ކަޅުކުލައިގެ ސޫޓެއްގައި ހުރި ޒުވާނާގެ އިސްކޮޅު ހަޔެއްކަ ފޫޓަކަށްވުރެ ކުރެއްނުވާނެއެވެ. ރޭބަން އައިނަކުން ލޯފޮރުވާފައިވިނަމަވެސް ކަޅުކުލަގަދަ ރީތި ބުމައާއި ރަންކުލައަރާ މޫނުމަތިން ފިރިހެންވަންތަކަން ފާޅުކޮށްދެއެވެ. ހިނގުމުންވެސް އޭނަގެ ވަރުގަދަ ޝަޚުސިއްޔަތު ހާމަކޮށްދެއެވެ. އޭނަ ފެންނަ ކޮންމެ މީހަކަށް އަސަރުކުރުވާ އަދި ސިއްރުވެރިގޮތެއް ހުރުމަކީ އޭނަގެ ރީތިކަމުގެ ބަޔެކެވެ. މެދުމިނަކަށް ހިނގާލާފައިގޮސް އޭނަ ވަޒީފާއަށް އެދިފައިވާ ހޮސްޕިޓަލަށް ވަދެލާފައި އައިނު ނެގިއެވެ. ކަޅުދެލިކޮޅެއްފަދަ ދެލޮލަކީ ތޫނު ހަތިޔާރެއްފަދައެވެ. އަންހެންކުދިން ކުރަން ތިބި މަސައްކަތް ހުއްޓާލާފައި ގަޔާވެގެން ބަލަންފެށިކަމެއް އޭނައަކަށް ރޭކާނުލިއެވެ. ކުދިން ތުއިވެލާފައި ބެލިއިރު އޭނަ ބަލާވެސްނުލާ ދިޔުމުން ބޮޑާ ފިރިހެނެއްގެ ގޮތުގައި ލޭބަލްކުރެވުނެވެ.

ބޮސްގެ ކޮޓަރިއަށްވަދެފައި އެޒުވާނާގެ މޫނުމަތިން ކުޑަހައިރާންކަމެއް ފެނިގެން ދިޔައެވެ. އޭނަހީކުރީ ތަނުގެ ވެރިޔާއަކީ ފިރިހެނެއްކަމުގައެވެ. އުމުރުން ތަންކޮޅެއް ޒުވާން ބޮސްއަކަށްވެފައި އެދެލޮލުންކަޅި ޖަހާނުލައި ބަލަން އިންގޮތަކުން ޒުވާނާގެ މޫނަށް ކުޑަރަތްކަމެއް ވެރިވިއެވެ.

"އައްސަލާމް ޢަލައިކުމް..." ޒުވާނާގެ ކުޑަހިނިތުންވުމުން ކޯތާފަތުން އަޑިކޮޅުފެނުނެވެ. އަންހެންމީހާ ސަލާމްގެ ޖަވާބުދެމުން ތެދުވެ އަތްދިއްކޮށްލިއިރު އެންމެފަހަރަކުވެސް ޒުވާނާގެ މޫނުން ނަޒަރު ކައްސައެއްނުލައެވެ. ހީވަނީ އެދެލޮލުގެ ޖާދޫގައިޖެހި މަސްތުވެފައިވާހެންނެވެ. އެއީ އާކަމަކަށްނުވިއެވެ. އޭނަ ފެންނަހާ އަންހެންކުދިންނަށް އޭނަ ފެނުމުން އަސަރުކުރުވައެވެ. އޭގެ ސަބަބެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އެހެނޭ ކިޔާފައި ފޮނިވެ ބޮޑާވާކަށް ބޭނުމެއްނުވެއެވެ. އަންހެންކުދިން އެކަނިއެއްނޫނެވެ. އެކުވެރި ފިރިހެނުންވެސް އޭނަގެ ދެލޮލަށް ސަނާކިޔައެވެ. ގިނަފަހަރު އޭނަ ރޭބަން އައިނުގެ އެހީ ހޯދަނީވެސް އެހެންވެއެވެ. ދިމާކުރާވަރުންނެވެ. ފަލަކްނާޒް ކައިލަންގެ ގާތުގައި އިށީންނަން އެދުނެވެ.

"ތިއީ ޑޮކްޓަރ ކައިލަންތޯ؟ އަޅުގަނޑު ހީކުރީ ތަންކޮޅެއް ދުވަސްވީ ތަޖުރިބާ ހުރި މީހަކަށްވާނެކަމަށް، އެކަމަކު ހާދަ ޔަންގް......." ބޮސް އަމިއްލައަށް ތަޢާރަފުވީ ފަލަކްނާޒް ކަމުގައެވެ. ނަންވެސް ވަރުގަދައެވެ. ކައިލަން ހިނިތުންވެލާފައި ބުނެލީ ޒުވާންވިޔަސް އޭނަ ވަޒީފާއަށް ޝައުގުވެރިވާކަމުގަޔާއި ތަޖުރިބާއަކީ ހޯދުމުން ލިބޭނެ އެއްޗެއްކަމުގައެވެ.

