"ދަރިފުޅުގެ ބައްޕައަކީ..." އަސޫމީއަށް ބުނެވުނީ އެހިސާބަށެވެ.

އީންގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އަސޫމީގެ ކައިރީގައި މަޑުކޮށްލުމަށް އެދިފައި، އީން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމާއިއެކު، އީންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ފޯނު ތަޅައިގެން ގޮސް، ފޯނުގެ އެތިކޮޅުތައް އެކި ހިސާބުތަކަށް ބުރައިގެން ދިޔައެވެ.

"ހެލޯ އީން..."

********

ތަހުގީގު ހޯލުން ކާވިން ނުކުތްއިރު، ޔުނާން އާއި ލަޔާން ހުރީ، ދޮރުމަތީގައެވެ. ދެ މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"ކޯޑް ވަން... ބާރަ ޖަހާއިރު..." ލަޔާން ބުންޏެވެ.

ފުލުހުންގެ އިދާރާއިން ކުއްލިއަކަށް ނިންމާ ކަންކަމުގައި ބޭނުންކުރާ ޚާއްސަ ނަންތަކެއް އޮވެއެވެ. "ކޯޑް ވަން" އަކީ ސެކްޝަންތަކާއި ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާ އާއިއެކު ބާއްވާ ކުއްލި ބައްދަލުވުންތަކަށް ދީފައިވާ ނަމެވެ. އެ ބައްދަލުވުން ބާއްވަނީ، ކަމެއް ގޯހުން ގޯހަށް ދާކަމަށް އިސްވެރިޔާއަށް ފާހަގަކުރެވިއްޖެ ހާލަތެއްގައެވެ.

ކަންތައް ހިނގަން އުޅޭގޮތް ކާވިންއަށް ކޮންމެވެސް ވަރަކަށް ރޭކައިލިއެވެ. ނަސީމް ދެއްކި ވާހަކަތަކާއި އެ ބައްދަލުވުމާއި ގުޅުމެއް އޮންނާނެކަން ކާވިންއަށް އެނގުނެވެ. ކާވިންއަށް ބަލައިލެވުނީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ. ބާރަޖަހަން ގިނައިރެއް ނެތެވެ. ބައްދަލުވުން ފެށުމުގެ ކުރިން ނަސީމްގެ ކަންތައް ކޮޅެއްގައި ޖައްސަން ކާވިންއަށް މަޖުބޫރުވިއެވެ. ލަޔާން އާއި ޔުނާންގެ އެހީގައި ނަސީމް ރާއްޖެއިން ބޭރަށް ފުރުވައިލުމުގެ އިންތިޒާމް އޭނާ ހަމަޖެއްސީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

"ހީވޭތަ، އަހަރެމެންނަށް މި ކަންތައް ކުރެވެނީ ރަނގަޅަށް ހެން... ކާވިން ސަރއާއެކީ އަހަރެމެންވެސް ބުރައިގެން ހިނގައިދާނެ..." ޔުނާން ހާސްވެފައި ވާހަކަ ދެއްކީ، ލަޔާން އާއިއެކު އެކަނިވުމުންނެވެ. "އެ ނަސީމަކީ ކުށްވެރިއެއް... އޭނަ އީންއަށް ގެއްލުންދޭން އުޅުނީ... އަހަރެމެން ކީއްވެ ކުށްވެރިއެއް ހިމާޔަތްކުރަންވީ..."

"ކޮންމެސް ރީޒަންއެއް އޮންނާނެ... ދުވަހަކުވެސް ސަރ ގަވާއިދާ ޚިލާފު ކަމެއް ކުރަނިކޮށް އަހަރެން ނުދެކެން... މިނޫނީ އެކަހަލަ ކަމެއް ކުރަން އަހަރެމެން ކައިރީ ބުނެފައެއްވެސް ނެތް... އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް... އަހަންނަށް ކާވިންސަރއަށް އިތުބާރު ކުރެވޭ... ކޮންމެވެސް ރަނގަޅު ސަބަބެއް އޭގެ ފަހަތުގަ އޮންނާނެއޭ ހިތް ބުނަނީ..." ލަޔާން ވިސްނައިލާފައި ބުންޏެވެ.

ބައްދަލުވުން ބާއްވާ ހޯލުގެ ބޭރުގައި ކާވިން މަޑުކޮށްލައިގެން ހުންނަތާ މާ ގިނައިރެއްނުވެ، ހޯލުގެ ދޮރު ހުޅުވައިލިއެވެ.

