"އާނ ރާހިލް ތީ އެހާ އަމިއްލަ އެދުން ބޮޑުމީހެއްކަން ނުދަންނަން، އަހަންނަށް އެވަރުކަމެއްކޮށް ނުދެވުނު...." އަނާ ނުރުހިފައިވާގޮތަކަށް އެހެން ބުނެލާފައި ހަށި ފުރާ ނޭވާއެއްލިއެވެ.
"އަހަރެން ސެލްފިޝްމީހަކަށް މިވީ ކައިވެނި ނުހުއްޓުވައިގެންތަ؟ އެނީ ހީކުރަނީ އަހަރެން މަންމަމެންގެ ބޮލަށް އެރިގެން ކުރުވާކަމެއްކަމަށް ދޯ؟ ނޫން އެހެނެއްނޫން، މަންމަމެންނަށް ކައިލަންއަކީ މޮޔަ ޒޫނީގެ ދަރިއެއްކަން އެނގުނު ހިސާބުން ފެށިގެން އެމީހުން ބޭނުންވީ ކޮންމެފަދަ އަގެއްދީގެންވެސް އެނީ ލައްވާ ތިކަން ހުއްޓުވަން، އަހަރެންވެސް ކޮންމެހެން އެނީއަށް ދެރައެއްދޭކަށް ނޫން، އެނީ އެހާ ގޯސް ސްޓެޕެއް ނަގާއިރު އަހަންނަށްވެސް ކެތެއްނުކުރެވޭނެ....." ރާހިލްގެ ވާހަކަތަކުން އަނާ މާޔޫސްވިއެވެ.
"ކައިގެ މަންމަ މޮޔައަކަށްވިޔަސް ކައި އެހެރީ ކިޔަވާ މޮޅުމީހެއްގެ ގޮތުގައި...." އަނާ ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.
"ބަޓް އެކަހަލަ އާއިލާއަކަށް ވަންނާކަށް އެނީ މަންމަމެން ބޭނުމެއްނުވާނެ ދޯ، ޓްރައި ޓު އަންޑަސްޓޭންޑް އެނީ، އަހަންނާއި މެެރީކުރިޔަސް އެނީ ބޭނުންގޮތަކަށް އުޅެންވީ، އަަހަރެން ނެތިން އެނީގެ ނުރުހުމުގައި އަތުގައި ހިފާލާކަށްވެސް، އައި ޕްރޮމިސް...."ރާހިލް އަނާގެ ހިތްހަމަޖައްސާލަދޭންވެގެން ބުނެލިއެވެ.
"ވީއިރު ނަމެއްގައި ކުރެވޭ މެރިޖެއްތަ؟ އަހަންނަށް ކައިއާއި މީޓްވެސް ކުރެވޭނެތަ؟ "އަނާގެ ޅަކަމާއި ހިތުގައިވާހާ އެއްޗެއް ޖެހިލުމެއްނެތި ހާމަކުރަން ފެށުމުން ރާހިލްގެ ހިތަށް އުދަގޫވެސްވިއެވެ. މިފަދަ ވަގުތުގައި އަނާގެ މައުސޫމްކަން ހާމަވެ ހިތުގައިވާ ލޯބި ބޮޑަށް އިތުރުވެއެވެ. ފެށުނީއްސުރެން އޭނަ އަނާއަށް އެދެމުން އައިނަމަވެސް އެކަން ހާމަކުރަން ޖެހުނީ މާފަހުންނެވެ. އަނާގެ ލޯތްބަކީ އަވާމެންދުރެއްކަމުގައި ހީކުރެވިފައި ހުއްޓާ އެނަސީބުވެސް ލިބޭގޮތްވީއެވެ.
"މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ؟ ނޫން، ނުވާނެ، އެނީއަކަށް ހިލޭ ފިރިހެނަކާއި ޓޯކްވެސް ނުކުރެވޭނެ އިނގޭ...." ރާހިލް ސީރިޔަސްވެލިއިރުވެސް ތުންފަތްމަތީގައި ހިނިތުންވުމެއްގެ އަސަރު ފެންނަން ހުއްޓެވެ.
"އަންހެންކުއްޖެއްގެ ނުރުހުމުގައި މަޖުބޫރުން ކައިވެނިކުރުވުން ދީނުގައި ހުއްދައެއް ނޫން، މިކަހަލަ ކައިވެންޏެއް ހުއްދަވާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން، އެންމެންވެސް ކިހާ ސެލްފިޝް، އަހަރެން ވިސްނާގޮތް އެކަކުވެސް އަޑުނޭހި، ވީއިރު އެ ރޫލްސްތައް އެޕްލައިވާނެތަ؟" އަނާ އެހާ ގޮތްދޫނުކޮށް ވާހަކަދައްކަފާނެކަމަކަށް ރާހިލް ހިޔެއްނުކުރެއެވެ. އަނާ މިވީހާތަނަށް އޭނަގެ މައިންބަފައިން ބުނާކޮންމެ ގޮތަކަށް ހަދާފައިވެއެވެ.
