްޓުވާނެގޮތެއްވެސް ނޭގުނެވެ. އެޑައިރީ އޮތްތާ ބާއްވާފައި ސިއްރުސިއްރުން އެކޮޓަރިން ބޭރުވިގޮތަށް ނަސީބަކުން މީހަކަށް ނުފެނި ގެއާއި ހަމަޔަށް ފޯރިއެވެ. މިސްކު އެނދަށް ވެއްޓިގަތްގޮތަށް ބާލީހުގައި މޫނު ފޮރުވިއެވ.

"ރާޔާ އަމިއްލަ ބޭބެގެ ދަރިއަކަށް ބަލިވެ އިނީ، އަައްޗީޑި، އެހާ މާތް މީހުންގެ ދަރިން އެހާ މުޑުދާރުކޮށް އުޅެން ޖެހޭތަ؟ ޖިޔާންއާއި ދުވަހަކު އަނގައިން ނުބުނާނަން، އޭނަގެ ލޮލުގައި އެހުންނަ މިސްޓީރިއަސްކަމަކުން އަބަދު ހިތަށް އަރާ ކޮންމެވެސް ކަހަލަ ކަންތައްގަނޑެއް ފޮރުވައިގެންނޭ އުޅެނީ، ކޮއްކޮއާއިއެކު ނުކުރާކަށް ކަމެއްނެތް، އެވެސް ލޯތްބަކުން ނޫން، އެކަނި ލަސްޓް، ލޯބިވަނީ އަދި އަނާ ދެކެ ޔޯ، މިއީ ދިވެހި މުޖުތަމައުގައި ހިނގާފާނެކަމެއްކަމަށް މީހަކު ގަބޫލެއްނުވެސް ކުރާނެ، އެކަމަކު އެހެރަ ސީންތަކެއް، ރާޔާވެސް ހުރިހާކަމެއް އެނގިހުރެ އޭނަގެ ބޭބެއާއިއެކު އެހުރިހާގޮތްގޮތަށް އުޅުނީ، ދެމީހުންވެސް މެންޓަލް ކަން ނޭގޭ، އަހަންނަށް އެޑައިރީ ފެނުނުކަމަކަށް ނަހަދާނަން، އެނގިއްޖެ، އޭނައަށް ގުޅާފައި ބުނާނީ އަދިވެސް ހަމަ ލޯބިވަނީ ޒާޔަލް ދެކެއޭ، ފަރސްޓް ލަވް ހަނދާން ނައްތައެއްނުލެވޭނެއޭ، އޭރަށް ވަރަށް ރުޅިގަދަވާނެ، އައި ޑޯންޓް ކެއަރ، ތޭންކް ގޯޑް ކައިވެންޏާއި ހަމަޔަށް ނުދަނީސް އެ ނުލަފާ ފިރިހެނާ ބަސްޓްވިކަން، ދޮންބެ ކިހާވަރަކަށް ވިސްނައިދިން، އަހަންނަށް އޭރު ގަބޫލުނުކުރެވުނީ، މިހާރު މިވިސްނުނީ، އަދިވެސް ޒިޔާ އަހަންނަށްޓަކާ ހުންނާނެތަ؟ އެކަމަކު ދެން ނުވެސް ކެރޭނެ އޭނަކައިރިއަށް ދާކަށް، އަހަރެން ޒިޔާގެ ކުށަކާއި ނުލައި ރުޅިވީ...." މިސްކުގެ ޚިޔާލުތައް އެކިދިމާލަށްގޮސް ނިކަން އަވަޖަށް ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރި އަތުލައިފިއެވެ. ތެދެކެވެ. މުއްސަދިކަމަކީ ދަޅައެކެވެ. އެކަމަށް ހެއްލިގެން ފައިސާގެ ފަހަތުން ދުވަން ފަށައިފިއްޔާ ކޮޅު ކެހި ލިބިދާނެއެވެ.

މިސްކުއަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ނިދަން އޮތްވާ ސިހިފައި ހޭލެވުނީ ހަޅޭއްލަވައިގެންފައެވެ. އޭރު މުޅިކުއްޖާ އޮތީ ދަލުން ތެމިފައެވެ. ބާކީ އޮތްބައިގާވެސް ނިދުނުކަމަކަށްނުވިއެވެ. ކޮލެޖަށް ހެދުނު ދާން ޖެހޭތީ ނިދާލަންވެސް ބޭނުމެެވެ. އޭނަވެސް މޮޔަވަނީހެއްޔެވެ؟ ކެތްނުކުރެވިގެން އެންމެފަހުން ކައިލަންއަށް ގުޅިގޮތަށް ރޮވުނީއެވެ.

