"ހަމަ މިރޭތަ މިގެއިން ނުކުންނަން ޖެހެނީ، ޖިނާ ކުރިން ތިވާހަކަ ބުނެލިނަމައެއްނު ކުރިން ތަނެއް ހޯދޭނީ ވެސް....." ޒާޔަލްވެސް އިނީ ހިތްހަމަނުޖެހިފައެވެ. މިފަހަކަށް އައިސް ޖިޔާން އޭނައާއި ވާހަކަދައްކަނީ ކޮންމެހެން އެއްޗެއް ބުނަން ޖެހިއްޖެ ހާލަތެއްގައެވެ.
"އަދިވެސް ވަގުތު އެބައޮތް، އަހަރެން ހުރީ އިތުރުކުރަންވެގެން، އެކަމަކު މިހާރު ގަސްތެއް ނުކުރަން، މާދަން މިގެއަށް ބަޔަކު އަންނާނެ....." ޖިޔާން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކައިލަން ދެކޮޅުވާކަށް ބޭނުމެއް ނުވިއެވެ. އޭނަ ވަންނާނެ ތަނެއް ނެތީއެއް ނޫނެވެ. ގެއެއް އެބަހުއްޓެވެ. މިފަހަކަށް އައިސް ހަގީގަތުގައި އެގެއަކީ އަމިއްލަ ތަނެއްކަމުގެ އިޙުސާސްވެސް ނުކުރެވެނީއެވެ. ގެއަށް ވަންނަހިތް ވެސް ނުވަނީއެވެ. ނަމަވެސް ދާނެ ތަނެއް ނެތިއްޔާ އަނބުރާލާފައި ދާން ޖެހޭނީ ހަމަ މަންމަމެން ގާތަށެވެ. އެހެން އެޕާޓްމެންޓެއް ހޯދުމަކީވެސް ފަސޭހަކަމެއް ނޫނެވެ.
"ޒިޔާ، މާބޮޑަށް ވިސްނަން ހަދާނެކަމެއްނެތް، އަހަރެމެން ގޭގައި ދުވަސްކޮޅަކަށް އުޅެވިދާނެ........" ކައިލަން ހާސްވެފައި ހުރި ޒާޔަލްގެ ކޮނޑުގައި ޖަހައިލިއެވެ. ކައިލަންއަށް އެހާ ފަސޭހައިން އެހެން ބުނެވުނަސް އޭނައާއި ކައިލަން އުޑާއި ބިމާހާ ތަފާތެވެ. އޭނަ އެހެން ގޮސް ވަންނާނެތަނެއް ހުރީއެއްނޫނެވެ. މުސާރަ ލިބެންފެށުމުން އެކުވެރިންގެ ފަރާތުން އުޅެންވެސް އޭނަގެ ޟަމީރުތަނެއް ނުދެއެވެ. އިންނަން އުޅޭ އަންހެންކުއްޖާގެ ފަރާތުން ފައިސާ ހޯދައިގެން އުޅެން އޭނައަކަށް ރީއްޗެއް ނޫނެވެ. ނޫނެކެވެ. އޭނަ ދިރިއުޅޭނެތަނެއް ހޯދާނީ އަމިއްލައަށެވެ. ނަމަވެސް އެރެއިން އެރެއަށް ނުކުންނަން ޖެހުމުން ކައިލަންއާއިއެކު އެގެއަށް ދިޔުން ނޫންގޮތެއް ނުފެނުނެވެ.
އަނާ ބިރެއްނެތި ވިނަގަނޑުމަތީގައި ބޯދަށަށް އަތްލައްވައިގެން އޮށޯވެލައިގެން އޮތްއިރު އައިޕޮޑުން ލަވަ އަޑު އަހަމުން ދިޔައެވެ. އެހެން އޮތްއިރު އޭނަގެ ޚިޔާލުތައް ކިތަންމެހާވެސް އުފާވެރިއެވެ. ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ކައިލަންގެ މަތިން ހަދާންވެފައެވެ. އެރީތި ދެލޮލުން ފެންނަ ވިސްނުންތެރިކަމާއި އޯގާތެރިކަން އަނާގެ ހިތުން ޖާގަ ހޯދިތާ ކޮން ދުވަހެއް ހެއްޔެވެ؟ އެހާ ރަގަޅު ރީތި ޒުވާނެއް މި ކާއިނާތުގައި ވެދާނެކަމަކަށް އޭނަގެ ހިތް ގަބޫލެއް ނުކުރެއެވެ. އޭނަ ހުންނަނީ ވާހަކަތަކަށް މޮޔަވެފައެވެ. ގޭގައި ހުންނަ ލައިބްރަރީގައި ހުންނަ ވާހަކަތައް އޭނަ ތަކުރާރުކޮށް ކިޔާފައިވެއެވެ. އަނާގެ ޚިޔާލުގައި އަބަދުވެސް ވަނީ އެފަދަ ރީތި ލޯބިވެރިޔެކެވެ. ކައިލަން ޙަޔާތަށް އައުމުން ވާހަކަފޮތުގެ ސަފުހާއަކުން އޭނަގެ ޚިޔާލީ ލޯބިވެރިޔާ ފުންމާލީހެން ހީވިއެވެ. އަބަދާއަބަދު ހިތުން ނުފިލައެވެ. ދެލޯ މަރާލިޔަސް ފެންނަނީ ކައިލަން ހިނިތުންވެލައިގެން ހުންނަ ތަނެވެ. ނިދާލިޔަސް ހުވަފެނުންވެސް ފެންނަނީ ކައިލަންއެވެ.
