ވެއްޓި ޖެހުނުގޮތަކުން އީންގެ ދެ ކަކުލާއި، އުޅަނބޮށި އަދި ދަތްދޮޅިއަށް އަނިޔާ ވިއެވެ. ބައެއް ތަންތަން ވަރަށް ބޮޑަށް މަށައިގެން ދިޔައެވެ. ވަމުންދިޔަ ތަދަކަށް ބެލުމެއްނެތި، އޭނައަށް ފުރަތަމަ ވެސް ބަލައިލެވުނީ، އެ މީހަކު ކޮބައިތޯއެވެ. އޭރު އޭނާގެ ފަހަތުގައި ވެއްޓިފައި އޮތް މީހާ ތެދުވަނީއެވެ. އީންގެ ދެ ލޯ ބޮޑުވިއެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ.
*********
އެ މީހެއްގެ މޫނު ވަނީ ކަޅު ކުލައިގެ މާސްކަކުން ނިވާކޮށްފައެވެ. ބޯ ނިވާކޮށްލާފައި ވަނީ، ކަޅު ތޮތްޕަކުންނެވެ. އިސްކޮޅުން ދިގު މީހެކެވެ. ލައިގެން ހުރި ކަޅު ފަޓުލޫނާއި، ހަމަ އެކުލައިގެ އަތްދިގު ޓީޝާޓުގެ ސަބަބުން، އަނދިރީގައި އެ މީހަކު ވަކި ކުރާކަށް އީން އަކަށް ނޭނގުނެވެ. އެ މީހާ ހުރި ގޮތުން ކޮންމެވެސް ނުބައެއް އުޅޭ ކަމަށް އީންގެ ހަވަނަ ހިއްސު ބުނެދިނެވެ.
އީންއަށް ތެދުވެވުނީ އުނދަގުލުންނެވެ. އޭރު އެ މީހަކު ދުއްވައިގަނެފިއެވެ. އޭނާ ކޮރަމުން ދިޔަގޮތުން، ފަޔަށް އަނިޔާވެފައިވާކަން އީންއަށް އެނގުނެވެ. ކޮރަމުން ކަހަލަ ގޮތަކަށް އީން ވެސް އެ މީހާގެ ފަހަތުން ދުއްވައިގަތެވެ. ވަކި ހިސާބަކުން އޭނައަށް އެ މީހަކު ގެއްލިއްޖެއެވެ. ހަތަރު އަނގޮޅީގެ މެދުގައި އީން ހުރީ، ދާންވީ ދިމާއެއް ނޭނގިފައެވެ.
އީން އެނބުރި އޭނާ އައިކޮޅަށް ހިނގައިގަތް ތަނައި، ފެނުނީ ކުރިމަތީގައި އައިސް ހުއްޓުނު ކާވިންއެވެ. ކާވިން ހުރީ ހާސްވެފައެވެ. ވަށައިގެން ބަލަމުން ދިޔަގޮތުން ހީވީ، ހިނގައިގެން އުޅޭ ކަމެއް އެނގިގެން ދުވެފައި އައި ހެންނެވެ. ކާވިން ބަލައިލުމުން، އީން ދެ ފަރާތަށް ބޯ ހޫރާލިއެވެ. އެ މީހަކު އަތެއް ނުވިއޭ ބުނާކަހަލަ ގޮތަކަށެވެ.
"ޝިޓް ޝިޓް ޝިޓް..." އެކި ދިމަދިމާއަށް ބަލަމުންދިޔަ ކާވިންއަށް ގޮތް ހުސްވި ކަހަލައެވެ.
"ސޮރީ ސަރ!..." އީން އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.
ދެ މީހުން އެނބުރި އައި ކޮޅަށް ދިޔައެވެ. ކާވިންގެ ފަހަތުގައި ހުރި އީންއަށް ހިނގެމުން ދިޔައީ، ކޮރަމުން ކަހަލަ ގޮތަކަށެވެ. އޭރު ހަލާކުވެފައިވާ ތަންތަނުން ދިލަނަގާތީ، އޭނަގެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައި ވިއެވެ.
