"ހަމްދޫނާ!... ތިކަހަލަ ވާހަކަ ނުދައްކާ... ނިޔާމާއާ އެކީއޭ ރާއިދު ވެސް ދުނިޔެ ދޫކޮށް އެދިޔައީ... އެ އާއިލާއަށް ވެސް ހަމަ މިހާ ހިތްދަތިކަން ލިބޭނެއެއްނު..." އިގުބާލް މަސައްކަތް ކުރީ ހަމްދޫނާއަށް ވިސްނައިދެވޭތޯއެވެ.
ފިރިއެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް އިގުބާލް އިނީ ތައްޔާރަށެވެ. ދަރިފުޅުގެ ކުއްލި ވަކިވެދިޔުމުން އެ ހިތަށް އަސަރު ކުރި ނަމަވެސް، އަނބިމީހާގެ ހިތްވަރު ދެރަނުކުރާން, ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލާން އޭނާ އިނީ އަޒުމު ކަނޑައަޅައިގެންނެވެ.
********
ކުއްލިއަކަށް އިވުނީ މަގުމަތިން މީހަކު ހަޅޭއްލަވާ އަޑެވެ. މާ އަޑުގަދަވެގެން އިގުބާލް ބޭރަށް ނުކުތެވެ. އޭރު ރާއިދުގެ މަންމަ ހަފީޒާ މަގުމަތީގައި ހުރެގެން ހަޅޭއްލަވަނީއެވެ. ފިރިމީހާ ޖުނައިދު އޭނާގެ އަނބިމީހާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހަފީޒާ އުޅުނީ، ގޭތެރެއަށް ވަދެގަންނާށެވެ.
"ކަލޭގެ ދަރި ނިޔާމާގެ ސަބަބުން މިހުރިހާ ކަމެއް މިވީ... އެންމެ ފުރަތަމަ ދުވަހުވެސް އެ ދެ މީހުންގެ ގުޅުމަށް އަހަރެން ހުރަސްއެޅީ އެހެންވެ... ބަލާބަލަ ކަންތައް ވީގޮތް... އަހަރެންގެ ދަރިފުޅު ކާލައިގެން ކަލޭމެން ދެ މީހުންނަކަށް ވެސް އުފަލަކު ނޫޅެވޭނެ... އަހަރެން ކަލޭމެން ދެ މީހުން ވެސް މަރާލާނަން..." ހަފީޒާ ރޮއެރޮއެފައި ހަޅޭއްލަވަމުން ދިޔައެވެ.
"ހަފީޒާ!... ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟..." ޖުނައިދު ހަފީޒާގެ ދެކޮނޑުގައި ހިފައި، ތަޅުވައިގަތެވެ.
"ޖުނޭދު!... އަހަރެން ދެން ކިހިނެއް ހަދާނީ؟..." ހަފީޒާގެ އަޑު ކުރެހުނެވެ.
"މީ، އަހަރެމެންނަށް މިންވަރު ކުރެއްވި ގޮތް ހަފީޒާ..." ޖުނެއިދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. "އަހަރެމެން ވާނެ ކެތްތެރިވާން..."
********
އީން އިނީ، ތަހުގީގު ކުރާ ބައިގަ އެވެ. ކާވިން ބުނި ގަޑީގެ ދިހަ މިނެޓު ކުރިން އޭނާ ތަހުގީގު ހޯލަށް ގޮސް، ވޭދަނަ އާއި ގުޅޭގޮތުން ދައްކާނެ ވާހަކަތަކަށް ތައްޔާރުވެލިއެވެ. ގަޑި ޖެހެން ބަރާބަރު ފަސް މިނެޓަށް ވުމާއިއެކު، ދޮރު ހުޅުވާލި އަޑު އިވުނެވެ. ކާވިން ކަން އެނގުމުން އީންގެ ހިތް ތެޅިގަތެވެ. ނުބަލަން އިނަސް، އޭނާގެ ނަޒަރު ކަސިޔާރުވެގެން ގޮސް، ދޮރާއި ދިމާއަށް ހުއްޓިއްޖެއެވެ. ދޮރުން އެތެރެއަށް ވަދެގެން އައި ކާވިންގެ އެއް އަތުގައި ލިޔުންތަކެއް އޮތެވެ. އަނެއް އަތުން ފޯނު ހިފަހައްޓައިގެން ހުރިއިރު، އެ ނަޒަރު ހުއްޓިފައިވީ، ފޯނުގެ އިސްކްރީނަށެވެ. ކަޅުކަނގަދަ ދެބުމަ ކައިރިވެފައިވާގޮތުން، ބަލަން ހުރި އެއްޗެއްގެ މުހިންމު ކަން ދޭހަވެއެވެ. އާދައިގެ މަތީން ހުދު ކުލައިގެ އަތްދިގު ގަމީހަކާއި، ކަޅު ފަޓުލޫނެއްގައި ހުރިއިރު، ކާވިންގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާ ކަމެވެ. ކާވިން އެތެރެއަށް ވަނުމުން މުޅި ތަނުގައި ހިފައިލީ، މީރު ސެންޓެއްގެ ވަހެވެ.
