"ސަރ!... ސަރ!... ސަރ!..." އީން ވަރަށް ބާރަށް ގޮވަން ފެށި އެވެ. އޭނާގެ ހެޔަށް ގޮތްނުވެ، ސަލާމަތުން ހުރީ ކިރިޔާ އެވެ.

"ސަރ!... މިއޮތީ..." އީން ފަސްއެނބުރި ބަލައިލިއިރު، ކާވިން ހުރީ އޭނާއާ ދާދި ކައިރީގައެވެ. އެންމެ ހަރަކާތެއް ކޮށްލިޔަސް، އެކަކު އަނެކެއްގެ ގައިގައި ޖެހޭނޭކަން ގައިމެވެ.

********

އީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ފަހަތަށް ޖެހިލިގޮތުން މަރާލާފައި އޮތް ތުއްތު ކުއްޖާއާ ދިމާއަށް ވެއްޓެން ދިޔަ އެވެ. ކާވިން ހުށިޔާރުކަމާއިއެކު އީންގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ. ދެވަނަ ސިކުންތުގައި އެ އަތުން ދޫކޮށްލައިފި އެވެ. އޭރު އީން ހުރީ އަމިއްލަ ބާރުގައި ކޮޅަށެވެ.

ލިބުނު ސިހުން ފިލައިގެން ނުދާތީ، އީންއަށް ހުރެވުނީ އޭނާގެ މޭގައި އަތުން ހިފަހައްޓާލައިގެންނެވެ. ކާވިން އުޅޭގޮތަކުން ހިތް ހުއްޓިގެން މަރުވާނެނަމަ އޭނާ މަރުވީހެވެ. އެއްޗެއް ބުނަން ހިތަށް އަރުވައިލިޔަސް، އެ ޒުވާނާ ހުންނަނީ، އޭނާގެ އަޑު އިވޭހައި ގާތުގައެވެ. ސިއްރުން ފުރިފައިވި ޒުވާނެކެވެ.

އީންގެ އަތުން ޓޯޗު އަތުލާފައި، ކާވިން އެ ތުއްތު ކުއްޖާގެ ފުރާނަ ނެތް މަސްގަނޑަށް އޭގެ އަލި އަޅުވައިލި އެވެ. އެ ކުއްޖާގެ ހަށިގަނޑުން ފެށިގެން ތަޅުމުގައިވާ ލޭތަކަށް އަލި ކުރަމުން އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. ކާވިންގެ ފަހަތުން ހިނގައިގަތްއިރު، އީން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ތަޅުމުގައިވާ ލޭގެ ކޯރު ގޮސް ނިމިފައިވަނީ، އެތެރެއަށް ވަދެވެން ހުރި ކޮޓަރިއެއް ކަހަލަ ތަނުގެ އޮޅިގަނޑާއި ހަމައަށެވެ. ދޮރު ލައްޕާފައި ހުރިއިރު، ދޮރުގައި ވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. އެ ތަނުގެ ކުރިމަތީގައި ހުއްޓިފައި ކާވިން އޭނާގެ އަތުގައި އޮތް ޓޯޗުން ފަހަތުގައި ހުރި އީންގެ މޫނަށް އަލިކޮށްލި އެވެ. އީން ދިޔައީ ސިއްސައިގެންނެވެ.

"އެއްވެސް އެއްޗެއްގަ އަތް ނުލާތި... އަހަރެން ބުނަންދެން މިތާ ބޭރުގަ މަޑުކުރޭ!" އޮޅިގަނޑު ގިރާކުރަމުން ކާވިން އަމުރު ކުރިއެވެ.

ދެ އަތަށް އަންގި ލައްވައި، ފުރިހަމައަށް ތައްޔާރުވެގެން ކާވިން އެ ދޮރުގައި ހިފައި މަޑުމަޑުން އެތެރެއަށް ކޮއްޕައިލިއެވެ. އިވިގެން ދިޔައީ ތޫލި އަޑެކެވެ. ކާވިން އެތެރެއަށް ވަންނަންދެން ވެސް، އީންއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނާގެ ކަޅި އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔަ އެވެ.