"ޓްރަސްޓްމީ އެނީ، މެރީކުރިޔަސް އެނީގެ މިނިވަންކަމަށް ހުރަހެއް ނާޅާނަން، އެކަމަކު އަހަރެން އެނީދެކެ ލޯބިވާވަރު އަންގާދޭން މި ޗާންސްދީ..." ރާހިލް އެދުނެވެ. އަނާ ބަލަން ހުރިގޮތުން އެލޮލުގައިވި ޝުއޫރުތަކެއް ރާހިލްއަކަށް ސާފެއްނުވިއެވެ. އަނާ ވިސްނާގޮތެއްވެސް ނޭގުނެވެ. ބައެއްފަހަރު ރާހިލް ބިރުގަންނަނީ ރާޔާފަދައިން އަނާ މޮޔަކަމެއްކޮށްފާނެތީއެވެ. އަނާގެވެސް ނަފްސާނީ މައްސަލައެއްހުރިއިރު އަމިއްލަ އަށް މަރުވާން ޚިޔާލުނުކުރާނެކަމުގެ ޔަގީންކަމެއް ރާހިލްއަކަށް ނެތެވެ. އަނާ ރުއްސައިގެން ލޯބިން ގެންގުޅުން ކިތަންމެހާވެސް މުހިއްމެވެ.
ރާހިލްގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ޖަހައިލިއެވެ. އަނާ އާއި އޭނަގެ ކައިވެނި ކުރެވުމަށްފަހު އޭނަގެ އަތުން އަނާ ބީވެގެން ދިޔަކަނުދޭނެއެވެ. ނަމަވެސް އޭގެ ކުރިން މިއޮތް ދުވަސްކޮޅު ވެދާނެގޮތަކާއިމެދު އޭނަ ކަންބޮޑުވެއެވެ. އަވަހަަށް ކައިވެނީގެ ކަންތައް ނިންމާލެވުމަށްފަހު އޭނަގެ ފަރާތުން ލިބޭ އިންތިހާ ދަރަޖައިގެ ލޯބީގެ ސަބަބުން އެހިތް ބަދަލުވެދާނެއެވެ. އިންސާނާގެ ހިތް ބަދަލުވާކަށް މާގިނަ އިރުތަކެއްނުނަގާނެއެވެ. ލޯތްބާއި އަޅާލުން ދީގެން އަންހެންކުއްޖެއްގެ ހިތް އަތުލުމަކީ އުދަގޫކަމަކަށް ނުވާނެއެވެ.
ކައިލަންއާއި ޒާޔަލްއަށް މިހާރު މަންމަ ނުކައްކާ އެއްޗެއް ކެވޭކަމަކަށްނުވެއެވެ. ޒޫނީ ކޮންމެ އެއްޗެއް ތައްޔާރުކުރިކަމުގައި ވިޔަސް އެޒުވާނުންނަށް އެވަރެއްނެތެވެ. ހެދުނު ޑިއުޓީއަށް ދާން ތެދުވާއިރަށް މަންމަ ހުންނަނީ ރޮށިފިހެ މަސްހުނި އެހާ މީރުކޮށް ހަދާފައެވެ. ނޫނީ ތަފާތުކޮށްލަން ސެންޑްވިޗް ކަހަލަ އެއްޗެއް ތައްޔާރުކޮށްލާނެއެވެ. މެންދުރަށް ތަށިބަރި ފޮނުވާނެއެވެ. ހަވީރަށް ހެދިކާ ހަދާލާފައި ރޭނގަޑަށް ގަވާއިދުން ކާން ހަދާފައި ހުންނާނެއެވެ. ޒޫނީ ދެކޭގޮތުގައި އޭނަ ގަދަވެ ސަލާމަތުން ހުރެއްޖެއްޔާ އޭނަގެ ދެެބެން ހޮޓަލަށް އަރާކަށް ނުޖެހޭނެއެވެ. މަންމަގެ ހީވާގިކަމާއި މުރާލިކަން ފެނިފައި ކައިލަންވެސް ހައިރާންވެއެވެ. މަންމައަށް އުދަގޫނުޖައްސަންވެގެން ކުރީކޮޅު ހޮޓަލުން ކާއެއްޗެހި ގެންނަން ކައިލަން ފެށިއެވެ. އެކަން ޒޫނީ ގަދަޔަށް މަނާކުރިފަހުން ކައިލަން ހުންނަނީ މަންމަ ތައްޔާރުކުރާ މީރު އެއްޗެއްސަށް ދެވި ހިފާފައެވެ. ޒޫނީ ބުނަނީ ހޮޓަލަށް ޚަރަދުކުރާ ފައިސާ އޭނައަށް ދިނުމަށެވެ. މިއަދުވެސް ޒޫނީ ތަށިބަރި ފޮނުުވުމުން މަތިގަނޑު ހިއްލާލިއިރު ކުޅުދިޔާވާހާ މީރުވަސް ތަނަށް ފެތުރިގެން ދިޔައެވެ. ބިރިޔާނި ހަދާފައިވާއިރު އެކަނި ވަހުންވެސް ރަހަ މީރުކަން އެނގޭހާވިއެވެ. ހައިދަރުއާބާދީ ބިރިޔާނީއަކަށްވުރެ އެންމެ ތަންފުކެއްވެސް ދެރައެއްނޫނެވެ. ފާޑުވެރިކަމާއިއެކު ބިސްގަނޑާއި ތަރުކާރީކޮޅުވެސް އަތުރާލާފައި ވުމުން ކައިލަން ޒާޔަލްގެ މޫނަށް ބަލާލާފައި ހިނިތުންވެލިގޮތްވެސް މަންމައަށް ކުރި ތަޢުރީފަކަށްވިއެވެ.
