އަނާ ގުދުވެފައި ބަލައިލިއިރު އެއީ އޭނަގެ ބޭބެ ޖިޔާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އަނާގެ ވިސްނުންވެސް ލުހިގެން ދިޔަހެންހީވިއެވެ. ލިބުނު ބިރުވެރިކަމެއްގެ ސަބަބުން ވަގުތުން ފުންމައިގެން ތެދުވި ގޮތަކުން މޭޒުމަތީގައި އަތުން ޖެހި އެތައް އެއްޗެހިތަކެއް ތެޅިގެންދިޔަ އަޑުފަށްގަނޑާއިއެކު އެންމެންގެ ސިހިފައިވާ ނަޒަރު އަނާއާއި ދިމާލަށް ހުއްޓުނެވެ. އަނާގެ ކުއްލި އަމަލާއިއެކު ހުރިހާ ސިކުނޑިއެއްގައި ވީ ސުވާލު މާކުތަކެވެ. އަނާ އަނގައިން ނުބުނިކަމުގައި ވިޔަސް މިވީހާތަނަށް ދުވަހަކުވެސް އެޒާތަށް އުޅެފައެއްނުވެއެވެ. ފަލަކްނާޒް ލަސްލަހުން އިން ތަނުން ތެދުވުނުއިރު މޫނަށް ހީވީ އަނގުރު އަލިފާނުގެ ކުލަވެރިވިހެންނެވެ.
"އަނާ......" ފަލަކްނާޒްގެ ބާރުއަޑު ގުގުމައިގެން ދިޔުމާއެކު އަނާ ހޭވެރިކަންވިއެވެ. އޭނަ ހާވާލި ހަޑިއަށް ބަލާލާފައި ހެދުނު ގޯސް ރޭކާލުމާއިއެކު ލަދުން މަރުވާވަރުވިއެވެ. އަވަސްއަވަހަށް އެތަނުން ނުކުމެގެން ދުވެގޮސް އޮބާލައިފިއެވެ.
"އަނާގެ ނަފްސާނީ މައްސަލަ ހައްތަހާ ގޯސްވަނީ، އެހެންވެ އަހަރެން ބުނަނީ ސިހުރެކޭ، އެހެންނޫންނަމަ ކައިލަން ހާ މޮޅު ޑޮކްޓަރަކަށް އެކުއްޖާ ކޮންޓްރޯލް ކުރެވެންވާނެ، އަނގައިންވެސް ބުނާކަށް ނޫޅުނެއްނު، ނޫނީ ޖިންނިއެއް އަނގަމަތީގައި ހިފާފައި އިނީ ނޫންކަމެއްވެސް ނޭގޭ......" ޖިޔާން ހިމޭންކަން ނައްތާލަންވެގެން ބުނެލި އެއްޗަކުން ޔަޒީދުގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
އަނާގެ ކުއްލި ރުޅި ފެނިފައި ކައިލަންއަށްވެސް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެގޮތަށް އަނާގެ މޫޑު ބަދަލުވާންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނަގެ ވިސްނުމަކަށް ނައެވެ. އަނާ ވާހަކަ ނުދެއްކިކަމުގައިވިޔަސް އެއީ ބަސްއަހާ ރަގަޅުކުއްޖެކެވެ. ކޮންމެވެސް މީހެއްގެ ފަރާތުން ހިތްހަމަނުޖެހޭފަދަ އިޝާރާތެއް ފެނުނީކަމަށް ވެދާނެއެވެ. ޖިޔާން ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ދާން ހިނގައިގަތުމުން ފަލަކްނާޒް ގޮވީމަވެސް އަޑުއިވުނުކަމަކަށް ނުވިއެވެ.
އިރުކޮޅެއްވާންދެން އަނާގެ ވާހަކަ ދެކެވުމަށްފަހު ފަލަކްނާޒް އަސްލު އޭނަގެ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. ޖިޔާން އާއި މިސްކު ކައިވެނީގެ ގޮތުން ގުޅުވަން ބޭނުންވާކަމަށް ބުނުމުން މިސްކުއަށް ސިހުމެއް ލިބުނެވެ. އަނާ ފަދައިން އެތަނުން ދުވެ ފިލަން ބޭނުންވިޔަސް މަންމަގެ ހަރުކަށިކަން ހިތަށް އަރާފައި ގުޑިލާކަށް ނުކެރުނެވެ. ރުޚުސާނާގެ މޫނަށް ވެރިވެގެން ދިޔަ ކުލަތަކުން އޭނަ އުފާވެފައި އިންވަރު ހާމަކޮށްދިނެވެ. ކައިލަން އިނީ ޝޮކެއްގައެވެ. މިސްކު ހީވީ ރޮއިގެންފާނެ ހެންނެވެ. އޭނަގެ އުފާތަކާއި ހިތްހަމަޖެހުން މަންމައަށް މުހިއްމު ނުވީކަން އެނގިފައި ދެރަވީވަރުން ފެންކަޅިވިއެވެ. ޒާޔަލްއަށް ހަގީގަތް އެނގުމުން ހިތް ހަލާކުވާނެއެވެ.
