އެޕާޓްމެންޓްގެ ދޮރު ހުޅުވާލެވުނު އަޑާއިއެކުގައި ފިޔަވަޅުތަކެއްގެ އަޑު ކައިރިވަމުންއައިސް ސޯފާއާއި ހަމައިން ހުއްޓުނެވެ. އެދެމީހުންގެ ގާތްކަމުން ދެކޭމީހެއްގެ ސިކުނޑިއަށް ނަގައިގަނެވޭނީ މުޅިން އެހެން އެއްޗެކެވެ. ކައިލަންގެ ރަގަޅުކަމާއި އަނާގެ މައުސޫމްކަން ހާމަވުމުގެ ބަދަލުގައި އެދެކުދިންނާއިމެދު ޝައްކުވުން ނޫންކަމެއް ނުވާނެއެވެ. ފަލަކްނާޒް ރުޅިގަދަވެގެން މުޅިމީހާ ރޫރޫއަޅައިގަތް ނަމަވެސް އޭނަ ކެތްކުރިއެވެ. ޒޫނީ އެހާވަރުން އެގެއަށްގޮސް އޭނައަށް ގޮވާ ގެނެސްފައި ބުނީ އަނާ އުޅެނީ އެގޭގައި ކަމަށާއި ކައިލަންއާއި ދެކުދިން ނިދަނީވެސް އެކީގައި ކަމަށެވެ. އަމިއްލަ ލޮލުން ދެކެން ބޭނުމިއްޔާ އެގެއަށް ދާށޭ ކިޔާފައި ތަޅުދަނޑިވެސް ހަވާލުކުރީ ޚުދު ޒޫނީއެވެ. ޒޫނީގެ ވާހަކައިގެ ތެދުކަން ލޮލަށް ހާމަވެ ހުރިހާ އެއްޗެއް އެނގުމުން އަނާ ކައިލަންދެކެ ކުރިއަށްވުރެ ބޮޑަށް ނަފްރަތުކުރިއެވެ.
އެރޭ ފަލަކްނާޒް އެތަނުން ނުކުމެގެން ގޮސްފައި ލޮލަށް ނިންޖެއް ނައެވެ. އޭނަ އިންތިޒާރުކުރަމުން ދިޔައީ ހެނދުނުގެ ވަގުތަށެވެ. ޒޫނީގެ ބޭނުމަކަށްވީ ކައިލަންއާއި އަނާގެ ގުޅުންއޮތްވަރު ހާމަކޮށްދީ އެދެކުދިން ގުޅުވަން ބާރު އެޅުމެވެ. ނަމަވެސް ކަންތައްވީ ޒޫނީ ހީކުރިގޮތަކަށް ނޫނެވެ. ޒޫނީގެ ޕްލޭންވެސް މުޅިން ކާމިޔާބެއްނުވިއެވެ.
ކައިލަން ހޭލެވުނީ ރަންއަލިން ސިޓިންރޫމްތެރެ އަލިވެ ލޮލަށް އުދަގޫވާންފެށުމުންނެވެ. އަނާއާއި އެހާ ގައިގޯޅިކޮށް ނިދާލާފައި އޮތުމުންނާއި އަނާ އެކަނި ކުޑަޕެޓީކޮޅެއް ލައިގެން އޮތުމުން ރޭގެ ހާދިސާމަތިން ހަނދާންވެފައި ވަރަށް ހާސްވެފައި އަވަހަށް އަނާގެ ހެދުމުން އެދޮން ހަށިގަނޑު ފޮރުވާލައިފިއެވެ. ޒާޔަލް ނޫނީ މަންމައަށް އެމަންޒަރު ފެނުނުނަމަ ވިސްނާނެ ގޮތަކާއިމެދުވެސް އެހާ ހާސްވިއެވެ. ނަސީބަކުން މަންމަ ގެއަށް އައިކަމުގެ އަލާމާތެއް ނުފެނުނެވެ. އަދި ޒާޔަލްގެ ކޮޓަރިވެސް ހުރީ ހުހަށެވެ. ޒާޔަލް އެހާ އަވަދިނެތި އުޅުނީހެއްޔެވެ؟ އެކަަމަކު ރޭގައި އެވީ ކިހިނެއްހެއްޔެވެ؟ މަސްތުވެފައިތިބި ދެމީހުން ފަދައިން އުޅެވުނީ ކީއްވެހެއްޔެވެ؟ އެއްޗެއް ބޮއިގެންވާންވީ ހުރިހާ އުދަގޫތަކެއްވިއެވެ. ބޮލަށް ބަރުވެގެން އުދަގޫވެގެން ފާޚާނާއާއި ހަމަޔަށް ފޯރިއިރު ހޮޑުވެސް ލެވިއްޖެއެވެ. އެންމެފަހުން ކައިލަން ކޮފީއާއިމެދު ޝައްކުވެގެން މޭޒުމަތީގައި ހުރި ކޮފީތަށީގައި ވަސްބެލިއެވެ. މަންމަ އެފަދަކަމެއް ކޮށްފާނެހެއްޔެވެ؟ އެހެން މީހަކު ނާންނަނީސް އަވަހަށް އަނާ ހޭލައްވަންވީއެވެ.