ފަލަކްނާޒް ކައިލަންއާއި ވަރަށް ގިނަ ސުވާލުކުރިއެވެ. ކުޑަކޮށް ޒާތީ ސުވާލުތައްވެސް ކޮށްލިއެވެ. ވަޒީފާދޭއިރު ހުހަށް ހުރި މީހެއްކަން ދެނެގަންނަން ޖެހޭކަމެއް އޭނަ ނުދެކެއެވެ. އޭނަގެ ފައިލްގައި އޭނަވާނީ ހުރިހާ އެއްޗެއް ލިޔެފައެވެ. "ސިންގަލް" ޖަހާފައި އިނުމަކީ އޭނަ މީހަކާއި ނީދެހުރި ކަން އަންގައިދޭ ލަފުޒެކެވެ. އޭނަ ކުއްޖަކާއި ރައްޓެހިވެގެން އުޅޭކަމެއް އަދި ނޫންކަމެއް އެއަކުން ނޭގޭނެއެވެ. ލޯބިވެރިޔަކު ހުރިތޯ އަހަން ސީދާ ސުވާލުކުރުމުން ކައިލަން ވަރަށް ހަމަޖެހިލާފައި ބުނީ އެއީ އަމިއްލަކަމެއް ކަމުގައެވެ. މިތަނުން ވަޒީފާ ނުލިބުނަސް ހާސްވާކަށް ގާތެއްނުވެއެވެ. އޭނަގެ ފެންވަރާއި ވިސްނުމަށް ބަލާފައި ކޮންމެވެސް ތަނަކުން ވަޒީފާލިބޭނެކަމުގެ އުއްމީދު އޭނަ ގެއްލުވައެއްނުލައެވެ. ހަޔާތުގެ ކޮންމެ ނިންމުމެއްގައި މީހާ ވިސްނާގޮތްވެސް ރޯލެއް ކުޅޭނެއެވެ.

"މާދަމާއިން ފެށިގެން މަސައްކަތަކަށް ނުކުންނަވަންވީ، އެކަނި ހެދުނު ޝިފްޓް މިދެނީ، ސައިކޭޓްރިސްޓަކަށްވީމަ އެހާ ގިނަ މީހުންނެއް އެޑްމިޓްކުރާކަށް ނުޖެހޭނެ، ނަމަވެސް ވަރަށް ޗެލެންޖިން ޓަފް ޖޮބެކޭ އަޅުގަނޑު ބުނާނީ، ތަނަށް ވަންނަގޮތަށް ބައެއް މީހުން ހަމަ ރޮއިގަންނާނީ، ވަރަށް އުދަގޫވޭ އެފަދަ ޕޭޝަންޓުންނާއި ދިމާވީމަ....." ފަލަކްނާޒް ގާތް ހިނިތުންވެލުމަކާއިއެކު ތެދުވަމުން ދެވަނަފަހަރަށްވެސް ސަލާމްކޮށްލިއެވެ. ކައިލަން އެތަނުން ތެދުވިގޮތާއި ހިނގުމާއިމެދުވެސް ފަލަކްނާޒް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ރީތި ފިރިހެނެކެވެ. މިފަދަ ރީތިކަމެއް އޭނަ މާލެއަކުން ނުދެކެއެވެ. ރީތިމީހުން ތިބެދާނެއެވެ. ނަމަވެސް ކައިލަންގެ އެހެރަ މިޒާޖަކާއި ގޮތަކުން އަދި ފިރިހެންވަންތަކަމުން އަންހެންކުދިންގެ ހިތްތައް ގުރުބާންވާހާވެއެވެ. ފަލަކްނާޒް ލަވައެއް ޖައްސާލިއެވެ. އެ ތުނި ހަށިގަނޑު ގޮނޑިއަށް ދޫކޮށްލަމުން ލޯ މަރައިލުމުން ފެންނަންފެށީ ކައިލަންގެ ތަސްވީރެވެ.

ކައިލަން ޖިމަށް ގޮސްފައި އެނބުރި އައިއިރު އިރުއޮއްސުމުގެ ކުލަތައް އުދަރެސް ފަވާލައިފިއެވެ. ބަޔާން ނުކުރެވޭފަދަ ރީތި ރަތްކުލައަކާއި ދަޅައެއް އުދަރެހަށް އަރުވަމުންދާއިރު އެފެންނަ މަންޒަރުތަކުން ހިތްތަކަށް އުފާލިބޭނެއެވެ. ކައިލަން އެމީހުން ދިރިއުޅޭ އެޕާޓްމެންޓާއި އަރާހަމަވިއެވެ. އޭނަ އުޅޭ ފްލޯރ ހިއްސާކުރަނީ ތިން އެކުވެރިންނެވެ. އޭނަ ޒާޔަލް އަދި ޖިޔާން ތިންކޮޓަރީގައި އުޅޭއިރު ކެއްކުމުގެ ކަންތައް ބޮޑަށް އޮންނަނީ އޭނައާއި ޒާޔަލްއަށެވެ. ޖިޔާންގޭގައި އުޅޭވަގުތު ވަރަށް މަދުވާނެއެވެ. ރޭގަނޑު އަންހެންކުދިން ގެއަށް ގެންނަކަން ކައިލަން ދަނެއެވެ. އެކަމާއި ނުރުހުނަސް ކައިލަން ހިމޭންކަން ޚިޔާރުކުރަނީ މިއީ ހަގީގަތުގައި ޖިޔާންގެ އެޕާޓްމެންޓަކަށް ވާތީއެވެ. އޭނައަށް އެކުވެރިއަކު މާ އަގުހެޔޮކޮށް ދީފައިވާ ތަނެއްކަމުގައި އޭނަވަނީ ބުނެފައެވެ. ހަގީގަތް ކޮންމެގޮތަކަށް އޮތަސް ޖިޔާންގެ އުޅުމުން ބައެއްފަހަރު ކައިލަންގެ ހިތުގައި ނުބައި ޝައްކުތަކެއްވެސް ކުރެވެއެވެ. އޭނަ މަސައްކަތެއް ނުކޮށް އުޅޭމީހާ މާ ބައިވަރު ފައިސާ ހޯދާތަނަކާއިމެދު ސުވާލު އުފެދެއެވެ. 