ކޮޓަރިއަށް ވަންގޮތަށް މިސްކު ދޮރުހުޅުވާލާކަށްވެސް ނޫޅުނެވެ. ނުކައިނުބޮއި އެރެއާއި ހަމަޔަށް އޮތްއިރުވެސް އެކަން ދެކެލާނެ މީހަކި ހުރީއެއް ނޫނެވެ. ކޮއްކޮގެ ހާލު އެނގިގެން ކައިލަން ހަމްދަރުދީވިވަރުން މަންމަ ގާތު އާދޭސްކުރަން ފެށުމުން ޒާޔަލްއާއި ބައްދަލުކުރަން އެއްބަސްވިއެވެ. ޒާޔަލް އައުމުން ތަފާތު ސުވާލުކުރަން ފެށިގޮތަށް އެނގުނީ ޒާޔަލްގެ ބައްޕައެއް ނެތްކަމާއި މަންމައަކީ ޒޫނީ ކިޔާ މީހެއް ކަމެވެ. ރުޚުސާނާ އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. ޒޫނީގެ ވާހަކަ އިވިފައި ހޮޑުލަވާވަރުވިއެވެ. ޒޫނީއަކީ މާލެއަށް މަޝްހޫރު އަންހެނެކެވެ. އުމުރުން ވަރަށް ޅައިރު ނަހަލާލަށް ބަލިވެއިނދެ ދަރިއަކު ވިހޭ ޚަބަރު ނޫހުގައި ޖެހިއެވެ. އެދަރިއަކީ ޒާޔަލްތާއެވެ. ރުޚުސާނާ ކިތަންމެ ވަރަކަށް ރުޅިގަދަވެ އެތެރެހަށި އެނދި ނަމަވެސް އޭނަ އިނީ ކެތްތެރިކަމުގެ އިންތިހާއަށް ކެތްކޮށްލައިގެންނެވެ. ކައިލަންއިނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ޒާޔަލްގެ ބައްޕައެއް ނެތްކަން އެންމެ ގާތް އެކުވެރިޔާއަށްވެސް ނާންގާ ހުންނާނީ އެކަން ފޮރުވަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ޒާޔަލް ދެރަވާނެވަރު އެވަގުތުކޮޅު އިހުސާސްކުރެވުނެވެ. ނަމަވެސް ޒާޔަލްގެ ކުށަކީ ކޮބާހެއްޔެވެ؟ މަންމަމެން ކުރާ ކުށްތައް ކޮންމެވެސް ޒަމާނެއްގައި ދަރިންނަށް ލިބޭ ހިތާމައަކަށްވާން ޖެހޭހެއްޔެވެ؟ މަންމައަކަށްވުރެ ޒާޔަލް އަބަދު ދައްކާއުޅުނީ ދައްތައެއްގެ ވާހަކައެވެ. މާލޭގައި ކުރިން އުޅުނީ ދައްތައެއްގެ ގާތުގައެވެ. އެވެސް އެއްބަނޑު އެއްބަފާ ދައްތައެއްކަމަށް އެނގިފައެއް ނެތެވެ.
"މަންމަ މިހާރު ކޮބާތަ؟ އެއްފަހަރު ގުރާދޫއަށް ލީ ޚަބަރުވެސް އަޑުއެހިން......" ރުޚުސާނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއްވިއެވެ. ޒާޔަލް ހީވީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވިހެންނެވެ. އިރުކޮޅެއްކޮށްލާފައި އޭނަ ކަރުކެހިލާފައި ބުނެލީ ޖަލުގައިކަމުގައެވެ. ޒާޔަލްއިނީ ދެރަވެފައެވެ. މާޒީގެ ހަނދާންތައް އާކޮށްގެން އެހެންމީހުން އޭނަގެ ހިތަށް މިހާވަރުގެ އަނިޔާއެއް ދޭންވީ ކީއްވެހެއްޔެވެ؟ މީހަކާއި އިންނަންވާއިރު މިގޮތަށް އާއިލާގެ މައްސަލަ ޖެހިދާނެކަމުގައި ވިސްނައި ނުލެވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އެކަންތައް މުޅިން ހަދާން ނައްތައިލެވުނީއެވެ.
"މަސްތުވާ އެއްޗެހީގެ މައްސަލާގައި ހައްޔަރުކުރި ޒޫނީއަކީވެސް އެއީދޯ....." ރުޚުސާނާ މަލާމާތުގެ ރާގަކަށް ބުނެލަމުން ސައިތަށީގައި ތުންޖެހިއެވެ. ޒާޔަލް އެއްވެސް އެއްޗެއްގައި އަތެއް ނުލައެވެ. އިންތިހާއަށް ދެރަވެ މާޔޫސްވެފައި އިން ޒާޔަލް ބޭނުންވީ ވަގުތުން އެތަނުން ނުކުމެގެން ދިޔުމަށެވެ. މަންމަގެ ކުށުގެ ކައްފާރާ މިގޮތަށް އަދާކުރަން ޖެހިދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ކުޑައިރުއްސުރެން މަންމަގެ ފަރާތުން ތަކުރާރުކޮށް އެތައް ފަހަރު އަނިޔާއާއި ރުޅިވެރިކަން ތަހައްމަލު ކޮށްފައިވިޔަސް ޒާޔަލް މަންމައާއިމެދު ހިތްބުރައެއް ނުކުރެއެވެ. އެހީވާންވެސް މަސައްކަތްކުރިއެވެ. އޭނަ ތުއްތުއިރު އުޅުނު ހާލު އެނގިއްޖެއްޔާ ދުރުހިލޭމީހުންނަށްވެސް އަސަރު ކުރާނެކަން ޔަގީނެވެ. ލޯތްބާއި ކުލުނަކީ އޭނައަށް ބީރައްޓެހި އެއްޗެކެވެ. ކިޔަވަން ހުއްޓާ މަންމަ ޖަލަށްލީކަން އެނގުމުން އޭނަ ކަރުނައަޅާ ރުޔެވެ. މަންމަ އެހާ ނުބައި މަގެއް ޚިޔާރުކުރަންވީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ.