ކާވިންއަށް އީން އެތަނުގައި އިންކަން ނުވެސް އެނގޭ ކަހަލައެވެ. ނޫނީ ގަސްދުގައި ނޭނގޭކަމަށް ހެދީއެވެ. އޭނާ އީން އާއި ދިމާއަށް ބަލައިލުމެއް ވެސް ނެތި ގޮސް، ރިޔާސަތުގައި ބަހައްޓާފައިވާ ގޮނޑީގައި އިށީނެވެ.
ނުހާމް އާއި ލަޔާންގެ އިތުރުން ޔުނާން އެތެރެއަށް ވަނީ ކާވިންގެ ފަހަތުން ކަހަލަ ގޮތަކަށެވެ. އީން ތެދުވެގެން ގޮސް، ޕްރޮޖެކްޓަރ އަޅުވައިލިއެވެ. އެންމެން ހަމަޖެހިލުމުން، އޭނާ ފުރަތަމަ ހުޅުވައިލީ މަރުވެފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ލިޔުންތަކެވެ.
"އާއިޝަތު ޒަހުރާ ނަސީމް... އުމުރު، އަށް މަސް..." ތަސްވީރުން ފެންނަމުންދިޔަ ކުޑަ ކުއްޖާ ދައްކައިލަމުން، އީން ކިޔައިދޭން ފެށިއެވެ. "މަންމަގެ ނަމަކީ ފާތުމަތު ޒުލޭހާ... ބައްޕަގެ ނަމަކީ އަހުމަދު ނަސީމް... ކައިވެންޏަށް ހަތަރު މަހުގަ ދެމަފިރިން އެއްބަސްވެގެން ކައިވެނި ވަނީ ރޫޅާލާފަ... އޭގެ ފަހުގައި ޒަހުރާ އުޅެމުން ދިޔައީ އޭނާގެ މަންމަ އާއި އެކު، މަންމަގެ އާއިލާގެ ކައިރީގަ..."
ކާވިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ތޫނު ދެލޯ އަމާޒުކޮށްލީ، ކުރިމަތީގައި ހުއްޓިލައިގެން ހުރި އީންގެ ދެލޮލަށެވެ. ޖެހިލުންވީވަރުން، އީންގެ އަތުގައި އޮތް ރިމޯޓު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.
"ދެ މީހުން ވަރިވާން ޖެހުނީ ކީއްވެ؟..." ކާވިން ސުވާލު ކުރިއެވެ.
ކާވިންގެ ލޮލުން ތަފާތު ކަމެއް އީންއަށް ފާހަގަ ވިއެވެ. ވިލު ނޫކުލައިގެ ކަޅި، ދިއްލުނުހެން އޭނާއަށް ހީވިއެވެ. އެކަމަކު އިންސާނެއްގެ ދެލޯ ދިއްލެންވީ ކީއްވެ ހެއްޔެވެ؟ އެއީ ހީވި ހީވުމެއްކަމަށް ނިންމަން އީންއަށް މަޖުބޫރުވިއެވެ. އިރުކޮޅެއް ވީއިރުވެސް އޭނާއަށް ހުރެވުނީ ކާވިންގެ ދެލޮލުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ.
