"އަހަރެން ފަހަރެއްގަވެސް އަސޫމީ ދެރަކުރާކަށް ނޫން ދާރިޔާ އަހަރެންގެ ކައިރީ ބެހެއްޓީ..." ވަޖީހު އިސްޖަހައިލިއެވެ. "އަހަންނަށް އެނގޭ އަސޫމީ ދޮގެއް ނުހަދާނެކަން... އަބަދުވެސް އަސޫމީއަށް އިތުބާރު ކުރިން... އަހަންނަށް އަސޫމީ އެކޭ އެއްވަރަށް ނަޖާހުވެސް މުހިއްމު... ނަޖާހަކީ، ސިކުނޑީގެ މައްސަލައެއް ހުރި މީހެއްކަން އަސޫމީއަށްވެސް އެނގޭނެ... އޭނަ އަސޫމީއާ އެފަދަގޮތަކަށް ދިމާކުރެވުނީމަ ދެރަވެގެން އަހަރެންގެ ކައިރީ ހާދަ ވަރަކަށް ރުޔޭ..."

********

"އަދިވެސް، އަދިވެސް...." އަސޫމީ ހަޅޭއްލަވައިގަތެވެ. "ވަޖީހަށް ފެންނަނީ، އެ މަކަރުވެރިޔާގެ ދެލޮލުން އޮހޭ ކަރުނަ އެކަނިތަ؟... އަހަރެންގެ ދެލޮލުން އޮހުނުހާ ކަރުނަތަކުގެ އެއްވެސް އަގެއް ނެތީތަ؟... އަދިވެސް ވަޖީހަށް ވިސްނޭކަށް ނޫޅޭ ދޯ... ވަޖީހަށް އެނގޭތަ، ވަޖީހަށް ތި ކުރެވުނު ކަންތައް؟..."

"އަސޫމީ، ހަމަޖެހިބަލަ.. ހިނގާ އެތެރެއަށް..." ވަޖީހު ހާސްވެފައި ދެކޮޅު ހޯދައި ބަލައިލިއެވެ.

"ހާސްނުވޭ... އަހަރެން މިއައީ ވަޖީހު ބޭޒާރުކުރާކަށް ނޫން... އެކަމަށް އަހަންނަކަށް ވަގުތެއް ނެތް... އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ..." ކަރުނަތައް ހިންދާލަމުން އަސޫމީ ބުންޏެވެ.

"އަހަރެން ބޭނުން އަސޫމީއާ ވާހަކަ ދައްކާލަން..." ވަޖީހު އަސޫމީގެ އަތުގައި ހިފައިލަން އުޅުނެވެ.

"އަތްނުލާތި!..." އަސޫމީ ދުރަށްޖެހުނެވެ. "އަހަރެން ގަބޫލުކުރާގޮތުގަ މިހާރު ތިވެސް ގާތިލެއް... އެ ނަޖާހު ގާތިލަކަށް ހެދި މީހަކީވެސް ތީ... އަހަންނަށް ޔަގީން މިހާރު ވަޖީހަށް ކޮންމެސް އެއްޗެއް ވިސްނޭނެކަން... އެންމެ ފަހަރަކުވެސް އަމިއްލަ ހިތާ ސުވާލުކޮށްބަލަ، ވަޖީހު ތިވާ ލޯބި އޭނަ ވަޖީހުދެކެ ވާނަމަ، އެހުރިހާ ކަމެއް އެ ކުރަނީ ކީއްވެތޯ..."

"އަހަންނަށް ގޮތް ހުސްވެއްޖެ!..." ވަޖީހުގެ ހިތްވަރު އެލުނެވެ. "އަހަންނަށް ހެދުނު ގޯސްތައް ފޮރުވަން އުޅެއުޅެ ވަރުބަލިވެއްޖެ!... އަސޫމީ... އަހަރެން ދެން ކިހިނެއް ހަދާނީ؟... އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ވަރުން އަހަންނަށް ރަނގަޅަށް ނުނިދޭތާ އެތައް އަހަރެއް މިވަނީ... އީންވެސް އަހަރެންދެކެ ނަފުރަތުކުރޭ... އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު، ހީވަނީ ދާރިޔާ ފެންނަހެން..."

"އާދޭސްކޮށްފަ ބުނަން... މިހާރު އަހަރެންގެ މުޅި ދުނިޔެއަކީ އީން... އީންއަށް ދެރަގޮތެއް ވެއްޖެއްޔާ، އަހަރެން ދުނިޔޭގަ ހުރުމުގެ މާނައެއް ނެތް... އަހަރެން ބޭނުންވަނީ ވީއެންމެ އަވަހަށް އީން ގޮވައިގެން މިގައުމުން ފުރަން..." ވަޖީހު އީންގެ ވާހަކަ ދެއްކުމުން އަސޫމީ ކަންބޮޑުވިއެވެ. "ކުރެވުނު ކަންތަކާ ދެރަވަންޏާ، އަދިވެސް ވަގުތު ފާއިތެއްނުވޭ... ކުރި ކުށްތަކަށް އިއުތިރާފުވެ، އަދަބު ލިބިގަނޭ... މިއަދު އަހަންނަށް ކޮށްދެވޭނެ އިތުރު ކަމެއް ނެތް... އެކަމަކު، އަހަރެންގެ ދަރިފުޅުގެ މަރަށް އިންސާފު ލިބޭ ދުވަހަކުން، އަހަރެން ވަޖީހަށް މާފުކުރާނަން... އެއީ އަހަންނަށް ކުރަން އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން... އެކަމަކު، މަޔަކު ދަރިއަކުދެކެވާނެ ލޯބީގެ ހައްގުގަ އަހަރެން އެކަން ކުރާނަން..."