ފެހިޒާދީ ގޭގެ ބޭރުގައި ހުއްޓިފައި، ސަލާން ގޮވާލީ އީންއެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ދޮރުވެސް ހުރީ، ހުޅުވާފައެވެ. އީން ހާސްވެފައި ކާވިންގެ މޫނަށް ބަލައިލިއެވެ. ކާވިން އޭނާގެ ލޮލުގެ އިޝާރާތުން އެދުނީ، މަޑުމަޑުން އެތެރެއަށް ވަނުމަށެވެ. އީން އޭނާ ގެންގުޅޭ ޚާއްސަ ހަތިޔާރު ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ. އޭގެ ފަހުގައި އޭނަ މަޑުމަޑުން ގޭތެރެއަށް ވަނެވެ. ފުރަތަމަ ފިޔަވަޅާއި އެކުވެސް، އީންއަށް އޭނާގެ މޫނު އަނބުރައިލަން މަޖުބޫރުވީ އަނެއް ފަރާތަށެވެ.
ގެއަށް ވަންނައިރު، އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ ގޮތަށް ހުރި ކޮޓަރީގެ ދޮރުމަތީގައި އޮތީ، ލެއިން ތަތްތެޅިފައި އޮތް އަންހެނެކެވެ. އީންގެ ފަހަތުން އެތެރެއަށް ވަން ކާވިން ދުވެފައި އަންހެން މީހާގެ ކައިރިއަށް ދިޔައެވެ. ލެއިން ތަތްތެޅިފައި އޮތީ، ނިޔާމާގެ މަންމަ ހަމްދޫނާއެވެ. ހަމްދޫނާގެ ކަރަށް ދީފައިވާ ހަމަލާގެ ސަބަބުން އޭރުވެސް ދުނި ޖަހާފައި ލޭ އަންނަމުން ދިޔައެވެ. އެ ހަށިގަނޑުގައި ފުރާނަ ހުއްޓެއް ކަމަކު، މަރަށް ތެޅެނީއެވެ. ވިންދު، ހިނދެއް ހިނދަކަށް ދަންވަމުން ދިޔައެވެ.
ކާވިން އޭނާގެ އަތްދަނޑި މައްޗަށް ހަމްދޫނާގެ ހަށިގަނޑު އުފުލައިލިއެވެ. ދުވެފައި ދަމުން އޭނަ އީންގެ ކައިރީގައި އެދުނީ ތަޙުލީލު ޓީމަށް ގުޅައިގެން އެތަނަށް ގެނައުމަށެވެ. އެއްވެސް ހެއްކެއް ދޫކޮށްލުމެއްނެތި، ތަންތަން ރަނގަޅަށް ބެލުމަށް އޭނަ އެދުނެވެ.
އީން ހުރީ، ބިރުންނެވެ. ލިބިފައިވާ ސިހުމުގައި އޭނާއަށް ފިޔަވަޅެއް ވެސް އަޅައިލަން ނޭނގުނެވެ. އަނބުރައިގަންނަން އުޅޭ ހެންވެސް އޭނައަށް ހީވިއެވެ. އެހާ ބައިވަރު ލޭ ފެނުމުން އީންއަށް އޯކާދެމެން ފެށުނެވެ. އޭނާ ނުހާމަށް ގުޅާފައި ބޭއްވިއިރު، ހޮޑުލެވިއްޖެއެވެ. ހިއްވަރުކޮށްފައި، އީން ކުރިއަށް ހިނގައިގަތެވެ. ތަޅުމުގައިވާ ލޭތަކުގައި ނުޖެހި، ހަމްދޫނާ އޮތް ކޮޓަރި ތެރެއަށް އޭނަ ދެމިގަތެވެ. އެތެރޭގެ އެކި ތަންތަނަށް ނަޒަރު ހިންގަމުން ދިޔައިރު، އީން ހުރީ، ބިރުން ސިހިސިހިއެވެ.
ކޮޓަރީގައި ބަހައްޓާފައިވާ ސާޅީސް ދެ އިންޗީގެ ޓީވީ ހުރީ އަޅުވާފައެވެ. ފަންކާގެ ފިޔަތައް ލަސްލަހުން އެނބުރެމުން ދިޔައެވެ. ހަމަލާ ދީފައިވަނީ، ހަމްދޫނާ ޓީވީ ބަލަން އިންދައި ކަން އެނގުނީ، ފަންކާ އާއި ދިމާގައި ބަހައްޓާފައިވާ ސަރަންފީ ގޮނޑީގައި ވާ ލޭގެ ނިޝާނުގެ ސަބަބުންނެވެ. ކޮޓަރި ތެރޭގައި އިތުރު މީހަކު ނެތެވެ. އީން ގޮސް ފާހާނާގެ ދޮރު ހުޅުވައިލިއެވެ. އެތަނުގައި ވެސް މީހަކު ނެތެވެ.
ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކަށް ބަލަން އީން ހުއްޓެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ، އޭނަގެ ފަހަތުގައި އައިސް ހުއްޓިލި މީހެއްގެ ހިޔަންޏެވެ. އެމީހެއްގެ ދިގު ހިޔަނި، ފާރަށް އެޅިފައިވާގޮތުން އީންގެ ހިތް ބިރުން ވިރުނެވެ. މޭ ފަޅާލާފައި ހިތް ހީވީ، ބޭރަށް ފުންމައިލި ހެންނެވެ. އޭނަ އާއި ދިމާއަށް އެމީހަކު އަތް އުފުލައިލި ތަން ފެނުމުން އީން ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އަތުގައި އޮތް ހަތިޔާރުގައި އީން ބާރަށް ހިފަހައްޓައިލީ، ރައްދުގައި އެމީހަކަށް ހަމަލާއެއް ދިނުމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
އީން ފަސްއެނބުރުމުގެ ކުރިން، އެ މީހަކު އޭނަގެ އަނގަ އާއި ނޭފަތް މަތީގައި އަތް އަޅައިފިއެވެ. ސަލާމަތްވުމަށް އީން ތެޅިގަތެވެ. އެކަމަކު އިސާހިތަކު އެ ހަށިގަނޑުގެ ވަރު ދޫވެގެން އެ މީހެއްގެ އަތުގެ ތެރެއަށް ދެމިއްޖެއެވެ.
********
ހަސްފަތާލުގެ ގޯތި ތެރޭގައި ބަހައްޓާފައިވާ ގޮނޑިއެއްގައި ޔުނާން އިނީ، ފޮތަކާއި ގަލަމެއް ހިފައިގެންނެވެ. ކައިރީގައި އިސްޖެހިފައި އިނީ، ޒުހޭލާގެ ކޮއްކޮ ފިރާޝާއެވެ. ވާހަކަ ނުދެއްކިގެން އޭނަ އިނީ، ދެ ތުންފަތް ފިތާލައިގެންނެވެ. ދޭތެރެއަކުން ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލައެވެ. ފިރާޝާ އެއްޗެއް ބުނާނެ ވަގުތެއްގެ އިންތިޒާރުގައި ޔުނާން އިނެވެ. ދިހަ ވަރަކަށް މިނެޓު ފާއިތުވީ އިރުވެސް ފިރާޝާ އަކަށް ވާހަކަ ދެއްކުނު ކަމަކަށް ނުވިއެވެ. އޭނަ އެންމެ ފަހުން ފޫހިވެގެން ފޯނު ނަގައި އީންއަށް މެސެޖެއް ފޮނުވައިލިއެވެ.
"އަހަންނަށް ޔަޤީން މީ އެ ނަސީމް ކުރި ކަމެއް ކަން..." ކުރެހިފައިވާ އަޑަކުން ފިރާޝާއަށް ބުނެވުނީ އެހެންނެވެ.
ފޯނަށް ގޮސް ގެއްލިފައި އިން ޔުނާން އަވަހަށް ފޯނު ޖީބަށް ލިއެވެ. އޭނަ ފިރާޝާގެ ވާހަކައަށް ފުރިހަމަ ސަމާލުކަން ދިނެވެ. ފިރާސާ ބުނި ވާހަކަ ފޮތުގައި ނޯޓު ކުރިއެވެ.
"ކީއްވެ ތިހެން ތިބުނީ؟..." ޔުނާން ސުވާލު ކުރިއެވެ.
"ދައްތަ އެންމެފަހުން ދިޔައީ އެގެއަށް... އެ ނަސީމް ކައިރިއަށް... އޭގެ ފަހުން ދައްތައަށް އެހެން އެވީ..." ފިރާޝާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔައެވެ.
"އަހަރެން އަޑުއެހިން އެ ނަސީމަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެކޭ ކިޔާ އަޑު... ވެދާނެ ދައްތައަށް އެކަން ފަޅާއެރީމަ ކަމަށް އެހެން އެ ހެދީ..." ކަރުނަ ފޮހެމުން ފިރާޝާ ބުންޏެވެ.
