ރާހިލް އަނާ އަތްދަނޑިމައްޗަށް ނެގިގޮތަށް އެމޫނަށް ބަލަން ހުރެ ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. އެނދުމަތީގައި ބާއްވާފައި ރާހިލް ރުމާކޮޅެއް ތެންމާލާފަ ގެނެސް މޫނުގަޔާއި ކަނދުރާގައި މަޑުމަޑުން ޖައްސަން ފެށުމުން އަނާ ލޯ ހުޅުވާލައިފިއެވެ. އޭރު ރާހިލް ބަލަން އިނީ ހިތާމަވެރި ނަޒަރަކުންނެވެ.

"ސޮރީ އެނީ ބިރުގަންނަވާލެވުނީމަ، އައިމް ރިއަލީ ސޮރީ، ހިތަކަށްނާރާ އެނީ އެހާ ބިރުގެންފާނެއޭ، ފެއިންޓްވެދާނެއޭ، މިހާރު ވިސްނިއްޖެ އަހަރެންގެ އެނީ ކިހާ ޑެލިކޭޓްކަން، ބޭބީ، އެއީ ރަބަރު ސްޕައިޑަރއެއް......." އަނާގެ މޫނު ތެމިފައިވާއިރު ފެންނަލެއް ރީތިކަމުންވެސް ރާހިލްގެ ހިތުގައި ހަލަބޮލިކަމެއް އުފައްދާލާފައިވެއެވެ. ގުދުވެ އެމޫނުގައި ބޮސްދިނުމަށް އެދެމުންދިޔަ ހިތް މައިތިރިކުރަން ހިތާއި ސިކުނޑިއާއިވެސް ހަގުރާމަކުރަން ޖެހުނެވެ. އަނާއަށްޓަކައި އެހިތުގައި އުފެދެމުންދާ އިހުސާސްތައް ހައްތަހާ ވަރުގަދަވުން ނޫންކަމެއް ނުވެއެވެ.

އެވަގުތު ދޮރުމަތިން ފަލަކްނާޒްގެ ތޫނު ހަޅޭކުގެ އަޑަށް ރާހިލް ބަލައިލިއިރު ހާސްވީ އަނާފަދައިން މަންމަވެސް އަނބުރައިގެންފާނެތީއެވެ. ރާހިލް އަވަަސްއަވަހަށް އެއީ ރަބަރު އެއްޗެއްކަމަށް ބުނެފައި އެއެއްޗެއް އަތަށް ނެގުމުން ފަލަކްނާޒް ވަރަށް އަވަހަކަށް ހަމަޔަކަށް އެޅިފައި ހޭންފެށިއެވެ. ފަލަކްނާޒް ރާހިލްގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

"ލާނެތްގަނޑު މަންމަ މިނިހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާ...." ފަލަކްނާޒް އެނދުގެ މަގަތުގައި އިށީދެލާފައި އަނާގެ ބޮލުގައި ފިރުމާލިއެވެ. އަނާ އަތުގެ ނިޔަފަތިތަކާއި ކުޅެލަން އޮތްއިރު އޭނަ އޮތީ ރުޅިގަދަވެފައެވެ. ބައެއްފަހަރު ރާހިލްގެ ގައިގާ ތަޅައިގެންފާނަމޭވެސް ހިތަށް އަރައެވެ. ރާހިލްގެ ގޯނާތަކާއި އުދަގޫތައް މާ މައްޗަށް ދަނީއެވެ. ޖިޔާންވެސް އެގޮތްގޮތަކަށް ނޫޅެއެވެ. އޭަނަ ބިރުގަންނަވަމުން ފަހަތަކުން ނާދެއެވެ.

އަނާ ކޮޓަރިން ނުކުމެގެންގޮސް ސިޓިންރޫމްގެ ސޯފާއަކަށް އަރާ ސީރީޒްއެއްބަލަން ފެށިއެވެ. ފުރާވަރުގެ އަންހެންކުއްޖަކު ބަލިވެއިންކަން އެނގުމުން އެކުއްޖާ ހާސްވެގެން އުޅެގަތް މަންޒަރު ފެނުނުއިރު ރާހިލްވެސް އައިސް ދޮރުމައްޗަށް އެރީއެވެ. އޭރު އަނާގެ މޫނުގެ ކުލަ ފަނޑުވެ އެލޯ ތެމިގެންދާން ފެށުމާއިއެކު ރާހިލްއަށް ޖަޒުބާތުތައް ފޮރުވަންވެގެން ވަގުތުން ކަކުލުގައި މޫނު ފޮރުވާލައިފިއެވެ.

"އަނހަ ކިހިނެއްވީ ސިލީ ގާލް، ފިލްމު ބަލަބަލާފައިވެސް ހަމަ ރޮވެނީތަ؟ އެނީ ރުއީމަ އެހެންމީހުންނަށް އުދަގޫވާވަރު ވިސްނާލާފައި ތަންކޮޅެއް އުފަލުން އުޅެބަލަ، ކިހިނެއްހަދައިގެން އެނީ އުފާވާނީ؟" ރާހިލް އަނާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އަހައިލީ ވަރަށް ގާތްކޮށެވެ.