"ޑޮކްޓަރ ޒާޔަލް، އަޅުގަނޑު އެބަވިސްނަން ދެން ހަދަންވީގޮތެއް، އިހަށް މިތަނުން ދުރުވޭ، ޒާޔަލްގެ ޤާބިލުކަމާއިމެދު އަޅުގަނޑު ޝައްކެއްނުކުރަން، ނަމަވެސް މުޅިރާއްޖެ ދަންނަ މަޝްހޫރު އަންހެނެއްގެ ދަރިއަކާއި އަޅުގަނޑުގެ ދަރިއެއް އިންނައިރު އެހެން މީހުންނާއިވެސް ވާހަކަދައްކާލަން ޖެހޭ، ނުވީތާކަށް ފަޒީލް މިތާކުނެތް، އޭނަގެ ފަރާތުން ހުއްދަހޯދާފައި ގޮތެއް ނިންމާނީ....." ފަލަކްނާޒްގެ ޖުމްލައާއިއެކު މިސްކު އަނގަމަތީގައި އަތްއެޅީ ގިސްލުން މަތަކުރުމަށެވެ. އޭނަގެ ލޯބިވެރިޔާ އެހާ ދެރަވެ ހިތުގައި ޖެހިގެންދާތަން ދެކެން އެހިތަކަށް ކުޅަދާނައެއް ނުވިއެވެ. މިއީ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ޒާޔަލް ގޮސް އޮބާލުމާއިއެކު ރުޚުސާނާ އަތްދަމާފައި މިސްކުގެ މޫނަށް ވީއްލާލި އެތިފަހަރާއިއެކު މިސްކުގެ މޫނުމަތިން ކުދިކޮކާ ބުރައިގެންދިޔަ ހީވިއެވެ. މުޅިކުއްޖާ ބުރާންތިވާ ގޮތްވެ މޫނުގައި ފިރުމަން ފެށިއިރު ލޮލުން އޮހެމުންދިޔަ ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެންފަށައިފިއެވެ. ކައިލަން އެދޭތެރެއަށް ވަދެ މިސްކުއަށް ހިމާޔަތްދޭން މަސައްކަތްކުރުމުން ރުޚުސާނާގެ ރުޅިވަކިން ގަދަވިއެވެ.
ރުޚުސާނާ އެތިވަރު ގޮވައިގަތުމުން މިސްކު ކޮޓަރިއާއި ދިމާލަށް ދުއްވައިގަތުމުން ރުޚުސާނާ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ގޮނޑިއަށްތިރިވިއެވެ.
"މަންމާ، ޒިޔާގެ ބައްޕަނެތަސް މަންމައަކީ ކޮންމެކަހަލަ މީހަކަށްވިޔަސް އޭނަގެ ކިބައިގާ އެމީހުންގެ އެއްވެސް ސިފައެއްނެތް، އޭނަހާ ރަގަޅު ބައިވެރިޔެއް މިސްކުއަކަށް ނުލިބޭނެ...." ކައިލަން މަންމަގެ ކޮނޑުގައި އަތް ބޭއްވުމުން ރުޚުސާނާ އަތް ފޮޅުވާލާފައި ފުންމައިގެން ތެދުވެއްޖެއެވެ.
"ކަލޭ އެބަޖެހޭތަ އަހަންނަށް ހެވާއި ނުބައި ބުނެދޭން، ނުޖެހޭނެ އަހަރެން ކުރާ އެއްވެސް ކަމަކާއި ކައިލަން ބެހޭކަށް، އަޑުއިވިއްޖެތަ؟ ބަލަ މީހަކާއި އިންނައިރު އާއިލާއަށް ބަލަންޖެހޭ، އެއީ ކިހާ ފެންވަރެއްގެ އާއިލާއެއްކަން އެނގުމަށްފަހު އަހަރެން ބޭނުމެއްނޫން މިސްކު އެމީހާއާއި އަނގައިން ބުނާކަށް، ކައިލަންވެސް އޭނައާއި ދުރުން އުޅޭތި ނޫނީ މަށަށް މަންމަ ކިޔައިގެން ނުވާނެ، މިގޭގައި ހުރެގެންވެސް ނުވާނެ....." ރުޚުސާނާގެ ހަރުކަށިކަން ވަގުތުން ދައްކައިލިއެވެ. ކައިލަންވެސް އުޅެބޮޑުވީ މަންމަގެ ލޯބި ލިބިގެނެއްނޫނެވެ. ފަލަކްނާޒް އޭނަގެ ދަރިންނާއި އޮންނަފަދަ ގާތްގުޅުމެއް އޭނަ މަންމައަކާއި ނޯވެއެވެ. އެކަމާއި ކައިލަން ދެރަވެސްވެއެވެ. މިއަދު މަންމަގެ ހަރުކަށިކަން އިހުސާސްކުރެވިފައި ކައިލަން އިތުރު އެއްޗެކޭ ނުބުނެ ފުން ނޭވާއެއްލާފައި އެތަނުން ނުކުތެވެ. ޒާޔަލްއަށް ގުޅާފައި މާފަށް އެދެން އުޅެފައި ކައިލަން ޚިޔާލު ބަދަލުވިއެވެ. ޒާޔަލްއާއިމެދު އިންތިހާއަށް ހަމްދަރުދީވެ ކައިލަންގެ ލޯވެސް ފެންކަޅިވިއެވެ.