ކާވިން އެތެރެއަށް ވަނުމާއެކު، އިވުނީ ބަންލާފައި ދޮރު ލެއްޕުނު އަޑެވެ. ސިހިސިހި ހުރި އީންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އެފަދަ އަނދިރި ކޮއްޓެއްގައި ހުންނަން ޖެހިލުންނުވާނީ ކާކު ހެއްޔެވެ؟ ދެންމެދެންމެ ފަހަތުން އައިސް މީހަކު ހަމަލާ އެއްވެސް ދީފާނެހެން އީންއަށް ހީވިއެވެ.

ދޮރު ލެއްޕުނު އަޑު އިވުމުން ކާވިންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއާއެކު، އޭނާގެ އަތުގައި އޮތް ޓޯޗު ދެފަހަރަކު ދިއްލިލާފައި ނިވިއްޖެ އެވެ. ލޯ މަރާލައިގެން އިރުކޮޅަކު ހުރެފައި، ކާވިން ލޯ ހުޅުވައިލިއެވެ. މުޅި ތަނަށް ވެރިވީ، ފަނޑު އަލިކަމެކެވެ. ހީވީ ހަނދުވަރުގެ ރިހި އަލިން މުޅި ތަން ދިއްލައިލި ހެންނެވެ.

ކާވިންގެ ނޭވާ އަވަސްވެގެން ދިޔައީ، މަރާލާފައިވާ ހަށިގަނޑުތައް ފެނުމުންނެވެ. އޭނާގެ ހީ، ޔަގީނަށް ބަދަލުވީ އެވެ. ފުރާނަނެތް ހަތަރު މަސްގަނޑު، އެ ތަނުގައި އޮތެވެ. ފިރިހެނަކާއި ދެ އަންހެނުންނެވެ. ތަޅުންގަނޑުގެ މަތީގައި އުއްޑުން ވާހެން އޮތީ، ޒުވާން ފިރިހެންމީހާގެ މަސްގަނޑެވެ. އެ މީހާގެ ކަރުގައި ވަޅި އަޅާފައިވާއިރު، ބަނޑަށް ވެސް ތޫނު އެއްޗަކުން ހަމަލާ ދީފައި ވެއެވެ. ދެ އަންހެނުންގެ ހަށިގަނޑު އޮތީ، ފިރިހެންމީހާގެ މަސްގަނޑާއި ތަންކޮޅެއް ދުރުގައެވެ. އެކަކު އޮޮތީ ބަންޑުންނެވެ. އަނެއް މީހާ އޮތީ، އެއްއަރިއަކަށެވެ. އެ މީހާގެ މެޔަށް ވަނީ ތޫނު ހަންޖަރެއް ހަރާލާފައެވެ. ހަންޖަރު އޮތީ އެއްކޮޅުން ވައްދައި އަނެއްކޮޅުން ނެރެފަ އެވެ.

ކާވިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ރުޅި އައިސް ދެބުމަ ގޮށްޖަހައިލިއިރު، އޭނާގެ ދެލޯ ކުރިއަށްވުރެ ބޮޑަށް ދިއްލުނެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން ކާވިންއަށް މަޖުބޫރުވީ އީން ގޮވައިލި އަޑު އިވުމުންނެވެ.

"ކޮން އައްޔެއްބާ؟... އަނެއްކާ ސަރއަށް ކަމެއްވީ؟... ނޫން ނޫން..." އީންގެ ހިތް ވަސްވާސްތަކުން ފުރުނެވެ. ދޮރުދަށުން ފެނުނު ގަދަ އައްޔަކީ، ޓޯޗެއްގެ އައްޔެއް ނޫނެވެ. އެ އަލި ތަފާތެވެ. އެވަރުން ވެސް އެތެރެއަށް ވަންނާކަށް އީންއަކަށް ނުކެރުނެވެ.

ކާވިން ފުރަތަމަ ގޮސް ހުއްޓިލީ، ބަންޑުން އޮތް އަންހެން މީހާގެ ކައިރީގަ އެވެ. އެ މީހާ އަނެއް ފަރާތަށް އަނބުރާލާފައި އެ މޫނަށް ނަޒަރު ހުއްޓައިލި އެވެ. ޒުވާން އަންހެން ކުއްޖެކެވެ. މަރުވެފައި އޮތީ، ކަރުގެ ވައިނޮޅިއަށް ދީފައިވާ ހަމަލާއަކުންނެވެ.

