ލިޔުންތަކެއް ހިފައިގެން ކާވިންގެ ކެބިންއަށް އައިސް ވަން، ޒަލޫލީ ދިޔައީ ސިއްސައިގެންނެވެ. އޭނަ ދޮރު ހުޅުވައިލި ވަގުތު ކާވިން އޭނާގެ ބޮލުގައި އަތުން ޖަހައިލިތަން ފެނި، ޒަލޫލީ ހުރީ ހަދަންވީ ގޮތެއް ވެސް ނޭނގިފައެވެ. ފޯނަށް ގޮސް ގެއްލިފައި ހުރިވަރުން، ޒަލޫލީ އައިކަމެއް ކާވިންއަކަށް ނޭނގެއެވެ. އެއްޗެއްގައި ސޮއި ކުރަން ޖެހުނަސް، އެއްވެސް މުވައްޒަފަކު ކާވިންގެ ކެބިންއަށް ނުވަދެ ވޭތޯ ބަލައެވެ. ޒަލޫލީ ވެސް އައީ، އިތުރު ގޮތެއް ނެތުމުންނެވެ.

********

އީންއަށް މެސެޖެއް ފޮނުވަން އެއްޗެއް ލިޔެލާފައި ވެސް ކާވިންގެ ޚިޔާލު ބަދަލު ވިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ކޮންމެ ފަހަރަކު ލިޔަން އުޅޭ އެއްޗެއް ފޮހެލައެވެ. ކާވިންއަށް ޒަލޫލީ ފެނުނީ، ސިއްރުން ކެބިން އިން ނުކުންނަން އުޅެނިކޮށެވެ. އެ ނާޒުކު ވަގުތުގައި ޒަލޫލީ ފެނުމުން، އޭނައަށް އައީ މޮޅު ޚިޔާލެކެވެ. ޒަލޫލީއަށް ގޮވައި، ގެނެސް އޭނަ ދައްކައިލީ، އީންއަށް ފޮނުވުނު "ސްޓިކަރ" އެވެ.

"މިސާލަކަށް، މީހުން މަރާ މީހަކު، އަންހެން ކުއްޖަކަށް މިކަހަލަ ސްޓިކަރއެއް ފޮނުވައިފިއްޔާ، އަންހެން ކުއްޖާ ހީކުރާނީ ކީކޭ؟..." ކާވިން ވާހަކަ ދެއްކީ، އޭނަގެ ވިސްނުމަށް އައި އެންމެ މޮޅު ގޮތަށެވެ.

އެތައް އިރަކު ވިސްނަން ހުރެފައި، އެއްޗެއް ބުނަން ޒަލޫލީ އޭނާގެ އަނގަ ހުޅުވައިލިއެވެ. އިންތިޒާރުގައި އިން ކާވިންގެ ކެތްތެރިކަން ކޮޅުންލީ، އެތައް ފަހަރަކު އެފަދައިން ކަންތައްކޮށްފައި ވެސް، ޒަލޫލީ އެއްޗެއް ނުބުނުމުންނެވެ.

"ސަރ!... ކީކޭތޯ ދެންމެ ވިދާޅުވީ؟..." ޒަލޫލީ ހާސްވެފައި ސުވާލު ކުރިއެވެ.

އެތައް އިރަކު މަސައްކަތް ކުރުމަށް ފަހުގައިވެސް، ޒަލޫލީއަށް ކުރެވުނީ ސުވާލެކެވެ. ހާސްވެފައި ހުރިވަރުން ކާވިން ބުނި އެއްޗެއްވެސް އޭނާއަށް ނޭނގުނީއެވެ. ކާވިން އިނީ ރުޅިގަދަވާ ގޮތް ވެފައެވެ. ކުރެވުނީ ބޭކާރު ކަމެއް ކަން އެނގުމުންނެވެ. ގެއްލިގެން ދިޔައީ، ބޭކާރު ވަގުތުތަކެކެވެ.