"ކީއްވެ ތިހެން ޓޯކް ކުރަނީ؟ ކުރިއަކުން ތިހެން ވާހަކަ ނުދައްކަމެއްނު، ދެން ކީއްވެ؟ "އަނާ ހިތާހިތުން ސުވާލުކުރިއެވެ. ކަންބޮޑުވިވަރުން ބޭ އިޚުތިޔާރުގައި އޭނަ ރާހިލްގެ އަތް ދުރަށް ޖައްސާލައިފިއެވެ. ރާޔާ މަރުވިއިރު ބަލިވެއިންކަން ރާހިލްއަށް އެނގޭހެއްޔެވެ؟ ހުރިހާކަމެއް އެނގެޔޭ އެދުވަހު ބުނީ ކޮން މާނައެއްގައި ހެއްޔެވެ؟ ރާހިލްގެ އެކުވެރިއަކާއި ރާޔާ ރައްޓެހިވެގެން އުޅުނީބާވައެވެ. އެތައް ސުވާލުތަކެއް އަނާގެ ބޮލުގެތެރޭގައި އެނބުރި ބޮލަށް ވާންވެ ފަޅައިގެންދާނެހެން ހީވާންފެށިއެވެ. ރާހިލް އިށީނީ އޭނައަށް އުދަގޫވާ ހާ ގާތުގައެވެ. އަނާއަށް ހޫނުވާން ފެށުމުން އަވަހަށް ތެދުވެގެންދާން އުޅުމުން އަދި ރާހިލް އޭނަގެ އަތުގައި ހިފާ ދަމައިގަތްގަތީނުން ރީތިކޮށް އޭނަގެ އުނގުގައި އިށީދެވިއްޖެއެވެ. އަނާ ފިނިވެފައި އިންވަރުން ކުޑަ ކުޑަ އަރާމުކަމެއް އިހުސާސްކުރެވުނެވެ. ރާހިލް ޖަހައިގެން އިން ސެންޓްގެ މީރުވަސް އަނާގެ ނޭފަތުގައި ހަރުލިއެވެ. ކޮންމެވެސް މީހަކު ސިޑިން ފައިބައިގެން އަންނަ އަޑުއިވިފައި ރާހިލް އަވަހަށް އަނާ ތެދުކޮށްލާފައި ތެދުވުނެވެ. އެހެން މީހަކަށް އެމަންޒަރު ފެންނާން ރާހިލް ބޭނުންނުވީ ކީއްވެހެއްޔެވެ؟ އެއީވެސް ބޭބެމެން އުޅެންޖެހޭ ގޮތެއްހެއްޔެވެ؟ އަނާގެ ހިތުގައި ރާހިލްގެ ނިޔަތާއިމެދު ޝައްކު އުފެދެން އުޅެފައިވެސް މައުސޫމްކަމުން މާ ބޮޑު އެއްޗެއް ވިސްނައިގަންނާނަކަަށް ނޭގުނެވެ. އަނާގެ ހިތް އެކަން ގަބޫލުކުރަންވެސް ބޭނުންނުވީއެވެ.

އަނާ އެރޭ ނިދަން އެނދަށް އަރާފައި ކައިލަންމަތިން ހަނދާންވާން ފެށުމާއިއެކު ދޭތެރެއަކުން ރާހިލްވެސް އެހަނދާނަށް ވެރިވެގަނެއެވެ. އެހާވަރަށް ޖެއްސުންކޮށް ރުޅިއަރުވާފައިވެސް އަޅާލާކަން އަންގަން ރާހިލް ފަހެއްނުޖެހެއެވެ. އެކަން އަނާއަށް ފާހަގަކުރެވެއެވެ. އަނާ ދެރަވެގެން ރޮވެންޏާ ރާހިލް އެކަމާއި ހިތާމަކުރާކަން އަނާއަށް އިހުސާސްކުރެވެއެވެ. އެހެންވާނެތާއެވެ. ރާހިލްއަކީ އަޅާލާ ރަގަޅު ބޭބެއެކެވެ. އެކަމަކު ޖިޔާން ދުރުން އުޅެނީ ކީއްވެހެއްޔެވެ؟ ޖިޔާން ސަމާސާކުރިޔަސް ގޯނާއެއްކޮށްލިޔަސް އަނާ މިގޮތަށް ވިސްނާކަށް ނުޖެހެއެވެ. ރާހިލް އޭނައާއި އަޅާލާގޮތާއި ބަލައިލާ ނަޒަރު ހާސްބައި ތަފާތެވެ. ބައެއްފަހަރު ކައިލަންގެ ލޮލުގައި ހުންނަފަދަ ތޫނުކަމެއް ރާހިލްގެ ލޮލުގައިވާހެންވެސް ހީވެއެވެ. ރާހިލްގެ ޚިޔާލުތަކާއި ވަކިވުމަށްފަހުވެސް ސިކުނޑި މުޅިން ހަމަޖައްސާލައިގެން ނިދީގެ ފޮނި އާލަމަށް ދަތުރުކުރާކަށް ފަސޭހައެއްނުވިއެވެ. ރާޔާގެ މަތިން ހަނދާންވާންފެށިއެވެ. ލޮލުގައި ކަރުނަތައް ގިނަވާންފެށީ އެރޭގެ މަތިން ހަނދާންވެފައެވެ.