"ހާދަހާ ރީއްޗޭ، އެދެލޮލުން ބަލައިލުމުން އަހަންނަށްވާ ގޮތެއް ބުނެދޭކަށްވެސް ނޭގޭ، ކޮންފަދަ ރީތިކަމެއް، އަދި ތިނެއްޖެހީ، ހާދަ ގިނައިރެއް އެބައޮތޭ، އެހާ ގިނައިރުވާންދެން ކިހިނެއް ކެތްކުރާނީ، އަބަދަށް ކުރިމަތީގައި ހުންނާނެނަމަ ކިހާ ރަގަޅު......."އަނާ ޚިޔާލުތަކަކަށް ގެއްލިފައި އޮއްވާ ކުއްލިއަކަށް މީހަކު ގައިގާ ހިފައިގަތުމުން ސިހިފައި ދެލޯ ހުޅުވާލަމުން ހެޑްސެޓްނެގިއެވެ. މިސްކު ހުރީ އުފަލުން ފުރިފައެވެ.
"އަނާ، މިއައި ޒާޔަލްގެ ދައްތަމެންގެ ގެއަށް ގޮސްފައި، އެގޭމީހުން ހާދަ ރަގަޅޭ، ދައްތައަކީ ފަހާމީހެއްކަން އެނގުނީވެސް ވެޑިން ޑްރެސްގެ މިންޖެހީމަ، މެރީކުރަން ފޯމުވެސް ލާފައި މިއައީ....." މިސްކު އަމިއްލަ ދެކޮލުގައި އަތް ޖައްސައިލީ ގަބޫލުނުކުރެވިފައިވާ ކަހަލަ ގޮތަކަށެވެ. އެވަގުތުވެސް އަނާއަށް ހިނިތުންވެލެވުނީ މިފަދަދުވަހެއް އޭނައަށްވެސް އަންނާނެކަމަށް ހިތް ބުނުމުންނެވެ. ކައިލަންއާއިއެކުގައެވެ. މިސްކު ވިނަގަނޑުމަތީގައި ކުޑަކަކޫ ޖައްސާލައިގެން އިނދެ އޭނަ ގެނައި ކޮތަޅުތަކުގައިވާ ކާޑުތައް ނަގަންފެށިއެވެ. އަނާއަށް އެންމެ ރީތީ ކޮން ޑިޒައިނެއްތޯ އަހައިލުމުން އަނާ ފަހަރަކު ކާޑެއް ނަގައިގެން ބަލަންފެށިއެވެ. މިސްކު ހުއްޓާނުލައި އަނގަތެޅިއިރު އޭނަގެ އުފާވެރިކަން އަނާއަށް ވަޒަންކުރެވުނެވެ.
އަނާގެ އިންތިޒާރު ނިމުމަކަށް އައީ ކައިލަންއާއި ބައްދަލުކުރަން ބޭރަށް ނިކުތުމުންނެވެ. ޖިންސަކާއި ވީކަރު ޓީޝާޓެއްލައިގެން ހުރިއިރުވެސް ހާދަ ފިރިހެންވަންތައެވެ. އާދައިގެ މަތިން ގަހުގެ ހިޔަލުގައި އިށީދެގެން ތިބެފައި ކައިލަން ފޯނުން މެސެޖެއް ލިޔަން އިންދާ އަނާ ހިތުން ވަރަށް ސިއްރުން ފޮޓޯތަކެއް ފޯނުގައި ރައްކާކުރިއެވެ. ކައިލަންއަށް ޝައްކުވެގެން ބަލައިލިއިރު އަނާގެ މޫނު ރަތްވެގެން ދިޔަގޮތުން އެކުރިކަމެއް ކައިލަންއަށް ޔަގީންވިއެވެ. ނަމަވެސް އެނގުނުކަމަކަށް ނެހެދިއެވެ. އިރުކޮޅެއްފަހުން ކައިލަން ބޭނުންވީ އަނާގެ ކޮޓަރިއަށް ދާށެވެ. އެކޮޓަރީގެ ވާހަކަ ބުނުމުން އަނާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. އެކޮޓަރިއަށް ދާން ކައިލަން ބޭނުންވާނީ ހިތުގައި ކޮންމެވެސްކަމެއް އޮތީމަ ނޫންހެއްޔެވެ؟ އަނާއާއި އެއްހަމައެއްގައި ހުރެ ހިގާފައިގޮސް އަނާގެ ކޮޓަރިއާއި އަރާހަމަވިއެވެ. އަނާގެ ކޮޓަރިތެރޭގައި ހިފާފައިވަނީ އުއްބައްތިއެއްގެ މީރުވަހެވެ. އެތަންމިތާ ތަފާތު ޑިޒައިންތަކުގެ އުއްބައްތިބަހައްޓާފައިވާތީ އަނާ ގަޔާވާ އެއްޗެއްކަން އެނގުނެވެ.