އަސޫމީ ދާން ހިނގައިގަތުމުން، ހުއްޓުވަން ކޮންމެވެސް ކަމެއް ކުރަން ވަޖީހަށް މަޖުބޫރުވިއެވެ. އެހާ ދުވަސްފަހުން އަސޫމީ ފެނުމުން، ވަޖީހުގެ ހިތަށް ކޮށްފައިވަނީ ފުން އަސަރުތަކެކެވެ. އޭރެކޭ އެއްގޮތަށް މިހާރުވެސް އަސޫމީދެކެ ވަޖީހު ލޯބިވެއެވެ.

"ދާރިޔާދެކެ އަސޫމީ ލޯބިވަންޏާ، އޭނައަށް އިންސާފު ހޯދަން މަސައްކަތް ނުކުރަނީ ކީއްވެ؟..." ފެންކަޅިވަމުންދިޔަ ދެލޮލުން އަސޫމީއަށް ބަލައިލި ވަޖީހުގެ ދެލޮލުން ފެނުނީ، ޝަކުވާއެވެ. "މިއަދާ ހަމައަށްވެސް އަސޫމީވެސް ހުރިހާ ކަމެއް ސިއްރުކުރީ ކީއްވެ؟... ހަގީގަތް އެނގިހުރެ، މިހުރިހާ ދުވަހު ދުރުގަ ފިލާ ތިހުރީ... އީންއަށް ވެސް ހަގީގަތް ސިއްރުކުރީ... ކީއްވެ؟... އަހަރެން ގޯސްމަގުން ދިޔާމަ، ރަނގަޅު ކުރަން އެދުވަހު އަސޫމީ ބޭނުމެއްވެސް ނުވި... ވިސްނައިދޭން ކުޑަވެސް މަސައްކަތެއް ނުކުރޭ... އަނތްބެއްގެ ފަރާތުން އަހަންނަށް އެހީތެރިކަމެއް އެންމެ ބޭނުންވި ދުވަހު، އެ އެހީތެރިކަން ދޭނެ ހިތްވަރު އަސޫމީގެ ގައިގަ ހުރިނަމަ، މިއަދު މިހިސާބަށް ކަންކަން ދިޔައީސްތަ؟..."

"އަހަންނަކީ ތިހާ ހިތްވަރުގަދަ މީހެއް ނޫން... މުޅި އާއިލާ ދޫކޮށްލާފަ ވަޖީހު ކައިރިއަށް އަހަރެން އައީ، އަހަރެންވެސް ފޮނި އުއްމީދުތަކެއް ކޮށްގެން... އެކަމަކު، ވަޖީހުގެ ފަރާތުން އަހަރެން ބޭނުންވި ލޯތްބާ އަޅާލުން ލިބުނުތަ؟... އަނިޔާގެ ޝިކާރައަށްވާ ވަގުތު، ފިރިއެއްގެ އެހީތެރިކަން އަހަރެންވެސް އިންތިހާއަށް ބޭނުންވާނެކަން ވަޖީހަށް ވިސްނެންވާނެ..." ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަސޫމީ ބުންޏެވެ. "އަނބިމީހާއަށް ހިމާޔަތެއް ދެވެން ނެތް މީހަކާ އެކީ، ކޮން ގުޅުމެއް ކުރިއަށް ގެންދެވޭނީ؟... ކޮންކަމެއް ވިސްނައިދެވޭނީ؟..."

ވަޖީހު ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އަސޫމީ ބާރުބާރަށް ހިނގާފައި އެތަނުން ދިޔައީއެވެ.

********

ފުލުހެއްގެ އެހީތެރިކަމާއިއެކު، އަސޫމީ އީން އުޅޭ ކޮޓަރިއަށް ދިޔައެވެ. އޭރު އީން ހުރީ، ބޭރަށް ދާން ތައްޔާރުވާށެވެ. އަސޫމީ ފެނުމުން އީންގެ މޫނުމަތިން ފެނުނީ، ހައިރާންކަމެވެ. ހަމަ އެއާއި އެއްވަރަށް ހާސްކަން ފެނިގެން ދިޔައެވެ.

"މަންމާ!... އީން ނާންނާށޭ ބުނީމަވެސް އައީތަ؟..." ޝަކުވާގެ ރާގަކަށް އީން އަހައިލިއެވެ.