"ދޮންބެ، އަހަންނަށް ނައިޓްމެއަރ ފެނުނީ، އެފަހުން ނުނިދިގެން މިއުޅެނީ...." މިސްކު ނޭފަތްދަމަމުން ކިޔައިލިއެވެ.

"ރިލެކްސް މިކީ، ދޮންބެއަށް ރަގަޅަށް ކިޔާދީބަލަ...." ކައިލަން އަހައިލިއެވެ.

"ދޮންބެ، ކެން އައި މީޓް ޔޫ ލައިކް ނައު......" މިސްކު ގާތްގަނޑަކަށް ރޮއިގަތެވެ.

"ދޮންބެ ނަމާދުކޮށްލައިގެން އަންނާނަންް...." ކައިލަން މިސްކު ކައިރީގައި އެދުނީ ނުވިސްނުމަށެވެ. ބިރުވެރި ހުވަފެންތަކާއިމެދު އަޅާނުލާ ދީނުގައި އެކަން އޮންނަގޮތްވެސް ބުނެދިނެވެ. ހެއްދެވިފަރާތަށް އިތުބާރުކުރަން ހަނދާންކޮށްދިނެވެ. ކައިލަންއާއި ވާހަކަ ދައްކައިލެވުމުން މިސްކުގެ ހިތަށް ކުޑަ ފިނިކަމެއް ލިބި ކަރުނަތައް ފޮހެލާފައި ނަމާދުކޮށްލައިގެން ކޮފީ ހަދަން އުޅެގަތެވެ. ނަމަވެސް އެކުއްޖާގެ މޫނަށް ބަލައިލި މީހަކަށް ރޭ ހަތަރުދަމު ނުނިދާ ރޮއިފައިވާކަން އެނގޭނެއެވެ.

ރާހިލް ކޮޓަރިއަށްވަންއިރު އަނާއިނީ ސޯފާގައި އިށީދެލައިގެންނެވެ. އިންޖެކްޝަނެއް ޖަހާލާފައި ހުރުމުން އަނާ ވަރަށް ބޮޑުތަން ރަގަޅެވެ. ކުރިމަތީގައި ހުރި ތަބަކުގައި ކާތަކެތި އަތުރާލާފައި ހުރިނަމަވެސް އޭނައިނީ ކާހިތްނުވެފައެވެ. މަންމަ ރާހިލް ވަނުމާއިއެކު އެތަނުން ދިޔަތަން ފެނިފައި އަނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މަންމައަށް ގޮވާލަން އަނގަ ހުޅުވާލާފައިވެސް ދޫހީވީ ރަބަރުގަނޑެއްހެންނެވެ. ޑޮކްޓަރުންދޭ ބޭހުގެ ސަބަބުން އޭނައަށް ވާ އުދަގޫތައް ހައްތަހާ ގިނަވަނީއެވެ. އަމިއްލަ ހާލަތު ހިތަށް އަރާފަޔާ ކައިލަންގެ މަތިން ހަނދާންވެފައި ހިތް ހީވަނީ ކުދިކުދިވެގެން ފައިބައިގެންފާނެހެންނެވެ.

"ބޭބީ ގާރލް، ކުޑަކޮށްނަމަވެސް ކެއީމަ ވަރުޖެހިގެން ގެއަށް ދެވޭނީ، ބަލާބަ މި ހިމަ އިނގިލިތައްވެސް ތުރުތުރުލަނީ...." ރާހިލް އެއަތްތިލަ ނަގާފައި ތުންފަތުގައި ޖައްސާލިއެވެ.

"ބޭހަކުން ރަގަޅެއްނުވާނެ..." އަނާ ކެތްނުކުރެވިގެން މަޑުމަޑުން ކިޔާލައިފިއެވެ.

"ދެން ކިހިނެއް އެނީއަށް ރަގަޅުވާނީ، އަހަރެން މިހިރީ އެނީއަށްޓަަކައި ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް، އެނީތިންގް ފޯރ ޔޫ ފުރާނަޔާ، ހަމަ ބުނަންވީ......" ރާހިލް އަނާގެ އަތުގެ އޮމާންކަން އިހުސާސްކުރަމުން ދިޔައެވެ.