"އޯކޭ! ދިޔަސް އެންމެ ރަނގަޅު..." ކުރެވުނު ކަންތަކާއި އަމިއްލަ ނަފުސަށް އަޑުލަމުން، ކާވިން ބުންޏެވެ.

********

ދަންވަރުގެ ވަގުތެވެ. ވޯޑުގައި އޮންނަން ފޫހިވެގެން، އީން ބޭރަށް ނުކުމެލިއެވެ. ހަސްފަތާލުގެ ގޯތި ތެރޭގައި ހައްދާފައިވާ ގަސްތައް ދަށުގައި އިށީނދެވޭ ގޮތަށް، ގޮނޑި ބަހައްޓާފައި ހުރެއެވެ. އީން ނުކުމެ، އެތަނުން ގޮނޑިއެއްގައި އިށީނެވެ. ތަނަށް ވެރިވެފައި ވަނީ ފަނޑު އަލި ކަމެކެވެ. އެ އަލިކަމުގައި، އެތަނުގައި މީހަކު އިނަސް، ހަސްފަތާލުގެ ތެރެއަށް ވަދެ ނުކުމެ ހަދާ މީހުންނަށް އެ މީހަކު ފެނުމަކީ ނާދިރު ކަމެކެވެ.

"މަންމާ!... މަންމަ ކޮން ކަމެއްތަ އަހަންނަށް ތި ސިއްރު ކުރަނީ؟..." އީން ދިޔައީ، ފޯނުގެ އިސްކުރީނުން ފެންނަމުންދިޔަ އަސޫމީގެ ތަސްވީރާއި ވާހަކަ ދައްކަމުންނެވެ.

އަސޫމީ ކަންތައް ކުރިގޮތުން އީންގެ ހިތުގައި އެތައް ސުވާލެއް އުފައްދައިފިއެވެ. އަޑި ނޭނގޭ ސިއްރުތަކެއް ހުދު އަމިއްލަ ދިރިއުޅުމުގައި ވާކަމަށް މިއަދު އޭނައަށް ގަބޫލު ކުރެވިއްޖެއެވެ.

"ދާރިޔާ!..." ފުން ނޭވާއެއް ދޫކޮށްލަމުން، އީން ބަލައިލީ، އުޑު މައްޗަށެވެ.

ފޮރުވިގެންވާ އެތައް ސިއްރެއް ވާއިރު، އެ ސިއްރުތައް ހޯދުމަށް އީންގެ ހިތް ވަނީ ބޭގަރާރު ވެފައެވެ. އަސޫމީ އޭނައަށް ސިއްރު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ބައްޕަ އަކީ ކާކު ކަން ބުނެ ނުދޭން، ގަދަ އަޅައި، ފައި ވިއްދަނީ ކީއްވެ ހެއްޔެވެ؟ ދާރިޔާ އަކީ ކާކު ހެއްޔެވެ؟ އޭނަ އާއި ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ އަމިއްލަ އާއިލާގެ އެތައް ސިއްރެއް އެ ވަނީ ކަފުންކޮށް ވަޅުލާފައެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭގެ ފަހަތުގައި ފޮރުވިފައިވާ ރޭވުންގަނޑެއް ވާތީ ހެއްޔެވެ؟ ނޫނީ ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން، ހަގީގަތް ފަސްލައި ފޮރުވީ ހެއްޔެވެ؟

ވިލާތަކުގެ ތެރެއިން ހަނދު ކަޝްފު ވިއެވެ. ހަނދުވަރުގެ އަލިން މުޅި ތަން ދިއްލައިލިއެވެ. އުޑުމަތީގެ ހިތްގައިމު މަންޒަރުތަކަށް ބަލަން އިން އީންގެ ހަނދާނަށް އައީ ކާވިން އެވެ. ކާވިންގެ ވެސް ހުންނަނީ، ސިއްރުވެރި ގޮތެކެވެ. އެ ހުރިހާ ކަމަކާއި، ކާވިން އާއި ގުޅުމެއް ވާނެއޭ އީންގެ ހިތް ބުނީ އެވަގުތުއެވެ.