ބިރުންހުރި އީން ސިއްސައިގެން ދިޔައީ ކާވިން ކުއްލިއަކަށް ދޮރު ހުޅުވައިލި އަޑު އިވުމުންނެވެ. ހަޅޭއްލަވައި ނުގަނެވުނުކަން އެއީ އޭނާގެ ނަސީބެވެ. ކާވިން އޭނާގެ އަތުގައި އޮތް ދެ ރަބަރު ކޮތަޅަށް ބައްތިން އަލިކޮށްލި އެވެ. ދެ ކޮތަޅު ވެސް އީންގެ އަތަށް ދީފައި، އޭނާ ހިނގައިގަތީ އެތަނުން ނުކުމެވެން ހުންނަ ދޮރާއި ދިމާއަށެވެ.

އަނގަ ހުޅުވުނު ގޮތަށް ލައްޕަން ވެސް ނޭނގިފައި އީން ހުއްޓެވެ. ލަޔާން އާއިއެކު ފޮރެންސިކު ޓީމު އައި އިރު ވެސް އީން ހުރީ އެހެންނެވެ.

"ތޭންކްސް..." އީންގެ އަތުން ކޮތަޅުތައް އަތުލަމުން ލަޔާން ބުންޏެވެ.

އީން އަވަހަށް ކާވިންގެ ފަހަތުން ބޭރަށް ނުކުތެވެ. ހަމަނޭވާ ލެވުމާއިއެކު، އޭނާއަށް އޯކާއަށް ދެމިފައި، ހޮޑު ލެވެން ފެށި އެވެ.

އީންއަށް ބަލަހައްޓައިގެން ކާވިން އިރުކޮޅަކު ހުއްޓެވެ. ހަދަންވީގޮތެއް ނުވިސްނިފައި ހުރި ކަހަލަ ގޮތަކަށެވެ. ހިތަށް އެރި އެއްޗަކުން ކާވިންގެ ތަބީއަތު ބަދަލުވިއެވެ. ނުސިޔާނުވަމުން ދިޔަ އޭނާގެ ހިތް ހަމައަކަށް އަޅުވަން ކާވިންއަށް މަޖުބޫރުވިއެވެ.

ކޭ ހުރިހާ އެއްޗެއް ހޮޑަށް ލާފައި، އީން ތެދުވި އެވެ. ވަރުބަލިވެގެން، އެ ހަށިގަނޑުގައި ކޮޅަށް ހުންނާނޭ ވަރު ވެސް ނެތެވެ.

"ގެއަށް ދިޔަޔަސް އެންމެ ރަނގަޅު..." ކާވިންގެ އަޑު އިވުމުން އީންގެ ދެ ލޯ ބޮޑުވިއެވެ.

"ނޫން ސަރ... އަޅުގަނ..." އީންއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އެއިން ހިސާބެއްގައި ވެސް ކާވިން ފެންނާކަށް ނެތެވެ. އެހާ އަވަހަށް ދިޔައީ، ކޮން ތަނަކަށް ކަމެއް ވެސް އީން އަކަށް ނޭނގުނެވެ.

"އަނެއްކާ، ވެމްޕަޔަރެއްތަ؟..." އީންގެ ހިތަށް އެރި އެއްޗަކުން ބިރުން ދެފައި ރޫރޫ އަޅައިގަތެވެ.

********

އަރައިގެން އައި އިރާއިއެކު، ރަށުތެރެ ހަލަބޮލި ވިއެވެ. ރޭގައި ކުރި ވިއްސާރަ އަލިވެ، މުޅީން އެހެން ކުލައެއް ދުނިޔެމަތީން ދައްކައިލިއެވެ. ގޭގެ ހާމަފެންޑާގައި، މުޙައްމަދުފުޅު އިނީ، ލަކުޑިގަނޑެއް މަށާށެވެ. ކައިރީގައި ކުދި ދޯންޏެއްގެ ބައިތަކެއް ހަދާފައި ހުއްޓެވެ. ބަދިގެތެރޭގައި އުޅެފައި ފަހީމާ ނުކުތީ، ކުނި ބާލިދީއެއް ހިފައިގެންނެވެ. އަތުގައި އޮތް ލަކުނޑިގަނޑުން ނަޒަރު ވަކިކޮށްލައި، ފަހީމާ އާއި ދިމާއަށް މުހައްމަދުފުޅު ބަލައިލި އެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ފަހީމާގެ ރީތި ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ލޫޅާފަތި ހަށިގަނޑު ގެއްލިއްޖެ އެވެ. ހަންގަނޑުގެ އޮމާންކަމެއް ނެތެވެ. މޫނުގައި ރޫ ގިނައެވެ.

ފަހީމާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގެއިން ނުކުތެވެ. އޭނަގެ މިޝްރާބު ހުރީ، ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. ވަގުތަކީ ފެން ބަރޯއެއް ހިފައިގެން ފިރާޝާ އައިސް ގެއަށް ވަން ވަގުތެވެ.

"ދަރިފުޅާ ފިރާޝާ!... އަދިވެސް އެކޮއި ގޮވައިގެން ޒުލޭހާ ނާންނަނީތަ؟..." މުހައްމަދުފުޅުގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ.

"ނޭނގެ ބައްޕާ..." ފިރާޝާގެ އަޑުގައިވީ ފޫހިކަމެވެ.

ފުޅިތައް ބަދިގެއަށް ލާފައި، ފިރާޝާ ގޮސް ގޭތެރެއަށް ވަނެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއިރު، އެ މޫނުން ފެންނަމުންދިޔައީ ވަރުބަލި ކަމެވެ.

"ގޭގަ ކަމެއް ކުރަން ޖެހިދާނެތީ އުޅޭ ވައްތަރު އެއީ... އުޅޭނެހާ ތާކު އުޅެފަ އަންނާނީ، އެހެން މީހުން ކައްކާލީމަ، ކާލަން..." ފިރާޝާ ތުން އަނބުރައިލި އެވެ.

އެއްޗެއް ބުނަން އުޅެފައި ވެސް މުޙައްމަދުފުޅު ޚިޔާރުކުރީ ހިމޭން ކަމެވެ. ދެ ދަރިން ތިބީތީ، ދެކުދިން އެކަކު އަނެކަކާއި ނުގުޅެއެވެ. އޭނާ އެކަމާ އަބަދުވެސް ހިތާމަކުރެއެވެ. އެހެންވަނީ ފިރާޝާގެ މިޒާޖުގައި ހުންނަ ގޮތަކުންނެވެ. ކޫސަނި ކަންކަމާއި ރުޅި އައުމާއި، ކަންތައް ބޮޑުކުރުމުގެ ބައި ބޮޑު ކަމުންނެވެ. އެއީ މުހައްމަދުފުޅު ގަބޫލުކުރާ ގޮތެވެ. އޭނާގެ ދޮށީ ދަރި ޒުލޭހާއަކީ މަޑުމައިތިރި ކުއްޖެކެވެ. މީހަކު ކޮންމެ އެއްޗެއް ކިޔަސް، އިދިކޮޅު ހަދައި، އަޑުގަދަ ކޮށެއް ނޫޅޭނެ އެވެ.

"އަހަރެން ހިތަށް އަރާ، ވަރިކުރީމަވެސް އަބަދު ގޮސް، ވަރިކުރިފުޅުގެ ގޭގަ އޮންނަނީ ކީއްކުރަން ބާއޭ... ބައްޕަ ވެސް މަނަލެއް ނުކުރާނެ ވިއްޔަ އޭނާ ކޮންމެ ވައްތަރަކަށް އުޅުނަސް... ދެން އަންނާނީ ރަނގަޅު ބޮނޑިއެއް ބޮއެގެން... ބަލައްޗޭ!..." ގޭތެރެ ކުނިކަހަން ހުރެގެން ފިރާޝާ ކުދި ކިޔަން ފެށި އެވެ.

"ދަރިފުޅާ!... ތިކަހަލަ ވާހަކަ ނުދައްކަބަލަ... އެއީ ދަރިފުޅުގެ އެއްބަނޑު އެއްބަފާ ދައްތަ އޭ..." މުޙައްމަދުފުޅު ހިތްހަމަނުޖެހިފައި ބުންޏެވެ.