އެދުވަސްކޮޅު ރާހިލް އަނާއަށް އަޅާލުމާއި އެހީތެރިވެދިނުމުގެ ހައްދެއްނެތެވެ. އޭނަ ބޭރުން އަންނަ ކޮންމެ އިރެއްގައި އަނާއަށް ކޮންމެވެސް އާ އެއްޗެއް ގެނެސްދޭނެއެވެ. ރީތި ވާހަކަތަކަށް ދާންދެން ހަދިޔާކުރާނެއެވެ. އަގުބޮޑު ސެންޓްފުޅިން މޭޒުމަތި ބަރާވާންފެށިއެވެ. އަނާއަކީ މުއްސަދި މަހުޖަނެއްގެ ހުރި އެންމެ އަންހެންދަރިފުޅަށް ވުމުން އޭނަ ބޭނުންވާ ކޮންމެ އެއްޗެއް ލިބޭނެކަން އެނގޭއިރުވެސް ރާހިލްގެ އަމިއްލަ އަތުން އެއްޗެހި ގެނެސްދޭ ހިތްވަނީއެވެ. އެންމެފަހުން ގެނެސްދިނީ ބޮޑު ބޮޑު ޓެޑީ ބެއަރއެކެވެ. އެވަރުންވެސް ރާހިލްއަކަށް އަނާގެ އުފާވެރިކަން ހޯދައެއް ނުދެވުނެވެ. އަނާ ކޮލެޖުން އަންނަގޮތަށް ކޮޓަރިން ނުނިކުމެ އެނދުގައި އޮވެ ކުރާކަމަކީ ރުއިމެވެ. އެހިތާމަތައް ދެކެން ރާހިލްގެ ހިތަށް ކުޅަދާނަ ނުވެެގެން އެންމެފަހުން ކައިލަންއަށް ގުޅައިގެން އެގެއަށް ގެންނަން ގަސްތުކުރިއެވެ. ވަގުތީގޮތުން ނަމަވެސް އަނާގެ ހިތަށް އުފަލެއް ހޯދަދޭން އޭނަ ބޭނުންވީއެވެ. އޭނަ އަނާ ބޭނުންވާހާ ގޮތެއް ހަދައިދޭނެއެވެ. ކައިލަން ފަދަ ދުޝްމަނެއް ގެންނަންވެސް އޭނަ މިހިރީ ތައްޔާރަށެވެ. އަނާގެ އުފަލަށްޓަކައި ރާހިލް ހުރީ ޤުރުބާންވާން ތައްޔާރަށެވެ.

ރާހިލް އޮފީހުގައި އޭނައަށް ޚާއްސަވެފައިވާ ކެބިންއަށް ވަދެފައި ރޭބަން އަވިއައިނު ނެގިއެވެ. ކެބިންގެ ތަނަވަސްކަމާއި ރީތިކަމުން ތަނުގެ ވެރިޔާގެ މުއްސަދިކަމާއި ހައިބަތުކަން ދައްކައިދޭތަނަކަށްވިއެވެ. އެންމެ ޒަމާނީ ކުލަވަރު ތަނުން ފެންނާން ހުއްޓެވެ. ރާހިލް ގޮނޑީގައި އިށީންގޮތަށް ދެލޯ މަރައިލުމުންވެސް ފެންނަން ފެށި ތަސްވީރަކުން ހިތުގެ ރިހުން އިތުރުވުން ނޫންކަމެއްނުވިއެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ ދުނިޔެއިން ބޭނުންވާހާ އެއްޗެއް އޭނަގެ މުށުތެރޭގައިވާއިރު އެންމެ ހިތްއެދޭކަންތައް ހާސިލުވުމުގެ އެއްވެސް އަލިމަގެއް ނުފެނެއެވެ.

"ސަރ..." ދަންނައަޑެއް އިވުމުން ރާހިލް އެނބުރިބަލައިލިއިރު އަލީސާ ކުރިމަތީގައި ހިނިތުންވެލައިގެން ހުއްޓެވެ. ނޫކުލައިގެ ހެދުމެއްގައި އިސްތަށިގަނޑުން ހުޅިއެއްޖަހާލާފައިވާއިރު އަލީސާ ރީތިކަމުން ލޯތައް ހުއްޓޭހާވެއެވެ. ރާހިލް އަލީސާ އޭނަގެ ޕީއޭއަކަށް ހޮވީ އަލީސާ ވަޒީފާއަކަށް ބޭނުންވެގެން އެވާހަކަ ދެއްކުމުންނެވެ.އެހެން މީހެއްގެ ވަޒީފާގައި ހުރުމަށްވުރެ އޭނަގެ ގާތުގައި ހުރުމުން މާ ރަގަޅުވާނެކަމުގައި ރާހިލްވަނީ ބުނެފައެވެ. އަލީސާއަކީ އެހާ ޚާއްސަ ކުއްޖެކެވެ. އަދިއަލީސާ ޑިގްރީ ހަދައިގެން ހުރުމުން އޭނައަކީ އެ ވަޒީފާ އަށް އެންމެ ގާބިލުކުއްޖާކަމުގައި ޝައްކުކުރާނެ މީހަކުވެސް ނެތެވެ.

"އެންމެން ތިއްބާ ސަރ ކިޔަމުން އުޅުނަސް ދެމީހުން އެކަނިވީމަ ކޮން ގަނޑެއްތިގަންނަނީ؟ ދެން އެހެން ކިޔައިފިއްޔާ ތިކުއްޖާގެ އަނގަގަނޑުމަތީގައި ޖަހާނަން އިނގޭ..." ރާހިލް ސަމާސާގޮތަކަށް ބުނެލިއެވެ.