"މީ ކޮން ކަންތައްގަނޑެއްތަ؟...." އީން ދެލޯ މަރައިލިއެވެ. "އަހަރެންގެ އަމިއްލަ މަންމަވެސް އަހަންނަށް ކަންކަން ސިއްރުކުރަނީ... އެހެން މީހަކަށް ދެން ކުރެވޭނީވެސް ވަކި ކޮން އިތުބާރެއް..."

ހުރިހާ ސިއްރެއްގެ އެންމެ ފުނާއި ހަމައަށް ވާސިލް ވާން އީން ބޭނުން ވެއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ސިއްރުތައް ހޯދުމަށް އޭނައަށް އެހީވާން ހުރީ ކާކު ހެއްޔެވެ؟ އީންއަށް ޔަގީންވި ކަމަކީ އޭނަ ހުއްޓާނީ، އެ ހުރިހާ ސިއްރެއް ހޯދާފައި ކަމެވެ. ކޮންމެފަދަ ހަރުފަތެއް ގިރާކޮށްފައިވިޔަސް މެއެވެ.

ހަސްފަތާލުގެ ތެރެއިން ވަރަށް ބާރަށް ނުކުތް މީހަކު ފެނި، އީން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ކޮރަމުން ކަހަލަ ގޮތަކަށް ދުވަމުންދިޔަ އެ މީހާގެ މިސްރާބު ހުރީ، ހަސްފަތާލުގެ އަނެއް ފަރާތުގައި ހައްދާފައި އޮންނަ ގަސްތަކާއި ދިމާއަށެވެ. ސިއްރުވެރިކަމުން ފުރިގެންވީ އަމަލެކެވެ. ޝައްކު ކުރެވޭ އެތައް ކަމެއް، އެ މީހާގެ އަމަލުތަކުން އީންއަށް ފާހަގަ ވިއެވެ.

އީންގެ ނޭވާ އަވަސް ވިއެވެ. އަތަށް ގުޅާފައިވާ އައިވީ ނައްޓައިލުމަށްފަހު، އައިވީ ގުޅިތަނުގައި ބާރަށް ހިފަހައްޓައިލިއެވެ. ލޭ މަނާ ނުވެދާނެތީ އީން ބިރުގަތެވެ. އެކަމަކު އެހެން ހުރިހާ ކަމަކަށްވުރެ، އެމީހަކު ހޯދުން އީންއަށް މުހިއްމު ވިއެވެ. އެ މީހެއްގެ ފަސްފަހަތުން އީން ހިނގަމުން ދިޔައެވެ. އެމީހާގެ ކޮންމެ އަމަލަކަށް ފާރަވެރި ވަމުންނެވެ. އެ މީހާ ގޮސް ހުއްޓުނީ، ގަސްތަކުގެ ހިޔާ އެންމެ ބޮޑަށް އެޅިފައިވާ ދިމާގައެވެ. ހަނދުވަރު ދީފައިވިޔަސް، ގަހުގެ ހިޔާ އެޅިފައިވާތީ، ތަން އޮތީ، ވަރަށް އަނދިރި ކޮށެވެ. އެތަނުގައި މީހަކު ހުއްޓަސް، ކަޅު ހިޔަންޏެއް ފަދައެވެ.

އެ މީހާ، ފަސްއެނބުރި ބަލައިލަން އުޅުނުހެން ހީވެ، އީން އެތާ ހުރި ގަހަކާއި ނިވާވެލިއެވެ. އިރުކޮޅެއް ފަހުން އޭނަ ބަލައިލިއިރު، އެ މީހަކު ފެންނާކަށް ނެތެވެ.

"ޝިޓް..." އީންއަށް ބުނެވުނެވެ.