ދެމީހުން ތަށިތައް އަތުރާލައިގެން ކާން އުޅެނިކޮށް ފޯނެއް އައުމުން ޒާޔަލް ޖަވާބުދީފައި މޭޒުމަތީގައި ބޭއްވިއެވެ.
"ކާކުތަ؟ "ކައިލަން އަހައިލިއެވެ.
"ކައިރާ، މިއަދުވެސް ޓިއުޝަނަށް ލާން ސައިކަލުގައި އަންނާށޭ، ކައިރާ އެހާ ބޮޑުކޮށް ހުންނާތީ ކާކު އެކުއްޖާގެ ޢުމުރު ގަބޫލުކުރާނީ؟ އެންމެން އަހަންނާއި އެދިމާކުރަނީ ބިޓެއް ގޮވައިގެން އުޅެނީއޭ ކިޔާފައި...." ޒާޔަލްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ހުއްދަ ހޯދުމެއްނެތި މީހަކު ދޮރު ހުޅުވާލައިފިއެވެ.
"އަބަދު އަންހެންކުދިންގެ ވާހަކަދެއްކުން ނޫންކަމެއް ނުކުރެވެއެއްނު..." ފަލަކްނާޒް ޒާޔަލްއަށް ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ. އެވަރުންވެސް އޭނަގެ ނަޒަރު މޭޒުމަތީގައި ހުރި ތަށްޓާއި ދިމާލަށް ހުއްޓުނެވެ. އޭރު ކައިލަން ވޮޝްރޫމުން ނުކުމެގެން އަންނަނީއެވެ. ކަޅު ފަޓްލޫނަކާއިއެކު މަޑު ނޫއަދި ކަޅުކުލައިގެ ގަމީހެއްގައި ހުރިއިރު ސްމާޓްވެފައި ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ. އަތުގެ އުޅަބޮށްޓާއި ހަމަޔަށް ގަމީހުގެ އަތުކުރި އޮޅާލާފައިވާއިރު އަތްދޮވެލައިގެން ފެން ނުހިކިހުރުމުން އެއަތްތިލަވެސް ރީތިކަމުން އަންހެންކުދިން ހިފާލާހިތްވާނެއެވެ. ފަލަކްނާޒްގެ ހިތްވެސް ތައުރީފުކުރިއެވެ. މިއީ އެއްއިރެއްގައި އޭނަގެ ދަނބިދަރިއަކަށް ހެދުމުގެ ހުވަފެން ދެކުނު ޒުވާނާއެވެ. ޒޫނީގެ ސުންޕާކަމުން އެހުވަފެންވެސް ވިއްސިވިހާލިވީއެވެ.
"ޑޮކްޓަރ ކައިލަން، ވެރީ ގުޑް އާފްޓަރނޫން، މިއައީ ދަޢުވަތުކާޑު ދޭން...." ފަލަކްނާޒްގެ ޖުމްލައިން ކައިލަންގެ ތޫނު ދެލޯ އޭނައަށް އަމާޒުވިއެވެ. އޭރު އެތުންފަތްމަތީގައި ވި ހިނިތުންވުން ފަނޑުވެ މޫނުގެ ކުލަ އޮއްސުނުތަން ފެނިފައި ޒާޔަލްގެ ހިތަށް އަސަރުކުރިއެވެ. އޭނައަށް ވެވޭނެނަމަ ފަލަކްނާޒް އެތަނުން ކޮށްޕާ ބޭރުކޮށްލީހެވެ. ނަމަވެސް މިއީ މިވަގުތު މިތާގެ އިސްވެރިޔާއެވެ. މިތާތެރޭގައި އޭނަ ހިތުހުރިގޮތަކަށް ހަދާނުލެވޭނެއެވެ.
"ރާހިލްއާއި އަނާގެ ކައިވެނީގެ ދައުވަތު...." ފަލަކްނާޒް އިތުރަށް ބުނެދިނީ ކައިލަން ދެރަކޮށްލަންވެގެންނެވެ. ފަލަކްނާޒް ދިއްކޮށްލި ކާޑުގައި އޭނަ ނުުހިފަންހުރެފައިވެސް ހިފިއެވެ. ކާޑުގެ ޑިޒައިން ރީތިކަމާއިއެކު އިނގިރޭސިން ލިޔެފައިވާ އިބާރާތްކޮޅުވެސް ހީވަނީ ރަން ފަށުވިން ލިޔެވިފައިވާހެންނެވެ. ރާހިލް މުހައްމަދު ޔަޒީދު އަދި އަނާ އަހުމަދު ޔަޒީދު އާއިއެކު އެދެޒުވާނުންގެ މައިންބަފައިންގެ ނަމުގައި ކާޑު އައުމުން އޮޅުން އަރާފައިވާ މީހުންގެ އޮޅުން ފިލާ އެއީ ދެބެންގެ ދެދަރިންކަން އެނގޭނެއެވެ. ކައިލަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން އޭނަ އެހުރިގޮތަށް އެސްފިޔަ އުފުލާލާނެ ހިތްވަރެއްވެސް ނުލިބުނެވެ. ކައިލަން ކާޑު މޭޒުމަތީގައި ބާއްވާފައި އެތަނުން ނުކުމެގެން ދާތަން ބަލަން ޒާޔަލްވެސް ހުރިއިރު އޭނަގެ ހިތަށްވެސް ކުރީ ފުން އަސަރުތަކެވެ. ކޮއްކޮގެ ހިތާމަ އިހުސާސްކުރެވި އެހިތަށްވެސް އެނގުންވެގެން ދިޔައެވެ. މި އަނިޔާވެރި މުއްސަދިންނަށް އެކަމުގެ ސަޒާލިބުމަށް އެދި ދުޢާ ކުރެވުނެވެ. ދުވަހަކު މީހަކަށް ބަދު ދުޢާކުރަން ހިތަށް ނޭރިޔަސް ޒާޔަލްގެ ހިތަށް އެފަދަ އެއްޗެއް އެރީ ބޭއިޚުތިޔާރުގައެވެ.