"މާދަމާ ނޫން އަނެއް ދުވަހު ފުރަން ޓިކެޓު ނަގައިގެން މަންމަ މިއައީ... ދަބަސް ތައްޔާރުކުރަން އާދޭ..." އަސޫމީ އަމުރުވެރި ރާގަކަށް ބުންޏެވެ.

"މަންމަ ރޮއެފަތަ ތިހުރީ؟..." އަސޫމީގެ ރަތްވެފައިވާ މޫނު ފެނުމުން އީން ހާސްވިއެވެ.

"މަންމައެއް ނުރޯނަން، ދަރިފުޅުވެސް މަންމަ ބުނާގޮތަށް ހަދަންޏާ..." އަސޫމީގެ އަޑު ކުރެހުނެވެ. "އެކަކުވެސް މަންމަގެ އަޑެއް ނާހާ..."

"މަންމާ!..." އީން އަސޫމީގެ ފުރަގަހުން ބައްދައިލިއެވެ. އެއަށްފަހު، ކޮނޑުގައި ދަތްދޮޅި ޖައްސައިލިއެވެ. "މަންމަ ނުރޮއެބަލަ، އީން މަންމަދެކެ ވަރަށް ލޯބިވަމޭ..."

"ލޯބިވަންޏާ، ހިނގާ މަންމައާއެކީ ދާން..." އަސޫމީ އެދުނެވެ.

"އީންއަކަށް އަދި ނުދެވޭނެ މަންމާ..." އަސޫމީގެ އަތުގައި ހިފައިލަމުން އީން ބުންޏެވެ. "މަންމަ ބޭނުމެއް ނުވޭތަ، ދައްތައަށް އިންސާފު ހޯދާކަށް..."

"ބޭނުންވޭ... އެކަމަކު، އެކަން ކުރަން ތިބޭނެޔޭ ބަޔަކު..." އީން ދުރުކޮށްލާފައި ގޮސް، އަލަމާރިމަތިން ފޮށި ނަގަމުން އަސޫމީ ބުންޏެވެ. "ކޮންމެހެން ދަރިފުޅު ނުޖެހެއެއްނު ނުރައްކަލަކާ ކުރިމަތިލާކަށް..."

"ކީއްވެ ނުޖެހެންވީ؟..." އީން އަހައިލިއެވެ. "އީންއަކީވެސް މީ ފުލުހެކޭ... އީންއެކޭ އެއްގޮތަށް، ދެން ތިބީވެސް އިންސާނުން... ކޮންމެސް ބައެއްގެ ދަރިންނޭ އެވެސް... މަންމާ.... އީން މަރުވެދާނެތީ މަންމަ ބިރުގަންނަހެން، އެމީހުންގެ މައިންބަފައިންވެސް ނޭދޭނެއެއްނު އެމީހުންގެ ދަރިންނަށްވެސް ދެރަގޮތެއް ވާކަށް... އަނެއްކާ ދައްތައަކީ މަންމަގެ ދަރިއެއް... އަމިއްލަ ފުރާނައަށް ނުރައްކާވިޔަސް، ލޯބިވާ މީހުންގެ ހައްގުގަ ނުކުންނަންވާނެ... މަންމަ އަބަދުވެސް ބުނަމެއްނު، ހިތްވަރާއެކީ، ކެރިގެން، ކަންކަމާ ކުރިމަތިލާށޭ..."

"ދަރިފުޅު ކޮންއިރަކުތަ ތިހާ ބޮޑު މީހަކަށްވީ؟..." އީންގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓައިލި އަސޫމީއަށް ރޮވުނެވެ.

އަސޫމީ ހިމޭންވީ ދެނެވެ. އެވަރުންވެސް އޭނާގެ ވިސްނުމެއް ބަދަލެއް ނުވިއެވެ. އީން ބުނީ ތެދެއްކަން އެނގުނު ނަމަވެސް، އަމިއްލަ ދަރިފުޅު ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލާކަށް އަސޫމީގެ ހިތް އެއްބަހެއް ނުވިއެވެ. މާ ބޮޑަށް ހިތުގައި ޖެހުމުން، އަސޫމީއަށް ގިސްލާފައި ރޮވުނީއެވެ.

"މަންމަގެ ހުރީ ދަރިފުޅު އެކަނި... ދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ، މަންމަ ދުނިޔޭންވެސް މޮޔަވެދާނެ..." ކުރެހިފައިވާ އަޑަކުން އަސޫމީ ބުންޏެވެ. "އެހެން މީހުންނާ ދަރިފުޅާ އެއްގޮތެއް ނުވާނެ..."

"ކީއްވެ އެއްގޮތް ނުވާންވީ؟..." އީން ވަރަށް ލޯބިން އަހައިލިއެވެ. "މަންމަ ކަމެއް ސިއްރުކުރަނީތަ؟..."

"ދަރިފުޅާ!... ހިނގާ މަންމައާއެކީ ދާން..." އަސޫމީ މައުޟޫޢު ބަދަލުކޮށްލިއެވެ.