********

އާ ދުވަހަކަށް އިރު އެރިއިރު ވެސް، ޔުނާން އާއި ލަޔާން ތިބީ، ތަހުގީގު ހޯލުގައެވެ. އެތަނުގައި ހުރި ދިގު މޭޒު ފުރިފައި ވަނީ، ކަރުދާހުންނެވެ. މުޅީންވެސް ތަހުގީގާއި ގުޅޭ ލިޔުންތަކެވެ.

ރޭގަނޑު ނުނިދާ ހޭލާ ތިބެގެން އެ މީހުން ކުރި މަސައްކަތުން، ތަހުގީގަށް ކުރިއެރުންތަކެއް ލިބުނެވެ. އެކްސް ދިރިއުޅޭ ގެ ކަމަށް ޝައްކު ކުރެވޭ ދެތިން ގެއެއް ޗާޓުން ފާހަގަ ކުރިއެވެ.

ނިދި އައިސް ތާއްޔާ ޖެހިޖެހި އިން ޔުނާން ސިހުނީ، ކޮންމެވެސް މީހަކު އޭނަގެ ބުރަކަށީގައި ޖެހުމުންނެވެ. އޭނަ ބަލައިލިއިރު، ކައިރީގައި ހުރި ނުހާމް ފެނި، މޫނަށް ގޮތެއް ހަދައިލިއެވެ.

"ކަލޭ ނުވާނެ ރަނގަޅެއް..." ދެފަރާތަށްބޯ ހޫރާލަމުން، ޔުނާން ބުންޏެވެ.

"ކިހިނެއްވީ؟... އުއްމީދުކުރި ސޫރަ ނުފެނުނީމަ ދޯ؟..." ނުހާމް ދިމާކޮށްލިއެވެ.

"ކާކުގެ ވާހަކައެއް މިހާރު ތި ދައްކަނީ؟..." ޔުނާންގެ ނިދިވެސް ފިލައިދިޔައެވެ.

"އަންހެނުންނާ ހެދި އުޅޭ މީހުން ފެނެއެއްނު..." ލަޔާން އާއި ދިމާއަށް ނިތް އަރުވައިލަމުން ނުހާމް ބުންޏެވެ. "އެހާ ވަރަށް ސިހޭނީ ގައިމު ކަންތައްގަނޑެއް ހިންގާލާތީތާ..."

"މަށާ ދިމާކުރަންތަ ތިއައީ؟..." ޔުނާން ތެދުވެ، ހިންދެމިލިއެވެ. "ދިމާކުރަން ބޭނުމިއްޔާ ގޮސް، ނިދިފިލާ ކަހަލަ އެއްޗެއް ހިފައިގެން އައިސްބަލަ..."

"އާނ!... އެހެންވެ އެއްނު މިކަހަލަ އެއްޗެއް އަތުޖައްސައިގެން މިއައީ... ގެސްކޮށްބަލަ ކޯއްޗެއްތޯ؟..." ނުހާމް ފަހުރުވެރިވެލާފައި ބުންޏެވެ.

ޔުނާން އަށާއި ލަޔާންއަށް ނުހާމް އާއި ދިމާއަށް ބަލައިލެވުނީ އެކުއެކީގައެވެ. ނުހާމްގެ އަތުގައި ފައިލެއް އޮތެވެ. ގިނަދުވަސްވުމުގެ ސަބަބުން ފައިލުގެ ކުލަ ވަނީ ބަދަލުވެފައެވެ. ޔުނާންއަށް ބަލައިލެވުނީ، ލަޔާން އަށެވެ. ލަޔާން ދެކޮނޑު އަރުވައިލީ، ނޭނގެ އޭ ބުނާ ކަހަލަ ގޮތަކަށެވެ.