"ސޭޑިސްޓިކްވާން އުޅޭނެކަމެއް ނެތް އިނގޭ ބޮސް...." އަލީސާ ހޭންފެށިއެވެ. ރާހިލްއަށް އެވަގުތު ޔަގީންވީ އެންމެ ކަމެކެވެ. އޭނަގެ ޕީއޭއަކަށް އަލީސާހުރުމުން އޮފީހުގައި އުޅޭވަގުތު އޭނަ އެކަނިވެރިއެއްނުވާނެއެވެ. ހަޔާތުގެ އެންމެ ނާޒުކް ފަތްތަރުގައި އަލީސާ އައިކަން ކިތަންމެހާވެސް ރަގަޅެވެ. އަލީސާގެ ލާނެތްކަމާއި ޖެއްސުންތަކުން އެކަނިވެސް ވަގުތުކުރުކޮށްދޭނެއެވެ. ނަމަވެސް އޮފީހުގައި އަލީސާ އުޅޭނީ ޕްރޮފެޝަނަލްކޮށްކަން ރާހިލްއަށް އެނގެއެވެ. އޭނަގެ އުދަގޫ ފޯރާނީ އެކަނިވާވަގުތުގައެވެ.

"ކައިލަންއަށް އެނގޭތަ މިތަނުންކަން ޖޮބް ލިބުނީ؟ "ރާހިލް ކަޅުކުލަގަދަ ބުމަ އަރުވައިލިއެވެ.

"ނުބުނަން، އޭޒް އިފް ހީ ކެއަރސް، ތައްޔާރުވަނިކޮށް އަހާލީމަ ބުނިން ޖޮބަށް ދަނީއޭ، ކޮންތާކަށްހެއްޔޭވެސް އަހާނުލި، ކިތައް އަހަރު މިވަނީ އިންތިޒާރުކޮށްކޮށް އެކަމަކު އެ އަނިޔާވެރި ފިރިހެނާގެ ހިތަކަށް އެއްޗެއް ނާރާ، ބައެއްފަހަރު ހިތަށް އަރާ އޭނަވަނީ ހިލައިން ބާވައޭ، އެކަމަކު މަގޭ ފޯލްޓްވެސް އެބައޮތް ދޯ...." އަލީސާވެސް ހުރީ ދެރަވެފައިކަން ރާހިލް ދެނެގަތެވެ. އޭނަފަދައިން އަލީސާވެސް ކިހާ ހިތްވަރުގަދަހެއްޔެވެ؟ ހިތުގައި ވާ ރިހުންތައް ފޮރުވައިގެން މަސައްކަތާއި ކުރިމަތިލާނީ ވަރަށް ހިތްވަރުގަދަ މީހުންނަށެވެ. ކައިލަންއާއި އަލީސާގެ ކައިވެނީގައި ސިއްރުތަކެއް ފޮރުވިފައިވާކަން ރާހިލް ދަނެއެވެ. ނަމަވެސް އޭނަ ހުރީ އަލީސާ އިސްވެ ނުދައްކަނީސް ނާހާށެވެ.

"އެހެން އުޅެފައި ފޯލްވާނެ، އަހަރެމެން އެކީގައި އުޅޭތަން ފެނުނީމަ ޖޭވާން ފަށާނެ، ބަޓް ލޯބިނުވާ މީހަކާއިހެދި ތިހާވަރުން ނޫޅެ ކެއަރކުރާ މީހަކާއިއެކު އުޅެންވީނު ސްޓުޕިޑް، ކައިލަންއަކީ ފިރިހެނެއްކަން އަންގާވެސް ނުލާ ދޯ އުޅެނީ........." ރާހިލް ފިނިފެންތަށްޓެއް ދަމާލުމަށްފަހު ތެދުވެގެންއައިސް މޭޒުމަތީގައި ކުޑަގޮތަކަށް އިށީދެލިއެވެ. އަލީސާ ހީހީފައި ސަމާސާގޮތަކަށް އެއްޗެކޭ ބުނެލަމުން ރާހިލްގެ ޓައި ރީތިކޮށްލަދިންއިރު ބިއްލޫރި ދޮރުން ބޭރަށް އެމަންޒަރު ރީއްޗަށް ފެންނާނެއެވެ. އެހެންލާފައި ދިޔަ މުވައްޒަަފަކަށް އެއީ ރާހިލްގެ ފަރާތުން ފެނުނު އާކަމަކަށްވިއެވެ. ބައެއް އަންހެންކުދިން ކިޔާގޮތުން ރާހިލް އަކީ ގޭއި އެކެވެ. އެގޮތަށް ބްރޭންޑްވެފައި އޮތީ ރާހިލްއަށް އެނގިގެނެއްވެސް ނޫނެވެ.