ޒުލޭހާ އާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވެ، ފިރާޝާގެ ހިތް ވަނީ ކުދިކުދިވެފައެވެ. އެ ހަނދާނަށް އަންނަމުން ދިޔައީ، ޒުލޭހާ އޭނައަށް ކޮށްދިން ކަންކަމެވެ. އާއިލާގައި ތަނަވަސްކަން ނެތުމުގެ ސަބަބުން ކިޔެވުމުން މަހުރޫމްވެގެން ހުރެ، ފިރާޝާއަށް ކިޔަވައިދިނުމަށް ވެދިން ޤުރުބާނީއެވެ. ބަދަލުގައި އޭނައަށް ކޮށްދެވުނު ކަމެއް ނެތެވެ. ދެވުނީ ޒުލޭހާގެ ހިތުން ނުފިލާނޭ ހިތާމަތަކެވެ. ދުލުން ބޭރު ކުރެވިފައިވީ، ހިތުގައި ޖައްސައި ރޮއްވާލާވަރުގެ ވިހަގަދަ ބަސްތަކެވެ. ކުރާނީ ކީއް ހެއްޔެވެ؟ ގިނަ ފަހަރަށް މީހެއްގެ މުހިއްމު ކަން ވިސްނެނީ އެ މީހަކު އަބަދުގެ އަބަދަށް ވަކިވެގެން ދިޔުމުންނެވެ.
ފިރާޝާގެ ބަޔާން ނިމުމާއިއެކު، ލަޔާން އަންނަންދެން ޔުނާން ދުރުގައި މަޑުކުރީއެވެ. ލަޔާން އިނީ މުޙައްމަދުފުޅުގެ ބަޔާން ނަގާށެވެ. ފިރާޝާ އާއި ޚިލާފަށް މުޙައްމަދުފުޅު އިނގިލި ދިއްކުރީ ނަސީމްގެ ބައްޕަ ރަޝީދަށެވެ.
"ނަސީމަކީ ވަރަށް ރަނގަޅު ކުއްޖެއް... މަޑުމަޑުން އޭނަ ހުންނާނީ... ދެ ކުދިން ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެ.. އެކަމަކު، ދެ މީހުން ވަރިވީ، އެކަކު އަނެކަކާ ދޭތެރޭގައި ވިސްނާފަކަމަށް އަހަރެން ގަބޫލު ކުރަނީ..." މުޙައްމަދުފުޅުގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. "ނަސީމަށް މަޖުބޫރު ކުރަނީ އޭނަގެ ބައްޕަ ރަޝީދު.... ދަރިން ބޮޑެތިވީމަ، އެކުދިންގެ އަމިއްލަ ނިންމުންތައް ނިންމަން ފުރުސަތު ދޭންވާނެ.... އެއީ އަހަރެން ގަބޫލުކުރާގޮތް... އެކަމަކު އަހަރެން މިއަދު ހިތަށް އަރާ، ޒުލޭހާއާ އެކީ ކުޑަ މަންޖެ ނުފޮނުވުނު ނަމައޭ... އެކަމަކު ކީއްކުރާނީ... ތަގުދީރުގަ ވާން ހުރި ގޮތަކަށްތާ ކޮންމެ ކަމެއް ވެސް ވާނީ... ވީކަމެއް ބަދަލެއް ނުކުރެވޭނެ..."
ބަޔާންތައް ނިންމާފައި ޔުނާން އާއި ލަޔާން މިޝްރާބުޖެހީ، ފުލުހުންގެ އިދާރާއަށް ދިޔުމަށެވެ. ޕާކުކޮށްފައިވާ ސައިކަލާއި ދިމާއަށް ހިނގަމުން ދިޔައިރު، ދެ މީހުން ވެސް ތިބީ ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ.
"އެ ދެ މީހުންގެ ކައިވެނި ކުރިއިރު، އެ ކައިވެނީގަ ވެސް ރަޝީދު ބައިވެރި ނުވާ ކަމަށް ވަނީ... ވެދާނެ ރަޝީދުގެ ނުފޫޒު މާ ގަދަވީމަ ކަމަށް ދެ މީހުން ވަރިވީ... އެކަމަކު، ދެމަފިރިންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ... ވަރިކޮށްފަ ވެސް އުޅެމުން އައީ އެހާ ލޯބިންކަމަށް ވަނީ... ބަރާބަރަށް ބައްދަލު ކުރޭ... އެހެންވީމަ، ރަޝީދު ހިތްހަމަނުޖެހިގެން އެ ދެ މީހުންގެ ދުވަސް ދުއްވާލީ ކަމަށް ވާނީ..." ލަޔާން ވާހަކަ ދެއްކީ އޭނައަށް ހީވާ ގޮތަށެވެ.
