އީން ހަސްފަތާލަށް ގެންދެވުނު ޚަބަރު ލިބުމުން، ޔުނާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ގިނައިރުތަކެއްނުވެ، އޭނާ ހުރީ ހަސްފަތާލުގައެވެ. އޭރު އަވަސްފަރުވާދޭ ބައިން، އީން ވޯޑަށް ބަދަލުކޮށްފިއެވެ. ޔުނާން ފެނުމުން، އީން ގަދަކަމުން ހިނިތުންވެލިއެވެ. ހުރިހާ ކަމެއް ރަނގަޅު ކަމުގައި ބުންޏެވެ. އެކަމަކު ޔުނާންއަށް އީން އެނގެއެވެ. އެހެން މީހުން ހަމަޖައްސަން އީން ކިތަންމެ މޮޅަށް ވާހަކަ ދެއްކި ނަމަވެސް، އެ ހާލުގައި އީން ރަނގަޅު ވާނީ ކިހިނެއް ހެއްޔެވެ؟ އީންއަށް ނަފުސާނީގޮތުން ކޮށްފައިވާ އަސަރު ޔުނާންއަށް އެނގެއެވެ. ރޯނެ ވަރަކަށް ރޯން ފުރުސަތު ދޭން އޭނަ ބޭނުން ވިއެވެ. އެކަމަކު އެއީ ނާދިރު ކަމެއްކަންވެސް އޭނައަށް އެނގުނެވެ. އެކި ވާހަކަ ދައްކައިގެން އީންގެ ނުތަނަވަސްކަން ދުރުކޮށްދޭން ޔުނާން މަސައްކަތް ކުރިއެވެ.
އީންގެ ދެ ލޯ ހޯދަމުން ދިޔައީ ކާވިން އެވެ.
********
"މާވަރަކަށް ކާކު ތި ހޯދަނީ؟..." އީން މާވަރަކަށް ދޮރާއި ދިމާއަށް ބަލާތަން ފެނި، ޔުނާން އަހައިލިއެވެ.
"އެއްވެސް މީހަކު ނުހޯދަން..." އީން އެއްބަސްވާކަށް ނޫޅުނެވެ.
"ވަރަށް ތަދުވޭތަ؟..." އީންގެ ޒަޚަމުތައް ދައްކައިލަމުން ޔުނާން ސުވާލު ކުރިއެވެ.
"ނުވޭ..." އީން ހީނގަތީ، ގައިގައި އަޅަމުންދިޔަ ވޭން ސިއްރުކުރުމުގެ ގޮތުންނެވެ. "ހާސްނުވެބަަލަ... މީ ކުޑަކުއްޖެއް ނޫނޭ..."
"ބޮޑެތި މީހުންނަކީ އިހުސާސެއް ނެތް ބައެކޭތަ ތިބުނީ؟..." ޔުނާން ލޯ އަޅައިލިއެވެ.
"މީ ޕޮލިހެކޭ... ވަރުގަދަ ވާނެ..." ޔުނާންގެ ގައިގައި ޖަހަން އީން އޭނާގެ އަތް އުފުލައިލިއެވެ. ޔުނާން އަވަހަށް ދުރަށް ޖެހުނެވެ.
"ދެން ދުވަހަކުވެސް އެކަހަލަ ތާކު އެކަނި ނުހުންނާތި..." ޔުނާންގެ އަޑު ކުރެހުނެވެ.
ޔުނާން އިސްޖަހައިލީ، ދެލޮލަށް ޖަމާވި ކަރުނަތައް އީންއަށް ސިއްރު ކުރުމަށެވެ. އީންއަށް އެކަން އެނގުމުން، ދެރަވިއެވެ. ޔުނާންއެކޭ އެއްވަރަށް އެ ހަނދާން އައުވުމުން އީންވެސް ބިރުގަނެއެވެ. ޖެހިލުންވެއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން، އީން އޭނާގެ ފޯނަށް ބަލާފައި ހޭންފެށިއެވެ. ޔުނާންގެ ނުތަނަވަސްކަން ދުރުކުރެވޭނީ އެހެންކަން އެނގޭތީއެވެ.