"އަނާގެ ކުރެހުންތައް ބަލައިލާހިތުން މިތަނަށް އައީ...." ކައިލަން ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ. ފަހަތުން އައި އަނާއަށް ލޯގަނޑުން ބަލައިލާފައި އަނާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރިއެވެ.
"ސްކެޗްތައް ދައްކަފާނަންތަ؟ މަންމަ ބުނި އަނާ ވަރަށް ކުރަހާ ވާހަކަ......"ކައިލަން އެހިއެވެ. އަނާއަށް އެއްވެސް ކަމަކަށް މަޖުބޫރުކޮށް އަނާ އިތުރަށް ހިމޭންކަމުގެ ބޮއްޔެއްގެ ތެރެއަށްވަދެ ފިލުވާކަށް ކައިލަން ބޭނުމެއްނޫނެވެ. އެހާ ފިއްތަން ފަށައިފިއްޔާ އަމުދަކުން އަނާ ވާހަކައެއް ނުދައްކާނެއެވެ. ޑައިރީއެއް ނޫނީ ފޮރުވާފައިވާ އެހެން އެފަދަ އެއްޗެއް ފެންނާނެނަމަ އެހާދިސާ ހިނގިގޮތް އޮޅުން ފިލާފާނެއެވެ. މިގެއިން މަރުވެފައިވާ އަންހެންކުއްޖާގެ މަރުގެ ހަގީގަތް ހޯދަން ކައިލަން ބޭނުމެވެ. ނަމަވެސް ފަލަކްނާޒް އެކަން ސިއްރުކުރަން ބޭނުންވާހެން ހީވާތީ ކައިލަންވެސް އެވާހަކަ އަހާކަށް ނޫޅުނެވެ. ކުޑަދޮރު ކައިރީގައި ހުއްޓިފައި ބޭރަށް ބަލަންފެށިއެވެ.
އަނާ ހާސްވާގޮތްވިއެވެ. އޭސީގެ ފިނިކަމުގައިވެސް ނިތްކުރިން ދާ ހިއްލާލައިފިއެވެ. ކައިލަން އެނބުރި ބަލައިލިއިރު އަނާ ކުރަހާފައިވާ ކުޑަ ފޮތެއް ގެނެސްދިނެވެ. އެކިދުވަހު ކުރަހާފައިވާ މަންޒަރުތަކެވެ. އިރުއޮއްސޭ މަންޒަރުން ފެށިގެން އާފަލުފަދަ އެއްޗެހި ސްކެޗްކޮށްލާފައިވެއެވެ.
"ހާދަހާ ވާ ރީއްޗޭ، ހާދަހާވާ މޮޅޭ...." ކައިލަން އެއްމިޔަކަނުން ހީލިގޮތުން އަނާގެ ހިތް ފިދާވާވަރުވިއެވެ. އަނާގެ މޫނަށް އެވަގުތު ވެރިވެގެން ދިޔަ ރަތްކުލައާއި ނިޔަފަތީގައި ދައިގަތްތަން ފެނިފައި ކައިލަން ކުޑަކޮށް ނުތަނަވަސްވާގޮތްވިއެވެ. އޭނަގެ ވާހަކަތަކުން އަނާއަށް ނުބައި މާނައެއް ނެގުނީހެއްޔެވެ؟ އެފަދަ ގޮތަކަށް އިހުސާސްކުރުވަދޭކަށް ކައިލަންގެ ހިތެއްނޭދެއެވެ. އޭނައަށް ބުނެވޭ އެއްޗަކުން އަނާ އެހެން ހީކޮށްފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ ބަލިމީހުންނާއި ދޭތެރޭގައި އަބަދުވެސް ޕްރޮފެޝަނަލް ގުޅުމެއްބާއްވަން ކައިލަންވަނީ ޢަޒުމްކަނޑައަޅާފައެވެ.
"އެހެން އެއްވެސް އެއްޗެއް ނެތްތަ؟ ކުރެހުމެއް ނޫނީ....." ކައިލަން ދޮރުމަތީގައި ކުޑަކޮށް އަތުން ތަޅައިލިއެވެ. އެހެން ހުރެފައި އެނބުރުނުވަގުތު އަނާވެސް އަރާހަމަވީއެވެ. ދެމީހުން މުޑިއެރިގޮތުން އަނާގެ މޫނު ޖެހުނީ ކައިލަންގެ މޭގައެވެ. އަނާއަށް ބޭއިޚުތިޔާރުގައި ކައިލަންގެ ގައިގާ ހިފަހައްޓައިލެވުނު ގޮތަށް ދެލޯ މަރައިލެވުނީ ހިތަށް ލިބުނު ފިނިކަމަކުންނެވެ. ކައިލަންއާއި އެހާ ގާތްވުމުން ބުނަން ނޭގޭފަދަ އަރާމެއް ހަށިގަނޑަށް އިހުސާސްކުރެވުނެވެ. ކައިލަން އަވަހަށް އަނާގެ ދެކޮނޑުގައި ހިފާފައި ދުރުކޮށްލައިފިއެވެ.
"ސޮރީ....." ކައިލަން ކުރެހުންތައް ރީތިވާ މޭޒުމަތީގައި ބަހައްޓާފައި އެތަނުން ނުކުންނާން ހިނގައިގަތެވެ. އަނާވެސް ފަހަތުން އައެވެ.
