ބަރު އަޑެކެވެ. އަޑުން އެކަނިވެސް، އެ މީހާގެ ނުރައްކާތެރިކަން ހާމަވެއެވެ. ޒުލޭހާ ވަގުތުން ހިމޭން ވިއެވެ. ދެ ލޯ ހުޅުވައިލުމެއްނެތި، އޭނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ފަހުގެ އުއްމީދު ގެއްލިފައިވާ މީހަކު ފަދައިންނެވެ. އެސްފިޔަތައް ފޫދުއްވާލާފައި އަންނަމުންދިޔަ ކަރުނަތަކުން ޒުލޭހާގެ ދެ ކޯތާފަތް ވަނީ ތެންމާލާފަ އެވެ.

"ބުނޭ..." އެމީހާ އަމުރު ކުރިއެވެ.

"އަހަރެންގެ ދަރިފުޅު މަރާނުލާ... އޭނާ ދިޔަދީ... އެ ކުއްޖާގެ އެއްވެސް ކުށެއް ނެތް..." ޒުލޭހާގެ އަޑު ތުރުތުރު އަޅައެވެ.

********

(ޓްރިގަރ ވޯނިންގް -- ކްރައިމް ސީން)

********

"ތިކަން ވާކަށް ނެތް...." މަލާމާތުގެ ރާގަކަށް އެމީހާ ބާރަށް ހީގަތެވެ.

ޒުލޭހާއަށް ޝަހާދަތުގެ ދެކަލިމަ ކިޔުނީ ކިރިޔާއެވެ. ތޫނު ހަންޖަރުގެ ޝިކާރައަކަށްވެ، އޭނާގެ ފުރާނަ، މިދުނިޔެއާ ވަކިވެއްޖެއެވެ. ފަހު ނޭވާގެ ވަގުތު ވެސް ޒުލޭހާ ދެ ލޯ ހުއްޓިފައިވީ ލޯބިވާ ދަރިފުޅަށެވެ. ދަރިފުޅުގެ ހާލު ފެނި، ހިތް ފަޅައިގެން ދިޔަޔަސް ކުރެވޭނޭ ކަމެއް ނެތެވެ. އެ ތުއްތު ދަރިފުޅުގެ ހިމާޔަތުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަން އެނގޭ ހާލު، އަމިއްލަ ނަފުސު ކުށްވެރި ކުރާފަދަ ނަޒަރަކުން އެ މޫނަށް ބަލަން އޮއްވައި ޒުލޭހާގެ ފުރާނަ ވަކިވެގެން ދިޔައީ އެވެ.

އަންހެން މީހާ ތިރީގައި ބާއްވާފައި އެ މީހާ ދެން ބަލައިލީ ރޯން އިން ތުއްތު ކުއްޖާ އާއި ދިމާއަށެވެ. އެއްވެސް ރަހުމެއް ނެތެވެ. އެ ކުއްޖާގެ ދެފައިގައި ހިފައި ބަނޑުވަތަށް ވައްޓާލައިގެން ދަމާފައި ގެންދަން ފެށި އެވެ. ތުއްތު ޒަހްރާގެ ރުއިމުގެ އަޑު ގަދަވިއެވެ. އޮޅިގަނޑާއި ހަމައަށް ގޮސްފައި އެ މީހާ ހުއްޓުނެވެ. ޒަހްރާ އުފުލައިލި އެވެ. ޒަހްރާގެ ކުޑަ އަތުން ހިފުނީ އެ މީހާ ލައިގެން ހުރި އަންނައުނުގަ އެވެ.

އެ މީހާ ގަދަކަމުން އެ ކުއްޖާ ދުރުކޮށްފައި، އަނެއްކާވެސް ބަނޑުވަތަށް ވައްޓައިލި އެވެ. މުށްކެވިފައިވާ ޒަހްރާގެ އަތުގެ ތެރޭގައި އެ މީހާ ލައިގެން ހުރި ކެހެރި ޖެކެޓުގެ އެތިކޮޅެއް އޮތެވެ. މެދުގެ އާއި ހަމައަށް ގޮސްފައި އެ މީހާ ހުއްޓުނެވެ. އަތުގައި އޮތް ހަންޖަރު ތުއްތު ކުއްޖާގެ މެޔާއި ދިމާކޮށްފައި ހަރާލީ، އެއްވެސް ރަހުމެއް ނެތި އެވެ. މަރަށް ތެޅެމުންދިޔަ ތުއްތު ކުއްޖާގެ ހަށިގަނޑަށް ބަލަހައްޓައިގެން އެ މީހާ ހުރީ ހެވިފައެވެ.

