"ވެދާނެ އެއްނު އޭނަ މާ ކުރިންވެސް އެތާ، އެ ވޯޑު ތެރޭ ހުރި މީހެއް ކަމަށް..." ޔުނާން ވިސްނާލާފައި ބުންޏެވެ.
"އިގްބާލު!... އެގަޑީ އިގްބާލު ކޮބާ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ކާވިން ބުންޏެވެ.
********
އެންމެންނަށް ވެސް ވިސްނައިލެވުނީ ދެނެވެ. މުޅި ދުވަހު ހަމްދޫނާ އޮތް ކޮޓަރިއަށް ވަދެ ނިކުމެ ހެދި އެންމެން ސީސީޓީވީ މަންޒަރުތަކުން އެމީހުން ހޯދިއެވެ. ޑަކުޓަރުންނާއި ނަރުހުންގެ އިތުރުން އިގްބާލު ފިޔަވައި އެތަނަށް ވަދެފައި ވަނީ މާސްކު އަޅައިގެން ހުރި މީހެކެވެ. އެމީހާ ވޯޑު ތެރެއަށް ވަދެފައި ވަނީ އިގުބާލު އެ ވޯޑުގެ ތެރެއިން ނުކުމެގެން ދިޔަތާ ގަޑިއެއްގެ އިރު ފަހުންނެވެ.
"ނުހާމް!... ކޯޓު އަމުރު ހޯދުމުގެ މަސައްކަތް ފަށާ..." ކާވިން ވިސްނައިލާފައި ބުންޏެވެ. "ލަޔާން!... މި ފުޓޭޖުތަކުން ފެންނަ އެންމެންނާ ސުވާލުކޮށް، އިތުރު މައުލޫމާތު ހޯދާ... ކިރިޔާ ޝައްކު ކުރެވޭ ކަމެއް އޮތަސް، ދޫކޮށްނުލާތި... މިހުރިހާ ކަމެއް ކުރަން އަހަރެމެންނަށް ލިބިފަ މިއޮތީ ގަޑިއެއްހާއިރު... ގަޑިއެއްގެއިރުތެރޭ އަހަންނަށް ޚަބަރުކުރަން ވާނެ..."
"ސަރ!... ސަރ!..." ފުލުހަކު ވަރަށް ބާރަށް ދުވެފައި އައެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. "ސަން އެމްވީއިން ލައިވް ކުރަނީ..."
ކާވިން ޓީވީ އަޅުވައިލިއެވެ. ދައްކަމުން ދިޔައީ، އިގްބާލުގެ އިންޓަވިޔު އެކެވެ. އަނބިމީހާގެ މަރާއިއެކު، އިގްބާލުގެ ހިތް ފުނޑުފުނޑުވީއެވެ. އިހުމާލުގެ އިނގިލި އޭނާ ދިއްކުރީ ފުލުހުންގެ އިދާރާ އަށެވެ. ރޮއެރޮއެފައި އިގްބާލު ދިޔައީ، އެކަމުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންވާނެކަމަށް ބުނަމުންނެވެ.
"މީ ފުލުހުންގެ ސަބަބުން ވީ ކަމެއް... އަހަރެންގެ ދަރިފުޅުގެ މަރަށްވެސް އެމީހުންނަށް އިންސާފު ހޯދައެއް ނުދެވުނު... މިހާރު އެ ދިޔައީ، އަހަރެންގެ އަނބިމީހާ... މާދަމާ ނޫންކަމެއް ނޭނގެ، އަހަރެން...." އިގްބާލު ރޮއެގަތެވެ. "މީ އެ މީހުންނަށް ޒިންމާ އަދާނުކުރެވުނީމަ ވީގޮތް... އެއްފަހަރު އެހެންދިމާވީމަވެސް، އެ މީހުންނަށް ނުވިސްނުނު..."