"އަނާ، ވޭކަޕް، މާގިނައިރުވާންދެން ނިދިއްޖެ..." ކައިލަން ކުޑަކޮށް ގުދުވެލާފައި އަނާގެ ކޮލުގައި މަޑުމަޑުން ވިކާލުމުންވެސް ހޭލާކަށް ނޫޅުނެވެ. ހާދަ ފުން ނިންޖެއްގައެވެ. ޔަގީނެވެ. އެމީހުން ބުއި ކޮފީއަށް ކޮންމެވެސް އެއްޗެއް އަޅާފައި ހުރީއެވެ. އެކަމަކު މަންމަ އެހެން ހަދަންވީ ކީއްވެހެއްޔެވެ؟ މަންމަ އެމީހުން ލައްވާ ނުބަޔެއް ހައްދަން ބޭނުންވެދާނެހެއްޔެވެ؟ ނަމަވެސް އޭނައަށްވެސް އެކަމާއިމެދު ރޭގައިވެސް ޝައްކުކުރެވުނެވެ. އަނާވެސް ހަމަހޭގައި ހުރިނަމަ އެގޮތަކަށް ނޫޅޭނެއެެވެ. އޭނައަކީވެސް ލޯބީގެ ނަމުގައި އެހިސާބަށްވެސް ދާނެ މީހެއްނޫނެވެ. މިހާރު ޔަގީންކުރެވިއްޖެއެވެ. އެހުރިހާކަމެއް ހިނގީ އެމީހުން ކޮފީ ބުއިމަށްފަހުގައެވެ.
އެންމެފަހުން ކައިލަން ހާސްވާންފެށީ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށީމައެވެ. މަންމަމެން ވެއްޖެއްޔާ އެގޮތަށް ތަޅާ އުދަގޫ ނުކުރާނެކަން އެނގޭތީ އޭނަ އަވަހަށް އަނ އަތްދަނޑިމައްޗަށް އުފުލައިލުމުން ގައިމަތިން އެޅި ހެދިން ސޮއްސާލައިގެން ވެއްޓުނެވެ. އެދޮން ހަށިގަނޑާއި މޫނަށް އިރުގެ އަލިކަން އެޅިފައިވާއިރު ރީތިކަމުން ނަޒަރު ވަކިިކޮށްލާހިތެއްވެސް ނުވިއެވެ. ކޮންފަދަ މައުސޫމްކަމެއްހެއްޔެވެ؟ ނަމަވެސް ދިގު ފިޔަވަޅުތަކެއްގައިގޮސް އަނާ ކޮޓަރީގެ އެނދުގައި ބާއްވާފައި ރަޖާ ރީތިކޮށް އަޅާފައި ނިތްކުރީގައި ބޮސްދިނެވެ.
ކައިލަން ހޭވިފައިވާ އިސްތަަށިގަނޑު އަތުން ރީތިކޮށްލަމުން ދޮރުގެ ތަންޑުތައް ނައްޓާލިއިރު އަދި ގަމީހުގެ ގޮށްތައް ނާޅުވާ ހުރުމުން އެކަސްރަތީ ހަށިގަނޑުވަނީ ހާމަޔަށެވެ. މިހާ ހެނދުނު އެބަޔަކު ފެނިދާނެކަމަށް ހީވެސް ނުކުރާ ދެމީހުން ދޮރުމަތީގައި ތިބިތަން ފެނިފައި ކައިލަންއަށް ކުޑަ ސިހުމެއް ލިބުނެވެ. ފަހަރެއްގައިވެސް އުއްމީދުނުކުރާ ބަޔަކަށްވާތީއެވެ.
"ހުރި ގޮތްކުޑަކަމާއި ލަދުކުޑަކަން ނިކަން ދެކިބަލަ، ކުޑަފިރިހެންކުއްޖަކަށް އެބިއުޒްކޮށްފައި އެވަރުން ހިތްހަމަނުޖެހިގެންތަ މަގޭ ދަރި ރޭޕްކޮށްލީ...." ފަލަކްނާޒް ހަޅޭއްލަވައިގަތުމާއިއެކު ހޫނުކަން ގަދަ އެތިފަހަރެއް ކައިލަންގެ މޫނަށް އެރިއެވެ. ކައިލަން ހައިރާންވެ އަންތަރީސްވިއެވެ. ފަލަކްނާޒަށް އަނާ މިގޭގައި ހުރިކަން އެގުނީ ކިހިނެއްބާވައެވެ. ކޮންމެވެސް މީހަކު ޚަބަރުނުދޭނަމަ ފަލަކްނާޒްގެ ވާހަކަ އެގޮތަކަށް ނުުހުންނާނެއެވެ. އެވަރުންވެސް ކައިލަން ހުރިތަނުން ގުޑައެއްނުލިއެވެ. އެކަމަކު އޭނަގެ ކުށެއްނެތްކަން އަންގަން އެންމެ ލަފުޒެއްވެސް ދުލުން ބޭރުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ އަނާގެ އިއްފަތްތެރިކަމަށް އަރައިނުގަންނަކަމަށް ހުވާކުރިޔަސް ފަލަކްނާޒްމެން ދުވަހެއްގެ ކޮޅުންވެސް އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވާނެއެވެ. ފަލަކްނާޒް އެތެރެއަށްވަދެ ސޯފާކައިރިއަށް ވެއްޓިގައި އޮތް އަނާގެ ގަމީސް ނަގާފައިވެސް ކައިލަންއަށް ބަލައިލީ ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ. ކައިލަން ލަދުން ހަލާކުނުވީ ކިރިޔާއެވެ. އޭނައަށް އަނާ ލައިގެން ހުރި ގަމީސް މަތިން ހަނދާން ނައްތާލެވުނީ މިގޮތަށް އެމީހުނަށް ޝައްކުވާންވެގެންނެވެ. ކައިލަން ފުންނޭވައެއް ދޫކޮށްލާފައި ގަމީހުގެ ގޮށްތައް އަޅުވަންފެށިއެވެ. ފަލަކްނާޒް އަނާއޮތް ކޮޓަރިއަށް ވަދެފައި އަނާއަށް ގޮވަން ފެށުމުން މަޑުމަޑުން ކުކުރާލާފައި ބިއްދޮށަށްވަދެ ބާލީހުގައި ބައްދާލަމުން ކައިލަންގެ ނަމުން މަޑުމަޑުން ގޮވާލިއެވެ.