އެ ކުއްޖާގެ ފުރާނަ ދިޔުމާއިއެކު، އެ މީހާ ތިރިވެފައި ބިންމަތީގައި ބޭންދީ ކުޑަ ފޮއްޓެކެވެ. މަތި ހުޅުވައިލި އިރު، އޭގެ ތެރޭގައި ހުރީ، ތޫނު ހަތިޔާރު ތަކެކެވެ. ފަހަރަކު ހަތިޔާރެއްގައި އަތް ކާއްތަމުން ގޮސް، ވަކި ހިސާބަކުން އެ އަތުގެ ހަރަކާތް ހުއްޓިއްޖެއެވެ. އެ ނަޒަރު ހުއްޓިފައިވީ ފޮށީ ތެރޭގައި އޮތް ކޮޅު ހިމަ، ތޫނު ވަޅި އެއް ޒާތުގެ އެއްޗަކަށެވެ. އެ ވަޅި ނަގައި ކުއްޖާގެ ހަށިގަނޑު އެއް އަރިއަކަށް ވާހެން ބާއްވައިލިއެވެ. އޭގެ ފަހުގައި، ކުއްޖާގެ ކަނދުރާގައި އެ އެއްޗެއްގެ ކޮޅު ކާއްތައިލިއެވެ. އޭނާ ތެދުވީ، ކުރަން އުޅުނު ކަންތައް ނިމުމުންނެވެ. އެ ތުއްތު ކުއްޖާ އެކޭ އެއްގޮތަށް އަންހެން މީހާއަށް ވެސް އެފަދައިން ހަދައިފައެވެ.

********

ފާރަށް އެޅިފައިވި އަލި ނިވުނެވެ. ހުއްޓުން އަރާފައި ހުރި ކާވިންއަށް ހިންދިރުވައިލެވުނެވެ. އައިސްފައިވާ ރުޅިއާއި ހިތަށް ކޮށްފައިވާ އަސަރަކުން އޭނާގެ ދެ ލޯ ވަނީ ކަރުނުން ފުރާލާފަ އެވެ. ދެ އަތް އޮތީ މުށްކެވިފައެވެ. ކޮންފަދަ ރަހުމެއް ނެތް އަމަލެއް ހެއްޔެވެ؟ ފުން ވިސްނުމެއްގައި ހުރި ކާވިން އޭނާގެ ދެ ލޯ މަރައިލި އެވެ. ހުވަފެނެއް ފަދައިން އޭނާއަށް ފެންނަން ފެށީ އިނގިރޭސި އަކުރު ތަކެކެވެ. ފުސްކަމުން އެ އަކުރުތައް ވަކި ކުރާކަށް އެނާއަކަށް ފަސޭހައެއް ނުވިއެވެ. ކުރަންއުޅޭ ކަންތަކަށް ފުރިހަމައަށް ސަމާލުކަން ދެމުން، ކާވިން އޭނާގެ ދެ ލޯ މަރައި ބާރުކޮށްލި އެވެ. މަންޒަރު ސާފުވާން ފެށީ ދެނެވެ. ހުރިހާ އަކުރުތައް، އެކުވިއެވެ. ދެން ފެންނަން ފެށީ ގަދަ އަލި ކަމެކެވެ. އަލިކަމުގެ ތެރެއިން ގަދަ ރަތް ކުލަ އަކަށް ހުރި އޮލަ އެއްޗެހި ތަކެއް ފެންނަން ފެށި އެވެ. އެ އެއްޗެހިތައް މުޅި ތަނަށް ބުރައިގެން ދާން ފެށި ގޮތުން ހީވީ ދުނިޖަހާފައި ދިޔަ ލޭތަކެއް ހެންނެވެ. މުޅި ތަނުގައި ލޭގެ ކޯރެއް ހެދެމުން ދިޔަ އެވެ. އެ ލޭތައް އެކުވަމުން ދިޔަ ވަރަކަށް އެއިން ހެދެމުން ދިޔައީ ރަތް ކުލައިގެ އަކުރެކެވެ.

"އެކްސް..." ކާވިން ކުއްލިއަކަށް ދެލޯ ހުޅުވައިލި އެވެ.

އެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. މާޒީގެ ހަނދާންތަކުން ދުވަހެއް އައިސް އެ ސިކުނޑީގައި ޓަކިދިން ކަހަލަ އެވެ. އޭނާގެ ތަބީއަތު ވަގުތުން ބަދަލުވި އެވެ. ދެލޯ ފެންކަޅިވާން ނެގީ ހިނދުކޮޅެކެވެ. ތަނުގައިވި އަލިކަން ފަނޑުވަމުން ގޮސް، މުޅި ތަން އަނދިރިވި އެވެ. މޭޒުގައި ދެ އަތް ވިއްދައިލި ކާވިން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް ފުންކޮށް ނޭވާ ލާން ފެށި އެވެ.

13 އަހަރު ކުރި

ކާވިންގެ ސޯޅަ އަހަރުވީ އުފަން ދުވަސް ފާހަގަ ކުރުމަށް، މުޅި ގޭތެރެ ވީ ކުލަ ބޮކިތަކުން ޒީނަތްތެރި ކުރެވިފަ އެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ކާވިން ހުރީ، ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ގަޑިން ދަންވަރު ބާރަ ޖަހަން ދިހަ މިނެޓަށް ވީ ތަނައި، ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ.

"ވަދޭ..." ކާވިން ވާހަކަ ދެއްކީ ބޭރުގައި ހުރި މީހަކަށް އަޑު އިވޭ ވަރަށް ބާރަށެވެ.

ކާވިން އޭރުވެސް ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ. އެތެރެއަށް ވަން ދާރިޔާ އޭނާއަށް ފެނުނީ ލޯގަނޑުންނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރިފައި، ދާރިޔާގެ ނަމުން އޭނާ ގޮވާލައިފި އެވެ. ދާރިޔާ ފެނުމުން ކާވިން އުފާވިވަރު، އެ އަޑުން އެކަނި ވެސް އެނގި ހާމަ ވެއެވެ.

ހުދުކުލައިގެ ދިގު ހެދުމެއްގައި ދާރިޔާ ހުރިއިރު، އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ކޮނޑުގެ ދެފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލާފަ އެވެ. ބޮލުގައި ހުދުކުލައިގެ ބޭންޑެއް އަޅާފައިވާއިރު، ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލަ އެވެ. ގުދުރަތީ ރީތިކަމަށް ލޯބިކުރާ ދާރިޔާ އެރޭ ކޮށްފައި ހުރީ އޭނާގެ ދޮން ހަންގަނޑާއި ނުހަނު ގުޅޭ މޭކަޕެކެވެ.

ދާރިޔާގެ އަތުގައި ޕާރުސަލްއެއް އޮތެވެ. ރަތްކުލައިގެ ވިދާ ކަރުދާހަކުން ބަންދުކޮށްފައިވާ ކުޑަ ފޮށީގައި އޮތް އެއްޗެއް ބަލައިލާހިތުން ކާވިންގެ ކެތްތެރިކަން ކޮޅުންލި އެވެ. ކާވިން ވަކި އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓައި، ދާރިޔާ ގޮސް އޭނާއާ ނުހަނު ގާތުގައި ހުއްޓިއްޖެ އެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު، ކާވިންގެ ހިތް އެކީ ދާރިޔާއަށް ހަދިޔާ ކުރެވުނެވެ. ކާވިންއަށް ކުރެވުނީ، އެ ރީތި އަންހެންކުއްޖާ އޭނާގެ ހިތް މޮޔަކޮށްލަން އުޅޭފަދަ އިހުސާސެކެވެ.

ދާރިޔާ އޭނާގެ ދެފައިގެ ކޮޅު ޖައްސައި ހަށިގަނޑު ކުޑަކޮށް މައްޗަށް އުފުލައިލި އެވެ. އޭނާ ދުރަށް ޖެހިލީ، ކާވިންގެ ކޮލުގައި ބޮސްދީފައެވެ.