"ދައްތައަކަސް، އެހެން މީހަކަސް، އެވައްތަރަށް އުޅެންޏާ އެ ވާހަކަ ދެއްކޭނެއޭ ބައްޕާ... އެހެންޏަ، ފަތިހު ހޭލިގޮތަށް އަހަރެން މިހުރީ ތެޅިތެޅި ވަރުބަލިވެފަ... ދަރިއަކު ހުއްޓޭ ކިޔާފަ ފުކެއް ބޮޑުވަރު ކަންނޭނގެ އެއީ... އެހެން ނޫނަސް، އެވައްތަރަށް އުޅެން ކީއްކުރަންތަ އެ ވަރިވީކީ... ރީއްޗަށް އިނދެގެން އުޅުނުނަމަ، މި ވާހަކަ ދައްކާކަށް ނުޖެހުނީހެއްނު..." ފިރާޝާ ޝަކުވާ ކުރުން ހުއްޓައެއް ނުލި އެވެ.

މުޙައްމަދުފުޅު ދެ ފަރާތަށް ބޯ ހޫރައިލި އެވެ. އެ ވާހަކަތައް އަޑު އަހަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް ބުނާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ.

ޒުލޭހާ އޭނާގެ އަލަތު ކައިވެނި ކުރީ އުމުރުން އަށާރަ އަހަރުގައެވެ. ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ، އަލަތު ދަރިފުޅަށް ބަލިވެ އިނެވެ. ކައިވެންޏަށް ހަތަރު މަހުގައި ދެމަފިރިން އެއްބަސް ވެގެން ކައިވެނީގެ ގޮށް މޮހައިލިއެވެ. ސަބަބު ނޭނގުނަސް، އެކަމާއި، ސުވާލު ކުރަން މުޙައްމަދުފުޅު ބޭނުންނުވީ އެއީ، އެ ކުދިންގެ އަމިއްލަ ދިރިއުޅުން ކަމުގައި ވީތީއެވެ.

ބޭރަށް ދިޔަތާ ގިނައިރުތަކެއްނުވެ، ފަހީމާ އައިސް ގެއަށް ވަނީ ދުވެފައެވެ. ވަރުބަލިވެފައި ވާލެއް ބޮޑުކަމުން ފަހީމާއަށް މާނޭވާ ލެވެނީއެވެ. ދެލޯ ވަނީ ބޮޑުވެފައެވެ. އަނގަ ހުޅުވުނުގޮތަށް ނުލެއްޕި ހުއްޓައި ދެލޯ ރަތްވެގެން ކަރުނަތައް ފައިބައިގެންފި އެވެ. އެއްޗެއް ބުނަން ފަހީމާ މަސައްކަތް ކުރިއެވެ. އަތް ހަރަކާތް ވެސް ކޮށްލިއެވެ. އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ހަރަކާތް ހުސްވެ، ހުރިތަނަށް ވެއްޓިއްޖެ އެވެ.

"މަންމާ!..." ފިރާޝާ ދުވެފައި ގޮސް ފަހީމާ ނެގި އެވެ.

މަށަން އިން ލަކުޑިތައް އުކާލާފައި މުހައްމަދުފުޅު ފުންމައިގެން ތެދުވި އެވެ. އަނބިމީހާއާ ދިމާއަށް އޭނަ ދިޔައީ ކޮރަމުންނެވެ. ފިރާޝާއަށް އެކަން ފާހަގަވި ނަމަވެސް، ހާލަތުގެ ގޮތުން އެކަމާއި ސުވާލު ކުރާކަށް ބޭނުމެއް ނުވިއެވެ.

"ދަރިފުޅާ!.... ދުއްވާއެއްޗަކަށް ގުޅާބަލަ... އަވަސްކުރޭ!..." ފަހީމާގެ ބޯ ނަގައި އުނގުމައްޗަށް ލަމުން މުހައްމަދުފުޅު ބުންޏެވެ.