ޒާޔަލްގެ ހިތާމަ ރުޅިއަށް ބަދަލުވާން ނެގީ ސިކުންތުކޮޅެކެވެ. އޭނަ އެކާޑު ވީދާލިގޮތަށް ޑަސްބިނަށް ލުމުން ފަލަކްނާޒްގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
"ކާޑު ވީދާލިޔަސް ކައިވެންޏެއް ނުރޫޅޭނެ، އެކަން ކުރާނެ..." ފަލަކްނާޒް ކުރީ މަލާމާތެވެ.
"ބަލަ، ނުކުރާނެއޭ ނުވާނެއެކޭ ނުބުނަން، އެކަމަކު ކޮންމެހެން އަހަރެންގެ ކޮއްކޮއަށް ޖެއްސުމަށް ކާޑު ގެނެސްދޭން ޖެހޭތަ؟ ވަކިން އޭނައަށް ގެނެސްދޭންވީ ކީއްވެތަ؟ " ޒާޔަލް އިސްވެރިޔާއަށްވީތީވެސް އަދަބުވެރިވާކަށް ބޭނުމެއްނުވެ ގަސްތުގައި ގަދަރުކުޑަވާގޮތަށް ވާހަކަދެއްކިއެވެ.
"ޑޮކްޓަރ ޒާޔަލްގެ ކޮއްކޮ ދޯ، ކުރީއްސުރެން އެކަން އެނގިތިބެ ރާވައިގެން ކައިލަން އަހަރެމެންގެ އާއިލާއަށް ވައްދަން ފައިވިއްދާފައި ހުއްޓާ ނުވީމަތަ ޒާޔަލް ތިހާ ފޯރިދައްކަނީ؟ ދެންވެސް ލޯބީގައި މޮޔަވެފައި ހުރި ކޮއްކޮއަށް ވިސްނާދީ، ކުޑަކުއްޖެއްގެ ފަހަތުން ނުދުވާށޭ ބުނެބަލަ، އަހަރެމެންވެސް ހުރި އެންމެ އަންހެންދަރިފުޅު މީހަކާއި ދެވާއިރު ކޮންމެ ކޮންމެ ތަނަކަށް ނުވައްދާނެ ދޯ، އަދި ޑޮކްޓަރެއްގެ ލަގަބު އޮތަސް، ކައިލަންއަށް ވެސް މޮޅު އަންހެންކުއްޖަކު ލިބިދާނެ، ރީތި ފިރިހެނަކަށްވީމަ ހިތްކިޔާނެ ކިތަންމެ އަންހެންކުދިންނެއް ތިބޭނެ، ދެންވެސް ޓްރައިކޮށްގެން ގެއެއްހުރި އަންހެނަކު ހޯދަދޭން އުޅޭ...." ފަލަކްނާޒް ޒާޔަލްގެ ހިތަށް އަސަރުކުރާފަދަ ގޮތަކަށް ވާހަކަދެއްކުމުން ޒާޔަލް ވެސް ހިމޭންވިއެވެ. ކިތަންމެ ރުޅިގަދަވިޔަސް އަމިއްލަ ނަފުސް ކޮންޓްރޯލްކުރިއެވެ.
ފަލަކްނާޒް އެތަނުން ދިޔުމުން ޒާޔަލްވެސް ކާހިތެއްނުވިއެވެ. އެހާމީރު ކެއުންވެސް ފަލަކްނާޒްގެ ސަބަބުން ޚަރާބުވީއެވެ. ޒާޔަލްވެސް އޭނަގެ ކޯޓު ނަގައިގެން އެތަނުން ބޭރަށް ނުކުމެ ހަށިފުރާ ނޭވާއެއްލިއެވެ. އެވަގުތުވެސް ކޮންމެވެސް ބަލިމީހެއްގެ ހާލު ބޮޑުވެގެން ގުޅައިގެން އޭނަ އެހެން ހުރިހާކަމެއް ހަނދާން ނައްތާލާފައި އުޅެގަތީ އެބަލިމީހާއަށް ފަރުވާދިނުމަށެވެ. އެންމެފަހުން ހުސްވަގުތެއް ލިބިގެން އެކަނި ކޮންސަލްޓިންރޫމްގައި އިންއިރު ޒާޔަލްގެ މޫނުވެސް ވަނީ މިލާފައެވެ. ހިތާމައިގެ ތަސްވީރެއްފަދައިން ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނދެވުނީ ކިހާއިރެއްވާންދެންކަމެއްވެސް ނޭގުނެވެ.