********
ހިނގައިދިޔަ ހާދިސާއަށްފަހު، އީންއަށް ކާވިން އާއިމެދު ވިސްނެމުން ދިޔައީ މާ ވަރަކަށެވެ. ހަޔާތުގައިވެސް ދިމާވި އެންމެ ނުރައްކާތެރި ހާދިސާއިން ކާވިން އޭނާ ސަލާމަތްކޮށްދިނުމުން، އީންގެ ހިތުން ކާވިންއަށް ޚާއްސަކަމެއް ދެވުނެވެ. ކޮންމެވެސް ސަބަބަކާއިހުރެ، ކާވިންއަށް ވެސް އޭނަ ހާއްސަވެއްޖެހެން އީންއަށް ހީވިއެވެ.
"އަހަންނަށް ޔަގީން ކާވިން ސަރ އަހަރެން ގައިގަ ބައްދާލިކަން... އާރްރްރް... ކީއްވެތަ އަހަރެންގެ ލޯ މެރުނީ؟... އެއޮއް މުހިއްމު ގަޑީތަ ހަބަރުހުސްވާން އެނގުނީވެސް..." އީން ހިތާއި ހިތުން ޝަކުވާ ކުރަމުން ދިޔައެވެ.
"ޔަގީން ކާވިން ސަރ އަހަރެންދެކެ ލައިކް... އުހުނ... ލައިކްވަންޏާ ކީއްވެ ދުރުކޮށްލަންވީ؟.... އަހަރެންދެކެ އެހާ ރުޅިވެސް އާދޭ... ދެން އެކަމަކު ކީއްވެބާ އަހަރެން ސަލާމަތް ކުރީ؟... ކާވިން ސަރގެ ސަބަބުން އަހަންނަށް އެހެން ދިމާވީމަތަ؟... ނޫނީ އަހަރެން މީ ސަރގެ ޓީމް މީހެއް ވީމަތަ؟..." އީން ހިތާއިހިތުން ވާހަކަ ދެއްކި އެވެ.
ކޮންމެވެސް ބޮޑު ސަބަބެއް ފޮރުވިފައިވާކަމަށް އީންގެ ހިތް ބުނަނީ އެވެ. "އެކްސް" އޭނައަށް ދާރިޔާގެ ނަމުން މުހާތަބުކުރީ ކީއްވެ ހެއްޔެވެ؟ އޭނަ އާއި ދާރިޔާ އެހާ ވައްތަރީ ހެއްޔެވެ؟ އެކަމަކު، އީންގެ އާއިލާގައި އިތުރު ކުއްޖަކު ނުހުރެއެވެ. އީން ގަބޫލުކުރާ ގޮތުގައި ސިފަ ވަކިކުރަން ނޭނގޭ ވަރަށް ވައްތަރުވާނީ، ހަމައެކަނި އެއްމާބަނޑު ކުދިންނެވެ. ފިލްމުތަކާއި ވާހަކަތަކުގައި، ލޭގެ ގުޅުމެއް ނެތް މީހުން ވައްތަރުވިޔަސް، ހަގީގީ ދިރިއުޅުމުގައި އެކަން އެގޮތަކަށް ނުވާނެކަމަށް އީން ގަބޫލު ކުރިއެވެ.
އީން ކުރަމުން އައި އިންތިޒާރަށް ނިމުން އައީ ރޭގަނޑު އަށެއް ވެސް ޖެހި ފަހުންނެވެ. އެއްވެސް މީހަކު ވޯޑުގައި ނެތް ވަގުތެކެވެ. އީން ފާޚާނާއަށް ވަދެފައި ނުކުތްއިރު، ވޯޑުގެ ތެރޭގައި ކާވިން ހުރީ، މާ ބޮނޑިއެއް ހިފައިގެންނެވެ. ހުދު ކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާ އެކެވެ. ރަތްކުލައިގެ ރިބަން ފަށަކުން މާބޮނޑި އައްސާލާފައި އޮތްއިރު، ދެކުލަ ނުހަނު ގުޅެއެވެ. އީންގެ ހިތް ނަށައިގަތެވެ. ހުދާއި ރަތަކީ އީންއަށް އެންމެ ރީތި ދެ ކުލައެވެ.
އީން އަވަހަށް ސޯފާ އާއި ދިމާއަށް ދިޔައެވެ. ސޯފާ ފުހެލާފައި، ޖާގައެއް ހަދައިލިއެވެ.
"އިށީންނަވަންވީ ނޫންތޯ...." ސޯފާއަށް އިޝާރާތްކުރަމުން އީން ބުންޏެވެ.