ޚަބަރުތަކުގެ ސުރުހީތައް ފުރެން ފެށިއެވެ. ގިނަ ބަޔަކު ކުށްވެރިކުރަމުން ދިޔައީ، ފުލުހުންނެވެ. ތަހުގީގު ޓީމުގެ ވެރިން އިސްތިއުފާ ދިނުމަށް ބަޔަކު މީހުން ގޮވަމުން ދިޔައެވެ. އަނެއް ބަޔަކު، މުޒާހަރާ ކުރުމަށް ގޮވަން ފެށިއެވެ. ގާތިލު ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޟިރުކުރެވޭނީ އާއްމުންނަށް ކަމަށްވެސް އެމީހުން ބުނަމުން ދިޔައެވެ.
ކާވިންގެ އަތް މުށްކެވުނެވެ. އެކަމަކު، ކިތަންމެ ރުޅި އަޔަސް، އިގްބާލު އެ ދެއްކީ ރަނގަޅު ވާހަކައެކެވެ. ހަމްދޫނާއަށް ދޭންޖެހޭ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ދެވުނުނަމަ، ފަހަރެއްގައި އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ.
ތަނުގެ ވެރިންގެ ސަމާލުކަމަށް އެކަން އަންނަން ގިނަ އިރެއް ނެތްކަން ކާވިންއަށް އެނގެއެވެ. އެކަމަށްވެސް އޭނާ ހުރީ ތައްޔާރުވެގެންނެވެ.
އީން ހުރީ އޭނާގެ ކޮޓަރީގައެވެ. ކުރިމަތީގައި ހުރި ޓީވީއިން ދައްކަމުން ދިޔައީ އިގުބާލުގެ އިންޓަވިޔުއެވެ. ހަމަ އެއާއިއެކު، ބައެއް އާއްމުންގެ އިންޓަވިޔުތައްވެސް ދައްކަމުން ދިޔައެވެ. ގިނަ މީހުން ކާވިން ބަދުނާމުވާގޮތަށް ވާހަކަ ދައްކާތަން ފެނުމުން، އީންގެ ހިތަކަށް ކެތެއް ނުވިއެވެ.
"އޭތް..." ޓީވީއަށް އިނގިލި ދިއްކޮށްފައި އީން ހަޅޭއްލަވައިގަތެވެ.
ކޮޓަރިއަށް އައިސް ވަން ފުލުސްކުއްޖާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ހީކުރީ އީން އެ ކުއްޖާ އާއި ދިމާއަށް ހަޅޭއްލަވައިގަތީ ކަމަށެވެ. ކޮޓަރިތެރެއަށް ނުވަދެ، އޭނަ ދޮރުމަތީގައި މަޑުކޮށްލިއެވެ.
"ކީކޭތަ ހިތަށް އަރަނީ؟... ތަހުގީގު ކުރުމަކީ ފަސޭހަ ކަމެކޭތަ؟... އެއްފަހަރުވެސް ކޭސްއެއްގަ ވޯކްކޮށްލަބަލަ... މީހުން ވާ ގުރުބާނީގެ އަގު ވަޒަންނުކުރާ އިންސާނުންތަކެއް..." ރުޅި އައިސްފައި ހުރިވަރުން އީންއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.
ދޮރުމަތީގައި ހުރި ކުއްޖާ އަވަހަށް މަޑުމަޑުން ދޮރުޖަހާފައި އެތަނުން ދިޔައީއެވެ. އީން ވާހަކަ ދައްކަމުން ދިޔައީ ޓީވީ އާއިކަން އެނގުމުން، އޭނަ ހީކުރީ އީންގެ ސިކުނޑި ހަމައިން ނެއްޓީ ކަމަށެވެ.
"އަހަރެން ތި އެންމެންނަށް ދައްކާނަން ކާވިން ސަރއަކީ ތި ހީކުރާ ކަހަލަ މީހެއް ނޫންކަން... ބަލަން ތިބޭތި..." އީން ދެބުމަ ގޮށްޖަހައިލިއެވެ.
********
ތަހުލީލުކުރާ ބަޔަށް ކާވިން ދިޔައިރު، ނުހާމް ހުރީ، އޭނާގެ މަސައްކަތުގައެވެ. ކާވިން ފެނުމުން، ކުރަން ހުރި ކަންތައް ބަހައްޓާފައި، އޭނާގެ ފުރިހަމަ ސަމާލުކަން ކާވިންއަށް ހުއްޓައިލިއެވެ.