"ޒިޔާ، ޕްލީޒް ފޮގިވް މީ، އަހަރެންނާއި މީޓްކޮށްދެވިދާނެތަ ޒިޔާ، ބޭނުން ވާހަކައެއް ބުނެލަން." މިސްކު ފޮނުވި މެސެޖް ތަކުރާރުކޮށް ކިޔާލާފައި ޒާޔަލް ޖަވާބެއް ދޭހިތެެއް ނުވިއެވެ.
"އީވެން އިފް އައި ޑޯންޓް ގެޓް އެނީ ހެޕިނަސް ކައިއަށް އުފާވެރިކަން ދެއްވާނެނަމަ، މަންމައަކީ އެހާ ނުލަފާމީހެއްވެސް ނޫން، މަންމަވެސް އެގޮތަށް އުޅުނީ މާޒީގައި ދިމާވިކަމަކުން ކަމަށްވާނީ، ކީއްވެތަ މުއްސަދިންނަށް އަންޑަސްޓޭންޑް ނުވަނީ، މަންމަ އަހަރެން ބަލާބޮޑުކުރީވެސް ގޯސްގޮތަކަށް ނޫން، އަހަންނަކީވެސް އެހާ ނުބައިމީހެއްނޫން، ކައިއަކީ މަންމަގެ ލޭ އެެކަމަކު އެހާ ރަގަޅު ފިރިހެންކުއްޖަކު މީހަކަށް ލިބޭނެކަމެއްނޭގޭ، އަދި އިންސާނުންގެ ތެރޭގައި މަލާއިކަތުން އުޅޭނެނަމަ ކައިއަކީ އެކަކު، އެހާ އިނޮސެންޓްކުއްޖަކާއި ދޭތެރޭ އެ ފަލަކްނާޒްމެން ހަދާގޮތް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުން، މިއީ ހަމަ އަނިޔާ ނޫން ދެން ކޯންޗެއްތަ....." ޒާޔަލްގެ ލޮލުންކަރުނަ ހިލުނެވެ. ކައިލަންއަށް އުފަލާއި ނަސީބު ދެއްވުމަށް އެދި ދުޢާކުރިއިރު ޒާޔަލް ފެންކަޅިވިއެވެ.
ޒާޔަލް ނަމާދުކޮށްގެން މިސްކިތުން ފޭބުމަށްފަހު ފޯނު އޮންކޮށްލާފައި މިސްކުއަށް ޖަވާބެއް ލިޔެލަން ހިތަށް އެރިއެވެ. އަޅާނުލާ ދޫކޮށްލުމަށްވުރެ ކޮންމެވެސް ޖަވާބެއްދެވިގެން ނޫނީ އޭނަގެ ހިތަށްވެސް ހަމަޖެހުމެއްނުލިބޭނެއެވެ. ފުރަތަމައަށް ލޯބިވިކުއްޖާއަށް ވުމުން ޒާޔަލްގެ ހިތުގައިވާ މަގާމެއް ދުވަހަކު ބަދަލެއްނައި ކަމުގައިވިޔަސް މިސްކުއަކީ މާޒީއެވެ.
"މާފުކޮށްފިން އެކަމަކު ދެމީހުންގެ މަގު މިހާރު ވަރަށް ތަފާތު، ވީމަ މީޓްކުރެވޭކަށްނެތް...." ޒާޔަލް ލިޔުނެވެ.
"ޒިޔާ، އަހަންނަށް ކުށެއްކުރެވުނީ، މަންމަމެން ބުނެގެން އަދި ލޯބިވާމީހާ ދޫކޮށްލާކަށް ނުޖެހޭ، އެނގޭ ޒިޔާ ތިހިރީ އަހަރެންދެކެ ހިތްހަމަނުޖެހިފައިކަން، ގިވް މީ އެ ސެކެންޑް ޗާންސް ޕްލީޒް، އަހަންނަށް ހެދުނު ކުށް އަލުން ރަގަޅުކުރަން ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނަން..." މިސްކު ދެރަވާ އިމޯއެއްލާފައި ފޮނުވި މެސެޖުން ޒާޔަލްގެ ހިތަށް އުދަގޫވިއެވެ.
"މަންމަ އެބުނީ ރަގަޅުވާހަކައެއް، އަހަންނަށް މިހާރު އަހަރެންގެ ފެންވަރު ވިސްނިއްޖެ، އަހަރެން ޚިޔާރުކުރާނީ އަހަންނާއި އެކަށީގެންވާ އަންހެންކުއްޖެއް، މިސްކުއަށް ހެދުނީ މިސްޓޭކެއްނޫން...." ޒާޔަލް ޖަވާބުދިނެވެ.