"އަނާ، އެއްޗެކޭ ހީނުކުރައްޗޭ، އަހަރެންގެ ހިތުގައި އެކަހަލަ އެއްވެސް އެއްޗެއް ނެތް، އަހަރެން އަނާއާއި ދޭތެރޭގައި ދެކެނީ އެކަނި އަހަރެންގެ ޕޭޝަންޓެއްކަމަށް، ނަތިން މޯ ނަތިން ލެސް ދޭން ދެޓް......." ކައިލަން އެހެން ބުނަން ހިތަށް އަރާފައިވެސް ހިމޭންވިއެވެ. އޭރުން އަނާ ފަހަރެއްގައި އޭނައާއި ބައްދަލުކުރަން ދެކޮޅުހަދާފާނެއެވެ. މިހާ ތަފާތު ކޭސްއަކަށްވީމަ އޭނަ ހަގީގަތް ހޯދާފައި ނޫނީ އަނާ ގެއްލިގެންދާކަށް ބޭނުމެއްނޫނެވެ. ކައިލަން ކޮރިޑޯގެ އެންމެ އެފަރާތުގައިވާ ޕިއާނޯއާއި ހަމަޔަށްގޮސްފައި އަނާއަށް ކުޅެން އެނގޭހެއްޔޭ އަހާލުމުން އަނާ ޖަވާބެއްނުދީ އިށީންގޮތަށް ވަރަށް ރީތިރާގެއް އަޅުވާލައިފިއެވެ. ހިތުގައި ފިރުމާލާހާވެއެވެ. އެހާވެސް އަސަރުގަދަ ރާގެކެވެ. ކައިލަންގެ ގައިން ހީބިހިހަލުވައިލިއެވެ. ހަށަންބަންގޮތަށް އަނާގެ މޫނަށް ބަލަންހުރިއިރު އަނާގެ މޮޅުކަމަށް ހިތް ތައުރީފުކުރިއެވެ.
"ކައި......."ދަންނަ އަޑެއް އިވުމުން ކައިލަން އެނބުރި ބަލާލައިފިއެވެ. އެއީ ޖިޔާންއެވެ. ތަށީގެ ތެރޭގައިވާ ގަނޑުފެންތައްވެސް ފެންނަހާ ސާފު ބިއްލޫރިތަށްޓެއް ހިފައިގެން ހުރިއިރު ޖިޔާންގެ ތުންފަތްމަތީގައިވަނީ ލާނެތްހިނިތުންވުމެކެވެ.
"މަންމަވެސް އެހެން ގޭމެއްކުޅެން ފަށައިފިހެން ހީވޭ، ކޮއްކޮއާއި ކައި ތަތްކުރުވަން ދެމީހުން އެއްތަނަކަށް ލާފައި މަންމަ އެއުޅެނީ، އަހަންނަށް ހީވާންފަށައިފި ޓްރީޓްކުރުވުމުގެ ބަދަލުގައި އެހެން ގަނޑެއް ގަންނަނީއޭ، ނޫނީ ސީރިޔަސްލީ ނަފްސާނީ ޕޭޝަންޓުންނަށް ޓްރީޓްކުރާ އާ ވައްތަރެއްތަ؟ "ޖިޔާން އެއް އުޅަބޮށީ ބެލްކަނީގެ ރެއިލިންގައި ޖައްސާލައިގެން ހުރިއިރު އެދެލޮލުގައި ނަށަނަށާވަނީ ލާނެތްކަމެވެ. އަނާ ދެރަވެ ރުޅިވެސް އައެވެ. އޭނަގެ ދޮންބެއެއްކަމަކު އެގޮތަށް ކައިލަންއާއި ވާހަކަދައްކައިގެން ނުވާނެއެވެ. ކައިލަންއަކީ ހާދަ ރަގަޅު ޒުވާނެކެވެ. އެހާ މާތް ކުއްޖެއް އޭނަ ދުވަހަކު ދެކެފައެއް ނުވެއެވެ. އަނާ ތެދުވެގެން ދާން ހިނގައިގަތުމުން ޖިޔާން އަތުގައި ހިފަން އުޅުމުން އަނާ އެއްފަރާތަކަށް ޖެހިލިއެވެ.
"އަނާއަށްވެސް ކަމުނުދަނީ ބޭބެމެން އަތްލީމަތަ؟ އޭނަ ގޮވައިގެން ރޫމަށްވަދެ ކޮންމެ ކަމެއްކުރިޔަސް ހެޔޮ ދޯ.... " ޖިޔާން ހޭންފެށިއެވެ. އަނާއަށް ނުރޮވުނީ ކިރިޔާއެވެ. ލަދުންގޮސް މޫނަށް ރަތުގެ އެތައް ކުލަތަކެއް ވެރިވެގެން ދިޔުމާއިއެކު ރުވާލި ދުނިދަނޑިއެއްހެން ގޮސް ނިވާވެއްޖެއެވެ.