ކާވިން އިސްޖަހައިލިއެވެ. އީންއަށް ވީގޮތް އޭނާއަށް އެނގުނީއެވެ. ޔުނާން ހީކުރީ އީން ބިރުގަތީ ކަމަށެވެ. އޭނާ އަވަސް އަވަހަށް ކަރު ކެހިލިއެވެ. އީންއަށް ހަމަހޭވެރިކަންވީ ދެނެވެ. ކާވިންގެ އެންމެ ނަޒަރަކުން ވެސް، އޭނާ ޖެހިލުން ވަނީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހިތް ތެޅިގަންނަނީ އޮބި ނޯންނަ ވަރަށެވެ. ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ؟ އެއީ ދުވަހަކު ވެސް މީހަކު ފެނުމުން އޭނާއަށް ވީގޮތްތަކެއް ނޫނެވެ.
"ރަށުގެ ބައެއް މީހުން ބުނާގޮތުން، އެ މީހުންގެ ކައިވެންޏަކީ، ނަމަކަށް ކުރެވުނު ކައިވެންޏެއް... އެހެން އެކަން ވެދާނެ ސަބަބެއް ކަމަށް އަޅުގަނޑަށް ފުރަތަމަ ވިސްނުނީ، އެ މީހުން ކައިވެނި ކުރީ، ޒަހްރާއަށް ބަނޑުބޮޑުވިކަން އެނގިގެންނޭ..." އީން ހުއްޓުން އަރާފައި ހުރިތަން ފެނުމުން ޔުނާން ވާހަކަ ދައްކަން ފެށިއެވެ.
ޔުނާންގެ ވާހަކަ ނިމުމާއިއެކު، އީން ބަލައިލީ، ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. ދެ ބުމަ އަރުވައިލަމުން ޔުނާން އޭނާ ލައިގެން އިން ޔުނީފޯމުގެ ގިރުވާނުގައި އަތް ޖައްސައިލިއެވެ. އީންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. އެ ނާޒުކު ވަގުތުގައި ވެސް، ޔުނާން އޭނާ ހެއްވާލައިފިއެވެ.
އީން އަވަހަށް އިސްކްރީނުން ފެންނާނޭހެން، ޒަހުރާގެ ފޫޅުމާ ފޯމް ހުޅުވައިލިއެވެ.
"ވަރިކުރިއިރު، ޒުލޭހާގެ ބަޑަށް ތިން މަސް... އޭރު އެމީހުންގެ ކައިވެންޏަށް ހަތަރު މަސް... އެއިން އެނގޭ ކައިވެނީގެ ކުރިން ބަނޑުބޮޑު ނުވާކަން..." އީން ބުންޏެވެ.
ފަހަރަކު ތަސްވީރެއް ދައްކަމުން ގޮސް އީން ހުޅުވައިލީ، ޒަހުރާގެ ކަނދުރާގައި ކަނޑާ ނަގާފައިވާ ނިޝާން ފެންނަ ތަސްވީރެވެ.
ތަސްވީރު ފެނުމާއިއެކު ކާވިންގެ ތަބީއަތު ބަދަލު ވެއްޖެއެވެ. އޭނާއަށް ފެންނަމުން ދިޔައީ، އެހެން މީހުންނަށް ފެންނަމުންދިޔަ މަންޒަރެއް ނޫނެވެ. ތަސްވީރުގައި އެވަނީ ޒަހުރާ އެއް ނޫނެވެ. ލެއިން ތަތްތެޅިފައި އޮތް އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ މެޔަށް ތޫނު ހަންޖަރެއް ހަރާފައިވާއިރު، ކަނދުރާގައި ހަމަ އޭގެ ނިޝާނެއް ހުއްޓެވެ. ކާވިންއަށް ގޮނޑީގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. މާޒީގެ ހަނދާންތައް ދެންމެވީ ކަމެއްހެން، ކާވިންގެ ކުރިމަތީގައި ސިފަވާން ފެށިއެވެ.
"މި މާކް..." އީން އެއްޗެއް ބުނަން އުޅުނެވެ.