ކައިލަންގެ ކައިރިއަށް ހޮސްޕިޓަލަށް އަނާ ދާންފެށީ ސިއްރުންނެވެ. ކޮލެޖަށްދާން ނުކުންނަގޮތަށް އޭނަ ކައިލަންގެ ގާތަށް ދާކަން އެނގޭ އެކަކުވެސް ގެއަކު ނެތެވެ. ކޮލެޖް ކަޓުވާލާފައި ކޮންމެދުވަހަކު ސެޝަންތަކަށްދަނީ ހަމަ ހިތަށް ކެތްނުކުރެވިގެންނެވެ. ކައިލަންގެ އޯގާތެރި އަޑަކީ ހިތަށް ލިބޭ ފަރުވާއެކެވެ. ކައިލަންއާއި ވާހަކަދައްކައިލެވުމުން އަނާގެ ހިތަށް ލިބޭ ފިނިކަމާއި ހަމަޖެހުން ބުނެދޭނެ ގޮތެއްވެސް ނޭގެއެވެ. އެހެންމީހަކާއި އިނދެގެން ހުރިކަން އެނގޭއިރުވެސް އަނާގެ ފަރުވާލެއް ނެތެވެ. އޭނައަށް އެނގޭ ވަރަކީ އޭނަގެ ހަޔާތަށް ޑޮކްޓަރަކު ވަރަށް މުހިއްމުކަމެވެ. އެހެންނޫނީ ރާޔާ ފަދައިން އޭނަވެސް ދުނިޔެ ދޫކޮށް ދާން ޖެހިދާނެއެވެ. ކައިލަން އަނާ ލައްވާ ވާހަކަަދައްކުވަން އެހާ އަވަސްވެގެނެއް ނޫޅެއެވެ. ވަރަށް ވިސްނާފައި ނޫނީ ކައިލަން ކުރިއަށް އެންމެ ފިޔަވަޅެއް އަޅާކަށްވެސް ބޭނުމެއްނޫނެވެ. އަނާގެ އެންމެ ގާތްއެކުވެރިޔަކީ އޭނަގެ ދޮންތަ ރާޔާ ކަމާއި ރާޔާ މަރުވުމުން ލިބުނު ޝޮކްގެ އަސަރު އަދިވެސް ހަށިގަނޑުގައިވާ ކަމަކަށް ބުނެފައި އަނާ ރޯންފެށުމުން ކައިލަން ވަރަށް ދެރަވިއެވެ.

"އަދިވެސް ހަމަ އެވަރަށް ހަނދާންވޭ، ވަރަށް ދެރަވޭ، އެހެން މީހަކަށް ދުވަހަކު އެހުސްކަން ފުރޭނެކަމެއް ނޭގޭ، އެކަކުވެސް ބެސްޓްފްރެންޑަކަށް ނުވާނެ، ވަރަށް ވަރަށް ހަނދާންވޭ، ދުވަަހަކު ރަނގަޅުވާކަށް ބޭނުމެއްނޫން، އައި ފީލް ގިލްޓީ......." އަނާގެ ކަރުނަތަކުން ކަރުދާސް ތެމުނެވެ. ކައިލަން އަނާ އެންމެފަހުން ބުނި ޖުމްލަ ފާހަގަކުރިއެވެ. ނަމަވެސް އަނާ އެގޮތަށް އަމިއްލަ ނަފުސް ކުށްވެރިކުރަންޖެހުނު ސަބަބު އަހަން އަވަސްވެގަންނާކަށް ކައިލަން ނޫޅުނެވެ. ކިތަންމެ ވަރަކަށް އެނގެން ބޭނުންވިކަމުގައިވިޔަސް އަނާއަށް ޕްރެޝަރ ކުރާކަށް އޭނަ ނޭދެއެވެ. އޭނަ އަނާއަށް ވަގުތު ދޭނެއެވެ.

އަނާ ކައިލަންއާއި ބައްދަލުކޮށްފައި ގެއަށްވަންއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. ގެއަށް ވަންއިރު ފަލަކްނާޒާއި ރާހިލް ތިބެފައި އަނާ އައީ ކޮންތާކުންތޯ ސުވާލުކުރަންފެށިއެވެ. ރާހިލްވެސް ބަލަން ހުރީ ސީރިޔަސް ނަޒަރަކުންނެވެ. ހަށަން ބަދެލައިގެން ހުރިއިރު ހިތްހަމަނުޖެހިފައި ހުރިހެންވެސް ހީވިއެވެ. އަނާގެ ހިތް ތެޅިގަތްވަރުން ހީވީ ބޯ ފަޅާލާފައި ނުކުމެދާނެހެންނެވެ.

"ކޮލެޖަށް ނުގޮސް އަނާ ކޮންތާކަށް ތިދަނީ؟ "ފަލަކްނާޒް ތަންކޮޅެއް ބާރަށް އަހާލައިފިއެވެ.އަނާ އާދައިގެ މަތިން ޚިޔާރުކުރީ ހިމޭންކަމެވެ. އެރީތި އެސްފިޔަތައް ލަސްލަހުން ތިރިކޮށްލިތަން ފެނިފައި ރާހިލްގެ ހިތަށް ގޮތެއްވިއެވެ.

"އަނާގެ ކޮލެޖުން ގުޅި، މިދިޔަ ވީކްތެރޭގައި އެންމެފަހަރަކުވެސް ކޮލެޖަށް ނުދާކަމަށް އެތަނުން ބުނީ، އެކަމަކު ފުލްޓައިމް ކޮލެޖްގައި އުޅޭކަމަށް އަނާ ހެދިގެން ތިހިރީީ މަންމަ ކާރީ ނުބުނެ އަނާ ބޭރަށް ދާހާ ބޮޑުވީތަ؟ މަންމަ ހިޔެއްނުކުރަން އަނާ އެކަހަލަ ކަމެއްކޮށްފާނެކަމަކަށް....." ފަލަކްނާޒްގެ ލޮލުން ކަރުނަ ހިލުނެވެ. ހީވީ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ.

"މީގެ ފަހުން އަނާ ގޭޓުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެންނުވާނެ..." ފަލަކްނާޒް އަމުރުކުރިއެވެ. އަނާ އިޝާރާތުންވެސް އެއްޗެކޭ ބުނުމެއްނެތި ދުވެލާފައި ސިޑިން އަރައިގެން ދިޔައީއެވެ. ހަވީރު ސަޔަށް ކޮޓަރިން ނުނިކުތުމުން ނޯކަރަކު ސައިގެނެސްދިނެވެ. ހިހޫވީއިރުވެސް އޭގައި އަތްނުލައި އިންގޮތުން ހީވީ ނުކައިނުބޮއި އިންނަން ހުވާކޮށްގެން އިންހެންނެވެ.