"އެތެރެއަށް ވަންނަވާ..." އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން، ދޮރުމަތީގައި ހުރި އަންހެންކުއްޖާ ބުންޏެވެ.

ބައްދަލުވުމުގެ ރިޔާސަތުގައި އިނީ، އުމަރެވެ. އުމަރަކީ، ކާވިންގެ މައްޗަށް އިސްކޮށް ހުންނަ ވެރިޔާއެވެ.

"އިށީނދޭ..." އުމަރު ވާހަކަ ދެއްކީ، ނުރަސްމީކޮށެވެ.

ކާވިން އިށީނުމުން، އުމަރު ދިއްކޮށްލީ ފައިލެކެވެ. ފައިލުގެ ބޭރުގަނޑުގައިވާ އެއްޗެއް ފެނުމާއިއެކު، ކާވިންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"އެޗްއާރުން އަންގާފަ އޮތީ، ތި ކޯހުގަ ކާވިން ފޮނުވަން..." އުމަރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ކާވިންއަށް އެނގޭނެ، އެޗްއާރުގެ ނިންމުމާ އެއްވެސް ފުލުހަކަށް ދެކޮޅެއް ނުހެދޭނެކަން... ދެކޮޅު ހަދައިފިނަމަ، ވާނީ ކިހިނެއްކަންވެސް..."

"ކީއްވެ ކުއްލިއަކަށް؟..." ކާވިން އަހައިލީ، ޝައްކުގެ ނަޒަރަކުން އުމަރުގެ މޫނަށް ބަލަން އިނދެއެވެ. "ކުއްލިއަކަށް އެޗްއާރުގެ ނިންމުން ބަދަލުވާންޖެހޭ ސަބަބެއްވެސް އޮންނާނެ..."

"މިހާރު ކާވިން ހަވާލުވެގެން ތިއުޅޭ ކޭސްއާ ދެން ހަވާލުވާނީ، މިޝްއަލް..." ކާވިން ކުރި ސުވާލުގެ އަޑު، އުމަރަށް ނީވޭ ކަހަލައެވެ. "މިހާތަނަށް ހޯދިފަ ހުރި ހުރިހާ ހެއްކަކާ، ކޭސްއާ ގުޅޭ ހުރިހާ ލިޔުމެއް ކުރިއަށް މިއޮތް ހަފްތާތެރޭ މިޝްއަލްއާ ހަވާލުކުރަންވާނެ..."

"ކީއްވެހޭ ކުއްލިއަކަށް ހުރިހާ ކަމެއް ހަމަޖެހުނީ؟..." ކާވިން ތަންކޮޅެއް ބާރަށް އަހައިލިއެވެ. "މި ކޯހަކީ، ކުރިން މިޝްއަލް ދާގޮތަށް ހަމަޖެހިފަ އޮތް ކޯހެއްނު... ކީއްވެހޭ ކުއްލިއަކަށް އެޗްއާރުގެ ނިންމުން ބަދަލުވާންވީ؟... މިކަހަލަ ސެންސިޓިވް ކޭސްއެއްގެ ތެރެއަށް މުޅިން އަލަށް މީހަކު ވެއްދީމަ ވާނީ ކިހިނެއް؟..."

"މިޝްއަލްއަކީ، ތަޖުރިބާ ހުރި މީހެއް..." އުމަރު ހިތްހަމަނުޖެހިފައި ބުންޏެވެ.

"ހަމަ އެންމެ ދެ ހަފްތާ ދީ... ދެ ހަފްތާތެރޭ، ކޭސް ނިންމާލާނަން... މިހާރުވެސް ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ..." ކާވިން އާދޭހާއިއެކު އެދުނެވެ.

"މިތާ އޮންނާނެ ގޮތަކީ، ވެރިން އަންގާ ގޮތަކަށް ކިޔަމަންވެގެން ކަން ކުރުން... ނުކުރެވެންޏާ، ވަޒީފާއިން ވަކިވެގެން ދާންވީ..." އުމަރު ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"ހުވައެއްގެ މަތީގައޭ މިހުރީ.. ވެރިމީހާ ބުންޏަސް، ކަންތައް ކުރެވޭނީ، ކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން... އެކަން ސަރއަށްވެސް އެނގިލައްވާނެ... މީހަކު ނުބުންޏަސް، އަސްލު މަންޒަރު ވަރަށް ރަނގަޅަށް އެބަ ސާފުވޭ..." ކާވިން ތެދުވިއެވެ. "މިކަމުގެ އެންމެ ފުނާ ހަމައަށް ވާސިލުވެފަ ނޫނީ ދެން ނުހުއްޓާނަން... ވަޒީފާއިން ކަނޑާލިޔަސް އެންމެ ރަނގަޅު... ސަރ ރިޕޯޓުކުރާ ފަރާތަކަށް ރިޕޯޓުކުރޭ..."