"އެކަމަކު، ރަޝީދު ތިބުނާ ވަރަށް ނުރުހެންޏާ، ދެ މީހުން އެގެއަށް ގޮސް، ބައްދަލު ކުރާނެހެން ހީވޭތަ؟... ނަސީމް އެ އުޅެނީ ރަޝީދުމެންނާ އެކީ އެއް ގެއެއްގަ... ޒުލޭހާގެ ގެއަށް ނަސީމް ނާންނަނީ ކީއްވެޔޯ؟... ހީވޭތަ، މުޙައްމަދުފުޅު އެހަދަނީ ތެދެއް ހެން... އޭނަގެ އެބަހުރި ސިއްރުވެރި ގޮތެއް... މަ ދެކުނީމޭ އޭނަގެ ފައިގަ މަލަންކޮޅެއް އަޅާފަ އިންދާވެސް..." ޔުނާން އޭނާގެ ނިތްކުރިމަތީގައި އަތް ކާއްތައިލިއެވެ. "އާޙް... މި ކޭސް މިވީ ހާދަ ކޮމްޕްލިކޭޓެޑް އެއްޗަކަށޭ... މިކަމާ ވިސްނާ ވިސްނާ މިހާރު ބޮލުގަވެސް ރިއްސަން ފަށައިފި...."
"ހަމަޖެހިގެން ހުރޭ..." ޔުނާންގެ ބުރަކަށީގައި ޖަހައިލަމުން ލަޔާން ބުންޏެވެ. "އަހަންނަށް އައިއްސި ވަރަށް މޮޅު ޚިޔާލެއް... ހިނގާ ސަރ މެންނާ އެކީ އޮފީހުން މީޓް ކުރަމާ... އެންމެން އެއްވެލާފަ މި ވާހަކަ ދައްކާނީ..."
ސައިކަލަށް އަރައަރައި ހުއްޓައި، ޔުނާންގެ ފޯނަށް މެސެޖެއް އައެވެ. ފޯނަށް މެސެޖެއް އައިކަން އެނގިއްޖެނަމަ، ވަގުތުން ފޯނު ބަލައިލުމުގެ އާދަ ޔުނާންގެ ކިބައިގައި ހަރުލާފައި ހުރެއެވެ. އެއީ އިސްކޫލް ދައުރޫއްސުރެ އޭނަގެ ކިބައިގައި ހަރުލާފައިވާ އާދައެކެވެ. ފޯނު ބަލައިލުމާއިއެކު، ޔުނާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ފޯނު އަތުން ދޫވެގެން، ނުވެއްޓުނީ ކިރިޔާއެވެ. ދެ ފައިގެ ވަރު ދޫވެގެން، އޭނަ ސައިކަލުގައި ބާރަށް ހިފަހައްޓައިލިއެވެ.
"ކިހިނެއްވީ؟..." ސައިކަލަށް އަރައި، ހަމަޖެހިލަމުން ލަޔާން ސުވާލު ކުރިއެވެ.
ޔުނާންއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނައަށް، ދިއްކޮށްލެވުނީ، ފޯނެވެ. ފޯނުގައި އޮތް އެއްޗެއް ބަލައިލުމާއިއެކު، ލަޔާންއަށް ވެސް ވީ، ޔުނާންއަށް ވީ ވަރެވެ.
ފުލުހުންގެ ރަސްމީ ގްރޫޕްގައި އެވަނީ އީން ގެއްލުނު ވާހަކަ އިއުލާންކޮށްފައެވެ. އެންމެންވެސް އެމީހަކަށް ވީ ވަރަކުން އީން ހޯދުމަށް މަސައްކަތްކޮށް، ކެތްތެރިކަމާއި ސާބިތުކަންމަތީ ތިބުމަށް ފުލުހުންގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔާ އެދިލައްވާފައި އޮތެވެ. އެއާއިއެކު، އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފައި ހުއްޓެވެ. އެއްބަޔަކު ބުނީ، އީން މިހާރު ވާނީ މަރާލާފައި ކަމަށެވެ. އަނެއްބަޔަކު ބުނީ، އީން ރަހީނުކުރީ ކަމަށެވެ. އަދި އެއީ ފުލުހުންގެ ފަރާތުން ކުރަމުން އައި ތަހުގީގަށް އެޅި ހުރަހެއް ކަމަށެވެ.