ކާވިން ގޮސް ހުއްޓިލީ، ހަމްދޫނާގެ ފުރާނަ ނެތް ހަށިގަނޑުގެ ކައިރީގައެވެ. މެޔާއި ހަމައިން ހުދު ފޮތި އަޅާފައި އޮތްއިރު، ހަމްދޫނާގެ ހަށިގަނޑުގައިވާ ޒަހަމުތައް ވަނީ ފަހާފައެވެ. ގިނައިރުވުމުގެ ސަބަބުން، ހަމްދޫނާގެ ހަންގަނޑުގެ ކުލަ ވަނީ ބަދަލުވާން ފަށާފައެވެ. ތުންފަތް ވެސް އޮތީ ކަޅުވެފައެވެ.
ހަމްދޫނާގެ މޫނަށް ބަލަހައްޓައިގެން ހުރި ކާވިންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އަނެއްކާވެސް އިތުރު ފުރާނައެއް ގެއްލުނީއެވެ. ހަމްދޫނާ އަކީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް މީހެކެވެ. ފުރާނަ ސަލާމަތްވިނަމަ، ތަހުގީގުތަކަށް އަލިމަގެއް ލިބުނީހެވެ. އިގްބާލު ބުނިހެން ހަމްދޫނާގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ. ކާވިންއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.
"މި މަރުގަ، ފާހަގަކުރެވޭ އެއްވެސް ކަމެއް އެބައޮތްތަ؟..." ހަމްދޫނާގެ މޫނުން ނަޒަރު ވަކިކޮށް، ނުހާމްގެ މޫނަށް ބަލައިލަމުން ކާވިން ސުވާލު ކުރިއެވެ.
ނުހާމް ބޯ ޖަހާލިއެވެ. އޭނާ ކުރިއަށް ޖެހިލައި ހަމްދޫނާގެ ކަނާއަތް އުފުލައިލިއެވެ.
"މިހުރީ ވިކްޓިމްގެ ނިޔަފަތިތައް ހުރިގޮތް..." ހަމްދޫނާގެ އަތުގެ ނިޔަފަތިތައް ދައްކައިލަމުން ނުހާމް ބުންޏެވެ. "ވިކްޓިމްގެ އަތުގެ ނިޔަފަތިތަކުގެ ދަށުގަ އެބަހުރި، އިންސާނެއްގެ ހަންގަނޑުގެ އެތިކޮޅުތަކެއް... ބޮޑަށް ހީވަނީ، ސަލާމަތްވާން ކުރި މަސައްކަތުގެ ތެރެއިން، އެމީހެއްގެ ގައިގައި ވަކި އަޅައި ދަމައިގަނެފަ ހުރިހެން..."
ކާވިންގެ ސަމާލުކަމަށް އެކަން އައެވެ. އޭނާ ކުޑަކޮށް ގުދުވެ، އެ ނިޔަފަތިތަކަށް ނަޒަރު ހުއްޓައިލިއެވެ. ނުހާމް ބުނިހެން ނިޔަފަތިތަކުގެ ތެރޭގައި އެއްޗެހިތަކެއް ހުއްޓެވެ. ފަހަރަކު އިނގިއްޔެއް ބަލަމުން ދިޔައިރު ކާވިންގެ މޫނުމަތިން، އުއްމީދުގެ ކުލަވަރު އާވެގެން ދިޔައެވެ.
"ނިޔަފަތިތަކުގެ ތެރޭގަ ކޮންމެވެސް ވަރަކަށް ލޭގެ އަސަރުވެސް ހުރި... އަޅުގަނޑު ހުންނާނީ، މިހާރު އޭގެ ސާމްޕަލް ވެސް ނަގާފަ... ނަތީޖާ ލިބެން ނަގާނެ އަދި ކުޑަ ވަގުތުކޮޅެއް..." ކާވިން އިތުރު ސުވާލެއް ކުރުމުގެ ކުރީން، ނުހާމް އިތުރު ތަފުސީލު ދިނެވެ.