ކާވިން ފެނުމުން، އީންއަށް އުޅެފައި ނޫޅެވޭ ގޮތެއްވެސް ނޭނގުނެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލައެވެ. އެނދާއި ދިމާއަށް ހިނގައިގަނެފައި އެނބުރި ގޮސް ގޮނޑި ކައިރީގައި ހުއްޓެއެވެ. އީން އުޅޭ ގޮތުން ކާވިންއަށް އުނދަގޫވިއެވެ. އެނދުގައި އޮށޯވެލުމަށް އީންގެ ކައިރިން އޭނަ އެދުނެވެ. އީން އެނދާއި ދިމާއަށް ހިނގައިގަތުމުން، ކާވިން އީންގެ އަތަށް މާބޮނޑި ދިނެވެ. އީންގެ ލޮލުގައި އަޅައިގަތީ، ކާވިންގެ އަތުގައި އަޅާފައި އޮތް ބެންޑޭޖްއެވެ. ވަޅީގެ ހަމަލާގައި ކާވިންގެ އަތް ޒަޚަމުވި ހަނދާންވުމުން، އީންއަށް ހިންދިރުވައިލެވުނެވެ.
އެނދުގައި އިށީނދެލި ނަމަވެސް، އީންގެ ނަޒަރު ހުއްޓިފައިވީ ކާވިން އަށެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖީންސްގައި، ކާވިންގެ ފިރެހެންވަންތަކަން އިތުރުވެފައި ވިއެވެ. މުޅި ތަނުގައި ހިފާލާފައިވީ، ފިރެހެންވަންތަ ސެންޓެއްގެ މީރު ވަހެވެ. އެ ވަހުން އެކަނިވެސް އީންގެ ސިކުނޑި ތާޒާ ވިއެވެ.
"ކިހިނެއް؟..." ކާވިން އަހައިލީ، ބީރައްޓެހި ގޮތަކަށެވެ.
"ރަނގަޅު ސަރ..." އީން ޖަވާބު ދިނީ ރަސްމީކޮށެވެ.
ކާވިންއަށް ނޭނގޭނޭހެން، އީން އޭނާގެ އަތުގައި އޮތް މާބޮނޑީގައި ފިރުމައިލިއެވެ. އީންގެ ތުންފަތުގައި ދުވެލީ، އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ދުވަހަކުވެސް ކާވިންގެ ފަރާތުން އެފަދަ ކަމެއް ވާނޭ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ކުއްލިއަކަށް އެ އުފެދުނު ގާތްކަމުގެ ސަބަބުން، ކުރިން ވީ ހުރިހާ ކަމެއްގެ މަތީން އީން ހަނދާން ނެތުނެވެ.
ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ކުޑަ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދައްކަންވީ ވާހަކައެއް ދެމީހުންކުރެ އެކަކަށް ވެސް ނޭނގުނެވެ. އީން އޭނާގެ ފޯނު ނަގައިގެން އެއަށް ބަލަން އިނެވެ. ކާވިން އިނުމުން އެނދުގައި އޮށޯވެލަންވެސް އޭނަ އިނީ، ނުކެރިފައެވެ. ދޭތެރެއަކުން އެ ނަޒަރު ކާވިންއަށް ހުއްޓެމުން ދިޔައެވެ. ކާވިން އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އެއް އަތް މުށްކަވައިގެން އިންއިރު، ދޭތެރެއަކުން މުށް ހުޅުވައި، ބަލައިލައެވެ. އެ އަތުގެ ތެރޭގައި ކޮންމެވެސް އެއްޗެއް އޮތްކަން އީންއަށް ޔަގީން ވިއެވެ. އެކަމަކު އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ.