"ޖިނާ، ހަމަޖެހޭ އެއްޗެއް ކިޔާބަލަ، ބަލަ އެއީ ކޮއްކޮ ކަމެއްވެސް ނޭގޭތަ؟ ހަގީގަތެއްނެތް ވާހަކަދެއްކީމަ އޭނަ ކިހާ ލަދުގަންނާނެ، އަހަރެން އަނާގެ ގައިގާ އިނގިލިކުރިވެސް ޖައްސާލާފައެއް ނުވާނެ، އަހަންނަށް އެނގޭ އެކޮޓަރީގައި ހުރީ ކެމެރާ ހަރުކޮށްފަކަންވެސް، އެވަރު ނޭގޭނެކަމަށް ދޯ ހީކުރީ...." ކައިލަން ކިތަންމެ ރުޅިގަދަވިޔަސް އެމޫނުމަތިން އެކަމެއް ނުދައްކައެވެ. މުށްކަވާލި އަތްވެސް އޭނަ ޖަހައިލީ ޖީބަށެވެ.
"ވަޓް؟ ކެމެރާ ހަރުކޮށްފައޭ؟ ތިއީ އަހަންނަށް އެނގިގެން ކޮށްފައި ހުރިކަމެއް ނޫން، އެކަމަކު ކައިލަން ވިސްނަންވާނެ ދޯ، މަންމަމެންވެސް ހުރި އެންމެ ދަރިއަކު އެގޮތަކަށް ފިރިހެނަކާއިއެކު އުޅޭކަށް ދޫކޮށެއްނުލާނެ، އަދި މިގެއިން އެކަހަލަ ކަމެއް ހިގާފައިވާއިރު......" ޖިޔާން އެޕްލް ސައިޑަރ އެތިފޮދެއް ބޯލަމުން ކައިލަންއާއި ހަތަރުކަޅިހަމަކުރިއެވެ.
"ތިބުނީ، މިގެއިން ކޮންކަމެއް ހިނގީ...." ކައިލަންގެ ހިތް އަވަސްވިއެވެ. ޖިޔާންގެ މޫނުގެ ކުލަ ބަދަލުވިއެވެ. ކުއްލިއަކަށް ތަބީއަތު ޚަރާބުވެ ބާރަކަށް ހިގާލާފައިގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާލައިފިއެވެ. ކައިލަންހުރީ ޖިޔާންގެ އެ ހަރަކާތާއިމެދު ވިސްނަންވީ އެއްޗެއް ނޭގިފައެވެ. އެއްވެސް މީހަކު އެވާހަކަ ނުދައްކަން އުޅެނީ ކީއްވެހެއްޔެވެ؟
އަނާ ކޮޓަރީގައި އޮތްއިރު ޓީވީ އަށް ދެލޯ ހުއްޓާލެވިފައިވިޔަސް އޭނަގެ ޚިޔާލު ވަނީ އެހެން ދިމާލެއްގައެވެ. ކައިލަންއާއިއެކު އެހިނގި ދެ އެކްސިޑެންޓްވެސް ހިތަށް ހަލަބޮލިކަމެއް ގެނެސްދީފިއެވެ. މިފަހަރުވެސް ކައިލަންގެ މޭމަތީގައި މޫނު ޖެހުނުގޮތަށް އަދިވެސް ހީވަނީ ނޭފަތުގައި އެމީރުވަސް ހިފާލާފައިވާހެންނެވެ. ފެނުނު ރީތި ހުވެފަނަކަށްފަހު ހޭލެވުނުގޮތަށް އަދިވެސް ހަށިގަނޑުގައިވަނީ އެއިޙުސާސްތަކެވެ. އެމީރުކަމެވެ. މިސްކު ފެންވަރާލައިގެން ނުކުތްގޮތަށް ވާހަކަދައްކަން ފެށުމުން ޚިޔާލުތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.
"އައިމް އިން ލަވް އަނާ، އަނާއަށްވެސް މީހަކު ދެކެ ލޯބިވެވުނު ދުވަހަކުން އެނގޭނެ މިބުނަނީ ކީކޭކަން، ވަރަށް ރީތި ފޮނި އިޙުސާސްތަކެއް ކުރެވެނީ..." މިސްކު އެތާގައި ހުރި މާގަހަކުން މަލެއް ބިނދެލާފައި އެއުޅުނުގޮތަކުން އަނާ އިނީ މަޖާވެފައެވެ. އެކުވެރިޔާއަށްޓަކައި އުފާވެފައެވެ.
މިސްކުގެ މަންމަ އެނބުރިއައުމުން އެގެއަށް ބަދަލުވާން އުޅުމުން މަންމަ އިންކާރުކުރިއެވެ. ބަހަނާއަކަށް ދެއްކީ އަނާގެ އެކަނިވެރިކަމެވެ. ދުވަސްކޮޅެއްވާންދެން އިހަށް އެގޭގައި މަޑުކޮށްލަން އެދުނަސް މިސްކުގެ ޕްލޭން ތަފާތެވެ. މަންމައަށް އެ ޚަބަރު އިއްވުމުން ވާނެގޮތް ކޮންމެވެސް ވަރަކަށް ލަފާކުރެވުނަސް ކައިލަން އެހީތެރިވާނެއެވެ. ޒާޔަލްއާއި އާއިލާގެ ރަގަޅުކަން މަންމަމެންނަށް ބުނެދޭނެއެވެ. މިސްކު ކޫލްކޮޓެޖަށް ވަދެފައި މަންމައާއި ބައްޕަގެ ކޮޓަރި ކައިރިން ހިނގާފައި ދިޔައިރު ދޮރުފަތްހުރީ މުޅިން ނުލެއްޕިއެވެ. އެހިސާބާއި އަރާހަމަވީއިރު މަންމަ ބުނެލި ޖުމްލައެއް އިވިފައި މިސްކުގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އޭނަ އަވަސް އަވަހަށް ފަހަތަށް ޖެހިލިގޮތަށް މަޑުކޮށްލީ ފެންޑާއާއި އަރާހަމަވެފައެވެ. މަންމަ އެހެންބުނެލީ އަދި ރުޅިއައިސްފައި ހުރީމަ ކަމަށްވެދާނެއެވެ. ނޫނެކެވެ. އޭނަގެ ކަންފަތް ކުށްކުޅައީއެވެ. އެހެނެއް ނުވާނެއެވެ.