"ކުރީ ދުވަހު ސައިކަލް ފަހަތަށް ލައިގެން އުޅުނީ ތިބުނާ އެކަށީގެންވާ އަންހެންކުއްޖާ ދޯ، މިހާ އަވަހަށް ޒިޔާވެސް އަންހެންކުއްޖަކާއި ރައްޓެހިވީ. އަހަރެން ހީނުކުރަން ޒިޔާއަކީ ތިކަހަލަ މީހެއްކަމަށް....." މިސްކު ޒާޔަލް ކުށްވެރިކުރާފަދަ ގޮތަކަށް ލިޔުމުން ޒާޔަލް ހިނިއައެވެ. ކައިރާގެ އުމުރުން އެންމެ ބާރައަހަރުކަމުގަޔާއި ދައްތައެއްގެ ދަރިއެއްކަމަށް ބުނަން އުޅެފައިވެސް ޒާޔަލް އެކަން އޮޅުން ފިލުވައިދޭކަށް ބޭނުމެއްނުވިއެވެ.
"މިކީ، އައިމް ސޮރީ، އެކަމަކު ދެން ދުވަހަކު އަހަރެން ބޭނުމެއްނޫން މިކީއާއި އެކުވެރިކަން ބާއްވަންވެސް، އަހަރެން ކުރިންބުނިހެން ދެމީހުންނަކީ ދެމަގުން ދަތުުރުކުރާ މުސާފިރުން، އެއްއިރެއްގައި އަހަރެންގެ ހަޔާތަށް އައިސްދިނީތީ ތޭންކްސް މިކީ، ބަޓް ދެން...." ޒާޔަލް ތުންފަތުގައި ދަތްއަޅައިލިއެވެ.
"އޯކޭ، ވިސްނިއްޖެ....."މިސްކު އިރުގަނޑެއްފަދައިން ޖަވާބު ލިޔުނެވެ.
"ގުޑްބައި މިކީ...." ޒާޔަލްގެ ޖުމްލައިން މިސްކުއަށް ކުރީ ކޮންކަހަލަ އަސަރުތަކެއްކަން ނޭގުނަސް ޒާޔަލް މާކުރިންވަނީ އެދުވަސްދެކެފައެވެ. އެދުވަހު އޭނަ ހާދަ ހިތާމައެއްކުރިއެވެ. އެޒުވާންހިތް ފުނޑުފުނޑުވެގެން ދިޔަ ހިތާމަވެރި ދުވަހެކެވެ. ޒާޔަލްގެ ހަޔާތަށް އެފަދަ ދުވަހެއް ދުވަހަކު އަންނާނެކަމެއްވެސް ނޭގެއެވެ. އެހާވެސް ބޮޑަށް އޭނަ ކަރުނައޮއްސިއެވެ. އަމިއްލަ މީހަކު މަރުވުމުންވެސް ހިތާމަކުރާނީ އެވަރަށެވެ. އެހިތާމަތަކުން އަރައިގަތްއިރު އޭނަމިވަނީ އަދިވެސް އަންހެންކުއްޖަކު ހަޔާތަށް ގެންނާނެކަހަލަ ވިސްނުމެއްގައެއްނޫނެވެ. ދުވަހަކު އަންހެންކުއްޖަކަށް އިތުބާރުކުރުން ފަސޭހައެއްނުވާނެއެވެ. މިސްކުދެކެ ވީ ލޯބި އެހެންކުއްޖަކު ދެކެ ވެވޭނެކަމެއްވެސް ނޭގެއެވެ. ހަޔާތް ވެތުވެގެންދާނީ ހުސްހަށިބައި ޒުވާނެއްގެ ގޮތުގައިކަމުގައި އޭނަމިވަނީ ޔަގީންކޮށްފައެވެ.
ގެއަށް ވަންއިރު ފެނުނު މަންޒަރަކުން ހިތަށް އިރުކޮޅަކަށްނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ކައިލަން ހީހީފައި މަންމައާއި ކޮންމެވެސް ވާހަކައެއްގައި އިނެވެ. ފިޒިއޯތެރަޕީ ދިނުމަށް އަމިއްލަ ދަރިއަކު ހުރުމުން ހާދަ އެހެން ކަހަލަ އިހުސާސްތަކެކެވެ. ނަމަވެސް ކުރިމަތީގައި ހުރި ސޯފާގައި އިށީދެފައި ކައިލަންގެ މޫނަށް ބަލައިލުމުން ކައިލަންގެ ރަތްވެފައިވާ ދެލޯ ފެނުމުން އޭނަ ހުރީ ވަރަށް ރޮއިފަކަން އެނގިފައި ޒާޔަލްގެ އުފާވެރިކަން ނެތިގެން ދިޔައެވެ. އެވަގުތުވެސް ހިތް ލައުނަތްދިނީ ފަލަކްނާޒަށެވެ. އެއަނިޔާވެރިޔާއަށް ފިލާވަޅެއް ލިބުން އެދެވުނެވެ.