އޭރު ރާހިލް ބެލްކަނީގައި ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. އަނާގެ ކަންތަކާއިމެދު ފިކުރުކުރަމުންގޮސް އޭނަގެ ހިތުގެ މައްޗަށް ބާރުނުފޯރުވޭ ހިސާބަށް ހިގައްޖެއެވެ. ކިތަންމެ ކެތްތެރިމީހަކަށްވިޔަސް ބައެއްފަހަރު ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަނާގެ ޚިޔާލުގައި ރެއާއި ދުވާލު ހޭދަކުރެވި އޭގެ ސަބަބުން އޭނަގެ މަސައްކަތަށް ހުރަސް އެޅޭ ހިސާބަށްވެސް އަތުވެއްޖެއެވެ. މިއީ ހުއްދަނޫން ގުޅުމެއްކަމަށް ހިތްބުނާއިރު އެކަމުން ދުރުނުވެވެންވީ ކީއްވެހެއްޔެވެ؟ އެންމެފަހުން ކާކޮޓަރިއަށްވަދެ ކޮފީއެއް ބޯލަންކަމަށް ވަންއިރު އަނާ އިނީ ފޮތެއްހިފައިގެން އެތަނުގައެވެ. އަނާއަށް ނުފެނި މިގޭގައި އުޅެވޭކަށް ނެތެވެ. ދުރަށް ދެވޭކަށް ނެތެވެ. ރާހިލް އެއްޗެކޭ ބުނަން އުޅެނިކޮށް ޖިޔާން ވަންއިރު އޭނަ ހުރީ ދާހިއްލާ ފޯވެފައެވެ.

"ޖިމަށް ގޮސްފަތަ؟ "ރާހިލް އަހާލައިފިއެވެ.

"ޔަޕް. މިއަދު ވަރަށް ކަރު ހިއްކާފަ މިހިރީ، މަންމަ ބުނީ މިހާ ހޫނުގަދަވަނީ ވިއްސާރަ ވާން އުޅޭތީއޭ، މަންމަ މޮޅޭ ދޯ ވިއްސާރަ ޕްރެޑިކްޓްކުރަން........." ޖިޔާން ފްރިޖް ހުޅުވާލައިގެން ފިނިކޮށްލާފައިވާ ރެޑްބުލްއެއް ނަގައިގެން މަތިގަނޑު ކަނޑާލައިފިއެވެ.

"ޕަމްޕްކިން، ކޯންޗެއް ތި ލިޔަނީ، ލިޔާގޮތަށް ދޮންބެމެންނާއި ޓޯކްކޮށްބަ..." ޖިޔާން ކޮއްކޮއަށް ބަލައިލަމުން ހީލާފައި އަނާގެ ފަޔަށް ބޫޓުން އެރީ ތަދުކުރާކަށް ނޫނެވެ. ކުޑަކޮށް އެކަހަލަ ޖެއްސުންކުރުމަކީ އޭނަގެ އާދައެކެވެ. އަނާ ކަންބޮޑުވެފައި ތިރިއަށް ބަލާލަމުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. އެއަށްފަހު އަވަސް އަވަހަށް ނޯޓްފޮތުގައި އެއްޗެއްލިޔެލާފައި ދެއްކިއެވެ. ޖިޔާން އެ ބަލާފައި ހޭންފެށިގޮތަށް ހުއްޓައި ނުލުމުން ރާހިލް ސުވާލުކުރަންފެށިއެވެ. އަނާ ރަކިވީ ރާހިލްއަށް އެނގިދާނެތީއެވެ.

"އަނާ އެހާ ނުބައިކޮށް ވިސްނާފައި މިހާދުވަސްކުރީ ދޮންބެގާތު ނުބުނެތަ؟ އަނާ އަހަނީ ދޮންބެ ކީއްވެހެއްޔޯ އެދުވަހު ޑިނަރގައި ފައިމަތީގައި ފައިތިލަ ބާއްވާލައިގެން އިނީ، މިހާރުވެސް ބޫޓުން ތިއެރީ ނޫންހޭ، ދޮންބެމެން އުޅޭގޮތުން ބައެއްފަހަރު ކަންބޮޑުވާ ހިސާބަށް ހިގައްޖެޔޯ....." ޖިޔާން ރާހިލްއަށް ވަކިދުވަހެއް ހަނދާންކޮށްލަދިނުމުން ރާހިލްއަށް ޝޮކެއް ލިބުނުހެން ހީވުމާއިއެކު ޖިޔާންއަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.