މިސްކު ޒާޔަލްއާއި އިންނަން ހަމަޖެހިފައިވާކަން އެރޭ ރޭގަނޑު ކެއުމުގައި ރުޚުސާނާއާއި ހަމަޔަށް އިއްވީ ކައިލަންއެވެ. އޭރު މަޝްއަލް އިސްތަށިގަނޑު ހާވާލައިގެން ގޮނޑިއެއްގައި ފައި ދަމާލައިގެން އިނެވެ. އޭރުވެސް ރަގަޅަށް ދެލޯ ހުޅުވައިނުލެވެއެވެ. އޭނަ ބޭރުތަނަކަށް ފޮނުވަން ކިޔާ ކިޔާ މަންމައަށް އަޑުއިވޭކަމަކަށް ނުވެއެވެ.
"އަހަންނަށް ނާންގާތަ މިސްކު ހުރިހާ ކަމެއް ނިންމަންވީ؟ ތިއީ ހިތަށް އަރާއިރަށް ކުރަން ފަސޭހަކަމެއްތަ؟ "ރުޚުސާނާގެ މޫނު ހީވީ ކަޅުފޮއި ރޭގަނޑެއްހެންނެވެ.
"މަންމާ، ޒާޔަލްގެ ފެމިލީވަރަށް ރަގަޅުވާނެ، އޭނައަކީ ސާޖަންއެއް، ވަރަށް ހަރުދަނާ މީހެއް، މިޒަމާނުގައި އަންހެންކުއްޖަކަށް އެހާ ރަގަޅު ބައިވެރިޔަކު ނުލިބޭނެ، މިސްކުވެސް މިހާރު އެކާވީސްއަހަރު ފުރިއްޖެ....." ކައިލަން މަންމައަށް ވިސްނައިދޭން ޒާޔަލްގެ އެކި ވާހަކަދެއްކިއެވެ.
"އަހަރެން ތިކަމާއި ގަބޫލެއް ނުވާނަން، މަގޭ ފުރާނަ ހުރިހާހިނދަކު ތިކަމެއް ނުވެވޭނެ، ހެވޭ ފަޒީލް ވަލީ ދީފައި އޮތަސް، ކައިލަން މިސްކުއަށް ހިތްވަރުދީގެން ކުރުވިކަމެއްތާ، ކަމެއް ނިންމުމުގެކުރިން އަހަރެންގެ ލަފާ ހޯދުން މިހިރަ ކުއްޖާއަކަށް ބޭނުންކަމަކަށްނުވި، އަހަރެންވަނީ މިސްކުއަށް މީހަކު ހޯދަދީފައި....." ރުޚުސާނާ އެއްޗެހިކިޔަން ފެށުމުން މިސްކުގެ ހިތް ކުދިކުދިވެގެން ދެލޮލުން ކަރުނަ ފައިބައިގަތެވެ. އޭނަ މޭޒުދޫކޮށްލާފައި ދިޔުމުންވެސް ކައިލަން މަންމައަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އެންމެފަހުން ރުޚުސާނާ ރުޅިގަދަވެގެން އަތުން ޖެހިޖެހީނުން މޭޒުމަތިން ތަށިތަކެއްވެސް ތަޅާލައިފިއެވެ. ރުޚުސާނާ އެކަނި އިނދެ ތަންކޮޅެއް ރުޅި ފިނިވުމުން މިސްކުގެ ކޮޓަރިއަށްވަދެ ނިކަން ރީތިކޮށް ވާހަކަދެއްކިއެވެ. މިސްކުގެ ކައިވެނި ވަނީ އޭނަގެ އެކުވެރިއެއްގެ ދަރިއަކާއި ހަމަޖެހިފައި ކަމަށާއި އޭނައަށް ވަޒީފާ ލިބި ލޯނުނަގާ ހުރިހާކަމެއް މިކުރެވެނީ އެކުވެރިޔާގެ އެހީގައި ކަމަށާއި މަންމައަށްޓަކައި މިވަރުގެ ކުޑަ ގުރުބާނީއެއް ވާން އާދޭސްކުރަން ފެށިއެވެ.