"އާރ ޔޫ ޝުއަރ؟" އަނާ ރާހިލްގެ ދެލޮލަށް ބަލައިލިއެވެ. ރާހިލް އެއްބަސްވުމުގެ ގޮތުން އާއެކޭ ބުނެލުމުން އަނާގެ ހިތް ތެޅިގަތީ ބާރުބާރަށެވެ. އޭނަގެ ހިތަށް ޝިފާ ދެވޭނެ އެކަނި ޑޮކްޓަރަކީ ކައިލަންއެވެ.

"ކައިލަން ގެނެސްދީ...." އަނާ ކިޔައިލި ނަމަކުން ރާހިލްގެ އަނގަޔަށް ހަދައިލިގޮތަކުން އެނަންދެކެ ފޫހިވާވަރު އެނގުނެވެ. ކައިލަން އަނާގެ ހަޔާތަށް ގެނެސްގެން އަނާގެ ހަޔާތް ބަރުބާދުކުރުވަންވީހެއްޔެވެ؟ އަނާގެ ޅަކަމުން ނޭގެނީއެވެ. މޮޔައީއެވެ. ލޯތްބާއި ކުލުނު ވަކިކުރަން ނޭގެނީއެވެ. ކައިލަންއަކީ އަލީސާގެ ހައްގެކެވެ.

"ބޭބީ، ކައިލަން ގެނައިމަ ހައްތަހާ ބޭބީގެ ހިތަށް ދަތިކަން ލިބުން ނޫންކަމެއް ނުވާނެ، ހީޒް މެރީޑް، އަދި އޭނަ ވައިފްއަށްވެސް ވަފާތެރިއެއްނުވާ މީހެއް، ބޭބީ ދިޔައިމަ އަހަންނަށްވާނީ ކިހިނެއްތަ؟ އަހަރެންގެ އިންތިޒާރާއި އުއްމީދު އެއްޗަކަށް ނުވޭތަ؟ އެނީ، ކޮންދުވަހެއް އަހަރެން އެނީއަށް އެދޭތާ، އެހެން ހުއްޓާ އަހަރެމެން ދެމީހުންގެ ދޭތެރޭގައި އެހިނގިކަމެއް ހިނގީ، ޔޫ ވާރ ވިލިން އެނީ، އެއަށް ކިޔަނީ ލޯބި، އަހަރެމެންގެ ދޭތެރޭގައި އޮތް ކެމިސްޓްރީ އެދުވަހު، އެނީ އަހަންނާއި ރައްޓެހިވެގެން އުޅެފައި ބޭވަފާތެރިނުވެބަލަ ޕްލީޒް، އެހާބޮޑު ހިތާމައަކަށް އަހަންނަށް ކެތެއް ނުކުރެވޭނެ، އައި ޕްލީޑް ޔޫ އެނީ، ތިހެން ނަހަދާ، އަހަރެންގެ ލޯތްބަށްޓަކައި ސަލާމް މިޖަހަނީ..." ރާހިލްގެ ރީތި ދެލޮލަށް ކަރުނަ ޖަމާވެ މުތީތަކެއްފަދައިން ބަބުޅަން ފެށުމުން އަނާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ބޮޑު ފިރިހެނުންވެސް މިގޮތަށް ރޮއި އުޅޭހެއްޔެވެ؟ ރާހިލް އޭނަދެކެ ލޯބިވަނީ ހާދަ ބޮޑަށެވެ. ތެދެކެވެ. އޭނަވެސް ރާހިލްއަށް އޮޅޭފަދަ ގޮތަކަށް އެފަދަ އަމަލަކަށް މަރުހަބާ ކިޔައިގެން ނުވާނެއެވެ.

"އެނީ، ޕްލީޒް، އަހަރެން މަރުވެދާނެ، އަހަންނަށް ކެތްކުރެވިއްޖެ ވަރަށް ދުވަހަށް، އައި ލަވް ޔޫ ސޯ ސޯ މަޗް ބޭބީގާލް، މެރީ މީ، އޭރުން އެނގޭނެ އަހަރެން ލޯބިވާވަރު......." ރާހިލް އަނާގެ އުނގުގައި ބޯއަޅާލިއެވެ. އެކަރުނަތައް އަނާ ލައިގެން އިން ސްކިނީ ތެންމާލާފައި ފަޔާއިއެކު ހިތަށްވެސް ފިނިވާންފެށިއެވެ. ރާހިލް އެގޮތަށް ދެރަކޮށްލާކަށް އަނާވެސް ބޭނުމެއްނޫނެވެ. ހިތަށް އަސަރުކުރީ އެހެންވެއެވެ.

ކޮމެންޓް 0