އުމަރު އިތުރު އެއްޗެއް ބުނުމުގެ ކުރިން، ކާވިން އެތަނުން ނުކުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި އިދާރާއިން ނުކުމެގެންދިޔަ ކާވިން ފެނުމުން، ޔުނާން އަވަސްވެގަތީ، ވީގޮތް އޮޅުންފިލުވުމަށެވެ. ކާވިންގެ އަމަލުތައް ހުރިގޮތުން ކަންތައް ގޯހުން ގޯހަށް ގޮސްފިކަން އޭނާއަށް އެނގުނީއެވެ. ޔުނާންއަށް ވީގޮތް އޮޅުންފިލީ، އޭނާގެ އެކުވެރިއެއްގެ ފަރާތުންނެވެ.

"ވަޓް އިޒް ދިސް؟..." ލަޔާން އާއި ހަމައަށް ދެވުނުއިރު ޔުނާން ހުރީ ރުޅިގަދަވެފައެވެ. "އަހަރެމެން އެހާ ބޮޑު ކުރިއެރުމެއް ހޯދާފަ، އެހެން ބަޔަކާ ކޭސްއާ ގުޅޭ ހުރިހާ އެއްޗެއް ހަވާލުކުރަންވީ؟... ނުވާނެ އެކަމެއް...."

ހިނގަމުން ދިޔައިރު، ކާވިން ހުރީ އެތެރެއިން ފުނޑުފުނޑުވާވަރު ވެފައެވެ. ނަސީމް ދެއްކީ ތެދު ވާހަކައެކެވެ. އެކްސް އާއި ފުލުހުންގެ ތެރެއިން އިސް ބަޔަކާއި ގުޅުމެއް އޮތްކަން އެކަމުން އެކަނިވެސް ސާބިތުވެގެން ދިޔައީއެވެ. އައި ރުޅި އާއި، ވީ ދެރައިން ކާވިން ދިޔައީ ގެއަށެވެ. ފަތިސް ވަންދެން އެކި ފިކުރުތަކުގައި އޭނާ ހޭލާ އިނެވެ.

ހެނދުނުގެ ވަގުތެވެ. މިޝްއަލް އާއި ކޭސް ހަވާލުކުރަން ލިބުނު އެއް ހަފުތާގެ ބޭނުން ހިފައި ކޭސް ނިންމައިލަން ކާވިން އަޒުމުކަނޑައެޅިއެވެ. ނަސީމްގެ ގެއަށް ކާވިން އާއިއެކު، ލަޔާން އާއި ނުހާމްވެސް ދިޔައެވެ. ނަސީމްގެ ބައްޕަގެ ހުއްދަ ލިބުމާއިއެކު، ކޮޓަރިއަށް ވަނީ ކާވިން އެކަންޏެވެ. ލަޔާން އާއި ނުހާމްގެ ކައިރީގައި ބޭރުގައި މަޑުކުރަން އެންގުމަށް ފަހުގައެވެ.

"ކޮންމެވެސް ގޯހެއް އެބައުޅޭ... އެހެންނޫނީ، ކާވިން ސަރ އަހަރެމެންނަށް ކަންކަން ސިއްރުކުރަންވީ ކީއްވެ؟..." ނުހާމް ވިސްނައިލާފައި ބުންޏެވެ. "އަނެއްކާ ކޭސްއިން ލަޔާންމެން ބޭރުކޮށްލުމާ، ކުއްލިއަކަށް އެހެން ބަޔަކާ ކޭސް ހަވާލުކުރުމާ، ކޮންމެސް ގުޅުމެއް ވާނެ..."

ލަޔާންވެސް ނުހާމްގެ ވާހަކައަށް އެއްބަސްވިއެވެ. އެކަމަކު ކާވިން މަނާކޮށްފައި ވަނިކޮށް، އެއިން އެކަކަށްވެސް އެތެރެއަށް ވަންނާކަށް ނުކެރުނެވެ.