މިސްކުގެ ދުނިޔެ ބަރުބާދުވާގޮތްވިއެވެ. އެއްކޮޅުން ލޯބިވެރިޔާއެވެ. އަނެއްކޮޅުން ލޯބިވާ މަންމައެވެ. ދެމީހުންކުރެ އެކަކު ހޮވުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އޭނަ ހީކުރީ އުފާވެރި ރީތި ދިރިއުޅުމެއް ޒާޔަލްއާއިއެކު ލިބޭނެކަމުގައެވެ. ޒާޔަލްގެ ކުށެއްނެތި އޭނަ ދޫކޮށްލުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އިންސާފެއް ނުމެނޫންމެއެވެ. މިސްކު ރޯންއޮއްވާ ކައިލަން ހިތްވަރުދިނެވެ. މަންމަގެ ޚިޔާލު ފަހުން ބަދަލުވާނެ ކަމުގައި ބުނެލިއެވެ. މިސްކުއަށް އެނގުނެވެ. ކައިލަން އެތައް ޒަމާނެއް ވާންދެން ރަށުން ބޭރުގައި ކިޔަވަން ހުރެފައި އައުމުން މަންމަގެ ގޮތްދޫނުކުރާ މިޒާޖާއި ހަރުކަށިކަން ނޭގުނީއެވެ.
އަނާއަށް ކޮޓްންކެންޑީ މެޝިނެއް ލިބުމުން އުފަލުގެ ކޮޅެއްނެތެވެ. ބައްޕަ ގެނެސްދިން ހަދިޔާ އޭނައަށް ކަމުދިޔައީ އިންތިހާއަށެވެ. ދެފުރޮޅުލާފައިވާ ފިޔާތޮށިކުލައިގެ މެޝިން އެތަން މިތަނަށް ގެންދިޔުމަށްވެސް އެހާ ފަސޭހައެވެ. ހުކުރުދުވަހަށްވެފައި މިއަދު ކައިލަން ނާންނާނެކަން އެނގޭތީ އަނާ ފޫހިވެގެން މަސައްކަތެއް ކުރަން ނިންމިއެވެ. ކުޑަކޮށް އުޑުމަތީގައި ވިލާ އެއްވެ އިރުގެ އަލިކަން ފަނޑުވެފައިވެއެވެ. ރީދޫކުލައިގެ ޓޮޕްކޮޅަކާއި ހުދު ޖިންސެއްލައިގެން އަނާހުރިއިރު އެމޫނުމަތި އޮމާންކަމުން ވިދައެވެ. އޭނަ އާއްމުކޮށް ކައިލަންއާއި ބައްދަލުކުރާ ތަނުގައި މެޝިން ބަހައްޓައިގެން ހުރެ ކޮޓްންކެންޑީ ހަދަންފެށިތަނާ ކައިލަން ސަލާމް ގޮވުމުން އަނާގެ މުޅި ހަށިގަނޑު ގަނޑުފެންކޮޅަކަށް ވެއްޖެއެވެ.
"ހާދަ ބިޒީކޮށްލާފައި އުޅޭ ކުއްޖެއް، ކިހާވަރަކަށް ވިއްކަނީ؟ "ކައިލަން ހުރީ އެހާ ތާޒާވެލައިގެންނެވެ. ހީވާގޮތުން ދެންމެ ފެންވަރާލައިގެން އައީއެވެ. ކައިލަން އާއްމުކޮށް ބޭނުންކުރާ ސެންޓުގެ ވަހަކީ މިހާރު އަނާގެ ޚާއްސަވަހެކެވެ. އަބަދުހެން އެވަސް ނޭފަތުގައި ހަރުލާ ހިއްސުތަކާއި އެކުވެފައިވެއެވެ. އަނާގެއަތުގައި އޮތް ފިޔާތޮށިކުލައިގެ ކެންޑީ ދިއްކޮށްލުމުން ކައިލަން ބުނީ ސަމާސާއެއް ކަމުގަޔާއި އަނާ ކާލުމަށެވެ. އަނާގެ މޫނުގެ ކުލަ އޮއްސިގެން ދިޔަތަނާއި ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލިގޮތަކުން އެކުއްޖާގެ ހިތުގައި ޖައްސައިލެވުނުކަމުގެ އިޙުސާސްކުރެވިފައި ކައިލަންގެ ޚިޔާލުބަދަލުވިއެވެ. އަނާ ތިރިކޮށްލިއަތުގައި އޮތް ކެންޑީ އަތުލާފައި އެތިކޮޅެއް ނައްޓައިލިއެވެ.
"ޑިލިޝަސް......" ކައިލަންގެ އެ ލަފުޒުން އަނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ކައިލަން ކޮޓްންކެންޑީގެ އެތިކޮޅެއް ކާލިގޮތްވެސް އަނާއަށް އަޅައިގަތް ކަމަކަށްވިއެވެ. އަނާހީވީ މިހުރިހާ އިރުވާންދެން ނޭވާ ނުލާހިފަހައްޓާލައިގެން ހުރެފައި ނޭވާ ދޫކޮށްލިހެންނެވެ. އަނާ ކޮޓްން ކެންޑީ ހެދިތަން ކައިލަން ބެލީ ޝައުގުވެރިކަމާއިއެކުގައެވެ. ފަލަކްނާޒް ނުކުމެގެން އައިގޮތަށް ހީވީ ދުވަހަކު ނުވާހާ އުފާވިހެންނެވެ.