ކައިލަން ކޮޓަރިއަށްވަން ގޮތަށް ބޭރަށް ނުކުންނާކަށް ގަސްތެއްނުކުރިއެވެ. އަނާގެ މައިންބަފައިންނަށް އޭނަ ހުރިތަން އެނގިގެން ބަލާ އައުމުން ހުއްޓުވަން އޭނައަކީ ކާކުހެއްޔެވެ؟ އެހައްގު އޭނަގެ މައްޗަށް އެބައޮތް ހެއްޔެވެ؟ އަނާގެ ހިތަކީ އޭނަގެ މިލްކެއްކަން ޔަޤީންވާއިރުވެސް އަމިއްލަ ހައިސިއްޔަތު ހަދާންވެފައި އެކަމަށް ފަސްޖެހެވެނީއެވެ. އެކަންތައް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. ދެރަވެގެންގޮސް ހިތްހަލާކުވާވަރުވާ އިރުވެސް ކެތްކޮށްލައިގެން ހުރުމަށް ކައިލަންގެ ހިތް ބާރުއަޅާއިރު ބައެއްފަހަރު ލޯބީގެ ހައްޤުގައި ތެދުވާން ބޭނުންވާ ފަހަރުވެސް އާދެއެވެ.
އަނާ ހޭލެވުމުން އެދެމަފިރިން އަނާއާއި ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. އަނާ ބޭނުން ނޫނިއްޔާ އެކައިވެންޏަށް މަޖުބޫރު ނުކުރުވާނެ ކަމަށާއި ގެއަށް އައިސް ރީތިކޮށް އުޅެން އެދުނެވެ. ފަލަކްނާޒްގެ މަސްނޫއީ ހިނިިތުންވުން ތަކުން އަނާ ހެއްލުނެވެ. މަންމަމެންނާއިއެކު ދާން އެއްބަސްވިއެވެ. އޭރު އަނާއަށް އެމީހުން ޕްލޭންކޮށްފައިވާ ގޮތެއް އެއްގޮތަކަށްވެސް އެނގުނީއެއް ނޫނެވެ. އަނާ ގޮވައިގެން ފަލަކްނާޒް ބޭރަށް ފުރަން އުޅޭކަމުގެ ކުޑަވެސް އިޝާރާތެއް އޭރަކު ނުދެއެވެ. އެންމެ ލޯބިވާ ފިރިހެންކުއްޖާއާއި އެތައް މޭލެއްގެ ދުރަށް ގެންދާން ފަލަކްނާޒް ރާވަމުންދާ ކަމާއިމެދު އަނާ ޝައްކެއްވެސް ނުކުރެއެވެ. ޓިކެޓްނަގާފައި ހުރިހާކަމެއް ނިންމާލިއިރުވެސް އަނާ ހުރީ އޮޅުމެއްގައެވެ.
ޒޫނީ ހެނދުނު ގެއަށް އައިސް ކައިލަންއަށް ގޮވާފައި ނާސްތާ ދިންއިރު އަނާގެ ވާހަކައިން ސުވާލުކުރިއެވެ. ކައިލަންގެ ޖަވާބު އަޑުއިވިފައި ހައިރާންކަން ފާޅުކޮށްފައި ބުނީ އެވީ އެންމެ ރަގަޅަށް ކަމުގައެވެ. ކައިވެނިނުކޮށް އަންހެންކުދިން ހިލޭ ފިރިހެނުންގެ ގޭގައި އުޅުމުން އަންހެންކުއްޖާ ބަދުނާމުވެދާނެ ކަމަށެވެ. ކައިލަން ނާސްތާކުރާ ހިތްނުވެފައި އިނަސް ގަދަކަމުން ކެއެެވެ. އެފަހުންވެސް ކޮޓަރިއަށް ވަދެފައި ފޯނާއި ކުޅެން އޮތްވާ ޒާޔަލް ކޮޓަރިއަށް ވަދެފައި އަނާގެ ޚަބަރު އެހިއެވެ.
"މަންމަ ޑްރާމާ ކުޅެކުޅެފައި އެއްޗެއް ނުވެސް ބުނެ ދޯ އެހެރީ، އެހާ ބިޒީކޮށް އުޅެފައި އަންނަން އުޅެނިކޮށް ކައިރާ މާބޮޑަށް ބަނޑަށް ތަދުވެގެން އެޑްމިޓްކޮށްލާފައި އެތާ އުޅެފައި މިއައީ، މަންމަ އެތާ ހުރެފައި މަންމަ ކުރި ކަންތައް އަހަންނަށް ކިޔާދިން، މަންމަ އަދިވެސް ޑްރަގް ކޮންމެވެސް ވަރަކަށް ވިއްކާކަން އެނގިފައި އަހަރެން ހަމަ ހައިރާންވި، އަދި ކައި އާއި އަނާއަށް މަސްތުވާ އެއްޗެއް އަޅާފައި ކޮފީ ބޯންދިނީ ކައިއާއި އަނާ ގުޅުވާފައި ފަލަކްނާޒަށް ލަނޑެއް ދޭން ކަމަށާއި އޭނަ އަތަށް މަންމަ ތަޅުދަނޑި ދިން ވާހަކަވެސް ބުނި...." ޒާޔަލްގެ ވާހަކަތަކުން ކައިލަން ހުރީ ޝޮކެއްގައެވެ.