"ތީ މިވަގުތު ދައްކަން ބޭނުން ވާހަކައެއް ނޫން..." ކާވިން ކުއްލިއަކަށް އީންގެ ވާހަކަ ހުއްޓުވިއެވެ.
އީން ލަދުގަތެވެ. އެންމެންގެ ކުރިމަތީގައި ކާވިން އެފަދަ ގޮތަކަށް ކަންތައް ކުރާނެ ކަމަށް އޭނާ ހުރީ ކުޑަކޮށްވެސް ތައްޔާރުވެގެންނެއް ނޫނެވެ. އީންގެ ތުން ފިއްތައިލަމުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެންމެން އޭނާއަށް ބަލަން ތިބިއިރު، ޔުނާން އިނީ އަނގަމަތީގައި އަތް އަޅައިގެން ހޭށެވެ. އީން ރުޅި އައިސްގެން ދެ ލޯ އަޅައިލުމުން، ޔުނާންގެ ހިނިގަނޑު މައިތިރިވިއެވެ. އަވަހަށް ކަރު ކަހާލައިފިއެވެ.
ކާވިންއަށް އެއްޗެއް ވިސްނުނީ އީން ހުއްޓުން އަރާފައި ހުންނަން ފެށުމުންނެވެ. މަޑުމައިތިރި ރާގަކަށް އޭނާ އެދުނީ އެބައި ކިޔައި ނުދީ، ދެން އޮތްބައި ކުރިއަށް ގެންދިޔުމަށެވެ.
އީން ފުން ނޭވާއެއް ދޫކޮށްލާފައި ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ. އޭނާ ދެން ހުޅުވައިލީ، ޒަހްރާގެ މަންމަ ޒުލޭހާގެ ތަސްވީރެކެވެ.
"ފާތުމަތު ޒުލޭހާ... އުމުރު ވިހި އަހަރު..." އީންގެ އަޑު ކުރިއަށްވުރެ މަޑެވެ. ކަންތައް ވީގޮތުން އޭނާ ޖެހިލުންވީ އެވެ. "މަންމަ އަކީ ފަހީމާ އަބްދުﷲ... ބައްޕަ މުހައްމަދު ނޫރުއްދީން... އާއިލާގަ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ހުރޭ، ނަމަކީ އާއިޝަތު ފިރާޝާ..."
ދޭތެރެއަކުން ކާވިންގެ މޫނަށް އީން ބަލައިލައެވެ. އެ މޫނުގެ ކުލަވަރު ތަރުޖަމާކޮށްލާ ފަދައިންނެވެ.
ކާވިން އިނީ، ސްކްރީނަށް ގޮސް ގެއްލިފައެވެ. އީންގެ ވާހަކަ އެހިސާބަށް ދިޔަތަނާ، އެހެން މީހެއްގެ ތަފްސީލް ކިޔައިދިނުމަށް އެދި، އަތުން އިޝާރާތް ކޮށްލައިފިއެވެ. އީން ބޯ ޖަހާލާފައި ހުޅުވައިލީ، ނިޔާމާ އާއި ރާއިދުގެ ތަސްވީރެކެވެ. ދެ މީހުންގެ އާއިލާ އާއި އުމުރާއި، ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތު އޭނާ ކިޔައިދިނެވެ.
"މި ދެ މީހުންގެ މައުލޫމާތު ހޯދާލަން ރަށުގެ ދެތިން މީހެއްގެ ކައިރީ އަޅުގަނޑު އަހާލިން... އެ މީހުން ބުނާ ގޮތުން، ރާއިދު އާ ނިޔާމާ އުޅުނީ ރައްޓެހިވެގެން... ވަރަށް ކުރީންސުރެ، ދެ އާއިލާގެ ދެމެދުގަ ކޮންމެވެސް މައްސަލައެއް ގޯސްވެފަ އޮންނަ ކަމަށް ވަނީ... އެހެންވެ، އެ ދެ މީހުންގެ ގުޅުމަށް ދެ އާއިލާ އިން ވެސް އޮތީ ފާޅުގަ ނޫނެކޭ ބުނެފަ..." އިތުރު ތަފްޞީލް ދިނީ ލަޔާންއެވެ.