އިރުކޮޅަކު ވިސްނަން އިނދެފައި ކާވިން ތެދުވިއެވެ. އީން ހީކުރީ ކާވިން އެތަނުން ދާން އުޅެނީ ކަމަށެވެ. އެހާ އަވަހަށް ކާވިން ދާކަށް އީން ބޭނުމެއް ނުވިއެވެ. ބޭރަށް ނުކުތުމުގެ ބަދަލުގައި ކާވިން ދިޔައީ ސީދާ އީން އާއި ދިމާއަށެވެ. ނޭވާ ހިފަހައްޓާލައިގެން އީން އިނެވެ. އީންގެ ކުރިމަތީގައި ހުއްޓިފައި، ބިރުން އިން އަންހެންކުއްޖާ އާއި ދިމާއަށް އޭނަ ގުދުވެލިއެވެ. މަޑުމަޑުން އުފުލައިލި އަތް، އީންގެ ކަނދުރާ އާއި ދިމާއަށް ގެންދިޔައެވެ. ކާވިންގެ ދެ އަތުގެ ހަރަކާތްތައް ލަހެވެ. އެނާގެ ސިކުނޑި އާއި ހިތް، އަރައިރުންވަމުން ދިޔަ ކަހަލައެވެ. ކުރަން އުޅޭ ކަމެއް ހުއްޓުވަން ސިކުނޑި މަސައްކަތް ކުރަމުން ދިޔައިރު، ހިތް ގޮވަމުން ދިޔައީ އެކަން ކުރުމަށެވެ. ކާވިންއަށް އިޖާބަ ދެވުނީ އޭނާގެ ހިތަށެވެ. އީންގެ ކަނދުރާ އާއި ދިމާއިން ފަހަތަށް އޭނާގެ އަތް ގެންދިޔަ އެވެ. އެންމެ ބީހިލުމަކުން އީންގެ ކަނދުރާގައިވި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ.
އީން ދެލޯ ބޮޑުކޮށްގެން ކާވިންގެ މޫނަށް ބަލަން އިނީ، ބިރެއް ފެނުމުން ބަލާ ހެންނެވެ. ކާވިން ކުރަން އުޅެނީ ކީއް ހެއްޔެވެ؟ ކުއްލިއަކަށް އެހާ ގާތްވީ ކީއްވެ ހެއްޔެވެ؟ އެ ނަޒަރު އީންގެ ކަނދުރާއަށް ހުއްޓިފައިވީ ކީއްވެ ހެއްޔެވެ؟
އިތުރު ކަމަކަށް ވިސްނައިލާނޭ ފުރުސަތެއް އީންއަކަށް ނުލިބުނެވެ. ކާވިން ކުރިއަށްވުރެ ބޮޑަށް އީން އާއި ގާތްވެލައިފިއެވެ. މަޑުމަޑުން އީން އާއި ދިމާއަށް ގުދުވާން ފެށުމުން، އީންއަށް ދެލޯ މަރާލެވުނެވެ.
ކާވިންގެ ނަޒަރު ހުއްޓިފައިވީ، އޭނާގެ އަތުގައި އޮތް ރިހި ފަށަށެވެ. އޭނަގެ މަގުސަދަކީ، އެފަށް އީންގެ ކަރުގައި އަޅުވައިދިނުމެވެ. ކާވިން ބޭނުންނަމަ، އެފަށް އީން އާއި ހަވާލުވެސް ކުރެވުނީހެވެ. އެކަމަކު، އޭނަ އެގޮތް ބޭނުން ނުވީ އެފަދަ ގާތްކަމަކަށް ހުދު އެ ހިތްވެސް އެދި ގޮވަމުން ދިޔައީތީއެވެ. އީންގެ އިސްތަށިގަނޑު އެއްފަރާތަކުން ގެނެސް ކޮނޑުމައްޗަށް ވައްޓައިލުމަށްފަހު، ކާވިން އެ ފަށް އީންގެ ކަރުގައި އަޅުވައިދިނެވެ. އެއަށްފަހު، މަޑުމަޑުން އީން އާއި ދުރަށްޖެހިލިއެވެ. އޭރުވެސް ދެލޯ ހުޅުވައިލަން ނޭނގިފައި އީން އިނެވެ.
އީންގެ މޫނަށް ބަލަން ހުރި ކާވިންގެ މޫނުން ފެންނަމުންދިޔައީ ތަފާތު އަސަރެކެވެ. އީން ފެނުމުން އޭނަގެ ހިތަށް ޒަލްޒަލާއެއް ގެނުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ރީތި ކަމެވެ. އެ މިޒާޖެވެ. ކުޑަވެސް ތަފާތެއް ނެތެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅޭހެން ހީވެ، ކާވިން ދެ ފަހަރަކު އެސްފިޔަ ޖަހައިލިއެވެ. ކަރުނަތައް ހިންދައިލުމުގައި އޭނަ ކާމިޔާބު ހޯދިއެވެ.