އީން އެންމެފަހުން ޚަބަރެއް ވެފައިވަނީ ހަމްދޫނާގެ ގޭގައި ހުރެފައެވެ. އެއީ ފޮރިންސިކު ޓީމު ފޮނުވައިދިނުމަށް އެދި އީން ނުހާމަށް ގުޅި ވަގުތުއެވެ. އީން ކުރި ކޯލާއިއެކު، ނުހާމް އެ ގެއަށް ދިޔައީ، ބަރާބަރު ދިހަ މިނެޓު ފަހުންނެވެ. ނުހާމްމެން ހަމްދޫނާގެ ގެއަށް ދިޔައިރު، އީން ނެތުމުން ސުވާލު އުފެދުނީއެވެ. އަނެއްކޮޅުން، ހަމްދޫނާގެ ކޮޓަރިތެރެއަށް އީންގެ ފޯނު ވެއްޓިފައި އޮއްވާ ފެނުމުން، ބަޔަކު އީންއަށް ގެއްލުމެއް ދިނީކަމަށް އެންމެންނަށްވެސް ގަބޫލު ކުރެވުނެވެ.
"އޭނަ އެކަނިތަ އެތާ ހުރީ؟..." ޔުނާންއަށް އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. "ކާވިން ސަރ ކީއްވެ އީން އެކަނި ބަހައްޓާފަ ދިޔައީ؟..."
"ޔުނާން!..." ވިސްނައިދޭ ކަހަލަ ރާގެއްގައި ލަޔާން ގޮވާލިއެވެ. "ހާލަތުގެ ގޮތުން ކާވިން ސަރއަށްވެސް އިތުރު ގޮތެއް ނޯންނާނެއެއްނު... ކްރައިމް ސީން ދޫކޮށްލާފަ ނުދެވޭނެ... އަނެއްކޮޅުން މީހެއްގެ ފުރާނަ... ފުރާނަ ސަލާމަތްކުރުންވެސް އެއީ މުހިއްމު ކަމެއްދޯ..."
"އެކަމަކުވެސް...." ޔުނާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް ވައްދައިލިއެވެ. "އެކަމަކުވެސް އީންގެ ރައްކާތެރިކަމަށްވެސް އޭނަ ވިސްނަންޖެހޭނެ..."
"އީންއަކީވެސް ފުލުހެކޭ..." ލަޔާން ބުންޏެވެ. "ފުލުހަކަށްވެހުރެ، ފުލުހެއްގެ ޒިންމާ އީންވެސް އަދާކުރަން ޖެހޭނެ... ކަމެއް ވާނެކަމެއް ދުރާލާ އެއްވެސް މީހަކަށް ނޭނގޭނެ..."
********
ކާވިންގެ ދެ އަތް ވަނީ މުށްކެވިފައެވެ. ފެހިޒާދީ ގޭގެ ތެރޭގައި އޭނަ ހުރިއިރު، އެ އަތުގައި އީން ގެންގުޅުނު ހަތިޔާރު އޮތެވެ. ކާވިންގެ ދެ ލޯ ވަނީ މަޑު ނޫކުލައަކުން ދިއްލިފައެވެ. މަޑުމަޑުން އީން ގެއްލުނު ހާދިސާ އޭނަގެ ލޯ މަތީގައި ސިފަވާން ފެށިއެވެ. އީން ހަބަރު ހުސްވެގެން އެމީހެއްގެ އަތްދަނޑިމައްޗަށް ދެމުނުކަން އެނގުމާއިއެކު، ކާވިންގެ ނޭވާ އަވަސްވިއެވެ.
"ޔޫ!...." ކާވިން ހަޅޭއްލަވައިގަތެވެ.
ފެހިޒާދީ ގޭގެ ތެރެއިން ނުކުމެގެން ކާވިން ހިނގައިގަތީ ކުރިއަށެވެ. ހީވަނީ ދާންވީ މިޝްރާބު ކޮންމެވެސް ގޮތަކުން އޭނައަށް އެނގެމުން ދިޔަ ހެންނެވެ. ކާވިންގެ ދެ ލޮލުން ދިއްލިފައިވާ މަޑު ނޫކުލައިގެ އަލިކަމުގެ ތެރެއިން، ފާޅުވާންފެށީ ރެދަންފުއްތަކެއް ކަހަލަ ކުދި އަލިކޮޅުތަކެކެވެ. އެ އަލިކޮޅުތައް ފިޔަވަޅުތަކެއް ފަދައިން ބިންމަތީގައި ކުރެހެމުން ދިޔައެވެ.
(ނުނިމޭ)