އެޕާޓްމެންޓްގައި ތިންކޮޓަރި ހިމެނޭއިރު ހޯލެއްހެން އޮތްތަނުގެ އެއްބައި ސޯފާއާއި ޓީވީއަކާއިއެކު ކާރީގައި ޚަރީފުމޫސުމް ރަމްޒުކޮށްދޭ މަސްނޫއީ ގަހެއް ބަހައްޓާފައިވެއެވެ. ރަތާއި އޮރެންޖް ފަތްތައް އެކުލެވޭއިރު ކޮޓަރީގެ ފަރުނީޗަރުވެސް ވަނީ އެފަދަ ކުލަތަކުން ޒީނަތްތެރިކުރެވިފައެވެ. ކައިލަން ފެންވަރާ ތާޒާވެލައިގެން އެތަނަށް ނުކުތްއިރު އޭނަހުރީ ލީވައިސް ޖިންސަކާއި ހުދުކުލައިގެ ގަމީހެއްލައިގެން އަތުކުރި އޮޅާލައިގެންނެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް އޮތުމުން ވަކިން ތާޒާހެން ހީވެއެވެ. ކޮފީމޭކަރުން ކޮފީއެއް ހަދައިގެން މެޗް ބަލަން ޖައްސައިލިތަނާ ޒާޔަލް ގެއަށް ވަނެވެ.

"ކޮބާ ކައި، ޖޮބް ހަމަޖެހިއްޖެތަ؟ " ޒާޔަލް އަހައިލިއެވެ. 
"ނުވާންވީ ކީއްވެތަ؟ އަހަރެން އެހާވަރަށް ދުޢާކޮށްފައޭ ދިޔައީ........" ކައިލަންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ.
"ބޮސް ވަރަށް ފަސޭހައިން ކައިއަށް ޖޮބް ދޭނެއޭ ބުނީމެއްނު، ތިދެލޮލުން ބަލާލައިފިއްޔާ ބޮސް މޮޔަވާނެ، ވަން ލުކް އެންޑް އޭނަ އޮޅިފައި އިނދެ ބުނެފި ދޯ މަސައްކަތަކަށް ނުކުންނާށޭ، ބަލައިގެން އުޅެއްޗޭ...." ޒާޔަލް ހުރީ ދިމާކުރާހިތުންނެވެ. ކައިލަންއާއި ޒާޔަލް ޑޮކްޓަރުކަން ކިޔެވީ ރަޝިއާއިންނެވެ. ދެމީހުންވެސް މެޑިސިން ހަދާނިމިގެން ނޭޕާލަށް ދިޔަގޮތަށް ކައިލަން ޚިޔާރުކުރީ ނަފްސާނީ ދާއިރާއެވެ. ޒާޔަލް ބޭނުންވީ އޮޕަރޭޝަން ޑޮކްޓަރަކަށްވުމެވެ. ޒާޔަލްއަކީ ރާއްޖެތެރޭގެ ޒުވާނަކަށްވެފައި އުޅުނީ ދައްތައެއްގެ ގާތުގައެވެ. ކިޔަވާ ނިމިގެން އައިއިރު އެގޭގައި މީހުން ގިނަވެފައި އަމިއްލަ ތަނެއް ހޯދަން ބޭނުންވިއެވެ. ޒާޔަލްއާއި ޖިޔާން އެކުވެރިވީ ދާދިފަހުންނެވެ. އެއީ ޒާޔަލްގެ އެކުވެރިއެއްގެ އެކުވެރިއެކެވެ. އޭނައަށްވެސް ޖިޔާންއާއި ބެހޭގޮތުން އެހާ ބޮޑު އެއްޗެއް އެނގޭކަމަކަށްނުވެއެވެ. ގެއާއި ކާރީގައި ހުންނަ ދަނޑަށް ފުޓްބޯޅަކުޅެން ގޮސް އުޅުމުގެ ތެރޭގައި އެކުވެރިވިގޮތަށް އޭނަ އެޕާޓްމެންޓެއް ނުލިބިކަން އުޅޭކަން އެގުމުން ޖިޔާން ހިއްސާކުރަން އެއްބަސްވީއެވެ. ކައިލަންގެ އަމިއްލަ ގެއެއް މާލޭގައި ހުރެއެވެ. އޭނަ ހުޅުމާލެއިން ވަޒީފާ ހޯދަންވެގެން ބަދަލުވިތާ އަދި ހަފްތާއެއްހާ ދުވަހެވެ.