"މަންމަ ތިއުޅެނީ އެ ނަޖާހު ހިމާޔަތް ކުރަންތަ؟... ވަޖީހެކޭ މަންމައެކޭ ކޮބާ ތަފާތެއް؟.. ގަތުލެއް ނުކުރިޔަސް، އެއީ ކުށުގަ ބައިވެރިވުމޭ މަންމާ..." އީން ބުންޏެވެ.

އަސޫމީ ސިހުނެވެ. ކުއްލިއަކަށް އޭނާ އީންގެ މޫނަށް ބަލައިލިއެވެ. ނަޖާހުގެ ކަންތައް އީންއަށް އެނގުނު ގޮތަކާއިމެދު އަސޫމީގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކޮޅުން އީން އޭނާގެ ބައްޕައަށް ނަމުން މުހާތަބު ކުރުމުން، އަސޫމީގެ ހިތަށް އުނދަގޫ ވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް، ވަޖީހަކީ އީންގެ ބައްޕައެވެ. ހަގީގަތް ހާމަކުރަން ބޭނުންވިޔަސް، އަމިއްލަ ޖިސްމު އެ މުޑުދާރު މީހާގެ އަތްދަށުގައި ހަފުސްވިގޮތުގެ ވާހަކަ ދަރިއަކަށް ކިޔައިދޭން އަސޫމީއަށް ފަސޭހަވާނީ ކިހިނަކުން ހެއްޔެވެ؟

"ދަރިފުޅަށް ކިހިނެއް ނަޖާހު އެނގުނީ؟..." އަސޫމީ އަހައިލިއެވެ.

"މަންމައަށް ނަޖާހަކީ ކާކުކަން އެނގޭދޯ؟... އެކްސްއަކީ އެއީ...." އެއްޗެއް ޔަގީންކޮށްލާ ފަދައިން އީން ސުވާލު ކުރަމުން ދިޔައެވެ. "އަހަންނަށް އެނގޭ އެއީ، ވަޖީހުގެ ޓްވިންސްއެއްކަން... އޭނަ ވީތަނެއް މަންމައަށް އެނގޭތަ؟..."

"ޝްޝްޝްޝް..." އަސޫމީ ކުއްލިއަކަށް އީންގެ އަނގަމަތީގައި އަތް އެޅިއެވެ. "އެއީ ވަރަށް ނުރައްކާތެރި މީހެއް ދަރިފުޅާ... އެކަމާ ދަރިފުޅު ނޫޅުނިއްޔާ ރަނގަޅުވާނީ..."

"މަންމާ!... އީން މީ ޕޮލިހެކޭ... ކުޑަކުޑަ ކުއްޖެއް ނޫނޭމީ މިހާރު..." އީން އަސޫމީ އާއި ދުރަށްޖެހުނެވެ. "އެއީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް، އީންގެ ހިތްވަރު އެބަހުރި އެމީހަކާ ކުރިމަތިލާން... އީން ދެން ހުއްޓާނީވެސް، އޭނަ ހިފާ ހައްޔަރުކޮށްފަ..."

އަސޫމީ ރޮއެރޮއެ ހުއްޓައި އީން ނުކުމެގެން ދިޔައެވެ. މިއަދު އެ މަންމަގެ ހިތުގައި ޖެހުނަސް، މާދަމާ އެ މަންމަ ފަހުރުވެރިވާފަދަ ދަރިއަކަށް ވާނެކަމުގެ ޔަގީންކަން އީންގެ ހިތުގައި އޮތެވެ. އޭނަ ފުލުހުންގެ އިދާރާ އާއި ގުޅުނީ، ހިތުގައި ނުގުޑާނެ އަޒުމެއް ކަނޑައަޅައިގެނެވެ.

********

ތަހުގީގަށް އެއްބާރުލުން ދިނުމަށް ވަޖީހު ނިންމިކަން އެނގުނު ނަމަވެސް، ކާވިން ވަޖީހަކަށް އިތުބާރެއް ނުކުރެއެވެ. ވަޖީހުގެ ކޮންމެ ހަރަކާތަކަށް ކާވިން އާއި އޭނަގެ ޓީމު ފާރަވެރިވަމުން ދިޔައެވެ. ނަޖާހު ކޮންމެވެސް ވަގުތަކުން ވަޖީހާއި ބައްދަލުކުރާނޭކަން އެމީހުންނަށް އެނގެއެވެ. ތަހުގީގަށް އެއްބާރުލުންދޭން ވަޖީހު އެއްބަސްވީތީ، އެ ވޭދަނަ ނިންމައިލަން ފަސޭހަވާނެ ކަމުގައި ޔުނާންމެންނަށް ހީކުރެވުނެވެ. އެކަމަކު، އެކަން ކުރުން ފަސޭހައެއް ނުވިއެވެ. ނުރަސްމީ ވަގުތުތަކުގައިވެސް، އަބަދުވެސް ކޮންމެވެސް ދެމީހަކު، ވަޖީހުގެ ހަރަކާތްތައް ބަލަން ތިބެއެވެ. ޔުނާން އާއި ލަޔާން އެއްކޮށް މަސައްކަތް ކުރާއިރު، އީން އާއި ކާވިން މަސައްކަތް ކުރަނީ އެއް ޓީމެއްގައެވެ.