ހަމްދޫނާގެ ނިޔަފަތިތައް ނުހަނު ކައިރިން ބަލަބަލާފައި ކާވިން ތެދުވިއެވެ. އޭނަ ދެން ދިޔައީ، ތަހުލީލު ކުރުމަށް ނަގާފައިވާ "ސާމްޕަލް"ތަކުގެ ކައިރިއަށެވެ. އެއިން ކޮންމެ އެއްޗެއް އޭނާ ވަކިވަކީން ބެލިއެވެ.
"ދެން އަޅުގަނޑަށް އަދި ފާހަގަވި އިތުރު ކަމެއް..." މަރުވިއިރު ހަމްދޫނާ ލައިގެން އޮތް އަންނައުނުތައް ލާފައިވާ ކޮތަޅުތަކަށް އިޝާރާތް ކުރަމުން ނުހާމް ބުންޏެވެ. "މަރުވުމުގެ ކުރިން ހަމްދޫނާ މަސައްކަތްކޮށްފަ އެބަހުރި ގާތިލަކީ ކާކުކަން ބުނެދޭން... މިހުރީ ލެއިން އެއްޗެއް ލިޔަން މަސައްކަތްކޮށްފަ..."
ނުހާމް ބުނިހެން ހަމްދޫނާގެ ހެދުމުގައި ލެއިން އެއްޗެއް ލިޔަން މަސައްކަތްކޮށްފައި ހުއްޓެވެ. އެކަމަކު، ލޭ އެކުވުމުގެ ސަބަބުން ލިޔެފައި ވަނީ ކީކޭ ކަމެއް އެނގޭވަރެއް ނުވެއެވެ.
"ވަރަށް ރަނގަޅު... ގަޑިއެއްގެ އިރުތެރޭ ކޮންމެވެސް އަލިމަގެއް ފެންނަވަރު ކުރަންވާނެ..." އެތަނުން ނިކުތުމަށް ހިނގައިގަންނަމުން ކާވިން ބުންޏެވެ.
ވަކި ހިސާބަކަށް ގޮސްފައި ކާވިން ހުއްޓުނެވެ. އެނބުރި ގޮސް، އަނެއްކާވެސް ނުހާމްގެ ކުރިމަތީގައި ހުއްޓުނެވެ.
"ޒަހުރާގެ ކޭސްއަށް އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟... ޒަހުރާގެ ކޭސްގަ ލިބިފަ ހުރި އެވިޑެންސްތަކުގެ ވާހަކަ މި ބުނީ..." ކާވިން ސުވާލުކުރީ، ޒަހުރާގެ އަތުގެ ތެރެއިން ފެނުނު ހެދުމުގެ ރޮދިކޮޅުތަކާއި ބެހޭގޮތުންނެވެ. އެއީ ގާތިލު އަޅައިގެން ހުރި ހެދުމުގެ ރޮދިކޮޅުތަކެއްކަން އޭނައަށް އެނގެއެވެ.
"ވަރަށް ބޮޑަށް ބްލީޗްކޮށްފަ ހުރި އަންނައުނެއްގެ އެތިކޮޅުތަކެއް އެއީ..." ނުހާމް ކިޔައިދިނެވެ. "އަދި އެއްވެސް ކުރިއެރުމެއް ނުލިބޭ އެ ކޭސްގަ... އެކަމަކު، އަޅުގަނޑު މިއަންނަނީ އަދިވެސް މަސައްކަތް ކުރަމުން..."
********
ޝަހުމާގެ ގެއިން ނުކުތް އީންގެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ޝަހުމާ ދެއްކި ވާހަކަތައް އީންގެ ކަންފަތް ކައިރީ ތަކުރާރުވަމުން ދިޔައެވެ. އޭގެ އިރުކޮޅެއް ކުރިން ޝަހުމާ ދެއްކި ވާހަކަތަކާއި އޭނާ ހުރިގޮތް އީންގެ ކުރިމަތީގައި ސިފަވާން ފެށިއެވެ.