"މަށަށް ނޭގޭ އެއްޗަކީ ގެއެއް ހުއްޓާ ކައި މިތަނުގައި އުޅެން ނިންމީމަ..." ޒާޔަލް ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. ސާފުތާހިރުކޮށް އުޅެން ލޯބިކުރާ ޒުވާނުންނަށްވުމުން އެގޭގެ ކޮންމެކަމެއް ވަނީ ތަރުތީބުންނެވެ. އޭނަ ވެސް އުޅެގަތީ ކޮފީއެއް ހަދާށެވެ.
"ފަލަކްނާޒްފަދަ ބޮސް އެއް ލިބުނީމަ ދެން އަންނާނެއްނު، ޕްލަސް އަމިއްލައަށްވެސް ދިރިއުޅެން ދަސްކުރަންވާނެ، މިތާގައި ޖޮބްގައި އުޅޭއިރު ކޯލަށްވެސް އަންނަން ޖެހިދާނެ....." ކައިލަން ޖަހާލައިގެން އިން ސެންޓުވަހުން މުޅި ކޮޓަރިތެރެ އޮތީ އެއްވަސްކޮށްލާފައެވެ. ކައިލަން އަބަދު ހުންނަނީ ފެންވަރާ ތާޒާވެލައިގެންނެވެ. އަންހެންކުއްޖަކާއި ރައްޓެހިކަމެއް ނުވަތަ ނޫންކަމެއް އެންމެ ގާތްއެކުވެރިޔާ އަކަށްވެސް ނޭގެއެވެ. އޭނަގެ ހުންނަނީ ސިއްރުވެރި ގޮތެކެވެ. ކައިލަން އާއިހެދި އަންހެންކުދިން މޮޔަވާވަރު އޭނަދެކެއެވެ. އެވަރުންވެސް ކައިލަން ކޮލެޖްގައި އުޅުނުއިރު އަންހެންކުދިންނާއި ދުރުކަމުން އޭނަ "ނޯމަލް" ބާވައޭވެސް ހިތަށް އަރައެވެ. ފިރިހެނެއްވެއްޖެއްޔާ އެހާ ރީތިކުދިން އުޅޭއިރު ގައިމު އަޅާނުލާ ނުހުރެވޭނެއެވެ. ބައެއްފަހަރު ކައިލަންއާއި އެކީގައި އުޅޭތީ އަންހެންކުދިންނަށް އޭނަ ނުފެންނަހެން ހީވާފަހަރުވެސް އާދެއެވެ. ހިޔަނިފަދައިންނެވެ. އެހާ ރީތިމީހަކު ފެނުމުން އޭނަ އެމީހާގެ ހިޔަނިކަމުގައި ނޫނީ ނުވާނެއެވެ. ޒާޔަލް ކިތަންމެ ބޭނުންވިޔަސް އަބަދުވެސް އޭނައާއި ކައިލަން އެކީގައި ވުމަށް ތަގުދީރުގައިވާހެން ހީވެއެވެ. ސާނަވީ މަދަރުސާއިން ފެށިގެން ޑޮކްޓަރުންނަށް ވުމާއި ހަމަޔަށްވެސް ދެމީހުންވަނީ އެކީގައި ހަޔާތުގެ މައިދާނުގައި ދަތުރުކޮށްފައެވެ. ކައިލަންވެސް ޒާޔަލްއާއިމެދު ދެކެނީ އެއްބަނޑު މީހެއްހެންނެވެ. އޭނަގެ މަންމަގެ ފިރިހެން ދަރިއެކޭ ޒާޔަލް ތަފާތެއް ނެތެވެ.

ކައިލަން އެޕާޓްމެންޓަށް ވަންއިރު ރޭގަނޑު އެގާރަޖަހައިފިއެވެ. މިހާ ލަސްވާންދެން ބޭރުގައި އުޅުމަކީ އޭނަގެ އާދައެއްވެސް ނޫނެވެ. ކައިލަން އެހެން މީހުން ހޭލަފާނެތީ މަޑުމަޑުން ހިނގާލާފައިގޮސް ފްރިޖް ހުޅުވާލިއެވެ. ޖިޔާންގެ ކޮޓަރިތެރެއިން އަންހެންކުއްޖަކު މަޖާވެލާފައި ހަޅޭއްލަވައިގަތްއަޑަށް ތަނުގެ ހިމޭންކަން ފުނޑުފުނޑުވެގެން ދިޔައެވެ. އެކޮޓަރިން އިވޭއަޑުތަކުން އުދަގޫވެގެން އެންމެފަހުން ހެޑްސެޓް ކަންފަތުގައި އަޅައިގެން ހުރެ ލަވައެއް އަޑުއަހަން ފެށިއެވެ. ކުއްލިއަކަށް ކައިލަންގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަންފެށިއެވެ. މިހާ ދަންވަރު އުދަގޫކުރަނީ ކާކުހެއްޔެވެ؟ ކައިލަން ފޯނު ހިފައިގެންގޮސް ކޮޓަރިއަށްވަދެފައި ފައިން ދޮރު ލައްޕާލައިފިއެވެ.

"ކާކުތަ؟" ކައިލަން އަހާލިއެވެ. އެމީހަކު ޖަވާބެއްނުދީ ފޯނު ކަނޑާލައިފިއެވެ.
ކައިލަންގެ ޑިއުޓީގެ ފުރަތަމަ ދުވަހު އެންމެ ކުރިން ދާން ޖެހުނީ އޮފީސްބަޔަށެވެ. ފަލަކްނާޒްގެ ކެބިންއަށް ވަންއިރު ފަލަކްނާޒް ކުރީ ދުވަހަށްވުރެ ރީތިކޮށް ހެދުންއަޅާލާފައި ލުއިކޮށް މޭކަޕްކޮށްލާފައިވެއެވެ. ތަނުގެ ބޮސްކަމުން އޭނަގެ ޝަޚުސިއްޔަތު ވަރުގަދަވެފައި ސީރިޔަސްކަމެއް ހުރެއެވެ. ކައިލަންގެ ގާތުގައި ފަލަކްނާޒް ދެއްކި ހޮސްޕިޓަލުގެ ޕޮލިސީއާއި ތަނުގެ ގަވާއިދު ހަމަޖެހިފައިވާގޮތެވެ. އެންމެފަހުން ކައިލަން ބަލިމީހުން ބަލާ ކޮޓަރިއާއި ހަމަޔަށް އާދެވުނުއިރު ބަރާބަރު ގަޑިއެއް ފާއިތުވެގެން ހިގައްޖެއެވެ.