"އޯ މައިގޯޑް، އެކަމަކު މަންމަ މީހުންނަށް ލަނޑުދޭށޭ ކިޔާފައިވެސް އަހަރެމެން ލައްވާ ފާފަކުރުވާކަށް ނުވާނެދޯ، ނަސީބެއް އެވަރުންވެސް އަހަރެންގެ ހަމަހޭވެރިކަން ނުގެއްލި ހުރިކަން، އެހެންނޫންނަމަ މަގޭ އަތުންވެސް ގޯހެއް ނެހެދި ނުހުންނާނެ....." އޭނަ ޒާޔަލްއަށް ކިޔައިދިނީ ހެނދުނު ފަލަކްނާޒްމެން އެގެއަަށް އައިސް ކަންތައްކުރި ގޮތެވެ. ދެބެން އެކި ވާހަކަތައް ދެއްކިއިރު ޒާޔަލް ކައިލަންއަށްޓަކާ ވަކީލަކު ހޯދި ވާހަކަ ބުނުމުން ކައިލަންގެ ހިތަށް އަސަރުކުރިއެވެ. އެކުވެރިއެއް އަދި ބޭބެއަކަށް ޒާޔަލް ހުރުމުގެ އުފާ އެތައް ގުނަ އިތުރުވިއެވެ.
އަލީސާ އާއި ރާހިލް އޮފީސް ނިންމާލާފައިވެސް ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅުނުއިރު އަލީސާ ދޭތެރެއަކުން ހިނިގަނޑެއް ޖަހާލާފައި ކޮންމެވެސް ސަކަރާތެއް ޖަހާލައެވެ. ބައެއްފަހަރު ރާހިލް ގެ މޫޑުވެސް ރަގަޅުވާގޮތްވެއެވެ. އެހާ އުފާވެރި ހަލަނިކުއްޖެއްގެ ސަބަބުން އެހެންމީހުންނަށްވެސް އުފާވެރިކަން ފޯރުކުރަނީއެވެ. އަލީސާގެ ކައިރީގައި ރާހިލް ދެއްކި ވާހަކަތަކުން އަލީސާ ކުޑަކޮށް ދެރަވެ މޫނު ހަދާލާފައިވެސް ފަހުން ރަގަޅުވިއެވެ.
"ރާހިލް، ތީ މިމާލޭގައި ހުރި އެންމެ ރިޗް އަދި ހުރިހާ އަންހެންކުދިންތައް ބޭނުންވާހާ ސިފަތައް ހާސިލުކޮށްގެން ހުރި އެންމެ ރީތި ފިރިހެނާ، އެހެނޭ ކިޔާފައި ބޭރުފުށުން އުފާވެރިކަން ދެއްކިއެއްކަމަކު ހިތާމަކުރާވަރު އެންމެ ރަގަޅަށް އެނގޭ އެކަކީ އަހަރެން، ވީމަ އެހެންވެ ދޯ ބުނެވެނީ އެހެން މީހުންގެ ނަސީބާއިމެދު ހަސަދަވެރިނުވާށޭ، ހުރިހާ އެއްޗަކީ ފައިސާއެއްނޫން، ލޯތްބާއި އަޅާލުން، ކިތަންމެ ނިކަމެތިމީހަކަށްވެސް އުފާ ލިބިދާނެ، ދުނިޔޭގެ މުއްސަދި މީހުން ބޭނުންހާ އެއްޗެއް ލިބުނީމަ ދުނިޔެ މަތިން ފޫހިވެގެން އެޖަހާ ސަކަރާތްވެސް އެބަފެނޭ، އެހެރީނު ބްރޫސް ޖެނަރވެސް އަންހެނަކަށް ބަދަލުވެގެން ކެއިޓްލިން އެކޭ ކިޔައިގެން، ސޯ ހިލޭރިއަސް، ނޫނީ ފިރިހެނުންނާިއ ރައްޓެހިވެ ކޮންމެވެސް އީވަލް ކަމެއްގައި ދޯ އެއުޅެނީ، އެހެންވެ އަހަރެން ގަސްތުކޮށްފިން މިހާރު ކައިގެ ފަހަތުންވެސް ނުދުވެ ހުއްޓާލަން، އައި ޓްރަސްޓް ގޯޑް، ކޮންމެކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ކައިއާއި އަހަންނަށް ނުގުޅެން މިންވަރުކުރައްވާނީ ކޮންމެވެސް ކަމެއްވީމައެއްނު، ކިހާވަރަކަށް އަހަރެން ޓްރައިކުރިން...." އަލީސާ ފައިލްތައް ހަރުގަނޑުގައި ބަހައްޓާފައި އައިއިރު ރާހިލް އިނީ ގޮނޑީގެ ލެނގޭބައިގާ ބޯއަޅާލައިގެންނެވެ.