ލިބުނު ނާކާމިޔާބީގެ ސަބަބުން ޒާޔަލްގެ ދިރިއުޅުން އޮޔާލައިގެން ނުދިޔައީ ހަމަކިރިޔާއެވެ. ކަރުނަތައް ނުހިފެހެއްޓިގެން ޑިއުޓީއަށް ނުގޮސް ތިންދުވަސްވީއިރު އެކުވެރިން އޭނަގެ ހާލުއޮޅުން ފިލުވަން ގުޅިއެވެ. ޒާޔަލް އެމީހުންނަށް އޮޅުވައިލަން ވެގެން ރަށުން ބޭރުގަޔޭ ކިޔާފައި ކޮޓަރި ތަޅުލައިގެން އުޅުނީ ހާލެއްގައެވެ. އެކުވެރިއަކު ހޯދަދިން ކުޑަކޮޓަރިއެއްގައި އުޅޭއިރު ނަސީބަކުން އެކޮޓަރިން ބޭރުގައި ސޯފާ ބެހެއްޓޭނެ ތަންކޮޅަކާއި ކައްކާބައި ހިމެނޭ ގޮތަށް ދަތިކޮށް ތަނެއް ހުރެއެވެ. އެކަނިއުޅޭ މީހަކަށް އެވަރުގެ ތަންކޮޅަކުން ފުދިދާނެއެވެ. އެހެންހުއްޓާ ޑީ.ޕީ.އާރު.އެސްއިން އޭނައަށް ގުޅާފައި މަންމަ ދޫކުރި ޚަބަރުދިނެވެ. މަންމަ ބަލާއައުމަށް އެންގިއެވެ. ކޮންމެގޮތަކަށް މަންމަ ކަންތައް ކުރިޔަސް އޭނަވަނީ ކިތަންމެ ފަހަރެއްގެ މަތިން މަންމަގެ ހާލު ބަލައިލަން ޖަލަށް ޒިޔާރަތްކޮށްފައެވެ. އަދި މަންމައަށް ބޭނުންވާ ތަކެތިވެސް ޖަލަށް ފޮނުވައިދެނީވެސް ޚުދު އޭނައެވެ. އެހާ އަޅާލާއިރުވެސް ރުޅިމޫނަކާއެކު ނޫނީ އެއްޗެއް ބުނެލާގޮތެއް ނުވެއެވެ. މަންމަގެ ރުހުން ހޯދަން މަސައްކަތްކޮށް އެކަންވަނީ ނާކާމިޔާބެވެ.
އެތައްފަހަރެއްގެ މަތިން ދޮރުގައި ތަޅަން ފެށުމުން ޒާޔަލް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ކައިލަންއެވެ. ޒާޔަލް ދޮރުލައްޕަން އުޅުމުން ކައިލަން އެދޭތެރެއަށް އަތްލައްވާފައި ދޮރުލެއްޕިޔަކަ ނުދިނެވެ.
"ޒިޔާ، ބަލިވީތަ؟ "ކައިލަން އަހައިލިއެވެ. ޒާޔަލްގެ ރީތި މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި މާޔޫސީކަމުގެ އިންތިހާއެވެ. ތުނބުޅި ނުބާލާތާ ހަތަރުވަރަކަށް ދުވަސްވެދާނެއެވެ. ހޭވިފައިވާ އިސްތަށިގަނޑަކާއި ރޫޖެހިފައިވާ ގަމީހެކެވެ. ހީވަނީ އެތައް ދުވަހެއް ވާންދެން ތަންމަތީގައި އޮތުމަށްފަހު ތެދުވެގެން އުޅޭ ބަލިމީހެއް ހެންނެވެ. އެރީތި މޫނުގެ ކުލަފަނޑުވެ ދެލޮލުގައި ކުޑަރަތްކަމެއްވިއެވެ.
"ހަމަ ނޭގިގެންތަ ތިއަހަނީ..." ޒާޔަލް އެނދުމައްޗަށް ވެއްޓިގަތެވެ. އެއްވެސް މީހަކަށް ފެންނާކަށް އޭނަ ބޭނުމެއްނޫނެވެ.
"ނޫން، އަހަންނަކަށް ނޭގޭ، ޒިޔާ އެންމެ ގާތްމީހަކަށްވެ ހުރެވެސް އަހަންނަށް ކިތައްކަންތައް ސިއްރުކޮށްގެން ތިއުޅެނީ...." ކައިލަން ހުރީ ހިތްހަމަނުޖެހިފައެވެ.
އެވާހަކަ އެނގުނީމަ ވީގޮތް ކައިއަށްވެސް ފެނިއްޖެއެއްނު......." ޒާޔަލް އެވާހަކަ އަލުން ދައްކާކަށް ބޭނުމެއް ނޫނެވެ. އޭނަގެ މަންމަ ޖަލުން ދޫކޮށްލައިފި ކަމަށާއި މަންމަ ބަހައްޓަން ގަސްތުކުރަނީ އޭނަގެ ގާތުގައިކަން ބުނަން އުޅެފައިވެސް ޒާޔަލް ދެރަވެގެންގޮސް ހިމޭންވިއެވެ.