ރަތްފިޔައަށް ދެޢީދު އެކީގައި އައިސްގެން އުޅޭތީ ހީވަނީ އެހެންކަމެއްހެންނެވެ. ބޮޑު ޢީދުގެ އުފާވެރިކަމާއިއެކުގައި މިއަދަކީ އަނާ ކައިވެނީގެ ރަންކިޔަން ޖެހޭ ދުވަހެވެ. ރަންކިޔުމަށްވެސް ކުޑަ ރަސްމިއްޔާތެއް ބާއްވަން ފަލަކްނާޒް ބޭނުންވީވެސް ދުވަސްވަރުގެ ގޮތުންނާއި މިކައިވެނި ވީހާވެސް ބޮޑަށް ހިތުން ފިލައިގެން ނުދާނެފަދަ ގޮތަކަށް ކުރުވާށެވެ. އަނާގެ ހިތް ކުދިކުދިވެ ލޭއޮހެމުންދާއިރުވެސް އޭނަ މަންމަމެންނަށް އެކަން ނުދައްކާ ބުނާހާގޮތަކަށް ކަންތައްކުރީ ރޮބޮޓެއްހެންނެވެ. އެނޫންގޮތެއް އޭނައަށް ނެތްކަމަށް ގަބޫލުކުރެވިފައިވާތީއެވެ. އޭނަ އެންމެ ލޯބިވާ ކައިލަންވެސް އޭނައަށް އެހީއެއްނުވިއެވެ. އަނާއަށް މަންމަ ފައްސާފައިވާ ޖަރީހެދުން ހިފައިގެން ކޮޓަރިއަށްވަނީ ރީތިވާށެވެ. މިސްކު އެހީވާން އުޅުމުން އަނާ ބުނީ ހެދުން ބަދަލުކުރުމަށްފަހު މިސްކުއަށް ގޮވާނެކަމުގައެވެ. މިސްކު ސިޑިން ފައިބައިގެން ތިރިއަށް އައިއިރު އޭނަ ހުރީ އުދާސްވާގޮތްވެފައެވެ. އޭނަ ހުރީ އަނާގެ އެކުވެރިކަމުގެ ހައްގުގައިވެސް މިގޭގެ ހަތަރުފާރުން އެތެރޭގައި ފައި ނާޅާށެވެ. ނަމަވެސް މަންމަ މަޖުބޫރުކުރީއެވެ. މަންމަދެކެ ގަތް ބިރެއްގެ ސަބަބުން އައުމަށްފަހުގައިވެސް އަނާ ކައިރީ އޭނަ ބުނީ އަނާގެ ކައިވެނިވީމަ އައީކަމުގައެވެ. މިސްކުގެ ހިތަށް ކުރާ އަސަރާއި އޭނަ ކުރާ ހިތާމަތައްވެސް ހިތުގެ އެންމެ ކަނުގައި ފޮރުވާލާފައިވާއިރުވެސް ދޭތެރެއަކުން ނުރޮވެނީ ހަމަ ކިރިޔާއެވެ.
މިސްކުގެ ނަޒަރު އެންމެ ކުރިން ހުއްޓުނީ ބެލްކަނީގައި ވާހަކަދައްކަން ތިބި ފަލަކްނާޒާއި ރުޚުސާނާ އަދި ދެތިން އަންހެނުންނަށެވެ.
"މަގޭ އަނާއަކީ ހަމަ ފަޚުރުވެރިވުން ހައްގު އަންހެންދަރިއެއް، ކިހާ ބަސްއަހާ، ކޮންމެ ކޮންމެ ކުއްޖެއް އެހެން މީހަކާއި ހިތާވެގެން އުޅެފައި ބޭބެއެއްގެ ގޮތުގައި ދެކެމުން އައި ޒުވާނަކާއި އިންނާނެތަ؟ ރާހިލް ކޮންމެހެން އަމިއްލަ ދަރިއަކަށްވީމައެއްނޫން، އެކަމަކު އެވެސް ހަމަ ޖަވާހިރެއް، އެހާ ޅައުމުރުގައި އަމިއްލައަށް އެމުއްސަދިކަން ހޯދައިގަތްލެއް ނިކަން ބަލާބަލަ." ފަލަކްނާޒްގެ މޫނަށް ވެރިވެފައިވާ ކުލަވަރުންނާއި އަބަދު ދަތްތައް ދައްކާލައިގެން ހުރުމުން އޭނަގެ އުފާވެރިކަން ހާމަކޮށްދެއެވެ. ފަލަކްނާޒް ދެންފެށީ ރާހިލްގެ މޮޅުކަމުގެ ވާހަކައެވެ. މިލިއަނަރަކަށްވި ވާހަކައެވެ. އަންހެންކުދިންގެ މައިންތައް އޭނައާއި ހެދި އުޅޭވަރެވެ. އޭނަގެ ޕްރޮޖެކްޓްތަކާއި ރިޒޯޓްތަކުގެ ވާހަކައިން ފޮނިކަނޑަން ފެށުއިރު މަންމަ ހުރީ އަދި އަނގަ ހުޅުވާލައިގެންނެވެ. މަންމަ މިސްކުއާއި ދިމާލަށް ބަލާލާފައި އަނގަޔަށް ހަދައިލިގޮތުން މަންމަގެ ވިސްނުން މިސްކު ދެނެގަތެވެ. ރާހިލް އަތު އަޅުވާނުލެވުނީތީ އެކަމާއި މަންމަ ހިތާމަކުރީއެވެ. އެންމެންވެސް ފައިސާގެ ފަަހަތުން އުޅޭތީ މިސްކު އިންތިހާއަށް ހިތާމަކުރިއެވެ. މިސްކު މައިނޭވާއެއްލާފައި އެތަނުން ދާން ހިނގައިގަތެވެ.