އީން އާއި ކާވިންއަށް ދަންވަރު މަސައްކަތްކުރަން ޖެހުނު ރެއެކެވެ. ވަޖީހުގެ ގެއާއި ތަންކޮޅެއް ދުރުގައި ކާވިންގެ ކާރު ޕާކުކޮށްފައި އޮތްއިރު، އީން އާއި ކާވިން ތިބީ ކާރުތެރޭގައެވެ. އީން ކަޅި ޖަހާވެސް ނުލައި ބަލަމުން ދިޔައީ ކާވިން އަށެވެ. ކާވިންއަށް އެކަން ފާހަގަވި ނަމަވެސް، އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ.

"ވާހަކައެއް އަހާލަންތަ؟..." އީން ސުވާލު ކުރިއެވެ.

ކާވިން ދެބުމަ އުފުލާލައިގެން އިނދެފައި ހީލިއެވެ. އީން ބޭނުން ސުވާލެއް ކުރުމުގެ ހުއްދަ ދީފީމޭ ބުނާ ކަހަލަ ގޮތަކަށެވެ.

"ދާރިޔާއަކީ ކޮންކަހަލަ މީހެއް؟..." އީން އަހައިލީ ކާވިންގެ މޫނަށް އަންނާނެ ބަދަލުތަކަށް ވިސްނައިގެން އިނދެއެވެ. "އޯކޭ އެވާހަކަ ބާއްވާ... އެއީ މާޒީ... އަހަންނަކަށް ފަސޭހައެއް ނޫން އަޑު އަހާކަށް..."

"ހާދަ ފިނޑި ކުއްޖެކޭ..." އީންގެ ނޭފަތުގައި ހިފައިލަމުން ކާވިން ބުންޏެވެ.

ކާވިންގެ އެ ކުޑަކުޑަ އަމަލުން އީންގެ މޫނު ރަތްވެގެން ދިޔައެވެ.

"އަދި އެއް ވާހަކަ އަހާލަންތަ؟..." ކާވިންގެ ދެލޮލަށް ބަލައިލަމުން އީން އަހައިލިއެވެ.

"ޖަވާބު އަޑުއަހަން ކެރެންޏާ އޯކޭ..." ކާވިން ލާނެތްގޮތަކަށް ހީލިއެވެ.

"ކީއްވެ ސުޕަރ ޕަވަރ ބޭނުން ނުުކުރަނީ؟..." އީން މައުސޫމު ގޮތަކަށް ސުވާލުކުރިއެވެ. "އީންނަމަ މިހާރު ޑިޝޫން ހަދާލާފަ ހުރިހާ ކުށްވެރިން ބިންމައްޗަށް ތިރިކޮށްލާނަން... އީން ހާދަ ބޭނުމޭ ސްޕަރ ޕަވަރ ބަލާލަން..."

ކާވިން ބަލައިލިގޮތުން އީން އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ. ކާވިންއަށް ހެވުނީއެވެ. އީންއަށް ހަގީގަތް އެނގުނުފަހުން، އެކަހަލަ ކޮންމެވެސް މޮޔަ ސުވާލެއް ކުރެއެވެ. ލިބިފައިވާ ބާރުތަކުގެ ވާހަކަ ދެއްކުމަކީ ކާވިން މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެފަދަ ބާރެއް ލިބުނީތީ އެކަމާއި އޭނާ ފަހުރުވެރިއެއްވެސް ނުވެއެވެ. އޭނާ ބަލަނީ، ވީހާވެސް ބޮޑަށް އެ ބާރުތަކުގެ ބޭނުން ނުހިފައިވޭތޯއެވެ.

"އެބަ އަންނަން..." އީން އުޅުނީ ކާރުން ފައިބާށެވެ.

ކާވިން އީންގެ އަތުގައި ހިފެހެއްޓިއެވެ. އެ އަމަލުން އީން ސިހިފައި ކާވިންގެ މޫނަށް ބަލައިލީ ނަގަންވީ މާނައެއް ނޭނގިފައެވެ.

ކާވިންގެ ލޯ މަޑު ނޫކުލައިން ދިއްލުނެވެ. ކާރުގެ ބިއްލޫރިގަނޑަށް އެޅިގެންދިޔަ އަލިކަމުގެ ތެރެއިން، ދާރިޔާގެ ސޫރަ އީންއަށް ފެނުނެވެ. ދާރިޔާ ހީލާ ގޮތާއި، ދުވެލާފައި އުޅޭ މަންޒަރު ފެނުމުން، އީންގެ ދެލޯ ކަރުނުން ފުރާލިއެވެ. ދުވަހަކުވެސް އަމިއްލަ ދައްތަ ފެނުމުގެ ނަސީބު ލިބިދާނެ ކަމަކަށް އީން އުއްމީދެއް ނުކުރެއެވެ. އެކަމަކު ކާވިންގެ ސަބަބުން އީންގެ އެ އެދުން ފުރިހަމަވެއްޖެއެވެ. އުފަލުން ގޮސް ކާވިންގެ ގައިގައި ބައްދައިލެވުނު އިރުވެސް އީންއަށް ނޭނގުނެވެ.