"ސަރ... އަޅުގަނޑުމެންނަން ހީވަނީ، މީ ދެ މީހަކު ކުރި ކަމެއް ހެން... ރާއިދު އާ ނިޔާމާގެ މަރަކީ، އާއިލީ މައްސަލަގަނޑެއްގެ ތެރެއިން ހިނގި ކަމަކަށް ވުން ގާތް..." ޖެހިލުންވެފައި ހުރި ނަމަވެސް، ވާހަކަ ދެއްކޭތޯ އީން މަސައްކަތްކުރިއެވެ.
އީންގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން، ނުހާމް އާއި ޔުނާން ވެސް ބޯ ޖަހާލިއެވެ. އީންއަށް އިތުރަށް އެ ވާހަކަ ދައްކާނޭ ހިތްވަރު ލިބުނީ، ކާވިން އޭނާގެ އަތުގެ އިޝާރާތުން އެ ވާހަކަ ކުރިއަށް ގެންދިޔުމަށް އެދުމުންނެވެ.
"ސަސްޕެކްޓް އެކްސް..." އީން ބުންޏެވެ. "މަރާލާ މީހުންގެ ގައިގަ މާކް ޖެހުމަކީ، ސީރިއަލް ކިލާސްއިން ކޮށްއުޅޭ ކަމެއް.... އަޅުގަނޑަށް ހީވަނީ، ޒަހުރާ އާއި ޒުލޭހާ މަރާލީ، ސީރިއަލް ކިލާއެއްހެން... މީގެ ތޭރަ އަހަރު ކުރިންވެސް ހަމަ މިކަހަލަ ހާދިސާއެއް ވަނީ ހިނގާފަ... އަޅުގަނޑުމެންނަން އެ ފައިލުތައް ލިބޭނެ ގޮތް ވެއްޖެއްޔާ..."
އީންއަށް ބުނެވުނީ އެހިސާބަށެވެ. ކާވިން ފުންމައިގެން ތެދުވިއެވެ. އީން އާއި ދިމާއަށް ދިޔަގޮތުން އީން ސިހިފައި ފަހަތަށް ޖެހިލިއެވެ. ކާވިން އެ ދިޔަ ބާރުމިނުގައި ގޮސް، އީންގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. ހަމަ އެހާ އަވަހަށް އީން ގޮވައިގެން ތަހުގީގު ހޯލުން ބޭރަށް ނުކުމެއްޖެއެވެ.
"ވަޓް ދަ..." ޔުނާން ފުންމައިގެން ތެދުވިއިރު، އޭނާގެ ދެ ބުމަ ވަނީ ގޮށްޖެހިފައެވެ.
ކާވިން އެދިޔަ ބާރުމިނުގައި ގޮސް ނުކުތީ، ޕޮލިސް ސްޓޭޝަންގެ ފަހަތުގައި ހައްދާފައިވާ ގަސްތަކުގެ ތެރެއަށެވެ. ބޮޑެތި ދިއްގާ ގަސްތަކުން އުޑުމަތި ބައްދާލާފައިވާއިރު، މުޅި ތަނަށް އޮތީ ގަހުގެ ހިޔާ އެޅިފައެވެ. އީންގެ އަތުން ދޫކޮށްލާފައި، ކާވިން އޭނާގެ އަތް ކޮއްޕާލީ ޖީބަށެވެ.
"ހައު ޑޫ ޔޫ ނޯ ދެޓް؟... ހާނ؟..." ކާވިންގެ އަޑު ބާރެވެ. "ކިހިނެތް އެނގެނީ؟..."
"ސަރ!..." އީން ހުރީ ރޮވޭވަރުވެފައެވެ.
"ތީ ކާކު؟... ބޭނުންވެގެން ތިއުޅެނީ ކޮން ކަމެއް؟..." ކާވިން ކުރިއަށްވުރެ ބާރަށް ސުވާލު ކުރިއެވެ.
މާނޭވާ ލަމުންދިޔަ ކާވިން ވާހަކަދައްކަމުން ދިޔައިރު، ދޭތެރެއަކުން އެ ދެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުން ދިޔަކަން އީންއަށް ފާހަގަވިއެވެ. ކާވިން ކުއްލިއަކަށް އައިސް އީންގެ ދެކޮނޑުގައި ހިފައި، ތަޅުވައިގަތެވެ. އީން އެއްޗެއް ނުބުނުމުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ.