********
ޔުނާން ހުރީ، ހަސްފަތާލުގެ ކުރިމަތީގައި ހުރި ފިހާރައެއްގައެވެ. އޭނަ އެތަނަށް ދިޔައީ، އީންއަށް އެއްޗެއް ގަންނާށެވެ. ފަހަރަކު ހަރެއް ބަލަމުންދިޔަ ޔުނާންގެ ލޮލުގައި އަޅައިގަތީ، ހުދު ކުލައިގެ މުސަޅެކެވެ. ކެހެރި ބޯކަމުން މަޑު ފުއްކޮޅެއް ފަދައެވެ. ކުޅޭ އެއްޗެހިތަކެއްގެ ތެރެއިން ފެނުނު އެ މުސަޅުގެ މޭމަތީގައި ހިތެއް ތަތްކޮށްފައި އޮތެވެ.
"ޔޫ އާ މައިން..." ހިތުގައި ލިޔެފައިވާ އިބާރާތްކޮޅު ކިޔައިލުމުން ޔުނާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
އެފަދަ ކެހެރި އެއްޗެއްސަށް އީން ފޯރިހުންނަވަރު ޔުނާންއަށް އެނގެއެވެ. ބައެއްފަހަރު އީން އުޅޭގޮތުން ޔުނާންއަށް ސިފަވަނީ ކުޑަ ކުއްޖެކެވެ. ޔުނާން އެ ހިފައިގެން ކައުންޓަރަށް ދިޔައެވެ. ފައިސާ ދައްކާފައި އެނބުރުނު ވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ، ހަސްފަތާލުގެ ތެރެއިން ނުކުމެގެން ދިޔަ މީހެކެވެ. ކަޅު ފޭރާމުގައި ހުރި އެ މީހާގެ އަމަލުތައް ހުރިގޮތުން، ޔުނާންގެ ހިތުގައި ޝައްކު އުފެދުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ފިހާރައިން ބޭރަށް ނުކުތެވެ. އޭރު އެ މީހަކު ހުރީ ޓެކްސީއަކަށް އަތް ނަގައިގެންނެވެ.
ޔުނާންއަށް އެމީހަކު ފެނުނީ، އެއް އަރިމަތިންނެވެ. އެވަރުންވެސް އެއީ ކާކުކަން އޭނާއަށް އެނގިއްޖެއެވެ. އެމީހެއްގެ ލޯ ކައިރީގައިވި ބޮޑު ލަކުނު ހެއްކަކަށް ފުދުނެވެ.
"އެކްސް..." ޔުނާންގެ ދެލޯ ބޮޑުވިއެވެ.
ޔުނާންއަށް އެ މީހާގެ ކައިރިއަށް ނުދެވެނީސް، އޭނާ ޓެކްސީއެއްގައި ނައްޓާލައިފިއެވެ. ޓެކްސީގެ ރަޖިސްޓްރީ ނަންބަރު ހޯދަން އުޅުނު ނަމަވެސް، އޭނައަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
ދެކޮނޑު އަރުވައިލުމަށްފަހު، ޔުނާން ގޮސް ހަސްފަތާލުގެ ތެރެއަށް ވަނެވެ. އެއީ "އެކްސް" ނޫންކަން އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ޔުނާން އުޅުނީ އެތެރެއަށް ވަންނާށެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ، ލިފްޓް ތެރޭގައި ހުރި މީހަކު ފެނުމުންނެވެ.
"ސަރ!..." ޔުނާންއަށް ބުނެވުނެވެ.
ޔުނާންގެ އަތުގައި އޮތް މުސަޅަށް ކާވިންގެ ނަޒަރު ހުއްޓުނެވެ. އެކަން އެނގުމާއިއެކު، ޔުނާން އަވަހަށް އޭތި އޭނާގެ ފުރަގަހަށް ލައި ފޮރުވިއެވެ.