ކައިލަން ޑިއުޓީ ނިންމާލާފައި މާލެދިޔައީ މަންމަ ގުޅާފައި އަންނަން ދައުވަތު ދިނުމުންނެވެ. ކައިލަންހުރީ ނުތަނަވަސްވެފައެވެ. އޭނަގެ އާއިލާއާއި އޭނަގެ އޮންނަ ގުޅުން ހީނަރުވަމުންގޮސް މިހާރު އޭނަ ބީރައްޓެއްސެއްފަދައެވެ. އެގެއަށް ނުވަންނަތާ މިހާރު ހަފްތާއެއްހާދުވަސް ވެގެން ހިނގައިދާނެއެވެ. މަންމަ އޭނަ މަތިން ހަނދާންކުރަންވީ ސަބަބެއް އޭނައަކަށް ނޭގެއެވެ. ކައިލަން އެގޯޅިގަނޑުން ވަދެގެންގޮސް "ކޫލް ކޮޓެޖް" ބޯޑު ހަރުކޮށްފައިވާ ގެއާއި ދިމާލަށް ބަލައިލިއެވެ. ދެބުރިއަށް ނަގާފައިވާ އެގެއަކީ ކައިލަން އުޅެބޮޑުވި ގެއެވެ. އެގޭގެ ހަތަރުފާރުން އެތެރޭގައި ކައިލަން އުޅުނީ ހައްޔަރުކޮށްފައިވާ ދޫންޏެއް ފަދައިން ބަންދުވެގެންނެވެ. މަންމަ ރުޚުސާނާއަކީ ހަރުކަށިމީހެކެވެ. އޭނައަކީ މަންމަގެ އަދަބު ތަކުރާރުކޮށް އެތައްފަހަރު ލިބި އެކަމުގެ ހިތިރަހަ އަރުގައި ލާފައިވާ ކުއްޖެކެވެ. ހަގީގަތުގައިވެސް އޭނައަކަށް މަޑުން ނުހުރެވެއެވެ. ކޮންމެވެސް ސަކަރާތެއް ޖެހޭނެއެވެ. ބައްޕައަކީ އާއިލާގައި އުޅޭމީހެއްކަމެއް ކައިލަން ނުދަނެއެވެ. ބައްޕަ ގެއިން ފެންނަނީ ނިދާގަޑީގައެވެ. މަންމަ ބުނާގޮތުން ބައްޕައަކީ ވަޒީފާއަށް ދާމީހެއްނޫނެވެ. މަންމަ ބުރަމަސައްކަތުން ހޯދާ ލާރިން ކައިބޮއިގެން އެކުވެރިންނާއިއެކު މަޖާކޮށްލަން އުޅެނީއެވެ. މަންމަ ގެ ކެރިއަރގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުންގޮސް މިހާރު އޭނައަކީ އޮފީހެއްގެ ވެރިއެކެވެ. އަދި ސިޔާސީ ޕާޓީއެއްގެ އިސްއެކެކެވެ. މަންމަ ހުންނަނީ ވަޒީފާއަށްގޮސް ހުސްވެފައެވެ. ފިރިމީހާއާއި ދަރިންނަށްވުރެ ވަޒީފާ އިސްކުރުމުން އޭނަގެ ކުރިމަގު އުޖާލާވީ ހީނުކުރާހާ ބޮޑަށެވެ. ޓީވީއަށް އަރާފައި މަންމަ ދައްކާ ވާހަކަތައް އަޑުއަހަން ކައިލަންއަށް ފަސޭހައެއްނޫނެވެ. ޑޮކްޓަރަކަށްވާން ކައިލަން ނިންމީ ރާއްޖެއިން ބޭރަށް ދެވޭނެ ޓިކެޓަކީ އެއީކަން އެގުމުންނެވެ. ކިޔަވާހިތަކުން ނޫނެވެ. ހޮސްޕިޓަލްތައް ފެނުނަސް އޭނަ ފޫހިވެއެވެ. ކުޑައިރު އަތަށް އަނިޔާއެއްވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހު އެތާތެރޭގައި ދުވި ވަހުން އަނބުރައިގަންނަ ގޮތްވިއެވެ. މަންމަ އެންމެ ކުރިން އެންގީ މާލޭގައި ކޮލެޖްތައް އެބަހުރިކަމުގައާއި ރާއްޖެއިން ބޭރަށް ކައިލަން ފޮނުވަން ބޭނުންނުވާ ކަމުގައެވެ. ކައިލަންގެ އަމާޒަކީ ޑޮކްޓަރަކަށްވުންކަމަށް ބުނުމުން ވިސްނާލާފައި އޭނަ ދަރިފުޅު ކިޔަވަން ބޭރަށް ފޮނުވީއެވެ. ކައިލަންގެ ފިރިހެންކޮއްކޮއަކާއި އަންހެންކޮއްކޮއެއް ހުރެއެވެ. ކައިލަންއާއި މަޝްއަލް ދޮންވެފައި ބައްޕައާއި ވައްތަރެވެ. މިސްކުގެ ކުލަ ލިބިފައިވަނީ މަންމަގެ ފަރާތުންނެވެ. ދިވެހިންގައި ހުންނަ އާއްމުކުލައެވެ. ދޮނެއްވެސް ނޫނެވެ. ކަޅެއްނޫނެވެ. އެކަމާއި މިސްކު އަބަދު ދެރަވެގެން އުޅޭނެއެވެ. ކިޔާނަމަކީ ފިރިހެން ނަމެއްކަމުގައި ބުނެ އެނަމާއި މެދުވެސް މިސްކު ހިތްހަމައެއްނުޖެހެއެވެ. އަންހެންކުއްޖާ ކަޅުވެފައި ފިރިހެންކުދިން ދޮންވީމަ އެކަމާއި ހަސަދަވެރިވާކަމަށް ބުނާނެއެވެ. އިންސާފެއްނޫނޭ ވެސް ކިޔާނެއެވެ. ވިސްނޭވަރުވުމުން މިސްކު އެފަދަ ގޮތަކަށް ވާހަކަ ދައްކައެއް ނަހަދައެވެ. ކުރިން ކައިލަން އެންމެނާއި ދުރުން އުޅުނަސް މިސްކުއާއި ސަކަރާތްޖަހައި ނިކަން ލޯބިން އުޅުނެވެ. ނަމަވެސް އޭނަ ބޭރުގައި ހުރެފައި ޗުއްޓީގައި ރާއްޖެއައިއިރު އެގުޅުންވަނީ މުޅިންހެން ކެނޑިފައެވެ. ކައިލަން ފެނުނީމަ މިސްކު ލަދުން ދުވެފިލައެވެ. ކުރާ ސުވާލަކަށް ނޫނީ ޖަވާބެއް ނުދޭނެއެވެ. މިސްކުގެ ލަދުރަކިކަމާއި ގުޅިފައިވާ ސަބަބެއް ކައިލަންއަކަށްވެސް ނޭގެއެވެ.