"ތޭންކް ޔޫ..." އީންއަށް ބުނެވުނެވެ.

ކުރެވުނު ކަންތައް ރޭކައިލުމާއިއެކު އީން ކާވިން އާއި ދުރަށްޖެހިލަން އުޅުނެވެ. އެކަމަކު، ކާވިން އެ ފުރުސަތެއް ނުދިނެވެ. އީންގެ ބުރަކަށީގައި ހިފަހައްޓާލައި، ކާވިންގެ މެޔާއިލައި ފިއްތައިލިއެވެ. އީންގެ ނޭވާ ހީވީ، ހުއްޓުނު ހެންނެވެ. ހިތުގެ ތެޅުން އިތުރުވިއެވެ. ކުޑަ ހިނދުކޮޅަކަށް ޖެހިލުންވި ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި އީންގެ ތުންފަތުގައި ދުވެލީ، އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

ކުއްލިއަކަށް ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އަޑު އިވުނެވެ. ބިއްލޫރިކޮޅުތައް މުޅި ކާރުގެ ތެރެއަށް ބުރައިގެން ދިޔައެވެ. ކާވިން ހަލުވިކަމާއިއެކު، އީން ތިރިކޮށްލައި، ވީހާވެސް ބޮޑަށް އޭނާގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލިއެވެ. ބައެއް ބިއްލޫރިކޮޅުތައް ކާވިންގެ ގަޔަށް ހެރުނު ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. އީންއަށް ގެއްލުމެއް ނުލިބި ސަލާމަތްވުމުން، ކާވިންގެ ހިތަށް ހަމަޖެހުން ލިބުނެވެ.

އީންގެ ކައިރީގައި ޔުނާންމެންނަށް ގުޅަން އެދިފައި ކާވިން ކާރުން ފޭބިއެވެ. އޭރު އަނދިރިގަނޑުން ކޮންމެވެސް މީހަކު ދުވެފައި ގޮސް ގޯޅި އަޅަނީއެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި، އެމީހެއްގެ ފަހަތުން ދުއްވައިގަންނަން ކާވިންގެ ހިތް އެދި ގޮވިއެވެ. އެކަމަކު، އީން އެކަނި ދޫކޮށްލާފައި ދާކަށް ކާވިންގެ ޒަމީރު އެއްބަހެއް ނުވިއެވެ. ކާވިން ހީކުރި ވަރަށްވުރެ އަވަހަށް ޔުނާންމެން އައެވެ. ނުހާމް މަޑުކުރީ، އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަށް ނެގެމުންދިޔަ މަންޒަރުތައް ލަޔާންމެންނަށް ކިޔައިދިނުމަށް ފުލުހުންގެ އިދާރާގައެވެ.

ކެމެރާތަކުގެ އެހީގައި، އެމީހަކު ދުވަމުންދިޔަ މިޝްރާބު ހޯދުން ނުހާމަށް އުނދަގޫ ކަމަކަށް ނުވިއެވެ. ކާވިންގެ ހަލުވި ފިޔަވަޅުތަކުގެ ސަބަބުން، ނުހާމް ކިޔައިދެމުންދިޔަ މިޝްރާބުންގޮސް، އެމީހަކާއި އަރާ ހަމަކުރިއެވެ. އަދި އެމީހެއްގެ ފުރަގަހުން ގޮސް، ބުރަކަށީގައި ވަރަށް ބާރަށް ޖެހިއެވެ. ކާވިންގެ ކުއްލި ހަމަލާ އާއިއެކު، އެމީހަކު ވެއްޓުނީ، ބަނޑުވަތަށެވެ.

"އިތުރަށް ފިލަން ދުވާނެ ތަނެއް ނެތް..." ކާވިން އެމީހަކު ނަގަން ގުދުވެލަމުން ބުންޏެވެ.

އެމީހަކު ކުއްލިއަކަށް އެނބުރިފައި، ކާވިންގެ މޫނަށް ފާޑެއްގެ ދިޔާ އެއްޗެއް އުކައިލިއެވެ. ކާވިންގެ މޫނުން ނަގައިގަތް ދިލަ އާއިއެކު ހަޅޭއްލަވައިގަތެވެ. މޫނުގައި އަތް އެޅިވަގުތު އަރި އަޅާލައިގެން އޭނާ ފަސްފަހަތަށް ދިޔައެވެ. ކާވިންގެ ކުރިމަތީގައި ހުރި ނަޖާހުގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ވެއްޓިފައި އޮތް ހަންޖަރު ނަގައި، އަތަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު ކާވިންގެ ކުރިމަތީގައި ހުއްޓުނީ، ހަންޖަރުގެ ކޮޅު، ބިންމަތީގައި ކާއްތަމުން ގޮހެވެ.