"ޒިޔާ ތިހާ ފިނޑިވެގެން ކަމަކުނުދާނެ، ޒިޔާގެ ޕޭރެންޓުން ކޮންމެގޮތަކަށް އުޅެފައި ހުއްޓަސް އެހެނޭ ކިޔާފައި ޒިޔާ ގިލްޓީވާކަށް ނުޖެހޭ، އަހަރެން މިއީ މިސްކުގެ ބޭބެ، އެކަމަކު ކިރިޔާވެސް ބާރެއް ފޯރާނެނަމަ އަހަރެން މިސްކުގެ ޙަޔާތުގެ ބައިވެރިޔަކަށް ޒިޔާ ނޫން މީހަކަށް ވިޔަކަ ނުދޭނަން، އަހަރެން އެހާވަރަށް އިތުބާރުކުރަން، ޒިޔާގެ މަންމަ ޖަލުގައި އޮތަސް އެހެނެއްނޫން ދޯ ޒިޔާ ތިއުޅެނީ، ޒިޔާއަށް އެންމެންހެން ރެސްޕެކްޓްކުރޭ، ވީއިރު ގިވްއަޕް ނުކޮށްބަލަ، އަހަރެން މިހިރީއެއްނު......" ކައިލަންގެ ވާހަކަތަކުން ޒާޔަލްގެ އެސްފިޔަތައް ތެމުނެވެ. ރީތިދެލޮލެއް ލިބިފައިވާ ޒާޔަލްއަށްޓަކައި އަންހެންކުދިން ނުވާނީއެއް ނޫނެވެ. ޒާޔަލްގެ ހުންނަ މިޒާޖުގެ ސަބަބުން އިތުރު އެއްވެސް އަންހެންކުއްޖަކަށް ލޯބި ހުށަހަޅަން ބޭނުންނުވަނީއެވެ.
"ނޫން، ކައި، އަހަރެން ބޭނުމެއްނޫން އަލުން މިސްކުއާއި ގުޅޭކަށް، މިސްކު ކައިރީގައި ކައި ބުނެދީ މަންމަމެން ބޭނުންވާ މީހަކާއި އިންނާށޭ، އޭރަށް މިސްކުއަށްވެސް އެންމެރަގަޅުވާނީ، މިސްކުއަށް މިތާކު ނޫޅެވޭނެ، ސަބަބަކީ....." ޒާޔަލް އެއްޗެކޭ ބުނަން އުޅެފައި ހިންދިރުވާލިއެވެ.
"އެއީ ކީއްވެގެންނޯ، ލޯބިވަންޏާ ކުޑަތަންކޮޅެއްގައިވެސް އުޅެވިދާނެ، މިތަން ހަމަ ރަގަޅޭ...." ކައިލަން ހިތްވަރުދިނެވެ. ޒާޔަލްއާއި މިސްކު ދުރުވާކަށް އޭނަގެ ހިތެއްނޭދެއެވެ.
"މަންމަ ޖަލުން ދޫކޮށްލައިފި، މަންމަ ހުންނާނީ އަހަރެން ގާތުގައި......" އެންމެފަހުން ޒާޔަލް ހަގީގަތް ހާމަކުރިއެވެ.
"އޯހ....." ކައިލަންއަށްވެސް ބުނެވުނެވެ. ކައިލަންވެސް އިނީ ވިސްނުމެއްގެ ތެރޭގައެވެ. ޒާޔަލްއަށް މިކަމުގައި އެހީވާން ބޭނުންވިޔަސް އެއަންހެނާގެ ސަބަބުން އެކަމަށް ހުރަސްއެޅޭނެ ކަމަށް އޭނަގެ ހަވަނަ ހިއްސު އެންގިއެވެ. ކައިލަން އެދުނީ ކޮންމެގޮތެއް ހަދާފައިވެސް ޒާޔަލް ވަޒީފާއަށް ނުކުތުމަށެވެ. މާޔޫސްވެގެން ގޭގައި ނުހުރުމަށެވެ. ޒާޔަލްފަދަ ރަގަޅު ޒުވާނަކަށް ދެރަގޮތެއް ވެދާނެކަމަށް ގަބޫލުނުކުރާ ކަމުގައިވެސް ކައިލަން ބުނެލިއެވެ. އެންމެފަހުން ކައިރީގައި ހުރި ހޮޓަލަކަށް ވަދެފައި ކާއެއްޗެއް ގަނެގެން ގެނެސްދީ ކޮފީހަދާފައި ކާން ކައިލަން އެދުނެވެ. ޒާޔަލްގެ ހިތަށް އަސަރުކުރިއެވެ. ކައިލަންފަދައިން އެންމެންވެސް މާތްވާނެނަމައެވެ.
މިސްކު ފެންޑާއަށް ނުކުތްއިރު އަނާ ކޮޓްންކެންޑީ ހަދަން ހުރެފައި އެކަތި ދިއްކޮށްލިއެވެ. ދެކުދިން ފެންޑާގެ ހަރުފަތް މަތީގައި ކެންޑީގެ އެތިކޮޅުތައް ނައްޓާލައިގެން ކާންތިބިއިރު މިސްކު ފެށީ އަނާ ހައިރާންވާފަދަ ވާހަކައެކެވެ.