"އައި ސްވިއަރ އަހަރެން ހީކުރީ މިސްކުކަމަށް، ދެން އަހަރެންގެ ކޮއްކޮއާއި އެވައްތަރަށް ބެހެން އުޅޭހާ ގޮތްކުޑަމީހެއް ނޫން ދޯ މަށަކީވެސް، މަންމަމެން އުޅުނީ އަހަންނާއި މިސްކު ގުޅުވަންވީމަ އަހަރެން މިކީއަށް ޖެއްސުންކޮށްލަން ކަމަށް އެހެންހެދީ، މަށަށް އެލިބުނީ ކިހާ ވަރުގަދަ ލަނޑެއް އެދުވަހާއި މިގޮތަށް ޖެއްސުމެއްކޮށްލުމާއި ވަރަށް ތަފާތު، ސޮރީ ބޭބީ ސިސް، އެކަހަލަ ނުބައި އެއްޗެއް ހިތަށް އެރިޔަސް އަހަރެން އަމިއްލައަށް ޝޫޓްކުރާނަން......" ޖިޔާން ހުރީ މަޖާވެލާފައެެވެ. ހަގީގަތް އެނގުމުން އަނާވެސް ތެދުވެފައި ބައްދައިލީ ނިކަން ލޯބިންނެވެ. ޖިޔާންއާއި އަނާގެ ގާތްކަން ފެނިފައި ރާހިލް ބަލަން ހުރީ އުދަގޫވެ ދެރަވެފައެވެ. އެހެންނޫނަސް ޖިޔާންގެ އެއަމަލުން އަނާ އެފަދަ ގޮތަކަށް ވިސްނީ ޚުދު ރާހިލް އުޅޭގޮތަކުން ކަން ރާހިލްއަށް ޔަގީންވިއެވެ. އޭނަވެސް އަނާއާއި އެހާ ސަމާސާކޮށް އުޅެން ބޭނުމެވެ. އަނާގެ ހިތުގައި އޭނައާއިމެދުވަނީ ކޯންޗެއް ހެއްޔެވެ؟ ރާހިލްގެ ތޫނު ނަޒަރުން އުދަގޫވީކަން ނޭގެއެވެ. އަނާ ބަލައިލުމުން ރާހިލް ހީލީ މާނަވީ ގޮތަކަށެވެ.

ކައިލަން ގަސްތުކުރީ އަލީސާ ގޮވައިގެން މަންމަމެން ގާތަށް ބަދަލުވުމަށެވެ. ރަސްމީކޮށް އަންހެނުންގެ ގޮތުގައި އެންމެނަށް ތަޢާރަފުކޮށްދޭންވީއެވެ. ފޮރުވައިގެން ގެންގުޅުމުގެ ބޭނުމެއްދެން ނެތެވެ. ވަކިން އުޅުމުން ޚަރަދު ބޮޑުވެ އަތްނުފޯރާފަށަށް ހިނގައްޖެއެވެ. އަމިއްލައަށް އުޅޭ އެޕާޓްމެންޓްގެ ކުއްޔާއި ގޭގެ ޚަރަދު ބަލަމުން "ކޫލްކޮޓެޖް" ގެ ގިނަ ބިލްތަކަށް ލާރިދައްކަން ޖެހިފައިވަނީ އޭނައަށެވެ. މަސްހުސްވިއިރު ކައިލަންގެ އަތުގައި އެކައްޗެއްވެސް ނެތެވެ. އަލީސާގޮވައިގެން ގެއަށް އައުމުން ރުޚުސާނާ ހުރީ ފާޑަކަށެވެ. އެހާ އުފާވިހެން ހިޔެއްނުވެއެވެ. މިގޮތަށް ސިއްރުން ކައިލަން މީހަކާއި އިންނަންވީ ސަބަބެއް ވިސްނާކަށް ނޭގުނެވެ. އަލީސާއަކީ މުއްސަދިކުއްޖަކަށްވީނަމަ ހާދަ ރަަގަޅެވެ. ނަމަވެސް އެފަދަ ކުއްޖެއްނަމަ އެމީހުންނާއިއެކު ދިރިއުޅެން ނައީހެވެ. މަޝްއަލް ސޯފާގައި ބޯ ތިރިއަށް އެލުވާލައިގެން އޮވެފައި އެކަނި ނިތް އެއްލާލާފައި އަނެއްކާވެސް ފޯނުން ވާހަކަދައްކަން ފެށިއެވެ. މިސްކު ވަރަށް ގަޔާވެލާފައި ފަހަރީގެ އަތުގައި ހިފާލިއެވެ.

ގެއަށް އަލީސާ ގެނައުމަކީ ކައިލަންއާއި އޭނަގެ ގުޅުމަށް އައި ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި އަލީސާ ޔަގީންކުރިއެވެ. ކައިލަންގެ އާއިލާއަށް އޭނަ ތަޢާރަފުކޮށްދޭނީ އެކީގައި އަބަދަށްޓަކައި އުޅެން ބޭނުންވާތީ ނޫންހެއްޔެވެ؟ އެކަމާއިހުރެ އަލީސާއަށް ލިބުނު ހިތްހަމަޖެހުމުގައި އެ ޚަބަރު އެންމެ ކުރިން ދިނީ ރާހިލްްއަށެވެ. ފޯނުގައި ވަރަށް މަޖާވެލާފައި އެނބުރި ބަލައިލިއިރު ކައިލަން ހުރިތަން ފެނިފައި އަލީސާގެ ހިތަށް ފިނިވާގޮތްވިއެވެ.

"ކައި، ނުބައިގޮތަކަށް ހީނުކުރޭ، ހީޒް މައި ބޮސް...."އަލީސާ އެހެން ބުނިކަމުގައި ވިޔަސް ކުޑަ ހާސްކަމެއް މޫނުގައި ވިއެވެ.

"އެހެންވެ ދޯ މާވަރަކަށް ހާސްވެފައި ތިހިރީ....." ކައިލަން ހީލިގޮތުން ހިތް ކަތިލައިލާފަދަ އަޑިކޮޅެއް އެޅިގެން ދިޔައެވެ. ކައިލަން އެކުރީ މަލާމާތެއްކަން އަލީސާއަށް ވިސްނި ކަންބޮޑުވިއެވެ. ކައިލަންގެ އެލޮލަށް ބަލައިލިޔަސް ވިސްނުންތެރި މީހެއްކަން އެނގޭނެއެވެ. އޭނައަށް ކޮންމެވެސް އެއްޗެއް ވިސްނޭނެކަން ޔަގީނެވެ.