"އޭނަ އަހަންނަށް ބިރުދެއްކީ... އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ، އަހަރެން މަރާލާނެ ކަމަށް ބުނީ... އެހެންވެ އަހަރެން ހޮސްޕިޓަލުން ނުކުމެގެން އައީ ސީދާ ގެއަށް... " ތުރުތުރު އަޅަމުންދިޔަ އަޑަކުން ޝަހުމާ ބުންޏެވެ.
"އެއީ ކާކު ކަން ބުނޭ... އަހަރެން ޝަހުމާއަށް ހިމާޔަތް ދޭނަން... އޭނަ ހައްޔަރުކޮށް ޖަލަށް ލާނަން..." އީން ޔަގީންކަން ދިނެވެ.
"އެއީ އެއީ...." ޝަހުމާއަށް ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. އޭނަ ކުއްލިއަކަށް އީންގެ ފައިދަށަށް ތިރިވިއެވެ. "އޭނަ އަހަރެންވެސް މަރާލާނެ... އަހަރެން ބިރުގަނޭ..."
"ބިރުނުގަނޭ... އަހަރެމެން މިތިބީނު..." އީން ޔަގީންކަން ދިނެވެ.
އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝަހުމާ ބުނި ނަން އީންގެ ކަންފަތް ކައިރީގައި ގުގުމައިގެން ދިޔައެވެ.
********
ތަހުގީގު ހޯލުގައި ކާވިން ހުރީ، ހުދުކުލައިގެ ބޯޑެއްގެ ކައިރީގައެވެ. އޭނާގެ އަތުގައި މާކަރެއް އޮތްއިރު، ބޯޑުގައި އެއްޗެހިތަކެއް ލިޔަމުން ދިޔައެވެ. އޭގެ އެންމެ މަތިން އެއް ކަނުގައި ޖަހާފައިވަނީ ޒުލޭހާ އާއި ޒަހްރާގެ ނަމެވެ. އަނެއް ކަނުގައި ނިޔާމާ އާއި ރާއިދުގެ ނަމެވެ. ކޮންމެ ބައެއްގެ ތިރީގައި އެއިން ކޮންމެ މީހެއްގެ އާއިލާގެ މީހުންގެ ނަންތައް ލިޔެފައި ހުއްޓެވެ.
"އިގްބާލު؟... ނަސީމް؟..." ކާވިން ހިތާއިހިތުން ކިޔައިލިއެވެ.
އެ ދެމީހުންގެ ނަމާއި ދިމާގައި ސުވާލު މާކެއް ޖަހާފައި ކާވިން ބޯޑު ކައިރިން ދުރަށް ޖެހިލިއެވެ. އެއަށްފަހު، އެ ބޯޑަށް ބަލަހައްޓައިގެން ހުރީ، ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ.
ޔުނާން ގެނައި "ސީސީޓީވީ ފުޓޭޖްތައް" ބަލާފައި ކާވިން ނުކުތީ، ބޭރަށެވެ. އޭރު ވަރުބަލިވެގެން އޭނާ ހުރީ ނިދިއަންނަ ގޮތް ވެފައެވެ. ކޮފީއެއް ހިފައިގެން ކާވިން ގޮސް އިށީނީ، އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައިވާ ޖޯލިފަތީގައެވެ. ފޯނު ރިންގްވީހެން ހީވެ، ޖީބުގައި އޮތް ފޯނު ނަގައި އޭގެ އިސްކުރީނަށް ބަލައިލިއެވެ. އެތައް ކޯލެއް އައިސްފައި އޮތެވެ. އޭގެ ތެރެއިން ވެސް އޭނައަށް އިސްކަމެއް ދެވުނީ އީންގެ ކޯލަށެވެ.
އީންއަށް ގުޅަމުން އޭނާ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. ފުރަތަމަ ރިންގާއިއެކީ، އީން ފޯނު ނެގިއެވެ.
"ހަލޯ ސަރ!..." ކާވިންއަށް އިވުނީ، އީން ވަރަށް ސިއްރުން ވާހަކަ ދައްކާ އަޑެވެ. ކިޔާ އެއްޗެއް ސާފު ނުވެގެން އޭނާ ދެފަހަރަކު "ހަލޯ" އޭ ވެސް ބުނެލިއެވެ.