"ވަރަށް ހާލުން ލިބުނު އެއްޗެއް މީ... އަނެއްހެން ބުނަންޏާ، ވައްކަމެއް ކޮށްގެން މިކަން މިވީ..." ނުހާމްގެ މޫނުން އުއްމީދުގެ ކުލަވަރު ފެނިގެން ދިޔައެވެ. "މީން ފަހަރެއްގަ އަހަރެމެންގެ ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިދާނެ... އެކަމަކު ބުނަން، މި ފައިލާ ގުޅޭ އެއްވެސް ވާހަކައެއް އިހަށް ކާވިން ސަރއަށް އަންގައިގެން ނުވާނެ..."

"އޭތް... ކަލޭ ވައްކަންކޮށްގެން އެއްޗެހި ގެންނާނެ ކަމެއް ނެތް... ތި ހިފައިގެން އައިތާކަށް ދޭ..." ޔުނާން ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފަ އެވެ. "ކަލޭ ތިއުޅެނީ އަހަރެމެން މަޅިފަތީގަ ޖައްސަން..."

ލަޔާން ތެދުވެގެން ގޮސް ނުހާމްގެ ކައިރީގައި ހުއްޓުނެވެ.

"ޔުނާން، އެހެންވެއޭ އެންމެން ކަލެއަށް ރަނޑު އަންހެނެކޭ ބުނަނީ.... ކަންކަން ކުރެވޭނީ ރިސްކުވެސް ނަގައިގެން..." ނުހާމްގެ އަތުން ފައިލު އަތުލަމުން ލަޔާން ބުންޏެވެ.

ޔުނާން އިރުކޮޅަކު އެއްޗެއް ނުބުނެ ލަޔާންގެ އަތުގައި އޮތް ފައިލަށް ބަލަން ހުއްޓެވެ. ދެން ކުއްލިއަކަށް ގޮސް ފައިލު ދަމައިގަތެވެ. ފައިލު ހުޅުވައިލީ، ޔުނާން އެވެ. ފުރަތަމަ ގަނޑުގެ މަތީ ކަނުގައިވާ ތަސްވީރު ފެނުމާއިއެކު، ޔުނާން ސިހިފައި ލަޔާންގެ މޫނަށް ބަލައިލީ، ބިރެއް ފެނުމުން ބަލައިލާ ހެންނެވެ.

"އީން؟..." ޔުނާންގެ ދުލުން ބޭރުވީ، އީންގެ ނަމެވެ.

"ކީއްވެ އީންގެ ތަސްވީރެއް މި ފައިލުގަ އޮންނަންވީ؟..." ޔުނާން ސުވާލުކުރީ ނުހާމަށް ނަޒަރު ހުއްޓައިލަމުންނެވެ.

"އީންގެ ތަސްވީރެކޭ؟..." ޔުނާންގެ އަތުން ފައިލު އަތުލަމުން ލަޔާން ބުންޏެވެ.

ފައިލުގައިވާ ތަސްވީރު ފެނުމާއިއެކު، ލަޔާންއަށް ވެސް ވީ، ޔުނާންއަށް ވީވަރެވެ. ލަޔާން އަވަސް އަވަހަށް ފައިލުގެ ގަނޑުތައް އުކާފައި އޭގައި ލިޔެފައި އޮތް އެއްޗެއް މަތިމަތިން ބަލައިލިއެވެ.

"ދާރިޔާ..." ފައިލުގައިވާ މައުލޫމާތުތައް ކިޔަން ހުރި ލަޔާންއަށް ބުނެވުނެވެ. ފައިލުން ނަޒަރު ވަކިކޮށްލައި ޔުނާންގެ މޫނަށް އޭނަ ބަލައިލިއެވެ. ޖަވާބެއް ބޭނުންވާފަދަ ނަޒަރަކުންނެވެ. "މީ އީންއެއް ނޫން... މީގެ ތޭރަ އަހަރު ކުރީގެ ފައިލެއް މީ..."

ފައިލުގައިވާ މައުލޫމާތުތައް ކިޔައިލުމުން ޔުނާނަށްވެސް ހައިރާންކަމެއް ލިބުނެވެ.