"ކައި، އަހަންނަށް އެވަރުގެ ކުށަކަށް މިހާ ބޮޑު އަދަބެއް ހައްގުތަ؟ "އަލީސާގެ ސުވާލުން ކައިލަން ވިސްނި ގޮތެއް ނޭގެއެވެ. އޭނަ ލައިގެން ހުރި ގަމީސް ބާލާފައި ކޮނޑުގައި އަޅުވަން ފެށިއެވެ. ކައިލަން އަޑުއިވޭކަމަށް ނަހަދާ ފާޚާނާއާއި ދިމާލަށް ހިނގައިގަތުމުން އަލީސާ ފާރުގައި ދެއަތުން ތަޅައިގަތެވެ. އޭނަ މޮޔަވެދާނެއެވެ. ކައިލަން ދުވަހަކު އޭނަދެކެ ލޯބިނުވާނީހެއްޔެވެ؟ ދުވަހަކު އޭނަގެ ހިތަށް އުފަލެއް ނުދޭނެބާވައެވެ. ކުރިން ކާރިވީވަރަށްވެސް މިހާރު ކާރިވާކަށް ނޫޅެއެވެ. އެއްތަނެއްގައި ހިލޭ ފިރިހެނަކާއި އަންހެނަކު އުޅެންޏާ އެތަނެއްގައި ތިންވަނަ އެއްޗަކަށް ޝައިތާނާވެދާނެއޭ ބުނެއެވެ. ޝައިތާނާއަށްވެސް ކައިލަން ބަލިނުކުރެވޭނެހެއްޔެވެ؟ ހާދަ ކެތްގަދައެވެ. ކޮންމެގޮތެއް ހަދާފައިވެސް ކައިލަންގެ ހަޔާތަށް އެހެން އަންހެންކުއްޖަކަށް އަޔަނުދޭން އެވަގުތު އޭނަ އަޒުމް ކަނޑައަޅާފައި ކުޑަކޮށް ހިނިތުންވެލިއެވެ.

ރާހިލް ޚާއްސަ ކްލައިންޓަކާއި ބައްދަލުކުރަން ތައްޔާރުވެލައިގެން ނުކުތްއިރު އަނާ އޮތީ ހެމޮކެއްގައި އޮށޯވެލަައިގެންނެވެ. މޭމަތީގައި ވާހަކަ ފޮތް ބާއްވައިގެން ދެލޯ މަރާލައިގެން އޮތްއިރު އޭނައަށް އޮތީ ނިދިފައިކަމަށް ހީކުރެވި ރާހިލް ހާސްވިއެވެ. އެހާ އަވަސް އަރުވާލައިގެން ދަމުންވެސް އަނާގެ ސަލާމަތާއިމެދު ވިސްނާލާފައި ދިޔައީ އެދިމާލަށެވެ. ކައިރިވެލާފައި ބަލަހައްޓައިގެން ހުރެވުނީ އަނާގެ މޫނަށް ގަހުގެ ފަތްތަކުގެ ދޭތެރެއިން ފުރާނާލައިގެން އެޅިފައިވާ އަލިކޮޅުތައް ބޮސްދޭއިރު ރީތިކަމުންނެވެ. އެވަރަށް ފޯނު ވައިބްރޭޓްވީއިރުވެސް ރާހިލް ގެއްލިފައި ހުރިވަރުން އެނގުނުކަމަކަށްނުވިއެވެ. ކުއްލިއަކަށް އަނާ ފުންމައިގެން ތެދުވެފައި ރާހިލްއަށް ބަލައިލީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ.

"ނައިޓްމެއަރ އެއްފެނުނީތަ؟ "ރާހިލް އަނާގެ ކުޑަ ނޭފަތުގައި ހިފާފައި ރަތްކޮށްލާފައި ހީލާފައި އަވަހަށް އެތަނުން ދާން ހިނގައިގަތުމުން އަނާއިނީ ހައިރާންވެފައެވެ.

އެންމެން ކޮންފެރެންސް ހޯލުން ނުކުމެގެން ދިޔުމުންވެސް ރާހިލް އިނީ ވިސްނުމެއްގައެވެ. އެ ރީތި މޫނަށްވެރިވެފައިވާ ނުތަނަވަސްކަމާއި ދެލޯ ފެންކަޅިވެފައިވާއިރު އޭނަ ކޮންމެވެސް ކަމަކާއި ވަރަށް ވިސްނާކަން ބަލައިލި ކޮންމެމީހަކަށް ހާމައެއްނެތި ފެންނަން ވެއެވެ. ރާހިލް މޭޒުގައި ދެއުޅަބޮށި ވިއްދައިލަމުން މަހައިލެވިފައިވާ އަތްތިލައިގެ ތެރޭގައި މޫނު ފޮރުވިއެވެ. މާޒީގެ ހަނދާނެއް އެހިތަށް ކަށިތަކެއްފަދައިން ހެރެން ފެށުމުން ހިތް ކުދިކުދިވެގެންގޮސް ނޭވާ ނުލެވިދާނެހެން ހީވިއެވެ. ކޮންމެވެސް މީހަކު ފަހަތުން އައިސްފައި ރާހިލްގެ ކަނދުރާގައި އަތްއަޅުވާލީ ވަރަށް ގާތްކޮށެވެ.

ކޮމެންޓް 0