"އަނާ، އެއް އަންހެންކުއްޖަކަށް ދެމީހަކު ދެކެ ލޯބިވެވިދާނެތަ؟ " މިސްކު ވިސްނުމެއްގެ ތެރޭގައި އިންގޮތުން ކަމެއް ގޯސްވެއްޖެކަން އަނާ ދެނެގަތެވެ. އަނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"އަނާއަށް އެނގޭނެ އަހަރެން ޒާޔަލްއާއި މެރީކުރަން ބޭނުންވެފައި ހުރިވަރު، މިހާރު ކުއްލިއަކަށް މަޖުބޫރުވީ އެހެންކަމެއްކުރަން، ޕްލަސް އައި ފީލް އެމީހާދެކެ ހޭޓްކުރެވޭހެންވެސް، އޭނަ ހެންޑްސަމް ދޯ، އެކަމަކު އަހަންނަށް އެހާ ޓްރަސްޓެއް ނުކުރެވޭ، ކުޑަކޮށްވެސް ލޯތްބެއްނުވޭ، ބައެއްމީހުން ބުނާނެ މެރީކުރީމަ ލޯބިވެވެން ފަށާނެއޭ، އޭރަށްވެސް އެނގޭ ދެން މިހިތް ބަދަލެއް ނުވާނެކަން.........."މިސްކު ދެރަވެލާފައި ވާހަކަދެއްކިއެވެ. އެހެން ބުންޏަސް މިސްކުއަށް އެނގެއެވެ. ހިތަކީ އަޖައިބެއްފަދަ އެއްޗެކެވެ. ބަދަލުވާކަށް ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ.
"މިކަހަލަ ސިޗުއޭޝަނެއްގައި މެރީކުރުން ރަގަޅުވާނެތަ؟ އެޓްލީސްޓް އިޝާރާތުންވެސް ޖަވާބުދީބަލަ، އަހަރެން ވަރަށް ޑެސްޕެރޭޓްވެފައި މިހިރީ...."މިސްކު އަނާގެ މޫނަށް ބަލާލާފައި އަހާލިއެވެ. އަނާ އާއި މިސްކުގެ ހަތަރުކަޅިހަމަވިއެވެ. އެވަރުންވެސް އަނާ ޚިޔާރުކުރީ ހިމޭންކަމެވެ.
"ޕްލީޒް އަނާ، ކޮންމެވެސް އެއްޗެކޭ ބުނެބަލަ، ހަމަ ގޮތް ހުސްވެ މޮޔަވާ ހިސާބަށް ހިނގައްޖެ، އޭނައަކާއި ނީންނާނަން، ފޮނި ނުލަފާ މީހާގަނޑެއް....." މިސްކު އޭނަގެ ކެންޑީ ހުސްކޮށްލާފައި ފާރުގައި އަތުންޖެހިއެވެ. އެކުއްޖާއަށް ވެފައިވާވަރު އެނގުމުން އަނާގެ ބޯ ގޮވާވަރުވިއެވެ. އޭނަ މިސްކުއާއި ވާހަކަދައްކަން ބޭނުންވިއެވެ. އޭނަނަމަ އާއިލާއާއި ދެކޮޅަށްވެސް ގޮސް ލޯބިވެރިޔާއާއި ކާވެނިކުރާނެއެވެ. އެފަދަ މީހަކީ ކޮބާހެއްޔެވެ؟ ކައިލަންގެ މަތިން ހަދާންވުމާއިއެކު އަނާ ރަކިވާގޮތްވިއެވެ. އެރޮގުން ވިސްނެނީ ކީއްވެހެއްޔެވެ؟
"އަނާ........." މިސްކު ބޯގޮވާފައި ހުރިވަރުން އެންމެފަހުން އަޑުކޮޅަށް އަނާގެ ނަމުން ގޮވާލިއެވެ. އެތެރެއިން ނުކުމެގެން އައި ޖިޔާން ނުކުތީ ނިދާ ޕިޖާމާގައި ހުރެއެވެ. ތަރުތީބެއްނެތް އިސްތަށިގަނޑާއި ރަގަޅަށް ދެލޯ ނުހުޅުވިވާއިރުވެސް ޖިޔާން ފެނުމުން މިސްކުގެ ހިތަށް ކުޑަ ބިރުވެރިކަމެއްވެސް ވަނެވެ.
"މިސްކު އަޑެއް ދެއްވާފައި އޮތަސް އަދި ތިވަރުވާކަށް ނުވެއެއްނު، އަދި ބީރެއްނުވޭ، މަށަށްތަ ގޮވީ....." ޖިޔާން ހުރީ ރުޅިގަދަވެ އަލިފާންވެފައެވެ. އޭނަ ރޭގައި ނުނިދާ ހުރުމުގެ ސަބަބުން ސޯފާގައި އޮށޯވެލިތަނާހެން މާވަރުގަދަ ނިންޖެއް ގައި އޮއްވާ ހޭލެވުނީއެވެ. މިސްކުގެ އަނގަގަދަކަމުން އޭނަ އެކުއްޖާދެކެ ރުޅިނަޔަސް ވަރަށް ފޫހިވެއެވެ. އެއްގޮތަކަށްވެސް އޭނަ ގަޔާވާ ޒާތުގެ އަންހެންކުއްޖެއްނޫނެވެ.