އަނާ ހިމޭނުން ހުއްޓަސް އެހިތުގައި ކައިލަންއަށްޓަކައި ލޯބި އުފެދިފައިވާވަރު މިސްކު ދަނެއެވެ. އަނާގެ ހިތަށް މިއަދު ކުރާނެ އަސަރާއި ދެރަވާނެވަރު އޭނައަށް އިހުސާސްކުރެވެއެވެ. އެލޮލުގެ އެސްފިޔަތަކުގެ ފަހަތުގައި ފޮރުވިފައި ހުރި ކަރުނަތައް އޭނައަށް ފެނެއެވެ. ކޮންމެވެސް ވަގުތެއްގައި އޮހިގަންނާނެއެވެ. ނޭގެނީ އެހިމޭންކަމުގެ ފަހަތުގައިވާ ތޫފާން އުުތުރި އަރައިގަންނާނެ ވަގުތެކެވެ.
މިސްކު ވިސްނުމެއްގެ ތެރޭގައި ހުރެގޮސް ތައްޔާރުކޮށްފައިވާ ކޮަޓަރީގެ ދޮރުމައްޗަށް އަރާފައި ލޯ ތަރަތަރަޖަހައިގެންދާ ވަރުވިއެވެ. ކައިވެންޏަކަށް ތައްޔާރުކޮށްފައިވާ މާލަމެއްހާ ފުރިހަމައެވެ. މާމެލާމެލީގެ މީރުވަހެވެ. އެތަނުގައި އަދި ބަޔަކު ފެންނާކަށްނެތެވެ. އެންމެ އަޑުގަދައީ ކާކޮޓަރިއާއި ދިމާލުންނެވެ. ހެދިކާ ކޮށުމުގައި އަންހެންވެރިން އަވަދިނެތި އުޅޭއިރު ފިރިހެންކުދިން ބޮޑު ކޮޓަރީގެ ސޯފާތައް ފަޅުފިލުވާލަފައިވެއެވެ. ރާހިލް ތަބަށް ލެނގިލައިގެން ކޮންމެވެސް މީހަކާއި ވާހަކަދައްކަން ހުރެފައި މިސްކުއާއި ހަތަރުކަޅިހަމަވީއިރު ރާހިލް ހީވަނީ ކަމަކާއި ދެރަވެފައި ހުރިހެންނެވެ. ހިނިތުންވެލީ ގަދަކަމުންނެވެ. އެހެން އުޅެމުންގޮސް ޖިޔާން ފެންނަ ހިސާބަށް ނުކުމެވުމުން މިސްކުގެ ހިތަށް ތަދުވެލިއެވެ. އެރީތި ޒުވާނާގެ މޫނުގެ އެއްފަޅި އެހެރީ މުޅިން ލަކުނުލާ ހަލާކުވެފައެވެ. އަދި މުޅިނަ ރަގަޅުނުވަނީސް މިއުޅެނީ ޕާޓީއެއް ބާއްވަންވެގެންނެވެ. އިންސާފެއްނޫނެވެ.
މިސްކު ފެނުމުން ޖިޔާން މޫނު އަނބުރާލިގޮތުން އޭނަ ހުރީ ވަރަށް ދެރަވެފައިކަން އެނގި މިސްކު އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ޖިޔާން ހީކުރާނީ މިސްކުގެ ހިތަކީ އެނބުރޭ ވަހުތާނެއްކަމުގައެވެ. އެހެނެއްނޫނެވެ. ޖިޔާންއަށް ހަގީގަތް އެނގޭނެނަމަ އޭނަ ރުޅިވީ ސަބަބު އެނގި އެކަން ގަބޫލުކުރާނެއެވެ.
"މިކީ، ދޭބަލަ އަނާ ކައިރިއަށް، ހުރެދާނެ ތައްޔާރުނުވެ..." ފަލަކްނާޒް ނުކުމެފައި ގަޑި ބަލައިލިއެވެ. މިސްކު އަށް ވެވޭނެނަމަ ގަޑީގެ ކަށި ހުއްޓުވީހެވެ. ނަމަވެސް އެއީ އޭނަގެ ބާރުގައިވާކަމެއް ނޫނެވެ. ދުނިޔެ އެއްވެސް މީހެއްގެ ހިތާމައަކަށް މަޑެއްނުކޮށް އޭގެ ދުވެލީގައި ކުރިއަށް ދާނެއެވެ. އަނާއަށް އެއްވެސް އެހީއެއް ނުވެވުނުކަމުގެ ހިތާމަކުރަމުންގޮސް މިސްކު އަނާގެ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރު ޓަކިޖަހައިލިއެވެ. އަނާގެ ޚަބަރެއްނުވުމުން ގުޅާލިއިރު ފޯނު އޮތީ ނިވާލާފައެވެ.
"އެނީ..." މިސްކުގެ ހިތިގެ ވިންދު އަވަސްވެލައިފިއެވެ. އެވަގުތު ރާހިލްވެސް އަރާހަމަވެލާފައި ސުވާލުކޮށްލުމުން މިސްކުގެ މޫނުން ހާސްކަމާއި ކަންބޮޑުވުން ފެނިފައި ރާހިލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.