"އަހަރެން ގެއަސް ގޮސް ބައްޕައާ ވާހަކަ ދައްކާލާނަން... މިހާރު މިކަން ކޮޅެއްގަ ޖައްސަން މަޖުބޫރުވެއްޖެ..." ނުހާމް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. "ލަޔާންވެސް އަހަންނާ އެކީ ދާންވާނެ..."

********

ނަސީމް ބުނި ފަދައިން، އޭނާގެ ކޮޓަރި ތެރޭގައި ސިއްރު ކަބަޑެއް ހުއްޓެވެ. އެ ކަބަޑު ހުރީ، ފާރުގައި ހަރުކޮށްފައިވާ ފޮޓޯލޯގަނޑުގެ ބިއްދަށުގައި ފާރާއި އެއްކުލައިން ހަދާފައިވާ ޝީޓެއްގެ ފަހަތުގައެވެ. އެކި ނަންނަމުގައިވާ ފައިލުތަކާއި، ޕެންޑްރައިވްފަދަ ތަކެތިން ކަބަޑު ފުރާލާފައިވާއިރު، ހުދުކުލައިގެ ބޯޑެއްގައި އެކި މީހުންގެ ތަސްވީރުތައް ތަތްކޮށްފައި ހުއްޓެވެ. ކާވިންގެ ގެއާއި، އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ދާރިޔާގެ ތަސްވީރުތަކެއް އެ ބޯޑުގައި ހުއްޓެވެ. ތަސްވީރުތައް ފެނުމުން، ކާވިންގެ ދެލޯ ކަރުނުން ފުރާލިއެވެ. ކޮންމެ ތަސްވީރެއްގައި އޭނައަށް ފިރުމައިލެވުނީ، އެދުވަހުގެ ހަނދާންތައް އައުކުރާ ފަދައިންނެވެ. ކާވިންގެ އަތުގައި އޭނާގެ މައިންބަފައިންގެ މާގިނަ ތަސްވީރެއް ނެތެވެ. އެހެންކަމުން، އެ ތަސްވީރުތަކުން، އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

"މަންމާ!..." ކާވިން އޭނާގެ މަންމަގެ ތަސްވީރުގައި ފިރުމައިލިއެވެ.

ދާރިޔާ އާއިއެކު، ކާވިންގެ މަންމަވެސް މަރާލާފައި އޮތީ، ހަމަ އޭނާގެ ގޭގެ ތެރޭގައެވެ. ވީނުވީއެއް ނޭނގި، ކާވިންގެ ބައްޕަ އާއި ބޮޑުބޭބެ ގެއްލިފައިވާއިރު، ފުލުހުން އައުމުގެ ކުރިން، ކާވިންގެ މަންމަގެ ހަށިގަނޑުވެސް ގެއްލުނީއެވެ. އެއިން އެކަކުވެސް ވީ ކޮންތާކުކަން ހޯދުނު އިދާރާއެއް ނެތެވެ. އެ ހާދިސާއަށް އެތައް އަހަރެއް ފާއިތުވެދިޔުމުން، ބައްޕަ އާއި ބޮޑުބޭބެވެސް ދުނިޔޭގައި ނެތްކަން ގަބޫލުކުރަން ކާވިންއަށްވެސް މަޖުބޫރުވީއެވެ.

ހުރިހާ ތަސްވީރެއްގެ ތެރެއިން ކާވިން ވަކިން ނެގީ، ބައެއް ތަސްވީރުތަކެވެ. އެއީ ނުދަންނަ ދެތިން މީހަކާއިއެކު، އޭނާގެ ބައްޕަ ހުއްޓައި ނަގާފައިވާ ތަސްވީރުތަކެކެވެ. އޭގެ ތެރެއިންވެސް ކާވިންގެ ލޮލުގައި އަޅައިގަތީ، ފުލުހުންގެ ޔުނީފޯމުގައި ހުރި މީހަކާއިއެކު، ކާރަކަށް އަރަނިކޮށް ނަގާފައިވާ ތަސްވީރެއްގައެވެ. ތަސްވީރު ނެގިފައިވީ، އެމީހާގެ ފުރަގަހުން ކަމުގައިވާތީ، އެއީ ކާކުކަން ވަކިކުރާކަށް ކާވިންއަކަށް ނޭނގުނެވެ. އެހެންނަމަވެސް، ކާރުގެ ރަޖިސްޓްރީ ނަންބަރު، އެ ތަސްވީރަށް އަރާފައި ހުއްޓެވެ. އޭގެ އިތުރުންވެސް ޝައްކުކުރެވޭ ދެތިން ތަސްވީރެއް އޭނާ ނެގިއެވެ. ނަސީމް ބުނިހެން އޭނާ ނަގާފައިވާ ގިނަ ތަސްވީރުތަކުގައި ކާވިންގެ ބައްޕަ އާއިއެކު ތިބީ، ތަންތަނުގެ އިސްވެރިން ފަދައިން ހެދުން އަޅައިގެން ތިބި މީހުންނެވެ.