ކާވިން ހުރީ ދެ ލޯ ބޮޑުވެފައެވެ. ދާރިޔާގެ އެންމެ އަމަލަކުން ލާން އުޅުނު ނޭވާގެ މަތީން ވެސް އޭނާ ހަނދާން ނެތިއްޖެއެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައި ހުއްޓައި، ދާރިޔާ އޭނާގެ އަތުގައި އޮތް ފޮށި އެނދުމަތީގައި ބާއްވާލައިފި އެވެ. ދާރިޔާ ވެސް ހުރީ ލަދުންނެވެ. އެއީ އެފަދަ ކަމެއް އޭނާ ކުރި ފުރަތަމަ ފަހަރެވެ. ކާވިންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު، ދާރިޔާ ހިނގައިގަތީ، އެތަނުން ނުކުންނާށެވެ. ކާވިން ހީކުރީ ދާރިޔާ ކުޑަ އިރުކޮޅަކު އޭނާގެ ކައިރީގައި މަޑުކޮށްލާނޭ ކަމަށެވެ. އުފަންދުވަހުގެ ތަހުނިޔާއާއެކު، ލޯބިވެތި ބަސްތަކެއް ބުނެލާނޭ ކަމަށެވެ. އެކަމަކު ދާރިޔާ މަޑެއް ނުކުރި އެވެ. ހިތް ތަޅުވައިލާފައި، އޭނާގެ ނަޒަރުން ސަލާމަތް ވާން މަސައްކަތް ކުރަނީއޭ ހިތަށް އެރުމުން ކާވިންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ.

ވަކި ހިސާބަކަށް ގޮސްފައި ދާރިޔާ ހުއްޓިއްޖެ އެވެ. ފަސް އެނބުރި ކާވިންއަށް ބަލައިލިއިރު، އެ ތުންފަތް މަތީގައި ވީ ލުއި ހިނިތުންވުމެކެވެ.

"ކާވް!... ބާރަ ޖަހަން ދެ މިނެޓަށް ވީމަ އިނގޭ ނުކުންނާނީ..." ދާރިޔާ ވާހަކަ ދެއްކީ، ނުހަނު ލޯބިންނެވެ. "މިރޭ އެބައޮތް ވަރަށް ބޮޑު ސަޕްރައިޒެއް..."

ކާވިން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ދާރިޔާގެ އަޑުން އެކަނި ވެސް، އޭނާގެ ހިތް ފުރި ބަންޑުން ވެއްޖެއެވެ. ކާވިން ބޯޖަހާލުމާއިއެކު ދާރިޔާ ނުކުމެ، ދޮރު ލައްޕައިލިއެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ކާވިން ހުރީ، ގަޑީގެ ކަށި ހިނގާލެއް ލަސްވެފައެވެ. އިރުއިރުކޮޅުން ގަޑި ބަލާބަލައި އޭނާ ވަރުބަލިވެއްޖެ އެވެ.

ބާރަ ޖަހަން ދެ މިނެޓަށް ވުމާއިއެކު، މުޅި ގެއިން ކަރަންޓް ކެނޑުނެވެ. ކާވިންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ތަންތަނުގައި އަތް ޖައްސަމުން އޭނާ ކޮޓަރިން ނުކުތެވެ.

"މަންމާ!... ބައްޕާ!... ދާޔާ!..." ކާވިން ފަހަރަކު މީހަކަށް ގޮވަމުން ކުރިޔަށް ހިނގަމުން ދިޔަ އެވެ.

ކުއްލިއަކަށް އިވުނީ ދާރިޔާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑު ވެސް އިވިގެން ދިޔަ އެވެ. ކާވިން ހާސްވެގެން އަޑު އައި ދިމާއަށް ދުއްވައިގަތެވެ. އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. ކޮންމެވެސް މީހަކު އޭނާ ކޮއްޕައި މުށިތަކުގެ މައްޗަށް ވައްޓާލައިފި އެވެ. ވިދާލި ވިދުވަރުގެ އަލިން މުޅި ތަން އަލިވެގެން ދިޔައީ ހަމަ އެވަގުތު އެވެ.

ކާވިންގެ ދެ ލޯ ބޮޑު ވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި މީހަކު ފެނުމުންނެވެ. ތޫނު ހަންޖަރެއް ހިފައިގެން، އެ މީހާ ހުރީ، އޭނާގެ މެޔަށް އެ ހަރާލުމަށް ތައްޔާރު ވެލައިގެންނެވެ. ކަޅު ކުލައިގެ މާސްކަކުން މޫނު ނިވާކޮށްފައި ހުރުމުން، އެ މީހެއްގެ މޫނެއް ކާވިންއަކަށް ނުފެނެ އެވެ. އެ މީހާ ލައިގެން ހުރި ހުދު ހެދުމުގެ މޭމަތީގައި ރަތް ކުލައިން، އިނގިރޭސި އަކުރެއް ލިޔެފައި ވިއެވެ.