"އެލީއަށް އެނޫން މީހަކު ދެން ނުފެންނާނީތަ؟ އަނާއެކޭ އެލީއަކީ ތަފާތެއްނެތް، އޭނަގެ ކޮންކަމެއް ހުރެގެންބާވައޭ މަގޭހިތަށް އަރާ، އެހާ ހިތްދަމައިގަންނަ ކޮންކަމެއްހުރީ؟ އޭނަ އެހާދުވަހު އެލީއާއިއެކު އުޅެފައި ދުރުން އުޅުނީ ފިރިހެނަކަށްވެސް ނުވަނީބާވައޭ މަގޭހިތަށް އަރާ، ދެން ލޯބިނުވިޔަސް ހެވޭ އަހަންނަށް ނުހުރެވޭނެ އެހާ ކެތްކޮށްލައިގެން ދުރުން، މަގޭ އެހިއްސު މަށަކަށް ކޮންޓްރޯލްއެއްނުވާނެ، އެއްފަހަރު ދެފަހަރުއެއްނޫން، ހަތްފަހަރުވެސް މަށަށް މަދުވާނީ، އެލީ ބުނެބަލަ، އަހަރެންގެ ގައިގާ އަންހެންކުއްޖަކު އަޅައިގަންނަ ކަމެއް ނެތީތަ؟" ރާހިލް ހިނިގަނޑެއް ޖަހާލާފައި އަލީސާއާއި ހަތަރުކަޅިހަމަކޮށްލާފައި އިރުކޮޅެއްވަންދެން ނަޒަރުވަކިކޮށްނުލެވިފައި އިނެވެ.
"ނޯޓީ ތިންގް...." ރާހިލް އެބުނި އެއްޗަކާއިމެދު ވިސްނާލާފައި އަލީސާ ކުޑަކޮށް ކަންބޮޑުވާގޮތްވެފައި ކޮފީއެއް ހަދަންވީހެއްޔޭ އަހާފައި މައުޟޫ ބަދަލުކޮށްލިގޮތުން ރާހިލް ބުނީ ކަނދުރާ މަސާޖްކޮށްލަ ދިނުމަށެވެ. އަނާއާއިމެދު ވިސްނަ ވިސްނާ އޭނަގެ ބޮލުގައި ރިއްސަން ފަށައިފިކަމުގައި ބުނުމުން އަލީސާވެސް ގޮނޑީގެ ފަހަތުގައި ހުއްޓި ހުރެ ރާހިލްގެ ކަނދުރާގައި އަތް ތިލަ ޖައްސާލިއެވެ. އެއޮމާން އަތުގެ އެންމެ ބީހިލުމަކުން ލިބުނު އަރާމުގައި ރާހިލްގެ މުޅި ހަށިގަނޑަށް އެނގުންވެގެން ދިޔައެވެ. އަބަދާއަބަދު ކުރިމަތީގައި އުޅޭ ރީތި އަންހެންކުއްޖަކަށްވެފައި މާޒީގައި އޮތް ގުޅުމުގެ ސަބަބުން ރާހިލް ހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ. އޭނަގެ އިހުސާސްތައް ފިނިކޮށްލަދޭކަށް އަނާ ނޫޅުނީމަ އެހެން ކޮންމެވެސް އަންހެންކުއްޖަކަށް އެދޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އަލީސާ ނޫނެކޭ ބުނެފާނެތީ ސީދާ އަހާލަން ޖެހިލުންވިޔަސް އޭނަގެ ތަންމަތި ފަޅުފިލުވާލަދޭނެ ރީތި ބައިވެރިޔަކަށް އޭނަ ބޭނުންވަނީ އަލީސާފަދަ އަންހެންކުއްޖެކެވެ.
"އެލީ އަހަންނަށް އާންސާ ނުކުރީމެއްނު...." ރާހިލް އަލީސާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
"ކޮންކަމެއްތަ؟" އަލީސާ ނޭގޭކަމަށް ހެދުނެވެ.
"އަހަންނަކަށް އެލީ ބޭނުމެއްނުވޭތަ؟ ލޯބި އެއްފަރާތުގައި ބާއްވާފައި ރިއަލް ފިރިހެނެއްގެ ގޮތުން މަށާއިމެދު ވިސްނާލާފައި ނިކަން ބުނެބަލަ، އަހަންނާއިއެކު އެންމެ ފަހަރަކުވެސް....." ރާހިލްގެ ޖުމްލަ އަލީސާ ހުއްޓުވީ މޭގައި އަތްއަޅާ ކޮށްޕާލާފައެވެ.
"ޝަޓަޕް ރާހިލް، ޔޫ އާރ މައި ފްރެންޑް...." އަލީސާ ހޭންފެށިއެވެ.