"ކަލޭގެ ބައްޕައާ މަންމަ މަރާލާފަ ކަނޑުފެއްތިހެން، މިއަދު އަހަރެން ކަލޭވެސް މަރާލާފަ ކަނޑުފައްތާނަން..." ނަޖާހު ގޮސް ކާވިންގެ ކަންފަތް ކައިރީގައި ބުންޏެވެ. "އެއީ ބާރު އުފެއްދި މީހާ... އެކަމަކު އަހަރެންގެ ކައިރީގަ ބާރެއް ނުދެއްކުނު... އޭނާ މަރުވީ، އަހަރެންގެ ދެއަތުން... އެންމެ ފަހަރަކު ހަންޖަރު ހަރާލީ، އެވީ މަރު... އެހެންވީމަ މިތަނުން ކާކު މޮޅީ؟..."

ނަޖާހު ހޭން ފެށިއެވެ. އައި ރުޅިން ކާވިންއަށް ދެއަތް މުށްކަވައިލެވުނެވެ. ނަޖާހުގެ ގައިގައި ޖެހުމަށް ކާވިން އަތް މަޅައިލިއެވެ. އެހެނަސް، އެ ހަމަލާއިން ނަޖާހު ރެކިގަތީ ނުހަނު ފަސޭހައިންނެވެ. ނަޖާހު ހީހީފައި ކާވިންގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ.

"ތި ލިބިފަ ހުރި ބާރުގެ ބޭނުމެއް މިވަގުތަކު ނުހިފޭނެ..." ނަޖާހު ބުންޏެވެ. "ކަލޭގެ ބައްޕަ ހީކުރީ، ސަރުކާރަށް ވަފާތެރިވީމަ، އޭގެ ފައިދާ ކުރާނެ ކަމަށްތަ؟... އަހަރެން ކަލޭގެ ބައްޕައަށް ދިން އިންޒާރު އޭނާ އަޑު ނޭހީ... އަހަރެން ބޭނުންވީ، ޕްރޮޖެކްޓް އެކްސްގެ ދަށުން އޭނާ އުފެއްދި ހަމަ އެންމެ ފުޅިއެއް...."

"ދެން ކީއްވެ މަރާލީ؟... ކީއްވެހޭ މަރާލީ؟..." ކާވިން ދެއަތް ހޫރަމުން ހަޅޭއްލަވަމުން ދިޔައެވެ.

"އަހަންނަށް ނުލިބުނު އެއްޗެއް އެހެން މީހަކަށް ލިބެން ނޭދުނީމަ..." ނަޖާހު ހީގަތެވެ. "ދެން ހުރީ އަހަރެންގެ ބޭބެ... އޭނާއަށް ހަޔާތުގަވެސް ހެދުނު އެންމެ ބޮޑު ގޯހަކީ، އެރޭ ތިގެއަށް އަހަރެން ފޮނުވުން... އަހަންނަށް އެހާ ފަސޭހައިން ތިގެއަށް ވަދެވުނީ ބޭބެ ކޯޑު ދިނީމަ... ބޭބެ ހީކުރީ، އަހަންނަކީ އެކައްޗެއްވެސް ނުވިސްނޭ މޮޔައެއް ކަމަށް... ހީވޭތަ އަހަރެން މީ އެވަރުގެ މޮޔައެއްހެން؟... އޭނ؟... މޮޔައެއް ހެންތަ އަހަރެން ފެންނަނީ؟..." ހީހީފައި ނަޖާހު ހަޅޭއްލަވައިގަތެވެ.

ނަޖާހު ހެމުންގޮސް ކާވިންގެ މޫނުގައި ގޮށްމުށުން ވަރަށް ބާރަށް ޖެހިއެވެ. ކާވިންގެ ނޭފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށި ނަމަވެސް، އޭނާ ކޮޅަށް ހުރެވޭތޯ ހިތްވަރު ކުރަމުން ދިޔައެވެ.

،"ކަލޭ ތިހުރީ އަަހަންނަށް ލިބެން އޮތް ބާރުތައް ފޭރިގަނެގެން..." ނަޖާހު އަނެއްކާވެސް ކާވިންގެ މޫނުގައި ގޮށްމުށުން ޖެހިއެވެ. "އެރޭ އަހަރެންގެ މަސައްކަތަށް ހުރަސްއެޅި މީހަކީ ދާރިޔާ... މިއަދު އޭނާ މަރާލެވުނީތީ އަހަރެން ދެރައެއް ނުވޭ... ކީއްވެކަން އެނގޭތަ؟.... އެއީ ކަލެއަށް މުހިއްމު މީހަކަށްވީމަ..."