ކައިލަން ގެއަށް ވަނީ ސަލާމް ގޮވާލާފައެވެ. މަންމަ ގޭތެރެއިން ނުކުމެގެން އައިއިރު މޫނުމަތިން ފެންނަ ހަރުކަށިކަން ކޮންމެވެސް ވަރަކަށް ނެތިފައިވިއެވެ. މިރޭ މަންމަގެ މޫނު އަލިވެފައިވާތީ ކައިލަން އުފާވިއެވެ.

"ކައިލަން ތިއައީ ނަމާދުކޮށްގެންތަ؟ " ކައިލަންގެ މަންމަ ކުރި ސުވާލަކީ މިވީހާތަނަށް ފަހަރެއްގައިވެސް ކައިލާންއާއި ކުރިކަހަލަ ސުވާލެއްނޫނެވެ. އޭނަ ބޮޑުވެގެން އައިއިރު ބައްޕަވެސް ނަމާދުކުރަން ފަހަތުން ލައިގެން އުޅުނީއެއް ނޫނެވެ. ދިމާވިގޮތަކުން ޒާޔަލްފަދަ ހެޔޮލަފާ ރަގަޅުކުއްޖަކާއި ދިމާވުމުން އޭނަގެ އަޚުލާގަށް އެކަމުގެ އަސަރުކުރިކަމީ ލެއްވި ހެޔޮ ރަހުމަތެވެ. އެކުވެރިން ހޯދާއިރު ރަގަޅުމީހުން ޚިޔާރުކުރަންވީ އެއް ސަބަބަކީ އެއީއެވެ. 
"ލައްބަ މަންމާ..." ކައިލަން ވާހަކަދެއްކީ ރީތިކޮށެވެ.
"މަޝްއަލްވެސް މިހާރު ފާޑެއްގެ ގްރޫޕަކާއި ޖެހިގެން ގެއަށް ނުވަދޭ، މަންމަ ބިރުވެސް ގަނޭ، އޭނަ މިއުޅޭ ގޭންގަކާއި ގުޅިދާނެތީ މަންމަ އެންމެ ދެރަވަނީ، ކުރީގައި އެއޮތް ފަން އިސްތަށިކޮޅެއް، މިހާރު ދިގުކޮށްލީމަ ބުޅިވެގެންގޮސް ހަމަ ޕާޓޭއަކާއި ވައްތަރީ، ބައްޕަވެސް އަންގައިފި އިސްތަށިގަނޑު ކޮށާލަން، އެވަރުންވެސް އެކުއްޖާއަށް އިވޭކަމަކަށް ނުވޭ، މަންމަ އެހާ ހަރުކަށިވީމަކަން ނޭގޭ ކައިލަންވެސް މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެފައި ތިހިރީ...." ރުޚުސާނާ ކައިލަން ގޮވައިގެން ދިޔައީ ކާކޮޓަރިއަށެވެ. މިސްކު ދުވަހަކުވެސް ކައިލަންމެންނާއިއެކު ކާކަށް ނާރާނެއެވެ. ހަނދާން ހުންނަން ފެށީއްސުރެން ކައިލަންގެ ބައްޕަ ފަޒީލްވެސް ކަނީ ކޮޓަރީގައި އިނދެއެވެ. ކާން ފަށާފައި އެކި ވާހަކަދައްކަމުންގޮސް ރުޚުސާނާ ފެށި ވާހަކައަކުން ކައިލަން ކޮށިނޭރީ ހަމަކިރިޔާއެވެ. މިހާ އަވަހަށް މީހަކާއި އިންނަން ޖެހޭކަމަކަށް އޭނަ އަދި ގަބޫލެއްނުކުރެއެވެ. އެއީވެސް ދިރިއުޅުމުގައި އެންމެ މުހިއްމު އެއްކަންތައް ކަމުގައި އޭނަވެސް ދެކެއެވެ. ތަންކޮޅެއް އަވަހީއެވެ.