"އެރޭގެ މަތިން ހަނދާން އެބަހުރިތަ؟ އެލީ، ހަނދާންވޭތަ؟ އަހަރެންގެ ހަޔާތަށް އައި ފުރަތަމަ އަންހެންކުއްޖަކީ ތިއީ، އަދި އެލީގެވެސް، ދެން އަހަރެން އެރޭ އެންޖޯއިކުރިން އެކަމަކުވެސް އެހާ ކުރިވީމަ މިހާރު ދެން އެފީލިންގްސްތައް އެހާ ހަނދާނެއްނެތް، އެލީވެސް އަހަރެންގެ މަތިން ހަނދާންނައްތާލީމަ އަހަރެން މިހިރީ ހައިރާންވެފައި، ލައިކް އެރޭ އެލީގެ ހަޔާތުގައި އެގްޒިސްޓް ނުވާކަމަށް ހަދައިގެން ފްރެންޑުންގެ ގޮތުގައި އުޅޭއިރު ދޭތެރެއަކުން އަހަރެން އެލީއަށް ބޭނުންވާކަން އެނގޭތަ؟ އަހަންނަކީ އެންޖެލްއެއްނޫން، އަހަރެންގެ ހިއްސުތަކަށް އަހަންނަށް ބާރެއް ނުފޯރުވޭ، އަދި މިދުވަސްކޮޅު އެލީ، އައި ނީޑް ޔޫ ސޯ މަޗް........" ރާހިލް އަލީސާ ގެ މޫނުގައި އަތް ޖައްސައިލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ.
"ވަޓް ޑޫ ޔޫ މީން، ދެން އަނާ....." އަލީސާ ދެލޯ ބޮޑުކޮށްލިއެވެ. އޭރު އިރުއޮއްސި އަނދިރިކަން ގަދަވާން ފެށިއެވެ. އެތަނުގައި ބްލައިންޑްތައް ދަމާފައި ހުރުމުން ވަކިން އަނދިރިކަން ވަށާލުމުން ރާހިލް ބޭނުންވިފަދަ މާހައުލަކަށް އެތަންވިއެވެ.
"ހެހެ އެލީ، ދެން ތިހާ އިނޮސެންޓްވާން ނޫޅޭ، ރަގަޅަށް އެނގޭނެ އަހަރެން ބޭނުންވަނީ ކޮންކަމެއްކަން، މިހާ ރީތި އަންހެންކުއްޖެއް އަބަދު ކުރިމަތީގައި އެނބުރޭއިރު އަހަންނަކީވެސް އިންސާނެއް، ތިހާ ސެކްސީ ރީތި އަންހެންކުއްޖަކު ލިބިއްޖެއްޔާ އަހަންނަށް ކެތްވާނެތަ؟ "ރާހިލް އަލީސާ ވިސްނާނުލާ ހުއްޓާ އެކުރިކަމެއް ކުރުމުން ރާހިލް އާއި ކުޑަކޮށް ދެކޮޅުހަދަން އުޅެފައިވެސް އަލީސާއަށް ރާހިލްގެ އެރީތިކަމާއި ފިރިހެންވަންތަކަން އަދި އެދެއްކި ވާހަކަތަކުން ސަލާމަތެއް ނުވެވުނެވެ. އަލީސާއަށް ރޭކާލީއިރު އޭނަވަނީ އެފާފަ ދެވަނަފަހަރަށް ކޮށްފައެވެ. ދެފަހަރުވެސް ރާހިލްގެ ރީތިކަން އޭނަ ވާވައްދާލީއެވެ. މިފަދަ ފުރުސަތު ފިރިހެނުންނަށް ދެވެނީ އަންހެންކުދިންގެ މޮޔަކަމުން އެކަނިއެއް ނޫނެވެ. އަލީސާ އެކަން ގަބޫލުކުރިއެވެ. އީމާންތެރިކަން ކުޑަވަނީއެވެ.
ރާހިލް ކެބިންގެ ވޮޝްރޫމަށް ވަނުމުން އަލީސާ ހެދުންލައިގެން ރީތިވާންހުރިއިރު ދެލޮލަށް ކަރުނަ ޖަމާވަމުން އައެވެ. ރާހިލް އޭނަ ހައްލާލުމުން އޭނަދެކެ ކިތަންމެ ވަރަކަށް ރުޅިއައިނަމަވެސް އަމިއްލަ ކުށްވެސް ގަބޫލުކުރިއެވެ. ކޮންމެގޮތެއްވިޔަސް ކައިލަންގެ ފަރާތުން ނުލިބުނު ގާތްކަމާއި ހިތްހަމަޖެހުން ލިބުމުން ރާާހިލްއަށްޓަކައި ހިތުގައި ކޮންމެވެސް ކަހަލަ މަގާމެއް އުފެދުނެވެ. ކައިލަން ދެކެ ވެވުނީ ލޯބިކަމަށް ވެއްޖެއްޔާ ރާހިލްއަށްޓަކައި އޭނަގެ ހިތުގައިމިވަނީ ކޮން އިހުސާސެއްހެއްޔެވެ؟ ލޯތްބަކީ އޭގެ ޒާތުގައި އެތައް ގޮތަކަށް މާނަކުރެވިދާނެ އެއްޗެކެވެ. އޭނަ ހޯދަން ބޭނުންވަނީ ސާފު ތެދުވެރި ލޯތްބެވެ.
"މިއީ ވެދާނެ އިންފެޗުއޭޝަންއެއްކަމަށް، މީހަކަށްޓަކައި އިންޓެންސް ފީލިންގްސްއެއްހުރެދާނެ، އަހަންނަށް އެހާވަރުގެ މަތިވެރި ހިތްހަމަޖެހުމެއް ލިބެނީ ރާހިލްގެ ފަރާތުންކަމަށްވާތީ އޭނައަށް އެޓްރެކްޓްވީކަމަށްވާނީ..." އަލީސާ ޓިޝޫއަކުން ލޯ ފޮހެލާފައި އަވަހަށް އަތްދަބަސް ނަގައިގެން އަނދުން ރީތިކޮށް އަޅާ އެރީތި ދެލޯ ފަވާލައިފިއެވެ. އިރުކޮޅެއްނުވަނީސް ރާހިލް ތާޒާވެލައިގެން ނުކުމެ އެދުނީ ގަމީހުގެ ގޮށްތައް އަޅުވާދިނުމަށެވެ. ފިރިމީހާ ފަދައިންނެވެ. އަލީސާ ކުޑަކޮށް ރަކިވާގޮތްވެސް ވިއެވެ. ރާހިލްގެ ތޫނު ދެލޮލުން ބަލައިލިގޮތަކުންވެސް މީހަކު ހަލާކުވާނެއެވެ. އެހާވަރުންވެސް އަލީސާ އެސްފިޔަތައް ތިރިކޮށްލައިގެންހުރެ ގަމީހުގެ ގޮށްތައް އެޅުވިއެވެ.