********

ކާވިން ހުރީ، ޕޮލިސް ސްޓޭޝަންގެ ތަހުޤީގު ކުރާ ބައިގައެވެ. އެ ތަނުގައި އިތުރު މީހަކު ނެތް ވަގުތެކެވެ. ދުވާލުގެ ވަގުތު ނަމަވެސް، ބޮކިތައް ނިވާލާފައި ހުރުމުން ތަން އޮތީ އަނދިރިކޮށެވެ. ލޯ މަރާލައިގެން ހުރި ކާވިން، އޭނާގެ ލޯ ހުޅުވައިލި އެވެ. ތަނަށް ވެރިވެގެން ދިޔައީ، މަޑު ނޫ ކުލައެއްގެ ފަނޑު އަލިކަމެކެވެ.

ބޮޑު އިސްކްރީނަކުން އައްޔެއް އަޅުވައިލާހެން ފާރަށް އަލިކަމެއް އެޅުނެވެ. އެ އަލިކަން އެޅިފައިވީ ސީދާ ކާވިންގެ ދެ ލޮލުންނެވެ. ފެންނަން ފެށީ، ރޭގައި މަރުވެފައިވާ މީހުންގެ ތަސްވީރު ތަކެކެވެ. އެއީ ރޭގައި ފޮރިންސިކު ޓީމު އައުމުގެ ކުރިން، ކާވިންގެ ސިކުނޑީގައި ރައްކާކޮށްފައިވާ ތަސްވީރު ތަކެކެވެ. ލަސްލަހުން ބަދަލުވަމުންދިޔަ އެ ތަސްވީރުތަކުގެ ތެރެއިން، ކާވިންގެ ސަމާލުކަން އަތުލީ ތުއްތު ކުއްޖާގެ ތަސްވީރެވެ. އެއްވެސް ރަހުމެއްނެތި، ހަރާލާފައިވާ ބޮޑު ހަންޖަރުގެ ޝިކާރައަކަށްވެ އެ ތުއްތު ކުއްޖާގެ ފުރާނަ ވަނީ ހަށިގަނޑާއި ވަކިވެފައެވެ. އެވަރުގެ ކަމެއް ކުރާނީ، އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރު ވެސް ނެތް މީހެކެވެ. ކާވިންގެ ލޭ ހޫނު ވިއެވެ. އާދަޔާ ޚިލާފު ޖޯޝަކުން މުޅި ނަފުސަށް ބާރު ފޯރުވާފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އަތަށް ގެނައި އިޝާރާތާއިއެކު، ކާވިން ބޭނުންވި މަންޒަރުތައް އޭނާގެ ލޯ ކުރިމަތީން ފެންނަން ފެށި އެވެ.

********

މަރުގެ ހާދިސާ ހިނގި ދުވަހު އިރު އޮއްސުމުގެ އިރުކޮޅެއް ކުރި (ފަން ޖިފުޓިގަނޑުގެ އެތެރެ)

އަށްމަހުގެ ތުއްތު ޒަހްރާ ގަޔާލައި ބޮނޑިކޮށްލައިގެން އިން ޒުލޭހާ ބިރުން ތުރުތުރު އަޅަ އެވެ. ރޮއިރޮއި އެ ދެލޯ ވަނީ ރަތްވެފައެވެ. އަޑު ވަނީ ކުރެހިފަ އެވެ. ރޮމުންދިޔަ ތުއްތު ދަރިފުޅު މަސަލަސް ކުރެވޭތޯ ޒުލޭހާ އެތައް މަސައްކަތެއް ކުރި އެވެ. ދަރިފުޅުގެ ރުއިން ވީ އިތުރެވެ.

ކުއްލިއަކަށް އިވުނީ ޖިފުޓިގަނޑުގެ ދޮރު ހުޅުވުނު އަޑެވެ. ކަޅު ފަޓުލޫނެއްގައި ހުރި އެމީހާ އަރައިގެން ހުރީ ކަޅު ބޫޓަކަށެވެ. ތިރިކޮށްލެވިފައިވި އެ މީހާގެ ދެ އަތުގައި ދެ ހަންޖަރު އޮތެވެ. ކޮންމެ ހަންޖަރެއްގެ މިޔަ ތޫނުކަމުން ދަޅަ އަޅަ އެވެ.