ކާވިން ދެން ބަލަންފެށީ، ނަސީމް ލިޔެފައިވާ ރިޕޯޓުތަކެވެ. އެ ރިޕޯޓުތަކުގައިވާގޮތުން، ކާވިންގެ ބައްޕަ ދިޔައީ، ގަވާއިދާއި ޚިލާފު ތަހުލީލުތަކެއް ކުރަމުންނެވެ. އެ ތަހުލީލުތަކުގެ ބޭނުމަކީ، އާދަޔާ ޚިލާފު ބާރުތަކެއް ލިބިދޭގޮތަށް އިންސާނުންގެ ހަށިގަނޑު، ބަދަލު ކުރުމެވެ. އެ ތަހުލީލުގައި، ފުލުހުންނާއި ސިފައިންގެ ތެރެއިން ދެތިން މީހަކު މަރުވެފައިވާ ކަންވެސް، އެނގެން އޮތެވެ. އެއީ ކޮން ބައެއްކަމާއި، މަރުވި ދުވަހާއި ގަޑިވެސް ބަޔާންކޮށްފައި އޮތެވެ.

ކާވިން ހުރީ ހުއްޓުންއަރާފައެވެ. ކަރުދާސްތައް އަތުން ދޫވެގެން ދިޔައިރުވެސް، ގުޑިލަންވެސް ނޭނގިފައެވެ. ކާވިން އޭނާގެ ބައްޕައަށް ގަދަރު ކުރިއެވެ. އޭނާ ގަބޫލުކުރީ، އެއްވެސް މީހަކަށް ދެރައެއް ލިބޭގޮތަށް އެ ބައްޕަ އެއްވެސްކަމެއް ނުކުރާނެ ކަމަށެވެ. އެހެނަސް މިއަދު، ކާވިންގެ ވިސްނުން ބަދަލުވެއްޖެއެވެ. ނަސީމްގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަތައް ގަބޫލުކުރަން ކާވިންއަށް މަޖުބޫރުވީ، ހުދު އަމިއްލައަށް ހުރިހާ ކަމެއް ތަޖުރިބާ ކުރެވިފައިވާތީއެވެ. ކާވިންއަށް ލިބުނު ބާރުތައް ލިބިފައިވަނީ، އޭނާގެ ބައްޕަގެ ކޮޓަރިއަށް ވަން ދުވަހުގެ ފަހުންނެވެ. އެއީ އެއްވެސް މީހަކު ވަނުން މަނާކޮށްފައިވާ ކޮޓަރިއެކެވެ. ވީއިރު، ނަސީމްގެ ވާހަކަ ދޮގު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

********

އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލި އީންގެ ސިކުނޑި މަސައްކަތް ކުރަން ފެށީ، އިރުކޮޅެއް ފަހުންނެވެ. އަސޫމީއަށް ގުޅައިގެން ހުއްޓައި، ދޮރުގައި ޓަކި ޖަހައިލުމުން އޭނާ ގޮސް ދޮރު ހުޅުވައިލީ، ބޭރުގައި ހުންނާނީ ކާކުކަން ކުޑަކޮށްވެސް އެނގުމެއްނުވާ ހާލުގައެވެ. އީންގެ ދެލޯ ކަރުނުން ފުރާލުމާއިއެކު، ވަށައިގެން ހޯދައިލީ ބިރެއް ފެނުމުން ހޯދައިލާ ހެންނެވެ.