ކައިލަން ދުވެލާފައި ކަހަލަގޮތަކަށްގޮސް ހޮސްޕިޓަލުގެ ގޯތިތެރެއަށް ވަނީ ބޯކޮށްލި ވާރެއިން ސަލާމަތްވުމަށެވެ. ހީވީ ވާރޭވެސް އެއިސްތަށގަނޑާއި ކުޅެލަން ބޭނުންވިހެންނެވެ. ޝަބްނަމުގެ ތިކިތައް ފަދައިން ވިދަމުންދިޔަ ވާރޭތިކިތައް އަތުން ފޮޅާލަމުން އޭނަ އެނބުރި ބަލައިލީ ކުއްލިއަކަށް އަލިވިހެން ހީވެފައެވެ. ވާރޭވެހެމުން އަވި ދިއްލާލީއެވެ. އާދަޔާޚިލާފު ދުވަހެކެވެ. އޭނަ ދުވެލާފައި ސިޑިން އަރައިގެން ދިޔައިރު ބަލިމީހުން އިންތިޒާރުގައި ތިއްބެވެ. ގޮނޑީގައި ހަމަޖެހިލަމުން އޭނަ ގާތުގައި އިން އެހީތެރިޔާ ގާތުގައި އެދުނީ ބަލިމީހުންނަށް ގޮވުމަށެވެ. އެންމެ ފަހު ބަލިމީހާއަކީ ފުރާވަރުގެ އަންހެންކުއްޖެކެވެ.

"ޕްރައިވެޓްކޮށް ޑޮކްޓަރާއި މީޓްކުރެވިދާނެތަ؟" ބަލިމީހާގެ އެހީތެރިޔާ ސުވާލުކުރިއެވެ.
ކައިލަން ފައިލް ބަލައިލިއިރު އެކުއްޖާގެ ނަމަކަށް އިނީ އަނާއެވެ. ކައިލަން ސުވާލުކުރުމުން އެހީތެރިޔާ ބުނީ އަނާ އެއްގޮތަކަށްވެސް ވާހަކަނުދައްކާތާ ހަފްތާއެއް ވެއްޖެކަމުގައެވެ. މިއީ މިފަދަ ފުރަތަމަ ކޭސްކަމުން ކައިލަންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ކުޑަކުދިން ވާހަކަ ނުދެއްކުމަކީ މިހާރަކަށްއައިސް ދިމާވާ މައްސަލައެކެވެ. އެފަދަ ކުދިން ގޭގައި އުޅޭ މީހުންނާއި ކިތަންމެ ގިނަ ވާހަކަދެއްކިޔަސް ސްކޫލަށް ދިޔުމަށްފަހު އެއްގޮތަކަށްވެސް އަނގަޔަކުން ނުބުނާނެއެވެ. އެ މައްސަލައަށް ކިޔާނަމަކީ "ސިލެކްޓިވް މިއުޓިޒަމް" އެވެ. ބޮޑެތިމީހުންނަށް އެފަދަ ގޮތެއް ދިމާވުން ނާދިރެވެ. ފިލްމުތަކުންނާއި ވާހަކަތަކުން ބޮޑު ހާދިސާއެއް ދިމާވެގެން ވާހަކަނުދެއްކޭ ކުދިން ތިބޭކަމުގައި ދައްކާފައިވިޔަސް އެއީ އެހާ އެކަށީގެންވާކަމެއް ނޫނެވެ. ނަމަވެސް މިހާރު އެކަން ގަބޫލުކުރެވިއްޖެއެވެ. އަނާއަކީ އޭނައާއި ދިމާވި އެފަދަ ފުރަތަމަ ފުރާވަރުގެ އަންހެންކުއްޖާއެވެ.

"ޑޮކްޓަރ، އަޅުގަނޑަކީ އަނާގެ ފްރެންޑެއް، ފެމިލީ މީހުން އެކަން ބޮޑުކަމަކަށް ނަހަދާ، އެމީހުން ބުނަނީ ނަފްސާނީ މީހަކަށް ދެއްކުމަކީ ބޭކާރުކަމެއްކަމަށް، މިއީ ސުޕަރނެޗުރަލް ކަމެއް، ލައިކް ޖިންނިއެއްގެ ކަމަކަށް އެމީހުން ނިންމީ، އެހެންވެ ފަންޑިތަ ހަދަންކަމަށް އުޅެނީ، ޑޮކްޓަރ، އަޅުގަނޑަށް ހީވަނީ އަނާއާއި ޑޮކްޓަރ އެކަނި މީޓްކުރީމަކަން ރަގަޅުވާނީ، އަޅުގަނޑު ބޭރުގައި މަޑުކޮށްލާނަން......" އަންހެންކުއްޖާ ނުކުމެގެން ދިޔުމުން ކައިލަން ހިނިތުންވެލަމުން އަނާއަށް ބަލައިލިއެވެ. އަނާ އިނީ ލަދުގެންފައެވެ. 