"އަމުދަކުން ޖިޔާންއަކަށް ނޫން ދޯ ގޮވީ، ކަންފަތެއް ހުއްޓަސް އަޑުނީވޭކަން އެނގިއްޖެއެއްނު، އެނގެއެއްނު ސުނާމީއެއް އެރިޔަސް ޖިޔާންއަށް ނުގޮވާނެކަން....."މިސްކުގެ ހިތުގައި ޖިޔާންއާއިމެދު އޮތް ފޫހިކަން އިތުރުވިއެވެ. ޖިޔާން ދޮރުގައި އަތްވިއްދާލައިގެން ހުރެފައި އެއްޗެކޭ ބުނަން ހިތަށް އަރާފައިވެސް ޚިޔާލުބަދަލުކޮށްފައި ވަނީ އެތެރެއަށެވެ.
ކައިލަން އަނާގެ ހިމޭންކަމުގެ ފަހަތުގައިވާ ކަންތައް ހޯދަން މަސައްކަތްކުރިއިރު ފަލަކްނާޒްގެ ކައިރިން އެގެއިން މަރުވެފައިވާ ކުއްޖާގެ މައުލޫމާތު ހޯދަން އުޅުނެވެ. ފަލަކްނާޒް އިރުކޮޅެއްވާންދެން ވިސްނާލާފައި ބުނީ އެއި ގުދުރަތީ މަރެއްކަމުގައެވެ. މީހަކު ގެއިން މަރުވުމުން އަނާ އެކަމާއި ބިރުގަތީ ކަމަށާއި ޅައިރުއްސުރެން ކަންތަކާއިމެދު މާ ޖަޒުބާތީވާ ކުއްޖެއްކަމަށް ބުނެލިއެވެ.
"އެރޭ ޖިނާގެ އެކުވެރިކުދިންތަކެއްވެސް މިގޭގައި ތިބި، އެކަމަކު އަހަންނަށް ޔަގީން އެމީހުން ޑީޖޭ ޖައްސައިގެން ޕާޓީކުރަން ތިއްބަސް ގެއަށް ނުވަންނާނެކަން، ކުއްލި މަރަކުން މަރުވީމަ އެކަމުގެ އަޑީގައި އެހެން ބަޔަކު ތިބިކަމަށް ހީވިޔަސް އަހަންނަށް ސަތޭކަ ޕަސެންޓް ގެރެންޓީ އެބައޮތް އެކުދިން އެހާ ނުލަފާ ނޫންކަން، އެނީހައު އަހަރެން ރޫލްސްތަކެއް ހެދިން، ޖިނާ އަދި ރާހިލްގެ ފްރެންޑުން ގެއަށް ގެނައުން މަނާކުރިން، އަންހެންކުއްޖަކު އުޅޭ ގެއެއްގެ ސިކުއިރިޓީ ތަންކޮޅެއް ވަރުގަދަ ކުރަންޖެހޭނެތާ...." ފަލަކްނާޒް އިނގިލިތަކަށް ފިތާ އުނގުޅާގޮތަކުން އޭނައިނީ ހާސްވެފައިކަން އެނގުނެވެ. އެއަށްފަހު ފަލަކްނާޒް މައުޟޫ ބަދަލުކޮށްލިގޮތަކުން ފަލަކްނާޒްކަމެއް ފޮރުވަން ސިއްރުކުރާކަން ކައިލަންއަށް ޔަގީންވިއެވެ.
"އޭސީގެ ފިނި ގަދަކޮށްލަދީފާނަންތަ ކައި، ވަރަށް ހޫނުވާން ފަށައިފި....." ފަލަކްނާޒް ހީލިއެވެ. އެވަގުތު ރާހިލް ގޭތެރެއިން ނުކުމެގެން އައެވެ. އިސްކޮޅުން ދިގުކަމުން އޭނަގެ ބޯ ދޮރުގައި ނުޖެހެނީ ކިރިޔާއެވެ. ރާހިލް އައިސްފައިވަނީ ޖަރުމަނު ދަރިކޮޅަކުން ކަމަށް ކިޔާފައި ޔަޒީދު ވަރަށް ދިމާކުރާނެއެވެ. ރާހިލް ކައިލަންއާއި ސަލާމްކޮށްލާފައި އިށީންގޮތަށް ވަރަށް އެކުވެރިކަމާއިއެކު ވާހަކަދެއްކިއެވެ. ޖިޔާންއާއި އޭނަ އެގޮތުންވެސް ތަފާތެވެ. އެހެންމީހުންނަށް މެހުމާންދާރީ އަދާކުރުމާއި ފަސޭހައިން އެކުވެރިވާކަހަލަ ގޮތެއް ރާހިލްގެ ހުރެއެވެ. ދެކެވެމުންދިޔަ ވާހަކައިގާ އޭނަގެ މަންމަ ދިމާކުރަން ފެށިއެވެ. ދޮންބެ އެވަރަށް މީހުންނާއި ރައްޓެހިވެގެން އުޅޭއިރު ރާހިލް ހުހަށް ހުންނާތީ ސަބަބުއަހަން އުޅުނެވެ. ނަމަވެސް ރާހިލްގެ ސިއްރުވެރިގޮތެއް ހުރުމުން އެވާހަކަ އޮޅުވާލިއެވެ. ކައިލަން ރާހިލްއާއި ވާހަކަދައްކަން އިންއިރު ރާހިލްގެ ވާހަކަތަކުން އިތުރުކަމެއް އެނގުނެވެ. މީހުން ތަންކޮޅެއް ގިނަވާތަނަކަށް ދިޔަޔަސް އަނާ ޕެނިކީ ވާނެއެވެ. ލިފްޓަކަށް އަމުދަކުން އަރާކަށް ނުކެރޭނެއެވެ. އޭގެ ސަބަބަކީ ކޮބާހެއްޔެވެ؟ ރާހިލް ދެއްކި ވާހަކަތަކުން އެނގުނީ ކޮއްކޮ ވާހަކަނުދައްކާތީ ހިތާމަކުރާކަމެވެ. ދެލޯ ފެންކަޅިވި ފަހަރެއްވެސް އައެވެ.