"ރާހިލް، ދެންމެ މިހިނގި، ޕްރެގްވެއްޖެއްޔާ......" އަލީސާ އެއްޗެކޭ ބުނަން އުޅުނެވެ.
"ނޫން އެލީ، ޖަސްޓް ފޮގެޓް އިޓް....." ރާހިލް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"އެކަމަކު ނުވާކަމަކަށް ހަދަންތަ ރާހިލް ތިއުޅެނީ؟ "އަލީސާ ހައިރާންވިއެވެ.
"އަހަރެން ބުނީމެއްނު ކޮންމެހެން އެލީއާއި އިންނާކަށް ނޫނޭ އަހަރެން މިއުޅެނީ، އެލީއަށް އެންމެ ރަގަޅަށް އެނގޭނީ އަހަރެން އަނާދެކެ ލޯބިވާވަރާއި އަނާއަށް ބޭނުންވާވަރު، އަހަރެން އެލީއާއިއެކު ގުޅުމެއް ބޭއްވިޔަސް އެއީ އަދި އެހެންކަމެއް ދޯ، އެހެންނޫނަސް އެލީ ތިއީ ކުރިންވެސް އެކަން ނުކުރާކުއްޖެއްނޫން، އޭރުވެސް ޕްރެގްއޭ ކިޔާފައި ކައިލަންއާއި އިނީ، މޭ ބީ ޔޫ އާރ އިންފާޓައިލް އެލީ..." ރާހިލް ސަމާސާއަކަށް ހަދާފައި ބުނި ޖުމްލައާއިއެކު ރާހިލް ގެ މޫނަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުން ރާހިލްވެސް ހުއްޓުން އެރިއެވެ. އޭނަ އަލީސާގެ ދެއަތުގައި ހިފެހެއްޓިގޮތަށް ގެންގޮސް ފާރުގައި ޖައްސާލިގޮތަށް އެހޫނު ނޭވާތައް އަލީސާގެ މޫނަށް އެޅޭހާ ކައިރި ކޮށްލިއެވެ. އޭނަ އަލީސާ ހައްޔަރުކުރިގޮތުން އަމިއްލަ ބާރެއްނެތްކަން އިހުސާސްކުރެވި އަލީސާ ބިރުގަނެ މޫނު ހުދުވާގޮތްވިއެވެ. މިއީ ރާހިލްގެ އޮފީހެވެ. އޭނައަކީ ރާހިލްގެ މުވައްޒަފެކެވެ. އެހާރަގަޅު ވަޒީފާއެއް ލިބިފައި ހުރެ އޭނަގެ ސަބަބުން ހުރިހާކަމެއް ގެއްލިގެންދާން އުޅޭހެން ހީވެފައި އަދި ކުރެވުނު ކުށް އިހުސާސްކުރެވިފައި އަލީސާ ހުރީ ގަނޑުވެފައިވާ ބުދެއްހެން ހުއްޓުން އަރާފައެވެ.
"އަހަރެން ބޭނުންނަމަ އެލީ މިއަތުތެރޭގައި ޗިސްކޮށްލެވުނީސް، އެކަން އެނގޭތަ؟ އެއްވެސް ބާރެއްނެތް އަންހެންކުއްޖަކު ތިހެން އަތް އިސްކުރާއިރު އަހަރެމެން ފިރިހެނުން އަތްއިސްކޮށްފިއްޔާ ވާނެގޮތް ހިތަކަށްވެސް ނޭރިއެއްނު، އަހަންނަކީ އެކަހަލަ މީހެއްނޫން، ރިއަލް ފިިރިހެނަކު އަންހެންކުއްޖެއްގެ ގައިގާ ނުތަޅާނެ، ހާނިއްކައެއް ނުކުރާނެ، އެކަމަކު އައި ވިލް ޝޯ ޔޫ ހިޒް ބޮސް ހިއަރ...." ރާހިލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އަނާއަށް އޭނަގެ މަންމަ ޓިކެޓް ނަގާފައިވާކަމާއި ފުރަން ތައްޔާރުވާކަން އެނގުމުން ވަރަށް ދެރަވެ ރުޅިގަދަވިއެވެ. މަންމަމެން އޭނައަށް އޮޅުވާލައިގެން ބޭރު ގައުމަކަށް ގެންދަނީ އޭނަގެ ހިތްހަލާކުކޮށްލަން ހެއްޔެވެ؟ މިހާރު މިލިބޭ އުފާކޮޅުވެސް ނެތިކޮށްލަން ހެއްޔެވެ؟ އޭނަ ހާދަ ދުވަހު ކެތްކޮށްފިއެވެ. ފިލައިގެން ދިޔައީމަވެސް އޭނަ ހުރި ތަނަކުން ހޯދައިގެން ގެއަށް ގެނައިއިރު މަންމަ ދެއްކީ އެހެން ކުލައެކެވެ. ދެން ހުރީ ކައިލަންއެވެ. ރޭގެ ހާދިސާ އެއްގޮަތަކަށްވެސް ސިކުނޑިއަށް ނަގައިގެނެވޭނެ ގޮތެއް ނުވިއެވެ. އޭނަ ހޭލެވުނުއިރު ގަމީސް ނެތުމުންވެސް އިންތިހާއަށް ކަންބޮޑުވިއެވެ. ކައިލަން އެފަދަ ކަމެއްކޮށްފާނެހެއްޔެވެ؟ ހުވަފެނެއް ފަދައިން އެކަންތައް ސިކުނޑީގައި ދައުރުވަމުން ދިޔައިރު ބޮޑަށް ހީވީ އަމިއްލައަށް ކޮށްފައިވާ ކަމެއްހެންނެވެ. އަނާ އެކި ޚިޔާލުތަކުގައި އިނދެލާފައި އެންމެފަހުން އިޝާ ނަމާދުކޮށްލައިގެން ބޭރަށް ނުކުތްތަނާހެން އަލީސާ ގެއަށް ވަންތަން ފެނުނެވެ. އަލީސާ އެހެން ދުވަހާއި ތަފާތެވެ. އޭނައާއި ދިމާލަށް ބަލާވެސް ނުލާ އެތެރެއަށް ވަދެގެން ދިޔުމުން އަނާ ހިނިއައެވެ.