"ސަރ!... އަޅުގަނޑު އެބަ ގުޅަން ވައިބާއިން... ވަރަށް އަވަހަށް ފޯނު ނަގައްޗޭ..." އީން ހަލުވިކަމާއިއެކު ބުނެލިއެވެ.
"ވީޑިއޯ ކޯލެއް؟... އީން ކީއްކުރަން ވީޑިއޯ ކޯލެއް ކުރަނީ؟..." އީން ވައިބާއިން ގުޅަން ފެށުމުން ކާވިން ހައިރާން ވިއެވެ.
ފޯނު ނެގުމުގެ ކުރިން ކާވިން އޭނާގެ ބޮލުގެ އިސްތަށިގަނޑު ތަރުތީބުކޮށްލިއެވެ.
ކާވިން ފޯނު ނެގިއިރު، ފެންނަމުން ދިޔައީ ހަމައެކަނި އީންގެ ތުންފަތެވެ. ސިއްރުން ވާހަކައެއް ބުނަން އެ ދެ ތުންފަތް ހަރަކާތް ކުރަމުން ދިޔަގޮތުން، ކާވިންއަށް ހެވެން އުޅުނެވެ. އީން އޭނާގެ ފޯނު ކުޑަކޮށް ދުރުކޮށް އިސްކުރީނަށް ބަލައިލިއެވެ.
"ޝިޓް..." އިސްކްރީނުން ފެންނަމުން ދިޔައީ އަމިއްލަ ސޫރަ ކަން އީންއަށް އެނގުނީ ދެނެވެ. އޭނަ އަވަސްއަވަހަށް ކެމެރާ ބަދަލުކޮށްލިއެވެ.
އީން ހުރީ، ކޮން ތަނެއްގައި ކަން ކާވިންއަށް އެނގޭކަށް ގިނައިރެއް ނުނެގިއެވެ. އެއީ ހަމްދޫނާ ދިރިއުޅުނު ކޮޓަރިއެވެ. އެކަމަކު، އީން އެތަނުގައި ކުރަނީ ކީއްހެއްޔެވެ؟ ކަމެއް ގޯސްވެއްޖެކަމަށް ކާވިންގެ ހަވަނަ ޙިއްޞު ބުނެދިނެވެ. އެ ހިތް ތެޅިގަތީ އީން ހުރީ ނުރައްކަލެއްގެ ތެރޭގައި ކަން އެނގުމުންނެވެ. މަންޒަރު ސާފުވާން ފެށުމާއިއެކު ކާވިންގެ ލޮލުގައި އަޅައިގަތީ، އަލަމާރި ކައިރީގައި ފުރަގަސްދީގެން ހުރި ފިރެހެނެކެވެ. އެމީހަކީ ކާކުތޯ ބެލުމަށްވުރެ ބޮޑަށް، އޭނާ ކުރަމުންދިޔަ ކަންތަކަށް ކާވިންގެ ސަމާލުކަން ހުއްޓިއްޖެއެވެ. އެމީހާ ދިޔައީ އަލަމާރީގައި ހުރި އެއްޗެހިތަކެއް ފޮއްޓަކަށް އަޅަމުންނެވެ. އޭގެ ތެރޭގައި ކަޅު ކުލައިގެ މާސްކުތަކަކާއި، އަންނައުނުތަކެއް ހުއްޓެވެ. އެ އެއްޗެހި އަޅާފައި، އޭނާ ދެން ނެގީ، އީންއަށް މޫދުން ފެނުނު ޒާތުގެ ލަކުޑި ފޮއްޓެކެވެ.