"ސަސްޕެކްޓް އެކްސް؟...." ޔުނާންގެ ހިތުގައި ސުވާލު އުފެދުނެވެ. "މީގަ ބުނާގޮތުން ސަސްޕެކްޓަކީ އެކްސް ކިޔާ މީހެއް... ކޮންކަހަލަ ނަމެއް؟... ބޭރުމީހެއްބާ؟..."

"އަހަންނަށް ހީވަނީ މި ކޭސް އަދިވެސް މިއޮތީ ސޯލްވް ނުވެހެން..." ލަޔާން އޭނައަށް ވިސްނޭގޮތް ހާމަކުރިއެވެ. "ސަސްޕެކްޓް އެކްސް މި ކުއްޖާ މަރާލާފަ ފިލީ... އޯ ހީ ވެނިޝްޑް.... ނޫނީ މިހާ ދުވަސްވާއިރު މަރުވެސް ވެދާނެ... ފުލުހުންނަށް އެއީ ކާކުކަން ނުހޯދޭތީ، އެކްސްގެ ނަމުން ނަންދީފަ މިއޮތީ... އެކަމަކު، މި ކޭސް ކްލޯސްކޮށްފަ މިއޮތީ ކީއްވެބާ؟...."

"ތިއަށްވުރެ މާ ބޮޑު ސުވާލެއްނު އަހަރެން ކުރީ..." ފިކުރެއްގެ ތެރެއަށް ގޮސް ގެއްލިފައި ހުރި ޔުނާން ވާހަކަ ދެއްކިއެވެ. "މި ކުއްޖާ، އީންއާ އެހާ ވައްތަރީ ކީއްވެހޭ؟... އަނެއްކާ މީ އީންގެ ފެމެލީ ކުއްޖެއްބާ؟... އެކަމަކު، މި ކުއްޖާގެ ފެމެލީގެ އެއްވެސް މީހެއްގެ މައުލޫމާތެއްވެސް މިފައިލުގަ ނެތް..."

"މަށަށް ވެސް ވީ، ތިވަރޭ..." ނުހާމް ބުންޏެވެ. "އަނެއްކާ ކުއްލިއަކަށް އެކްސްއެއް އައުމާ، މީހުންތަކެއް މެރުމާ، އީންއަށް ގެއްލުން ދިނުމާ، މިހުރިހާ ކަމެއް އެއްކޮށްލީމަ، މިފައިލާ ގުޅުމެއް ވާކަމަށް ޝައްކެއް ނުކުރެވޭތަ؟..."

"ސީކްރެޓް ރެކޯޑްސްގެ މީހަކު އަތުޖެހޭތޯ އެބަ ބަލަން..." ލަޔާން އޭނާގެ ފޯނު ނަގައި ނަންބަރަކަށް ގުޅަމުން ބުންޏެވެ. ކުޑައިރުކޮޅަކު މަސައްކަތް ކުރުމަށްފަހު، ލަޔާން އެ މަސައްކަތް ހުއްޓައިލިއެވެ.

"ކަމެއް ޖެހިގެން ގުޅާއިރަކު އެކަކުވެސް ފޯނެއް ނުނަގާނެ..." ލަޔާން ރުންކުރުވާގޮތް ވިއެވެ. "ކޮންމެ މީހަކު ގެންގުޅޭނެ މޮޅުހެން ހީވާ ދެތިން ހަތަރު ފޯނު... ވާކަމެއް ހަރާން..."

ނުހާމާއި ޔުނާން އެކަކު އަނެކަކަށް ބަލާލާފައި، އަތުގައި އޮތް ފޯނުތައް އަވަހަށް ޖީބަށް ލިއެވެ.

"ތީގަ އޮތް އައިޑީ ނަންބަރު ކިޔާބަލަ..." ކޮމްޕިއުޓަރުގެ ކައިރިއަށް ޖެހިލަމުން، ލަޔާން އެދުނެވެ.