"އިޓްސް އޯކޭ، ވާހަކަނުދެއްކިޔަސް އެއީ ހާސްވާން ޖެހޭވަރުގެ ކަމެއްނޫން، މީގައި ނަން ލިޔެދީފާނަންތަ؟ " ކައިލަން ފޮތަކާއި ގަލަމެއް ދިއްކޮށްލަމުން ބުނެލިއެވެ. އަނާ ގަލަމުގައި ހިފެހެއްޓިއިރު އެއަތްތިލަ ކުޑަކޮށް ތެތްވެފައިވާކަން ކައިލަން ފާހަގަކުރިއެވެ. ކަޅުކުލައިގެ އަތްދިގު މިޑީއަކާއި ޖިންސެއްލައިގެން ރީތިކޮށް ހެދުން އަޅާފައިހުރި ކުއްޖެކެވެ. އިސްތަށިގަނޑު އޮތީ މައްޗަށް ނަގާފައި އައްސާފައެވެ. ފުރަތަމަ ކައިލަންއާއި ދިމާލަށް ބެލިގޮތަށް ފަހުން އެސްފިޔަތައް ތިރިކޮށްލައިގެން އިނީ ނުބަލަން ހުވާކޮށްގެން އިންފަދަ ގޮތަކަށެވެ.

"އަނާ ބޭނުން ނެތިއްޔާ ކޮންމެހެން ލިޔާކަށް ނުޖެހޭނެ، މަޖުބޫރުކަމެއް ނޫން...." ކައިލަން ވަގުތު ދޭން ވެގެންނާއި އެކުއްޖާ ލަދުން އުޅޭތީ އެތަނުން ތެދުވެގެންގޮސް ހުއްޓުނީ ކުޑަދޮރުކާރީގައެވެ. މިހާރު އުޑުމަތި ފެންނަނީ އަޅިކުލައިގައެވެ. ވިލާތަކުން ބައްދާލާކަށް މާގިނައިރެއް ނުނެގިއެވެ. އަނާ ކަރުދާހުގައި ގަލަމުގެ ތުނޑު ޖައްސައިލިގޮތަށް ބަލަން އިނީ ކައިލަންއަށެވެ.
"މޫސުން ކިހާ ރީތި، އަނާ އަށް ރަގަޅީ ކޮންކަހަލަ ދުވަސްތަކެއް؟ އަހަންނަށް ވަރަށް ހިތްގައިމު ވާރޭ ވެހުނީމަ..." ކައިލަންގެ އަޑުގައިވަނީ މަޑުމައިތިރިގޮތެކެވެ. އޭރު ވާރޭ ނުވެހުނަސް ވިއްސާރަ ހައްތަހާ ގަދަކުރަނީއެވެ. ކައިލަން ހީކުރިގޮތަށް އަނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހިމޭންކަން ބޭރުފުށުން ފެނުނަސް އެސިކުނޑީގައި ތޫފާންތައް އުތުރިއަރާނެކަން ޔަގީނެވެ. އަނާގެ ހަޔާތުގައި ދިމާވެފައިވަނީ ކޮންފަދަ ކަންތައްގަނޑެއް ބާވައެވެ. ވާހަކަ ނުދައްކަންވީ ކޮން ކަމެއް ފޮރުވަންހެއްޔެވެ؟ އެކުވެރިކުއްޖާއަށްވެސް އެސުވާލުގެ ޖަވާބުތަކެއް ނުދެވޭނެއެވެ. އެންމެންވެސް ހާދަ ފަސޭހައިން ސިހުރު ހާހޫރައަށް އީމާންވެއެވެ. ސިހުރު ނުޖެހޭނެއެކޭ އޭނަ ބުނަނީއެއް ނޫނެވެ. ނަމަވެސް ނަފްސާނީ މައްސަލަތަކަކީވެސް ނެތްކަމެއް ނޫނެވެ. 

ކުއްލިއަކަށް ބާރު ގުގުރިއަކާއިއެކު ކައިލަން އެނބުރިބަލައިލިއެވެ. އަނާ މާބޮޑަށް ބިރުގަތީކަން ނޭގެއެވެ. އޭނަ ހޭވެރިކަން ކުޑަކޮށްލާފައި ދުއްވައިގަތްގޮތަށް އަނގަވަތަށް ވެއްޓުނެވެ. އަނާގެ މޫނު ކައިލަންގެ ފައިތިލަމަތީގައި ޖެހިބާރުވިއެވެ. ސިކުންތުކޮޅަކަށްފަހު އަނާ ފުންމައިގެން ތެދުވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަނގަމަތީގައި އަތްއަޅައިލިއިރު އިންތިހާއަށް ބިރުގަނެ ކަންބޮޑުވެފައިވާކަމުގެ ކުލަވަރު ފެނުނެވެ.

"އާރ ޔޫ ހާޓް؟ "ކައިލަން ސުވާލުކުރުމުންވެސް އަނާ ޖަވާބެއްނުދިނެވެ. އަނާއަށް ބޮލުގެ އިޝާރާތުން ޖަވާބުދެވިދާނެއިރު އެކަންވެސް ކުރާކަށް ބޭނުންނުވަނީކަން ކައިލަން ދެނެގަތެވެ. އެވަގުތު އަނެއްކާވެސް ވިދުވަރުގެ ހުދުއަލިން ބިއްލޫރިތައް ދިއްލުނުތަން ފެނިފައި އަނާ ކަންފަތުގައި އަތްއެޅިއެވެ. އެއަމަލުން ކައިލަންގެ މާޒީ ހަނދާންވާގޮތްވިއެވެ. އޭނަވެސް ކުޑައިރު ގުގުރީގެ އަޑަށް އެގޮތަށް ކަންފަތްމަތީގައި އަތް ނޫނީ ބާލީސްއަޅާނެއެވެ. އޭރު އޭނަ ހާދަ ފިނޑިއެވެ. އަންހެންކުއްޖެކޭ ތަފާތެއް ނެތެވެ.

ކޮމެންޓް 0