"އެކްސް..." ހިތާއި ހިތުން އެ ނަން ކިޔާލެވުމާއިއެކު ކާވިންގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

ކާވިން ހުށިޔާރެވެ. އެ މީހާގެ ހަމަލާއިން އޭނާ ރެކިގަތީ ދާދި ފަސޭހައިންނެވެ. އޭނާ ތެދުވެގެން ދުވެފައި ގޮސް ވަނީ، އެއްވެސް މީހަކު ވަނުން މަނާ ކޮށްފައިވާ ކޮޓަރި އަކަށެވެ. އަނދިރިކަމުން ތަނެއް ވަކިނުވާތީ، އޭނާ ހުރީ ބިރުން ސިހިސިހި އެވެ. ކުރިއަށް އަޅާލި ފިޔަވަޅާއިއެކު، ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައި ކާވިން ވެއްޓިއްޖެ އެވެ. އޭގެ މަތީގައި ހުރި އެއްޗެހިތައް ބަންޑުންވީ، އޭނާގެ ގަޔަށެވެ.

ކާވިންގެ ގަޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އޭނާއަށް ކުރެވުނީ، މުޅި ގައިގެ ހަންގަނޑު ވިރިގެން ފޭބި ކަމުގެ އިހުސާސެވެ. ނަގައިގަތް ދިލަ އާއި އެއްވަރަށް، އޭނާގެ މުޅި ގައި ހިރުވައިގަތެވެ. ކަރު ހަލާކުވާހައި ބާރަށް ކާވިން ހަޅޭއްލަވައިގަތެވެ. އެއާއިއެކު، ހަކަތަ ހުސްވެގެން، އޮތް ތަނަށް ދެމިއްޖެއެވެ.

13 އަހަރު ފަސް

ހަށިގަނޑަށް އަރައިގެންދިޔަ ބާރުގަނޑާއިއެކު، ކާވިންއަށް ދެ ލޯ ހުޅުވައިލެވުނެވެ. މާޒީގެ ތެރެއިން ހަނދާނަށް އައި ބިރުވެރި ހާދިސާގެ ސަބަބުން، އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. މުޅި މީހާ ދާހިއްލާ ފޯވިއެވެ. ހުއްޓުމެއްނެތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔަ ކަރުނަތަކުން ދެކޯތާފަތް ތެމުނެވެ.

ކާވިންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި މީހަކީ، "އެކްސް" އެވެ. އޭނާގެ ހަޔާތުން ތޭރަ އަހަރު ހޭދަވެގެން ދިޔައީ، އެ މީހަކު ހޯދުމުގައެވެ. ކާވިން ފުލުހުންގެ ވަޒީފާއާ ގުޅުނު މައިގަނޑު ސަބަބަކީ އެއީއެވެ. އެމީހަކު ހޯދައި، އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުން ނޫނީ ކާވިންގެ ހިތަށް ހަމަޖެހުން ލިބުމެއް ނެތެވެ. އެކަމަކު ތޭރަ އަހަރުވެގެން ދިޔައިރު އެއްވެސް އަލިމަގެއް ނުފެނުނެވެ. އެ މީހަކު އޭނާއާ ކުރިމަތިލާފައެއް ނުވެއެވެ. ގޯނާއެއް ކުރުމަށް މަސައްކަތް ކޮށްފައެއްވެސް ނުވެއެވެ. ކުއްލިއަކަށް "އެކްސް" ގެ އެނބުރި އައުން ކާވިންގެ ހިތުގައި ސުވާލު އުފައްދައިފި އެވެ. އެ މަރުތަކަކީ، އެ މީހަކު ކާވިންއަށް ދިން އިންޒާރަކަށް ވެދާނެ ހެއްޔެވެ؟ ނޫނީ، އެއީ އޭނާ އެނބުރި އައިކަން ކާވިންއަށް އަންގައިލުމަށް ހިންގި ރަޙުމުކުޑަ ޖަރީމާއެއް ހެއްޔެވެ؟

********

އީން ހުރީ ތަހުލީލު ކުރާ ބައިގައެވެ. ފުރާނަ ނެތް ހަށިގަނޑުތައް އޮތީ ހުދު ފޮތި އަޅައި ނިވާކޮށްފަ އެވެ. ފަހަރަކު ހަށިގަނޑެއް ބަލަމުންދިޔަ، އީންއަށް ތަފާތު ކަމަކަށް ފާހަގަވީ، ކުޑަ ކުއްޖާގެ ކަނދުރާގައި ކަނޑާ ނަގާފައިވާ ނިޝާނެކެވެ. ޒަހަމު މާ ފުން ނޫން ނަމަވެސް، ތާޒާ އެވެ. އެ ނިޝާން ޖަހާފައި ވަނީ އެ ކުއްޖާ މަރުވުމުގެ ތަންކޮޅެއް ކުރިން ނުވަތަ މަރުވުމުގެ ފަހުންކަން އީން ދެނެގަތެވެ.