އީން އޮތީ، ކޮޓަރިއެއްގެ އަރާމު ތަންމައްޗެއްގައެވެ. ތަނަވަސް ކޮޓަރިއެކެވެ. ވަށައިގެން ބަހައްޓާފައި ހުރީ، އަގުބޮޑު ފަރުނީޗަރުތަކެވެ. އީން ފުންމައިގެން ތެދުވިއެވެ. އީން ހީކުރި ގޮތާއި ޚިލާފަށް އޭނާގެ ދެ އަތާއި ދެ ފައި އޮތީ، ބަނދެފައެއް ނޫނެވެ. ފިލްމުތަކާއި ޑްރާމާތަކުގައި، ކިޑްނެޕްކުރާ މީހުންގެ ދެ އަތާއި ދެ ފައި އޮންނަނީ ބަނދެފައެވެ. އީންގެ ހަނދާނަށް އައީ، އޭނާ އެންމެފަހުން ޔުނާން އާއިއެކު ބެލި ފިލްމުގެ މަތިންނެވެ. އަންހެންކުއްޖަކު ރަހީނުކޮށް އެކުއްޖާ މަރާލާގޮތާއި، އެ މަރުގެ ތަހުގީގުތައް ކުރިއަށްގެންދާގޮތް ދައްކުވައިދޭ އެ ފިލްމު ބަލާފައި އީން ރުޔެވެ. ފުރަތަމަކޮޅު ދިމާކުރި ނަމަވެސް، ޔުނާން ފަހުން ދެރަވެގެން އީންގެ ކަރުނަ ފޮހެދީ ހެދިއެވެ.

އެކުވެރިންގެ ހަނދާންތަކުން އީންގެ ހިތުގައި ޖެހުނެވެ. އެމީހުން އީން ހޯދާނެއެވެ. ވީނުވީއެއް ނޭނގުމުން ކަންބޮޑުވާނެވަރު އީންއަށް އިހުސާސް ކުރެވުނެވެ. އީންގެ ހިތަށް އެރިއެވެ. އެމީހުންނަށް އީން ވީ ކޮންތާކުކަން އެނގޭނަމައެވެ. ނޫނީ އޭނާއަށް އެމީހުންގެ ހާލެއް އެނގޭނެ ނަމައެވެ. އީން އަނބުރައިގަތުމުގެ ކުރިން ކަންތައް ހިނގައިދިޔަގޮތް ހަނދާންވުމުން، ހާސްވެފައި ދޮރާއި ދިމާއަށް ބަލައިލިއެވެ. އީން ހީކުރީ ދޮރު ހުންނާނީ ބޭރުން ތަޅުލާފައި ކަމަށެވެ. އެކަމަކު، ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ތަޅު ހުޅުވުނެވެ. ކުރިމަތިން ފެންނަން އޮތް، ހާމަކަންބޮޑު ސިޓިންގްރޫމުގައި ވަނީ ފަޅުކަމެވެ. އީން ކުޑަކޮށް ބޯ ދިއްކޮށްލައި، ސިޓިންގްރޫމުގެ ވަށައިގެން ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދެފައިގެ ކޮޅު ޖައްސައިގެން ހުރެ، އީން ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅައިލިއެވެ. ކުއްލިއަކަށް އީންގެ ކުރިމަތީގައި ހުއްޓުނު މީހަކު ފެނިފައި އީންގެ ދެލޯ ބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ފަހަތަށް ޖެހުނެވެ.

"އެކްސް!..." އީންއަށް ހިތާއިހިތުން ބުނެވުނެވެ.

އީންގެ ދެލޯ ބޮޑުވެފައިވާއިރު، ކުރިމަތީގައި ހުރި ދެބައި އުމުރުގެ ފިރިހެންމީހާގެ މޫނުގައިވާ ބޮޑު ލަފުން އެ ނަޒަރު ވަކި ނުވެއެވެ. ކުރިމަތީގައި އެހުރީ، އީންގެ ބައްޕަ، ވަޖީހު ކަމުގައި ބުނެ، އޭނާގެ މަންމަ ފޮނުވި ތަސްވީރުގައިވާ މީހާއެވެ. އެކްސް އަކީ އޭނާގެ ބައްޕަ ހެއްޔެވެ؟ އީންއަކީ އެފަދަ ނުބައި އަނިޔާވެރި ގާތިލެއްގެ ދަރިއެއް ހެއްޔެވެ؟ ހަގީގަތް އެނގުނު އެ ހިތްދަތި ވަގުތުކޮޅުގައި އީންގެ ހިތް އެތައް ހާސް މަރަކުން މަރުވި ކަހަލައެވެ. އޭނާގެ މަންމަ ހަގީގަތް ސިއްރުކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބަކީ އެއީ ހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓް 0