ދެއަތުން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން އީން ހުއްޓެވެ. ބުނާނެ އެއްޗެއް، ކުރާނެ ކަމެއް އެ ސިކުނޑިއަކަށް ނައެވެ.
"އެކްސް އާ ކޮން ގުޅުމެއްހޭ އޮތީ؟... ބުނޭ..." ކާވިން ހަޅޭއްލަވައިގަތެވެ.
އީން ހުރީ، ބިރުން ސިހިސިހިއެވެ. އެ ބޮޑު ދެ ލޯ ފުރިގެން ބަންޑުންވަމުންދިޔަ ކަރުނަތައް ފެނި، ކާވިން ހިމޭންވެއްޖެއެވެ. އެ ކަރުނަތަކުން، ހަރު ހިލަގަނޑަކަށް ހަދައިގެން އުޅުނު ހިތް، މަޑު ކަފަކޮޅަކަށް ހަދާލަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
ކާވިންއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް އީންގެ އަތުން ދޫކޮށްލެވުނު ގޮތްވެސް ނޭނގުނެވެ. ކަނދުރާގެ މަތީގައި އަތް ކާއްތައިލަމުން، އޭނާ އީން އާއި ދުރަށް ޖެހިލިއެވެ. ފުރުސަތުގެ ބޭނުން ހިފައި، އެތަނުން ދިޔުމަށް އީން ދުއްވައިގަތެވެ. ޔުނާން އާއި ނުހާމްގެ އިތުރުން ލަޔާންއަށް ދުވެފައި ނުކުމެވުނީ، އީންގެ ކުރިމައްޗަށެވެ. އީން މަޑެއް ނުކުރެއެވެ. ދެބުމަ ގޮށްޖަހައިލަމުން ކާވިންއަށް ބަލައިލާފައި، އީންގެ ފަހަތުން ޔުނާން ދުއްވައިގަތެވެ. ލަޔާން ދުރުގައި ބަލަން ހުރީއެވެ. ނުހާމް ގޮސް ހުއްޓުނީ، ކާވިންގެ ކައިރީގައެވެ.
"ސަރ..." ނުހާމް އެއްޗެއް ބުނަން އުޅުނެވެ.
ކާވިން ހަލުވި ފިޔަވަޅު ތަކެއްގައި އެ ތަނުން ދިޔުމަށް ހިނގައިގަތެވެ. ކުރެވުނު ކަންތަކާއި ދެރަވެފައި ހުރިކަން ކާވިންގެ މޫނުން ހާމަވިއެވެ. ލަޔާން އާއި އަރައި ހަމަވެފައި ކާވިން އެދުނީ، އޭނާ ނެތަސް، ތަހުގީގުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ.
އީންގެ ފަހަތުން ދުވަމުންދިޔަ ޔުނާން ހާސްވީ، އީން ނުކުމެގެން މޫދާއި ދިމާއަށް ދާން ފެށުމުންނެވެ. ދުވެ ދުވެ، ވަރުބަލިވެގެން އޭނާ ހުއްޓުނެވެ. އޭރު ޔުނާންއަށް މާނޭވާ ލެވެނީއެވެ.
"އީން... އޭތް، ދޫންޏާ، ހަމަޖެހިބަލަ..." ޔުނާން ގޮވާލިއެވެ.
އީން ނުހުއްޓުނެވެ. އެދިޔަ ގޮތަށް މޫދަށް އެރުނު ތަން ފެނި، ޔުނާންގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. ދެ ފަޔަށް ލެވުނުހާ ބާރެއް ލާފައި، އޭނާ އީން އާއި ދިމާއަށް ދުއްވައިގަތެވެ.
"އައި ވިލް ސޭވް ޔޫ... އަމިއްލަ ފުރާނަ ގުރުބާން ކޮށްގެން ވެސް އީން ސަލާމަތް ކުރާނަން..." ޔުނާން އޭނާގެ އަމިއްލަ ނަފުސަށް ވައުދުވިއެވެ.
(ނުނިމޭ)