ކައިލަން "ރަތްފިޔަ"އަށް ވަންއިރު ރޭގަނޑު އަށެއްޖެހީއެވެ. އަނާގެ މަންމަ އެދިގެން ރޭގަނޑަށް ސެޝަންތައް ބަދަލުކޮށްލުމުން ކައިލަންއަށްވެސް ފަސޭހަ ގަޑިއަކަށްވިއެވެ. އަނާ ސިޓިންރޫމްގައި އިންއިރު ވެނީލާ އުއްބައްތިތަކުން ކޮޓަރި ދިއްލާއަޅާލާފައިވެއެވެ. އުއްބައްތީގެ އަލީގައި ފާރުގައި ނަށާ ހިޔަނިތަކަށް ބަލަން ގެއްލިފައި އަނާ އިނެވެ. އޮރެންޖްއަލި އެދޮންމޫނަށް އެޅިފައިވާއިރު އާޝޯޚުކުރުވާފަދަގޮތެއް ހުއްޓެވެ. އެހާ އޮމާނެވެ. އަނާގެ ރީތިކަން ފެނިފައި ކައިލަން ހިތަށް އިންޒާރުދިނެވެ. އެރޮގުން ނުވިސްނަން ހިތަށް އެންގިއެވެ. އާދައިގެ މަތިން ކައިލަން އަނާ ލައްވާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެއްވެސް މަޖުބޫރުކަމެއްނެތިއެވެ.
"އަނާ، އަހަންނަށް އެނގޭ، އަނާ އަހަންނާއި ވާހަކަދައްކަން ބޭނުމެއްނުވޭ، ފައިން، އެކަމަކު ރިކުއެސްޓެއް އެބައޮތް، އަހަންނާއި ދޭތެރޭގައި ޑޮކްޓަރެއްގެ ހައިސިއްޔަތުން ނުދެކި ގާތްއެކުވެރިޔެއްކަމަށް ބަލާ، ފްރެންޑްސް ދޯ........"ކައިލަން ހިނިތުންވެލާފައި އަތްދިއްކޮށްލުމުން އަނާ އެއަތާއި ދިމާލަށް ބަލައިލިއިރު އެޖުމްލައިން އޭނަގެ ހިތް ރޭސްކޮށްލިކަން ކައިލަންއަށް އެނގޭބާވައެވެ. އަނާ ބޭނުންވާގޮތަށް އެއް ފިޔަވަޅުކުރިއަށް އެޅިއްޖެއެވެ. ޑޮކްޓަރު އެކުވެރިއަކަށް ބަދަލުވުމަކީ އޭނައަށް ލެއްވި ރަހުމަތެކެވެ. އެއަތުގައި ހިފާލަން ބޭނުންވިޔަސް އަތް އުފުލާލާކަށް ނުކެރުނެވެ.
"އޯކޭ އަނާ، އައި ގިވް އަޕް، އެހެންވިއްޔާ އެންމެކަމެއް ކޮށްދީބަލަ، ކޮންމެވެސް އެއްޗެއް ކުރަހާދީފާނަންތަ؟ މިސާލަކަށް އަނާ އެންމެ ރުޅިއަރަނީ ކޯންޗެއްދެކެތަ؟ ޕްލީޒް......." ކައިލަން އާދޭހުގެ ގޮތަކަށް ބުނެލުމުން އަނާގެ ހިތަށް އަސަރުކުރާކަހަލަ ގޮތެއްވިއެވެ. ކައިލަން އެވަރަށް އެދޭއިރުވެސް އޭނަ ހުންނަންވީ ބަހެއް ނުބުނެ މަޑުންހެއްޔެވެ؟ ކުރެހުމަކީ ހޮބީއަކަށްވާހިނދު ކައިލަން އެފަދަ އެއްޗެއް ކުރަހާދޭން އެދުމުން ދެކޮޅުހެދުމަކީ އަމިއްލަ ހިތަށްވެސް ދޭ އަނިޔާއެކެވެ. ދެރަކޮށްލާނެ ހިތްވަރެއް ނުލިބުނެވެ. އަނާ ވިސްނަން އިނދެލާފައި އަވަސްއަވަހަށް ކޮންމެވެސް ސްކެޗެއް ކުރަހާލާފައި ދިއްކޮށްލުމުން އެއަށް ބަލާލާފައި ކައިލަން ބުމަކާރިކޮށްލިގޮތުން އަނާ ކަންބޮޑުވިއެވެ. ކައިލަންއަށް ވިސްނުނީހެއްޔެވެ؟