"މީ އަކުރެއްތަ؟..... ނޫނީ ނުބައި ފާހަގައެއްތަ؟......" އީންއަށް ހިތާއިހިތުން ސުވާލު ކުރެވުނެވެ. "އެކްސް....."

އެފަދަ ނިޝާނެއް މަރާލާފައި އޮތް އަންހެންމީހާގެ ކަރުންވެސް އީންއަށް ފެނުނެވެ. އީންގެ ހިތުގައި ސުވާލު އުފެދުނީ ދެން ތިބި ދެ މީހުންގެ ހަށިގަނޑުގެ އެއްވެސް ތަނަކުން އެފަދަ ނިޝާނެއް ނުފެނުމުންނެވެ.

މައިކްރޯސްކޯޕުން އެއްޗެއް ބަލަން އިން ނުހާމްގެ ކައިރިއަށް އީން ދިޔައެވެ. މަރާއިބެހޭ އިތުރު ތަފުސީލު ދިނުމަށް އޭނާ އެދުނީ ނުހާމްގެ ކައިރީގަ އެވެ. ނުހާމަކީ ތަހުލީލުކުރާ ބައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ. ފޮރެންސިކު މަސައްކަތަކީ، ނުހާމު އެންމެ ގަޔާވާ މަސައްކަތެވެ. ކަންކަން ހޯދަން ނުހާމު ކުޅަދާނައެވެ. ހީވެސް ނުކުރާފަދަ ގޮތްގޮތަށް ހެކި ހޯދާލަނީ އޭނާގެ ދަށުން މަސައްކަތް ކުރާ މީހުން ހައިރާންކޮށްލާހާ މޮޅަށެވެ.

ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ނުހާމް ތެދުވިއެވެ. އަތަށް ލައްވާފައިވާ އަންގި ނަގައި ޑަސްބިނަށް ލާފައި، ރަނގަޅަށް ދެ އަތް ދޮވެލިއެވެ.

"ކިހިނެއް ވާނީ ފުރަތަމަ ކޮފީއެއް... ރެއިން ސުރެ ނުނިދާ މިހުރީ... ވަރަށް ވަރުބަލި..." އީންއާ ދިމާއަށް އެނބުރިފައި، ނުހާމް ވާހަކަ ދެއްކީ، ވަރުބަލިވެފައި ހުރިކަން މޫނުމަތިން ދައްކައިލަމުންނެވެ.

އީން ހިނިތުންވެލީ، އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ. ރެއިން ސުރެ އޭނާ ވެސް ހުރީ ނުނިދަ އެވެ. އޭނާ އުޅުނީ ތަހުގީގަށް ބޭނުންވާ ހެއްކާއި މައުލޫމާތު އެއްކުރުމުގައެވެ. އޭނައަށްވެސް ކޮފީއެއް މުހިންމު ވިއެވެ.

ތަހުލީލު ރިޕޯޓުތައް ހިފައިގެން، ދެ މީހުން ގޮސް، ފުލުހުންގެ އިދާރާގެ ކެފޭ ބަޔަށް ވަނެވެ. އޭރު އެތަނުގައި ޔުނާންއާއި ލަޔާން ވެސް ތިއްބެވެ. ކޮފީއެއް ގެނެސްދޭން ބުނެފައި، ނުހާމް ހިނގައިގަތީ، ލަޔާންއާ ދިމާއަށެވެ. ކެފޭގެ ކައުންޓަރު ކައިރީގައި ހުރި އީން ފެނުމާއިއެކު، ޔުނާން ތެދުވެގެން އެދިމާއަށް ދިޔަ އެވެ. އީން ބަލައެއް ނުލި އެވެ. ރެއިން ސުރެ އޭނާ ހުރީ ޔުނާންއަށް ރުޅިމޫނު ދައްކައިގެންނެވެ. ޔުނާން އަބަދު ވެސް މާ ބޮޑަށް ސަކަރާތް ޖަހައި އުޅޭތީ، އެފަދަ ފުރުސަތެއް ނުދޭން، ކުރެވެން ހުރި ހުރިހާ ކަމެއް އީން ކުރެއެވެ.

(ނުނިމޭ)

ކޮމެންޓް 0