********
އީން ލޯ ހުޅުވައިލިއިރު، ކާވިންއެއް ނެތެވެ. ދިޔައީ ކޮން އިރަކު ކޮން ވަގުތަކު ކަމެއްވެސް އޭނައަށް ނޭނގުނެވެ. އީންއަށް ފުރަތަމަ ވެސް އަތްލެވުނީ އޭނާގެ ކަރުގައެވެ. އޭނާގެ އަތް ޖެހުނީ، ކާވިން އަޅުވައިދިން ފަށުގެ ފުލުގައެވެ. އަވަހަށް ފޯނު ނަގައި ކެމެރާ ހުޅުވައިލިއެވެ. ރިހި ފަށެކެވެ. ފަށުގެ ފުލުގައި ލާފައިވާ ހުދުކުލައިގެ އަލިމަހުގެ ވިދުން ގަދައެވެ. އީން ހައިރާން ވިއެވެ. އެއީ ކާވިން ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް ކާވިން އޭނަދެކެ ގަޔާވަނީ ހެއްޔެވެ؟
އީންގެ ހަނދާނަށް އައީ، ކާވިން ގާތްވެލި ވަގުތު އޭނައަށް ލޯ މެރުނުކަމެވެ. ވަގުތުން އީންގެ ތަބީއަތު ބަދަލުވިއެވެ. ހާސްވެއްޖެނަމަ، ނިޔަފަތިގަނޑު އަނގަޔަށް ލުމަކީ އީންއަށް އާދަވެފައިވާ ކަމެކެވެ. އެފަހަރު އޭނާއަށް ނިޔަފަތިގަނޑު ހަފައިލެވުނީ، އިނގިއްޔާއިވެސް އެކުގައެވެ.
"އާހްހްހްހް..." އީން ތަދުވެގެން އަތް ހޫރަން ފެށިއެވެ. "އޭނަ ކައިރިވީމަ އަހަރެން ލޯ މެރުނީތަ؟.... ނޫން ނޫން... އަހަންނާ ދޭތެރޭ ކީކޭ ހީކުރާނީވެސް...."
އީން އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހަކުން މޫނު ފޮރުވައިލިއެވެ. މަޑުމަޑުން ހަޅޭއްލަވައިގަތެވެ. ދެތިން ފަހަރު އެ އަމަލު ތަކުރާރު ކުރުމުންވެސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އީންއަށް ބަލައިލެވުނީ، ކައިރީގައި އޮތް މާބޮނޑިއަށެވެ. މާބޮނޑި ގެނެސް މޭގައި ޖައްސާލާފައި، ފަށާއިއެކު ސެލްފީއެއް ނެގިއެވެ. ވަގުތުން އެ ތަސްވީރު ސޯސަލްމީޑިޔާގައި ހިއްސާކޮށްލިއެވެ.
ކާވިން ދިޔަފަހުން ގިނައިރެއް ނުވެއެވެ. އީންއަށް ކާވިންގެ މެސެޖެއް ލިބުނެވެ. އޭގައި އޮތީ އޭނަ އަޅުވައިދިން ފަށް ނުނެގުމަށް އެދިފައެވެ. އަދި އެއީ އީންގެ ރައްކާތެރިކަމަށް ކުރި ކަމެއް ކަމަށާއި، އެކަމުން އެއްވެސް ގޯސް މާނައެއް ނުނެގުމަށް ވެސް އެދިފައި އޮތެވެ. އީންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނަގެ ހަނދާނަށް އައީ، އޭނައަށް ކަންތައް ކުރެވުނު ގޮތެވެ. ކާވިން ގާތްވެލި ވަގުތު ލޯ މަރައިލުން އެއީ އޭނައަށް ހެދުނު އެންމެ ބޮޑު ގޯހެވެ. ކާވިން އެފަދަ ވާހަކައެއް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެ ބުނީ އޭނަގެ އިހުސާސްތައް ހުރިގޮތް އެނގުމުން ކަމަށް އީން ގަބޫލު ކުރިއެވެ. އީން ލަދުން މޮޔަނުވީ ކިރިޔާއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނަ ހީކުރީ، ކާވިންގެ ހިތުން އޭނައަށް ޚާއްސަ މަގާމެއް ދެވުނީ ކަމަށެވެ. އެކަމަކު، އެއީ މުޅީން ކުށްހީ އެކެވެ. އީންއަށް ތުން ފިއްތައިލެވުނެވެ.