ހަންޖަރުގެ ކޮޅު ތަޅުންގަނޑުގެ މަތީގައި ކާއްތަމުން، އެ މީހަކު ގޮސް އެތެރެއަށް ވަދެވެން ހުރި ދޮރު ހުޅުވައިލި އެވެ. ގަނެފައިވާ ބިރާއި، ލިބުނު ސިހުމުގައި ޒުލޭހާ ހަޅޭއްލަވައިގަތެވެ. އޭނާގެ ރުއިމުގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔަ އެވެ. ސަލާމަތަށް އެދި އާދޭސް ކުރަން ފެށި އެވެ. ޒުލޭހާގެ އާދޭހުން ވީކަމެއް ނެތެވެ. ރަހުމެއްނެތް އެ މީހާގެ ފިޔަވަޅުތަކެއް ނުހުއްޓުވުނެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް، އޭނާ ހުއްޓުނީ ޒުލޭހާގެ ކައިރީގައެވެ. އޭނާގެ އަތަށް ގެނައި ކުއްލި ހަރަކާތާއިއެކު، ޒުލޭހާގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގި އެވެ.

"ޝްޝްޝް...." ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން އެ މީހާ ހީލީ ނުރައްކާތެރި ގޮތަކަށެވެ.

ވަގުތުން ޒުލޭހާގެ އަޑު ކެނޑުނެވެ. ރުއިން ހުއްޓުނު ނަމަވެސް، އޭނައަށް އޭރު ވެސް ގިސްލެވެމުން ދިޔަ އެވެ.

އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޒުލޭހާގެ އަތުގެ ތެރެއިން ތުއްތު ކުއްޖާ އަތުލައިގަތެވެ. އެ ކުއްޖާގެ އެއް އަތުގައި ހިފައި، ދަމާފައި ގެންގޮސް އޭނާގެ ފައި ކައިރީގައި ބޭންދި އެވެ. އޭރުވެސް ތުއްތު ޒަހްރާ ދިޔައީ ބާރަށް ރޮމުންނެވެ.

"އަހަރެންގެ ދަރިފުޅު..." ޒުލޭހާއަށް ބުނެވުނެވެ.

އެ މީހާގެ ހިތަކަށް ރަހުމެއް ނުވަނެވެ. އެއް އަތުން ޒުލޭހާގެ ކޮނޑުގައި ހިފަހައްޓައި، އަނެއް އަތުން ހަންޖަރު އުފުލައިލި އެވެ.

"ނޫން ނޫން..." ޒުލޭހާ ދެ ފަރާތަށް ބޯ ހޫރަމުން ދިޔައެވެ.

"ލާސްޓް ވޯޑްސް؟.." ޒުލޭހާގެ މޭގައި ހަންޖަރުގެ ކޮޅު ޖައްސައިލަމުން އެމީހާ އެދުނީ މަރުވުމުގެ ކުރިން ބުނަން ބޭނުންވާ އެންމެ ފަހު ވާހަކަ ބުނުމަށެވެ.

ބަރު އަޑެކެވެ. އަޑުން އެކަނި ވެސް، އެ މީހާގެ ނުރައްކާތެރިކަން ހާމަވެއެވެ. ޒުލޭހާ ވަގުތުން ހިމޭން ވިއެވެ. ދެ ލޯ ހުޅުވައިލުމެއްނެތި، އޭނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ފަހުގެ އުއްމީދު ގެއްލިފައިވާ މީހަކު ފަދައިންނެވެ. އެސްފިޔަތައް ފޫދުއްވާލާފައި އަންނަމުންދިޔަ ކަރުނަތައް ހުއްޓުވާކަށް ޒުލޭހާ ބޭނުމެއް ނުވިއެވެ. އެއީ އޭނާގެ ލޮލުން އޮހޭނޭ އެންމެފަހުގެ ކަރުނަކަން އެނގޭތީ އެވެ.

"ބުނޭ..." އެމީހާ އަމުރު ކުރިއެވެ.

"އަހަރެންގެ ދަރިފުޅު މަރާނުލާ... އޭނާ ދިޔަދީ... އެ ކުއްޖާގެ އެއްވެސް ކުށެއް ނެތް..." ޒުލޭހާގެ އަޑު ތުރުތުރު އަޅަ އެވެ.

(ނުނިމޭ)

ކޮމެންޓް 0