ތިން މީހުންވެސް އަވަސްވެގަތީ، ދާރިޔާ އާއި ބެހޭ މައުލޫމާތު ހޯދުމަށެވެ. ފުލުހުންގެ ޚާއްސަ ޑޭޓާބޭސްގައި ހުރި މައުލޫމާތުތައް ބަލައިގެން އެ މީހުންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ދާރިޔާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ރެކޯޑުތަކުގައި ފެންނަން ނެތެވެ. ނުވަތަ އެ މައުލޫމާތުތައް ވަނީ ފުލުހުންގެ ޑޭޓާތަކުން ފޮހެލާފައެވެ.

********

ދުވަސް ފެށުނުއިރު އީންގެ ތަބީއަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވެއްޖެއެވެ. ބޭރުފުށުން ލިބުނު އަނިޔާތަކުގައި މަލަން އަޅައި ފަރުވާ ކުރެވުނު ނަމަވެސް، ކުރިމަތިވި ބިރުވެރި ހާދިސާގެ މަތިން އޭނަ ހަނދާނެއް ނުނެތެއެވެ. ދެލޯ މަރާލައިފިނަމަ، ދެންމެ ވީކަމެއްހެން އީންގެ ކުރިމަތީގައި އެ ބިރުވެރި ހާދިސާ ސިފަވެއެވެ.

އީން ގެއަށް ދޫކޮށްލަން އެދުނު ނަމަވެސް، ހަސްފަތާލުން އެ ހުއްދައެއް ނުދިނެވެ. އަރާމު ކުރާކަށް އީން ބޭނުމެއް ނުވިއެވެ. ނަރުސްކުދިންނަން ނުފެންނާނޭހެން ފިލައިގެން އޭނާ ހަސްފަތާލުން ނުކުތެވެ. އެކަނިވުމުން އީންއަށް މާ ބޮޑަށް ފިކުރު ކުރެވެނީއެވެ. ބޭކާރު ޚިޔާލުތައް ގިނަވަނީއެވެ.

އީން އެންމެ ފުރަތަމަ ވެސް ދިޔައީ، ފުލުހުންގެ އިދާރާ އަށެވެ. އޭރު، ތަހުގީގު ހޯލުގައި ލަޔާން އާއި ޔުނާން ތިބީ އޮލަ ވާހަކައެއްގައެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް، ތިން މީހުން ސިއްސައިލުމުގެ ގޮތުން، އީން ޚިޔާރުކުރީ ތަނަށް ވަނުމަށް އާއްމުކޮށް ބޭނުންކޮށް ނޫޅޭ ދޮރެކެވެ.

"އަހަންނަށް ފެންނަނީ، ލަސްނުކޮށް ތިކަން އޭނައަށް އަންގަން..." ނުހާމް ލަފާ ދިނެވެ.

"އުހުނ... ތިކަމެއް ނުވާނެ..." ޔުނާން ދެކޮޅު ހެދިއެވެ. "އީންއަށް ވާނެގޮތަކާ ދޭތެރޭ ކަލޭމެން އެކަކުވެސް ވިސްނާލިންތަ؟... ވިސްނާލަބަލަ، އޭނައަށް މިކަންތައް އެނގުނީމަ ވާނެގޮތް... އެއްކަމެއް ނުނިމެނީސް، އަނެއްކަމެއް ކުރިމަތިވީމަ، ކިހިނެއް ވާނީ؟... އޭނައަކަށް ހޭންޑްލްއެއް ނުކުރެވޭނެ... މިކަން އީންއަށް ސިއްރުކުރުން އެންމެ ރަނގަޅު ގޮތަކީ..."

އެތެރެއަށް ވަދެގެން ދިޔަ އީންއަށް އިވުނީ ޔުނާންގެ ފަހު ޖުމްލައިގެ އަޑެވެ. ވަގުތުން އީންގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓް 0