ކާވިންގެ ދެލޯ ބޮޑުވިއެވެ. އީން އެކަނިމާއެކަނި އެވަރުގެ ބިރުވެރި ކަމަކާއި ކުރިމަތިލީތީ، އޭނަ އިންތިހާއަށް ރުޅި އައެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިދާރާގެ ތެރެއަށް ވަންއިރު، އޭނައަށް މާނޭވާ ލެވެނީއެވެ. ޔުނާން އަށާއި ލަޔާންއަށް ގޮވައި ގެނެސް، ބޮޑުއިސްކުރީނުން އެ މަންޒަރު ފެންނާނޭހެން އަޅުވައިލިއެވެ. ކަންތައް ކުރާނެ ގޮތަކާއިމެދު އެންމެން މަޝްވަރާ ކުރަން ތިއްބައި، ބޭނުންވި އެއްޗެހި ދަބަހަށް އަޅައިގެން އެމީހާ އީން އާއި ދިމާއަށް އެނބުރު ތަން ފެނުނެވެ.
އީން އަވަސް އަވަހަށް އެނދުގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. ކުރިމަތީގައި ހުރި މީހާ އޭނަ އާއި ދިމާއަށް ބަލައިލިކަން އޭނާއަށް ކަށަވަރު ވިއެވެ. ބިރުން ގޮސް އީންގެ ހިތް ތެޅިގަތެވެ. އޭރު އީންގެ މުޅި ހަށިގަނޑުގައި ޒާތެއްގެ ތުރުތުރެއް އުފެދިއްޖެއެވެ.
********
ފޯނު ދޫކޮށްލާފައި ކާވިން ދުއްވައިގަތެވެ. އޭނާގެ ފަހަތުން ޔުނާން ވެސް ނުކުތެވެ. ލަޔާން މަޑުކުރީ، އޭރުވެސް އީންގެ ފޯނުން ބައެއް މަންޒަރުތައް ފެންނާތީ، ވާނުވާ ބެލުމަށެވެ.
ކުއްލިއަކަށް އިވުނީ އީން ހަޅޭއްލަވައިގަތް އަޑެވެ. އެއާއިއެކު ފޯނު ކެނޑުނެވެ. ލަޔާން ހާސްވެގެން އީންއަށް ގުޅޭތޯ މަސައްކަތްކުރަން ފެށިއެވެ. އެކަމަކު، އެހާ އަވަހަށް އީންގެ ފޯނު އޮތީ، ނިވާލާފައެވެ.
ފުލުހުންގެ ވެހިކަލު ދުއްވަމުންދިޔައިރު ކާވިންގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. މަގުމަތިން ދަތުރުކުރަމުންދިޔަ އެއްޗަކަށް ބެލުމެއްނެތި އޭނާ ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. ޔުނާން އިނީ ބިރުން، ޝީޓުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އީންއަށްވުރެ ކުރިން، އެކްސިޑެންޓެއްގައި އޭނާގެ ފުރާނަ ހިނގައިދާނެފަދައެވެ.
ހަމްދޫނާގެ ގެއާއި ހަމައިން ވެހިކަލް ހުއްޓައިލާފައި ކާވިން އެއިން ފުންމައިލީ ހަލުވި ކޮށެވެ. އެމަންޒަރު ފެނި، ޔުނާންއަށް ހައިރާންކަމެއް ލިބުނެވެ. އެހެނަސް، އެ ނާޒުކު ދަނޑިވަޅުގައި، އެފަދަ ކަމަކަށް ވިސްނަން ހުންނާކަށް އޭނައަކަށް ވަގުތެއް ނުލިބުނެވެ.
ކާވިންގެ ފަހަތުން ޔުނާންވެސް ދުވެފައި ގޮސް ފެހިޒާދީ ގެއަށް ވަންނަން އުޅުނެވެ. ގޭގެ ބޭރު ދޮރު ހުރީ، ތަޅުލާފައެވެ. އެއްފައިން ޖެހި ޖެހީނުން ދޮރު ވިއްސާލާފައި ކާވިން އެތެރެއަށް ވަނެވެ. ދޮރުފަތް ވަކިވެގެން، އެ ވިއްސައިގެން ދިޔައީ މާ ދުރަށެވެ. އެއީ އާދައިގެ އިންސާނަކަށް ލިބިގެންވާނޭފަދަ ބާރެއް ނޫނެވެ. އެ މަންޒަރު ޔުނާންއަށް ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ. ޔުނާންގެ ހިތުގައި އުފެދިފައިވި ސުވާލުތައް އިތުރުވިއެވެ.
(ނުނިމޭ)