"ކައިލަންއަށްވެސް މާ މީރު އެއްޗަކީތަ؟ ވާރޭވެހެން އެއުޅެނީ، އަނާ ދަރިފުޅާ، މެޝިން އެތެރެއަށް ވައްދަންވީނު...." ކަޅު ވިލާތަނުން ބައްދަމުން އަންނަ އުޑުމައްޗާއި ދިމާލަށް ބަލައިލަމުން ފަލަކްނާޒް ބުނެލިއެވެ. ކައިލަން އާއި އާއިލާއަށް ފަލަކްނާޒް ދައުވަތުދީގެން މިއުޅެނީ މާ މުހިއްމުވާހަކައެއް ދައްކަން އޮތީމައެވެ. އޭރު ފަލަކްނާޒް ކުރަން އުޅޭކަމެއް އެހެން މީހަކަށް ރޭކާނުލައެވެ. ފަލަކްނާޒް ކައިލަން ގާތު އަންނަން ލޮލުން އިޝާރާތް ކޮށްލާފައި އެތެރެއަށް ވަނުމުން ކައިލަން ފަހަތުން ދިޔައެވެ. އޭރު އަނާއަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބަލާށެވެ. މަންމަގެ ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށްވީމަ މެޝިން ހިޔާކޮށްލާފައި އަނާ ގޮސް ގަހަށްލެނގިލައިގެން ހުއްޓުނެވެ. ވާރޭގެ ތިކިތައް އެ ދޮންމޫނުގައި ބީހެން ފެށިއިރު އަނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
"ކީއްވެ މިގޮތަށް ކައި އާއިމެދު ވިސްނެނީ؟ އަހަރެންގެ ބަސްނާހާ ހިތަށް މިވަނީ ކީއްތަ؟ ކޮންމެވެސް މީހެއް ބުނެދޭނެނަމަ، މިއީ ލޯބިކަމުގައެއް ނުވާނެ، ވާހަކަތަކުގައި އުޅޭ އަހަންނަށް ވަރަށް ކަމުދާ ކެރެކްޓަރސްތައް، ހިތްކިޔާ، އެގޮތަށް ކައިވެސް އަހަރެންގެ ފެވެރިޓަކަށްވީ، މިއީ ލޯތްބެއް ނޫން، އެރޮގުން ކައިއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރޭނެ........." އަނާ ހިތާއި ވާހަކަދެއްކިއެވެ. އިރުކޮޅެއްނުވަނީސް ކާރެއް މަޑުކޮށްލިހެން ހީވެގެން ގަހުގެ ފުރަގަހުގައި ހުރެގެން އަނާ ސިއްރުން ބެލިއެވެ.
ޔަޒީދުގެ ދެމަފިރިންގެ ދަޢުވަތަކަށް ރުޚުސާނާގެ ޢާއިލާއައިއިރު ފަޒީލްނައީ ކީއްވެގެންތޯ ޔަޒީދު ސުވާލުކުރިއެވެ. ރުޚުސާނާބުނީ ފަޒީލްއަށް އާއިލާގެ އެއްވެސް ކަމެއްގައި ބައިވެރިވުން މުހިއްމު ނޫންކަމުގައެވެ. އެކިވާހަކަ ދެކެވެމުން މޭޒުމަތީގައި އަތުރާފައިވާ ގިނަ އަދަދެއްގެ ކާއެއްޗެހި ލަސްލަހުން ހުސްވަމުން ދިޔައިރު މިސްކު ފިޔަވާ އެންމެންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމުގެ ކުލަވަރެވެ.
"މިއަދު ސަޔަށް ދަޢުވަތު މިދިނީ އަހަރެމެން ވަރަށް މުހިއްމުކަމެއް ރާވާފައިވާތީ، އަނާގެ އުފަންދުވަހުގެ ޕާޓީވަރަށް އަވަހަށް އެބައޮތް، އަދި އެހެން އިތުރު ޕާޓީއެއްވެސް ބާއްވަން އަހަރެމެން ޚިޔާލުއެބަކުރަން، ދެއާއިލާއަކީ ޒަމާނުއްސުރެ ގުޅިފައިވާ އާއިލާއަކަށްވިޔަސް ދަރިން ބޮޑެތިވުމަށްފަހު އެގުޅުން އިތުރަށް ބަދަހިވާނެ ގޮތެއްވެސް ބަލަން ޖެހޭ....." ފަލަކްނާޒްގެ މޫނު އެހެން ދުވަހަށްވުރެ އަލިވެފައި ދެލޮލުގެ ވިދުންގަދައެވެ. އެވަގުތު ފަލަކްނާޒްއާއި ކައިލަންގެ ހަތަރުކަޅި ހަމަވިއެވެ. އަނާގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. ރަކިވެގެންގޮސް މޫނުގެ ކުލަ ބަދަލުވާން އުޅުނެވެ. މަންމަ އެއުޅެނީ ކީކޭ ބުނަން ހެއްޔެވެ؟ އެވަގުތު ކޮންމެވެސް މީހަކު މޭޒުދަށުން އޭނަގެ ފައިތިލަމަތީގައި ފައި ބޭއްވިއެވެ. އެފަދަ ހިތްވަރެއް ކުރަން ކެރުނީ ކާކަށްހެއްޔެވެ؟ މިތާ ތިބީ އޭނަގެ ދެ ބޭބެއާއި މިސްކުގެ ބޭބެމެންނެވެ.