މޫނުގައި އަތް އަޅައިގެން ހުރި ކާވިން، ދެކަކޫ މައްޗަށް ތިރިވީ، ހަށިގަނޑުގައި އެއްވެސް ވަރެއްނެތް މީހަކު ފަދައިންނެވެ. ނަޖާހަށް ހަމަލާދީ، ހުރިތަނަށް ތިރިކޮށްލަން އޭނާ އެވަގުތު އިންތިހާއަށް ބޭނުންވިއެވެ.

"ދާރިޔާ މަރާލިހެން އަހަރެން އެ އީންވެސް މަރާލާނަން... އެއީ އަހަރެންގެ ބޭބެގެ ދަރިޔަކަށް ވިޔަސް، ފަރުވާލެއް ނެތް... ކަލޭ ދިރިހުއްޓާ، ހުރިހާ ހިތާމައެއް ދޭން އަހަރެން ބޭނުން... އެކަމަކު، މިއަދު އަހަރެން ބޭނުމެއްނޫން އިތުރަށް ކަލޭ ދުނިޔޭގަ ބަހައްޓާކަށް..." ނަޖާހު ހުރީ ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައެވެ. "އަހަރެން މިއަދު ކަލޭ މަރާލާފަ އެމީހުންގެ ކައިރިއަށް ފޮނުވާލާނަން..."

ނަޖާހު ހަންޖަރު ނަގައި ކާވިންގެ މެޔަށް އަމާޒުކޮށްލިއެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި، ފެނުނީ، އީން ގޮސް ނަޖާހުގެ އަތުގައި އޮތް ކަނޑީގައި ފައިން ޖެހިތަނެވެ. ކަނޑި ވިއްސައިގެން މާ ދުރަށް ދިޔައެވެ.

"އެކްސް... ކަލޭގެ ފަހު ދުވަސް މީ..." ގިނައިރު ދުވުމުގެ ސަބަބުން އީންއަށް މާނޭވާ ލެވެމުން ދިޔައެވެ.

ކާވިން އިން ހާލު ފެނުމުން އީންގެ ލޭ ކެކިގަތެވެ. ނަޖާހާއި ކުރިމަތިލާން އޭނާއަށް ލިބުނީ އިތުރު ހިތްވަރެކެވެ.

"އީން؟..." ނަޖާހު ގޮވައިލީ ދެބުމަ ގޮށްޖަހައިލަމުންނެވެ. "ވަރަށް ރަނގަޅު ގަޑިއެއްގަ ތިއައީ... މިއަދު ކާވިންގެ ކުރިމަތީގަ އަހަރެން ކަލޭ މަރާލާނީ..."

"ނޫނޭ ތީ ކުށްހީއެއް... މިއަދު ގާތިލު ހައްޔަރުވާނީ އަހަރެންގެ ދެއަތުން..." އީން ޖޯޝާއިއެކު ބުންޏެވެ.

އީން އާއި ނަޖާހުގެ ދެމެދުގައި ހިނގި ތަޅާފޮޅުމަށްފަހު، ކުރިއެރުން ލިބުނީ އީންއަށެވެ. ނަޖާހުގެ އަތާއި އެއް ފައި ބިނދި، ނޭފަތުންނާއި އަނގައިން ލޭ އަންނަމުން ދިޔައެވެ.

"މީ ދައްތަ މަރާލީމަ އޭގެ ބަދަލު..." ނަޖާހުގެ ސަލާމަތުން އޮތް ފަޔަށް އަރާފައި ކާވިން އާއި ދިމާއަށް ދަމުން، އީން ބުންޏެވެ. "އޫޕްސް ސޮރީ..."

ފުލުހުންތައް އައިސް އެ މީހުން ވަށައިލިއިރު، އީން ނަޖާހުގެ އަތުގައި ބިޑި އަޅުވަނީއެވެ. ކާވިން އޭނާގެ ގަމީހުގައި ހަރުކޮށްފައިވާ ކުޑަ ކެމެރާ ނަގައި މުށުތެރޭގައި ފޮރުވައިލިއެވެ. އެއީ ނަޖާހު ދެއްކި ހުރިހާ ވާހަކައެއް އޭގައި ރެކޯޑުކުރެވިފައިވާ ކެމެރާއެކެވެ. އެފަދަކަމެއް ހިނގާފާނެތީ ކާވިން އާއި އޭނާގެ ޓީމުގެ އެންމެން އުޅުނީ، ސިއްރު ކެމެރާ ހަރުކޮށްގެންނެވެ.

*********

އަސޫމީ ހަސްފަތާލުގެ ތެރެއަށް ވަދެގެން ދިޔައީ ދުވެލާފައެވެ. ބޭސްއަޅާ ކޮޓަރީގެ ބޭރުގައި އީން އިންއިރު، އީންގެ އަތާއި ފައިގެ ދެތަނެއްގައި ބޭސްއަޅާފައި އޮތެވެ. އީންގެ ކައިރީގައި ޔުނާނާއި ނުހާމްގެ އިތުރުން ލަޔާންވެސް އިނެވެ. އަސޫމީ ފެނުމުން، އެމީހުން ދުރަށް ޖެހިލީ، ދެމައިން ވާހަކަ ދައްކާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކޮމެންޓް 0