"އެ އަންހެނާ އަނގައިން ނުބުނެ ދިޔައީމަ މަށަށް މާ ފަސޭހަ، އައި ހޭޓް ހާރ، މިހާރު އެދިޔައީ ޖޭވެގެން ކަން ޔަގީންކަން، ހީކުރާނީ އަނގައިން ނުބުނެ އިނީމަ އަހަރެން ދެރަވާނެކަމަށްތަ؟ ވަރަށް ހެއްވާ، ހިތަކަށް ނާރާ އެކައްޗެކޭވެސްް، ނޫނީ ހީވަނީތަ އަހަރެން ޖޭވެގެން އުޅެނީހެން، ސަފަރުކައްދަ..." އަނާ ކުޑަކޮށް ރުޅިއަންނަގޮތްވެފައިވެސް އިރުކޮޅަކުން ހާސްވާންފެށިއެވެ. އޭނަ ކައިލަންއަށް ވެރިވާން އުޅުނަސް އަދި ކައިލަން ފަދަ ހަރުދަނާ ފިރިހެނަކު އޭނަ ކަހަލަ ޅަ އަންހެންކުއްޖެއްގެ ލޯބި ގަބޫލުކޮށްފާނެކަމެއް އެނގެނީއެއްނޫނެވެ. ކައިލަން އޭނަގެ މީހަކަށްނުވާއިރު އޭނަދެކެ އަލީސާ ހަސަދަވެރިވާންވީ ސަބަބެއްވެސް ނެތެވެ. މިލޯބީގެ ނިމުން އަންނާނެގޮތެއް އަދިވެސް އޭނަގެ ވިސްނުމަކަށް ނާދެއެވެ. މަތިން ބައިންޖެހެނީ އޭ ހީވާ ހިސާބަށް ދާއިރަށް ކައިލަންގެ ފަރާތުން ކުޑަ ނަމަވެސް ގާތްކަމެއް ފެނިލާފައި އަނެއްކާ ގެއްލިގެންދަނީއެވެ.
"އެނީވޭސް އަހަންނަށް ކައި ދެކެ ވަރަށް ލޯބިވެވިއްޖެ، އެހާ ލޯބިވާ މީހެއް ދުވަހަކު ހަޔާތަށް އަންނާނެކަމެއްނޭގޭ، ދުނިޔޭގައިވާ އެއްޗަކަށްވުރެ އަހަންނަށް މިވަނީ ލޯބިވެވިފައި، ވީއިރު ކޮންމެ އަގެއްގައިވެސް އެލޯބި ހޯދަން ހާދަ ބޭނުމޭ، ދެއަންބަށް އިންނާން ޖެހުނަސް އަހަންނަށް ހެޔޮ..." އަނާ ފެންޑާއަށް ނުކުތްއިރު ފެނުނީ ފަލަކުގައި ވިދަވިދާ އިން ހަނދެވެ. ގަސްތަކުގެ ތެރެއިން ހަނދަށް ބަލައިފިނަމަ ހިތާމައެއް ކުރިމަތިވެދާނެކަމަށް މީހުން ބުނެއުޅެއޭ ކިޔާ ހަނދާންވިޔަސް އަނާ އެކަހަލަ ވާހަކަތަކަށް ނުހެއްލެއެވެ. ކަންތައް ހިނގާނީ ތަޤުދީރުގައި ލިޔުއްވާފައިވާ ގޮތަަކަށެވެ. އެކަކަށްވެސް އެކަމެއް ބަދަލެއްނުކުރެވޭނެއެވެ. އަނާ ހަނދަށް ބަލައިލާފައި ހިނިތުންވެލީ ކައިލަންގެ ހަނދާންކޮށްލަމުންނެވެ. ކުއްލިއަކަށް މީހަކު ފަހަތުން ބައްދައިލަމުން ހަޅޭއްލަވައިގެންފާ އަނާ އެނބުރުނެވެ.