ކާވިންގެ މެސެޖުން ހިތަށް ލިބުނު ނުތަނަވަސްކަމުން ދުރުވުމަށް އީން ގުޅީ، އޭނާގެ މަންމަ އަސޫމީ އަށެވެ. އަސޫމީ އަކީ ނިއުޒީލޭންޑް މީހެކެވެ. އެއާއި ޚިލާފަށް އީންގެ ބައްޕައަކީ ރާއްޖެ މީހެކެވެ. އޭނަގެ އުމުރުން އެންމެ އަށް މަހުގައި މައިންބަފައިގެން ކައިވެނި ރޫޅުނެވެ. އޭގެ ފަހުގައި އީން އޭނަގެ މަންމަ އާއިއެކު ދިރިއުޅެމުން ދިޔައީ، ނިއުޒީލޭންޑްގައެވެ. ކައިވެނި ރޫޅުމަށްފަހު، އަސޫމީ އިތުރު ކައިވެންޏެއް ނުކުރެއެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ، ކުރީގެ ދިރިއުޅުން މަތީން، ހަނދާން ނައްތައިލުމަށެވެ.
އަސޫމީގެ ކައިރީގައި އީން އޭނާގެ ބައްޕަގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މައުޟޫޢު އޮޅުވައިލައެވެ. އެ ވާހަކަ ދެއްކުމަށް ހުރަސް އަޅައެވެ. އެ ސަބަބާއިހުރެ، އަމިއްލަ ބައްޕައަކީ ކިހިނެއް ހުންނަ ކާކު ކަންވެސް އީންއަކަށް ނޭނގެއެވެ. އަމިއްލަ ވަޒަންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، އީން އޭނާގެ މަންމައަށް ނޭނގި ދިވެހި ދަސްކުރިއެވެ. މީސްމީޑިޔާއިން ދިވެހި އެކުވެރިން ހޯދިއެވެ. ރާއްޖެއިން ބޭރުގައި ތަމްރީނުތައް ހެދީ، ދިވެހި ފުލުހުންނާއި ގުޅުމުގެ އަޒުމުގައެވެ.
އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު، އީން ރާއްޖެ އައީ، ރާއްޖޭގެ ގިނަ ކަންތައްތަކެއް ދަސްކޮށްގެންނެވެ. ބޭނުމަކަށްވީ، އޭނާގެ ބައްޕަ އާއި ބައްދަލު ކުރުމެވެ. އެކަމަކު، މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް އީންއަކަށް ނުލިބުނެވެ. އެތައް މަސައްކަތަކަށްފަހުގައިވެސް، އީންއަށް އޭނާގެ ބައްޕަ އާއި ބައްދަލުވާގޮތެއް ނުވިއެވެ. އެއީ ކާކުކަން އެނގޭ މީހަކުވެސް ނެތެވެ. އީން ރަޖިސްޓްރީކޮށްފައި އޮތީ ދަފްތަރުގައިކަމުން، އާއިލާގެ މައުލޫމާތު ހޯދޭގޮތެއް ނުވިއެވެ. ފުލުހުންގެ އިދާރާއިން ބައްޕަ އާއި ބެހޭ މައުލޫމާތު ހޯދަން އީން މަސައްކަތް ކުރިއެވެ. އެކަމަކު، އީންގެ މައުލޫމާތުތަކުގެ ތެރެއިން ފެންނަން އޮތީ، ހަމައެކަނި އޭނާގެ ބައްޕަގެ ނަން އެކަންޏެވެ. އިތުރު މައުލޫމާތެއް ނެތެވެ. ފުލުހުންގެ ރެކޯޑުތައް ބަލަހައްޓަނީ ވަރަށް ރައްކާތެރިކޮށެވެ. ކޮންމެ މީހަކަށް އެ ރެކޯޑުތައް ބެލުމުގެ ހުއްދައެއް ނޯވެއެވެ. އެކަން ކުރަން ތިބެނީ، ވަކި ޚާއްސަ ބައެކެވެ. އެއްވެސް ފުލުހަކަށް، އެހެން މީހެއްގެ ރެކޯޑުތައް ބެލެނީ، ފުލުހުންގެ އިސްވެރިންގެ ވަކި ޚާއްސަ ހުއްދައެއް ލިބިގެންނެވެ. އެ ހުއްދަ ލިބެނީ، ހަމައެކަނި ތަހުގީގުތަކާއި ގުޅޭ ކަންކަމުގައި އެކަންޏެވެ. އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް، ބައްޕަ އާއި ގުޅޭ މައުލޫމާތު އީންއަށް އޮތީ ނުލިބިފައެވެ.
(ނުނިމޭ)